އިސްލާމު ކަމުގެ މަތިވެރި ނިޢުމަތަށް ފަހު، އިންސާނާއަށް ލިބޭނެ އެންމެ ބޮޑު އެއްނިޢުމަތަކީ ބާއްޖަވެރި ދިރިއުޅުމަކާއި ފުރިހަމަ ޞިއްޙަތެކެވެ. އަމަންއަމާންކަމާއި ހިތްހަމަ ޖެހުމެވެ. އުފާފާގަތި ކަމާއި އަޚުވަންތަ މުޖުތަމަޢެކެވެ. މިހެންވެ ފުރިހަމަ ޞިއްޙަތެއްގެ މުހިއްމުކަން ބަޔާން ކުރައްވާ ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޡް ކުރައްވާފައި ވެއެވެ. ” نِعْمَتَانِ مَغْبُوْنٌ فِيْهِمَا كَثِيْرٌ مِنَ النَّاسِ الصِّحَةُ وَالْفَرَاغُ ” ( رواه البخارى)
މާނައީ: ” ދެނިޢުމަތެއް ވެއެވެ. އެދެނިޢުމަތަށް ވަރަށް ގިނަ މީހުން ފަރުވާ ކުޑަކުރެއެވެ. (އެއީ) ފުރިހަމަ ޞިއްޙަތާއި ހުސްވަޤުތެވެ.” އެހެންކަމުން ބަލިތަކުން ޝިފާ އާއި ފަރުވާ ލިބި، ތިމާގެ ފުރާނައަށް ދިރުން ލިބުމަކީ މީހާއަށް އުފާވެރި ބާއްޖަވެރި ދިރިއުޅުމެއް ޙާޞިލުވުމުގެ މަގެވެ. އިސްލާމުދީނު ގައި މީހާއަށް ހިތްހަމަޖެހުން ލިބި، ޟަމީރަށް ދިރުން ލިބޭނެ ކަންތައްތަކާއި އަދި ޙާޞިލު ކުރާނެ ގޮތް ބަޔާން ކުރައްވާފައި ވެއެވެ. އަދި ބަލިތަކުން ފަރުވާ ލިބޭނެ ގޮތްތަކާއި ލިބިގަންނާނެ ކަންތައްތައް ވެސް އިސްލާމުދީނުގައި ބަޔާން ކުރައްވާފައި ވެއެވެ. މިކަންތައްތަކުގެ ސަބަބުން މީހާއަށް ދުނިޔެ އާއި އާޚިރަތުގެ ބާއްޖަވެރިކަން ޙާޞިލުވެގެން ދާނެއެވެ.
ޝިފާ ލިބިދެނިވި ފުރަތަމަ ކަންތައް:
ކީރިތިޤުރްއާން
ކީރިތިޤުރްއާނަކީ އިންސާނާގެ މުޅި ޢަމަލީ ޙަޔާތް ބިނާ ކުރުމުގެ އިލާހީ ދަސްތޫރެވެ. މުސްލިމުންގެ އުޅުމާއި ސުލޫކު ބިނާ ކުރަން ޖެހޭ ގޮތުގެ ޤާނޫނެވެ. އަދި އެފޮތަކީ މުސްލިމުންގެ ހިތާއި ފުރާނަ އާއި ޟަމީރުގެ ޣިޛާއެވެ. އަދި ޤުރްއާނަކީ ބަލިތަކުން ރައްކާތެރި ވުމުގެ އައްޑަނައެވެ. އެފޮތް ކިޔަވާ ތިލާވަތު ކުރުމުން މީހާގެ ހިތަށް ދިރުންދީ، ހިތްހަމަޖެހުމާއި އުފާވެރިކަން ޙާޞިލު ވެއެެވެ. ދިރިއުޅުމުގެ ޝައުޤުވެރިކަން މީހާގެ ހިތުގައި އުފައްދައި ދެއެވެ. އަދި ޤުރްއާން ކިޔަވައ، ތިލާވަތު ކުރާ މީހާއަށް ގިނަގުނަ ސަވާބު އާއި އަޖުރު ހުއްޓެވެ. ޤުރްއާނަކީ މުއުމިނުން ނަށް ހުރި ޝިފާއެއް ކަން އަންގަވާފައި ވެއެވެ. މިކަން އަންގަވާ މާތްﷲ ވަޙީ ކުރައްވާފައި ވެއެވެ. ” وننـزِّل من القـرآن ما هو شفاء ورحمة للمؤمنين ” ( الإسراء : 82) މާނައީ: ” އަދި ތިމަންރަސްކަލާނގެ ޤުރްއާނުން ބާވާލެއްވީ މުއުމިނުންނަށް ޝިފާ އާއި ރަޙްމަތެކެވެ.”
މާތްﷲ ރުއްސުން ލެއްވި ޢަލީގެފާނު އަރިހުން ރިވާވެގެން ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލއިހި ވަސައްލަމަ ޙަދީޡް ކުރައްވާ އަޑު ތިމަންކަލޭގެފާނު އެއްސެވީމެވެ. ” ތިޔަބައިމީހުން ދެނެ ތިބޭށެވެ. އަންނަށް އޮތް ތަނުގައި ފިތުނަވެރިކަމެއް އުފެދޭނެއެވެ. (ޢަލީގެފާނު ވިދާޅުވިއެވެ.) ތިމަންކަލޭގެފާނު ދެންނެވީމެވެ. ﷲގެ ރަސޫލާއެވެ! އެފިތުނަވެރިކަމުން ސަލާމަތްވާނެ ގޮތަކީ ކޮބައިތޯއެވެ؟ ޙަދީޡް ކުރެއްވިއެވެ. ތިޔަބައިމީހުން ﷲގެ ފޮތަށް ޢަމަލު ކުރާށެވެ. އެފޮތުގައި ތިޔަބައިމީހުންގެ ކުރީގެ އުއްމަތްތަކުގެ ވާހަކަތައް ވެއެވެ. އަދި އަންނަށް އޮތް ތަނުގައި ހިނގާނެ ކަންކަމުގެ ވާހަކަތައް ވެސް ވެއެވެ. އަދި ތިޔަބައިމީހުންގެ މެދުގައި ހިނގާ ކަންކަމުގެ ޙުކުމުތައް ވެސްވެއެވެ. އެއީ ޙައްޤާއި ބާޠިލު ވަކިކުރަނިވި ފޮތެވެ. ބޮޑާކަމާއި ކިބުރުވެރިކަމާއި ހުރެ އެފޮތަށް ޢަމަލު ނުކޮށްފިމީހާ، ﷲ ހަލާކު ކުރައްވާ ނިކަމެތި ކުރައްވާ ހުއްޓެވެ. އެފޮތުން ނޫން އެހެން ގޮތަކަށް ތެދުމަގު ހޯދަން އުޅެފިމީހާ، ﷲ މަގު ފުރައްދަވާ ހުއްޓެވެ. އަދި އެފޮތަކީ ﷲ އާ ކުއްތަށް ކުރުވަނިވި ގަދަފަދަ ވަސީލަތެކެވެ. އަދި އެއީ ޙިކުމަތްތެރި ބަސްފުޅުތަކެވެ. އަދި އެއީ ސީދާވެގެންވާ ތެދުމަގެވެ. އަދި އެފޮތް ކިޔެވުމަކީ ދޫމައްޗަށް އުނދަގޫ ކަމެއް ނޫނެވެ. އެފޮތުގައިވާ ޙިކުމަތާއިމެދު ޢިލްމުވެރިން ދުވަހަކުވެސް ފޫހި ނުވާހުއްޓެވެ. އެފޮތުގެ ޢިލްމުތަކަކީ އެއަށް ނިމުމެއްވާ އެއްޗެއް ނޫނެވެ. އެފޮތުގެ އަޖާއިބުތަކަށް ފަނާވުމެއް ނެތެވެ. އެފޮތަކީ (އެފޮތް ކިޔެވޭ އަޑުއެހުމާއިއެކު) ” ހަމަކަށަވަރުން ތިމަންމެން އަޖާއިބުވާފަދަ ޤުރްއާނެއްގެ އަޑު އަހައިފީމުއެވެ. އެޤުރްއާން މަގު ދައްކަނީ ޙައްޤު ތެދުމަގަށެވެ. ފަހެ، ތިމަންމެން އެޤުރްއާނަށް އީމާންވެއްޖައީމުއެވެ.” މިހެން ބުނުމަށް ޖިންނީންނަށް މަޖުބޫރު ވީފޮތެވެ. އެފޮތުގައިވާ ގޮތްތަށް ބުނެފިމީހާއީ ތެދުބަސް ބުނާމީހެކެވެ. އެފޮތުގައިވާ ގޮތަށް ޢަމަލުކޮށްފި މީހާއަށް ދަރުމައާއި ޘަވާބު ލިބޭހުއްޓެވެ. އެފޮތުގައި ވާގޮތަށް ޙުކުމްކޮށް ނިޔާ ކަނޑައަޅައިފި މީހާ ޢަދުލުވެރި ވެއްޖެއެވެ. އަދި އެފޮތުގައިވާގޮތަށް ޢަމަލުކުރުމަށް (މީސްތަކުންނަށް) ގޮވާލާމީހާއީ ތެދުމަގަށް މަގުލިބިފައިވާ މީހެކެވެ.” (ރަވާހުއްތިރުމިޛީ).
ކީރިތިޤުރްއާނަކީ އެންމެ ރަގަނޅު ފަރުވާކަން ބަޔާން ކުރައްވާ ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޡް ކުރެއްވިއެވެ. ” خَيْرُ الدَّوَاءِ الْقُـرْآنَ ” ( رواه ابن ماجـه) މާނައީ: ” ކީރިތިޤުރްއާނަކީ އެންމެ ރަގަނޅު ފަރުވާ އެވެ.”
ކީރިތިޤުރްއާނުގެ ގިނަ އާޔަތްތަކަކާއި ސޫރަތް ތަކަކީ މާއްދީ ބަލިތަކަށާއި ރޫޙާނީ ބަލަިތަކަށް ޝިފާއެކެވެ. އެހެންކަމުން ކީރިތިޤުރްއާނުން ފަރުވާ ލިބި ގަތުމަކީ ދީނުގައި ހުއްދަ ކަމެކެވެ. الإمام ابن القيم رحمه الله ވިދާޅުވެފައި ވެއެވެ. ” ކީރިތިޤުރްއާނަކީ ހިތާއި ހަށިގަނޑުގެ ހުރިހާ ބަލިތަކެއްގެ ފަރުވާއެވެ. އަދި ދުނިޔެ އާއި އާޚިރަތުގެ ކާމިޔާބީގެ ރާސްތާއެެވެ. ފުރިހަމަ އީމާން ކަމާއި އިޢްތިޤާދާއި އަދި ތެދުވެރިކަމާއި އެކު ފަރުވާ ލިބިގަނެފި ނަމަ، ކީރިތިޤުރްއާނަށް ވުރެ ބަލިތަކަށް ހުރި ރަގަނޅު ފަރުވާއެއް ނުވެއެވެ. އުޑާއި ބިމުގެ ވެރިރަސްކަލާނގެ ބަސްފުޅު ފަރުބަދަތަކުގެ މައްޗަށް ނުވަތަ ބިމަށް ބާވާ ލެއްވި ނަމަ ފަރުބަދަތައް ފުޑުފުޑުވެ، ބިން ފަޅަފަޅައިގެން ދާނެކަން އަންގަވާފައި ވާ އިރު އޭގެން ބަލިތަކަށް ފަރުވާ ނުލިބިދާނެތޯއެވެ؟ ހިތާއި ހަށިގަނޑުގެ ބަލިތަކުގެ ތެރެއިން ކޮންމެ ބައްޔަކަށް ފަރުވާއެއް ނުވަތަ އެބަލިން ރައްކާތެރިވުމުގެ މަގު ކީރިތިޤުރްއާނުގައި ވާރިދުވެގެން ވެއެވެ. އެބަރަކާތްތެރި ފޮތުން ޝިފާއެއް ނުލިބިއްޖެ މީހަކަށް އެއްވެސް ޝިފާއެއް ނެތެވެ. އަދި އެފޮތުން ރައްކާތެރި ކަމެއް ނުލިބިއްޖެ ނަމަ އެމީހަކަށް އެއްވެސް ރައްކާތެރި ކަމެއް ނެތެވެ.” ( زاد المعاد في هدي خير العباد 4/352)
އަދި الأستاذ سيّد قطب رحمه الله ވިދާޅުވެފައިވެއެވެ. ” ކީރިތިޤުރްއާނަކީ ވަސްވާސްތަކުންނާއި ކަންބޮޑުވުންތަކާއި ހާސްކަން ފިލުވައިދީ، އެކަންތައްތަކުގެ އެންމެ ފުރިހަމަ ފަރުވާއެވެ. ޤުރްއާނުން އިންސާނާގެ ހިތަށް ހަމަޖެހުމާއި ސުކޫން ލިބިދެއެވެ. އަދި ހިތްތަކުގެ ނޫރުކަމުގައި ވެއެވެ. އަދި ޤުރްއާނަކީ ޙަސަދަވެރިކަމާއި ނުބައި ޚިޔާލުތަކާއި ޝައިޠާނީ ހެއްލުންތަކުގެ ވެސް ފަރުވާއެވެ.” (عليكم بالشفائين العسل والقرآن للدكتور محمد كمال عبد العزيز، ص: 7)
ކީރިތިޤުރްއާނު ގައި ބަލިތަކުން ފަރުވާ ލިބިގަނެ، ޖިއްނިޝައިޠާނުންގެ ކިބައިންނާއި މުޞީބާތްތަކުން ރައްކާތެރިކަން ލިބިދޭ ގިނަ ކަންތައްތައް ބަޔާން ކުރައްވާފައި ވެއެވެ. ކީރިތިޤުރްއާނުގެ ގިނަ ސޫރަތްތަކުގައްޔާއި އާޔަތްތަކުގައި ތާސީރުތަކަކާއި ފަރުވާތަކެއް ވެއެވެ. الإمام ابن الحاج އެކަލޭގެފާނުގެ ” المدخل ” އޭ ކިޔުނު ފޮތުގައި الإمام أبو القاسم القشيريގެ ކިބައިން ނަކަލު ކުރައްވާފައިވެއެވެ. الإمام أبو القاسم ވިދާޅުވިއެވެ.” އެއްފަހަރަކު ތިމަންގެ ދަރިފުޅު ވަރަށް ބޮޑަން ބަލިވިއެވެ. އަދި އެދަރިފުޅާމެދު ތިމަން ކަން ބޮޑުވެ، ހަދާނެ ގޮތް ހުސްވިއެވެ. އެއްރެއަކު ތިމަން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހުވަފެނުގައި ދުށީމެވެ. އަދި ކީރިތިޤުރްއާނުގައިވާ ” آيات الشفاء ” (ޝިފާގެ އާޔަތްތައް) ތަކުން ފަރުވާ ލިބނުގަންނަށްތޯ ސުވާލު ކުރެއްވިއެވެ. އެހިނދު ތިމަން ކީރިތިޤުރްއާނުގައި ޝިފާގެ އާޔަތްތަކާ މެދު ވިސްނާ ފިކުރު ކުރީމެވެ. ކީރިތިޤުރްއާނުގައި ޝިފާއާ ބެހޭ ގޮތުން ހަ އާޔަތެއްގައި ވާރިދުވެފައިވެއެވެ. އެއީ:
” وَيَشْفِ صُدُورَ قَوْمٍ مُّؤْمِنِينَ ” (سورة التوبة:14)
” يَا أَيُّهَا النَّاسُ قَدْ جَاءتْكُم مَّوْعِظَةٌ مِّن رَّبِّكُمْ وَشِفَاء لِّمَا فِي الصُّدُورِ وَهُدًى وَرَحْمَةٌ لِّلْمُؤْمِنِينَ ” (سورة يونس: 57)
” يَخْرُجُ مِن بُطُونِهَا شَرَابٌ مُّخْتَلِفٌ أَلْوَانُهُ فِيهِ شِفَاء لِلنَّاسِ” (سورة النحل:69)
” وَنُنَزِّلُ مِنَ الْقُرْآنِ مَا هُوَ شِفَاء وَرَحْمَةٌ لِّلْمُؤْمِنِينَ وَلاَ يَزِيدُ الظَّالِمِينَ إَلاَّ خَسَارًا” (سسورة الإسراء:82)
” وَإِذَا مَرِضْتُ فَهُوَ يَشْفِينِ ” (سورة الشعراء: 80)
” قُلْ هُوَ لِلَّذِينَ آمَنُوا هُدًى وَشِفَاء ” (سورة فصلت:44)
الإمام أبو القاسم ވިދާޅުވިއެވެ. ދެން ތިމަން މިއާޔަތް ކިޔަވާފައި ދަރިފުޅުގެ ގަޔަށްފުމެ، އަދި އޭގެ ފެން ބޯން ދިނުމުން ﷲގެ އިރާދަފުޅުން ޝިފާ ލިބި އޭނާގެ ބަލިން ރަނގަޅު ވިއެވެ.
މިފަދަ ޝިފާ ލިބިދެނިވި ސޫރަތްތަކާއި އާޔަތްތަކުގެ ތެރެއިން:
1- سـورة الفاتحـة : މިސޫރަތަކީ ކީރިތިޤުރްއާނުގެ ސޫރަތްތަކުގެ ތެރެއިން އެންމެ އިތުރުކަން ބޮޑު ސޫރަތެވެ. މިސޫރަތަށް أم الكتاب (ފޮތުގެ މަންމަ) ގެ ނަން ވެސް ލިބިގެން ވެއެވެ. އަދި މިސޫރަތުގެ ނަންތަކުގެ ތެރޭގައި الشافية ، الراقية އަދި الكافية ފަދަ ނަންތައް ވެސް ވެއެވެ. އަދި މިސޫރަތުގެ އާޔަތްތަކުގެ މާނަ އަށް ވިސްނާ، ތަދައްބުރު ކުރުމުން ވެސް މިސޫރަތުގެ މާތްކަން އެނގިދެއެވެ. މިސޫރަތުގެ މާތްކަން ބަޔާން ކުރައްވާ ابن عباس رضي الله عنهما ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ރިވާ ކުރައްވާފައި ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި ޖިބުރީލުގެފާނު އިންނަވަނިކޮށް މަތިން އަޑެއް އިވުނެވެ. އެހިނދު ޖިބްރީލުގެފާނު އުޑަން ބައްލަވާލައްވާފައި ވިދާޅު ވިއެވެ. މިއަދު އުޑުން މީގެ ކުރިން ދުވަހަކު ވެސް ނުހުޅުވޭ ދޮރެއް ހުޅު ވިއްޖެއެވެ. އަދި މަލާއިކަތްބެއިކަލުންގެ ތެރެއިން ދުވަހަކު ވެސް ބިމަށް ފައިބާވަޑައި ނުގަންނަވާ ބެއިކަލަކު ފައިބާވަޑައި ގެންފިއެވެ. ދެންް ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަށް ސަލާމު ކުރައްވާ ވިދާޅުވިއެވެ. މުޙައްމަދުގެފާނެވެ! ކަލޭގެފާނަށް އުފާވެރިކަން ހުއްޓެވެ. ކަލޭގެފާނުގެ ކުރިން އެއްވެސް ނަބީ ބެއިކަލަކަށް ނުދެއްވާ، ދެނޫރު ކަލޭގެފާނަށް ދެއްވައިފިއެވެ. އެއީ فاتحة الكتاب (سـورة الفاتحـة) އާއި ބަޤަރާ ސޫރަތުގެ ފަހު އާޔަތްތަކެވެ. އޭގެން އަކުރެއް ކަލޭގެފާނު ކިޔަވާ ވިދާޅު ވެއްޖެ ނަމަ، އޭގެ ސަވާބު ލިބޭ ހުއްޓެވެ.” ( رواه مسلم)
އެހެންކަމުން سـورة الفاتحـة ގައި މާއްދީ ގިނަ ބަލިތަކަށާއި ރޫޙާނީ ކަންތައްތަކަށް ގިނަ ޝިފާތަކެއް ވެއެވެ. އަދި سـورة الفاتحـة ގައި ދެއްކުންތެރިކަމާއި ބޮޑާކަމާއި ކިބުރުވެރިކަމާއި ޖަހާލަތާއި ނޭއްގާނީކަން ފަދަ ބަލިތަކުގެ ޝިފާވެސްވެއެވެ. “إِيَّاكَ نَعْبُدُ” އަކީ ދެއްކުންތެރިކަމުގެ ފަރުވާއެވެ. ” وإِيَّاكَ نَسْتَعِينُ ” އަކީ ކިބުރުވެރިކަމާއި ބޮޑާކަމުގެ ފަރުވާއެވެ. އަދި ” اهدِنَا الصِّرَاطَ المُستَقِيمَ ” އަކީ ޖާހިލުކަމާއި މަގުފުރެދުމުން ސަލާމަތްވުމުގެ ފަރުވާއެވެ. އަދި މިސޫރަތުން ފަރުވާ ލިބި ގަތުމަކީ ހުއްދަ ކަމެކެވެ.
أبو سعيد الخدرى رضي الله عنه ގެ އަރިހުން ރިވާ ވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އަޞްޙާބު ބެއިކަލުންގެ ތެރެއިން ބަޔަކު ދަތުރެއް ގައި ނުކުންނެވިއެވެ. އަދި ޢަރަބި ޤަބީލާތަކުގެ ތެރެއިން ޤަބީލާއެއްގައި މަޑު ކުރައްވައި، އެމީހުންގެ ކިބައިން މެހްމާންދާރީ އަށް އެދުނެވެ. އެމީހުން އެބެއިކަލުންނަށް މެހްމާންދާރީ ދިނުމަށް އިންކާރު ކުރިއެވެ. އޭރު އެމީހުން އުޅެނީ އެޤަބީލާގެ ބޮޑުމީހާގެ ގައިގައި އެއްޗެއް ކަށި ޖަހައިގެންނެވެ. އެމީހުން އޭނާ ރަގަނޅު ކުރުމަށް ކުރި މަސައްކަތްތަކުން އެއްވެސް މަންފާ އެއް ނުކުރެއެވެ. އެމީހުންގެ ތެރެއިން ބަޔަކު އަޞްޙާބުބެއިކަލުންގެ އަރިހަށް އައިސް އެކަމާ ބެހޭ އެއްވެސް ޢިލްމެއް ވޭތޯ ސުވާލު ކުރިއެވެ. އަހަރަމެންގެ ވެރިމީހާގެ ގަޔަށް ވަނީ އެއްޗެއް ކަށި ޖަހާފައެވެ. ތިމަންމެން އޭނާއަށް ފަރުވާއެއް ލިބޭތޯ ކުރި މަސައްކަތުން އެއްވެސް މަންފާއެއް ނުކުރެއެވެ. ތިޔަބެއިކަލުންގެ އަތްޕުޅުގައި އެކަމަށް އެއްވެސް ފަރުވާއެއްވޭތޯއެވެ؟ އަޞްޙާބު ބެއިކަލުންގެ ތެރެއިން ބައެއް ބެއިކަލަކު ދެންނެވިއެވެ. ހަމަކަށަވަރުން ތިމަން ފަންޑިތައްއެއް ހަދައި އޭނާއަށް ފަރުވާއެއް ހޯއްދަވާ ދެއްވާނަމެވެ. އެކަމަކު ތިމަންމެން ކަލޭގެމެންގެ ކިބައިން މެހްމާންމާންދާރީއަށް އެދުމުން މެހްމާންދާރީ ނުދިނުމުން މިކަމުގައި އުޖޫރައެއް ދޭން ޖެހެއެވެ. އެމީހުން ބަކަރިތަކެއް ދޭނެ ކަމަށް އެއްބަސްވިއެވެ. ދެން އެމީހާގެ މައްޗަށް سـورة الفاتحـة ކިޔަވައި ފުމެލެއްވުމުން އެކަމުން ރަގަނޅު ވިއެވެ. އަދި ކުރިއެކޭ އެއްގޮތަށް ހިނގާ ބިނގާ އުޅެން ފަށައިފިއެވެ. މިވާހަކަ ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަށް ދެންނެވުމުން ޙަދީޡް ކުރެއްވިއެވެ. ” ތިޔަބައިމީހުންގެ ތިޔަ ޢަމަލު ރަގަނޅެވެ. އެބަކަރިތައް ތިޔަބައިމީހުންގެ ތެރޭގައި ބަހާށެވެ. އަދި އޭގެން ބައެއް ތިމަންކަލޭގެފާނަށް ވެސް ދެންވާށެއެވެ.” ( رواه البخارى ومسلم)
الإمام الغزالي رحمه الله ވިދާޅުވިއެވެ. ” މިޙަދީޡުން ވަރަށް ގިނަ ކަންތައްތަކެއް ހާމަވެގެންދެއެވެ. ފަހެ، سـورة الفاتحـة ގައިވާ ﷲގެ ސިފަފުޅުތަކާއި ދުޢާތަކުގެ ސަބަބުން سـورة الفاتحـة އަކީ އެންމެ މަތިވެރި ސޫރަތެވެ. އެސޫރަތުން ކިޔަވާ މީހާއަށާއި ކިޔެވޭ މީހާއަށް ވެސް މަންފާތަކެއް ކުރެއެވެ.” (الاستشفاء بالدعاء للشيخ إبراهيم الجمل، ص: 65)
މިސޫރަތުގެ ތާސީރު ބަޔާން ކުރައްވާ الإمام ابن القيم رحمه الله ވިދާޅުވެފައި ވެއެވެ. އެއްފަހަރަކު ތިމަންކަލޭގެފާނު ވަރަށް ބޮޑަން މައްކާ ގައި ބަލިފުޅުވިއެވެ. އަދި ބޭސްކުރާނެ ޙަކީމަކާއި ބޭހެއް ވެސް ލިބިވަޑައި ނުގަތުމުން އަމިއްލަފުޅަށް سـورة الفاتحـة އިން ފަރުވާ ކުރައްވަން ފެއްޓެވީމެވެ. ޒަމްޒަމްފެނަށް މިސޫރަތް ކިޔަވާފަ، ބޯންފެށީމެވެ. ދެން އިސާހިތަކުން ރަގަނޅުވ، ޝިފާ ލިބިއްޖެއެވެ. އަދި ވަރަށް ގިނަ ބަލިތަކުގެ ޝިފާއެއްގެ ގޮތުގައި އެސޫރަތް ކިޔަވަން ފެށުމުން އޭގެ މަންފާ ލިބިގެން ދިޔައެވެ.” ( زاد المعاد في هدي خير العباد 3 / 122)
2– آية الكرسي: آية الكرسي ބަލިތަކުންނާއި ޝައިޠާނީ އުދަނގޫތަކުންނާއި ވަސްވާސްތަކުން ރައްކާތެރިކަން ލިބިދެއެވެ. އެހެންކަމުން آية الكرسي އަށް އަމާންކަމާއި ރައްކާތެރިކަމުގެ އާޔަތުގެ ނަމުން ނަންދެވިގެންވެއެވެ. أبي بن كعب رضي الله عنه ގެ އަރިހުން ރިވާ ވެގެން ވެއެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޡް ކުރެއްވިއެވެ. أبو المنذر އެވެ! ކީރިތިޤުރްއާނުގެ އާޔަތްތަކުގެ ތެރެއިން އެންމެ އިތުރުކަން ބޮޑު އާޔަތަކީ ކޮބައިކަން ދެނެވަޑައިގަންނަވަމުތޯއެވެ؟ أبي ގެފާނު ވިދާޅުވިއެވެ. އާއެކެވެ. އެއީ اللّه لا إلــهَ إلاَّ هو الحيّ القيّوم އެވެ. (އެބަހީ:آية الكرسي އެވެ.) އެހިނދު ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ أبيގެ މެއި ގައި ޖައްސަވާފަ ވިދާޅުވިއެވެ. أبو المنذر އެވެ! ކަލޭގެފާނުގެ ޢިލްމުވެރިކަމަށް އުފާވެރިކަން ހުއްޓެވެ.” ( رواه مسلم )
އަދި ވެސް آية الكرسي ގެ މާތްކަން ބަޔާން ކުރައްވާ ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޡް ކުރެއްވިއެވެ. ” من قرأ آية الكرسي في ليلة لم يزل عليه من الله حافظ ولا يقربه شيطان حتى يصبح ” ( رواه البخارى) މާނައީ: ” آية الكرسي ރޭގަޑު ކިޔަވައިފި މީހާ ވަނީ ﷲ ގެ ރައްކާތެރިކަމުގައެވެ. އަދި ފަތިސްވަންދެން ޝައިޠާނާ ވެސް އޭނާއާ ކައިރި ނުވާ ހުއްޓެވެ.” آية الكرسي ކިޔެވުމުން ބަލިތަކުންނާއި ޝައިޠާނީ ވަސްވާސްތަކުން ރައްކާތެރިކަން ލިބިދެއެވެ. آية الكرسي އަށް ” آية المستعيدين ” އާއި ” آية الآمنة والحافظة ” ފަދަ ނަންތައް ވެސް ކިޔައެވެ.
3- سـورة البقرة ގެ ފަހު އާޔަތްތައް: سـورة البقرة ގެ ފަހު ދެއާޔަތަކީ ވެސް ބަލިތަކުން ޝިފާ ލިބިދެނިވި އާޔަތްތަކެކެވެ. އަދި ޖިންނި ޝައިޠާނުންގެ އުދަގޫތަކުން ރައްކާތެރިކޮށް ދެއެވެ. أبو مسعود عقبة بن عمروގެ އަރިހުން ރިވާ ވެގެން ވެއެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޡް ކުރެއްވިއެވެ. ” مَنْ قرأ بالآيتين مِنْ آخر سورة البقرة في ليلة كفتاه ” (رواه البخارى ومسلم ) މާނައީ: ” سـورة البقرة ގެ ފަހު ދެއާޔަތް ކިޔައިފި ނަމަ މުޅި ރޭގަނޑަން ފުދެއެވެ.” އެބަހީ: އެދެއާޔަތް މީހާގެ ރައްކާތެރިކަމަށް ފުދެއެވެ.
الإمام الشوكاني رحمه الله ވިދާޅުވެފައި ވެއެވެ. ” كَفَتَاهُ ” (އެސޫރަތް ފުދެއެވެ.) އޭގެ މުރާދަކީ سـورة البقرة ގެ ފަހު ދެއާޔަތް ރޭއަޅުކަމަށް ފުދެއެވެ. އަދި އެދެއާޔަތް ޝައިޠާނާގެ ކިބައިންނާއި އާފަތްތަކާއި މުޞީބާތްތަކުން ރައްކާތެރިކަމަށް ފުދެއެވެ. އަދި އޭގައި މާތްކަމާއި ސަވާބުގެ ގިނަ މާނަތަކެއް އެކުލެވިގެން ވެއެވެ. ( تحفة الذاكرين للشوكاني، ص 335).
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޡް ކުރެއްވިއެވެ. ” إن الله ختم سورة البقرة بآيتين أعطانيهما من كنزه الذي تحت العرش فتعلموهما وعلموهن نساءكم وأبناءكم فإنهما صلاة وقراءة ودعاء ” (رواه الحاكم) މާނައީ: ” ހަމަކަށަވަރުން މާތްﷲ ބަޤަރާ ސޫރަތް ނިއްމާފައި ވަނީ ﷲގެ ޢަރުޝްފުޅުގެ ދަށުގައިވާ ޚަޒާނާއަކުން ދެއްވާފައިވާ ދެއާޔަތުންނެވެ. ފަހެ، އެދެއާޔަތް ދަސް ކުރާށެވެ. އަދި ތިޔަބައިމީހުންގެ އަނބީންނަށާއި ދަރީންނަށް ދަސްކޮށްދޭށެވެ. ފަހެ، އެދެސޫރަތަކީ ކިޔަވައި ތިލާވަތު ކުރަންޖެހޭ ދެއާޔަތެވެ. އަދި ދުޢާއެކެވެ.”
4– سورة الفلق އާއި سورة الناس އިން ޝިފާ ލިބިގަތުން: ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ މާއްދީ ބަލިތަކަށާއި ރޫޙާނީ ބަލިތަކަށް މިތިން ސޫރަތުން ޝިފާ ލިބިވަޑައިގެންނެވި ކަމަށް ވާރިދުފެއި ވެއެވެ.
މާތްﷲ ރުއްސުން ލެއްވި أم المؤمنين عائشةގެފާނުގެ އަރިހުން ރިވާވެގެން ވެއެވެ. އެއްފަހަރަކު ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ނަމާދު ކުރައްވަމުން ސަޖިދައަށް ވަޑައިގެންނެވި ހިނދު، އެކަލޭގެފާނުގެ އިނގިލިފުޅު ގައި ބިޗުލެއް ކަށި ޖެހިއެވެ. އެކަލޭގފާނު ލޮނުކޮޅެއް ގެންނަވާފައި ކަށިޖެހި އިނގިލިފުޅު ލޮނުކޮޅު މަތީގައި ބާއްވަވާފައި سورة الإخلاص، سورة الفلق އަދި سورة الناس މިތިން ސޫރަތް ވިދާޅުވުމުން ފަސޭހަފުޅު ވިއެވެ.( رواه ابن أبي شيبة )
عثمان بن عفان رضي الله عنه ރިވާ ކުރެއްވިއެވެ. ތިމަންކަލޭގެ އާލާސްކަންފުޅެއް ޖެހިވަޑައިގަތުމުން އެކަމުގެ ޝަކުވާ ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަށް ދެންނެވީމެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޡް ކުރެއްވިއެވެ. ” ކަލޭގެފާނުގެ އަތްޕުޅު ތަދުވާ ތަނުގައި ބާއްވާފައި ވިދާޅުވާށެވެ. އަދި ރައްކާތެރިކަން ލިބިގަންނާށެވެ.” بِسْمِ اللهِ الرَّحمنِ الرجيم أُعِيْذُكَ بِاللهِ الأحَدُ الصَّمَدُ الَّذِي لَمْ يَلِدْ وَلَمْ يُولَدْ وَلِمْ يَكُنْ لَهُ كُفَوًا أحَدُ” (رواه أبو يعلي وابن السني)
އަދި ވެސް މާތްﷲ ރުއްސުން ލެއްވި ޢައިޝަތުގެފާނު އަރިހުން ރިވާ ވެގެންވެއެވެ. އެކަމަނާ ވިދާޅުވިއެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އާލާސްކަންފުޅެއް ޖެހިވަޑައިގެންފި ނަމަ، އެކަލޭގެފާނު އަމިއްލަފުޅަށް سورة الإخلاص، سورة الفلق އަދި سورة الناس ވިދާޅުވެ، ފުމެލައްވައެވެ. އަދި އެކަލޭގެފާނުގެ އާލާސްކަންފުޅު މާބޮޑު ވެއްޖެ ނަމަ ތިމަންކަމަނާ އެސޫރަތްތައް ކިއުއްވާ، އެކަލޭގެފާނުގެ ހަށިކޮޅުގައި އަތްގުޅާލަންވާ އެސޫރަތްތަކުން ބަރަކާތް ލިބިގަންނަމެވެ. ( رواه البخارى)
ކީރިތިޤުރްއާނަކީ ރޫޙާނީ ބަލިތަކާއެކު ޖިސްމާނީ ގިނަ ބަލިތަކެއްގެ ވެސް ފަރުވާއެވެ. މިގޮތުން ކީރިތިޤުރްއާނުން ފަރުވާ ލިބި ގަންނަ ހިނދު ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ވާރިދުވެފައިވާ ގޮތުގެ މަތީން ޢަމަލު ކުރަން ޖެހެއެވެ. އަދި ކީރިތި ޤުރްއާނުގެ އެއްވެސް އާޔަތެއް ނުވަތަ އަކުރެއް ވެސް އޭގެ މާނަ ދޭހަ ނުވާ ގޮތަށް އެއްވެސް ކަމެއް ކުރުން ހުއްދަ ވެގެން ނުވެއެވެ. ކީރިތިޤުރްއާނުގެ ޙަޤީޤީ ފަރުވާ ލިބިގަނެވޭނީ މީހާގެ ޢަޤީދާ ހަރުދަނާވެ، މާތް ﷲ އަށް ކުރެވޭ އިޢުތިބާރެއްގެ ފުރިހަމަ ކަމުންނެވެ. الإمام ابن القيم رحمه الله ވިދާޅުވެފައި ވެއެވެ. ” ޤުރްއާނުން ފަރުވާ ލިބި ގަންނަ މީހާގެ ނަފުސް ހަރުދަނާވެ، ﷲ އަށް ހިތް ނިޔަތް ޚާލިޞް ކޮށް، އަދި ޔަޤީން ކަން އިތުރުކޮށް އެކަލާނގެއަށް ޒިކުރު ކުރުން ގިނަ ކުރަން ޖެހެއެވެ.”
فضيلة الشيخ أبوبكر الجزائرى ވިދާޅުވެފައި ވެއެވެ. ” ޤުރްއާނުން ޝިފާ ލިބިގަންނަ މީހާގެ ޝިފާލިބިގަތުން ވަނީ އޭނާގެ ފުރިހަމަ އީމާން ކަމާއި ނަފުސުގެ ޠަހާރަތުގެ މައްޗަށެވެ.”
އަދި ކީރިތިޤުރްއާނުން ވެސް އެނޫން ގޮތަކަށް ފަރުވާ ލިބިގަތަސް މީހާ އިޢްތިޤާދު ވާން ޖެހޭނީ ޝިފާ ދެއްވާ ފަރާތަކީ މާތް ﷲ ކަމެވެ.
ކީރިތި ޤުރްއާނުގެ ބައެއް އާޔަތްތަކުން ޝިފާ ލިބިގަނެވިދާނެ ގޮތް:
ބޮލުގައި ރިއްސުން:
ބޮލުގައި ރިއްސާމީހާ ކަނާތުން ބަލިމީހާގެ ބޮލުގައި ހިފަހައްޓައިގެން އަންނަނިވި އާޔަތްތައް أعوذ بسم ންކިޔަވާފަ، ކިޔާ ހުށިކަމެވެ.
” يُرِيدُ اللّهُ أَن يُخَفِّفَ عَنكُمْ وَخُلِقَ الإِنسَانُ ضَعِيفًا ” (سورة النساء: 28)
” الآنَ خَفَّفَ اللّهُ عَنكُمْ وَعَلِمَ أَنَّ فِيكُمْ ضَعْفًا ” (سورة الأنفال: 66)
” كهيعص . ذِكْرُ رَحْمَةِ رَبِّكَ عَبْدَهُ زَكَرِيَّا . إِذْ نَادَى رَبَّهُ نِدَاء خَفِيًّا ” (سورة مريم :1- 3)
” وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ ” (سورة البقرة: 186)
” وَلَهُ مَا سَكَنَ فِي اللَّيْلِ وَالنَّهَارِ وَهُوَ السَّمِيعُ الْعَلِيمُ ” (سورة الأنعام: 13)
” أَلَمْ تَرَ إِلَى رَبِّكَ كَيْفَ مَدَّ الظِّلَّ وَلَوْ شَاء لَجَعَلَهُ ” ( سورة الفرقان: 45)
“ حم . عسق ” (سورة الشورى: 1-2)
ދެން ހަތް ފަހަރު سـورة الفاتحـة ކިޔަވައި ފުމެލާނީއެވެ. މާތްﷲގެ އިރާދަފުޅުން ވަރަށް އަވަހަށް ބޮލުގައި ރިއްސުން ފަސޭހަވެ، ރަނގަޅުވާނެއެވެ. ނަމަވެސް މީހާގެ އީމާންކަމާއި ޔަޤީންކަމާއެކު މިގޮތަށް ކަންތައް ކުރުމުންނެވެ.
ލޮލުގެ ބަލިތައް
ލޮލުގައި ރިއްސާމީހާ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ޞަލަވާތް ކިޔަވައި، އަންނަނިވި އާޔަތް ” فَكَشَفْنَا عَنكَ غِطَاءكَ فَبَصَرُكَ الْيَوْمَ حَدِيدٌ ” (سورة ق: 22) ކިޔަވައި ޝަހާދަތް އިނގިލިން ދެލޮލުގައި ފިރުމައިލާނީއެވެ. މާތްﷲގެ އިރާދަފުޅުން ކީރިތިޤުރްއާނުގެ ބަރަކާތުން ލޮލުގެ އުނދަގޫތައް ފަސޭހަވެގެން ދާނެއެވެ.
ކަރުގައި ރިއްސުން
މީހަކު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް އައިސް އޭނާގެ ކަރުގައި ރިއްސައި ތަދުވާ ކަމުގެ ޝަކުވާތަކެއް ކުރިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޡް ކުރެއްވިއެވެ. ” عليك بقراءة القرآن ” (رواه البيهقي) މާނައީ: ” ތިބާގެ މައްޗަށް ޤުރްއާން ކިޔެވުން ހުއްޓެވެ.” ކީރިތިޤުރްއާން ގިނަ ގިނައިން ކިޔެވުމަކީ ކަރުގެ ބަލިތަކުން ރައްކާތެރި ވާނެ ކަމެކެވެ.
ކީރިތިޤުރްއާނަކީ ޝައިޠާނާގެ އުނދަގޫތަކުންނާއި ވަސްވާސްތަކުގެ ވެސް އެންމެ ރަނގަޅު ފަރުވާއެވެ. ހެދުނާއި ހަވީރު آية الكرسي އާއި سورة الإخلاص، سورة الفلق އަދި سورة الناس ފަދަ ސޫރަތްތައް ކިޔާނަމަ ޝައިޠާނާގެ އުނދަގޫތަކުން ސަލާމަތް ވާނެ ކަމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ވަރަށް ގިނަ ޙަދީޡްތަކުގައި ބަޔާން ވެގެންވެއެވެ.
ކީރިތިޤުރްއާނުގެ އާޔަތްތަކުން ޝިފާ ލިބިގަންނަ ހިނދު، އެކަމުގެ ޙަޤީޤީ މަންފާ ކުރާނީ ފުރިހަމަ އީމާންކަމާއެކު އެކަން ކޮށް، މާތްﷲއަށް އޮންނަ އިޢުތިމާދު ވަރުގަދަ ކުރެވިގެންނެވެ. الإمام ابن القيم رحمه الله ވިދާޅުވެފައި ވެއެވެ. ” ކީރިތިޤުރްއާނުން ފަރުވާ ލިބިގަންނަ މީހާ، އީމާންކަން ވަރުގަދަ، ހިތް ނިޔަތް ރަނގަޅު އިޚްލާޞްތެރި މީހަކަށް ވާންޖެހެއެވެ. ދުލުން އެކިޔަވާ ތަކެއްޗަކީ ހިތުގެ އަޑިން އަންނަށް އެއްޗަކަށް ވާން ޖެހެއެވެ. އަދި އޭނާގެ ދުލާއި ހިތްވެސް އެއްގޮތް ވާންޖެހެއެވެ. އަދި ގިނަގިނައިން ޒިކުރުތަކާއި ދުޢާތައް ކިޔަންޖެހެއެވެ. މިގޮތަށް އިޚްލާޞްތެރިކަމާއެކު ފަރުވާ ހޯދާކަމަށް ވާނަމަ މާތްﷲގެ އިރާދަފުޅުން ޝިފާ ލިބިގެންދާނެއެވެ.”
(ނުނިމޭ)…..
އާޔަތް ތަކުގެ މާނަވެސް ލިޔެލާދެއްވުމުން ވަރަށް ފުރިހަމަވާނެ. ފޮންޓު ކަމަކު ނުދޭ.
ވަރަށް ބޭނުންތެރި ލިޔުމެއް.ޖަޒާކަﷲ ޚައިރާ..