ޢަރަބި ބަހުގައި އިސްތިޢާޛާގެ މާނައަކީ ގޯސް ކަމަކުން ދުރުހެލިވެ ގަތުމެވެ.
އިޞްޠިލާޙީ މާނައަކީ: ގެއްލުން ދެނިވި ކޮންމެ އެއްޗަކުންނާއި ކަމަކުން, ރައްކާތެރިކޮށްދެއްވުން އެދި, ﷲގެ ޙަޟްރަތައް ދުޢާކޮށް ދެންނެވުމެވެ.
ގުރްއާން ކިޔަވަން ފަށާއިރު އިސްތިޢާޛާ ކުރުމުގެ ޙުކުމް:
އިސްތިޢާޛާ އަކީ ގުރްއާނުގެ ބައެއް ނޫން ކަމަށާއި، ނަމަވެސް ކިޔަވަން ފެށުމުގެ ކުރިން އަޢޫޛު ކިޔަން ޖެހޭނެ ކަމަށް ޢީލްމުވެރިން އިއްތިފާގުވެލައްވައެވެ. ސަބަބަކީ ގުރްއާން ކިޔެވުމަކީ ﷲ އަށް ކުއްތަން ވުމުގެ ގޮތުން ކުރެވޭ އެންމެ މަތިވެރި އެއްކަންތައް ކަމަށްވީތީވެއެވެ. އަދި އެކަމުން މީސްތަކުން ދުރުހެލި ކުރުވުމަށް ޝާއިޠާނާ ގަދައަޅާ މަސައްކަތް ކުރާނެތީވެއެވެ.
ޖުމްހޫރު ފިގްހުވެރިންގެ ރައުޔުގައި ގުރްއާން ކިޔަވަން ފެށުމުގެ ކުރިން އަޢޫޛޫ ކިޔުމަކީ ސުންނަތެކެވެ. ނަމަވެސް ޢަޠާ އާއި ޘައުރީގެ ރައުޔަކީ އެއީ ވާޖިބެއް ކަމަށެވެ. އެބޭފުޅުންގެ ދަލީލަކީ ސޫރަތުއް ނަޙްލުގެ 98 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅުގެ ބޭރުފުށުގެ މާނައެވެ. (فَإِذَا قَرَ‌أْتَ الْقُرْ‌آنَ فَاسْتَعِذْ بِاللَّـهِ مِنَ الشَّيْطَانِ الرَّ‌جِيمِ ﴿٩٨﴾ )

މާނައަކީ: “ފަހެ، ކަލޭގެފާނު قرآن ކިޔަވައި ވިދާޅުވާނަމަ، ފަހެ، رحمة ން ބޭރުކުރައްވާފައިވާ شيطان އާގެ ކިބައިން ދުރުކުރެއްވުންއެދި، اللَّه ގެ ރައްކާތެރިކަމަށްއެދި ދަންނަވާށެވެ!” އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގުރްއާން ކިޔަވަން ފައްޓަވާނަމަ އަޢޫޛު ވިދާޅުވާތީވެއެވެ. މީގެ އިތުރުން އެއީ ޝައިޠާނީ ވަސްވާސްތައް ދުރުކޮށްދޭ ކަމަކަށްވާތީވެއެވެ. އެކަމަކާއި ލައިގެން މެނުވީ ވާޖިބު ކަމެއް އަދާ ނުކުރެވޭ ކޮންމެ ކަމަކީ ވާޖިބެކެވެ.
ގުރްއާން ކިޔަވަން ފެށުމުގެ ކުރިން އަޢޫޛު ކިޔުމަކީ ސުންނަތެއް ކަމުގައި ޖުމްހޫރު ޢިލްމުވެރިން ވިދާޅުވާ ބަސްފުޅުގެ ދަލީލަކީ ސަލަފުންގެ ބޭފުޅުން އެއީ ސުންނަތެއް ކަމަށް އިޖްމާޢުވެލައްވާފައި ވުމެވެ.” (އަލްމައުސޫޢަތުލް ފިގްހިއްޔާ 4/6.)
އެހެންކަމުން ނަމާދުގައި ވިޔަސް އަދި ނަމާދުން ބޭރުގައި ވިޔަސް ގުރްއާން ކިޔަވަން ފެށުމުގެ ކުރިން އަޢޫޛު ކިޔުމަކީ ޖުމްހޫރު ޢިލްމުވެރިންގެ ގާތުގައި ސުންނަތެކެވެ. އެހެންކަމުން، ގުރްއާން ކިޔަވަން ފެށުމުގެ ކުރިން އަޢޫޛު ނުކީ ކަމުގައިވީނަމަވެސް އެމީހަކު ފާފަވެރި އެއް ނުވާނެއެވެ. ނަމަވެސް، މޮޅު އިތުރު ގޮތް ދޫކޮށްލެވުނީއެވެ.
ނަމާދުގެ ކޮންމެ ރަކްޢަތެއްގައި އަޢޫޛު ކިޔަން ޖެހޭނެތޯ ނުވަތަ ނޫންތޯ؟
މި މައްސަލާގައި ޢިލްމުވެރިންގެ ޚިޔާލު ތަފާތުވެފައި ވެއެވެ. މި މައްސަލާގައި ރާޖިޙް ގޮތަކީ ފުރަތަމަ ރަކްޢަތުގައި އަޢޫޛު ކިޔުމުން އެހެން ހުރިހާ ރަކްޢަތަކަށް ފުދޭކަމަށެވެ.
އިސްތިޢާޛާގެ ޙާލަތްތައް:
އިސްތިޢާޛާގެ ޙާލަތްތައް ތިރީގައި މިވަނީއެވެ.
ބާރަށް ކިޔުން: އިސްތިޢާޛާ ބާރަށް ކިޔަން ޖެހެނީ ދެޙާލަތެއްގައެވެ.
ފުރަތަމަ: ކިޔަވާ މީހާ ކިޔަވަނީ ބާރަށް ކަމަށް ވެފައި، އޭނާގެ ކިޔެވުމުގެ އަޑު އަހަން ބަޔަކު ތިބިނަމަ.
ދެވަނަ: މީސްތަކުންނަށް އުނގަންނައިދޭ އިރު، ކިޔަވަން ފަށާ މީހާ.
ސިއްރުން ކިޔުން: އިސްތިޢާޛާ ސިއްރުން ކިޔާ ހަތަރު ތަނެއް ވެއެވެ. އެއީ:
ފުރަތަމަ: ސިއްރިއްޔަ ނަމާދެއް ނަމަވެސް އަދި ޖަހްރިއްޔަ ނަމާދެއް ނަމަވެސް އިސްތިޢާޛާ ކިޔާނީ ސިއްރުންނެވެ.
ދެވަނަ: ސިއްރުން ގުރްއާން ކިޔަވާނަމަ.
ތިންވަނަ: ޖަމާޢަތެއްގައި ކިޔަވާ އިރު ކިޔަވަން ފަށާ މީހާ އަކީ އޭނާ ނޫން ކަމަށް ވަނީނަމަ
ހަތަރުވަނަ: އެކަނި ހުރި ގުރްއާން ކިޔަވާނަމަ.

Close Ad XGet My Ruqya Android App On Google Play

 

ބަސްމަލާ އާއި އެކުގައި އިސްތިޢާޛާ ކިޔޭ ގޮތްތައް:
ތައުބާ ސޫރަތް ފިޔަވާ އެހެން ސޫރަތްތައް ފެށުމުގައި އަޢޫޛު އާއި ބިސްމި ކިޔުމުގައި ހަތަރު ގޮތެއް ވެއެވެ.
1. ހުރިހާ އެއްޗެއް ވަކި ކޮށްގެން ކިޔުން. (އަޢޫޛު ވަކިން. ބިސްމި ވަކިން. އަދި ސޫރަތް ފެށުން.)
2. ފުރަތަމަ ބައި ވަކި ކޮށްފައި ދެވަނަ ބަޔާއި ތިންވަނަ ބައި ގުޅުވައިގެން ކިޔުން. (އަޢޫޛު ކިޔާފައި ހުއްޓާފައި. ބިސްމި އާއި ސޫރަތުގެ ފުރަތަމަ އާޔަތް އެއްނޭވާ އިން ގުޅުވައިގެން ކިޔެވުން.)
3. ފުރަތަމަ ދެބައި ގުޅުވާފައި ތިންވަނަ ބައި ވަކިން ކިޔުން. (އަޢޫޛު އާއި ބިސްމި ގުޅުވައިގެން އެއް ނޭވާ އިން ކިޔާފައި ހުއްޓާފައި، ސޫރަތުގެ ފުރަތަމަ އާޔަތް ކިޔެވުން.)
4. ހުރިހާ ތަނެއް ގުޅުވައިގެން ކިޔެވުން. (އަޢޫޛު އާއި ބިސްމި އަދި ސޫރަތުގެ ފުރަތަމަ އާޔަތް އެއް ނޭވާ އިން ގުޅުވައިގެން ކިޔެވުން.)
ތައުބާ ސޫރަތް ފިޔަވާ އެހެން ކޮންމެ ސޫރަތެއް ފެށުމުގެ ކުރިންވެސް މިގޮތަށް ކިޔެވިދާނެއެވެ. ތައުބާ ސޫރަތުގެ ފެށޭތަނުގައި ބިސްމި ނޯންނާތީވެ އެސޫރަތް މިގޮތަށް ނުކިޔެވޭނެއެވެ.
ދެ ސޫރަތް ދެމެދުގައި އަޢޫޛު ކިޔާކަށްވެސް ނުޖެހޭނެއެވެ. ދެ ސޫރަތް ދެމެދުގައި ކިޔަވާނީ ބިސްމި އެވެ. ނަމަވެސް އަންފާލު ސޫރަތާއި ތައުބާ ސޫރަތާއި ދެމެދުގައި ބިސްމި އެއް ނޯންނާނެއެވެ.

 

އާފުރޭ ވަގުތުގައި އަޢޫޛު ކިޔުން.
އާފުރޭ ވަގުތުގައި އަޢޫޛު ކިޔުމަށް އެއްވެސް ދަލީލެއް އައިސްފައި ނުވެއެވެ. އެހެންނަމަވެސް ވާރިދުވެގެންވަނީ އެވަގުތުގައި އަނގަމަތި ބަންދު ކުރެވެން އޮތް ގޮތަކުން ބަންދު ކުރުމެވެ. އަނގަމަތީ އަޅާނެ އެއްޗެއް ނުލިބިއްޖެނަމަ އަތް އަޅައިގެން ނަމަވެސް އަނގަ ބަންދު ކުރުމެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިރްޝާދު ދެއްވާފައިވާ ގޮތަކީ މިއީ އެވެ. އާފުރޭ ވަގުތުގައި އަޢޫޛު ކިޔުމަށް އިރްޝާދު ދެއްވާފައެއް ނެތެވެ.
ފަހަރެއްގައި ބައެއް ބޭފުޅުން ވިދާޅުވެދާނެއެވެ. ސޫރަތުލް އަޢްރާފްގެ 200 ވަނަ އާޔަތުގައި ﷲ ވަނީ ޝައިޠާނާގެ ކިބައިން ދުރުހެލިވުމަށް ޓަކައި އަޢޫޛު ކިޔުމަށް އަމުރު ކުރައްވާފައެވެ. (وَإِمَّا يَنزَغَنَّكَ مِنَ الشَّيْطَانِ نَزْغٌ فَاسْتَعِذْ بِاللَّـهِ ۚ إِنَّهُ سَمِيعٌ عَلِيمٌ )

މާނައަކީ: “އަދި ހަމަކަށަވަރުން، شيطان އާގެ ފަރާތުން ވަސްވާސްތެރިކަމެއް އައިސް ކަލޭގެފާނުގެ ހިތްޕުޅަށް ވަންނަނަމަ، اللَّه ގެ ރައްކާތެރިކަމަށް އެދިވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ދެނެވޮޑިގަންނަވާ ރަސްކަލާނގެއެވެ. ” އާފުރުމަކީ ޝައިޠާނާގެ ކިބައިން އަންނަ ކަމެއް ކަމުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ.
މީގެ ޖަވާބުގައި ބުނަން އޮތީ: މި އާޔަތުގައި މިވާ “ޝައިޠާނާގެ ވަސްވާސްތެރި ކަމުގެ” މުރާދަކީ އިންސާނާ ލައްވާ ނުބައި ކަމެއް ކުރުވުމަށް ޝައިޠާނާ މަސައްކަތް ކުރުމެވެ. އެގޮތުން ވާޖިބު ކަމެއް ނުކޮށް ދޫކޮށްލުވުން، ނުވަތަ ޙަރާމް ކުރެއްވި ކަމަކަށް އަރައިގަތުވުން ފަދަ ކަމެކެވެ. މިފަދަ ކަމެއް އިންސާނާ އަށް އިޙްސާސް ކުރެވޭ ހިނދުގައި ޝައިޠާނާގެ ކިބައިން ދުރު ކުރެއްވުމަށް އެދި އަޢޫޛު ކިޔާނީއެވެ. އާފުރޭ ވަގުތު ކަންކުރަންވީ ގޮތް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ދަސްކޮށް ދެއްވާފައެވެ. އެވަގުތު އަޢޫޛު ކިޔުމަށް އަންގަވާފައެއް ނުވެއެވެ.
ސަޢޫދީގެ “އައްލަޖްނަތުއް ދާއިމާ ލިލްއިފްތާއި” އިން ނެރުއްވި ފަތްވާ އެއްގައި ވެއެވެ.
“ނަމާދުގައި ވިޔަސް އަދި ނަމާދުން ބޭރުގައި ވިޔަސް އާފުރޭ ވަގުތުގައި އަޢޫޛު ކިޔަން ދަލީލެއް އޮތް ކަމެއް ތިމަންމެންނަށް އެނގިފައެއް ނުވެއެވެ.” މިފަތުވާ ނެރުއްވި ބޭފުޅުންނަކީ އައްޝައިޚް ޢަބްދުލް ޢަޒީބް ބިން ބާޒް، އައްޝައިޚް ޢަބްދުއް ރައްޒާގް ޢަފީފީ، އައްޝައިޚް ޢަބްދުﷲ ޣުދައްޔާން، އައިޝައިޚް ޢަބްދުﷲ ބިން ގުޢޫދު އެވެ. (ފަތާވާ އައްލަޖްނަތުއް ދާއިމާ 6/383.)

 

އާޔަތަކުން އިސްތިދްލާލު ކުރާ އިރުގައި އިސްތިޢާޛާ ކިޔަން ޖެހޭނެތޯ؟
ގުރްއާން ކިޔަވަން ފަށާއިއިރު އަޢޫޛު ކިޔުމަށް އަންގަވާފައިވެއެވެ. ސޫރަތުއް ނަޙްލުގެ 98 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރެއްވިއެވެ. (فَإِذَا قَرَ‌أْتَ الْقُرْ‌آنَ فَاسْتَعِذْ بِاللَّـهِ مِنَ الشَّيْطَانِ الرَّ‌جِيمِ ﴿٩٨﴾)

މާނައަކީ: “ފަހެ، ކަލޭގެފާނު قرآن ކިޔަވައި ވިދާޅުވާނަމަ، ފަހެ، رحمة ން ބޭރުކުރައްވާފައިވާ شيطان އާގެ ކިބައިން ދުރުކުރެއްވުންއެދި، اللَّه ގެ ރައްކާތެރިކަމަށްއެދި ދަންނަވާށެވެ!” ސޫރަތެއް ފަށޭތަނުން ކިޔެވުން ފަށާނަމަ އައޫޛު އާއި ބިސްމި ކިޔާނީއެވެ. އަދި ސޫރަތެއްގެ މެދުތެރެއިން ކިޔަވަން ފަށާނަމަ ހަމައެކަނި އަޢޫޛު ކިޔާނީއެވެ. ބިސްމި ކީ ނަމަވެސް މައްސަލަ އެއް ނެތެވެ.
ވާހަކަ އެއް ދެއްކުމުގެ ތެރޭގައި ހެކި ދެއްކުމުގެ ގޮތުން ނުވަތަ ކަމެއްގެ ދަލީލު ބަޔާން ކޮށްދިނުމުގެ ގޮތުން ގުރްއާނުގެ އާޔަތެއް ކިޔާ ހިނދު އަޢޫޛު ކިޔާކަށް ނުޖެހެއެވެ.

 

ޙިމާރު ނުވަތަ ކުއްތާ ގޮވާ އަޑު އިވުމުން އަޢޫޛު ކިޔުން:
ޙިމާރަށް ޝައިޠާނާ ފެންނާނެ ކަމަށާއި، ޙިމާރު ހަޅޭއްލަވައިގަންނަނީ ޝައިޠާނާ ފެނިގެން ކަމަށް ޙަދީޘް ގައި ވާރިދުވެފައި ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (إِذَا سَمِعْتُمْ صِيَاحَ الدِّيَكَةِ فَاسْأَلُوا اللَّهَ مِنْ فَضْلِهِ ؛ فَإِنَّهَا رَأَتْ مَلَكًا ، وَإِذَا سَمِعْتُمْ نَهِيقَ الْحِمَارِ فَتَعَوَّذُوا بِاللَّهِ مِنْ الشَّيْطَانِ ، فَإِنَّهُ رَأَى شَيْطَانًا) رواه البخاري (3303) ومسلم (2729)

މާނައަކީ: “ހާ ގޮވާ އަޑު އިވިއްޖެނަމަ، ﷲ ގެ ފަޟްލަވަންތަކަމަށް އެދި ދަންނަވާށެވެ. ހަމަކަށަވަރުން އެސޮރު އެގޮވަނީ މަލާއިކަތަކު ފެނިގެންނެވެ. އަދި ޙިމާރު ހަޅޭއްލަވާ އަޑު އިވިއްޖެނަމަ ޝައިޠާނާގެ ކިބައިން ސަލާމަތް ވުމަށް އެދި ދުޢާ ކުރާށެވެ. އެސޮރަށް ޝައިޠާނާ ފެނުނީއެވެ.”
އަދިވެސް ޙަދީޘް ކުރައްވާފައިވެއެވެ. (إِذَا سَمِعْتُمْ نُبَاحَ الْكِلَابِ وَنَهِيقَ الْحُمُرِ بِاللَّيْلِ فَتَعَوَّذُوا بِاللَّهِ ، فَإِنَّهُنَّ يَرَيْنَ مَا لَا تَرَوْنَ) رواه أبو داود (5103)

މާނައަކީ: “ރޭގަނޑު ވަގުތެއްގައި ކުއްތާ އެއް ނުވަތަ ޙިމާރެއް ގޮވާ އަޑު أعوذ بالله من الشيطان الرجيم ކިޔާށެވެ. ތިޔަބައިމީހުންނަށް ނުފެންނަ ތަކެތި އެސޮރުމެންނަށް ފެނެއެވެ.”
މި ޙަދީޘްގައި ރޭގަނޑުގެ ވަގުތުގައި ކުއްތާ އާއި ޙިމާރު ގޮވާ އަޑު އިވިއްޖެނަމަ އަޢޫޛު ކިޔުމަށް ކުރައްވާފައިވާ އަމުރު ދުވާލު ގަޑި އަށްވެސް ވެއެވެ. ޙަދީޘްގައި ރޭގަނޑުގެ ވަގުތު ޚާއްޞަ ކުރައްވާފައިވަނީ އެވަގުތަކީ ޝައިޠާނުންތައް ބޮޑަށް ފެތުރިގަންނަ ވަގުތު ކަމަށްވާތީވެއެވެ.

ޙިޔާލުފާޅުކުރައްވާ

0 ކޮމެންޓު