ގަބުރުސްތާނު ބޭނުންކޮށްގެން ހަދާފައި ހުންނަ ސިހުރު ބާތިލުކުރުމަށް

ޤަބުރުސްތާނު ބޭނުންކޮށްގެން ހަދާ ސިހުރާއި ބެހޭ ކުޑަ ތަޢާރަފެއް:

ސިހުރަކީ އޭގައި ތަފާތު ވައްތަރުތައް އެކުލެވޭ އެއްޗެކެވެ. ސިހުރުވެރީން ސިހުރު ހަދައި އުޅެނީ އެކި ގޮތްގޮތަށެވެ. އެކި ތަންތަނަށެވެ. އެކި ސާމާނު ބޭނުންކޮށްގެނެވެ. މިގޮތުން “ސިހުރުވެރި ދައްޖާލުން” އެބައިމީހުން ސިހުރު ރައްދުކުރަން ބޭނުންވާ މީހާގެ ނަމުގެ އަކުރުތަކުން އެމީހަކަށް އެންމެ ބޮޑަށް ސިހުރުގެ އަސަރުކުރާނީ ކޮންގޮތަކަށްތޯ ދެނެގަނެއެވެ. މިގޮތުން، ނަމުގައި ފެނާއި ގުޅޭ އަކުރުތައް ގިނަވެއްޖެ ނަމަ ސިހުރު ހަދަނީ ފެނުންނެވެ. ނުވަތަ ފެނަށެވެ. މިސާލަކަށް ފެންކިޔަވައި ފެންއެޅުން ފަދަކެމެއް ކުރެއެވެ. ނުވަތަ ސިހުރު ހެދުމަށްފަހު ފެންވަޅަކަށް ނުވަތަ މޫދުފަދަ ފެންގަނޑަކަށް ސިހުރު ލައެވެ.
މިގޮތްތަކުގެ ތެރެއިން ސިހުރުވެރިން ސިހުރުގެ ބާރު ގަދަކޮށް ނުބައިކަން ބޮޑަތި ސިހުރު ހެދުމަށްޓަކައި ޤަބުރުސްތާނު ބޭނުންކޮށްގެން ސިހުރު ހަދައެވެ. މިގޮތުން، ޤަބުރުސްތާނުތެރޭގައި ސިހުރު ވަޅުލުން، ޤަބުރުގައި (މަހާނައިގައި) ސިހުރު ވަޅުލުން ފަދަ ކަންކަން ކުރެއެވެ. ނުވަތަ ގަބުރުސްތާނުން، ނޫންނަމަ މަހާނައެއްގެ މަތިން ވެލި ނަގައިގެން އެވެލީގައި ސިހުރު ހެދުމަށްފަހު ސިހުރު ރައްދުކުރާމީހާއަށް އަސަރުކުރާފަދަ ތަނަކަށް އެވެލި އަޅައެވެ. މިސާލަކަށް އެމީހާ ހިނގާ މަގަކަށް އެމީހަކަށް ފަސޭހައިން އެރޭފަދަ ގޮތަކަށް އެވެލިތައް އަޅާލައެވެ. ބައެއްފަހަރު މައްޔިތާ ވަޅުލުމުގެ ކުރިން ވަޅުތެރެއަށް ތަވީދުފަދަ ތަކެތި ވައްޓާލައެވެ. އަދި ބައެއް ސިހުރުގައި މައްޔިތާ ކަފުންކުރާއިރު ކަފުނުގެ ތެރެއަށްވެސް ސިހުރު ލާއުޅެއެވެ. މިފަދަ ސިހުރުތައް ހަދާއުޅެނީ މީހުން މެރުމަށާއި، ފަނާކުރުމަށާއި ބޮޑަތި ގެއްލުމާއި ހަލާކާއި ވޭންތައް މީހުނަށް ޖެއްސުމާއި ބަލިކުރުވުމަށެވެ. އަދި ލޯބި ޖެއްސުމަށާއި ދެމީހުން ދުރުކުރުވުމަށްވެސް ޤަބުރުސްތާނު ބޭނުންކޮށްގެން ސިހުރު ހަދައެވެ.

ޤަބުރުސްތާނު ބޭނުންކޮށްގެން ހަދާފައިހުންނަ ސިހުރުގެ ޢަލާމާތްތައް:

ގަބުރުސްތާނު ބޭނުންކޮށްގެން ހަދާފައި ހުންނަ ސިހުރު ޖެހުމުން ބަލިމީހާގެ ފަރާތުން ބައެއް ޢަލާމާތްތައް ފެންނާނެއެވެ. މިގޮތުން ޢަލާމާތްތަކުގެ އަލީގައި މިފަދަ ސިހުރެއްތޯ ދެނެގަނެވޭނެފަދަ ބައެއް ޢަލާމާތް ބަޔާންކޮށްލާނަމެވެ.
1- ހަށިގަނޑު ރޫރުއަޅާގޮތްވެ ތުރުތުރު އެޅުން.
2- ހުވަފެނުގައި ޢާއްމުކޮށް ގަބުރުސްތާނު ފެނުން.
3- މަރުވެފައި ތިބޭ މީހުން ޢާއްމުކޮށް ހުވަފެނުގައި ފެނުން.
4- މީހަކު ނުވަތަ ބަޔަކު، ވަޅި ފަދަ އެއްޗަކުން ނުވަތަ އެހެންވެސް ގޮތަކަށް ތިމާ މަރާލަން މަސައްކަތްކޮށް ހަމަލާ ދޭތީ ޢާއްމުކޮށް ހުވަފެނުގައި ފެނުން.
5- ގައިގެ ކަށިތަކުގައާއި ހުޅުހުޅުގައި އާދަޔާ ޚިލާފަށް ރިއްސުން.
6- މެއަށް ބާރުވެ ފިތޭގޮތްވެފައި ހުރުން.
7- ދެއަތާއި ދެފައި ބަނދެވިފައި ހުންނަ ފަދަ އިޙްސާސެއް، އަދި މޭމައްޗާއި ދިމަ ބަނދެވިފައި ހުންނަފަދަ އިޙްސާސެއް، އަދި ބޮލާއިއެކު ދަތްދޮޅި ބަނދެލެވިފައި ހުންނަ ފަދަ އިޙްސާސެއް ކުރެވުން.
8- މީހާ އާދަޔާ ޚިލާފަށް އަނަރޫފަވެ ހަށިގަނޑުން ފެންދެމޭގޮތްވުން.
9- އަވި އަރައިގެން އަންނަ ވަގުތުން ފެށިގެން މެންދުރު އަނބުރަންދެން ގައިން ހޫނު އެރުމާއި، ބޮލުގައި ރިހުންފަދަ އުނދަގޫތައް ބޮޑުވުން.
މިހުރިހާ ޢަލާމަތް އެއްފަހަރާ މީހާކަށް ދިމާނުވެދާނެއެވެ. އަދި އެކި މީހުނަށް އެކި މިންވަރަށް، އަދި މީގެތެރެއިން އެކި ޢަލާމާތްތައް ފެނިދާނެއެވެ. މިގޮތަށް ޢަލާމާތްތައް ފެނިއްޖެ ނަމަ އަދި މިފަދަ ސިހުރެއް ހަދާފައި ހުރިކަމަށް ޝައްކުކުރެވޭ ނަމަ އެކަން ޔަޤީންކޮށް މިފަދަ ސިހުރުތައް ބާޠިލުކުރުމަށް ފަރުވާކުރާށެވެ. މިކަމަށް ފަރުވާކުރުމަށްޓަކައި ޤުރުއާނުގައިވާ މަޤާބިރު އަދި އަވްލިޔާއުގެ އާޔަތްތައް (ޤަބުރާއި ވަލީވެރިންގެ އާޔަތްތައް) ވަރަށްވެސް މަންފާކުރެއެވެ. މިގޮތުން މިއާޔަތްތައް ބޭނުންކޮށްގެން ކުރާނެ ބައެއް ފަރުވާ ބަޔާންކޮށްލާނަމެވެ.

Close Ad XGet My Ruqya Android App On Google Play

ގަބުރުސްތާނު ބޭނުންކޮށްގެން ހަދާފައި ހުންނަ ސިހުރަށް ފަރުވާކުރާނެ ގޮތް:

1- ބަލިމީހާއަށް ޖެހިފައިހުރީ ގަބުރުސްތާނު ބޭނުންކޮށްގެން ހަދާފައި ހުރި ސިހުރެއްތޯ ދެނެގަތުމަށް އަދި އަވަލާފައި ހުރީ ގަބުރުސްތާނުގައި އުޅޭ ޖިންނިއެއްތޯ ބެލުމަށް ބަލިމީހާ ކައިރީ އާޔާތުލް މަޤާބިރު ވަލް އަވްލިޔާއު ކިޔަވާށެވެ. އަދި އެފަދަ ކަމެއް ހުރިނަމަ މިއާޔަތްތައް ކިޔެވުމުން ބަލިމީހާއަށް އުނދަގޫވެ އަތްފައި ތެޅި ތުރުތުރުއެޅުންފަދަ ކަންކަން ދިމާވާނެއެވެ. އަދި މިފަދަ ސިހުރުން އައިސްތިބޭ ޖިންނީންނާއި، ގަބުރުސްތާނުގައި އުޅޭ ޖިންނީންނާއި، ޖިންނީންގެ ތެރެއިން ވަލީވެރިންނަށް އަޅުކަންކޮށް ޤަބުރަށް އަޅުކަންކޮށް އުޅޭ ޖިންނީން ފަޟީޙަތްވެ ހާޒިރުވެދާނެއެވެ.
2- ސިހުރުބާޠިލުގެ މައިގަނޑު ރުޤްޔާ ނުވަތަ އާޔަތްތަކަށްފަހު އާޔާތުލް މަޤާބިރު ވަލް އަވްލިޔާއު ބަލިމީހާ ކައިރީ ކިޔަވާށެވެ. އަމިއްލައަށް ފަރުވާކުރާނަމަ އަމިއްލައަށް ގިނައިން ކިޔަވާށެވެ. ނުވަތަ މިއާޔަތްތަކުގެ އޯޑިއޯ އަޑުއަހާށެވެ.
3- އާޔާތުލް މަޤާބިރު ވަލް އަވްލިޔާއު، (ސިހުރު ޖެހިފައި ހުރިނަމަ ސިހުރުބާޠިލުގެ މައިގަނޑު ރުޤްޔާ ނުވަތަ އާޔަތްތަކާއި އެކު) ފެނަށް ކިޔަވާ އެފެން މުޅި ހަށިގަނޑު ތެމޭގޮތަށް ބޮލަށް އަޅާށެވެ. މިގޮތަށް ކޮންމެ ދުވަހަކު ކަންކުރާށެވެ.
4- ބޯފެނަށް ކުރިން ބުނެވުނުފަދައިން ކިޔަވައިގެން ކޮންމެ ދުވަހަކު އެފެން ބޯށެވެ. ރޭގަނޑާއި ހެނދުނު މިފެން ބޯށެވެ. ފެންފުޅިއަކަށް ކިޔަވާފައި ބަހައްޓައިގެން މިމަގުން ބުއިކަމުގައިވީނަމަވެސް މައްސަލައެއް ނެތެވެ.
5- މިފަރުވާތައް ކޮންމެ ދުވަހަކުވެސް ކުރިއަށް ގެންދާށެވެ. މިގޮތަށް މިއާޔަތްތައް ކިޔެވުމުން ނުވަތަ އަޑުއެހުމުން ކުރާ އަސަރުތައް ކެނޑެންދެން ފަރުވާ ކުރިއަށް ގެންދާނީއެވެ. މާތް ﷲ އިރާދަކުރެއްވިއްޔާ އެފަދަ ސިހުރު ބާޠިލުވެދާނެއެވެ. އަދި ގަބުރުސްތާނުން އައިސްތިބޭ ޖިންނީންނާއި، ޖިންނީންގެ ތެރެއިން ވަލީވެރިންނަށާއި ގަބުރަށް އަޅުކަންކުރާ ޖިންނީން ބަލިވެ ހިނގައިދާނެތެވެ. ނުވަތަ ﷲގެ ވާގިފުޅާއިއެކު އަނދައިގެން ހިނގައިދާނެތެވެ.

ނޯޓް: ފެނަށް ކިޔެވުމުގައި 1 ފަހަރު ކިޔެވިޔަސް މައްސަލައެއް ނެތެވެ. 3 ފަހަރު، 5 ފަހަރު ނުވަތަ 7 ފަހަރު ނުވަތަ އެއަށްވުރެ ގިނައިން ކިޔެވިޔަސް މައްސަލައެއް ނެތެވެ. ޢަދަދު އިޚްތިޔާރުކުރުމުގައި އޮނަހިރި ޢަދަދު އިޚްތިޔާރުކުރުން އެދެވިގެންވެއެވެ. އެހެނީ އޮނަހިރިއަށް މާތްﷲ ލޯބިވެވޮޑިގެންވެއެވެ. ގިނައިން ކިޔެވިވަރަކަށް އަސަރުގަދަވާނެއެވެ. ފެނަށް ކިޔަވާއިރު އަނގައިގެ ވައި ފެނުގެ ތެރެއަށް ދާގޮތަށް ކައިރިކޮށްގެން ކިޔަވާށެވެ. އަދި ކިޔަވާއިރު ރުޤްޔާގެ ކޮންމެ ބައެއް ކިޔެވުމަށްފަހު، ނޫންނަމަ ކޮންމެ އާޔަތެއް ކިޔެވުމަށްފަހު ފެން އެއްޗަށް ފުމެލާނީއެވެ. މިގޮތަށް މުޅި ރުޤްޔާގެ ހުރިހާ ބައިތަކެއް ކިޔަވާނީއެވެ.

އާޔާތުލް މަޤާބިރު ވަލް އަވްލިޔާއު (ސިހުރު ބާތިލުގެ މައިގަނޑު އާޔަތްތަކާއި އެކު)

ޑައުންލޯޑްކުރައްވާ (PDF, 1.2MB)

 

އާޔާތުލް މަޤާބިރު ވަލް އަވްލިޔާއު (އޯޑިއޯ) 

 

އާޔާތުލް މަޤާބިރު ވަލް އަވްލިޔާއު (އޯޑިއޯ ޑައުންލޯޑްކުރައްވާ) 

ޑައުންލޯޑް: Download

ފައިލްގެ ބޮޑުމިން:  6.8 MB

ޑައުންލޯޑްކޮށްފައިވާ ޢަދަދު:  1,039

 

މުޅި އާރޓިކަލްގެ ޕީ.ޑީ.އެފް

ޑައުންލޯޑްކުރައްވާ (PDF, 1.22MB)

 

އާޔަތްތައް: ޝެއިޚް ޚާލިދުލް ޙަބްޝީގެ ވެބްސައިޓުން

ޙިޔާލުފާޅުކުރައްވާ

3 ކޮމެންޓު

  1. Me

    ތިބާއަށް ހެޔޮ ރަހުމަތް ލައްވާށެވެ. އާޔާތުލް މަޤާބިރު ވަލް އަވްލިޔާއުގެ ދިވެހި ތަރުޖަމާ ހިމަނާލިނަމަ މި އާޓިކަލް އިތުރަށް ފުރިހަމަވެގެން ދިޔައީސް.

    1. ވަރަށް ރަނގަޅު ޚިޔާލެއް ކަމުގައި ދަންނަވަން. އަދި އެއާއެކު ދަންނަވާލަން ބޭނުންވޭ، އާޔަތްތައް ހިމަނާލަނީ ރުޤްޔާ ކުރުމުގައި ކިޔަވާ މީހާއަށް ފަސޭހަވާނެގޮތަށް ބަލައިގެން. މިގޮތުން އާޔަތުގެ ތަރުޖަމާ އާޔަތުގެ ފަހަތަށް ލީމައި، ރުޤްޔާ ކިޔަވާ ވަގުތު ވަރަށް އުނދަގޫވާނެ. އެހެންވީމައި ތަރުޖަމާތައް ނުހިމަނަނީ އެއް ފައިލްއެއްގައި. އަދި އާޔަތްތަކުގެ ނަމްބަރުތައް ދެވިފައިވާ އިރު ކޮންމެ ބޭފުޅަކުވެސް ތަރުޖަމާ ބައްލަވައިލެއްވުން ވަރަށް ބޮޑު ކުރިއެރުމަކަށް ވާނެ ކަމުގައި ދެކެން.

  2. ހަސަން

    މާތް ﷲ ތިބާ އާއި ތިބާގެ މަސައްކަތުގައި ޝާމިލުވާ އެނމެނަށް ތެދުމަގުގައި ސާބުތު ކޮށްދެއްވާ ހީވެސް ނުކުރާފދަ ގޮތްގޮތުން ހެޔޮ ޖަޒާ ދެއްވާށިއެވެ. އާމީން.