މިއަހަރުގެ ފިޠުރު ޢީދު ނަމާދު ސުންނަތާއި އެއްގޮތަށް މައިދާނުގައި (މުޞައްލާގައި) ވިލިމާލޭގައި ކުރާގޮތަށް ޕީސް ފައުންޑޭޝަންގެ ފަރާތުން އިސްނަގައިގެން އިތިޒާމްކޮށްފިއެވެ. ޕީސް ފައުންޑޭޝަން އިން އެޖަމިއްޔާގެ ފޭސްބުކް ޕޭޖްގައި ޖަހާފައިވާ ޕޯސްޓުގައި ވަނީ 1437 ވަނަ އަހަރުގެ ފިޠުރު ޢީދުގެ ވިލިމާލޭގެ ބޮޑު ޖަމާޢަތް ވިލިމާލޭ ބޯޅަދަނޑުގައި އޮންނާނެ ކަމަށެވެ. އަދި މި ސުންނަތް ދިރުވުމުގައި ހުރިހާ އަޚުންނާއި އުޚްތުން ބައިވެރިވެލެއްވުމަށް ވަނީ އެދިފައެވެ.
މިފަހަރު މާލޭގެ ބޮޑު ޖަމާޢަތް، މާފަންނު ސްޓޭޑިއަމްގައި ނުބާއްވާ އިސްލާމީ މަރުކަޒުގައި ބާއްވާ ގޮތަށް އިސްލާމިކް މިނިސްޓްރީ އިން ވަނީ ނިންމާފައެވެ. މިގޮތަށް ނިންމާފައި ވަނީ މަޒުކަޒުގެ ވަށައިގެންވާ ސަރަހައްދުގައި މާބުލް ޖަހައި ގިނަ ބަޔަކަށް އެއްފަހަރާ އެ ތަނުގައި ނަމާދު ކުރެވޭ ގޮތަށް އެތަން ޒީނަތްތެރި ކޮށްފައިވާތީ ކަމަށް އެމިނިސްޓްރީ އިން ވަނީ ހާމަކޮށްފައެވެ. މިސްކިތުގައި ޢީދު ނަމާދު އޮންނައިރު މަރުކަޒުގެ ވަށައިގެންވާ ސަރަޙައްދު ގައި މީހުނަށް ނަމާދު ކުރެވޭ ގޮތަށް މާބުލް ޖަހާފައިވީނަމަވެސް، ބޭރުގައި ސަފުތައް ހަދާއިރު ސަފުތައް މެދުކެނޑޭގޮތަށް ގަސް ބުރުތައް ބައެއް ސަރަޙައްދުގައި ހުރިކަންވެސް ފާހަގަކޮށްލެވެއެވެ. އަދި މިސްކިތުގައި ޢީދު ނަމާދު ކުރުމަށް މިނިސްޓްރީއިން ނިންމި އިރު، ޢީދު ނަމާދު ކުރުން އިސްލާމް ދީނުގައި ވަނީ މައިދާނުގައި (މުޞައްލާގައި) މިސްކިތުން ބޭރުގައި އިމާމާއި، މައުމޫމުން ތިބެގެން ކަމަށާއި، މިސްކިތުގައި ޢީދު ނަމާދު ކުރުމަކީ ބިދުޢައެއް ކަމަށްވެސް ޢިލްމުވެރިން ދަނީ ވިދާޅުވަމުންނެވެ.
ސްޓޭޑިއަމްގެ ބޮޑު މައިދާނުގެ ބަދަލުގައި މިސްކިތުގައި، އިސްލާމީ މަރުކަޒުގައި ޢީދު ނަމާދު ކުރާގޮތަށް ނިންމުމުން ޢިލްމުވެރިންނާއި ގިނަ ޢަދަދެއްގެ ބަޔަކު ގެންދަނީ ސޯޝަލް މީޑިއާގައި މިކަމާ މެދު ނުރުހުން ފާޅުކުރަމުންނެވެ. އަޅުކަން ޤަބޫލު ވެވުން ވަނީ، މުސްލިމަކަށް ވެހުރެ، އިޚްލާޞްތެރިކަމާއިއެކު، ﷲ އާއި ރަސޫލާ އެންގެވި ގޮތަށް އެކަން ކުރުމުން ކަމަށް ވީއިރު، އަދި ޢީދު ނަމާދު މިސްކިތުގައި ކުރުން އެއީ ބިދުޢައެއް ކަމުގައި ބައެއް ޢިލްމުވެރިން ދަލީލުތަކާއި އެކު ބަޔާންކުރައްވާ، އަދި ޢީދު ނަމާދު ކުރުން ސުންނަތް ވެގެންވަނީ މިސްކިތުގައި ނޫންކަމަށާއި މައިދާނުގައި (މުޞައްލާގައި) ކަމުގައި ޢިލްމުވެރިން ވިދާޅުވަމުން ގެންދަވާ އިރު މިއީ އަޅުގަނޑުމެން ވިސްނާލަން ޖެހޭ ކަމެކެވެ. ޚާއްޞަކޮށް ޢީދު ނަމާދާއި ޢީދު އުފަލުގެ ހިތްގައިމުކަން ޙާޞިލްވަނީވެސް އެންމެން އެކުގައި އެއް މައިދާނެއްގައި ޢީދު ނަމާދުކޮށް ސަލާމްގަލާމް ކޮށްލުމުންނެވެ.
މީގެ 5 ވަރަކަށް އަހަރު ކުރިން ފެށިގެން މާލޭގައި ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި ކުރުން މާލޭގައި އޮތީ މޫސުން ތަން ދޭނަމަ މާފަންނު ސްޓޭޑިއަމްގައެވެ. އެތަނުގައި އެއްފަހަރާ ގާތްގަނޑަކަށް 30000 މީހުނަށް، ޢީދު ނަމާދު މައިދާނުގައި (މުޞައްލާގައި) ކުރުމުގެ ސުންނަތް ޙާޞިލްކޮށް އެކުވެރި އުފާވެރި މާޙައުލެއްގައި އެންމެން އެކުގައި އުފާކޮށްލެވެއެވެ. ނަމަވެސް އިސްލާމީ މަރުކަޒުގައި ޢީދުނަމާދު ކޮށްލެވޭނީ ގާތްގަނޑަކަށް 20000 މީހުނަށެވެ.
އަޅުގަނޑުމެން ޢީދު ނަމާދަށް ދާނީ މާބުލް ޖަހާ މިސްކިތުގެ ސަރަޙައްދު ޒީނަތްތެރިކޮށްފައިވާތީ އެއުފާ ޙާޞިލްކުރުމަށްތޯ ނުވަތަ އަޅުކަން ސުންނަތުގައި އައިސްފައިވާ ގޮތަށް އަދާކުރުމަށް އެފަދަ މައިދާނަކަށްތޯ ވިސްނާލަމާތޯއެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޢީދު ނަމާދު ކުރެއްވި ގޮތަކީ ކޮބައިތޯ؟
▫️Vissaara vun fadha uzureh nethi miskithugai eid namaadh kurumakee bidhu’a eh▫️
Dr. Mohamed Iyaz Abdhul…Posted by Dr. Muhammad Iyaz Abdul Latheef on Saturday, July 2, 2016
0 ކޮމެންޓު