(ލިޔުއްވީ: އައްޝެއިޚް ޖަޢުފަރު ފާއިޒު)

ޝައްކެއް ނެތްގޮތުގައި ރުޤްޔާ ކުރާ ބަޔަކަށް ނުވަތަ ރުޤްޔާގެ ބޭނުން ކުރާ ބަޔަކަށް އެންމެ މުހިއްމު އަދި އެންމެ ބޮޑަށް އެނގެން ޖެހޭ އެއްޗަކީ ތަވްޙީދު ކަމާއިމެދު ޝައްކެއް ނެތެވެ. އެހެނީ ތަވްޙީދު ނޭނގިއްޖެނަމަ ރުޤްޔާ އަކީ ވަރަށް ފަސޭހައިން މީހާ މަގު އޮޅުވާލަފާނެ އެއްޗެކެވެ. އެމީހާ ދީނުން ބޭރުވުމާ ހަމައަށް ޝައިޠާނާ އެމީހާ ގެންދާ ފަދަ ކަމެކެވެ. އަދި އެކަމުގެ ފުރުޞަތު ބޮޑުކަމެކެވެ. އެހެނީ، ރުޤްޔާ ކުރާ މީހާ އެ ހަނގުރާމަކުރަނީ ސީދާ ޝިރުކާ ދެކޮޅަށެވެ، އަދި ސީދާ ޝައިޠާނާ (ބޮޑު ޠާޣޫތު) އާއި ދެކޮޅަށެވެ. އަދި ކިއެއްތަ ރުޤްޔާ ނުކުރި ކަމުގައި ވިޔަސް ކޮންމެ މުސްލިމަކަށްމެ ތަވްޙީދު އެނގުން ލާޒިމުވެއެވެ. އެހެނީ ތަވްޙީދުން ބޭރުވެއްޖެ މީހާ ވަނީ ދީނުން ބޭރުވެގެންނެވެ. ތަވްޙީދު ނޭނގޭނަމަ ތަވްޙީދުގެތެރޭގައި ހުރެވޭނީ ކޮންފަދައަކުން ހެއްޔެވެ؟

Close Ad XGet My Ruqya Android App On Google Play

ތަވްޙީދުގެ ބައިތަކާއި، އޭގެފައިދާތައް

اللهސުބުޙާނަހޫ ވަތަޢާލާ ރަސޫލުން ފޮނުއްވެވީ ހަމައެކަނި އެއިލާހަށް އަޅުކަންކުރުމަށް މީސްތަކުންނަށް ގޮވާލެއްވުމަށާއި،  އަދި އެ އިލާހު އާއި އެއްވެސް އެއްޗެއް ބައިވެރިކޮށް ޝަރީކުނުކުރުމަށް ގޮވައިލެއްވުމަށެވެ. މިކަމާގުޅޭގޮތުން نحل ސޫރަތުގެ 36ވަނައާޔަތުގައި اللهސުބުޙާނަހޫ ވަތަޢާލާ ވަޙީކުރެއްވިއެވެ.    (وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَّسُولًا أَنِ اعْبُدُوا اللَّهَ وَاجْتَنِبُوا الطَّاغُوتَ ۖ )  މާނައީ: “އަދިހަމަކަށަވަރުން އިސްވެދިޔަ އުންމަތްތަކުގެ ތެރެއިން ކޮންމެ އުންމަތަކަށްމެ ތިމަން އިލާހު ރަސޫލުބޭކަލަކު ފޮނުއްވެވީމެވެ. އެއީ، އެއިން ކޮންމެބޭކަލަކުމެ އެބޭކަލެއްގެ އުންމަތަށް، ހަމައެކަނި   اللهސުބުޙާނަހޫ ވަތަޢާލާ އަށް އަޅުކަންކުރުމަށާއި، އެ އިލާހަށް ކިޔަމަންތެރިވުމަށް އަމުރު ކުރެއްވުމަށެވެ. އަދި اللهސުބުޙާނަހޫ ވަތަޢާލާ ފިޔަވައި އަޅުކަންވެވޭ شيطانންތަކާއި، ބުދުތަކާއި، އަދި އެނޫންވެސް އަޅުކަންވެވޭ ބާޠިލު އިލާހުންތަކަށް އަޅުކަންކުރުމުން ދުރުވެ އެއްކިބާވުމަށް އަމުރުކުރެއްވުމަށެވެ.” (ދަންނައެ! طاغوتއަކީ،  اللهސުބުޙާނަހޫ ވަތަޢާލާ ފިޔަވައި އަޅުކަންވެވޭ އެހެންހުރިހައި ފަރާތެކެވެ.)

رَسُوْلُ اللهِ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ((وَالْأَنْبِيَاءُ إِخْوَةٌ وَدِيْنُهُمْ وَاحِدٌ)) (متفق عليه) މާނައީ: “ހުރިހައި ނަބީބޭކަލުންނީ އަޚުންނެވެ. އަދި އެހުރިހައި ބޭކަލުންގެ ދީނަކީ އެއްދީނެކެވެ.”

تَوْحِيْدُ ބެހިގެންވާ ބައިތައް

تَوْحِيْدُ ބެހިގެންވަނީ ތިން ބަޔަކަށެވެ. އެއީ: تَوْحِيْدُ الرُّبُوْبِيَّة (ތަވްޙީދުއް ރުބޫބިއްޔާ ) އާއި  تَوْحِيْدُ الْأُلُوْهِيَّة (ތަވްޙީދުލް އުލޫހިއްޔާ) އާއި تَوْحِيْدُ الأسماء والصفات (ތަވްޙީދުލް އަސްމާއު ވައް ޞިފާތު) އެވެ.

 تَوْحِيْدُ الرُّبُوْبِيَّة (ތަވްޙީދުއް ރުބޫބިއްޔާ ) ؛ އަކީ، އެއީ الله ސުބުޙާނަހޫ ވަތަޢާލާ ކުރައްވާ ހުރިހައި ކަމެއްގައި އެއިލާހު އެކައުވަންތަ ކުރުމެވެ. އެއީ ޚަލްޤުތަކުން ހެއްދެވުމުގައްޔާއި، تدبيرކުރެއްވުންފަދަ ހުރިހައި ކަމެއްގައެވެ. މިކަމާގުޅޭގޮތުން صافات سورةގެ 5ވަނަ އާޔަތުގައި  الله ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރެއްވިއެވެ.( رَّبُّ السَّمَاوَاتِ وَالْأَرْضِ وَمَا بَيْنَهُمَا وَرَبُّ الْمَشَارِقِ ﴿٥﴾ (  މާނައީ: “އެއިލާހަކީ އުޑުތަކާއި، ބިމާއި، އެދެމެދުގައި ވާހައިތަކެތި ހައްދަވާބޮޑުކުރައްވާ ބަލަހައްޓަވާ އިލާހެވެ. އަދި އިރުހަނދާއި ތަރިތައް އަރާ އޮއްސޭ އުދަރެސްތަކުގެ ވެރި، އަދި އެކަންކަން ތަދުބީރުކުރައްވާ އިލާހު ވެސް މެއެވެ.” އަދި فَاتِحَة سُوْرَةގެ 2ވަނަ އާޔަތުގައި اللهُސުބުޙާނަހޫ ވަތަޢާލާ ވަޙީކުރެއްވިއެވެ.(الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ ﴿٢﴾ ) މާނައީ: “އެންމެހައި تَعْرِيفއާއި ثَنَاء حَقُّވެގެންވަނީ عَالَمތައް ހައްދަވާ ބޮޑުކުރައްވާ ބަލަހައްޓަވާ އިލާހަށެވެ.”

     رَسُوْلُ اللهِޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ((أَنْتَ رَبُّ السَّمَاوَاتِ وَالْأَرْضِ)) (متفق عليه) މާނައީ: “އިބަ އިލާހީ އުޑުތަކާއި ބިން ހައްދަވާބޮޑުކުރައްވާ ބަލަހައްޓަވާ އިލާހެވެ.”

 تَوْحِيْدُ الْأُلُوْهِيَّة (ތަވްޙީދުލް އުލޫހިއްޔާ)؛ އަކީ، އެއީ ހުރިހައި އަޅުކަމެއް ހަމައެކަނި اللهސުބުޙާނަހޫ ވަތަޢާލާ އަށް خاصّކޮށް خالصކުރުމެވެ. އަދި ދުޢާކުރުމާއި، ނަދުރުބުނުމާއި، ކަތިލުމާއި، މިނޫންވެސް އެންމެހައި އަޅުކަންތަކުގައި އެ އިލާހާ އެއްވެސް އެއްޗެއް شريك ނުކުރުމެވެ. މިކަމާގުޅޭގޮތުން بقرةسورةގެ 163ވަނަ އާޔަތުގައި اللهސުބުޙާނަހޫ ވަތަޢާލާ ވަޙީކުރެއްވިއެވެ.          (وَإِلَـٰهُكُمْ إِلَـٰهٌ وَاحِدٌ ۖ لَّا إِلَـٰهَ إِلَّا هُوَ الرَّحْمَـٰنُ الرَّحِيمُ ﴿١٦٣﴾ )  މާނައީ: “އޭ މީސްތަކުންނޭވެ!  ތިޔަބައިމީހުންގެ އިލާހަކީ ހަމައެންމެ އިލާހެކެވެ. އެ އިލާހީ، އެ އިލާހުގެ ޒާތުފުޅާއި، އިސްމުފުޅުތަކާއި، ސިފަފުޅުތަކާއި، ކުރައްވާ ކަންތައްތަކުގައި، އެއްކައުވަންތަ އިލާހެވެ. އަޅުތަކުންކުރާ ހުރިހައި އަޅުކަމެއްކުރުން ޙައްޤުވެގެންވަނީ ހަމައެކަނި އެ އިލާހަށެވެ. އެ އިލާހު ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އެއްވެސް އެހެން އިލާހަކުނުވެއެވެ. އެ އިލާހީ الرَّحْمَنއެވެ. އެ އިލާހުގެ ޛާތުފުޅާއި، އެންމެހައި ޚަލްޤުތަކުންނާމެދު ކުރައްވާ ކަންތަކުގައި رحمةގެ ސިފަފުޅުން އެ އިލާހު ސިފަ ލިބިވޮޑިގެންވެއެވެ. އަދި އެ އިލާހީ الرَّحِيْمއެވެ. އާދެ! އިލާހަކީ خاصّކޮށް مؤمنންނަށް رحمةލައްވާ އިލާހެވެ.”

     رَسُوْلُ اللهِޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. ((فَلْيَكُنْ أَوَّلُ مَا تَدْعُوْهُمْ إِلَيْهِ شَهَادَةَ أَنْ لَا إِلَهَ إِلَّا اللهُ)) (متفق عليه) މާނައީ: “ފަހެ، اللهސުބުޙާނަހޫ ވަތަޢާލާ ފިޔަވައި ޙައްޤުވެގެން އަޅުކަމެއްވެވޭ އެއްވެސް އެހެން އިލާހަކު ނުވާކަމުގައި ހެކިވުމަށް، އެމީހުންނަށް دعوةދީ ގޮވުމަކީ، އެންމެފުރަތަމަ ކަމެއްކަމުގައި ތިބާހަދާށެވެ. “އަދި بخاريގެ އެހެން ރިވާޔަތެއްގައި ވެއެވެ. ((إِلَى أَنْ يُوَحِّدُوا اللهَ)) މާނައީ: “އެމީހުން اللهސުބުޙާނަހޫ ވަތަޢާލާ ގެ އެއްކައުވަންތަކަން ޤަބޫލުކޮށްފުމަށް ދާނދެނެވެ.”

تَوْحِيْدُ الأسماء والصفات (ތަވްޙީދުލް އަސްމާއު ވައް ޞިފާތު)؛ އަކީ، اللهސުބުޙާނަހޫ ވަތަޢާލާ ގެ އިސްމުފުޅުތަކާއި ސިފަފުޅުތަކުގައި އެއިލާހު އެއްކައުވަންތަ ކުރުމެވެ. އެއ،ީ اللهސުބުޙާނަހޫ ވަތަޢާލާ އެ އިލާހުގެ ކަލާމްފުޅ، ކީރިތި ޤުރުއާނުގައި އެ އިލާހުގެ ޒާތުފުޅަށް، އެސިފަފުޅަކުން ސިފަލިބިވޮޑިގެންވާކަމުގައި ސާބިތުކުރައްވާފައިވާ ކޮންމެ ސިފަފުޅެކެވެ. އަދި އެސިފަފުޅަކުން އެ އިލާހު ސިފަލިބިވޮޑިގެންވާކަމުގައި އެއިލާހުގެ ރަސޫލާ محمدޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޞައްޙަ ޙަދީޘްތަކުން ސާބިތުވެ އެނގެންހުރި ސިފަފުޅުތަކެވެ. އަދި މިސިފަފުޅުތައް ސާބިތުކުރާނީ، تَأْوِيْلُ ކުރުމެއް، تَجْسِيْمُ ކުރުމެއް، تَمْثِيْلُ ކުރުމެއް، تَعْطِيْلُ ކުރުމެއް، އަދި تَكْيِيْفُ ކުރުމެއް ނެތިއެވެ. އެފަދަ ސިފަފުޅުތަކުގެ ތެރޭގައި، عرش މަތީގައި އެ އިލާހު ވޮޑިގެންވުމާއި، ދުނިޔޭގެ އުޑަށް ނާޒިލުވެވޮޑިގެންނެވުމާއި، އެ އިލާހަށް وجهފުޅާއި، އަތްޕުޅާއި، އަދި މިނޫންވެސް ސިފަފުޅުތައް ވާކަމަށް އީމާންވުމެވެ. މިހުރިހާ ސިފަފުޅުތައްވަނީ އެ އިލާހުގެ ޒާތުފުޅުގެ ފުރިހަމަކަމާއި، عَظْمَة ތެރިކަމާ، މަތިވެރިކަމާ އެކަށޭނަ ގޮތުގައެވެ. މިކަމާގުޅޭގޮތުން شورى سورةގެ 11ވަނަ އާޔަތުގައި اللهސުބުޙާނަހޫ ވަތަޢާލާ ވަޙީކުރެއްވިއެވެ.     (لَيْسَ كَمِثْلِهِ شَيْءٌ ۖ وَهُوَ السَّمِيعُ الْبَصِيرُ ﴿١١﴾)   މާނައީ: “اللهސުބުޙާނަހޫ ވަތަޢާލާ އެ އިލާހުގެ ޒާތުފުޅާއި، އިސްމުފުޅުތަކާއި، ސިފަފުޅުތަކާއި، ކުރައްވާކަންތަކާއި، އަދި އެނޫން ހުރިހާ ކަމެއްގައިވެސް އެ އިލާހުގެ خلقތަކުންގެ ތެރެއިން އެއްވެސް مخلوقއަކާ އެ އިލާހު ވައްތަރުވެ އެއްގޮތްވެގެނެއް ނުވެއެވެ. ޝައްކެއްނެތެވެ! އެ އިލާހުގެ ކޮންމެ ސިފަފުޅަކީވެސް އެ އިލާހުގެ ޒާތުފުޅާއި އެކަށޭނަ އެންމެ ފުރިހަމަ ސިފަފުޅެކެވެ. އެންމެހައި مَخْلُوْقُން ހައްދަވައި، ވުޖޫދަށް ނެރުއްވަނީ އެ އިލާހެވެ. މިއިން އެއްވެސްކަމެއްގައި اللهސުބުޙާނަހޫ ވަތަޢާލާއާއި އެ އިލާހުގެ مَخْلُوْقُންނާއި އެއްފަދަވެ އެއްވައްތަރު ވެގެނެއްނުވެއެވެ. އެ އިލާހީ އައްސަވާވޮޑިގެންވާ ބައްލަވާވޮޑިގެންވާ ރ އިލާހެވެ. އެ އިލާހުގެ خلقތަކުން ދައްކާ ވާހަކަތަކާއި ކުރާކަންތަކުގެ ތެރެއިން އެއްވެސްކަމެއް އެ އިލާހަށް ފޮރުވި ވަންހަނާވެގެނެއް ނުވެއެވެ. އެހުރިހައިކަމަކަށް އެ އިލާހު އެމީހުންނަށް ޖަޒާ ދެއްވާނެތެވެ.”

     رَسُوْلُ اللهِޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ((يَنْزِلُ رَبُّنَا فِيْ كُلِّ لَيْلَةٍ إِلَى سَمَاءِ الدُّنْيَا …)) (رواه مسلم) މާނައީ: “އަޅަމެން ހައްދަވާބޮޑުކުރައްވާ ބަލަހައްޓަވާ އިލާހު ކޮންމެރެއަކު ދުނިޔޭގެއުޑަށް ނާޒިލުވެވޮޑިގަންނަވައެވެ.” އެ އިލާހު ނާޒިލުވެވޮޑިގަންނަވަނީ، އެ އިލާހުގެ عظيمةތެރިކަމާއި، މަތިވެރިކަމާއި އެކަށީގެންވާ ފުރިހަމަގޮތުގައެވެ. މިފަދަ އެއްވެސްކަމެއްގައި، خلقތަކުންގެ ތެރެއިން އެއްވެސް مخلوقއަކާ އެ އިލާހާ އެއްގޮތްވެ އެއްވައްތަރުވެގެނެއް ނުވެއެވެ.

اللهސުބުޙާނަހޫ ވަތަޢާލާ އަށް އިސްތަވާ ގެ ސިފަފުޅު ޘާބިތުކުރުން

اللهސުބުޙާނަހޫ ވަތަޢާލާ ވޮޑިގެންވަނީ عرشމަތީގައެވެ. عرشވަނީ ހަތްވަނައުޑުގެ މަތީގައެވެ. މިކަމާގުޅޭގޮތުން طه سورةގެ 5ވަނަ އާޔަތުގައި اللهސުބުޙާނަހޫ ވަތަޢާލާ ވަޙީކުރެއްވިއެވެ. ( الرَّحْمَـٰنُ عَلَى الْعَرْشِ اسْتَوَىٰ ﴿٥﴾ )  މާނައީ: “رَحْمَنވަންތަ އިލާހު، عرشމަތީ އެ އިލާހުގެެ عظيمةތެރިކަމާއި، މަތިވެރިކަމާއި އެކަށީގެންވާގޮތުގައި ވޮޑިގެން ވެއެވެ.”

     رَسُوْلُ اللهِޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ((إِنَّ اللهَ كَتَبَ كِتَابًا قَبْلَ أَنْ يَخْلُقَ الخَلْقَ فَهُوَمَكْتُوبٌ عِنْدَهُ فَوْقَ الْعَرْشِ)) (مُتَّفَقٌ عَلَيْهِ) މާނައީ: “ހަމަކަށަވަރުން اللهސުބުޙާނަހޫ ވަތަޢާލާ ފޮތެއް ލިއުއްވިއެވެ. އެފޮތްވަނީ އެ އިލާހުގެ حضرةގައި عرشމަތީގައެވެ.”

اللهސުބުޙާނަހޫ ވަތަޢާލާ  އެއިލާހުގެ ޚަލްޤުތަކުންނާ އެކު ވޮޑިގެންވާގޮތް

اللهސުބުޙާނަހޫ ވަތަޢާލާ، އެ އިލާހުގެ ޢިލްމުފުޅާއިގެން ވޮޑިގެންވަނީ އަހަރެމެންނާ އެކުގައެވެ. އަހަރެމެން ދައްކާވާހަކަތައް އެ އިލާހު އައްސަވާ ވޮޑިގެންވެއެވެ، އަދި އަހަރެމެން ކުރާކަންތަކަށް ބައްލަވައި ވޮޑިގެންވެއެވެ. މިކަމާގުޅޭގޮތުން طه سورةގެ 46ވަނަ އާޔަތުގައި اللهސުބުޙާނަހޫ ވަތަޢާލާ ވަޙީކުރެއްވިއެވެ. ( قَالَ لَا تَخَافَا ۖ إِنَّنِي مَعَكُمَا أَسْمَعُ وَأَرَىٰ ﴿٤٦﴾ )  “ސަލާމާއި ޞަލަވާތްލެއްވި مُوْسَىޢަލައިހިއް ސަލާމް އާއި هَارُونޢަލައިހިއް ސަލާމްއާއި، ދެބޭކަލުންނާ مخاطب ކުރައްވައި اللهސުބުޙާނަހޫ ވަތަޢާލާ ވަޙީކުރެއްވިއެވެ. ތިޔަދެބޭކަލުން فرعونއާމެދު ބިރުފުޅުގެންވަޑައި ނުގަންނަވާށެވެ. އެހެނީ، ހަމަކަށަވަރުން ތިމަން އިލާހު ވޮޑިގެންވަނީ ތިޔަދެބޭކަލުންނާ އެކުގައެވެ. ތިޔަދެބޭކަލުން ދައްކަވާވާހަކަ ތިމަން އިލާހު  އައްސަވާ ވޮޑިގެންވަމެވެ. އަދި ތިޔަދެބޭކަލުން ކުރައްވާ ކަންތަކަށް ބައްލަވާ ވޮޑިގެންވަމެވެ.”

     رَسُوْلُ اللهِޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ((إِنَّكُمْ تَدْعُوْنَ سَمِيْعًا قَرِيْبًا وَهُوَ مَعَكُمْ)) (رَوَاهُ مُسْلِمْ) މާނައީ: “ހަމަކަށަވަރުން ތިޔަބައިމީހުން ދުޢާކޮށް ދަންނަވަނީ އައްސަވާވޮޑިގެންވާ އަދި ކުއްތަންވެވޮޑިގެންވާ އިލާހަށެވެ. އެ އިލާހުގެ عِلْمُފުޅާއިގެން  ވޮޑިގެންވަނީ ތިޔަބައިމީހުންނާއެކުގައެވެ.”

(….ނުނިމޭ…)

ޙިޔާލުފާޅުކުރައްވާ

0 ކޮމެންޓު