މިހާ ހިސާބުން ގެއަށް ހަދާފައި ހުންނަ ސިހުރު ބާޠިލުކުރުމަށް ކުރެވިދާނެ ރުޤްޔާތަކާއި، ޢަމަލުކުރެވިދާނެ ގޮތްތައް ބަޔާންކޮށްލާނަމެވެ.
ގެއަށް ހަދާފައި ހުންނަ ސިހުރު ބާޠިލުކުރުމަށް ކުރެވިދާން ރުޤްޔާ ތަކާއި ޢަމަލުކުރަންވީ ގޮތްތައް:
ގެއަށް ސިހުރު ހަދާފައި ހުރިކަމަށް ބެލވޭ ނަމަ، ނުވަތަ އެކަން ފާހަގަވެއްޖެނަމަ އެސިހުރުތައް ނައްތާލައި ބާޠިލުކުރުމަށްޓަކައި ކުރެވޭނެ އެތައް ރުޤްޔާއެއް ވެއެވެ. އަދި ޙާލަތާއި ގުޅޭ ގޮތުން ތަފާތު ކަންކަން ކުރަންވެސް ޖެހިދާނެއެވެ. ވީމާ މިގޮތްތަކުގެ ތެރެއިން، ކޮންމެ ބޭފުޅަކަށްވެސް އަމިއްލައަށް ކޮށްލެވޭނެ މިންވަރުގެ މުހިއްމު ކަންކަން ބަޔާންކޮށްލާނަމެވެ. ގެއަށް ހަދާފައި ހުންނަ ސިހުރަށް ފަރުވާ ކުރުމުގައި މައިގަނޑު ދެޙާލަތެއް ވެއެވެ. އެއީ:
1- ސިހުރު ހުރިތަން ހޯދައި ސިހުރު ނެގުން: މިލިޔުމުގައި ބަޔާންކޮށްފައިވާ ގޮތްތަކުންކުރެ ގޮތަކުން، ސިހުރު އޮތްތަން ހުވަފެނުގައި ޚަބަރު ވެއްޖެ ނަމަ ނުވަތަ ބަޔާންކޮށްފައިވާ އެހެންގޮތަކުންވިޔަސް ސިހުރު ވަކިތަނަކަށް ކޮށްފައި ހުރިކަމަށް ބެލެވިއްޖެނަމަ، އެތަނެއް ކޮނެ އެއްޗެއް އޮތްތޯ ބަލާށެވެ. ފަހެ އެއްޗެއް ނުފެނުނު ނަމަ، އެއެއްޗެއް ވީރާނާވެފައި އޮތީކަމުގައި ވެދާނެއެވެ. ނޫންނަމަ، އެއްޗެއް ވަޅުލުމުގެ ބަދަލުގައި އެތަނަކަށް އެހުރީ ދިޔާ އެއްޗެއް އަޅާފައެވެ. ނުވަތަ ވެލިފަދަ އެއްޗެއް އަޅާފައެވެ. އެހެންކަމުން މިޙާލަތުގައި ރުޤްޔާގެ ބޭނުންކުރާނީއެވެ. ސިހުރެއް ފެނިއްޖެނަމަ އެއްޗެއް ނަގައި ރޫޅާލާށެވެ. އަދި ސިހުރު ބާޠިލުކުރުމަށް ފެނަށް ރުޤްޔާ ކިޔަވާ، އޭގެތެރެއަށް އެއްޗެއްލާށެވެ. އަދި އެއެއްޗެއް ރަނގަޅަށް ހަލާކުކޮށްލާށެވެ. ކަރުދާހުގައި ލިޔެފައިވާނަމަ އަންދާލާށެވެ. މިފަދަ އެއްޗެހީގައި އަތްލާ ހެދުމުގެ ކުރިން ރައްކާތެރިކަމަށްޓަކައި، އާޔަތުލް ކުރިސިއާއި، ސޫރަތުލް އިޚްލާޞް ، ފަލަޤް، ނާސް، ކިޔަވާށެވެ. އަދި މިތަކެތި ރޫޅާ ނައްތާލާއިރުވެސް މިދެންނެވި ފަދައިން ކިޔެވުން އެދެވިގެންވެއެވެ.
2- ސިހުރު ހުރި ވަކި ތަނެއް ފާހަގަ ނުވިނަމަވެސް ގެއިން ސިހުރުގެ ޢަލާމާތްތައް ފެނުން: ސިހުރު ހުރި ވަކި ތަނެއް ފާހަގަ ކުރެވޭ ގޮތް ނުވެ، އެހެންނަމަވެސް ޢަލާމާތްތަކުން ގެއަށް ސިހުރު ޖެހިފައި ހުރިކަން ޔަޤީންވާނަމަ، ނުވަތަ މުޅި ގެއިންވެސް އެކި އުދަގޫ ވާކަން ފާހަގަވާނަމަ ރުޤްޔާގެ ބޭނުންކުރާނީއެވެ.
މިދެންނެވި ކޮންމެ ޙާލަތެއްގައިވެސް، ރުޤްޔާގެ ބޭނުންކުރާށެވެ. އެހެނީ ސިހުރު ފެނިއްޖެނަމަ އެސިހުރު ނެގިތަނަށް ރުޤްޔާ ކިޔަވާ ފެން އަޅަންވާނެއެވެ. އެއީ އެތަނުން އޭގެ އަސަރު މުޅިން ފިލުވާލުމަށްޓަކައެވެ. އަދި ނުފެނުނު ނަމަ ގޭގައި ރުޤްޔާކުރާނީއެވެ. މީގެ އިތުރުން ހަނދާނުގައި ބަހައްޓަންވީ ކަމަކީ، ކުރިންވެސް ބަޔާންކުރިފަދައިން، ފުރަތަމަވެސް، ގެ އިޞްލާޙްކުރާށެވެ. މިކަމުގެ ތަފްސީލް ކުރިން ވާނީ ބަޔާންކޮށްފައެވެ. ރުޤްޔާ ކުރުމުގެ ކުރިން ކޮންމެހެންވެސް އެބައިތައް ބަލައި އެއަށް ޢަމަލުކުރުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ. އެކަންކަން ކުރުމާއިއެކު، ސިހުރު ބާޠިލުކުރުމަށް ކުރާނެ ރުޤްޔާތައް ބަޔާންކޮށްލަމެވެ. ރުޤްޔާއަކީ އިޖްތިހާދީ ކަމަކަށް ވީހިނދު، އަދި އެރުޤްޔާއެއްގައި ޝިރުކާއި ޙަރާމް ކަމެއް އެކުނުލެވޭ ނަމަ އެރުޤްޔާއެއް ހުއްދަކަމުގައި ވެފައި، އިޖްތިހާދެއްގައި ވެސް ހުންނަން ޖެހޭ މިންގަނޑުތަކަށް ފެތޭ ގޮތަށް އަމިއްލަ ތަޖުރިބާއާއި، ހުއްދަ މިންގަނޑުގެ ތެރެއިން ރުޤްޔާތައް ބަޔާންކުރުމަކީ ކުރެވިދާނެ ކަމެއް ކަމުގައި ޤަބޫލުކުރާ ހާލު ދަންނަވާލަން އޮތީ މިބަޔާންކުރާ ކޮންމެ ރުޤްޔާ އަކީވެސް މިދެންނެވި މިންގަނޑުން ބަޔާންކުރާ ރުޤްޔާއެއްކަމެވެ. އެހެންކަމުން ކޮންމެ ރުޤްޔާއަކަށް ވަކީން ޝަރުޢީ ނައްސެއް ނުވަތަ ދަލީލެއް، އޮންނާކަށް ނުޖެހެއެވެ. މިދެންނެވި މިންގަނޑު ތަކުން ބޭރު ނުވާނަމަ މައްސަލައެއް ނެތެވެ.
ރުޤްޔާތައް:
1- ކޮންމެ ދުވަހަކު ގޭގައި ސޫރަތުލް ބަޤަރާ ކިޔެވުން: ދެންފަހެ ސޫރަތުލް ބަޤަރާއަކީ އެންމެ އަސަރުގަދަ އެއް ރުޤްޔާކަން ވަރަށް ސާފެވެ. އެގެއެއްގެގައި ސޫރަތުލް ބަޤަރާ ކިޔެވޭ ގެއަކަށް ޝައިޠާނާ ނުވަންނާނެކަން އެވަނީ ޙަދީޘްފުޅުތަކުން ބަޔާންވެފައެވެ. އަދި މިސޫރަތަކީ ސިޙުރުވެރިންނަށް މިސޫރަތުގެ މައްޗަށް ގަދަނުވެވޭނޭ ސޫރަތެއްކަންވެސް އެމޫރިތި ބަސްފުޅުތަކުގައި އެވަނީ އަންގަވާފައެވެ. އެހެންކަމުން، ގެއަކަށް ސިހުރު ޖެހިއްޖެނަމަވެސް މިސޫރަތް ގޭގައި ގިނައިން ކިޔަވާށެވެ. ގެއަށް ހަދާފައިވާ ސިހުރުތައް ފިލުވާލުމުގެ ނިޔަތުގައި ގޭގެ ހުރިހާ އަހުލުންވެސް ކޮންމެ ދުވަހަކު މިސޫރަތް ކިޔަވާށެވެ. އެކި މީހުން އެކި ވަގުތު ކިޔެވިކަމުގައި ވީނަމަވެސް މައްސަލައެއް ނެތެވެ. ބޭނުމަކީ ގޭ އެންމެންވެސް ކޮންމެ ދުވަހަކު ސޫރަތުލް ބަޤަރާ ކިޔެވުމެވެ. އެއްކޮށް ނުކިޔެވޭނަމަ ކިޔެވުނު މިންވަރަކަށް ކޮންމެ ދުވަހަކުވެސް ކިޔަވާށެވެ. އަނެއް ދުވަހު ނިމުނު ހިސާބުން ފަށައިގެން އަނެއްކާވެސް ކިޔަވާނީއެވެ. މިގޮތަށް މިއުސޫލުން ކިޔެވުން ޝަރުޢު ކުރަނީއެއް ނޫނެވެ. ޝަރުޢުވެގެންވަނީ ގޭގައި ބަޤަރާ ސޫރަތް ކިޔެވުމެވެ. ނަމަވެސް ސިހުރު ޖެހުމުން މިގޮތަށް މިތަރުކީބުން ކިޔެވުމަށް ވަކިން އައިސްފައި ނުވާކަން އިޢުތިޤާދު ކުރަން ޖެހެއެވެ. ނަމަވެސް ރުޤްޔާއެއްގެ ގޮތުން މިއުސޫލުން ކިޔެވިދާނެއެވެ.
2- ސޫރަތުލް ބަޤަރާ ކިޔަވާ ފެންޖެހުން: މުޅި ގެއަށް ސުޕްރޭ ކޮށްލެވޭހާ ފެނަށް، (ގޯތި ތެރެއާއި ގޭގެ ހުރިހާ ތަނަކަށް ޖެހޭހާ ފެން، 5 ލީޓަރު ފެނުން ޢާއްމުކޮށް މިހުންނަ ގެތަކަށް ފުދޭނެއެވެ.) ސޫރަތުލް ބަޤަރާ ކިޔަވާ ފުމޭށެވެ. އެދެވިގެންވަނީ އެއްކޮށް ކިޔެވުމެވެ. ކިޔަވާ ނިމުމުން، މުޅި ގެއަށް އެފެން ސުޕްރޭ ކުރާށެވެ. ނުވަތަ ވިއްސާށެވެ. ގޭ ކަންތަކަށް ގިނައިން އެފެން ޖަހާށެވެ. އަދި ގޭ ހުރިހާ ތަނަކަށާއި ތަކެއްޗަށްވެސް ފެން ސުޕްރޭކޮށްލުމުން، އެތަކެތީގައި ސިހުރުގެ އަސަރުވާނަމަވެސް ﷲގެ އިރާދަފުޅުން އަސަރު ކެނޑިގެންދާނެއެވެ. މިގޮތަށް ގެއަށް ފެންޖެހުމުގައި ގޭގެ އެންމެ އެތެރެއިން ފެށިގެން ބޭރަށް ވާގޮތަށް ފެން ޖަހަމުން ގެންދިއުން އެދެވިގެންވެއެވެ. މިގޮތަށް މަދުވެގެން 7 ދުވަހު ކަންކުރާށެވެ. ނޫންނަމަ ސިހުރުގެ އަސަރު މުޅިން ކެނޑެންދެންވެސް ކުރިއަށް ގެންދާށެވެ.
3- ގޭގައި ބަންގިގޮވުން: “ޣީލާން”އޭ ކިޔުނު ޖިންނީން ފެނިއްޖެނަމަ ބަންގިގޮވުމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަންގަވާފައި ވެއެވެ. ޖާބިރު (ރަޟިޔަﷲ ޢަންހު) ގެ ކިބައިން ރިވާވެގެން ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. (إِذَا تَغَوَّلَتْ بِكُمُ الْغِيلَانُ فَنَادُوا بِالْأَذَانِ) – (إبن السني، باب: إذا تغولت الغيلان، ص: 153، رقم: 524) މާނައީ: “ތިޔަބައިމީހުނަށް ޣީލާން ފާޅުވެއްޖެ ނަމަ ފަހެ ބަންގި ގޮވާށެވެ.”. ޣީލާންއަކީ ޖިންނީންތަކެކެވެ. ބުނެވޭ ގޮތުގައި އެއީ ޖިންނީންގެ ތެރެއިންވާ ސިހުރު ހަދާ ޖިންނީންނެވެ. އަދި އެކި ސިފަސިފައިގައި އެކި ގޮތްގަތަށް މީގެ ޖިންނީން ފާޅުވެއެވެ. ބަންގިގޮވުމުން ޖިންނީން ފިލައި ރައްކާވެއެވެ. ސިހުރުގެ ސަބަބުން ގޭގައި ޖިންނީން އުޅެއެވެ. އެހެންކަމުން ގޭގައި ބަންގި ގޮވައިފި ނަމަ އެފަދަ ޖިންނީންނަށް އުނދަގޫވެ އެތަން ދޫކޮށްފާނެތެވެ. މިއީ އެއްވެސް ޙާލެއްގައި އަޅުކަމުގެ ގޮތުން ގޭގައި ބަންގި ގޮވާ ވާހަކައެއް ނޫނެވެ. ސިހުރުވެރި ޖިންނީންނާއި އެހެނިހެން ޖިންނީން ގެއިން ބޭރުކޮށްލުމުގެ މަޤްޞަދުގައި ބަންގި ގޮވާ ވާހަކައެވެ.
4- އިތުރު ރުޤްޔާ 1: 3 ރޭ ވަންދެން ކޮންމެ ރެއަކު މުޅި ގެއަށް ސުޕްރޭ ކޮށްލެވޭހާ ފެނަށް ސޫރަތުލް ފާތިޙާ 100 ފަހަރު ނުވަތަ އެއަށްވުރެ ގިނައިން ކިޔެވިޔަސް މައްސަލައެއް ނެތެވެ. (ދަންނައެވެ. ޢަދަދަކަށް ކިޔެވުމުގައި އޮންނަން ޖެހޭ އިޢުތިޤާދަކީ، އެއަދަދަކީ އޭގެ ޒާތުގައި އަސަރެއް ކުރުވާނެ އަދަދެއް ނޫންކަމެވެ. ނުވަތަ ޝިފާލިބެނީ، ނުވަތަ އެކަމެއް ހާސިލް ވަނީ ކޮންމެހެން އެއަދަދުން ނޫންކަން ޤަބޫލުކުރުމެވެ. ކޮނެމެއަކަސް އެމައުލޫގެ ތަފްސީލަށް މިލިޔުމުގައި ދިޔުމުގެ ބޭނުމެއް ނެތެވެ.) ދެން އެފެން ކޮންމެ ރެއަކުވެސް މުޅި ގެއަށް ސުޕްރޭ ކުރާށެވެ. ސުޕްރޭ ކުރުމުގައި ކުރިންވެސް ބަޔާންކުރި ގޮތަށް ޢަމަލުކުރާށެވެ. އަދި ދެން ޖެހިގެން އަންނަ 3 ރޭ ސޫރަތުލް މާޢޫން 41 ފަހަރު ނުވަތަ އެއަށްވުރެ ގިނައިން ކިޔަވާ ހަމަ އެގޮތަށް ފެން ޖަހާށެވެ. އަދި 7 ވަނަރޭ، ސޫރަތުލް ޔާސީން 3 ފަހަރު ނުވަތަ އެއަށްވުރެ ގިނައިން ކިޔަވާ ފެން ޖަހާށެވެ. މި ގޮތަށް ހަތް ރެއިން ހަތް ރެއިން ސިހުރުގެ އަސަރު ކެނޑެންދެން ތަކުރާރު ކުރެވިދާނެއެވެ.
5- އިތުރު ރުޤްޔާ 2: ސޫރަތުއް ރަޙްމާންގެ 31 ވަނަ އާޔަތުން 36 ވަނަ އާޔަތަށް 70 ފަހަރު ނުވަތަ އެއަށްވުރެ ގިނައިން،ފެނަށް ކިޔަވާ، ސިހުރު ހުރިކަން ފާހަގަ ކުރެވޭ ތަނަށް އަޅާލާށެވެ. ނުވަތަ ކުރިން ބުނެވުނު ފަދައިން މުޅި ގެއަށް އެފެނުން ސުޕްރޭ ކުރާށެވެ. އާޔަތްތައް:
سَنَفْرُغُ لَكُمْ أَيُّهَ الثَّقَلَانِ ﴿٣١﴾فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ ﴿٣٢﴾ يَا مَعْشَرَ الْجِنِّ وَالْإِنسِ إِنِ اسْتَطَعْتُمْ أَن تَنفُذُوا مِنْ أَقْطَارِ السَّمَاوَاتِ وَالْأَرْضِ فَانفُذُوا ۚ لَا تَنفُذُونَ إِلَّا بِسُلْطَانٍ ﴿٣٣﴾ فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ ﴿٣٤﴾يُرْسَلُ عَلَيْكُمَا شُوَاظٌ مِّن نَّارٍ وَنُحَاسٌ فَلَا تَنتَصِرَانِ ﴿٣٥﴾ فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ ﴿٣٦﴾
6- އިތުރު ރުޤްޔާ 3: ސިޙުރު ބާޠިލުގެ މައިގަނޑު ރުޤްޔާ: ސިހުރު ބާޠިލުގެ މައިގަނޑު ރުޤްޔާ ފެނަށް ކިޔަވާ ސިހުރު ހުރިކަން ފާހަގަވެފައިވާ ތަންތަނަށް ކޮންމެ ރެއަކުވެސް އަޅާށެވެ. ނުވަތަ ކުރިން ބުނެވުނު ފަދައިން މުޅި ގެއަށް ސުޕްރޭ ކުރާށެވެ. ސިހުރު ބާޠިލުގެ މައިގަނޑު ރުޤްޔާ މިލިންކުން ޑައުންލޯޑްކޮށްލެވޭނެއެވެ.
7- އިތުރު ރުޤްޔާ 4: ޚުރޫޖުގެ އާޔަތްތައް: ސިހުރު ބާޠިލުގެ އާޔަތްތަކާއި އެކު ޚުރޫޖުގެ އާޔަތްތައް ފެނަށް ކިޔަވާ ސިހުރު ހުރިކަން ފާހަގަވާ ތަންތަނަށް އަޅާށެވެ. އަދި މުޅި ގެއަށް ކުރިން ބުނެވުނު ފަދައިން ފެން ކިޔަވާ ސުޕްރޭ ކުރާށެވެ. ގޭގައި ޖިންނީން އުޅޭނަމަ، އަދި ޖެއްސުން ކުރާނަމަ (ސިހުރުގެ އަސަރެއް ނެތިވިޔަސް) މިއާޔަތްތައް ކިޔަވާ ފެން ޖަހާށެވެ. އަދި ގޭގައި ގިނައިން މިއާޔަތްތައް ކިޔަވާށެވެ. ﷲގެ ރަޙުމަތުން ސިހުރުގެ އަސަރުތައް ފިލައިގޮސް ޖިންނީންނަށް ކެތްނުވެގެން ހިނގައިދާނެއެވެ.
8- ސިޙުރު ބާޠިލު ކުރުމަށް ކިޔަވާ ރުޤްޔާގެ އޯޑިއޯ ގޭގައި ޖެހުން: ރުޤްޔާގެ އާޔަތްތައް ގޭގައި އަޑުހަރުކޮށް ޕްލޭކުރުމާއި، ސޫރަތުލް ބަޤަރާ ބަންގިއާއިއެކު އަޑުހަރުކޮށް ގޭގައި ޕްލޭ ކުރުމަކީވެސް ގެއަށް ހަދާފައި ހުންނަ ސިހުރު ބާޠިލުކުރުމަށާއި ޖިންނީން ފައްސާލުމަށް ވަރަށްވެސް މަންފާކުރަނިވި ކަމެކެވެ.
މިމިންވަރުން ރުޤްޔާގެ ބައި ފުއްދާލާނަމެވެ. މުޅި ޤުރުއާނަކީވެސް ޝިފާއެވެ. އެހެންކަމުން ގޭގައި ޤުރުއާން ގިނައިން ކިޔެވުމަކީވެސް ގޭގައި ހުންނަ ޝައިޠާނީ އަސަރުތަކާއި، ސިހުރުތަކުގެ އަސަރާއި ޖިންނީން ފިލައި ދާނެ ކަމެއްކަން ދަންނަން ޖެހެއެވެ.
ބަޔާންވެ ދިޔަ ރުޤްޔާތައް ކުރުމުގައި ސަމާލުކަން ދޭންވީ މުހިއްމު ބައެއް ކަންކަން:
1- ހަމައެކަނި ސިހުރު ބާތިލު ކުރުމަށްޓަކައި ބަޔާންކޮށްފައިވާ ރުޤްޔާތައް ކޮށްލުމުން ފުދުނީ ކަމުގައި ނުބަލާށެވެ. ލިޔުމުގައި ކުރިން ބަޔާންކުރި ކަންކަމުގެ މުހިއްމުކަން މާބޮޑެވެ. އެހެންކަމުން ގެ އިޞްލާޙުކުރުމަށްޓަކައި އެކަންކަމަށް ސަމާލުވާށެވެ. އިޚްލާޞްތެރި ޢަމަލެއްކަމުގައިވެ ރުޤްޔާގެ ފައިދާ ބޮޑަށް ކުރާނީ އޭރުންނެވެ.
2- ބަޔާންވެ ދިޔަ ކޮންމެ ރުޤްޔާއެއްވެސް މަދުވެގެން 7 ދުވަހު ކުރާށެވެ. ނަމަވެސް 7 ދުވަހު ކޮށްލުމުން އެނިމުނީ ކަމުގައިވެސް ނުބަލާށެވެ. އުނދަގޫތައް ފިލައި ނުދާނަމަ އެކަންކަން ފިލައި ދަންދެން ތަކުރާރު ކުރާށެވެ. ފަހަރުގައި 7 ދުވަސްވާއިރު އުނދަގޫތައް ކުޑަވެފައި، ނަމަވެސް މުޅިން ނުފިލަފާނެއެވެ. އެހެންކަމުން ހުއްޓައިނުލާ، ރަނގަޅުވަންދެން ކުރިއަށް ގެންދާށެވެ.
3- ގެއަށް ފެންޖެހުމުގައި މަންފާ ހުރި އިތުރު ގޮތެއް ވެއެވެ. ގެއަށް ފެންޖެހުމުގެ، ނުވަތަ ފެން ސުޕްރޭ ކުރުމުގެ ކުރިން ގޭގައިވާ އުދާސްތަކާއި ހޫނުތައް ބޭރުކޮށް ތާޒާކޮށްލުމަކީ ވަރަށް ފައިދާ ހުރިކަމެއްކަން ފާހަގަވެއެވެ. އެހެނީ އޭރުން ޖިންނީންނަށް ގޭގައި ތިބެން އުނދަގޫވެއެވެ. މިގޮތުން، ފެން ޖަހަން ފެށުމުގެ 1 ގަޑިއިރު ކުރިން ގޭގެ ހުރިހާ ދޮރެއް ހުޅުވާލާފައި ބަހައްޓާލާށެވެ. މިގޮތަށް 1 ގަޑިއިރު ބަހައްޓާލުމަށްފަހު ގޭގައި އަޑުހަރުކޮށް ރުޤްޔާ ޕްލޭ ކުރާށެވެ. ސޫރަލުން ބަޤަރާ ޕްލޭ ކުރިޔަސް އެންމެ ރަނގަޅެވެ. ދެން ދޮރުތައް ލައްޕާލާފައި، އަދި ރުޤްޔާ ޕްލޭކޮށްފައި ބަހައްޓައިގެން ފެންޖަހާ ނިންމާށެވެ. މިގޮތަށް ކަންކުރުމުން، ސިހުރުގެ އަސަރު ފިލާ ދިއުން އަވަސްކަން ފާހަގަކުރެވެއެވެ.
4- ސިހުރު ހުރިކަން ބަލިމީހާއަށް އެތަނަކަށް އެރުމުން އުދަގޫވެގެން ފާހަގަ ވެފައިވާ ތަންތަން ރުޤްޔާކޮށް ފެން ޖަހަމުން ދާދުވަސްތަކުގައި ބަލަމުން ގެންދާށެވެ. އެތަންތަނަށް އެރުމުން އަންނަ ބަދަލު ފާހަގަކުރަމުން ގެންދާށެވެ. މިބަދަލުތަކުން އެސިހުރުގެ އަސަރު ކެނޑެމުންދާ މިންވަރު ދެނެގަނެވޭނެއެވެ.
5- ފާހަގަ ވެފައިވާ ތަނަކަށް ފެން އަޅާލުމުން ނުވަތަ ސުޕްރޭ ކުރުމުން އަސަރު ވަކިވަރަކަށް ކުޑަވެ އަނެއްކާ ގަދަވާނަމަ، ނުވަތަ އެވަރެއްގައި ހިފެހެއްޓިފައި ހުރިނަމަ ދެނެގަނަންޖެހޭ އެހެން ކަމެއް އެބައޮތެވެ. އެއީ އެތަނަކަށް އެހުރީ ދިރޭރަހަ ފަދަ ދެމިގެންދާ މައުދަނެއް ބޭނުންކޮށްގެން ސިހުރު ހަދާފައެވެ. ދިރޭރަހަ ބޭނުންކޮށްގެން ހަދާފައި ހުންނަ ސިހުރަކީ އޭގެ އަސަރު ދިރޭރަހަ ބިމުގެ އަޑިއަށް ދާ ހިސާބަށް ފޯރާ ސިހުރުތަކެކެވެ. އަދި ޖިންނީން އެފަދަ ސިހުރު އާކުރާނެއެވެ. ވީމާ މިފަދަ ސިހުރުގެ އަސަރު ކެނޑިގެން ދިއުމުގައި އަސަރު ނުކެނޑުން ނުވަތަ އަސަރު އާވާކަން ފާހަގަކުރެވޭނެއެވެ. ނަމަވެސް ސިހުރުވެރިޔާ ކޮންމެ އެއްޗެއް ގެނައިކަމުގައި ވިޔަސް ސިހުރުވެރިއަކަށް ކާމިޔާބު ނުވާނެކަން ﷲ ވަނީ އަންގަވާފައެވެ. އަދި ﷲ ސިހުރު ބާޠިލުކުރައްވައެވެ. އެހެންކަމުން މިފަދަ ޙާލަތްތަކުގައިވެސް އުއްމީދު އާކުރާށެވެ. އަދި މަސައްކަތް އިތުރުކުރާށެވެ. އޭރުން ކާމިޔާބުވާނެއެވެ.
އަނެއް ގޮތަކީ، ސިހުރު ހުރިކަން އަދި އަސަރު އާވާކަން ނުވަތަ ކުޑަނުވާކަން ފާހަގަ ވެއްޖެ ނަމަ އެތަނެއް އެންމެ ފުނަށް (އާނާ ޖެހެންދެން) ކޮނެލާށެވެ. އަދި ކޮނެފައި ނަގާ ފަސްތައް އުކާލާށެވެ. އަދި އެގޮތަށް ކޮނެފައި ބަހައްޓައިގެން އެތަނަށް ވަކީން ފެން ކިޔަވާ އަޅާށެވެ. އަދި މިފަދަ ތަނަކަށް ސޫރަތުލް ބަޤަރާ ފެނަށް ކިޔެވުމަށްފަހު އެފެން އަޅާށެވެ. ނުވަތަ ސިހުރު ބާޠިލުގެ މައިގަނޑު އާޔަތްތަކާއި އެކު ޚުރޫޖުގެ އާޔަތްތައް ކިޔަވާ ފެން އަޅާށެވެ. މިގޮތަށް ހެދުމުން ރުޤްޔާ ކިޔަވާފައި ހުންނަ ފެނުގެ އަސަރު އެތަނަށް ކުރާލެއް ބޮޑުވެ ސިހުރުގެ އަސަރުތައް ކެނޑިގެން ދެއެވެ.
6- ގޭގައި ހުންނަ ފަރުނީޗަރުފަދަ ތަކެއްޗަށް ސިހުރުގެ އަސަރު ކޮށްފައި ހުރިނަމަ، ނުވަތަ ހުރެދާނެކަމަށް ބެލެވޭ ނަމަ ސުޕްރޭ ކުރާއިރު އެތަކެއްޗަށްވެސް ހަލާކު ނުވާނެ މިންވަރު ބަލައިގެން ފެން ސުޕްރޭ ކޮށްލާށެވެ. އޭރުން އެތަކެތީގައި ހުންނަ ސިހުރުގެ އަސަރު ﷲގެ އިރާދަފުޅާއި އެކު ފިލައިގެންދާނެއެވެ.
7- ސިހުރު ޖެހިފައި ހުރި ތަންތަނަށް ފެން އަޅާއިރު ފެނުގެ ތެރެއަށް ލޮނުއެޅުން، ނުވަތަ ލޮނުފެނަށް ކިޔަވާފައި އެޅުމުން ތާސީރު ބޮޑުކަން ވަނީ ތަޖުރިބާކުރެވިފައެވެ. ލޮނަށް ކިޔަވާ އެޅުމުގައި ބައެއް އިޚްތިލާފްތައް ވެއެވެ. ނަމަވެސް ލޮނުފެނަކީ ވުޟޫކުރުމަށްވެސް ކަމުދާ ނަޖިސް ނޫން ފެންކަމަށްވެފައި ޝިރުކުގެ އިޢުތިޤާދެއްނެތި އޭގެ ތާސީރު ތަޖުރިބާ ކުރެވޭ ކަމަށްޓަކައި ލޮނުފެނަށް ކިޔަވާ ފެން ޖެހުމަކީ މައްސަލައެއް ނޫންކަމުގައި ދެކެމެވެ. ހަމަ އެހެންމެ ފެނުގެ ތެރެއަށް، ސައްބު (މުގުރާފައި)، ކާފޫރު، ކުންނާރުފަތް (ފުނޑާފަ ނުވަތަ ޗަސްކޮށްފައި) އެޅުމުންވެސް ތާސީރު އިތުރުވާކަން ވަނީ ފާހަގަވެފައެވެ. ހަމަ އެފަދައިން ފެނުގެ ތެރެއަށް ވައިޓް މަސްކް، ބްލެކް މަސްކް އެޅުންވެސް އަސަރު ގަދަކަން ފާހަގަވެއެވެ. މީގެ އިތުރުން ފިނިފެން (ރޯސްވޯޓަރ) ވެސް ހަމަ އެފަދައެވެ. ވީމާ މިކަންކަން އިތުރު ކުރުން ވަނީ ތިބާގެ އިޚްތިޔާރުގައެވެ.
8- ގެއަށް ފެން ސުޕްރޭ ކުރާއިރު ގޯތީގެ ވަށައިގެން ވާފާރަށް ވެސް އެތެރެއާއި ބޭރުން ފެން ސުޕްރޭ ކުރާށެވެ. އޭރުން ބޭރު ފާރުގައި ސިހުރު ހަދަމުން ތަޅާހަދާފައި ހުރިނަމަވެސް އެކަމެއްގެ އަސަރު ފަސޭހައިން ފިލާނެއެވެ.
9- ގެއަށް ފެން ސުޕްރޭ ކުރާނަމަ ނުވަތަ ސިހުރު ހުރިކަން ފާހަގަވެފައިވާ ތަނަކަށް ފެންއަޅާއިރު ހުރިހާ ރުޤްޔާއެއް އެއްފަހަރާ ނުކުރާށެވެ. މިދެންނެވީ މިސާލަކަށް ހެނދުނު އެއް ރުޤްޔާ، ހަވީރު އަނެއް ރުޤްޔާ، މިގޮތަށް ނުކުރާށެވެ. ދުވާލު ދެއިރު ފެން އެޅިޔަސް މައްސަލައެއް ނެތެވެ. މިސާލަކަށް ހެނދުނު އެޅުމަށްފަހު ރޭގަނޑުވެސް އެޅިދާނެއެވެ. ނަމަވެސް ދެއިރުވެސް އެއް ރުޤްޔާއެއް ކިޔަވާފައި ފެން އަޅާށެވެ. އެއް ރުޤްޔާއަށް ފަހު އަނެއް ރުޤްޔާ ބޭނުން ކުރާށެވެ. މިސާލަކަށް ފުރަތަމަ 7 ދުވަހު 1 ރުޤްޔާ އަނެއް 7 ދުވަހު އެހެން ރުޤްޔާއެއް ކުރިޔަސް އެންމެ ރަނގަޅެވެ. އަދި މިގޮތުން އެންމެ އަސަރުކުރާކަމަށް ފެނުނު ރުޤްޔާ ތަކުރާރު ކުރެވިދާނެއެވެ. އެދެވިގެންވަނީ ރަނގަޅުވަމުން އަންނަ ނަމަ އެރުޤްޔާއެއް ތަކުރާރުކުރުމެވެ.
10- ގޭގައި ރުޤްޔާތައް ކިޔެވުމުގައި އެކި ފަހަރު އެކި ރުޤްޔާ ކޮނެމް ދުވަހަކު ކިޔެވިޔަސް މައްސަލައެއް ނެތެވެ.
11- ގޭގައި މިޔުޒިކާއި ލަވައިގެ ކަންކަން ނުކުރާށެވެ. އަދި ގެއިން މިޔުޒިކު ސާމާނުތައްވެސް ނެރެލުމަށް ހަނދާންކުރާށެވެ. އަދި ދަންނާށެވެ. އެކަންކަން ހުއްޓާލަނީ ހަމައެކަނި ރުޤްޔާ ކުރުމަށްކަމުގައި ނުހަދާށެވެ. ރުޤްޔާ ކޮށް ނިމުމުންވެސް، އަދި ރަނގަޅުވުމަށްފަހުގައިވެސް އެފަދަ ހުރިހާކަމަކަށް ސަމާލުވެ، ޙަރާމް ތަކެއްޗާއި ކަންކަމުން ގޭތެރެ ސަލާމަތްކުރާށެވެ.
12- ގޭގައި ޛިކުރުކުރުން ގިނަކުރާށެވެ. ބައެއް ބޭފުޅުންނަށް ހީވެފައިވާ ގޮތުގައި ސިހުރު ޖެހުމުން ދެން ޒިކުރުކުރިޔަސް ކުރާނެ ފައިދާއެއް ނެތެވެ. މިއީ މުޅިން ނުބައި ވިސްނުމެކެވެ. ތެކެދެވެ. ރައްކާތެރިކަމަށް ކިޔަވަން ހުރި ދުޢާތަކާއި ޛިކުރުތަކަކީ ބަލިވުމުގެ ކުރިން ކިޔަވަން ހުރި ރައްކާތެރިކަމުގެ ދުޢާއެވެ. ނަމަވެސް ބަލިވުމުން އެދުޢާތަކާއި ޛިކުރުތައް ހުއްޓަންވެސް އަންގަވާފައެއް ނުވެއެވެ. އަދިކިއެއްތަ، ބަލިވުމުން ޛިކުރުކޮށް ދުޢާކުރާ މިންވަރު އިތުރުކުރަންވީއެވެ. އިތުރު ގެއްލުންތަކުން ރައްކާތެރިވެ، ބޮޑަށް ޝައިޠާނާގެ ބާރުކެނޑި ސިހުރުގެ ބާރު ކެނޑެން ފަސޭހަވާނީ އޭރުންނެވެ. ޛިކުރުތަކާއި ދުރުވާ ވަރަކަށް ބާރުލިބޭނީ ޝައިޠާނާއަށެވެ. އިންސާނާގެ ހިތް ﷲގެ ޛިކުރުން އެންމެ ހިނދުކޮޅަކަށް ދުރުވިޔަސް، އެހިނދުކޮޅުގެ ބޭނުން ހިފަން ޝައިޠާނާ ހެވިފައި އަންނާނެއެވެ. އެހެންކަމުން ޛިކުރުކުރުން ގިނަކުރާށެވެ. ނަމާދާއި، ޤުރުއާން ކިޔެވުމާއި، ﷲ ހަނދުމަކުރުން މިއީ އަޅުކަމުގެ އިތުރުން ހަމަ ޛިކުރުވެސް މެއެވެ. ވީމާ މިކަން އަބަދުވެސް ހަނދާން ބަހައްޓާށެވެ.
މިލިޔުން ﷲގެ ވާގިފުޅާއި އެކު މިހާ ހިސާބުން ނިމުމަކަށް ގެނެވުނު އިރު، ގެއަކަށް ހަދާފައި ހުންނަ ސިހުރު ނައްތާލުމާއި، ސިހުރުވެރިން ގެތަކަށް ކުރާ ސިހުރުތަކުގެ ޙަޤީޤްތަތަކާއި، ރައްކާތެރިކުރުމަށް ކުރަންޖެހޭ ކަންކަން ބަޔާންކުރެވިއްޖެއެވެ. މިލިޔުމަކީ މިހާރުގެ ކޮންމެ ގެއަކަށްވެސް މުހިއްމު އަދި އެހާމެ ފައިދާކުރާނެ މިންވަރަށް މަޢުލޫމާތު ހިމަނާލެވުނު ލިޔުމެއްކަމުގައި ދެކެމެވެ. ދުޢާއަކީ ސިހުރާއި ޝައިޠާނީ، އަދި ޖާހިލުކަމުގެ އަނދިރިކަން ވެރިވެފައިވާ ގެތަކަށް މިލިޔުމުގެ ޒަރީޢާއިން އަލިކަން ލިބިގެން ދާނެ މަގު ތަނަވަސްވެގެން ދިއުމެވެ. ގެތަކުގައި ހުރި ޝައިޠާނީ ކަންކަމާއި އަސަރުތައް ފިލުވާލުމަށް ކޮންމެ ގެއެއްގައިވެސް އެގެއެއްގެ އަހުލުންނަށް އަމިއްލައަށް ކޮށްލެވޭނެ ކަންތައްތައް މިލިޔުމުގެ ސަބަބުން އެންމެހާ ފަރާތްތަކަށް ފަހުމްވެގެން ދިއުމެވެ. އަދި މީގެ އެންމެހާ ހެޔޮ ފައިދާ މިކަމުގެ ޙާޖަތް ޖެހިފައިވާ އެންމެހާ ފަރާތްތަކަށް މާތް ﷲ މިންވަރު ކުރެއްވުމެވެ. އަދި އަޅުގެ މިޢަމަލު ޤަބޫލުކުރައްވާ އިޚްލާޞްތެރި ޢަމަލެއް ކަމުގައި ލައްވާށިއެވެ. އާމީން.
ޚުރޫޖުގެ އާޔަތްތައް (ސިޙުރު ބާޠިލުގެ މައިގަނޑު އާޔަތްތަކާއި އެކު)
ޑައުންލޯޑްކުރައްވާ (PDF, 1.62MB)
ސިހުރު ބާޔިލު ކުރުމަށް ކިޔަވާ މައިގަނޑު ރުޤްޔާ
ޑައުންލޯޑްކުރައްވާ (PDF, 418KB)
މުޅި އާރޓިކަލް އެއްކޮށް ޑައުންލޯޑް ކުރައްވާ
ޑައުންލޯޑްކުރައްވާ (PDF, 2.29MB)
(ނިމުނީ)
———————
0 ކޮމެންޓު