މެއްސަކީ ވަރަށް ކުޑަކުޑަ، އެހެންނަމަވެސް އަހަރެމެންގެ ޚިޔާލަށްވެސް ނުގެނެވޭވަރުގެ ފައިދާތަކެއް އޭގައި ލައްވާފައިވާ މާތް ﷲ ގެ މަޚުލޫޤެކެވެ. އަޅުގަނޑުމެންގެތެރޭގައި މެއްސެކޭ ބުނެފިނަމަ ގިނަފަހަރަށް ފަކުރު ހީވެ، އެއީ ނަޖިސް އެއްޗެއްކަމުގައި ހީވެއެވެ. ކާއެއްޗަކަށް މެއްސެއް ވެއްޓިއްޖެނަމަ އެކާތަކެތި ބޭނުންނުކޮށް އިސްރާފްކޮށްލައެވެ. ބުއިމަކަށް މެއްސެއް ވެއްޓިއްޖެނަމަ “އައްޗީޑި” އޭބުނެ އެ ބުއިން އުކާލައެވެ. ކަންހިނގާ ޢާންމު އުޞޫލަކީ މިއީކަމުގައި ވީނަމަވެސް މެހީގެ ޙަޤީޤަތަކީ މިއެއްނޫނެވެ. މެހީގެ އެއްފިޔައިގައި ބަލި ލެއްވިއެވެ. އަދި އަނެއް ފިޔައިގައި އޭގެ ޝިފާ ލެއްވިއެވެ. އަދި ކިއެއްތަ، މެއްސަކީ ގިނަމީހުނަށް ހީވެފައިވާފަދަ ނަޖިހެއް ނޫނެވެ. އަދި ކިއްއްތަ މެހިން ފަރުވާ ލިބޭ، ހީވެސް ނުކުރާފަދަ ކަންތައްތައް އެބަހުއްޓެވެ.

އިމާމް ބުޚާރީ ރިވާކުރައްވާފައިވާ ޙަދީޘްފުޅެއްގައިވެއެވެ. ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ.

إذا وقعَ الذُّبَابُ في إناء أحدِكم: فامْقُلُوه، فإن في أحدِ جناحَيه داءً، وفي الآخر شفاءً (البخاري:2320)

މާނައީ: ” ތިޔަބައިމީހުންގެ ތެރެއިން އެއްވެސް މީހެއްގެ ބުއިމަށް މެއްސެއް ވެއްޓިއްޖެނަމަ، އެމެހި ބުއިމުގެ ތެރެއަށް އެއްކޮށް ގަންބާލާށެވެ. އެހެނީ އޭގެ އެއް ފިޔަގަނޑުގައިވަނީ ބައްޔެވެ. އަދި އަނެއް ފިޔަގަނޑުގައިވަނީ ފަރުވާއެވެ.”

އިބްނު މާޖާގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ.

( أحدُ جناحي الذبابِ سُمٌّ ، والآخَرُ شِفاءٌ. فإذا وقَعَ في الطعام: فامْقُلُوه فِيه؛ فإنه يقدِّم السُّمَّ، ويؤخرُ الشِّفاءَ ) ( ابن ماجه وصححه الألباني: 3504)

މާނައީ: ” މެހީގެ އެއް ފިޔަގަނޑުން ބަލި އުފުލާއިރު އޭގެ އަނެއް ފިޔަގަނޑުގައި ފަރުވާވެއެވެ. އެމެހި ކާއެއްޗަކަށް ވެއްޓިއްޖެނަމަ، ﷲ އަށްޓަކައި އެމެހި އެއްކޮށް ގަންބާލާށެވެ. ހަމަކަށަވަރުން ﷲ އެންމެ ފުރަތަމަ ޖައްސަވަނީ ވިހައިގެ އަސަރެވެ. ދެން އެއަށްފަހު ޝިފާއެވެ. “

މިހަދީޡުން ފާހަގަކޮށްލެވޭ މުހިއްމު ދެނުޤުތާއެއްވެއެވެ. ފުރަތަމަ ކަމަކީ ފިޤުހީ ގޮތުން ފާހަގަކޮށްލެވޭ ނުކުތާއެވެ. މިހަދީޘުން ޘާބިތުވާ ގޮތުގައި، މެއްސެއް ފެނުގެ ތެރެއަށް ނުވަތަ އެހެންވެސް އެއްޗެއްގެ ތެރެއަށް ވެއްޓުމުން، އެފެން ތަޣައްޔަރެއް ނުވާނެއެވެ. މިއީ ގިނަ ޢިލްމުވެރިން ބުރަވެލައްވާ ގޮތެވެ. އަދި ކުރީގެ އެއްވެސް ޢިލްމުވެރިޔަކުވެސް އިންކާރުކުރައްވާފައިނުވެއެވެ.

ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވީ މެއްސެއް ވެއްޓުމުން ގަންބާލުމަށެވެ. އަދި ފެން ހޫނުނަމަ ގަންބާލާ މަރާލުމަށެވެ. ކާނާގެ ތެރޭގައި މެހި މަރުވުމުން ކާނާ ނުވަތަ ފެން ތަޣައްޔަރުވާނެނަމަ، ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަމުރުކުރެއްވީހީ އެއެއްޗެހި އުކާޅުމަށެވެ. ނަމަވެސް އެކަން އެގޮތަށް ކުރުމުގެ ބަދަލުގައި ކެއުމަށް އިރުޝާދުދެއްވިއެވެ.

މީގެ އިތުރުން ކުޅަނދުރާއި ފައިދިގު މަކުނުވެސް އަދި މިބާވަތުގެ ހުރިހާ އެއްޗެއްސަށް ޢަމަލުކުރަންޖެހެނީ މިހެންނެވެ. ސަބަބަކީ ބަޔާންވެ ދިޔަ ޙަދީޘް އައިސްފައިވަނީ އާއްމު މާނައިގައި ކަމަށްވާތީއެވެ. މަރުވެފައިވާ ޖަނަވާރު މުޅަ އެއްޗަކަށްވަނީ އެޖަނަވާރުތައް މަރުވުމަށްފަހު، އޭގެ “ލޭ” ހަށިގަނޑުގައި ހަރުލާފައި ހުރުމުންނެވެ. ނަމަވެސް ލޭ ނެތް ޖަނަވާރެއް މަރުވިނަމަވެސް އެއީ ނަޖިސް އެއްޗެއް ނޫނެވެ.

ދެން ފާހަގަކޮށްލެވޭ އަނެއް ނުޤުތާއަކީ ޑޮކްޓަރީ ގޮތުން ފާހަގަކޮށްލެވޭ ނުޤުތާއެކެވެ. ޢަބޫ އުބައިދާ(ރ.ޢ) ވިދާޅުވެފައިވެއެވެ. ފެނުގެ ތެރެއަށް މެހި އެކީ އެކަށް ގަންބާލުމުގެ ބޭނުމަކީ ފެނުގެ ތެރެއަށް ވިހަ ނުވަތަ ބަލި ދިޔަފަދައިން، މެހީގެ ފިޔަގަނޑުން ފަރުވާ ފެނުގެ ތެރެއަށް ވާޞިލުކުރުމެވެ.

މެހި ޖައްސާ ހެދުމުން ހަންގަނޑު ކަހާ، އިންފެކްޓް ވުން ފަދަ ކަންކަންވުމުން އެނގޭކަމަކީ މެހިވެސް ވިހަ މާއްދާތަކެއް އުފުލާކަމެވެ. މި ކުޑަކުޑަ ސޫތްޕަށް އަނިޔާއަކާ ނުވަތަ ބިރުވެރިކަމަކާ ކުރިމަތިވުމުން، އެސޮރަށް ބޭނުންކުރެވޭ އާލަތްތަކުގެ އެހީގައި ހަމަލާދެއެވެ. ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރައްވާފައިވަނީ މެއްސެއް ކާއެއްޗަކަށް ވެއްޓުމުން މެހި ދޫކުރާ ވިހަ މާއްދާތަކުން ރައްކާތެރިކަން ހޯދުމަށް އެ ވެއްޓުނު މެހި އެއްކޮށް ގަންބާލުމަށްފަހު މެހީގެ އަނެއް ފިޔަގަނޑުގައިވާ ފަރުވާ ލިބިގަތުމަށެވެ.

މިފަރުވާއަކީ އެއްވެސް ޑޮކްޓަރަކަށް އެމީހެއްގެ އަމިއްލަ ބުއްދިއަށް ހޯދުމުގެ ޤާބިލުކަން ލިބިފައިވާފަދަ ފަރުވާއެއްނޫނެވެ. ސަބަބަކީ މިފަރުވާއަކީ ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ފޯރުކުރެވިފައިވާ ފަރުވާއަކަށްވާތީއެވެ. ތަޖުރިބާކާރު މޮޅު ޑަކްޓަރުންވެސް ވިދާޅުވެފައިވަނީ، މިފަރުވާއާއިގެން ވަޑައިގެންނެވި ނަބިއްޔާއަކީ ހަމަކަށަވަރުންވެސް ހައްޤު ނަބިއްޔެކެވެ. އަދި އެކަލޭގެފާނަށް ބާވާލެއްވޭ ވަޙީއަކީ ވެސް ޙައްޤުތެދެވެ. ސަބަބަކީ މިފަރުވާއަކީ އެންމެހާ އިންސާނުންގެ ބުއްދިއަށް ވިސްނައިގަތުމުން ބޭރުގައިވާ ފަރުވާއަކަށްވާތީއެވެ.

ކުޅަނދުރާއި ނަގުލަންދާށިފަދަ ވިހަގަދަ ތަކެތި ކަށިޖަހައިފިނަމަ، މެހި ހޭކުމުން އޭގެ ފިޔައިގައިވާ ފަރުވާއިން ތަދުކުޑަކޮށްދޭކަމަށް ޑޮކްޓަރުން ވިދާޅުވެފައިވެއެވެ. މެހީގެ ބޯ ބުރިކޮށްލުމަށްފަހު މެހީގެ ހަށިގަނޑު، ދުޅަވެފައިވާ ތަނުގައި، ލޮލުގެނަމަ ލޮލުގެ ބޮނޑިއަށް އަރާފައިވާ ދުޅަމަތީގައި ހޭކުމުން ﷲ ގެ އިރާދަފުޅުން ފަސޭހަވެގެންދާނެއެވެ.

ބަޔާންވެދިޔައީ ކުޑަކުޑަ ސޫފި، “މެހީގެ” ފައިދާތަކެވެ. އަދި އޭގެ ޙަޤީޤަތެވެ. އެހެންކަމުން އަޅުގަނޑުމެންގެ ކާނާ މެއްސެއް ވެއްޓުމުން އިސްރާފް ކޮށްލުމުގެ ބަދަލުގައި ބޭނުން ކުރުން އާދަކުރަން ޖެހެއެވެ. މިމަތިވެރި އިރުޝާދުތަކަށް ތަބަޢަވާން ޖެހެއެވެ. އޭރުން އަޅުގަނޑުމެންނަށް އެތައް އެތައް ކަމަކުން ސަލާމަތްވެވިދާނެއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ.

وَمَا مِن دَابَّةٍ فِي الْأَرْضِ وَلَا طَائِرٍ يَطِيرُ بِجَنَاحَيْهِ إِلَّا أُمَمٌ أَمْثَالُكُم ۚ مَّا فَرَّطْنَا فِي الْكِتَابِ مِن شَيْءٍ ۚ ثُمَّ إِلَىٰ رَبِّهِمْ يُحْشَرُونَ ﴿٣٨﴾ (سورة الأنعام)

މާނައީ: ” ބިމުގައި ހިނގާބިނގާއުޅޭ ދިރޭ ކޮންމެ އެއްޗެއްވިޔަސް، އަދި އޭގެ ދެފިޔައިން އުދުހޭ ދޫންޏެއްވިޔަސް، ތިޔަބައިމީހުން ފަދަ އުއްމަތްތަކެއް ކަމުގައި ނޫނީނުވެއެވެ. ފޮތުގައި (ނުލިޔުއްވާ) ތިމަންރަސްކަލާނގެ އެއްވެސް އެއްޗެއް ދުލެއް ނުކުރައްވަމެވެ. ދެން އެތަކެތި (ޤިޔާމަތް ދުވަހުން) އެއްކުރައްވާހުށީ އެތަކެތީގެ ވެރިރަސްކަލާނގެ حضرة އަށެވެ.” (ސޫރަތުން އަންޢާމް 38)

_الطب النبوي_(Medicines of the Prophet)-

10 ޚިޔާލު މިލިޔުމަށް ““މެހި” ބޭނުންކޮށްގެން ފަރުވާ ކުރާނެ ގޮތް !”

  1. thasleem says:

    ލޯލް….ސަޅި ލިޔުމެއް…

  2. ހަސަން says:

    މެއްސަކީ އާއްމުކޮށް ނަޖިހުގައި ޖައްސާ އުޅޭ އެއްޗެއް، އެހެންވީއިރު މެހި ނަޖިހުގައި ޖެއްސުމުން އެސޮރުގެ ފައިގައި ހަމަޔަގީނުންވެސް ނަޖިސްހޭކިފައި ހުންނާނެއެވެ. ދެން އެ މެހި ބުއިމަކަށް ވެއްޓުމުން އޭގެ ފައިގައި ހޭކިފައިވާ ނަޖިސް ފެނުތެރެއަށް ފެތުރުމަކީ ޝައްކެއް އޮތްކަމެއްނޫނެވެ. ސުވާލަކީ: އެމެހި އެއްކޮށް ގަންބާލުމުން ޝިފާ ލިބިގެންވާ ފިޔައިން، އޭގެ ފައިން ފެތުރުނު ނަޖިހަށް ޝިފާ ލިބޭނެ ބާއެވެ؟

    • ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަސްފުޅު އޮތްގޮތް އެއީ. އެއާ ދެކޮޅަށް ދެއްކޭނެ ވާހަކައެއް ނެތް. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެގޮތަށް ޙަދީޘްފުޅުކުރައްވާފަ އެވަނީ އެކަން އެގޮތަށް ވާނެތީ. والله أعلم

      • ހަމަ ޚިޔާލެއް says:

        މެއްސަކީ ހަމަ އަބަދުވެސް ގުއި ގަ ޖައްސާ އެއްޗެއްތަ؟ މެހި ޖައްސާ ބިމުގަވެސް،، ބިމަކީ ޠާހިރު ކުރާ އެއްޗެއް. ދެން އެހެނޭ ކިޔާފަ ނުބުނެވޭނެ ދޯ މެހި ނަޖިހުގަ ޖައްސަނީ ފައިންނޭ، މެހި ކޮއްޕާލާފަ ނެގީމަ އެވީ ކޯއްޗަކަށްހޭ… މުސްލިމުންގެ ގޮތަކީ އިތުރު ބަހަނާ ނުދައްކާ ކަންއޮތްގޮތަށް ޤަބޫލުކުރުން. ޑޮކްޓަރަކު އެހެން ބުނިނަމަ އެންމެންވެސް ޤަބޫލުކުރާނެ. ހިތާމަ ހުރި، ވަޙީ ބާވާލެއްވޭ ނަބިއްޔަކަށް ކުރާ އިތުބާރާއި އިމާނަށްވުރެ، ޑޮކްޓަރުންނަށް މީހުން އިތުބާރު ކުރުން ބޮޑުވާން ފަށައިފި.

    • ނިކް says:

      އަހަރެމެންނަށް އޮންނާނީ ޤަބޫލުކުރުން…. އަހަރެމެންނަން މިކަހަލަ އެތައްކަމެއް އަދި ފެންނާނހެން ހީވަނީ….
      އެކަށީގެންވެ މެހީގެ ފައިގާ ހުންނަ ޖަރާސީމުތައް، މެހީގަ ހުންނަ ޖަރާސީމު ބަލިކުރަ ބައެއްގެ ސަބަބުން މަރުވަނީ ކަމަށް…..

      • ތިހެން ބުނެގެން ތިގޮތަށް އަހަރެން އަމަލުކުރިން އެއީ މީގެ 10 ވަރަކަށް އަހަރުކުރިން ( މެހި ސައި ތަށްޓަށް ވެއްޓުނީމަ މެހި އެއްކޮން ސައިތަށްޓަށް ގަންބާލާފަ މެހި އެއްލާލިން އަދި ވަރަށް ހިންހަމަ ޖެހިގެން އެސައިތަށި ބޯލިން، އިރު ކޮޅެއް ނުވެ އަހަރެންނަށް ހޮޑުލެވުނު. އޭގެފަހުން އަހަރެންނަކަށް ކުކެރޭ ދިރޭ އެއްޗެއް ވެއްޓިފަ ހުންނަ ކާއެއްޗެއްވެސް ބޯއެއްޗެއް ވެސް ބޭނުން ކުރާކަށް) އެކަމަކުވެސް ތިވާހަކަ އަހަރެން ގަބޫލް ކުރަން

        • ެއެފްއެމް says:

          ހޮދު ލެވުނީ ޖަރާސީމު ހުރެދާނެ ކަމަށް ބިރުން ނުވަތަ ފަކުރުން ކަމަށް ބޮޑަށް ބެލެވެނީ ، މެހިން އުފުލާ ޖަރާސީމެއްގެ ސަބަބުން ވަގުތުން ހޮޑުލެވުމަކީ ނާދިރު ކަމެއް

  3. އެބުނަނީ އެ ވެއްޓޭ އެއްޗެއް ނިއުޓްރަލްކުރާ ވާހަކަ… ސިމްޕަލް ލޮޖިކް… ސްކްރޫ ދަ ސައިންސް

  4. މުޙައްމަދު މާހިދު says:

    މިކަހަލަ މަޢުލޫމާތު ކޮޅެއް ފޯރު ކޮއްދެއްވީތީ ޝުކުރިއްޔާ…

  5. ހިންދު says:

    އަޖައިބެއް …..ކޮންޖަދަލެއްތަ އިކުރަނީ….ޙަދީސް ފުޅުން ސާބިތް ކަންކަމުގަ އަހަރުމެން ބަސްބުނަން މީކޮންބައެއް!!!….އެމެރިކާއިން އާން ،މެއްސަކީ ވަރަށް ފައިދާހުރި އެއްޗޭކޭ ބުނެފިނަމަ އެއްވެސް ޝައްކެތް ނުކުރާނެ….ދުވަސްކޮޅަކުން މެހި މަދުވެގެން އެ ގިނަކުރެވޭނެ ގޮތެއްވެސް ހަދާނެ….ޕިސް.ޕިސް….

މިލިޔުމަށް ޚިޔާލު ދެއްވާ!