ސިހުރަކީ ތަފާތު ގޮތްތައް ބޭނުންކޮށްގެން ހަދާއުޅޭ އެއްޗެކެވެ. ގަބުރުސްތާނާއި، ގޭގޭ ކައިރީ ފަދަ ތަންތަނުގައި ވަޅުލައިގެނާއި، ސިޙުރު ހެދުމަށްފަހު ކަނޑު ފައްތައިގެނާއި، ސިޙުރު ހެދުމަށްފަހު އެއްޗެހި ކާންދިނުން ފަދަ ކަންކަން ކޮށްގެން ސިޙުރު ހަދާ އުޅެއެވެ. ސިޙުރުގެ އަސަރު ކަނޑުވާލުމުގައި އެންމެ އަވަސް އަދި މޮޅު ގޮތަކީ އެސިޙުރެއް އޮތްތަނެއް އެނގޭނަމަ އެނަގައި ނައްތާލުމެވެ.

މަރުވެފައިވާ މީހާގެ މަހާނައަކީ ހުރުމަތްތެރިވެގެންވާ އެއްޗެކެވެ. ޚާއްސަ ޙާލަތްތަކެއްގައި މެނުވީ މަހާނަ ކޮނުމާއި މަހާނައިގައިވާ މައްޔިތާ ނެގުމަކީ ހުއްދަކަމެއް ނޫނެވެ. އެހެންކަމުން، ގަބުރުގައި ސިޙުރެއް ވަޅުލާފައިވާކަން

Close Ad XGet My Ruqya Android App On Google Play

ޝައްކު ނުވާވަރަށް ޔަގީންވެއްޖެނަމަ އެސިޙުރެއް ނަގައި ބާތިލު ކުރުމަށްޓަކައި މަހާނަކޮނުމުގެ ހުކުމަކީ ކޮބައިތޯ ބަލައިލަން އެބަޖެހެއެވެ.

ޢިލްމުވެރީންގެ ބަސްފުޅުތަކަށް ބަލާއިރު، ދައްމާމުގެ ކުއްލިއްޔަތުލް މުޢައްލިމީންގެ ޢަޤީދާގެ އުސްތާޛެއް ކަމަށްވާ އައްޝެއިޚް އިބްރާހީމް ބިން މުޙައްމަދުލްބަރީކާން އާއި ސުވާލު ކުރެވުނެވެ!

ސުވާލު: އަހަރެމެނަށް ސިޙުރު އޮތްތަން އެނގިފައި އެސިޙުރު އޮތީ މިވެނި މަހާނައެއްގައިކަން އެނގޭނަމަ، ފަހެ ސިޙުރު ބާތިލުކުރުމުގެ ގޮތުން އެމަހާނަ (ޤަބުރު) ކޮނުން ހުއްދަވާނެތޯއެވެ؟ މާތް ﷲ ތިބާއަށް ހެޔޮ ޖަޒާ ދެއްވާށިއެވެ.

ޖަވާބު: ޝައްކަކާއި ނުލައި، ނުވަތަ ޖިންނި ޝައިޠާނުންގެ ބަހަކަށް ބުރަވުމެއްނެތި ސިޙުރު އޮތީ އެމަހާނައެއްގައިކަން ޔަޤީންވާނަމަ، މަހާނަ ކޮނެ އެސިޙުރެއް ނެގުމަކީ މައްސަލައެއްނޫނެވެ. އެހެނީ މައްޔިތާގެ މައްޗަށް ދިރިހުރިމީހާ އައުލާ ވެގެންވެއެވެ. އެހެނެއްކަމަކު، އެއީ ހަމައެކަނި ހީއެއްގެ މައްޗަށް ނުވަތަ ޖިންނި ޝައިޠާނުންގެ ބުނުމުގެ މައްޗަށް ކުރާކަމެއްނަމަ އެގޮތަށް އެކަން ކުރުން ހުއްދަވެގެން ނުވެއެވެ.

ހަމަ މިސުވާލު ފަޟީލަތުއްޝެއިޚް ޢަބދުﷲ ބިން ޢަބްދުއްރަޙްމާނުލް ޖިބްރީން (ޙަފިޡަހުﷲ) އާއި ޝެއިޚްގެ ދަރިވަރެއްގެ އެހީގައި ބޭފުޅަކު ކުރުމުން ޖަވާބުގައި ވިދާޅުވިއެވެ.

ޖަވާބު: އެކަން ޔަޤީންވާނަމަ ނުވަތަ އެގޮތަށް ހީވިނަމަވެސް އެމަހާނައެއް ކޮނެ ސިޙުރު ނަގައި ހަލާކުކޮށްލުމަކީ މައްސަލައެއް ނޫނެވެ.

ހަމަ މިމައްސަލައިގައި ލީބިޔާގެ ފަތުވާ ކޮމިޓީއާއި ސުވާލުކުރެވުނެވެ.

”ސުވާލު: އަޅުގަނޑުގެ ދައްތަ ބަލިވެއުޅޭތާ އަހަރުތަކެއް ވެއްޖެއެވެ. އަދި ޤައުމާއި ޤައުމުން ބޭރުގެ ޚާއްޞަ އެތައް ބައިވަރު ޑޮކްޓަރުންނަކަށް ދައްކައިފިއެވެ. ނަމަވެސް އެބޭފުޅުން ނިންމަވަނީ އޭނާ ސިއްޙީގޮތުން ސަލާމަތުން ހުރިކަމަށެވެ. އެހެނެއްކަމަކު އަހަރެމެން އިތުރަށް ޔަޤީން ކުރުމަށްޓަކައި އޮޕަރޭޝަން ކުރުމުގެ މަރުޙަލާތައް ކުރިއަށް ގެންދިއުމުންވެސް އެއްވެސް މައްސަލައެއް ނުފެނުނެވެ. ދެން ފަހެ ޤުރުއާނުން ފަރުވާކުރާ އެތައް ޝެއިޚުންނަކަށް އަހަރެމެން އޭނާ ދެއްކީމެވެ. އަދި އައްޝެއިޚް އިބްރާހީމް ބިން މަބްރޫކް ބިން ފަޟްލު ގެ މަރުކަޒުއް ތައުޙީދު އޭ ކިޔުނު ސެންޓަރުން ފަރުވާ ކުރީމެވެ. އަދި ފަރުވާގެ އެތައް ސެޝަންތަކަކަށްފަހު އޭނާގެ ޙާލު ރަނގަޅުވިއެވެ. އަދި އޭނާގެ ދުލުން ވާހަކަ ދެއްކި ޖިންނި ބުނީ އެސޮރު އައީ ޣާނާ ގައި ހުރި މިވެނި ސިޙުރުވެރިއަކު ހެދި ސިޙުރެއްގެ ސަބަބުން ކަމަށެވެ. އަދި އެސިޙުރު ވަނީ މިވެނި ނަމެއް ކިޔާ މީހާގެ މަހާނައިގައި ކަމުގައި ބުންޏެވެ. ދެން ރާޤީ ރުޤްޔާކޮށްފައި ހުރި ފެން އެބުނެވުނު މަހާނައަށް އެޅުމަށް އަހަރެމެނަށް ދީފައި ފޮނުވިއެވެ. އަހަރެމެން އެމަހާނަ ކައިރިއަށް ދިއުމާއިއެކު އޭނާ އަށް ވަރަށް ބޮޑަށް އުނދަގޫވާން ފެށިއެވެ. އެހެންކަމުން ޖިންނި ބުނިފަދައިން އެއީ ތެދެއް ކަމުގައި އަހަރެމެނަށް ޔަގީން ކުރެވުނެވެ.

އަދި މިހާރު އަހަރެމެން ބޭނުންވަނީ އެމަހާނައިން ސިޙުރު ނަގައި ސިޙުރު ރޫޅާލުމަށެވެ. އެއީ ބަލިމީހާއަށް އެތައް އަހަރުތަކެއް ވަންދެން ކުރިމަތިވި ބައްޔަށް ޝިފާ ލިބި އޭނާއަށް ހަމަޖެހުން ލިބުމަށްޓަކައެވެ. އަދި މިފަދައިން ސިޙުރު ނަގާ ނައްތާލުމަކީ ފަރުވާކުރާ މީހުން ތަޖުރިބާކޮށްފައިވާ މަޝްހޫރުކަމެކެވެ. ފަހެ މައްޔިތާގެ ޙުރުމަތަށް ރައްކާތެރިވެ، ކޮނުމަށްފަހު މައްޔިތާ ކުރިން އޮތްފަދައިން (ވަޅުލުމަށް) ސަމާލުކަންދޭ ޙާލު، މިކަމަށްޓަކައި މަހާނަ ކޮނުން ހުއްދަ ވާނެތޯއެވެ؟

ޖަވާބު: الحمد لله، والصلاة والسلام على رسول الله، وعلى آله وصحبه ومن والاه. އެއަށްފަހު ދަންނައެވެ. ހަމަކަށަވަރުން ގަބުރަކީ ޙުރުމަތްތެރިވެގެންވާ އެއްޗެކެވެ. އަދި އެއީ (މައްޔިތާ ވަޅުލާފައިވާ ތަނަކީ) މައްޔިތާއަށްވާ ތަނެކެވެ. އަދި އެމައްޔިތާއަށް ގޯނާކޮށް ހުރުމަތް ކެނޑުން ހުއްދަވެގެން ނުވެއެވެ. ހަމަ އެފަދައިން ޟަރޫރީ ޙާލަތެއްގައި މެނުވީ މައްޔިތާގެ ކަށިތައް ވީރާނާ ވެގެން ނުދަނީސް ކޮނުންވެސް ހުއްދަ ވެގެން ނުވެއެވެ. ޙަދީޘް ބަސްފުޅުގައި ވެއެވެ.(كَسْرُ عَظْمِ الْمَيِّتِ كَكَسْرِهِ حَيًّا) [أبوداود:3207] މާނައީ:”މަރުވެފައިވާ މީހެއްގެ ކައްޓެއް ބިންދާލުން ދިރިހުރި މީހެއްގެ ކަށްޓެއް ބިންދާލުން ފަދައެވެ.”

އަދި އައްދަރުދީރު ރަޙިމަހުﷲ ވިދާޅުވިއެވެ. “ޤަބުރަކީ މައްޔިތާއަށް ވާތަނެކެވެ. ޤަބުރު ނުކޮންނާށެވެ.” އެބަހީ ޤަބުރުގައި މައްޔިތާ އޮތްހާ ހިނދަކު، ޝަރުޢީ އުޛުރަކާއި ނުލައި އެޤަބުރު ކޮނުން ޙަރާމް ވެގެން ވެއެވެ.  އެއީ މިސްކިތުގެ ޖާގަ ދަތިވެގެން މިސްކިތް ފުޅާކުރަން ޖެހިއްޖެ ޙާލަތެއްގައި، ނުވަތަ މީހުން ވަޅުލާނެ ޖާގަ ނެތިގެން އެހެން މީހެއްގެ މަހާނައިގައި އިތުރު މައްޔިތަކު ވަޅުލަން ޖެހުންފަދަ ޙާލަތެއްގައި ފިޔަވައެވެ. ނުވަތަ އެހެން މީހެއްގެ ބިމެއްގައި ވަޅުލާފައިވާ މައްޔިތާ، އެ ބިމުގެ ވެރިޔާ އެތަން ބޭނުންވެގެން ނަގަން ޖެހިއްޖެ ޙާލަތެއް ފިޔަވައެވެ. ނުވަތަ އެތަނުގައި މީހެއްގެ މުދަލެއް ނުވަތަ ގަހަނާއެއް ވަޅުލާފައިވާ ޙާލަތެއްގައި އެއެއްޗެހި ނެގުމަށް ފިޔަވައެވެ. ނުވަތަ މަހާނައިގައިވާ މައްޔިތާގެ ހަށިގަނޑު އެކީ ފަނާވެ، ހުރިހާ ކަށްޓެއްވެސް ވެއްޔަށް ވެފައިވާކަން ޔަޤީންވާ ޙާލަތެއްގައި އެމަހާނަ ކޮނެވިދާނެއެވެ. އެހެނެއްކަމަކު އެއީ އެމަހާނަ ހުރިތަނުގައި، ޤަބުރު ނަގައި އެތަނުގައި މިސްކިތެއް ބިނާކުރުމަށްނަމައެވެ. ދަނޑުވެރިކަމަށާއި އެހެނިހެން ބިނާތައް ކުރުމަކަށް ނޫނެވެ. (الشرح الصغير:577/1)

އަދި މާތް ﷲ ރަޙުމަތް ލެއްވި އިބްނު އަބީ ޒައިދު، (އިބްނު ސަޙްނޫންގެ ފޮތުގައި) ވިދާޅުވެފައިވެއެވެ. އަދި މައްޔިތާ ވަޅުލިއިރު ހަނދާން ނެތިގެން އެމަހާނަތެރެއަށް ދަބަހެއް ނުވަތަ މީހެއްގެ ހެދުމެއް ދޫވެފައިވާކަން، އެމައްޔިތާ ވަޅުލާ ނިމުނުފަހުން އޭގެ ވެރިޔާ ބުނެފިނަމަ މިދެޙާލަތުގައި އެމަހާނަ ކޮނެ އެއެއްޗެއް ނަގާނީއެވެ. އަދި ހަމަ އެފަދައިން އެމީހުންގެ މެދުގައި، އެއެއްޗެއްގެ އަގު އޭގެ ވެރިޔާއަށް ދޭން ބޭނުންވެއްޖެ ނަމަ އެގޮތަށް އެކަން ކުރުން ވަނީ އެމީހުންގެ މައްޗަށެވެ. އެހެން ނޫންނަމަ އެމީހުނަށް ވަނީ އެމަހާނަ ކޮނެ ހަނދާން ނެތިގެން މަހާނަތެރެއަށް ދޫވެފައިވާ އެއްޗެއް ހޯދައިގެން ނެގުމެވެ. (النوادر والزيادات:641/1)

އަދި ސިޙުރު ޤަބުރުން ނަގައިގެން މެނުވީ، އެހެން އެއްވެސް ގޮތަކުންވެސް ސިޙުރުގެ އަސަރު ކަނޑުވައި ބާޠިލު ނުކުރެވޭނެ ކަމުގައިވާނަމަ މަހާނަ ކޮނެގެން އެ ސިޙުރެއް ނެގުން މާތް ﷲ އިރާދަކުރެއްވިއްޔާ ހުއްދަވެގެން ވެއެވެ. އެއީ އެޤަބުރުގައިވާ މައްޔިތާގެ ހައްޤަށް ރައްކާތެރިވެ ފަރުވާތެރިކަމާއި ރައްކާތެރިކަމާއި އެކު، ކަމާ ބެހޭ އިދާރާތަކުގެ ނުވަތަ މިނިސްޓްރީ ތަކުގެ ހުއްދަ ލިބިގެން ކޮންނަ ނަމައެވެ. އެހެނީ ބަލިމީހާގެ ފުރާނަ ސަލާމަތްކުރުން ހިމެނެނީ ޟަރޫރަތުގެ ތެރެއިންނެވެ. އަދި މަރުވެފައިވާ މައްޔިތާގެ މައްޗަށް ދިރިހުރިމީހާ އައުލާވެގެންވެއެވެ. އަދި ޤަބުރުގައިވާ މުދަލެއް ނެގުމަށްވުރެ އެކަމަށްޓަކައި މަހާނައެއް ކޮނުން މާ އައުލާވެގެން ވެއެވެ. އަދި ހަމަކަށަވަރުން އިބްނު ޢަބްދުލްބައްރު ވިދާޅުވެފައިވެއެވެ. “ހެޔޮކަމެއް ބޭނުންވެގެން ޟަރޫރީ ޙާލަތެއް ދިމާވެއްޖެނަމަ މައްޔިތާ މަހާނައިން ކޮނެގެން ނެގުމުގައި މައްސަލައެއް ނެތެވެ.” (الاستذكار:344/14) އަދި އެންމެ މޮޅަށް ދެނެވޮޑިގެންވަނީ މާތް ﷲއެވެ.” މިއެވެ.

ޢިލްމުވެރީންގެ ބަސްފުޅުތަކަށް ބެލުމަށްފަހު ރުޤްޔާގެ ދާއިރާގައި ތަޖުރިބާ ހުރި އިތުބާރު ހިފޭ ބައެއް ޝެއިޚުންނާއި ރާޤީންގެ ފަރާތުން ލިބެން ހުރި މަޢުލޫމާތުތަކަށް ބަލައިލާއިރު، ޤަބުރު ކޮނުމުގެ ކުރިން ބަލަން މުހިއްމު ބެލުންތަކެއް ހުރިކަމުގައި ފާހަގަ ކުރެވެއެވެ. އެހެނީ، މިޒަމާނުގައި ރުޤްޔާ ކުރުމުގެ ތެރޭގައި، އެކަމުގެ ކަންކަން ރަނގަޅަށް ނުދަންނަ މީހުންވެސް އުޅެއެވެ. އަދި އެކަމުގައި އުޅޭ މީހުނަށް ބަލާއިރު، އެކި މީހުންގެ ތަޖުރިބާއާއި ޢިލްމުގައި ތަފާތުވުމުގެ ސަބަބުން، މަހާނައެއް ކޮނުންފަދަ ބޮޑު ކަމެއް ކުރާއިރު، އެކަން ގޯސްގޮތަކަށް ކޮށް، މަހާނަ ކޮނުން ހައްދުން ނެއްޓި މައްޔިތާގެ ހައްޤު ގެއްލިގެން ދިޔަ ނުދިނުމަށްޓަކައެވެ.  އެހެންކަމުން ރާޤީންގެ ބަސްތަކަށް ބަލައި، ތިރީގައި މިބަޔާންކުރަނީ ސިހުރެއް ނެގުމަށްޓަކައި މަހާނައެއް ކޮނުމުގެ ކުރިން ބަލައި ޔަގީން ކުރުން މުހިންމުކަމުގައި ފެންނަ ކަންތައްތަކެވެ.

  1. ޤަބުރުގައިވާ ސިޙުރެއް ކަމަށް ޖިންނީންގެ ބަހުން ވިޔަސް އެހެން ގޮތަކުން ވިޔަސް ޝައްކެއް ވާނަމަ، އެކަން ޔަޤީން ކުރުމުގެ ގޮތުން ރުޤްޔާގެ ބޭނުން ކުރާށެވެ. މިގޮތުން ޤުރުއާނުގައިވާ ޤަބުރުގެ ވާހަކަތައް ނަންގަނެވުނު އާޔަތްތައް ބަލިމީހާ ކައިރީ ކިޔެވުމުން އެކަން ދެނެގަނެވޭ ކަމުގައި ރުޤްޔާގެ އަހުލުވެރީން ބަޔާން ކުރައްވާފައިވެއެވެ.
  2. މިދެންނެވުނުފަދައިން ނުވަތަ އެހެން ގޮތަކުން ނަމަވެސް ޤަބުރުގައި ސިޙުރު ވާކަމަށް ބެލެވިއްޖެ ނަމަ، ސީދާ އެއޮތީ ކޮން މަހާނައަކުތޯ ޔަގީން ކުރުމުގެ ގޮތުން ރުޤްޔާގެ ގޮތްތައް ބޭނުންކޮށް ޔަގީން ކުރުން މުހިންމެވެ. މިގޮތުން ބައެއް ރާޤީން، ޝައްކުވާ މަހާނަ ކައިރިއަށް ބަލިމީހާ ގެންދެއެވެ. މިހެން ގެންގޮސް އެމަހާނައަކާއި ކައިރި ވުމުން ބައެއް ފަހަރު އުނދަގޫ ބޮޑުވާކަން ފާހަގަވެއެވެ. އަދި ޝައްކުވާ މަހާނައަށް ސިޙުރު ބާޠިލު ކުރުމަށް ރުޤްޔާ ކިޔަވާފައި ފެން އެޅުމުން ބަލިމީހާއަށް އަންނަ ބަދަލު ބަލައިގެންވެސް ދެނެގަނެވޭ ކަމުގައި މިފަންނުގައި ތަޖުރިބާ ހުރި ރާޤީން ވިދާޅުވެއެވެ. އެހެންކަމުން މިފަދަ ގޮތަކަށްވެސް ކުރެވޭ ނަމަ ވީ އެންމެ ބޮޑަކަށް ޔަޤީން ކުރުން މުހިއްމުކަމުގައި ފެނެއެވެ.
  3. މަހާނައާއި މެދު ޝައްކުވާނަމަ، ކުރިންވެސް މިދެންނެވުނު ފަދައިން އާޔަތްތަކުގެ ބޭނުންކޮށްގެން އެކަން ރަނގަޅު ކުރެވޭތޯ ބަލަންވާނެއެވެ. ޤަބުރުސްތާނާއި މަހާނައިގައި ސިޙުރު ހުރި ނަމަ އެކަމަށް ފަރުވާ ކުރާނެ ގޮތްތައް މިވެބްސައިޓުގައި ބަޔާންކޮށްފައި ވެއެވެ. އެފަރުވާތައް ބެއްލެވުމަށް މިތަނަށް ކްލިކްކޮށްލައްވާށެވެ.

ޢިލްމުވެރީންގެ ބަސްފުޅުތަކާއި، ރުޤްޔާގެ އަހުލުވެރިންގެ ބަސްތަކަށް ބަލާއިރު، މިދެންނެވި ކަންކަމަށް ސަމާލުކަންދީ، ބަލިމީހާ ސަލާމަތް ކުރުމަށްޓަކައި، ސިޙުރު އޮތީ މަހާނައިގައިކަން އެނގޭނަމަ، ނުވަތަ ޝައްކުވާނަމަ، ޔަޤީން ކުރުމަށް ބެލެން ހުރި މިންވަރަށްބަލައި، މަހާނައެއް ކޮނެ އެސިޙުރެއް ނެގުމަކީ މައްސަލައެއް ނޫނެވެ. އަދި އެންމެ މޮޅަށް ދެނެވޮޑިގެންވަނީ މާތްﷲ އެވެ.

ޙިޔާލުފާޅުކުރައްވާ

0 ކޮމެންޓު