بِسْمِ اللهِ الرَّحْمٰنِ الرَّحِيْمِ . الْحَمْدُ لِلّٰهِ رَبِّ الْعَالَمِيْنَ . وَالصَّلَاةُ وَالسَّلَامُ عَلَى أَشْرَفِ الْأَنْبِيَاءِ وَالْمُرْسَلِيْنَ سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الدِّيْن.

“މައި ރުޤްޔާ”

މިއީ އެސްފީނާ، ސިހުރު، އަދި ޖިންނީގެ ސަބަބުން އިންސާނުންނަށް ދިމާވާ އެކިއެކި ރޫޙާނީ ބަލިތަކާއި، ނަފްސާނީ އަދި ޖިސްމާނީ އެކި ބަލިތަކަށް، ރުޤްޔާއިން (ކީރިތި ޤުރުއާނާއި ދުޢާތަކުގެ މައްޗަށް އެކުލެވޭ ފަރުވާތައް) ތިމާގެ ނަފްސަށް ތިމާ އަމިއްލައަށް ފަރުވާ ކުރުމަށް އެހީއެއްގެ ގޮތުން ތައްޔާރުކޮށް މައިތިރި.ކޮމްގެ ފަރާތުން އެންމެހާ އަޚުންނާއި އުޚްތުންނަށްޓަކައި ނެރެފައިވާ މޮބައިލްފޯން އެޕްލިކޭޝަނެކެވެ. މިއެޕްލިކޭޗަން އިންސްޓޯލް ކުރުމަށްފަހު އިންޓަނެޓް ބޭނުންކުރުމަކާއި ނުލައި އެޕްގައިވާ މައުލޫމާތުތަކާއި އޯޑިއޯތައް ބޭނުންކުރެވޭނެއެވެ. އިންޓަނެޓް ކޮންމެހެން ބޭނުން ޖެހޭ ބައެއްނަމަ އެކަން އަންގައިދޭ މެސެޖެއް އަރާނެއެވެ.

އަޅުގަނޑުމެންގެ މިދިވެހިރާއްޖޭގައި އެސްފީނާ، ސިހުރު އަދި ޖިންނީގެ އުނދަގޫތައް ފަދަ ރޫހާނީ ބަލިތައް އެތައް ބަޔަކު ދަނީ ތަހައްމަލް ކުރަމުންނެވެ. އަދި މިފަދަ ކަންކަމަށް ފަރުވާކުރުމަށްޓަކައި އެފަރާތްތަކަށް ވަނީ އެހީތެރިކަމަށް ބޭނުންވެފައެވެ. ނަމަވެސް މިފަދަ ގިނަ ފަރާތްތަކަށް މިފަދަ ކަންކަމުގައި ވަނީ ހަދާނެގޮތް ނޭނގި، ފަރުވާ ކުރުމަށް މަގެއް ނުލިބިފައެވެ. އަދި މިފަދަ ކަންކަން ޖެހުމުން ޢަމަލުކުރާންވީ ގޮތްތައް ގިނަބަޔަކަށް ވަނީ ނޭނގިފައެވެ. އެހެންކަމުން މި ދިވެހި އެޕްލިކޭޝަން ނެރުމުގެ އެންމެ މުހިއްމު އެއް މަޤްސަދަކީ، މިފަދަ އެންމެހާ ފަރާތްތަކަށް، ޒަމާނީ ފަސޭހަ ވަސީލަތްތަކުގެ ޒަރީޢާއިން އަލިމަގެއް ހޯދައިދިނުމެވެ. ހަދާނެ ގޮތް ނޭނގި ހުރުމުގެ ބަދަލުގައި ތިމާގެ ނަފްސަށް ތިމާ އަމިއްލައަށް ރުޤްޔާ ކުރެވޭނެ ގޮތްތަކާއި ވަސީލަތްތައް ފޯރުކޮށްދިނުމެވެ. ކަމާއިގުޅޭ މުހިންމު މަޢުލޫމާތުތަކާއި އިރުޝާދުތައް ފަސޭހައިން ލިބޭނެގޮތް ހެދުމެވެ.

Close Ad XGet My Ruqya Android App On Google Play

ތިމާގެ ނަފްސަށް ތިމާ ރުޤްޔާ ކުރުމަކީ އެއްވެސް ޙާލެއްގައި ބިރުގަންނާންވީ ކަމެއްނޫނެވެ. އަދި ނުރައްކާ ކަމެއްވެސް ނޫނެވެ. އަދި ކިއެއްތަ، މިއީ ރޫހާނީ ބަލިމަޑުކަމެއް ނުވަތަ އެހެން ބަލިކަމެއް ހުރި ނަމަވެސް، ތިމާގެ ހަމަބުއްދި ސަލާމަތުން ހުންނަހައި ހިނދެއްގައި، ނުވަތަ ވަގުތުތަކުގައި، ރުޤްޔާއިން ފަރުވާ ހޯދުމަށް ތިމާއަށް އެންމެ އިތުބާރު ހިފޭނޭ މަގެވެ. ފަރުވާގެ މަރުޙަލާގައި އުނދަގޫތަކެއްވީނަމަވެސް، އަދި އޯޑިއޯއެއް އަޑުއަހައިގެން އުނދަގުލެއްވީނަމަވެސް އެކަމުގައި ޢަމަލުކުރާނޭ ގޮތާއި، ކަމުގެ ސަލާމަތީ ފިޔަވަޅުތައް މިއެޕްލިކޭޝަންގައި ބަޔާންކޮށްފައިވާނެއެވެ. އެހެންކަމުން ތިމާގެ ނަފްސަށް ރުޤްޔާއިން ތިމާ އަމިއްލައަށް ފަރުވާކުރަން ބޭނުންވާ ކޮންމެ ބޭފުޅަކަށްވެސް މިއެޕްލިކޭޝަންގެ އަލީގައި ފަރުވާކުރެވޭނެއެވެ.

Get it on Google Play

މިއެޕްލިކޭޝަންގައި ހިމެނޭ މަޢުލޫމާތު ތަކާއި، އިރުޝާދުތަކާއި ފަރުވާތަކަކީ، މައިތިރި.ކޮމް ގައި މީގެ ކުރިން ޝާޢިއުކޮށްފައިވާ މަޢުލޫމާތުތައް އަލުން މުރާޖަޢާކޮށް، އަދި އިތުރު މަޢުލޫމާތުތައްވެސް ހިމަނައިގެން އެކުލަވާލާފައިވާ ކޮންޓެންޓް ތަކެކެވެ. ރުޤްޔާގެ މަޢުލޫމާތުތަކާއި އިރުޝާދުތަކާއި ފަރުވާތައް އެކުލަވާލައި ހިމަނާފައިވާނީ ރުޤްޔާއަކީ އިޖްތިހާދީ ކަމެއްކަމުގައި ޢިލްމުވެރީން ބަޔާންކުރައްވާ ރައުޔު ރާޖިހު ކަމުގައި ބަލައި، އެރައުޔުގެ މައްޗަށް ބިނާކޮށް، ޤުރުއާނާއި ސުންނަތާއި، އިޖްތިހާދީ ތަޖުރިބާތަކުގެ މައްޗަށެވެ. ދަލީލުތަކުގެ ގޮތުގައި ހިމަނާފައިވާ ޤުރުއާނުގެ އާޔަތްތަކާއި، ޙަދީޘްތަކާއި، އަދި ދުޢާތަކުގެ ދިވެހި ތަރުޖަމާ ހިމަނާފައިވާނެއެވެ. މައުލޫމާތު ތަކުގެ މަސްދަރުތަކާއި ކްރެޑިޓްތައް އެޕްލިކޭޝަންގައި ވަކީން ފެންނާނޭހެން ހިމަނާފައިވާނެއެވެ.

އެޕްލިކޭޝަން ބޭނުން ކުރައްވާ ފަރާތްތަކަށް، ވީހާވެސް ފަސޭހައިން، މައުލޫމާތު ލިބިގަނެ ފަރުވާ ކުރަން ފަސޭހަވާނެ މިންވަރު ބަލައި އެމިންގަނޑަށް މަޢުލޫމާތުތަކާއި ލިޔުންތައް އެޕްލިކޭޝަންގައި ހިމެނުމަށް ވަރަށް ބޮޑަށް މަސައްކަތް ކޮށްފައިވާނެއެވެ. އެޕްލިކޭޝަން ޑިޒައިން ކުރުމުގައި، އެޕްލިކޭޝަން ބޭނުންކުރައްވާ ފަރާތްތަކަށް ފަސޭހަވާނެގޮތްތައް ބަލައި، ވީހާވެސް ބޭނުންކުރަން ފަސޭހަވާނެ ގޮތަށް ބައިތައް އަތުރާލުމަށް މަސައްކަތް ކޮށްފައިވާނެއެވެ.
މިއެޕްލިކޭޝަން ވުޖޫދަށް ގެނައުމުގައި އަވަދިނެތި މަސައްކަތް ކޮށްދެއްވި ޑިވެލޮޕަރއަށާއި، ކޮންޓެންޓްތައް އެކުލަވާލުމުގައި އެހީތެރިވެދެއްވި ފަރާތްތަކާއި، އަދިވެސް އެހެނިހެން ގޮތްގޮތުން މިމަސައްކަތައް އެހީތެރިވެދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރު ދަންނަވަމެވެ.

މިވަގުތު މިއެޕްލިކޭޝަން ބޭނުންކުރެވޭނީ ހަމައެކަނި އެންޑްރޮއިޑް ޑިވައިސްތަކުންނެވެ. އައިފޯން އަދި އައި އޯ އެސް ޑިވވައިސްތަކަށް އަދި މިއެޕްލިކޭޝަން ބޭނުން ނުކުރެވޭނެ ވާހަކަ ހިތާމައާއި އެކު ދަންނަވާލަމެވެ. ނަމަވެސް ކައިރި މުސްތަޤުބަލެއްގައި އައިފޯން އަދި އައި އޯއެއެސް ޑިވައިސްތަކަށް ބޭނުންކުރެވޭނޭހެން އެޕްލިކޭޝަން ޑިވެލޮޕް ކުރުމުގެ މަސައްކަތް މާތް ﷲގެ އިރާދަފުޅާއި އެކު ކުރިއަށް ގެނދާކަމުގެ އުފާވެރި ޚަބަރުވެސް އަރުވަމެެ.

ދުޢާއަކީ، ސިހުރާއި އެސްފީނާ އަދި ޖިންނި އަވަލުންފަދަ ރޫޙާނީ އެންމެހާ ބަލިތަކާއި، އެނޫންވެސް ބަލިތައް ތަޙައްމަލްކުރަމުންދާ އެންމެހާ ފަރާތްތަކަށް، މިއެޕްލިކޭޝަންގެ ސަބަބުން ފައިދާކޮށް، ފަސޭހަކަމާއި އެކު އަމިއްލަ ނަފްސަށް ރުޤްޔާއިން ފަރުވާ ލިބިގަނެވޭނޭ ގޮތް މާތް ﷲ މިންވަރުކޮށްދެއްވުމެވެ. އަދި އެފަދަ އެންމެހާ ބަލިތަކާއި ތަކުލީފުތައް ތަޙައްމަލްކުރަމުންދާ އެންމެހާ ފަރާތްތަކަށް މާތް ﷲ އަވަސް ޝިފާއެއް ދެއްވައި، ތަކުލީފުތަކުން މިންޖުކޮށް ދެއްވާށިއެވެ. އަޅުގަނޑުމެންގެ މިމަސައްކަތުގައި މާތް ﷲ ބަރަކާތްލައްވައި، މިކަމުގެ ހެޔޮ ދަރުމައާއި ޘަވާބު ދެދުނިޔޭގައިވެސް މިންވަރުކޮށްދެއްވާށިއެވެ. މިއެޕްލިކޭޝަން ވުޖޫދަށް ގެނައުމުގެ މަސައްކަތް ކޮށްދެއްވި، އަދި އެކި ގޮތްގޮތުން މިމަސައްކަތަށް އެހީތެރިވެދެއްވި އެންމެހާ ފަރާތްތަކުގެ ފާފަތައް ފުއްސަވައި، މަސައްކަތުގައި ބަރަކާތް ލައްވައި ދެދުނިޔޭގެ ހެޔޮ ދަރުމައާއި ޘަވާބު މިންވަރުކޮށްދެއްވާށިއެވެ. މާތް ﷲ އަޅުގަނޑުމެން އެންމެންގެ ފާފަތައް ފުއްސަވައި ހިދާޔަތުގެ މަގުގައި ސާބިތުކުރައްވައި، ދެދުނިޔޭގެ ހެޔޮކަން މިންވަރުކުރައްވާށިއެވެ.

މިދުވަސްވަރު ފެތުރެމުންމިދާ ބަލިމަޑުކަމާއި އެންމެހާ ބިރުވެރިކަމުން އަޅުގަނޑުމެންގެ މިރާއްޖެއާއި އެންމެހާ މުސްލިމުންނާއި އިންސާނިއްޔަތު ސަލާމަތްކުރައްވާ ރައްކާތެރިކުރައްވާނދޭވެ. އާމީން

وَصَلَّى اللهُ عَلَى مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وسَلَّم. وَالْحَمْدُ لِلّٰهِ رَبِّ الْعَالَمِيْنَ. آمين

 

އެޕްލިކޭޝަން ޑައުންލޯޑް ކުރެއްވުމަށް މި ފޮޓޯއަށް ފިތާލައްވާ:Get it on Google Play

ޙިޔާލުފާޅުކުރައްވާ

0 ކޮމެންޓު