އެސްފީނާގެ ސަބަބުން ކުރިމަތިވެދާނެ ކަންކަމާއި، މިކަންކަމުގެ ފަރުވާ ބެހިގެންވާ ބައިތައް!

ކުރީގެ ލިޔުމުގައި ވާނީ އެސްފީނާ އާއި އަދި ޙަސަދަ އަކީ ކޮބައިކަން ބުނެދީފައެވެ. އެސްފީނާ އަކީ ޙަޤީޤަތެއްކަމާއި ޖެހޭ އެއްޗެއްކަމާއިމެދު އެއްވެސް ޝައްކެއްނެތެވެ. އަދި އެސްފީނާ ޖެހުމުގެ ކުރިން ރައްކާތެރިވުމުގެ ގޮތުން ކިޔަވަންވީ ބައެއް ދުޢާތައްވެސް ވާނީ ބުނެދެވިފައެވެ. އަދިވެސް ބޮޑު ސުވާލު އޮތީއެވެ. އެސްފީނާ ޖެހިއްޖެނަމަ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ އެކަމުގެ ފަރުވާ އަކީ ކޮބައިހެއްޔެވެ؟

ކޮންމެއަކަސް އެސްފީނާއަކީ އެއްގޮތަކުން ބުނާނަމަ ސިޙުރެއްފަދަ އެއްޗެކެވެ. ސަބަބަކީ އެއިން ކޮންމެފަދަ ކަމެއްވެސް މެދުވެރިވެދާނެތީއެވެ. ސިޙުރުން ވާފަދަ ގޮތްތައް އެސްފީނާއިންވެސް ވާތީއެވެ. އެސްފީނާގެ ސަބަބުން މީހާ މަރުވެސް ވެދާނެއެވެ. ނުވަތަ އެނޫން އެހެން ކަމެއްވެސް ކުރިމަތިވެދާނެއެވެ. މިއީ އުންމަތުގެ ޢިލްމުވެރިންގެ ތެރޭގައި ހިމެނޭ މުޢުތަބަރު ޢިލްމުވެރިންކަމުގައިވާ އަލްއިމާމު މާލިކާއި، އަލްއިމާމު ޝާފިޢީ އާއި، އަލްއިމާމު އަޙްމަދު އާއި، މިނޫނަސް މިފަދަ ބޭކަލުން މިކަމުގައި ދެކެވަޑައިގަންނަވާ ގޮތެވެ.

Close Ad X

އެސްފީނާއިން ސަލާމަތްވުމުގެ ނަމުގައި އެކި ތަންތަނުގައި އެކި އެކި ބޯދާ ނުވަތަ ތާކުންތާކުނުޖެހޭ ކަންތައްތައް ކުރެއެވެ. މިގޮތުން ބަލާއިރު އެސްފީނާ ޖެހުނަ ނުދިނުމުގެ ގޮތުން ކުޑަކުދިންގެ
ކަރުގައި ނުވަތަ ބޮޑުމީހެއްގެ ކަރުގައި ނުވަތަ ގައިގާ ތަވީދުވެސް އަޅައެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

(مَنْ تَعَلَّقَ تَمِيْمَةً فَقَدْ أَشْرَكَ)

މާނައަކީ: ” ތަވީދެއް ބަނދެފިމީހާ ޝިރުކު ކޮށްފިއެވެ.“ މިފަދައިންނެވެ.

ބައެއްމީހުން އެސްފީނާއިން ސަލާމަތްވުމަށްޓަކައި މޫދުން ނަގާ ބޮއްޔާއި ރިންދެލިފަދަތަކެތި އައްސައިގެން ކަރުގައި ހާރުއަޅާވެސް ހަދައެވެ. އަދި “ޚަމްސާ” “ވަޚުމައިސާ” ނުވަތަ “އިމްސިކުލް ޙަޝަބް” (ލަކުޑީގައި އަތްލާ) ފަދަ ހިންދީގެ އަޤީދާގެ ތެރެއިން އައިސްފައިވާ ބަސްބަސް ބުނުން. ( ހިންދީން ޤަބޫލުކުރާ ގޮތުގައި ލަކުޑިއަކީ ބަރަކާތްތެރި އެއްޗެކެވެ. މިބަސް ބުނުމުގެ ސަބަބުން އެމީހަކަށް ރައްކާތެރިކަން ލިބޭކަމުގައި ހިންދީން ޤަބޫލުކުރެއެވެ. ). ” ޢައިނުލް ހުސޫދި ފީހާ ޢޫދު ” ފަދަ އެއްވެސް އަސްލެއް ނެތް ބަސްބަސް އެސްފީނާއިން ރައްކާތެރިވުމަށްޓަކައި އެމީހާ ދުއްވާ އުޅަނދުގައި ލިޔުން ފަދަ ކަންކަމަކީ އެކި ކަންކޮޅުތަކުގައި ކުރަމުން އަންނަ، އެއްވެސް މާނައެއް ނެތް ބޭކާރު ކަންތައްތަކެވެ.
އެހެންކަމުން މިފަދަ ކަންކަމުގައި ދީނުގައި އޮތްގޮތަށް ކަންތައްކުރުމަށްވުރެ ވަކި މޮޅުގޮތެއް ނޯންނާނެކަން ކަށަވަރެވެ. އެސްފީނާގެ ސަބަބުން ކުރިމަތިވެދާނެ ކަންތައްތައް މައިގަނޑު ދެބަޔަކަށް ބެހިގެންވެއެވެ. އެއީ:
1. ކުއްލިގޮތަކަށް މީހާގެ ފުރާނައަށް ނުރައްކާވެދާފަދަ ބޮޑެތި ކަންތައްތައް؛ މިސާލަކަށް މަރުވުން/މަރާލުން ނުވަތަ ބިނާތަކާއި، ދަނޑުގޮވާން ފަދަ ތަކެތި ފަނާވެދިއުން؛ މިފަދަ ކަންކަމަށް ފަރުވާއެއްނެތެވެ. ސަޢޫދީއަރަބިއާގެ ރިޔާޒްގެ ކައިރީގެ އަވަށެއްގައި އުޅުނު މީހަކަށް އެހެންމީހެއްގެ ބަކަރިތަކެއް ފެނި އެއަށް އޭނާގެ އެސްފީނާ ޖެހުނު ވާހަކަ ޝައިޚް ޢަބްދުލް ޢަޒީޒް އިބްނު ބާޒް ކިޔައިދެއްވިއެވެ.

އެމީހާގެ ފަރާތުން އެބަކަރިތަކަށް އެސްފީނާ ޖެހުނު ހިނދު، އެހުރިހާ ބަކަރިތައް މަރުވީއެވެ. ބަކަރިތަކުގެ ވެރިޔާ އެތަނަށް އެނބުރި އައިހިނދު އޭނާއަށް ފެނުނީ އޭނާގެ ހުރިހާ ބަކަރިތައް މަރުވެފައި ވަނިކޮށެވެ. އޭނާ، އޭނާގެ ދަރިފުޅުކުރެން އެހިއެވެ. މިތަން ހުރަސްކޮށް ދިޔައީ ކާކު ހެއްޔެވެ؟ ދަރިފުޅު ބުންޏެވެ. އެވެނިމީހާގެ ދަރި މިވެނިމީހާ ފިޔަވައި އެހެން މީހަކު މިތަން ހުރަސްކޮށް ނުދެއެވެ. ދެން އެބަކަރިތަކުގެ ވެރިޔާ އެއްކަލަ މީހާގެ ގާތަށް ދިޔައިރު އޭނާ އަލަށް ކުރަމުން ދިޔަ ޢިމާރާތެއްގެ ފުރާޅުގެ މަސައްކަތެއްގައި އޭނާ އޮތީ ފުރާޅުމަތީގައެވެ. ދެން ބަކަރިތަކުގެ ވެރިޔާ އެމީހާއަށް ގޮވާފައި ބުންޏެވެ. އޭ އެވެނިމީހާގެ ދަރި މިވެނިމީހާއެވެ. ތިބާ އަހުރެމެންގެ ސަރަޙައްދު ހުރަސްކުރަމުން އަހުރެމެންގެ ބަކަރިތަކަށް އެސްފީނާ ޖައްސައި، އެވެނި މިވެނިހެން ހަދައިފީމުއެވެ. އެހެންކަމުން ތިބާގެ ނަފްސުން، ނުވަތަ ތިބާގެ ޢިމާރާތުން އޭގެ ބަދަލު ތިމަންނައަށް ދޭށެވެ! ޢިމާރާތުގެ ވެރިޔާ އޭނާއަށް ބުންޏެވެ. ” ތިމަން ތިރިއަށް ފައިބައްޖައުމަށް ދާންދެން މަޑުކުރާށެވެ! ދެން ޢިމާރާތުގެ ވެރިމީހާ ބިމަށް ފޭބިއެވެ. އެހިނދު ޢިމާރާތް ކުއްލިއަކަށް މުގުރުނެވެ. މިބާވަތުގެ އެސްފީނާއަކީ ވަރަށް ވިހަކަންގަދަ، ފަނާކުރަނިވި އެސްފީނާއެކެވެ. މިފަދަ އެސްފީނާއަށް ފަރުވާއެއް ނުވެއެވެ.

2. ފުރާނައަށް ނުރައްކާ ނުވާޒާތުގެ ކަންތައްތައް؛ މިބާވަތުގެ ކަންތައްތަކުގެ ފަރުވާ ތިން ދަރަޖައަކަށް ބެހިދާނެއެވެ.
(ހ) ޙާދިޘާއެއް ހިނގުމުގެ ކުރިން ވަގުތުން ދެވޭ ފަރުވާ.
(ށ) ޙާދިޡާ ހިނގުމަށްފަހު ލަސްތަކެއްނުވެ ދެވޭ ފަރުވާ.
(ނ) ރުޤްޔާ އާއި އަޛްކާރުގެ އަލީގައި ކުރާ ފަރުވާ.
ހ- ޙާދިޘާއެއް ހިނގުމުގެ ކުރިން ވަގުތުން ދެވޭ ފަރުވާ
މިއީ މީހެއްގެ ފަރާތުން އެސްފީނާއެއް ކުރިމަތިވާހިނދު، ﷲ ގެ ޙަޟްރަތުން އެކަމުގެ ޝިފާއަށް އެދޭޙާލު، އެސްފީނާ ބާޠިލުކޮށްދެއްވުމަށް އެކަލާނގެ ޙަޟްރަތުން އެދޭ އެދުމެވެ. ކޮންމެކަމެއްވެސް ހިނގަނީ ﷲގެ ބާރުފުޅުގެ ތެރެއިންކަން ކަށަވަރެވެ. އަޅުތަކުންނަށް އޮތީ އެކަލާނގެއަށް ދެންނެވުމެވެ. ކީރިތި ރަސޫލާ صلى الله عليه و سلم ވަނީ އިންސާނުން އެދޭ ކޮންމެ ހެޔޮއެއްޗެއްގައި ބަރަކާތްލެއްވުން އެދި ﷲ ގެ ޙަޟްރަތުގައި ދެންނެވުމަށް އަމުރުކުރައްވާފައެވެ. އެކަލޭގެފާނު ޙަދީޘްކުރައްވި ބަސްފުޅެއްގައިވެއެވެ.

إِذَا رَأَى أَحَدُكُمْ مِنْ أَخِيْهِ مَايُعُجِبُهُ فَلْيَدْعُ لَهُ بِالْبَرَكَهِ

މާނައީ: ” ތިޔަބައިމީހުންގެ އަޚެއްގެ ކިބައިން ހިތްއެދޭ އެއްޗެއް ފެންނަހިނދު، އޭނާއަށްޓަކައި އެއެއްޗެއްގައި ބަރަކާތްލެއްވުމަށް ދުޢާކުރާށެވެ! ”
ސަޙްލު އިބްނު ޙަނީފް ރަޟިޔަﷲ ޢަންހު ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ. ﷲ ގެ ރަސޫލާ صلى الله عليه و سلم ޙަދީޘްކުރެއްވިއެވެ.

إِذَا رَأَى أَحَدُكُمْ مَايُعُجِبُهُ فِي نَفْسِهِ أَوْ مَالِهِ فَلْيُبَرِّكْ عَلَيْهِ فَإِنَّ الْعَيْنَ الْحَقٌّ

މާނައީ: ” މީހަކު ޤަބޫލު އެއްޗެއް އޭނާގެ ކިބައިގައި ނުވަތަ އޭނާގެ މުދަލުގައި ވާތަން ފެނިއްޖެނަމަ، އެއެއްޗެއްގައި ބަރަކާތްލެއްވުން އެދި ދުޢާކުރާށެވެ! ހަމަކަށަވަރުން އެސްފީނާއަކީ އޮތް އެއްޗެކެވެ. ”
މި ޙަދީޘްތަކުން ދައްކައިދެނީ އެއެއްޗެއްގައި ބަރަކާތްލެއްވުން އެދި ދުޢާކުރުމުން އެސްފީނާގެ ސަބަބުން އެ އެއްޗަކަށް އެއްވެސް ގެއްލުމެއް ނުވާނެ ކަމެވެ. އެސްފީނާގެ ސަބަބުން ގެއްލުން ލިބެނީ އެ އެއްޗެއްގައި ބަރަކާތްލެއްވުން އެދި ދުޢާނުކުރާނަމައެވެ. މިއީ އަލްޤުރްޠުބީ އާއި، އެހެން ބޭކަލުންވެސް ވިދާޅުވެފައިވާ ގޮތެވެ. އެއްޗެއް ފެނުމުން އެއެއްޗެއްގައި ބަރަކާތް ލެއްވުން އެދުމަކީ ( اللَّهُمَّ بَارِكْ عَلَيْكَ ) ( ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އޭގައި ބަރަކާތް ލައްވައިފާނދޭވެ! ) މިފަދައިން ބުނުމެވެ. އަދި مَا شَاءَ اللهُ ( ﷲ އިރާދަކުރެއްވި ކަމެއް ވާނެއެވެ. ) މިފަދައިންވެސް ބުނުމެވެ. މާތް ﷲ ވަޙީކުރެއްވި ބަސްފުޅެއްގައިވެއެވެ.

وَلَوْلَا إِذْ دَخَلْتَ جَنَّتَكَ قُلْتَ مَا شَاءَ اللَّـهُ لَا قُوَّةَ إِلَّا بِاللَّـهِ ۚ إِن تَرَنِ أَنَا أَقَلَّ مِنكَ مَالًا وَوَلَدًا (سورة الكهف: 39 )

މާނައީ: ” އަދި ތިބާގެ ބަގީޗާއަށް ތިބާ ވަންހިނދު، ﷲ އިރާދަކުރެއްވި ކަމެއް ވާނެޔޭ ބުނިނަމަ ކޮންފަދަ ހެއްޔެވެ! އެއްވެސް ބާރެއް ﷲ ގެ ޙަޟްރަތުން މެނުވީ ނުވެއެވެ. “. މިއީ އެސްފީނާ ޖެހިއްޖެނަމަ ނުވަތަ ޖެހުމުގެ ކުރިން ޢަމަލުކުރަންވީ ގޮތުގެ ކުޑަމިންވަރެކެވެ. އެހެން ލިޔުމެއްގައި މިބައިތަކުގެ ތަފްޞީލު ﷲ އިރާދަކުރެއްވިއްޔާ ލިޔާނެވާހަކަ ދަންނަވަމެވެ. މިލިޔުމަކީ ލޯހުޅުވާލަދޭ، އަދި ބުއްދިއަށް މަންފާކުރާނެ ލިޔުމެއްކަމުގައި ﷲ ލެއްވުން އެދެމެވެ.

ޙިޔާލުފާޅުކުރައްވާ

2 ކޮމެންޓު

  1. އާމިނަތު

    އެސްފިނައިން ސަލާމަތް ވުމަށް ރުޤުޔާ ކުރަން ކިޔަވަންޖެހޭނި ވަކި މީހެއްތޯ؟ އެކަން ކުރުމަށް ވަކި ވަގުތެއް އޮވޭތޯ؟

    1. އެސްފީނާއިން ސަލާމަތްވުމަށްވެސް އަދި އެހެންކަމަކުން ސަލާމަތްވުމަށްވެސް ރުޤްޔާ ކުރަން ޖެހެނީ ވަކި މީހެއްނޫނެވެ. އެންމެ ރަނގަޅީ ބަލިމީހާ އަމިއްލައަށް ކުރެވޭ ޙާލުގައި ހުރިނަމަ ސީދާ ބަލިމީހާ އަމިއްލައަށް ކުރުމެވެ. ނަމަވެސް މިފަދަ ކަންކަން ހުންނަ މީހުނަށް އމިއްލައަށް ފަރުވާ ކުރުމަކީ އުނދަގޫ ކަމެކެވެ. އަދި އެހެން މީހަކު ލައްވާ ކުރާނަމަވެސް ކުރަންވާނީ، ޤުެރުއާނާއި ސުންނަތުގެ އަލީގައި ރުޤްޔާ ކުރާމީހަކު ލައްވައެވެ. ސިޙުރުވެރީން ލައްވައެއްނޫނެވެ.