ޢަމަލާއި ބަސް ވަނީ ހިތުން އެކަމެއްގެ މައްޗަށް ކުރާ އިޢުތިޤާދުގެ މައްޗަށް ބިނާވެގެންނެވެ.

މީސްތަކުންނަށް ރުޤްޔާ ކޮށްދިނުމާއި، މީހުން ލައްވާ ރުޤްޔާ ކުރުމާއި، އަދި އަމިއްލަ ނަފްސަށް ރުޤްޔާ ކުރުންވެސް ހުއްދަވެގެން ވަނީ މުހިއްމު 3 ޝަރުޠަކާއިއެކުއެވެ. އެއީ, އެރުޤްޔާއެއްގައި ޝިރުކާއި ޙަރާމްކަމެއް ނެތުމާއި، އެރުޤްޔާއަކީ އޭގެ މާނަ އެނގޭފަދަ ބަހަކުން އޮތް އެއްޗަކަށް ވުމާއި، އެރުޤްޔާއަކީ، އެކަން ކުރާމީހާގެ ބާރާއި މޮޅުކަމުން، ނުވަތަ އެރުޤްޔާއިން އޭގެ ޒާތުގައި އޭގެ ބާރުން އަސަރުކުރުވާ އެއްޗެއް ނޫންކަމާއި އެއީ މާތް ﷲ ގެ ވާގިފުޅާއި ރަޙުމަތްފުޅާއިއެކު އަސަރުކުރުވާ ސަބަބެއްކަން ޤަބޫލުކުމެވެ. އެހެންކަމުން މީގެ ތެރެއިން މިފަހަރު މިބަލައިލަނީ އަޅުގަނޑުމެން މިއަދު ވަރަށްވެސް ސަމާލުވެ ރައްކާތެރިވާން ޖެހޭ ކަމެއްގެ މައްޗަށެވެ. އެއީ ފަހުން މިދެންނެވި ޝަރުތާއި ގުޅިފައިވާ ކަންތަކެވެ. އެއީ އަހަރެމެންގެ ޤަބޫލުކުރުން ނުވަތަ އިޢުތިޤާދެވެ. އެހެންކަމުން، އަޅުގަނޑުގެ އަމިއްލަ ނަފްސަށާއި، ޚާއްޞަކޮށް ރުޤްޔާކުރައްވާ ފަރާތްތަކަށާއި ރުޤްޔާގެ އެހީތެރިކަން ހޯއްދަވާ ފަރާތްތަކަށާއި، ޢާއްމުކޮށް އެންމެނަށް މިނަސޭޙަތުގެ ބަސްކޮޅު ހުށަހަޅަމެވެ. މާތްﷲ އަހަރެމެނަށް ހިދާޔަތު ދައްކަވާ، ތެދުމަގުގައި ސާބިތުކުރައްވާށިއެވެ.
ބައެއް މީހުނަށް ހީވެފައި އޮންނަނީ، ރުޤްޔާ ކުރުމުން އަސަރުކުރާނީ، ނުވަތަ ބަލިމީހާއަށް ޝިފާ ލިބޭނީ، އެކަން ކުރާމީހާގެ ސަބަބުން ކަމަށެވެ. ނުވަތަ ބަލި ފަސޭހަ ނުވަނީ، ވަކިމީހަކު ކުރީމަކަމަށެވެ. ނަމަވެސް ޙަޤީޤަތަކީ، ރަނގަޅު ޢަޤީދާއެއްގެ ވެރިޔަކު، މިދެންނެވި ޝަރުތުތަކާއި އެއްގޮތަށް ރުޤްޔާ ކޮށްފިނަމަ އެކުރިމީހާގެ މައްސަލައެއް ނެތެވެ. އަދި އެކަމުގައި އޭނާގެ ބާރެއްވެސް ނެތެވެ. އޭގެ ސަބަބުން ބަލި ފަސޭހަވިޔަސް، އަދި ނުވިޔަސްމެއެވެ. އެހެނީ ޝިފާ ދެއްވޭނޭ ހަމައެކަނި ފަރާތަކީ، ބަލި ޖެއްސެވުމުގެވެސް ވެރި އިލާހު، ﷲ ސުބުޙާނަހޫ ވަތަޢާލާއެވެ.
މާތް ﷲ އެކިމީހުނަށް ޝީފާ ދެއްވަނީ އެކި ސަބަބުތައް މެދުވެރި ކުރައްވައެވެ. އެކި ބޭހާއި އެކި ޑޮކްޓަރުންގެ ފަރުވާ މެދުވެރިކުރައްވައެވެ. ހަމައެފަދައިން، އެކަކު ރުޤްޔާކޮށްގެން ރަނގަޅު ނުވި މީހަކަށް، ތިމާ ރުޤްޔާ ކުރުމުން ﷲ ޝިފާދެއްވަފާނެއެވެ. ދަންނާށެވެ. މިކަމުގެ މައްޗަށް ބޮޑާވެގަތުމަށް އަހަރެމެނަށް އޮތީ ކޮން ޙައްޤެއް ހެއްޔެވެ؟؟ އެއީ ހަމަ ﷲގެ މިންވަރުފުޅެވެ. ތިމާގެ އާރެއް ބާރެއް ނޫނެވެ. އެހެންކަމުން މިފަދަ ޙާލަތްތަކުގައި ވެސް އަހަރެމެންގެ އިޢުތިޤާދު ސަލާމަތް ކޮށް ޝައިޠާނާގެ ވަކިތަކުން ސަލާމަތް ކުރަންޖެހެއެވެ. އަދި ރުޤްޔާ ކުރާއިރު ތިމާގެ އާރާއި ބާރުން ކަމެއް ވާކަން މީހުނަށް ދައްކައި، އެކަމުގައި ބޮޑު ކުޅިވަރެއް މީހުނަށް ދައްކާ އުސޫލުން ކަންކުރުމަށް ޝައިޠާނާ ރުޤްޔާކުރާ މީހާއަށް ހިތްވަރުދީފާނެއެވެ. އޭގެ ސަބަބުން އެމީހާއާއި، އެމަންޒަރު ދުއްމީހާވެސް މަގުފުރެދި ޢަޤީދާއިން ބޭރުވެގެން ހިނގައިދާނެއެވެ. އެހެންކަމުން އަހަރެމެންގެ ނިޔަތް ޚާލިޞްކޮށް އެކަމަކީ މީހުނަށް ދެއްކުމަށްޓަކައި ކުރާކަމެއް ނޫންކަމާއި، ތިމާގެ ބާރުން ކުރެވޭ ކަމެއް ނޫންކަން އިޢުތިޤާދު ކުރަންޖެހެއެވެ. މީސްތަކުންނަށް އަހަރެމެންގެ ނިޔަތް ނޭނގުނަސް ކަޅުފޮއެ އަނދިރި ރޭތަކުގައި، ކަޅުހިލައެއްގެ މަތީ ކަޅު ހިންޏެއް ހިރިލާ ހިރިލުންވެސް މޮޅަށް ދެނެވޮޑިގެންވާ އިލާހު އަހަރެމެންގެ ނިޔަތް މޮޅަށް ދެނެވޮޑިގެންވެއެވެ.
ދަންނަންވީ ކަމަކީ، ކިތަންމެ ހޮޔޮކަމެއްވެސް، އެކަމުގެ ނިޔަތަކީ ދެއްކުންތެރިކަމާއި، މީސްތަކުން ރުއްސުންކަމަށް ވެއްޖެނަމަ، އަދި އެހެންވެސް ނުބައި ނިޔަތެއް އޮވެއްޖެ ނަމަ އެކަމަކީ ޝިރުކުގެ ތެރެއަށް ވަދެގެން ހިނގައިދާނެ ކަމެއްކަން ދަންނަން ޖެހެއެވެ. އަދި އެޢަމަލަކީ ބާޠިލު ޢަމަލެއްކަމުގައި ވެދާނެއެވެ. ހަމަ އެހެންމެ، ކިތަންމެ ރަނގަޅު ނިޔަތެއްގައިވެސް، ކުރާ ނުބައި ޢަމަލު ނުވަތަ ނުބައިކޮށް ކުރާ ޢަމަލަކީވެސް ހަމަ ބާޠިލު، ފައިދާއެއް ނެތް ނުބައި ޢަމަލެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަންނަނިވި ބަސްފުޅު ޢިލްމުވެރިން ޝަރަޙަ ކުރައްވާފައި ވަނީ މިފަދައިންނެވެ.
“إِنَّمَا الْأَعْمَالُ بِالنِّيَّاتِ ، وَإِنَّمَا لِكُلِّ امْرِئٍ مَا نَوَى”(صحيح البخاري)
މާނައީ: “ހަމަކަށަވަރުން ޢަމަލުތައް ބިނާވެގެންވަނީ ނިޔަތްތަކުގެ މައްޗަށެވެ. އަދި އެމީހަކަށް ވަނީ އެމީހަކު ނިޔަތް ގަތް ކަމެކެވެ.” އެހެން ކަމުން މިކަން އަބަދުވެސް ހަނދާނުގައި ބަހައްޓަމާ ހިނގާށެވެ.
އައްޝެއިޚް މުޙައްމަދު މުޚްތާރުއްޝަންޤީޠީ، ޒާދުލް މުސްތަޤްނިޢުގެ ޝަރަޙައިގައި (ބާބުލް ޖަޢާލާ) ގައި ވިދާޅުވެފައި ވެއެވެ. “ހަމަކަށަވަރުން ރުޤްޔާކުރާ މީހާގެ މައްޗަށް ޝައިޠާނާ ސަވާރުވެގަންނަނީ ބިރާއި ނުރައްކާ ކުރިމަތިކޮށްގެނާއި ވަސްވާސްތަކުންނެވެ. އަދި އެބައިމީހުން ސަމާލުކަން ނުދޭ މަގުތަކުން އެބައިމީހުންގެ މައްޗަށް ސަވާރުވެގަނެއެވެ. ފަހެ ޝައިޠާނާ ރުޤްޔާ ކުރާމީހާއަށް، ނުބައި ކަމެއް އެއީ ހެޔޮކަމެއް ކަމުގައި ހީވާފަދައިން ދައްކައިގެން އޭނާގެ މައްޗަށް ސަވާރުވެދާނެއެވެ. ފަހެ އެއީ އެމީހަކަށް ދީނީ ގޮތުންނާއި ދުނިޔަވީ ގޮތުން ހުރި މުޞީބާތެއްކަމުގައި ވެދާނެއެވެ.
ފަހެ އެމީހަކަށް ވާޖިބުވެގެންވަނީ ﷲގެ ކިބައިން ރައްކާތެރިކަން ހޯދުމެވެ. މިފަދަ ވަސްވާސްތަކުން ސަލާމަތްވެގެންދަނީ މާތްﷲ އަށް ޛިކުރު ކުރުމުންނެވެ. ފަހެ އެމީހަކު އެމީހެއްގެ ހުރިހާ ކަމެއްގައި، އަދި ހެނދުނު ވުމުންނާއި އަދި ހަވީރުވުމުގައިވެސް، އެއްވެސް މިންވަރަކަށް ގެއްލުންވާފަދަ ކަމެއް ރައްދުނުކުރެވޭނެކަމާއި، އަދި އެއްވެސް ހެޔޮކަމެއްވެސް އަމިއްލައަށް ޙާޞިލްނުކުރެވޭނެކަމަށް އިޢުތިޤާދުކޮށްގެނެވެ. (އޭނާގެ ބާރުން ނުވަތަ މޮޅުކަމުން މިފަދަ އެއްވެސް ކަމެއް ޙާޞިލް ކޮށް ނުވަތަ ކުރިމަތި ނުކުރެވޭނެކަން އިޢުތިޤާދު ކުރާށެވެ.) އަދި ﷲގެ ކިބައިން ގިނަގިނައިން ރައްކާތެރިކަމަށް އެދުމާއި، ﷲއަށް ބަރޯސާވެގެންނެވެ. އޭރުން އެމީހަކަށް މާތްﷲ ފުދިގެންވެއެވެ. އަދި އެމީހަކު ހެޔޮ ޙާލުގައި ވާހުއްޓެވެ.
ދެން އެމީހަކު އޭނާއަކީ (އޭނާގެ ބާރާއި މޮޅުކަމުން) މީހުނަށް އަސަރު ފޯރުވޭނޭ މީހެއްކަމުގައި ޤަބޫލުކޮށް އިޢުތިޤާދުކޮށްފިނަމަ، އަދި އޭނާގެ ރުޤްޔާއިން (އޭނާގެ ބާރާއި މޮޅުކަމުން) މީހުނަށް ފައިދާ ޙާޞިލްކޮށްދެވޭނެ މީހެއްކަމަށް، އަދި އޭނާ ރުޤްޔާ ކޮށްފިނަމަ (އޭނާ ރުޤްޔާ ކުރީތީ) އެރުޤްޔާއެއް ޤަބޫލުވެވި އަސަރުކުރާނެކަމަށް އިޢުތިޤާދު ކުރާމީހާ، ފަހެ މިފަދަ އިޢުތިޤާދުގެ މަތީހުންނަ މީހާ މިއިޢުތިޤާދުގެ ސަބަބުން ﷲ ހަލާކުކުރައްވާނެއެވެ. ފަހެ އެންމެ ގިނަ ޢާފާތްތައް ޖެހެނީ ހިތުގެ ނިޔަތުގެ ސަބަބުންނެވެ.”

Close Ad XGet My Ruqya Android App On Google Play

(ނިމުނީ)

ޙިޔާލުފާޅުކުރައްވާ

1 ކޮމެންޓު

  1. cheerful

    މާޝާﷲ. ވ. ރަނގަޅު ލިޔުންކޮޅެއްް. ސުވާލަކީ: ރުޢްޔާ ކުރާ މީހާ ރަނގަޅުނުވުމުގެ ސަބަބުގެ ތެރޭގައި ރުޢްޔާ ކުރާ މީހާގެ އަޤީދާ ފާސިދު ވުން ހިމެނެންޏާ އެހެން ރާޤީ އެއް ކައިރި އަށް ދެވިދާނެ ނޫންތޯއެވެ؟ އަދި ރާޤީއަކީ ކޮން އަޤީދާ އެއްގެ މީހެއްކަން އިނގޭހިސާބުން އެހެން ރާޤީ އެއްކައިރިއަށް ދިޔުން ލާޒިމްކުރޭނޫންތޯ؟