މުރާޖަޢާ ކުރެއްވީ: އައްޝެއިޚް އަޙްމަދު ސަމީރު ބިން އިބްރާހީމް
ރުޤްޔާ ކުރުމަކީ އެކަމުގައި ނުހަނު ރައްކާތެރިވާން ޖެހޭ ކަމެކެވެ. އަދި ޝަރުޢީ ގޮތުން ވަރަށް ގިނަ ކަންކަމުގައި ހިފަންޖެހޭ ކަމެކެވެ. ކަންމިހެން އޮތްއިރު ޢާއްމުކޮށް ރުޤްޔާ ކުރުމުގައި ގިނަ މީހުން ފައިދާ ހުރިގޮތެއްކަމުގައި ދެކި، އަދި ފަރުވާ ލިބުމުގައި އަސަރު ހުރި ކަމެއްކަމުގައި ބެލެވޭތީ، އަދި އެކަން އެގޮތަށް ސާބިތުވެފައިވާތީ ހިލޭ އަންހެނަކަށް ވިޔަސް އަދި ފިރިހެނަކަށް ވިޔަސް ރުޤްޔާ ކުރާއިރު، ބޮލުގައި ހިފަހައްޓައެވެ. އަދި ބައެއް ފަހަރު ޝައިޠާނާ ހަށިގަނޑަށް ވަދެ ތެޅިފޮޅި، ނުހިފެހެއްޓޭ ހިސާބަށް ދިއުމުން އަތުގެ ކުޑަހުޅާއި، ފައިގެ ކުޑަހުޅުގައި ހިފަހައްޓާ ކިޔަވައެވެ. މިގޮތަށް މިކަން ކުރުމުގައި ވެވިފައިވާ ތަޖުރިބާއަކީ އެގޮތަށް ހެދުމުން ޖިންނިއަށް ބޮޑަށް ތަކުލީފުވެ އޭގެ ބާރު ދަށްވެ އެސޮރަށް ކިޔަމަންވާން މަޖުބޫރުވުމެވެ. ޢިލްމުވެރިންވެސް އެއްބަސް ވެލައްވާ ގޮތުގައި ރުޤްޔާ ކުރާއިރު އަތްލުމަކީ އަސަރު ހުރި ކަމެކެވެ. އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިފަދަ ޢިޝާރާތެއްވެސް ދެއްވާފައި ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅުކުރެއްވިއެވެ.
ضَعْ يَدَكَ عَلَى الَّذِي يَأْلَمُ مِنْ جَسَدِك ، وَقُلْ : بِسْمِ اللَّهِ , ثَلاثَ مَرَّاتٍ ، وَقُلْ : سَبْعَ مَرَّاتٍ : أَعُوذُ بِعِزَّةِ اللَّهِ وَقُدْرَتِهِ مِنْ شَرِّ مَا أَجِدُ وَأُحَاذِرُ ” (صحيح ابن حبان)
މާނައީ:” ތަދުވާ ތަނުގައި އަތް އަޅާށެވެ. އަދި بِسْمِ اللَّهِ 3 ފަހަރު ކިޔަވާ ށެވެ. އަދި 7 ފަހަރު أَعُوذُ بِعِزَّةِ اللَّهِ وَقُدْرَتِهِ مِنْ شَرِّ مَا أَجِدُ وَأُحَاذِرُ ކިޔަވާށެވެ.”
މިޙަދީޘްފުޅުން އެނގޭގޮތުގައި ތަދު ކެނޑުވުމަށްޓަކައި ތަދުވާ ތަނުގައި އަތްއެޅުމަށް ފަހު ކިޔަވަން އައިސްފާ ވުމުން އެނގެނީ އޭގައި އިތުރު މަންފާތަކެއް ވާކަމެވެ. އަދި އެއީ ފަރުވާ ކުރުމުގައި އަސަރުކުރުވާ ކަމެއް ކަމެވެ.
ރާޤީއެއް ރުޤްޔާ ކުރާޙާލުގައި، ހިލޭ އަންހެނަކަށް ރުޤްޔާ ކުރާނަމަ ރުޤްޔާ ކުރަން ޖެހެނީ މަޙްރަމެއްގެ ހާޒިރުގައެވެ. އެހެނީ ހިލޭ އަންހެނަކާއި ފިރިހެނަކު އެކަހެރިވުން ވަނީ ޙަރާމްވެގެންނެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. (لَا يَخْلُوَنَّ رَجُلٌ بِامْرَأَةٍ إِلَّا مَعَ ذُي مَحْرَمٍ) [رواه البخاري كتاب: النكاح / باب: لا يخلون رجل بامرأة… / رقم: ٥٢٣٣]
މާނައީ: “މަޙްރަމަކާއެކު މެނުވީ ހިލޭ އަންހެނަކު ހިލޭފިރިހެނަކާ އެކަހެރިނުވާހުށިކަމެވެ.”
(މަޙްރަމަކީ: އަންހެނާގެ ފިރިމީހާ ނުވަތަ ކައިވެނި ޙަރާމް ވާވަރުގެ ފިރިހެނުންނެވެ. މަޙްރަމުންގެ ތެރޭގައި ޅިޔަނު ނުހިމެނޭނެއެވެ.)
ވީއިރު ރުޤްޔާ ކުރެވޭ ޙާލަތުގައި އޭނާގެ މަޙްރަމެއް އެތަނުގައި ހުންނަންވާނެއެވެ. އަދި ރާޤީ އަތްލުމުގެ މަންފާއަށްޓަކައި އަތްލާނަމަވެސް އަތްލާ ތަނެއްގައި އަތްލަނީ އެކަހެރިވެ ޝަހުވާނީ ނިޔަތަކުނޫނެވެ. ޑޮކްޓަރުން ފަރުވާ ކުރުމުގައި އަތްލާ ފަދައިން އެތަދުވާ ޙާލަތުގައި އެކަމަށް ފަރުވާ ކުރުމުގެ މަންފާއެއްގެ ގޮތުންނެވެ. ނުވަތަ އެތަދު ކުރުވާ ނުވަތަ ބަލިކުރުވާ ޖިންނި ބަލިކަށިކޮށްލުމުގެ ގޮތުންނެވެ. ކޮންމެއަކަސް މިއީ މިގޮތަށް ދެކިގެން މަޙުރަމެއްގެ ހާޒިރުގައި ރުޤްޔާ ކުރާއިރު ހިލޭ އަންހެނެއްގެ ބޯ ފަދަ ތަނެއްގައި ހަންހުރަހަކާއި އެކު ހިފަހައްޓާ ނުވަތަ އަތްލާ އުޅޭ ރާޤީން ދެކޭ ގޮތެވެ. އަދި ބުރަވާ ބައެއް ދަލީލާއި ވިސްނުމެވެ. އަދި ކިއެއްތަ، ބައެއް ޝެއިޚުންގެވެސް ރައުޔު މިމަގުން ގެނެސް އުޅެއެވެ. އަދި މިހާތަނަށް އަޅުގަނޑުމެންނަށް ވަރަށްގިނަ ޝެއިޚުންވެސް މިގޮތަށް ބުރަވެ ރުޤްޔާ ކުރާތަން ފެނިފައި އެބަހުއްޓެވެ. މިދިވެހިރާއްޖޭގައާއި އަދި ދުނިޔޭގެ ބޮޑަތި އެހެން ޤައުމު ތަކުގެ ބައެއް ޝެއިޚުންވެސް މެއެވެ. އަދި މިރާއްޖޭގައާއި ދުނިޔޭގައި މަޝްހޫރު ރާޤީންވެސް މެއެވެ. މީގެ ތެރޭގައި ފާހަގަކޮށްލެވޭ ބައެއް ބޭފުޅުންނަކީ މަޣްރިބް(މޮރޮކޯ)ގެ އައްޝެއިޚުއް ރާޤީ މިދުހަތު އާއި، މަޣްރިބުގެ އައްޝެއިޚުއް ރާޤީ ކާމޫނީ އާއި، އައްޝެއިޚުއް ރާޤީ ރިޔާޒު ސަމާހާ އެވެ. މިބޭފުޅުން ރުޤްޔާ ކުރައްވާފައިވާ މަންޒަރު ހިމެނޭ ވީޑިއޯތަކާއި މިބޭފުޅުން ލިޔުއްވާފައިވާ ރުޤްޔާގެ ފޮތްތަކުން މިކަން ވަރަށް ރަނގަޅަށް ސާބިތުވެއެވެ. ފަހެ އަޅުގަނޑުމެންނަކީވެސް މީގެ ދުވަސް ކޮޅެއް ކުރިއާއި ޖެހެންދެންވެސް މިމަގުން ކަންކުރަމުން އައި ބަޔަކީމެވެ.(“އަޅުގަނޑުމެން” މިތަނުގައި މި ޢިޝާރާތްކުރަނީ މިއީ އަޅުގަނޑު އަޖްނާދު ޢަލީ، އައްރާޤީ މުޙައްމަދު މަޒީދު، އައްރާޤީ އަހްމަދު ފައިސަލް، އައްރާޤީ މޫސާ ވަޙީދު، ގެ ބަޔާނެއްގެ ގޮތުގައި ލިޔާ ލިޔުމަކަށް ވާތީއެވެ. އަދި މިއީ އަޅުގަނޑުމެން މިކަމުގައި ރުޖޫޢަވާ ގޮތުގެ ބަޔާނެވެ.) އަޅުގަނޑުމެން އެކަމުގައި ބުރަވީ މަތީގައި އެވާ ގޮތަށެވެ. އެއީ އޭރު އަޅުގަނޑުމެން އޮޅުން ފިލުވަން ސުވާލުކުރި ޢިލްމުވެރިންގެ ފަރާތުން އެނގުނީ އެގޮތް ކަމުގައި ވާތީއެވެ. މިކަމުގައި ކުރިއަރާ ގިނަ ތަޖުރިބާ ލިބެން ފެށުމުން އަޅުގަނޑުމެން އަމިއްލައަށް ވަރަށްގިނަ ދިރާސާތަކެއް ކުރަން ފެށީމެވެ. އަދި ކިއެއްތަ، މީސްތަކުންނަށް މިކަންކަން އޮޅުން ފިލުވައިދީ ހޭލުންތެރި ކުރުވުމުގެ ގޮތުން އެތައް މަސައްކަތްތަކެއް ކުރީމެވެ. ނަމަވެސް މިމައްސަލައާއިމެދު ޝައްކުތަކާއި ކުދި ކުދި އޮޅުންތައް ހުރުމުގެ ސަބަބުން މީގެ ކުރިން މިމައުޟޫއަށް ބަހެއް ނުކިޔައި މިއައީ ދިރާސާ ކުރަމުންނެވެ. ބައެއްފަރާތްތަކުން އެކަމާބެހޭގޮތުން ސުވާލުކޮށް ހަދާތީއާއި އެކުއެވެ. ކޮންމެއަކަސް އަތްލުން ހުއްދަކަމުގައި ދެކިލައްވާ ޝެއިޚުންނާއި ރާޤީން ދެކިލައްވާގޮތުގައި ރުޤްޔާ ކުރުމުގެ ތެރޭގައި ޒަރޫރީ ޙާލަތްތައް ވެއެވެ. އަދި އެފަދަ ޙާލަތެއްގައި އަތްނުލާ ނުވެއްޖެ ނަމަ ޟަރޫރަތަށްޓަކައި އެތަދުވާ ތަނުގައި ނުވަތަ އުނދަގޫ ހުރި ތަނުގައި އަތްއަޅައިގެން ކިޔެވުން އެއީ މައްސަލައެއް ނޫންކަމުގައި ދެކެއެވެ.
ކޮންމެއަކަސް، އިސްލާމްދީނުގައި ކަމެއްގެ ޙުކުމް ބިނާވަނީ ބައެއްގެ ބުއްދީގެ މައްޗަށް ވިސްނޭ ވިސްނުމަކަށް ބިނާކޮށެއް ނޫނެވެ. އަދި ހަމައެކަނި ތަޖުރިބާގެ މައްޗަކަށްވެސް ނޫނެވެ. އަދި ކިއެއްތަ، އެވިސްނުމާއި، ބުއްދިއާއި ތަޖުރިބާ ވާންޖެހޭނީ ޝަރުޢީ މިންގަނޑުގެތެރޭގައި، ހުއްދަކަމުގެ ދަލީލެއްގެ މައްޗަށް ނުވަތަ މަނާ ކުރާ ދަލީލެއް ނެތްނަމަ ކުރެވޭ ތަޖުރިބާއަކަށް ނުވަތަ ވިސްނޭ ވިސްނުމަކަށެވެ. އެހެން ކަމުން މިމައްސަލާގައިވެސް ކުރިން ވިސްނިފައި އޮތްގޮތާއި މެދު ހުރި ޝައްކުތަކުގެ ސަބަބުން އިތުރަށް މިދެންނެވުނު އުޞޫލާއި އެއްގޮތަށް ހޯދާ ބެލިއިރު، ހީވި ހީވުމާއި، ކުރެވުނު ތަޖުރިބާ އެންމެ ފަހުން ގޮސް ހުއްޓެނީ ޢިލްމީ އަދި ޝަރުޢީ މިންގަނޑާއި ހަމައިންނެވެ. ފަހެ މިމައްސަލައާއި މެދު އެތައް ސުވާލެއް ވެވި، ބޮޑަތި ޢިލްމުވެރިންގެ ރައުޔުތައް ހުރި ގޮތުންނާއި، ދަލީލުތައް ގެންނަވާފައިވާ ގޮތުންނާއި އެބޭފުޅުންގެ ދަލީލުތަކުން މިކަން ވަރަށް ރަނގަޅަށް ސާބިތުވާން އެބައޮތެވެ. އަދި އެބޭފުޅުންގެ ޖަވާބުތަކަށް ބަލައި ކުރި ތަޖުރިބާއިން، އެބޭފުޅުންގެ އެވާހަކަތަކާއި އެބޭފުޅުންގެ ތަޖުރިބާގެ ވާހަކަތައް ވަރަށްވެސް ސާފުކޮށް ތަޖުރިބާ ކުރެވި ސާބިތުވެއެވެ. މިހާ ހިސާބުން މިކަމުގައި މުޅީން ވިސްނުން ބަދަލުވެ، ޙައްޤު ގޮތް ސާބިތު ވުމުން، ކުރިން ކަން ކުރެވުނު ގޮތް މުޅީން ދޫކޮށްލައި ރުޖޫޢަވީމެވެ. ރުޤްޔާ ކުރާއިރު ހިލޭ އަންހެނެއްގެ ގައިގައި އަތްލަން ޖެހިއްޖެނަމަ ދެން ހަދާނެ ގޮތްވެސް އެބަހުއްޓެވެ. އަތްލުމުން އަންނަ އަސަރު، ރުޤްޔާ ކުރާމީހާ އަތްނުލާ ގެނެވޭ ގޮތްތައްވެސް ދިރާސާކޮށް ތަޖުރިބާ ކޮށްފީމެވެ. އެހެންކަމުން އެހުރިހާ ކަމެއް ވަރަށް ތަފްޞީލުކޮށް ޙިއްސާކޮށްލަން ޤަސްދުކުރާތީ ބަޔާން ކުރަމެވެ.
ޢިލްމީ ގޮތުން ބަލާނަމަ ޝަރުޢުގައި ކަމުގެ އަޞްލެއްގެ ގޮތުން ހިލޭ އަންހެނެއްގެ ގައިގައި އަތްލުމަކީ އޭގެ ޒާތުގައި ޙަރާމްކަމެކެވެ. އެހެން ނަމަވެސް ޒަރޫރަތަކަށް ޓަކައި އެހެން އެއްވެސް ގޮތެއް ނެތިއްޖެ ޙާލަތެއްގައި ކުރެވިދާނެކަމެކެވެ. އެއީ މިސާލަކަށް މީހަކު މަގެއްގައި ހިނގާފައި ދަނިކޮށް އަންހެނަކު ހޭނެތިގެން ވެއްޓޭތަން ފެނުމުން އެތަނުގައި އޭނާއާ ހަމައަށް، އޭނާ ވެއްޓުމުގެ ކުރީން ވާޞިލް ވެވޭ ހިސާބުގައި އަންހެނަކު ނެތްނަމަ އޭނާ އިފަހައްޓާ، ގެއްލުން ނުވާނެ ގޮތަށް އަވަހަށް ބާއްވާ އަތް ދޫކޮށްލުމަށްފަހު އަންހެނަކާއި އެމީހާ ޙަވާލުކޮށް ދުރުވުމެވެ. ނުވަތަ ޑޮކްޓަރަކު ފަރުވާ ކުރުމުގައި މިސާލަކަށް އޮޕަރޭޝަނެއް ފަދަ ކަމެއް ކުރަން ޖެހިއްޖެ ޙާލަތުގައި ނުވަތަ އަތްލައިގެން ނޫނީ ފަރުވާ ކުރެވެން ނެތް ޙާލަތުގައި ހަމައެކަނި އެފަރުވާ ކުރަން އަތްލަން ޖެހޭތަނެއް ފިޔަވައި އިތުރު ތަނެއް ކަޝްފުނުކުރުމާއި އިތުރު ތަނެއްގައި އަތްލުމެއް ނެތި ހަމައެކަނި އެތަނެއްގައި އަތްލުމެވެ. މިއީ ޢިލްމުވެރިންގެ ބަސް މިކަމުގައި ހުރި ގޮތްތަކެވެ. އަޅުގަނޑުމެން ނެރޭ ފަތުވާއެއް ނޫނެވެ. ރުޤްޔާ ކުރިނަމަވެސް ނުވަތަ އެހެން ކަމެއް ކުރިނަމަވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މި ޙަދީޘްފުޅަށް ރުޖޫޢަވާން ޖެހެއެވެ. އިސްތިސްނާ ވާނީ ހަމައެކަނި މިދެންނެވުނު ފަދަ ޙާލަތެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅުކުރެއްވިއެވެ.
“لأَنْ يُطْعَنَ فِي رَأْسِ أَحَدِكُمْ بِمِخْيَطٍ مِنْ حَدِيدٍ خَيْرٌ لَهُ مِنْ أَنْ يَمَسَّ امْرَأَةً لا تَحِلُّ لَهُ “. [رواه الطبراني في “الكبير” والروياني في مسنده وصححه الألباني في السلسلة رقم: ٢٢٦]
މާނައީ: “ހުއްދަނުވާ ހިލޭ އަންހެނެއްގެ ގައިގަ ބީހުމަށްވުރެ ތިޔަބައިމީހުންގެ ތެރެއިން މީހެއްގެ ބޮލަށް ދަގަނޑު ތިނޯހެއް ހެރުންވެސް މާހެޔޮކަންބޮޑެވެ.”
އަދި މިއަށް ބާރުލިބޭ އަނެއް ކަމަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ހިލޭ އަންހެނުންނާއި އަތާއި އަތް ޖޯޑުކޮށް ސަލާމް ނުކުރެއްވުމެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.: “إِنيِّ لا أُصَافِحُ النِّسَاءَ “. [سنن النسائي / كتاب: البيعة / باب: بيعة النساء / رقم: ٤١٨١، وسنن ابن ماجه/ كتاب: الجهاد / باب: بيعة النساء / رقم: ٢٨٧٤، وصححه الألباني في السلسلة رقم: ٥٢٩]
މާނައީ: “ހަމަކަށަވަރުން ތިމަންކަލޭގެފާނު (ހިލޭ) އަންހެނުންނާ އަތާއަތްޖޯޑުކޮށް ސަލާމްނުކުރަމެވެ.”
ޙަޤީޤަތަކީ މިއީކަމުގައިވާއިރު، ދެން ބަލަންވީ އިސްލާމްދީނުގެ ބޮޑަތި ޢިލްމުވެރިންނާއި ސަލަފުއް ޞާލިޙުން ރުޤްޔާކުރުމުގައި ހިލޭ އަންހެނުން ގައިގާ އަތްލާ ތޯއާއި، މިކަމާމެދު ކުރެވިފައިވާ ސުވާލުތަކަށް އެބޭފުޅުން ދެއްވާފައިވާ ޖަވާބަކީ ކޮބައިތޯއެވެ. އެހެނީ ރުޤްޔާ ކުރުމަކީ މިއަދަކު އިއްޔެއަކު ހިނގަމުން އަންނަ ކަމެއް ނޫނެވެ. މާކުރީއްސުރެ ހިނގަމުން އަންނަ ކަމެކެވެ. މިގޮތުން ބެލިބެލުމުގައި ރުޤްޔާ ކުރެއްވުމުގެ ގޮތުން އެއިން އެއްވެސް ބޭފުޅަކު ހިލޭއަންހެނެއްގައި އަތްލެއްވިކަމެއް އަޅުގަނޑުމެންނަށް އެނގޭކަށް ނެތެވެ. އަދި ކުރިއާއި ފަހުގެ ޢިލްމުވެރިންކުރެވެސް ވަރަށް މަދު ޢިލްމުވެރިއެއް މެނުވީ އަތްލެވޭނެކަމަށް، ކުރީން ދެންނެވުނު ފިކުރުގައި ވާހަކަދައްކަވާފައެއް ނުވެއެވެ. އަތްލެވޭނެކަމަށް ވިދާޅުވެފައިވަނީ ވަރަށްވެސް މަދު ބައެކެވެ. އެއީ މިދެންނެވުނު ބަލިކަށި ފިކުރުގެ މައްޗަށެވެ.
ސުޢޫދީ ޢަރަބިއްޔާގެ ފަތުވާދީ ދިރާސާކުރައްވާ ދާއިމީ ކޮމިޓީއަށް މިމައްސަލައިގައި ސުވާލުކުރުމުން އަންނަނިވި ޖަވާބުދެއްވާފައިވެއެވެ.
ސ: ޖިންނިޔަށް ފިއްތުން އިތުރުކޮށް، ދަތި ކުރުމަށް ކަމުގައި ބުނެ އެއްވެސް ހުރަހެއް ނެތި (ޖިންނީންގެ އުނދަގޫ ކުރިމަތިވާ) ހިލޭ އަންހެނެއްގެ ހަށިގަނޑުގައި، އެއީ އަތްކަމުގައި ވިޔަސް ނުވަތަ ނިއްކުރި ކަމުގައި ވިޔަސް ނުވަތަ ކަނދުރާ ކަމުގައިވިޔަސް ބީހެވިދާނެތޯއެވެ؟ އަދި އެފަދައިން ބީހުމަކީ ހޮސްޕިޓަލް ތަކުގެ ޑޮކްޓަރުން ފަރުވާ ދިނުމަށްޓަކައި ބަލިމީހާގެ ހަށިގަނޑުގައި ބީހުން ފަދަ ކަމެއް ކަމުގައި ވާނެތޯއެވެ.؟ އެކަމުގައި ގެންގުޅެންޖެހޭ މިންގަނޑަކީ ކޮބާތޯއެވެ؟
ޖ: ރުޤްޔާ ކުރާ މީހާ (ރުޤްޔާ ކުރުމަށްޓަކައި ހިލޭ) އަންހެނެއްގެ ހަށިގަނޑުގައި ބީހުމަކީ ހުއްދަ ވެގެންވާނެ ކަމެއް ނޫނެވެ. އެއީ އެކަމުގައި އެކުލެވިފައިވާ ފިތުނައިގެ ބޮޑުކަމުންނެވެ. އަދި (ރުޤްޔާ ކުރާމީހާއަށް ވަނީ) އެއްވެސް ބީހުމަކާ ނުލައި ރުޤްޔާ ކިޔެވުމެވެ. ރުޤުޔާކުރާމީހުން ކުރާކަމާއި ޑޮކްޓަރުން ކުރާކަމުގައި ތަފާތެއްވެއެވެ.
އެހެނީ ޑޮކްޓަރީ ފަރުވާ ދިނުމުގައި، އެފަރުވާ ދޭންވާ ތަނެއްގައި ނުބީހި ފަރުވާ ދިނުމަކީ ބައެއް ފަހަރު ވާނޭކަމެއްނޫނެވެ. މިއާ ޚިލާފަށް ރުޤުޔާ ކުރާ މީހާގެ ޢަމަލަކީ (އެކަމަށް ވާރިދުވެފައިވާ ތަކެތި) ކިޔެވުމާއި އަނގައިން ފުމެލުން ފަދަ ކަންކަމެވެ. އެއީ ނުބީހި ނުވާނެފަދަކަމެއްނޫނެވެ. [فتاوى اللجنة الدائمة للبحوث العلمية / مجلد: ١ / ص: ٩٠-٩١ / طبعة: الرئاسة العامة]
އަދި ފަޟީލަތުއްޝައިޚް صالح بن محمد اللحيدان – حفظه الله – 5/4/1432هـ (ޞާލިޙް ބިން މުޙައްމަދު އައް ލުޙައިދާން) “އަލްޖަވާބުލްކާފީ” އޭކިޔުނު ޕްރޮގްރާމެއްގައި މިސުވާލުދެންނެވުމުން ދެއްވި ޖަވާބު ޛިކުރުކޮށްލާނަމެވެ.
ސ: ރުޤުޔާ ކުރާ ބައެއް މީހުން، އެމީހުންގެ އެ މަސައްކަތުގައި (ރުޤުޔާ ކުރެވޭ މީހުންގެ) ހަށިގަނޑުގައި އަތުން ބީހުމަކީ ވަރަށްވެސް އާދައިގެ ކަމެއްކަމުގައި ހަދައެވެ. ޚާއްޞަ ގޮތެއްގައި ހިލޭ އަންހެނުންގެ ގައިގަ އަތްލުމުގައެވެ. އެއީ އެމީހުންގެ ބޮލުގައި ނުވަތަ ތަދު އިޙްސާސްވާ ތަނެއްގައި ނުވަތަ އެނޫންވެސް ތަންތާނގައެވެ. މިއީ ހުއްދަކަމެއްހެއްޔެވެ؟ އަދި (މިކަން މިގޮތަށް ކުރުމަށް) ޙަދީޘެއް ވާރިދުވެގެން އައިސްފައި ވޭތޯއެވެ؟
ޖ: ހިލޭ ފިރިހެނަކު ހިލޭ އަންހެނެއްގެ ގައިގެ އެއްވެސް ތަނެއްގައި ބީހުމަކީ ހުއްދަ ވެގެންވާނެ ކަމެއް ނޫނެވެ. އެއީ ހެދުމެއްގެ މަތިން ކަމުގައި ވިޔަސް މެއެވެ. ހެދުމުގެ މަތިންވިޔަސް އަތްލުމުން ވަރަށް ގިނަ ފަހަރަށް (ޖިންސީ) ޣަރީޒާތައް ހަރަކާތްކުރުވާލައެވެ. ފަހެ ބައިބޯތަނެއްގައިވެސް ހަމައެކަނި އަންހެނެއްގެ ގައިގަ ޖެހިލެވިއްޖެނަމަވެސް ވާކަމެއްވެއެވެ. އެހެނީ ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމް ރުޤުޔާ ކުރާ ފިރިހެނުންގާތު ރުޤުޔާ ކުރެވޭ އަންހެނެއްގެ ހަށިގަނޑުގައި އަތުން ބީހުމަށް އަންގަވާފައެއް ނުވެއެވެ.
ދެންފަހެ ރުޤުޔާ ކުރުންވަނީ ރުޤުޔާ ކުރުމަށްޓަކައި ވާރިދު ވެފައިވާ ކީރިތި ޤުރުއާނުގެ އާޔަތްތައް ކިޔަވައިގެންނެވެ. އެއަށްފަހު ޤަޞްދުކުރާ ތަނަކަށް ކުޑަކޮށް ކުޅު އަންނަފަދައިން ފުމެގެންނެވެ. އެއީ ރުޤުޔާ ކުރަނީ މީހެއްގެ ބޮލުގައި ރިހޭތީ ނުވަތަ ނުވަތަ އެމީހެއްގެ ނަފްސަށް ދަތިތަކެއްވާތީނަމަ ނުވަތަ އެފަދަ އެހެންކަމެއްގައިނަމަވެސް އޭނާއަށް ފުމޭށެވެ. އަދި އެމީހެއްގެ ގައިގައި އަތުން ނުބީހޭށެވެ.
ރުޤުޔާ ކުރާ ބައެއް މީހުން ސުންނަތުގައި ވާރިދުވެފައިވާގޮތާމެދު ޣާފިލުވެފައިވެއެވެ. އަދި އެމީހުންނަކީ ރުޤުޔާ ކުރާ މީހުންކަމުގައި ދެކި، އެކަމަށްޓަކައި އޭނާގެ ކަނާއަތުންނާއި ވާއަތުންވެސް ބީހުން ހުއްދަވާނޭ ކަމުގައި ދެކެއެވެ. މިއީ އެއްވެސް ޝައްކެއް ނެތް ގޮތުގައި ބޮޑުވެގެންވާ މަގުފުރެދުމެކެވެ. ބޮލުގައި އަތްއަޅައިގެން ކިޔުމަކީވެސް ބޭނުންހުރި ކަމެއްނޫނެވެ. ފަހެ ރުޤުޔާ ކުރުމަކީ އަތުގެ ޒަރިޢާއިން ރުޤުޔާ ކުރާ މީހާގެ އިޙްސާސްތައް ކަރަންޓް ޝޮކެއް ދާ ބީދައިން ފޮނުވާލައިގެން ކުރާ ކަމެއް ނޫނެވެ…
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް، ޖިބްރީލް ޢަލައިހިއްސަލާމް ރުޤުޔާ ކޮށްދެއްވެވި ހިނދު ވިދާޅުވިއެވެ. “ﷲ ގެ އިސްމުފުޅުން ވާގި އެދި ކަލޭގެފާނަށް ރުޤުޔާ ކުރަމެވެ. ކަލޭގެފާނަށް އުނދާގޫވާ ކޮންމެ ކަމަކުންނެވެ…
އައްޝައިޚް ޖިބްރީން رحمه الله ވެސް މިމައްސަލާގައި ވިދާޅުވެފައިވެއެވެ: …އެކަމަކު ރުޤުޔާ ކުރުމަށް ކަމުގައި ވިޔަސް ހިލޭ ފިރިހެނަކު ހިލޭ އަންހެނެއްގެ ހަށިގަނޑުގައި ބީހުމަކީ ހުއްދަވެގެންވާނެ ކަމެއް ނޫނެވެ. އަދި އެކަމަށްޓަކައި އަންހެނެއްގެ ހަންގަނޑުގެ ބައެއް ދެއްކުމަކީ ވެސް ހުއްދަވެގެންވާނެ ކަމެއް ނޫނެވެ. އެއީ މެއާއި ކަރާއި އަދި އެނޫނަސް އެފަދަ ތަންތަނެވެ. އޭނާ ޙިޖާބުއަޅައިގެން ހުރި ޙާލު އޭނާއަށް ކިޔަވާށެވެ…
އަދިވެސް އެތައް އެތައް ޢިލްމުވެރިންނެއް، ރުޤްޔާގެ ތަޖުރިބާތަކާއި އެކު މިމައްސަލައިގައި ވިދާޅުވެފައިވަނީ މިފަދައިންނެވެ. އަދި އަޅުގަނޑުމެން މިހާތަނަށް ކުރި ތަޖުރިބާގައި އެބޭފުޅުންގެ އެބަސްފުޅުތަކާ ކަން ހިނގާ މަގު އެއްވެސް ތަފާތެއް ނެތި ދިމާވެއެވެ. އެކަން އެނގެނީ އަތްލައިގެން ރުޤްޔާ ކުރުމަށްފަހު، އަތްނުލާ ރުޤުޔާކުރުން ތަޖުރިބާކުރީތީއެވެ. އެދެކަމުގައި އަސަރުގައި ތަފާތު އެބަހުއްޓެވެ. އެހެންނަމަވެސް އެއަސަރު ގެނައުމަށް ހިލޭ އަންހެނަކަށް ރުޤުޔާކުރުމުގައި އަތްލުމުގެ އެއްވެސް ބޭނުމެއް ނެތެވެ. ސަބަބަކީ ރުޤްޔާ ކުރާ މީހާ އަތްނުލާ ހަމަ އެއަސަރު ގެނެވޭނެ ޝަރުޢީގޮތުން ހުއްދަގޮތެއް އޮތީމައެވެ.
އިސްލާމްދީނުގައި، ބައެއްގެ ތެރޭ ނުބައިކޮށް ހިނގާ ކަމެއް މަނާކޮށް، އެކަމެއްގެ ރަނގަޅު ގޮތް ބަޔާންކޮށްދޭން ޖެހެއެވެ. މިކަމުގައި އަޅުގަނޑުމެން ކުރި ދިރާސާ ޙިއްސާ ކޮށްލާނަމެވެ. ފަހެ ރުޤްޔާ ކުރާ މީހާގެ ހަށިގަނޑަށް ޖިންނި ވަދެ ތެޅި ފޮޅުނުކަމުގައިވީނަމަވެސް، އަދި އެނޫން ޙާލަތުގައިވެސް، ރުޤްޔާގައި އަތްލުމުގެ އަސަރު ގެނުވަން ބޭނުންނަމަ، ފަހެ އެއަންހެނާގެ މަޙްރަމަކު ލައްވާ އަތްލާށެވެ. ނުވަތަ ހިފަހައްޓާށެވެ. އަދި އެމަޙުރަމުގެ އަތްމަތީ ރުޤްޔާ ކުރާމީހާގެ އަތްއަޅާށެވެ. ނުވަތަ އެމަޙްރަމުގެ އަނެއް އަތުގައި ހިފަހައްޓައިގެން ރުޤްޔާ ކުރާށެވެ. މިއީ މިކަން ކުރެވިދާނެ ހުއްދަ ގޮތެކެވެ. އަދި ސީދާ ރުޤްޔާ ކުރާމީހާ އަތްއެޅުމާއި މިގޮތަށް އަތްއެޅުމުގައި ތަފާތެއް ނެތްކަން ޚުދު އަޅުގަނޑުމެންނަށް ވަނީ ތަޖުރިބާ ކުރެވިފައެވެ.
ރުޤްޔާ ޝަރުޢިއްޔާ ޢާއްމުކޮށް، ރުޤްޔާކުރުމުގައި ޝަރުޢީގޮތުން ހުއްދަ ގޮތްތަކަކީ ކޮބައިކަން މީސްތަކުންނަށް ހާމަކޮށްދީ ، ސިޙުރުވެރިންގެ މަކަރުވެރިކަމާއި އެމީހުންކުރާ ނުބައި ކަންކަމާއި އެމީހުންގެ ނުރައްކާތެރިކަން މީސްތަކުންނަށް ހާމަކުރުމުގައި އަޅުގަނޑުމެންގެ ތެރެއިން އެތައްބަޔަކު ނިކުމެ އެމަސައްކަތް ކުރަމުންދާއިރު މިފަދަ ހުރިހާ ކަމަކަށް ސަމާލުވާންޖެހެއެވެ. ކަމުގެ އެންމެ ފުރިހަމަ ގޮތުގައި އެކަން ކުރަންޖެހެއެވެ. އަދި އެކަން ކުރުވާމީހުންވެސް ޝަރުޢުގައި މިކަމުގެ މިންގަނޑުތައް ހޯދާ ބަލައި އެގޮތްތަކަށް ސަމާލުވާންޖެހެއެވެ. އެންމެ އިޚްލާޞްތެރިކަމާއި އެކު ރަނގަޅުގޮތުގައި މިކަން ކުރެވޭނީ އޭރުންނެވެ. އެހެންކަމުން ޙައްޤު ގޮތް އައުމުން ކުރިން ކުރެވުނު ގޮތް ރަނގަޅުނޫންކަމުގައި ވާނަމަ ރަނގަޅުގޮތް އެނގުމުން ރަނގަޅު ގޮތަށް ރުޖޫޢަވާންޖެހެއެވެ. ވުމާއެކު އަޅުގަނޑުގެ އަމިއްލަ ނަފްސަށާއި ރުޤްޔާ ކުރުމުގައި ޙަރަކާތްތެރިވާ އެންމެހާ މުސްލިމުންނަށާއި ރުޤްޔާކޮށްދިނުމަށް އެދޭ މީހުންނަށް މިކަންކަމުގައި ސަމާލުވެ ހެޔޮގޮތުގައި އިޚްލާޞްތެރިކަމާއިއެކު މިކަން ކުރުމަށް ނަޞޭޙަތްތެރިވަމެވެ. ﷲ އަޅުގަނޑުމެން އެންމެންނަށް މިކަމުގައި ތަޥްފީޤު ދެއްވާށިއެވެ. نستغفر الله العظيم ونتوب إليه. މާތް ﷲ އަޅުގަނޑުމެންނާއި އަދި އެންމެހާ މުސްލިމުންގެ ފާފަ ފުއްސަވާ ތައުބާ ޤަބޫލުކުރައްވާށިއެވެ. އާމީން.
ޙައްޤު ރަނގަޅުގޮތް ބަޔާންކޮށްދިނުމުގައި އަވަސްވެގަތީތީ އަދި ކުރިން ކުރެވުނު ގޮތް ދިފާއުކުރުމަށް މަސައްކަތްނުކޮށް ޙައްޤަށް ވާޞިލުވީތީ އަޖްނާދަށް މަރުޙަބާކިޔަން… ﷲ ތިބާގެ މަސައްކަތުގައި ބަރަކާތް ލައްވާށި!
ތިޔަދެއްވި ޚިޔާލަކީ އަޅުގަނޑު ވަރަށްބޮޑަށް ތާޢީދުކުރާ ޚިޔާލެކެެވެ. ހިލޭ އަންހެނާގެ ގައިގައި ހަންހުރަހަކާ ލައިގެން ނުވަތަ ނުލައި ބީހުންވިޔަސް ދީނުގައި ފިތުނަ އުފެދި ނުހަނުބޮޑެތި ފަޟީޙަތްތައް ކުރިމަތިވެފައިވާ ނުވަތަ ވެދާނެ ކަމަކަށް ވެގެންދާނެ ކަމަށްޓަކައި އެކަން ނުކުރުން އެދެވިގެންވެއެވެ. އަދި އެކަން ނުކުރުމަކުން ތިމާކިޔަވާ އެއްޗެއް ނުކިޔެވިއެއް ނުދާނެއެެވެ. ހަނދާންބަހައްޓަންވީ ބަލިޖެއްސެވިފަރާތުން އެބަލިމަޑުކަން ފިއްލަވާނެގޮތް މޮޅަށް ދެނެވޮޑިގެން ވާނެކަމެވެ. އަދި ތިމާކިތަންމެ އެދުނުކަމުގައިވިޔަސް ޝިފާލިބުންވަނީ މާތްﷲގެ ޙަޟުރަތުން ކަމެވެ. އެކަލާނގެ މަނާކުރައްވާފައިވާކަމަކުން އެކަލާނގެއަށް ދަންނަވާއިރު ތިމާގެ އެ އެދުން އިޖާބަކުރައްވާނީ ކިހިނަކުން ހެއްޔެވެ. މިއަދު މިމައިދާނަށް ނިކުންނަ ރާޤީންނަށް ގިނަގުނަ ފައިދާތައް މިލިޔުމުގެ ސަބަބުން ލިބިގެންދާނެ ކަމުގައި ޔަޤީންކުރަމެެވެ.
ފޮންޓު ކުޑަވުމުގެ ސަބަބުން ވވވ އުނދަގުކިޔަން ޤުރުއާނުން ލިޔެފަ ހުންނަ ތަންތަން
ޤުރުއާނަކުން ނޫން ޢަރަބިން ލިޔެފަ ހުންނަ ތަންތަން، އިސްލާޙް ކޮށްލަދިނީ
جزاك الله އަޖްނާދު… އާއްމުކޮށް ދިވެހިންނަކީ ކުރިން ކުރެވުނު ކުށަށް އިއުތިރާފުވެ މިކަހަލަ ގޮތަކަށް އެންމެންނަށް އެނގޭނެހެން ކަމުގެ ރަނގަޅުގޮތް ބަޔާންކޮށްދޭން ބޭނުންވާބައެއްނޫން… މާތްﷲ އަޖުނާދުމެންގެ މަސައްކަތުގައި ބަރަކާތް ލައްވާށި
ރުޤްޔާ ކުރާަަާަާްއިރު އަންހެނާ ހުންނަންޖެހޭނީ ބުރުގާ އަޅައިގެންތަ؟
ހިލޭ ފިރިހެނަކު ހިލޭ އަންހެނަކަށް ރުޤްޔާ ކުރާއިރު، އެއަންހެނެއްގެ އައުރަ ފުރިހަމައަށް ނިވާކުރަންޖެހޭނެ. އަދި މަޙްރަމަކު ހުންނަން ޖެހޭނެ. މަޙްރަމުންގެ ތެރޭގައި ޅިޔަނުންނ ނުހިމެނޭނެ. އަދި ރުޤްޔާ ކޮށްދޭ މީހާއަކީ އަންހެނެއް ނަމަ، އަދި ތިމާގެ އައުރަ ކަޝްފުކޮށްގެން ނުވާނެ ފަދަ ބައެއްގެ ކުރިމަތީގައި ނަމަ އައުރަ ކަޝްފުކޮށްގެން ނުވާނެ. އަމިއްލަ ނަފްސަށް ކުރާނަމަ އޮންނާނީ ޤުރުއާން ކިޔަވާ މީހާ ނިވާ ކުރުމުގެ އަދަބުތަކުގަ ހިފުން. والله أعلم
ވަރަށް ރަނގަޅު ވާހަކަތަކެއް. ކުރިން ކަމެއްގޯސްކޮން ކުރެވުނަސް ރަނގަޅުގޮތް އެނގުމުން ނުބައި ގޮތްދޫކޮށް ރަނގަޅު މަގަށް އެނބުރުމަށް ފަށްފަށުން ނަސޭހަތް ތެރިވަން.
އަޖުނާދު ތިކުރާ މަސައްކަތަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.