ސިޙްރުއް ތަފްރީޤް (ދުރުކުރުވާ ސިޙްރު / ވަރިކުރުވާ ސިޙްރު)

ސިޙްރަކީ އޭގައި ތަފާތު ވައްތަރުތައް ހިމެނޭ އެއްޗެކެވެ. އެކި ވައްތަރުގެ ސިޙްރުން ޖެހެނީ އެކިކަހަލަ ބަލިބައްޔެވެ. ކުރިމަތިވަނީ އެކިކަހަލަ އުނދަގުލެވެ. މިގޮތުން މިމުޖުތަމަޢުގައި އެންމެ ޢާއްމުވެފައިވާ ވައްތަރަކީ ދެމަފިރިން ވަރިކުރުމަށާއި ޢާއިލާތައް ރޫޅާލުމަށް ހެދިފައި ހުންނަ ސިޙްރެވެ. އެހެންކަމުން މިބަލައިލަނީ މިވައްތަރުގެ ސިޙްރުގެ ޙަޤީޤަތާއި ފަރުވާކުރެވިދާނޭ ގޮތްތަކުގެ މައްޗަށެވެ.

ސިޙްރުއް ތަފްރީޤް ނުވަތަ ދުރުކުރާ/ވަރިކުރާ ސިޙުރާއި ބެހޭގޮތުން ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ ސިޙުރާއި ބެހޭގޮތުން ސޫރަތުލް ބަޤަރާގައި ބާވައިލެއްވި އާޔަތުގައި ޢިޝާރާތްކުރައްވާފައެވެ. އެއާޔަތުގެ މާނައިގައި ވެއެވެ. “މީހާޔާއި އެމީހާގެ އަނބިމީހާޔާ ދެމެދު ދުރުކޮށް ވަކިކުރާނޭގޮތް އެ ދެ ملائكةންގެ ކިބައިން އެއުރެން އުނގެނި އުޅެތެވެ.”

ވަރިކުރާ/ދުރުކުރާ ސިޙްރުގެ ތަޢާރަފް: ވަރިކުރާ ސިޙްރު ނުވަތަ ދުރުކުރާ ސިޙްރަކީ ދެމީހެއްގެ ދެމަދުގައި ނަފްރަތާއި ރުޅިވެރިކަމާއި ޙަސަދަ ވެރިކަން އުފެއްދުމަށް ހަދާ ސިޙުރެވެ. އަދި މިކަމުގެ ސަބަބުން ދެމީހުން ދުރުވެ ރުޅިކުރުވުމަށްޓަކައި ހަދާ ސިޙުރެވެ.

ވަރިކުރާ/ދުރުކުރާ ސިޙްރުގެ ވައްތަރުތައް:

1- މީހަކާ އެމީހެއްގެ މައިމީހާއާއި ދުރުކޮށް ރުޅިވެރިކަން އުފެއްދުން

2- މީހަކާއި އެމީހެއްގެ ބައްޕައާއި ދުރުކޮށް ރުޅިވެރިކަން އުފެއްދުން

3- މީހަކާއި އެމީހެއްގެ ބޭބެ، ދައްތަ ނުވަތަ ކޮއްކޮއާއި ދުރުކޮށް ރުޅިވެރިކަން އުފެއްދުން

4- މީހަކާއި އެމީހެއްގެ ރައްޓެއްސެއް ނުވަތަ ރައްޓެހިންނާއި ދުރުކޮށް ރުޅިވެރިކަން އުފެއްދުން

5- ވިޔަފާރީގެ ދެބައިވެރިން ދުރުކޮށް ރުޅިކުރުވުން

6- މީހަކާއި އެމީހާ އިނުމަށް ކަނޑައަޅާ މީހާއާއި ނަފުރަތު އުފައްދާ ދުރުކުރުވުން. މިއީ މީގެ އެންމެ ނުރައްކާ އެއް ވައްތަރެވެ.

ވަރިކުރާ/ދުރުކުރާ ސިޙްރުގެ ޢަލާމާތްތައް:

1- އެކަކު އަނެކަކާއި މެދު އެއްވެސް ސަބަބެއް ނެތި ޝައްކުތައް އުފެދެން ފެށުން.

2- އެކަކު އަނެކެއްގެ ފަރާތުން ދިމާވާ ކަމެއްގައި އެއްވެސް އުޒުރެއް ޤަބޫލުނުކޮށް ރުޅިއައުން.

3- ކިތައްމެ ކުޑަކުޑަ ކަމެއްވެސް ޙައްލުކުރުމުގެ ބަދަލުގައި ބޮޑުކޮށްލާ އަރައިރުން ވުން.

4- ދެމަފިރިން އެކަކު އަނެކަކާއި މެދު ނުބައި ހީތައް އެފެދުމާއި އެކަކު އަނެކަކަށް ސިފަ ހުތުރުކޮށް ފެނުން

5- އެކަކު އަނެކަކާއި ކުރިމަތިލާ ވަގުތު ރުޅިއައިސް ފޫހިވުން

6- އަނެކަކު ކިތައްމެ ރަނގަޅުކަމެއް ކުރިކަމުގައިވިޔަސް އެކަމަކާ ޙަސަދަވެ ރުޅިއައުން

7- މިސިޙްރު ޖެހިފައި ހުންނަމީހާ އޭނާއާ ދުރުކުރުމަށް ސިޙްރު ހަދާފައި ހުންނަ އަނެއްމީހާ ހުންނަތަނުގައި ހުންނަންވެސް ފޫހިވެ ރުޅި އައުން. މިސާލަކަށް ފިރިމީހާ ގެއިން ބޭރުގައިވާ ވަގުތު އަނބިމީހާދެކެ ލޯބިވެ އަނބިމީހާ ކައިރިއަށް ދާންބޭނުންވެއެވެ. އަދި ގެއަށް އައިސް އަނބިމީހާ ފެނުމާ އެކު ފޫހިވެ ރުޅި އައިސް، އަނބިމީހާ ކިތައްމެ ރީތިނަމަވެސް ހުތުރުކަމަށް އިޙުސާސްވުން.

8- ޢާއްމުކޮށް ވަރުބަލިވެ ބޮލުގައި ރިހުމާއި ބިރުވެރި ހުވަފެންތައް ފެނުން.

ވަރިކުރާ/ދުރުކުރާ ސިޙްރު ހަދާފައި ހުންނަގޮތް:

ސިޙްރު ހަދުވަން ބޭނުންވާ މީހާ ސިޙްރުވެރިއެއް ކައިރިއަށް އެކަމަށް އެދި ދެއެވެ. އަދި މިވެނި އެވެނި ދެމީހަކު ދުރުކޮށްދިނުމަށް އެދެއެވެ. އަދި ސިޙްރުވެރިޔާ އެދެމީހުންގެ ނަމާއި މަންމަ ނަން ހޯދުމަށް ބުނެއެވެ. އޭގެ އިތުރުން އެދެމީހުން ކުރެ މީހެއްގެ ހެދުމު ފޮތިކޮޅެއް ނުވަތަ އަތްލާފައިވާ ނުވަތަ ބޭނުންކޮށްފައިވާ އެއްޗެއް ނުވަތަ ބޮލުގެ އިސްތަށި ގެނައުމަށް ބުނެއެވެ. ބައެއްފަހަރު އެމީހާގެ ގަހަނާއެއް ކަހަލަ އެއްޗެއް ގެނެސްދިނުމަށްވެސް ބުނެއެވެ. މިކަން ނުވެއްޖެނަމަ، ނުވަތަ ކުރުމަށް ނުކުޅެދިއްޖެނަމަ، ސިޙްރުވެރިޔާ ފެން ކިޔަވައެވެ. ނުވަތަ ޝިރުކުވާގޮތަށް ތަށިލިޔެދެއެވެ. އަދި އެދެމީހުން ހުރަސްކުރާ ތަނަކަށް ނުވަތަ ހިންގާ އުޅޭ ނުވަތަ ގޮސް އުޅޭ ތަނަކަށް ނުވަތަ ގޭގެ ދޮރުމައްޗަށް އެފެން ވިއްސުމަށް ބުނެއެވެ. ބައެއްފަހަރު ތަންތާނގައި އެއްޗެހި ސިޙްރު ހެދުމަށްފަހު ވަޅުލާ ހަދައެވެ. ނުވަތަ ކާއެއްޗަކަށް ނުވަތަ ފެނަށް ކިޔަވުމަށްފަހު، ނުވަތަ ކިޔަވާފައިވާ ފެން އެޅުމަށް ފަހު ކާން ނުވަތަ ބޯން ދެއެވެ. އަދި ދިވެހިރާއްޖޭގައި ޢާއްމު އެއް ކަމަކީ ހިރި ފަދަ ތަކެތީގައި ލިޔެ ކަނޑުފެއްތުމާއި، މޫދަށް ތަށިލިޔެ ނުވަތަ ކިޔަވާފައި ފެން އެޅުމާއި، ގަސްގަހުގެ ދެކަފިވެފައިވާ އޮފިގަނޑުގެ މެދަށް އަބު ފަދަ ތަކެތި ޖެހުންފަދަ ކަންކަން ކުރުމެވެ. މިއިން ކޮންމެ ގޮތަކަށްވެސް މިބާވަތުގެ ސިޙްރު ހަދާފާނެއެވެ.

މިސިޙްރު ޖެހިފައިވާކަން ދެނެގަންނާނެގޮތާއި ފަރުވާ ކުރާނެ ގޮތް:

މިސިޙްރު ޖެހިފައިވާކަން ޢަލާމާތްތަކާއި ބެހޭގޮތުން ބަލިމީހާއާއި ސުވާލުކޮށްގެން ދެނެގަންނާށެވެ. ނުވަތަ ތިމާއަށް މިޢަލާމާތްތައް ކުރިމަތިވެފައިވޭތޯ ޔަޤީންކުރާށެވެ. ނުވަތަ ސިޙުރަށް ކިޔަވާ ރުޤްޔާގެ އާޔަތްތައް އެމީހާގެ ބޮލުގެ ދެ ހިނދިވަޅުގައި ހިފަހައްޓައިގެން ކިޔަވާށެވެ.(ހިލޭ އަންހެނެއް ނަމަ އަތލުން ޙަރާމްވެގެންވެއެވެ. މިޙާލަތުގައި އަތްނުލާ ކިޔަވާށެވެ. ނުވަތަ މަޙްރަމަކު ލައްވާ ހިފަހައްޓާށެވެ.) ކިޔެވުމުންޖިންނި ހަށިގަނޑުން ވާހަކަ ދައްކަފާނެއެވެ. ނުވަތަ އޭނާ ތުރުތުރު އެޅުމާއި ބޮލުގަރިހުން ފަދަ އުނދަގޫތަކެއް ވާންފަށާނެއެވެ. މިގޮތަށް ވެއްޖެނަމަ އޭނާއަށް އެހުރީ ސިޙްރު ޖެހިފައެވެ.

އަމިއްލައަށް ދެނެގަންނާނެ ގޮތް:

މިބާވަތުގެ ސިޙްރެއް ޖެހިފައި ހުރިތޯ އަމިއްލައަށްވެސް ﷲ ގެ އިޛުނަފުޅާއިއެކު ޔަޤީންކުރެވިދާނެއެވެ. މިގޮތުން ކުރެވިދާނެ އެއްކަމަކީ، ސޫރަތުލް ބަޤަރާގެ 102 ވަނައާޔަތް ކިޔެވުމެވެ. އެއާޔަތް ތަކުރާރުކޮށް ގިނައިން ކިޔަވާށެވެ. މިގޮތަށް ކިޔަވަމުން ގޮސް 40 ވަރަކަށް ފަހަރު ކިޔެވޭތޯ ބަލާށެވެ. 40 ފަހަރު ކިޔެވުން ލާޒިމްނުވެއެވެ. ކިޔަވަމުން ދަނިކޮށް ބޮލުގެ ރިހުން ގަދަވުން، ތުރުތުރު އެޅުން، އަޑުބެދޭގޮތްވުން، ގައިގެ އެކި ތަންތަނަށް ތަދު ދުވާގޮތްވުން، ދިލަނެގުން، ބަނޑު ފުއްޕުން ، މޭ ނުވަތަ ގައި ފިތޭ ފަދަ ބާރު އިޙްސާސެއް ކުރެވިއްޖެނަމަ ހުއްޓާލާށެވެ. މިދެންނެވި ފަދަ ކަމެއް ކިޔަވަމުންނ ދިޔަވަގުތު ދިމާވެއްޖެ ނަމަ ސިޙްރު ޖެހިފައި ހުރިކަން ޔަޤީންވީއެވެ.

މިބާވަތު ސިޙްރަށް ފަރުވާ ކުރާނެ ގޮތް:

މިބާވަތުގެ ސިޙްރަށްވެސް މިލިޔުމުގައި (ސިޙުރު ބާޠިލުކުރާނެ ގޮތާއި ސިޙުރުގެ ޙަޤީޤަތް !)

ވާގޮތަށް ކަންތައް ކުރާށެވެ. އަދި އޭގެ އިތުރުން ފަރުވާކުރުމުގެ ގޮތުން ތިރީގައިވާ ރުޤްޔާ ބަލިމީހާކައިރީ ކިޔަވާށެވެ. ބަލިމީހާކައިރީ ކިޔަވާނަމަ ބަލިމީހާގެ ހަށިގަނޑުން ޖިންނި ވާހަކަ ދެއްކުމަކީ އެކަށީގެންވާ ކަމެކެވެ. ވީމައި ބިރު ނުގަނެ ސާބިތުވާށެވެ. އަދި ޖިންނި ދައްކާ ވާހަކައަށް ތަބާނުވާށެވެ. އަދި އެއާ ފާޑުފާޑުގެ ސުވާލުކޮށް ކަންކަން އޮޅުން ފިލުވުމަށް މަސައްކަތް ނުކުރާށެވެ. އެހެނީ އެތަކެއްޗަކީ ޣައިބު އެނގޭނެ ބައެއް ނޫނެވެ. އަދި ފާޅުވެގެންވާ ދޮގުވެރީންނެވެ. އަދި މިރުޤްޔާ ފެނަށް ކިޔަވާ ބޯންދޭށެވެ. އަދި ކިޔެވުމަށް ފަހު ގަޔަށްވެސް ފެންއަޅާށެވެ. މިގޮތަށް ރަނގަޅުވަންދެން ކަންކުރާށެވެ. ބަލިމީހާ ނަމާދަށް ރައްކާތެރިވެ ހެނދުނާއި ހަވީރުގެ ދުޢާތަކާއި ޛިކްރުތަކަށް ރައްކާތެރިވެ، ޤުރުއާންކިޔެވުން ގިނަކޮށް، ފާޙޝް ކަންތައްތައް ކަމުގައިވާ (ފިލްމުބެލުމާއި، މިޔުޒިކާއި ލަވައަޑުއެހުން) ފަދަ ޙަރާމް ކަންކަމުން ދުރުހެލިވާށެވެ. އަދި ﷲ އާއިމެދު ޔަޤީންކުރާށެވެ. ޝިފާދެއްވާފަރާތަކީ އެއީކަން ދަނެ ރަނގަޅުނުވެ ގިނަދުވަސްވީނަމަވެސް ކެތްތެރިވާށެވެ. މާޔޫސް ނުވާށެވެ. ތިއީ ވަރަށް ބޮޑު އިމތިޙާނެއްކަން ދަނެ ޝުކުރުކޮށް ގިނައިން ޞަދަޤާތްދީ އުޅޭށެވެ. ޣީބަ ބުނުމާއި ނެތިމޮށުމުން އެއްކިބާވާށެވެ. ދީނަށް ލޯބިކޮށް ދީނުގެ މަގުގައި ސާބިތުވާށެވެ. ﷲ ގެ ރަޙްމަތް ތަނަވަސްވެގެންވެއެވެ.

ޖާބިރު ބުން ޢަބްދުﷲ ވިދާޅުވިކަމަށް ރިވާވެފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ﷲ ގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވަނިކޮށް ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ.

”إِنَّ عَرْشَ إِبْلِيْسَ فِي الْبَحْرِ فَيَبْعَثُ سَرَايَاهُ فَيَفْتِنُوْنَ النَّاسَ فَأَعْظَمُهُمْ عِنْدَهُ مَنْزِلَةً أَعْظَمُهُمْ فِتْنَةً يَجِيْءُ أَحَدُهُمْ يَقُوْلُ: مَا تَرَكْتُهُ حَتَّى فَرَّقْتُ بَيْنَهُ وَبَيْنَ امْرَأتِهِ فَيُدْنِيْهِ مِنْهُ وَيَقُوْلُ: نِعْمَ أَنْتَ“

މާނައީ: [ އިބިލީހުގެ ތަޚްތު ވަނީ ކަނޑުގައެވެ. އަދި އިންސާނުން (މަގުފުރެއްދުމަށްޓަކައި) އޭނާގެ ލަޝްކަރު އެބައިމީހުންގެ ތެރެއަށް އޭނާ ފޮނުވައެވެ. ފަހެ، އޭނާގެ ކައިރީގައި އެންމެ މަތިވެރި ދަރަޖަ ލިބޭހުށީ މީސްތަކުންނަށް އެންމެ ބޮޑު ފިތުނައެއް ކުރިމަތިކުރި އެއްޗަކަށެވެ. އޭގެތެރެއިން (ޝައިޠާނަކު) އައިސް ބުނާހުއްޓެވެ. އޭނާއާއި އޭނާގެ އަންހެނުންގެ ދެމެދުގައި ފަސާދަ އުފެއްދިއްޖެއައުމަށް ދާންދެން ތިމަން އެމީހުންނާ ވަކިނުވެހުރީމެވެ. ދެން އިބިލީސް އޭނާ ގާތްކުރުމަށްފަހު ބުންޏެވެ. ތިބާ ވަރަށް މޮޅު ކަމެއް ކޮށްފީމުއެވެ. ]

ރުޤްޔާ:

ޑައުންލޯޑްކުރައްވާ (PDF, 418KB)

(ނިމުނީ)

4 ޚިޔާލު މިލިޔުމަށް “ވަރިކުރުވަން ހަދާފައި ހުންނަ ސިޙްރުގެ ޙަޤީގަތާއި ފަރުވާ”

  1. އިބިލީހާ ޝައިޠާނާއާއި ތަފާތެއް ވޭތޯ؟ ޖިންނިއާއި އިބިލީހާއި ޝައިތޯނާއާއި ތަފާތެއްވޭތޯ؟ ޝައިތާނުންގެ ޢަމަލްތަކާއި ޖިންނިންގެ ޢަމަލްތައް ތަފާތުވޭތޯ؟ ވާނަމަ އެ ތަފާތަކީކޮބާ؟

    • އިބްލީހާއި ޝައިޠާނާގެ ތަފާތަކީ އިބްލީހަކީ ކުރިން މަލާއިކަތުންގެ ދަރަޖައިގަ ވީ ޖިންނިއެއް. އަދި ﷲ އާދަމްގެ ފާނު ޚަލްޤުކުރެއްވުމުން އެސޮރު ﷲ އަށް ކާފިރުވެ އުރެދުނީ. އެހިސާބުން އޭނާއީ ޝައިޠާނުންގެ ތެރެއިންވާ ޝައިޠާނުންތަކުގެ މައްޗަށް އިސްކުރެވިގެންވާ ބޮޑު ޝައިޠާނު ކަމުގައި ލެއްވީ.
      ޝައިޠާނު ކިޔަނީ ޖިންނީންނާއި އިންސީންގެ ތެރެއިންވެސް ﷲ އަށް ނުކިޔަމަންތެރިވެ މީސްތަކުން މަގުފުރައްދާ އުޅޭ ކާފިރުންނަށް.
      ޖިންނީންގެ ތެރެއިން މުސްލިމުންވެސް ވޭ. އެހެންކަމުން ކޮންމެ ޖިންނިއަކީ އަދި ކޮންމެ އިންސާނަކީ ޝައިޠާނަކަށް ނުވޭ.
      އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ.
      އިތުރު މަޢުލޫމާތު މިލިޔުމުން ހޯއްދަވާ.
      http://maithiri.com/?p=123

މިލިޔުމަށް ޚިޔާލު ދެއްވާ!