ދަރިންނަކީ ދެމަފިރިއަކަށް ލިބޭނެ އެންމެ އަގުބޮޑު ނިޢުމަތެވެ. އެންމެ އަގުބޮޑު އަމާނާތެވެ. ޒަވާޖީ ޙަޔާތެއްގެ އެންމެ ބޮޑު އެއް މަޤުޞަދެވެ. ކައިވެންޏަށްފަހު ކޮންމެ ދެމަފިރިއަކުވެސް އެންމެ ދެކެންބޭނުންވާ ދުވަހަކީ އެދެމަފިރިންނަށް މާތް ﷲގެ ރަޙްމަތުން ދަރިފުޅަކު ލިބޭދުވަހެވެ.
މާތްﷲ އިރާދަކުރެއްވި މީހަކަށް އަވަހަށް ދަރީން ދެއްވައެވެ. އަދި އިރާދަކުރައްވައިފި މީހަކަށް ދަރިން ދެއްވުން ލަސްކުރައްވައެވެ. އަދި އިރާދަކުރެއްވި އަޅަކު އެނިޢުމަތުން މަޙްރޫމްކުރައްވާ އިމްތިޙާންކުރައްވައެވެ. ފަހެ މިއިންކޮންމެ ޙާލަތެއްގައިވެސް މުސްލިމުން ޝުކުރުވެރިވާނޭ ފަރާތަކީ ﷲއެވެ. އަދި އެނިޢުމަތުން މަޙްރޫމްވެފައިވާމީހާ އާދޭސްކޮށް ދެންނެވުމަށްވެސްވަނީ ހަމަ އެންމެ ފަރާތެކެވެ. އެއީ ނެތުމުގެތެރެއިން އިންސާނާ ޚަލްޤުކުރެއްވި މާތްﷲއެވެ.
އަޅުގަނޑުމެންގެ ތެރެއިން ދެމަފިރިއަކަށް މަސައްކަތްކޮށް ދަރިން ނުލިބިއްޖެނަމަ ޑޮކްޓަރުންނަށް ދައްކައި އެކަމަށް ކުރެވެން ހުރި މަސައްކަތްތަކެއް ކުރެއެވެ. ސިއްޙީ މައްސަލައެއް އުޅޭތޯ ބަލާ، ފަރުވާތައް ކުރެއެވެ. މިވަރުންވެސް ކާމިޔާބު ނުވެއްޖެނަމަ އައި.ވީ.އެފް/ޓެސްޓިއުބް ބޭބީ ހަދައިގެންނަމަވެސް ދަރިފުޅަކު ހޯދުމަށް މަސައްކަތް ކުރެއެވެ. އަދި މިގޮތުންވެސް އަންނަނީ ކާމިޔާބުވާފަހަރާއި ނުވާ ފަހަރެވެ.
ޙަޤީޤަތަކީ މިއީކަމުގައިވާއިރު، ދަރިން ނުލިބުމުގައި މެޑިކަލް ސަބަބުތަކުގެ އިތުރުންވެސް ފޮރުވިފައިވާ ޙަޤީޤަތެއްވެއެވެ. އެއީ ފަހަރުގައި ޑަކްޓަރީ ތަހުލީލުތަކުން މެޑިކަލް މައްސަލައެއްގޮތުގައި ކޮންމެވެސް ވަރަކަށް މައްސަލައެއް ފެނުނުކަމުގައި ވިޔަސް، އެކަން ޑޮކްޓަރީ ފަރުވާއިން ޙައްލުނުކުރެވޭފަދަ ކަންތައްތަކެއްވެސް މެދުވެރި ކުރުވަފާނެ ސަބަބެކެވެ. އަދިކިއެއްތަ، އެސަބަބަކީ، މެޑިކަލް އެއްވެސް ސަބަބެއް ފެންނަން ނެތި ހަމައެކަނި އެސަބަބާއި ހުރެ ދަރިން ލިބުމަށް ހުރަސްއެޅޭ ސަބަބެއްކަމުގައިވެސް ވެދާނެއެވެ. ކޮންމެއަކަސް މިފަހަރު މިބަލައިލަނީ މިސަބަބުތަކަށެވެ. ޝައްކެއްވެސް ނެތްގޮތުގައި އެއީ ރޫޙާނީ ބަލިމަޑުކަމެވެ. ޖިންނިއެއްގެ އުނދަގޫ ނުވަތަ މީހެއްގެ އެސްފީނާއާއި ޙަސަދަވެރިކަމާއި ހެދިއެވެ. ނުވަތަ މީހެއްގެ ނުބައިކަމާއި ޙަސަދަވެރިކަން އިންތިހާއަށްގޮސްގެން ހަދާ ސިހުރެއްގެ ސަބަބުންނެވެ. މިލިޔުމުގައި ﷲގެ ރަޙްމަތާއިއެކު މިބަޔާންކުރަނީ މިފަދަ ސަބަބުތަކާއިހުރެ ދަރިން ނުލިބޭނަމަ، ނުވަތަ މާބަނޑުވުމަށްފަހު ދަރިފުޅު ބައިގެންދާނަމަ ކުރާނެ ފަރުވާއެވެ. ﷲ އިރާދަކުރެއްވިއްޔާ މިމަޢުލޫގައި ވަރަށް ތަފްސީލުކޮށް އަދި ފަހުން ލިޔުމެއް ހިމަނާލާނަމެވެ. ނަމަވެސް މިފަހަރު މިގެނެސްދެނީ ވަރަށް ޚުލާސާކޮށެވެ. މިފަދަ މައްސަލަތައް ދިމާވެފައިވާ ފަރާތްތަކަށް ފަސޭހަ ޙައްލެއް ބަޔާންކޮށްދިނުމުގެ ގޮތުން ކުރެވިދާނެ ފަރުވާތައް ބަޔާންކޮށްލުމުގެ ބޭނުމުގައެވެ.
ދަރިން ލިބުމަށް ހުރަސްއެޅޭ މައިގަނޑު ސަބަބުތައް:
1- ސިއްޙީ މައްސަލައެއްގެ ސަބަބުން: ޕޮލިސިސްޓިކް އޯވަރީ، އޯވަރީގައި ސިސްޓު އުފެދުން، ނުވަތަ އެހެންވެސް މެޑިކަލް މައްސަލައެއްގެ ސަބަނުން ދަރިންލިބުމަށް ހުރަސްއެޅެއެވެ. އަދި ބަލިވެއިނުމަށްފަހު ދަރިފުޅު ބައިގެންދެއެވެ. މިފަދަ ކަންކަމަށް ޑަކްޓަރީގޮތުން ހޯދަންޖެހޭ ފަރުވާތައް ހޯދަންވާނެއެވެ. އަދި މިޙާލަތުގައިވެސް ރުޤްޔާކުރުމާއި، ނަބަވީ ބޭސްތައް ބޭނުންކުރުން އެދެވިގެންވެއެވެ.
2- އެސްފީނާގެ ސަބަބުން: އެސްފީނާގެ ސަބަބުން ދަރިން ލިބުމަށް ހުރަސްއެޅެއެވެ. އަދި މާބަނޑުވުމަށްފަހު ދަރިފުޅު ބައިގެންދިއުމަކީވެސް އެސްފީނާގެ ސަބަބުންވެސް ވެދާނެ ކަމެކެވެ.
3- ސިޙުރުގެ ސަބަބުން: ސިހުރުގެ ސަބަބުން ދަރިން ލިބުމަށް ހުރަސްތައް މެދުވެރިވެއެވެ. އަދި ސިހުރުގެ ސަބަބުން އަންނަ ޖިންނީން ރަޙިމުގެތެރެއަށްވަދެ، ފަނިމަރާލުމާއި، ދަރިވައްޓާލުން ފަދަ ކަންކަން ކުރެއެވެ. ސިހުރުގެ ސަބަބުން ދަރިން ލިބުމަށް ހުރަސްއެޅޭކަން ދޭހަވާ ޞައްޙަ ޙަދީޘެއް ބުޚާރީގައި އައިސްފައި ވެއެވެ.
عَنْ أَسْمَاءَ بِنْتِ أَبِي بَكْرٍ رَضِي اللَّهُ عَنْهُمَا أَنَّهَا حَمَلَتْ بِعَبْدِاللَّهِ بْنِ الزُّبَيْرِ بِمَكَّةَ قَالَتْ فَخَرَجْتُ وَأَنَا مُتِمٌّ فَأَتَيْتُ الْمَدِينَةَ فَنَزَلْتُ قُبَاءً فَوَلَدْتُ بِقُبَاءٍ ثُمَّ أَتَيْتُ بِهِ رَسُولَ اللَّهِ صلى الله عليه وسلم فَوَضَعْتُهُ فِي حَجْرِهِ ثُمَّ دَعَا بِتَمْرَةٍ فَمَضَغَهَا ثُمَّ تَفَلَ فِي فِيهِ فَكَانَ أَوَّل شَيْءٍ دَخَلَ جَوْفَهُ رِيق رَسُولِ اللَّهِ صلى الله عليه وسلم ثُمَّ حَنَّكَهُ بِالتَّمْرَةِ ثُمَّ دَعَا لَهُ فَبَرَّكَ عَلَيْهِ وَكَانَ أَوَّلَ مَوْلُودٍ وُلِدَ فِي الإِسْلامِ فَفَرِحُوا بِهِ فَرَحًا شَدِيدًا لأَنَّهُمْ قِيلَ لَهُمْ إِنَّ الْيَهُودَ قَدْ سَحَرَتْكُمْ فَلا يُولَدُ لَكُمْ . (صحيح البخاري » كِتَاب الْعَقِيقَةِ » بَاب تَسْمِيَةِ الْمَوْلُودِ غَدَاةَ يُولَدُ لِمَنْ …/ رقم الحديث: 5072)
މާނައީ: “އަބޫ ބަކްރުގެ ފާނުންގެ ދަރިކަނބަލުން އަސްމާގެފާނު ޢަބްދުﷲ އިބްނު ޒުބައިރާއިގެން މައްކާގައި ބަލިވެއިންނެވިއެވެ. އެކަމަނާ ވިދާޅުވިއެވެ. “ތިމަންކަމަނާ ވިހަންވެފައިވަނިކޮށް (ހިޖުރަކުރެއްވުމަށް) މައްކާއިން ބޭރުވެއްޖައީމެވެ. އަދި މަދީނާއަށް އައިސް ޤުބާގައި މަޑުކުރީމެވެ. ދެން ތިމަންކަމަނާ ޤުބާގައި އިންނަވަނިކޮށް ވިހައިފިއެވެ. ދެން އެދަރިފުޅާއިއެކު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް ދިޔައިމެވެ. އަދި އެދަރިފުޅު ރަސޫލުﷲގެފާނުގެ އުނގުކޮޅަށް ލެއްވީމެވެ. ދެން ކަދުރެއް ގެނައުމަށް އެކަލޭގެފާނު ވިދާޅުވިއެވެ. އަދި ކަދުރު ގެނައުމުން އެކަލޭގެފާނުގެ އަނގަފުޅައް އެކަދުރުލައްވާ ޗިސްކޮށްލެއްވިއެވެ. އަދި އެދަރިފުޅުގެ އަނގަޔަށް ލެއްވެވިއެވެ. އެދަރިފުޅުގެ ބަނޑަށް އެންމެ ފުރަތަމަ ވާޞިލްވެގެންދިޔައީ ރަސޫލުﷲގެފާނުގެ ކުޅުފޮދެވެ. ދެން އަނގައިގައި ކަދުރު ޖައްސަވާ ތަހްނީކުކުރެއްވިއެވެ. އަދި އެދަރިފުޅަށް ބަރަކާތްލެއްވުން އެދި ދުޢާކުރެއްވިއެވެ. އަދި މިއީ އިސްލާމްދީނުގައި އެންމެފުރަތަމަ އުފަންވި ދަރިފުޅެވެ. އެހެންކަމުން މިކަމާއި ވަރަށްބޮޑަށް (މުސްލިމުން) އުފާކުރިއެވެ. އެހެނީ އެމީހުނަށް ޚަބަރު ދެވުނު ގޮތުގައި އެމީހުނަށް (މުސްލިމުންނަށް) ދަރިން ނުލިބޭގޮތަށް ޔަހޫދީން ވަނީ ސިހުރުހަދާފައެވެ.”
މިޙަދީޘުން ދޭހަވާގޮތުން މުސްލިމުން އުފާކުރީ އެތައް ދުވަހެއް ވާންދެން މުސްލިމުންގެ ތެރެއިން ދަރިފުޅަކު އުފަންނުވެ ހުރެފައި، ޔަހޫދީން ހެދި ސިހުރު ފޫއަޅާގޮސް ޢަބްދުﷲ އިބްނު ޒުބައިރު އުފަންވެވަޑައިގަތުމުންނެވެ.
4- ޖިންނި އަވަލުމުގެ ސަބަބުން: ސިހުރަކާއި ނުލާ އަޅައިގަނެފައި ހުންނަ ޖިންނީންގެ އުދަގުލުގެ ސަބަބުންވެސް ބަލިވެއިނުމަށް ހުރަސް އެޅެއެވެ. އަދި ބަލިވެއިނުމަށްފަހު ބައިގެންދެއެވެ.
ދަރިން ލިބުމުގައި މައްސަލަ ދިމާވަނީ ކާކަށް ؟
ފިރިމީހާ ނުވަތަ އަނބިމީހާ ކުރެ ކޮންމެ އެކެއްގެ މައްސަލައެއްގެ ސަބަބުން ނުވަތަ ދެމީހުންގެ މައްސަލަ ހުރުމުގެ ސަބަބުންވެސް ދަރިން ލިބުމަށް ހުރަސްއެޅިދާނެއެވެ. ދެމީހުންކުރެ ކޮންމެ އެކަކަށް ނުވަތަ ދެމީހުނަށްވެސް މަތީގައި ބަޔާންކޮށްފައިވާ ސަބަބުތަކުންކުރެ ސަބަބަކާއި ހުރެ ދަރިން ނުލިބިދާނެއެވެ. އެހެންކަމުން ދެމަފިރިންވެސް ރޫޙާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ކުރަންޖެހޭ ޓެސްޓުތައް ކޮށްފަރުވާ ލިބިގަންނަންވާނެއެވެ.
ރޫޙާނީގޮތުން މައްސަލައެއް އުޅޭކަން އެނގޭނީ ކިހިނެއް؟
ރޫޙާނީ ގޮތުން މައްސަލައެއް އުޅޭކަން ދެނެގަންނާނީ ޢަލާމާތްތަކުންނެވެ. އަދި ރުޤްޔާގެ ބޭނުންކޮށްގެނެވެ. މިގޮތުން ދެމަފިރިންކުރެ، އަންހެނާއަށާއި އަދި ފިރިހެނާއަށް ވެސް ތަފާތު ޢަލާމާތްތައް ކުރިމަތިވެއެވެ.
ރޫޙާނީ ބައްޔެއްގެ ސަބަބުން ދަރިން ލިބުމަށް ހުރަސްއެޅޭނަމަ ނުވަތަ ދަރިފުޅު ބައިގެންދާނަމަ ފެންނާނެ ޢަލާމާތްތައް:
ފިރިހެންމީހާގެ ފަރާތުން ފެންނާނެ ޢަލާމާތްތައް:
1- ޑޮކްޓަރީގޮތުން މައްސަލައެއް ނެތި ސްޕާރމް ކައުންޓް ދައްވުން. އަދި މިގޮތަށް ދިމާވާ ސަބަބު ނޭނގުން. (ނޯޓް: އަންހެނާ މާބަނޑުވެ ދަރިޔަކު އުފެދުމަށްޓަކައި ބޭނުންވަނީ ހަމަ އެންމެ މަނިފަންޏެކެވެ. ނަމަވެސް 1 މިލިލީޓަރުގެ “ސެމެން” ގައި 20 މިލިއަން މަނިފަންޏަށްވުރެ ސްޕާރމް ކައުންޓް ދަށްވެއްޖެނަމަ ދަރިން ލިބުމަށް މައްސަލަތައް ދިމާވުމުގެ ފުރުޞަތު ބޮޑެވެ. ސިހުރުގެ ސަބަބުން ޖިންނި ފިރިހެނާގެ ހަށިގަނޑަށް ވަދެ ޖިންސީ ގުނަވަނުގެ “ޓެސްޓިސް”އަށް / އޮށަށް ޙަމަލާދެއެވެ. މީގެ ސަބަބުން ސްޕާރމް ކައުންޓު ދަށްވެއެވެ. އަދި ބޭރުވާ މަނިފަނި ބަލިކަށިވެއެވެ.)
2- ސިއްޙީ މައްސަލައެއް ނެތި މަނި ބޭރުވުމުގެ ޕްރެޝަރު ދައްވުން.
3- ކުރިމަތިފަރާތުން ދިލަނެގުމާއި ގުނަވަނުގެ ހޫނުގަދަވުން. އަދި ގުނަވަނުގެ ތެރެއިން ހޫނު އިޙްސާސްވުން.
4- ޖިމާޢުވާން އުޅޭވަގުތުގައި ގުނަވަން ހަރުނުވުމާއި، މަނިބޭރުވާއިރު ހޮޅިފިތިފައި ހުންނަކަހަލަ ތަދެއް އިޙްސާސްވުން.
5- ޖިމާޢުވާންއުޅޭއިރު ކުރިމަތިފަރާތައް ތަދުވުމާއި ބަނޑުކޮޅަށް ދަތުވުން.
6- ބޮލުގައި އާދަޔާ ޚިލާފަށް ރިހުން
7- މޭފިތޭގޮތްވުން. ޚާއްސަކޮށް އަޞުރުފަހުން. މިރިހުން ދަންވަރުވާންދެންވެސް ދެމިހުރެދާނެއެވެ. އަދި ދެމިގެން ނުގޮސް އަސުރާއި މަޣުރިބާއި ދެމެދުއާއި ދަންވަރުގަޑީގައިވެސް މިހެން ދިމާވެދާނެއެވެ.
8- ކުރިމަތިފަރާތް އައްސިވުން، ޚާއްސަކޮށް ޖިމާޢުވުމުގެ ވަގުތުއާއި ޖިމާޢުވެ ނިމުމުން.
9- އުނަގަނޑުގެ ތިރީގައި ގަދަޔަށް ރިއްސުން.
10- ޖިމާޢުވާން އުޅުމުން ފޫހިވުން. އެހެންވަގުތުތަކުގައި އެކަމަށް ބޭނުންވިނަމަވެސް ޖިމާޢޫވާން އުޅޭ ވަގުތުގައި ނުވަތަ އަނބިމީހާ ފެނުމުން އެކަމަށް ފޫހިވުން.
އަންހެންމީހާގެ ފަރާތުން ފެންނާނެ ޢަލާމާތްތައް:
1- ބަނޑަށް ފުން ތަދެއްވުން ނުވަތަ ރަޙިމުގައި ރިއްސާކަމުގެ އިޙްސާސްކުރެވުން.
2- ބަނޑުތެރޭގައި އެއްޗެއް ދުވާކަމުގެ އިޙްސާސްވުން.
3- ބަނޑުގެ ތަންތަންކޮޅު ހަރުވެފައި ހުރުން.
4- ކުރިމަތިފަރާތުން ދިލަނެގުން.
5- ކުރިމަތިފަރާތުގެ އެތެރެއަށް ގަދަޔަށް ތަދުވުން. ޚާއްޞަކޮށް ޖިމާޢުވާ ވަގުތުއާއި ޖިމާޢުވުމަށްފަހު.
6- އުނަގަނޑުގެ ތިރީގައި ގަދަޔަށް ރިއްސުން.
7- މައިބަދައިގައި ގަދަޔަށް ރިއްސުން.
8- މޭފިތޭގޮތްވުން. ޚާއްސަކޮށް އަޞުރުފަހުން. މިރިހުން ދަންވަރުވާންދެންވެސް ދެމިހުރެދާނެއެވެ. އަދި ދެމިގެން ނުގޮސް އަސުރާއި މަޣުރިބާއި ދެމެދުއާއި ދަންވަރުގަޑީގައިވެސް މިހެން ދިމާވެދާނެއެވެ.
9- ކުރިމަތިފަރާތް އައްސިވުން، ޚާއްސަކޮށް ޖިމާޢުވުމުގެ ވަގުތުއާއި ޖިމާޢުވެ ނިމުމުން.
10- ޖިމާޢުވާން އުޅުމުން ފޫހިވުން. އެހެންވަގުތުތަކުގައި އެކަމަށް ބޭނުންވިނަމަވެސް ޖިމާޢޫވާން އުޅޭ ވަގުތުގައި ނުވަތަ ފިރިމީހާ ފެނުމުން އެކަމަށް ފޫހިވުން.
11- ސިއްޙީ މައްސަލައެއް ނެތި އޯވަރީގައި ސިސްޓް އުފެދުން. އަދި އުފެދުފައި ހުންނަ ސިސްޓު ބޭސްކުރިނަމަވެސް ފިލައި ނުދިއުން.
12- އެކި އިރުއިރަށް ޚާއްޞަކޮށް އަޞުރުފަހުން ޢީޝާއާއި ދެމެދު އަދި ދަންވަރު ވަގުތު ގަދަޔަށް ބޮލުގައި ރިހުން.
ފަރުވާތައް:
1- ދުޢާކުރުން: މުއުމިނުންގެ އެންމެވަރުގަދަ ހަތިޔާރަކީ ދުޢާކުރުމެވެ. އަދިކިއެއްތަ، ދުޢާކޮށްފިނަމަ އިޖާބަކުރައްވާނެކަން ﷲ ވަނީ އަންގަވާފައެވެ. އެހެންކަމުން ޔަޤީންކަމާއި އެކު ދުޢާކުރާށެވެ. ނަބީބޭކަލުންނާއި ރަސޫލުބޭކަލުން ވަނީ ދަރިން ދެއްވުން އެދި ދުޢާކުރައްވާފައެވެ. ދަރިން ދެއްވުން އެދި ނަބިއްޔުން ކުރެއްވި ދުޢާތަކާއި ޤުރުއާނުގައި އައިސްފައިވާ ބައެއް އެހެން ދުޢާތައް މިތަނުގައި ހިމަނާލާނަމެވެ.
1.1- رَبِّ هَبْ لِي مِن لَّدُنْكَ ذُرِّيَّةً طَيِّبَةً إِنَّكَ سَمِيعُ الدُّعَاء
މާނައަކީ: ” އޭ ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ! އިބަ ރަސްކަލާނގެ ޙަޟްރަތުން ހެޔޮވެގެންވާ ދަރިފަސް ކޮޅެއް ތިމަންކަލޭގެފާނަށް ދެއްވާނދޭވެ! ހަމަ ކަށަވަރުން އިބަ ރަސްކަލާނގެއަކީ އަޅުން ކުރާ ދުޢާ އައްސަވާ ވޮޑިގަންނަވާ ރަސްކަލާނގެއެވެ.” (އާލްޢިމްރާން 38) (މިއީ ޒަކަރިއްޔާގެފާނު ކުރެއްވި ދުޢާއެކެވެ.)
1.2- رَبِّ لَا تَذَرْنِي فَرْدًا وَأَنتَ خَيْرُ الْوَارِثِينَ
މާނައަކީ: ”އޭ ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ! މި އަޅާއީ ދަރިއަކު ނެތް އެކަނި މީހެއް ކަމުގައި ނުލައްވާނދޭވެ! އިބަ ރަސްކަލާނގެއަކީ ހުރިހާ އެއްޗެއް ނެތި ދިއުމަށް ފަހުވެސް ދިރިދެމިވޮޑިގެންވާ ރަސްކަލާނގެއެވެ.” (އަންބިޔާ 89) (މިއީ ޒަކަރިއްޔާގެފާނު ކުރެއްވި ދުޢާއެކެވެ.)
1.3- رَبِّ هَبْ لِي مِنَ الصَّالِحِينَ
މާނައަކީ: ”އޭ ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ! މި އަޅާއަށް ޞާލިޙް ދަރިއަކު ދެއްވާނދޭވެ!” (ޞާއްފާތު 100) (މިއީ އިބްރާހީމްގެފާނު ކުރެއްވި ދުޢާއެކެވެ.)
1.4- رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَامًا
މާނައަކީ: ”އަޅަމެން ހައްދަވައި ބޮޑު ކުރެއްވި ރަސްކަލާކޮއެވެ! އަޅަމެންގެ އަނބިންގެ ކިބައިންނާއި ދަރިންގެ ކިބައިން، ހިތްތައް ހަމަޖައްސާ ދެނިވި ދަރިފަސްކޮޅެއް އަޅަމެންނަށް ދެއްވާފާނދޭވެ! އަދި ތަޤްވާވެރިންނަށް މަގު ދައްކާ ބަޔަކު ކަމުގައި އަޅަމެން ލައްވާފާނދޭވެ! ” (ސޫރަތުލް ފުރްޤާންގެ 74) (މިއީ މުއުމިނުންގެ ބައެއް ސިފަތައް ބަޔާން ކުރައްވަމުން މާތް ﷲ ވަޙީ ކުރެއްވި އާޔަތުގައިވާ ދުޢާއެވެ.)
2. ފަރުޟު ފަސްނަމާދު ވަގުތުގައި އަދާކުރުމާއި ހެނދުނާއި ހަވީރުގެ ދުޢާތަކާއި ޛިކުރުތަކަށް ރައްކާތެރިވުން.
3. ހެނދުނު ގަޑީގައި ޞާއްފާތު ސޫރަތް ކިޔަވާށެވެ. ނުވަތަ އަޑުއަހާށެވެ.
4. ރޭގަނޑު ނިދުމުގެ ކުރިން ސޫރަތުލް މަޢާރިޖް ކިޔަވާށެވެ. ނުވަތަ އަޑުއަހާށެވެ.
5. މިރުޤްޔާ ކޮންމެ ދުވަހަކު މަދުވެގެން 3 ފަހަރު އަމިއްލައަށް ކިޔެވުން. (ދެމަފިރިންވެސް ކިޔެވުން އެދެވިގެންވެއެވެ) ނުވަތަ އަޑުއެހުން. އަޑުއަހާނަމަވެސް ދުވާލަކު 3 ފަހަރު އަޑު އަހާށެވެ.
6. ކަޅުދިރިތެލަށް މިރުޤްޔާ ކިޔަވާށެވެ. އަދި އެތެޔޮ ނިދަންވުމުން ނިތްކުރީގައާއި، މޭގައާއި ބުރަކަށިގެ މައިބަދައިގައި (ސްޕައިން) ގައި އުނގުޅާށެވެ.
7. މާމުޔަށް މިރުޤްޔާ ކިޔަވާށެވެ. އަދި އެމާމުއިން ހެނދުނު ހުސްބަނޑާ ހުރެ 2 ސައިސަމްސާ އަދި ނިދަން ވުމުން 2 ސައިސަމްސާ ބޯށެވެ. އަދި އެއްދާންކުރަން ވުމުންވެސް 2 ސައިސަމްސާ ބުއިން އެދެވިގެންވެއެވެ.
8. ޒައިތޫނި ތެލަށް މިރުޤްޔާ ކިޔަވުމަށްފަހު ކޮންމެ ދުވަހަކު ހެނދުނު މުޅި ހަށިގަނޑުގައި އެތެޔޮ އުނގުޅާށެވެ.
9. ކޮންމެ ދުވަހަކު މިރުޤްޔާ ބަލިމީހާގެ ނިތްކުރީގައި، މޭގައި، އަދި ބުރަކަށީގެ މައިބަދައިގައި އަތް އަޅައިގެން ކިޔަވާށެވެ. މިގޮތުން ފިރިމީހާ އަނބިމީހާއަށް މިގޮތަށް ކިޔަވާނީއެވެ. އަދި އަނބިމީހާ ފިރިމީހާއަށް ކިޔަވާނީއެވެ. އަދި ރާޤީއެއް ލައްވައިވެސް މިކަންކުރެވިދާނެއެވެ. ނަމަވެސް ރާޤީ އަކީ ހިލޭމީހެއްނަމަ (މަޙްރަމެއް ނޫންނަމަ) އަތްނުލާށެވެ. ބަދަލުގައި މަޙުރަމެއް ލައްވައި އަތްލުވައިގެން ކިޔަވާށެވެ.
10. މިފަރުވާތައް ﷲގެ އިރާދަ ފުޅުން ދަރިޔަކު ލިބެންދެންވެސް ކުރެވިދާނެއެވެ. ދަރިޔަކު ނުލިބޭނަމަވެސް މަދުވެގެން 3 މަސްދުވަސް ވަންދެން މިފަރުވާ ކުރިއަށް ގެންދިއުން އެދެވިގެންވެއެވެ.
މާތް ﷲ އަޅުގަނޑުގެ މިމަސައްކަތް ޤަބޫލުކުރައްވައި، މިމަސައްކަތުގައި ބަރަކާތް ލައްވައި، މިއީ ޢިޚްލާޞްތެރި މަސައްކަތެއް ކަމުގައި ލައްވާށިއެވެ. އަދި ދިރިޔަކު ލިބުމުން މަޙުރޫމުވެ މާޔޫސްވެފައިވާ ފަރާތްތަކުގެ ހިތްތަކަށް އުފާވެރިކަން ދެއްވައި، އެބައިމީހުނަށް ޞާލިޙު ދަރީން މިންވަރު ކުރައްވާށިއެވެ. އަދި ސިހުރާއި އެސްފީނާފަދަ ކަންކަމުގެ ސަބަބުން ދަރިން ނުލިބިފައިވާ ފަރާތްތަކަށް މިލިޔުމަކީ ފައިދާދެނިވި އަލިމަގެއްކަމުގައި ލައްވާށިއެވެ. އާމީން. މާތް ﷲ ވަޙީކުރައްވާފައިވެއެވެ.
فَقُلْتُ اسْتَغْفِرُوا رَبَّكُمْ إِنَّهُ كَانَ غَفَّارًا ﴿١٠﴾ يُرْسِلِ السَّمَاءَ عَلَيْكُم مِّدْرَارًا ﴿١١﴾ وَيُمْدِدْكُم بِأَمْوَالٍ وَبَنِينَ وَيَجْعَل لَّكُمْ جَنَّاتٍ وَيَجْعَل لَّكُمْ أَنْهَارًا ﴿١٢﴾ (ސޫރަތުއް ނޫޙް)
މާނައީ: “ފަހެ ތިމަން ކަލޭގެފާނު ވިދާޅުވީމެވެ. ތިޔަބައި މީހުން ހެއްދެވި ރަސްކަލާނގެ ޙަޟްރަތަށް އިސްތިޣްފާރުކޮށް ދަންނަވާށެވެ. ހަމަ ކަށަވަރުންވެސް އެކަލާނގެއީ ފާފަ ފުއްސަވާ ރަސްކަލާނގެއެވެ. އޭރުން އެކަލާނގެ ތިޔަބައިމީހުންނަށް އުޑުން ވާރޭ ފޮނުއްވަވާނެއެވެ. އަދި އެ ކަލާނގެ ތިޔަބައި މީހުންނަށް މުދަލާއި ދަރިން ދެއްވާނެއެވެ. އަދި ތިޔަބައި މީހުންނަށްޓަކާ ބަގީޗާތަކާއި ފެން އާރުތައް ލައްވާނެއެވެ.”
ރުޤްޔާ
ޑައުންލޯޑްކުރައްވާ (PDF, 1.35MB)
މުޅި އާރޓިކަލްގެ ޕީ.ޑީ.އެފް (ރުޤްޔާާއާއި އެކު)
ޑައުންލޯޑްކުރައްވާ (PDF, 1.44MB)
-
1. ދަރިން ނުލިބޭނަމަ އަދި ދަރިފުޅު ބައިގެންދާނަމަ ފަރުވާ ކުރުމަށް އަޑުއަހާ ރުޤްޔާ
42 ނަންބަރު އެއްކޮށް އެއީ 1 ރުޤްޔާތަ. ނޫނީ އެއީ 42 ރުޤްޔާތަ.
ހުރިހާ ނަމްބަރެއް އެއެްކޮށް އެއީ 1 ރުޤްޔާ. ވަކިވަކިން ނަމްބަރު ޖަހާފައި އެހުރީ، ސޫރަތްތަކުގެ އެކި ތަނުން އެކިބައި ނަގާފައި ހުންނާތީ އެބައިތައް ވަކިކުރުމުގެ ގޮތުނެ ބައިތަކުގެ ނަމްބަރު ދީފައި އެވަނީ.
މިލިޔުމުގައިވާ ހުރިހާ ގޮތަކަށް ފަރުވާ ކުރަންޖެހޭނެތަ.. މިބުނީ ..
ކަޅުދިރިތެލަށް ކިޔަވަންވެސް އަދި ޒައިތޫނި ތެލަށް ކިޔަވަންވެސް އޮތީމަ … ތަންކޮޅެއް ތަފްޞީލް ކޮށްދެވިދާނެތޯ
ކަޅުދިރިތެޔޮ ބޭނުންކުރަން އެވަނީ ރޭގަނޑު. އަދި ޒައިތޫނި ތެޔޮ ދުވާލުގެ ވަގުތުގައި. އެހެންވީމާ ދެކަންތައްވެސް ކުރެއްވުން ރަނގަޅުގޮތަކީ.
Mi liyumugaivaa faruva thakun 6.7.8.9. Ge therein kommeves e kameththo kuran jehenee noonee hurihaakame ves komme dhuvahaku kuran tho jehenee.
އެދެވިގެންވަނީ އެހުރިހާކަމެއް ކުރުން. އެއީ މީގައިވާ ރުޤްޔާއިން ފަރުވާ ކުރަންވީ ގޮތް
dharin nulibeny kaakahthw belidhaane ruqyaa eh innaane tw
ދެމަފިރިންވެސް ސިހުރުޖެހިފައި ހުރިތޯ ބެލުމަށް ކުރަން ހުރި ކަންކަން ކޮށްގެން ޔަޤީންކޮށްލުމުން އެނގިގެންދާނެ އިން ޝާ ﷲ. މިވެބްސައިޓުގައި އެކަންކުރާނެގޮތްތައް ބަޔާްންކޮށްފައިވާނެ.
http://spiritualhealersofma.ipage.com/Maithiri/?cat=13
ރުޤްޔާ ކުރުމަށްޓަކައި، ލިސްޓުގައިވާ ކަންތައްތަކުގެ ތެރެއިން ނަންބަރު 5 އިން 9 އަކަށް ހިމެނޭ ހުރިހާ ކަމެއް ކުރަން ކުރަން ޖެހޭތޯ؟
ހުރިހާ ފަރުވާތަކެއްވެސް އެއްކޮށް ކުރުން އެދެވިގެންވާ ފުރިހަމަ ގޮތަކީ.
ޝުކުރިއްޔާ. ވަރަށް ބޭނުންތެރި ލިޔުމެއް!
ހައިޟުގެ ދުވަސްވަރު ރުޤްޔާ މެދުކަނޑާލާށެއްނު ޖެހޭނީ
ނޫން. ޙައިޟުގެ ދުވަސްވަރުވެސް ރުޤްޔާ ކުރެވޭނެ. އަދި އެއީ ރުޤްޔާ ވަރަށް މުހިއްމު ދުވަސްވަރެއް ރޫހާނީ ބަލިތައް ޖެހިފަ ތިބޭ މީހުނަށް . އެހެނީ އެދުވަސްވަރު ޖިންނީްނަށް އެމީހުނާ ކައިރިވާން ފަސޭހަވާނެތީ. ޙައިޟުގެ ދުވަސްވަރުވެސް ދުޢާތަކާއި ޛިކުރުތައްކޮށް ރުޤްޔާގެ ގޮތުގައި ކުރާ ކަންކަން ކުރެވޭނެ.
ޙިތައް އަރަނީ ދެމަފިރިން ކުރެ މީހެއްގެ ކިބައިގަ އެއްވެސް ކަމެއް ނެތިއްޔާ މި ކަން ކުރުން ހުއްދަ ވާނެބާއޭ
މެޑިކަލް ބައްޔެއް ނުވަތަ ސަބަބެއް ފާޅުނުވުން އެއީ ކަމެއް ނެތުމެއް ނޫނެވެ. ގިނަފަހަރަށް އެސްފީނާއާއި ސިހުރުގެ ސަބަބުން މިފަދަ ކަންކަން ދިމާވާއިރު މެޑިކަލް ސަބަބުތައް ފާޅުނުވާނެއެވެ. އެސްފީނާއެއް ސިހުރެއް ނެތްނަމަވެސް ދުޢާކުރެވިދާނެއެވެ.
Mi rug ya ge audio eh libidhaanetho
އިން ޝާ ﷲ ތިމަސައްކަތް ކުރާނަން.
Husband ge sperm count dhakkoh hunna kann medical test thakun dhakkaa ehn v ma mi haalathuga vs mi article gai vaa gothah kanthha kurun rangalhu vaane thoa
ތިދެންނެވި ޙާލަތުގައިވެސް މިފަރުވާ ކުރެވޭނެއެވެ. ދަރިން ނުލިބުމަށް ދިމާވާ ސަބަބުތަކަށް ﷲގެ ރަޙްމަތާއި އެކު ޝިފާލިބިގެންދާނެއެވެ.
މާމުއި،ކަޅުދިރިތެޔޮ އަދި ޒައިތޫނި ތެލަށް މި ރުގަޔާ ކިޔަވަން ޖެހޭ ވަކި އަދަދެއް އޮވޭތޯ؟ އެންމެ ރަގަޅީ ކިތައް ފަހަރު ކިޔެވުން ތޯ؟ އަދި ތިނެއްޗައް އެއްފަހަރާ ކިޔެވި ދާނެތޯ؟
ބޮޑަށް ރަނގަޅީ ކޮންމެ އެއްޗަކަށް ވަކިން ކިޔެވުމެވެ. އަދި ކިޔެވުމުގައި އޮނަހިރި ކޮންމެ ޢަދަދަކަށްވެސް ކިޔެވިދާނެއެވެ. އޮނަހިރިއަށް ﷲ ލޯބިވެވޮޑިގެންވެއެވެ. އެގޮތުން 1 ފަހަރު، 3،5، 7، 9 ،11 … މިމަގުން ކޮންމެ ޢަދަދެއްވެސް އިޚްތިޔާރުކުރެވިދާނެއެވެ.
Husband resort egga hunnanama wife ekani mi rugya kantha kurumakee zege Masaru kuraane kamehthoa?
މައްސަލަ ހުރީ ހަމައެކަނި އަންހެން މީހާގެ ކިބައިގައި ނަމަ އެގޮތަށް ވެސް މައްސަލައެއް ނެތެވެ. އަދި ފިރިމީހާ ރިސޯޓުގައި ހުރިނަމަވެސް އިރުޝާދު ތަކުގައި ބުނެފައިވާ ކަންތައްތަކުގެ ތެރެއިން ކުރެވެން ހުރި ކަންކަން ކުރުން މުހިއްމެވެ.
ސަލާމް…..އަހަރެމެން ދެމަފިރިން އުޅެނީ ދެގައުމުގަ އެވެ.އަންބި މީހާ މިހާރު އިނީ ބަލިވެ ތިން މަހަށެވެ..މި ލިޔުމުގަ ހުރި ވަރައް ގިނަ އުދަގޫ ތައް ވާތީ ރައްޓެއް ސެއްގެ ރަހުމަތް ތެރިއެއް ރުގްޔާ ކުރި ފަހުން މިހާރު މާ ބޮޑައް އުންދަ ގޫ ވާތީ ބުނުމުން ލިބުނު ޖަވާބަކީ ބަންޑައް ހަމަސް ވަންދެން މަޑު ކުރަން ބުނީ.. އަޅުގަންޑު ސާފު ކޮއްލަން ބޭނުމީ މިކަމުގަ އަޅުގަންޑު މެން ދެމަފިރިންނައް ކުރެ ވޭނި ކަމަކީ ކޮބާތޯ؟
ހެނދުނާއި ހަވީރުގެ ދުޢާތަކާއި ޛިކުރުތައް ކިޔެވުން ދޫނުކުރާށެވެ. އަދި ކޮންމެ ދުވަހަކު 1 ފަހަރު ސޫރަތު ޔާސީން ކިޔަވާށެވެ.
މި ރުގިއްޔާ ގެ އޮޑިޔޯ ލިބިދާނެތަ
ރުޤްޔާގެ އޯޑިއޯ މިހާރު ލިޔުމުގެ ތިރީގައި ޑައުންލޯޑްކުރެވެން އިންނާނެއެވެ.