6. ބައިވަރު މީހުންނަށް އެއްފަހަރާ ރާޤީ ކިޔަވާއިރު (ރުޤްޔަތުލް ޖަމާޢިއްޔާ) ވަރަށްގިނަ އާޔަތްތައް ކިޔަވާނެއެވެ. މިގޮތަށްވެސް ވަރަށް ގިނަކަންކަން ރާޤީއަށް ފާހަގަ ކުރެވެއެވެ. މިގޮތުން އެއްފަހަރެއްގައި ޞަދަޤާތްދިނުމަށް ބާރުއަޅުއްވާފައިވާ އާޔަތެއް އަޅުގަނޑު ކިޔަވަނިކޮށް މީހަކު ވަރަށް ބާރަށް ތެޅެން ފެށިއެވެ. ދެން ހަމަ އެފަދަ އެހެން އާޔަތެއް އަޅުގަނޑު ކިޔެވީމެވެ. {وَالْمُتَصَدِّقِينَ وَالْمُتَصَدِّقَاتِ}( سورة الأحزاب:35)، (މާނައީ: އަދި ޞަދަޤާތް ދޭ ފިރިހެނުންނާއި، ޞަދަޤާތް ދޭ އަންހެނުންނާއި…) މިއާޔަތް ކިޔަވަން ފެށުމުން އޭނާ އިތުރަށް ތެޅެން ފެށިއެވެ. އަދިވެސް އެހެން އާޔަތެއް ކިޔެވީމެވެ. {وَأَمَّا السَّائِلَ فَلَا تَنْهَرْ ﴿١٠﴾}( سورة الضحى:10) (މާނައީ: އަދި ދަންނާށެވެ! ފަހެ، ކަމަކަށްއެދި އަންނަ މީހާޔަށް، ކަލޭގެފާނު އަޑުލައި ނަހައްދަވާށެވެ!) މިއާޔަތް ކިޔެވުމާއެކު ހަޅޭލަވަން ފެށިއެވެ. އަދި ލައިގެން ހުރި ހެދުންވެސް އިރާލިއެވެ. އޭނާއަށް ރުޤްޔާގެ އެހެން އާޔަތްތައްކިޔެވި އިރު އަސަރުނުކޮށް އަސަރުކުރީ މިއާޔަތްތަކުންނެވެ. އެއަށްފަހު އޭނާ މަސައްކަތްކުރާ ފިހާރައިގެ ވެރިމީހާ އޭނާއަށް މާގިނައިން މީހުންނަށް ޞަދަޤާތްދީ އެހީވެދީ އުޅޭތީ ހަސަދަލާކަން ހަނދާންވިއެވެ. ( ފަޤީރުން އެފިހާރައަށް ސަލާމްޖަހަން އާދެއެވެ. ނަމަވެސް އެފިހާރައިގެ ވެރިމީހާ އެމީހުންނަށް އެއްވެސް އެއްޗެއް ނުދީ ފޮނުވާލަނީއެވެ. ނަމަވެސް މިބަލިމީހާ އެހެންއަންނަ ފަޤީރުންނަށް ލާރިދީ ޞަދަޤާތްކޮށް ހަދައެވެ. މިކަމާ ފިހާރައިގެ ވެރި މީހާ ވަރަށް ނުރުހުންވެ އެވާހަކަ ދައްކައެވެ. މިގޮތަށްގޮސް ފިހާރަ ވެރިމީހާގެ ހަސަދައިގެ އަސަރު އޭނާއަށް ކުރީއެވެ). މިގޮތަށް ކިޔަވަމުން ދާއިރު ބައެއްމީހުންނަށް އެއާޔަތްތަކެއްގައި ޒީނަތްތެރިކަމާއި ރީތިކަމުގެ ވާހަކަ ދައްކާ އާޔަތްތަކުން އަސަރު ކުރެއެވެ. އަދި ބައެއް ބަލިމީހުންނަށް ރުޤްޔާގެ އެއްވެސް އާޔަތަކުން އަސަރު ނުކޮށް ހަމައެކަނި ބާރުގެ ވާހަކަ އައިސްފައި ހުންނަ އާޔަތްތަކުން އަސަރުކުރެއެވެ. އެއަށްފަހު އޭނާގެ ހަށިގަނޑުގެ ބިޔަކަމާއި ވަރުގަދަކަމުގެ ސަބަބުން ހަސަދަލާމީހެއްގެ އަސަރު ކޮށްފައިވާ ކަން ސާބިތުވެއެވެ. މިނޫނަސް މިފަދަ އެތައް ހާދިސާތަކެއް އެބަހުއްޓެވެ. އެވާހަކަތައް އެކަމަށް ޚާއްސަ މަޢުޟޫގައި އިން ޝާ ﷲ ގެނެސްދޭނަމެވެ.
7. އާޔަތްތައް އިޚްތިޔާރުކުރުމުން ލިބޭ އަނެއްފައިދާއަކީ، ބައެއް ނަފްސާނީބަލިތަކަށްވެސް ޚާއްސަ އާޔަތްތަކެއް އިޚްތިޔާރުކޮށް އެފަދަ ބަލިމީހުންނަށް ފަރުވާކުރުމުގެ ފުރުސަތުލިބުމެވެ. އެހެނީ ބައެއް ބަލިމީހުންނަކީ ދިމާވާ ބޮޑު ހާދިސާއެއްގެ ސަބަބުން ނުވަތަ މާލީގޮތުން ލިބޭ ގެއްލުމެއްގެ ސަބަބުން، އެކަން އެއީ ސިހުރުގެ ސަބަބުން ނުވަތަ އެސްފީނާގެ ސަބަބުން ވީކަމެއް ކަމުގައި ކުށްހީއެއް ވެފައި އޮންނަ މީހުންނެވެ. އެފަދަ ގެއްލުންތައް ސިހުރާއި އެސްފީނާއިން ވެއެވެ. ކީރިތި ޤުރުއާނަކީ އެފޮތުގައި ހުރިހާ ބައްޔަކަށް ޝިފާވާ ފޮތެއްކަމުން މިފަދަ ނަފްސާނީ ޙާލަތްތަކުން ބަލިމީހާ ސަލާމަތްކޮށް އޭނާއަށް ސާބިތުކަންދެއްވުން އެދި އެކަމަށް ޚާއްސަ އާޔަތްތަކެއް ކިޔެވިދާނެއެވެ. މިސާލަކަށް {وَلَنَبْلُوَنَّكُم بِشَيْءٍ مِّنَ الْخَوْفِ وَالْجُوعِ وَنَقْصٍ مِّنَ الْأَمْوَالِ وَالْأَنفُسِ وَالثَّمَرَاتِ ۗ وَبَشِّرِ الصَّابِرِينَ ﴿١٥٥﴾ الَّذِينَ إِذَا أَصَابَتْهُم مُّصِيبَةٌ قَالُوا إِنَّا لِلَّـهِ وَإِنَّا إِلَيْهِ رَاجِعُونَ ﴿١٥٦﴾ أُولَـٰئِكَ عَلَيْهِمْ صَلَوَاتٌ مِّن رَّبِّهِمْ وَرَحْمَةٌ ۖ وَأُولَـٰئِكَ هُمُ الْمُهْتَدُونَ ﴿١٥٧﴾ }( سورة البقرة:155-157)، (މާނައީ: ހަމަކަށަވަރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން امتحان ކުރައްވާހުށީމެވެ. (އެއީ) ބިރުވެރިކަމާއި ބަނޑުހައިހޫނުކަމުގެ ތެރެއިން ކަމެއް މެދުވެރިކުރެއްވުމުންނެވެ. އަދި މުދާތަކާއި ފުރާނަތަކާއި މޭވާތައް އުނިކުރެއްވުމުންނެވެ. އަދި ކެތްތެރިންނަށް އުފާވެރިކަމުގެ خبر، ކަލޭގެފާނު ދެއްވާށެވެ!(155) އެއުރެންނީ އެއުރެންނަށް مصيبة އެއް ޖެހިއްޖެނަމަ، ހަމަކަށަވަރުން ތިމަންމެންނީ، اللَّه އަށް މިލްކުވެވޮޑިގެންވާ ބަޔެކޭ، އަދި ހަމަކަށަވަރުން ތިމަންމެންނީ، އެކަލާނގެ حضرة އަށް އެނބުރިދާނޭ ބަޔެކޭ ބުނާ މީހުންނެވެ.(156) އެއުރެންނީ، އެއުރެންގެ ވެރިރަސްކަލާނގެ حضرة ން مغفرة އާއި رحمة އެއުރެންގެ މައްޗަށް ހުރި މީހުންނެވެ. އަދި ތެދުމަގު ލިބިގެންވާ މީހުންނީ ހަމަ އެއުރެންނެވެ.(157)) {إِنَّ رَبَّكَ يَبْسُطُ الرِّزْقَ لِمَن يَشَاءُ وَيَقْدِرُ ۚ إِنَّهُ كَانَ بِعِبَادِهِ خَبِيرًا بَصِيرًا ﴿٣٠﴾} (سورة الإسراء:30) (މާނައީ: ހަމަކަށަވަރުން، ތިބާގެ ވެރިރަސްކަލާނގެ، އެކަލާނގެ އިރާދަކުރައްވާ މީހަކަށް رزق ތަނަވަސްކޮށްދެއްވަތެވެ. އަދި އެކަލާނގެ (އިރާދަކުރައްވާ މީހަކަށް رزق) ދަތިކުރައްވަތެވެ. ހަމަކަށަވަރުން، އެކަލާނގެއީ، އެކަލާނގެ އަޅުތަކުންގެ خبر މޮޅަށްދެނެވޮޑިގެންވާ، މޮޅަށްބައްލަވާވޮޑިގެންވާ ކަލަކު ކަމުގައިވެއެވެ.)، { لَهُ مَقَالِيدُ السَّمَاوَاتِ وَالْأَرْضِ ۖ يَبْسُطُ الرِّزْقَ لِمَن يَشَاءُ وَيَقْدِرُ ۚ إِنَّهُ بِكُلِّ شَيْءٍ عَلِيمٌ ﴿١٢﴾} (سورة الشورى:12) (މާނައީ: އުޑުތަކާއި، ބިމުގެ ތަޅުދަނޑިތައް މިލްކުވެގެންވަނީ އެކަލާނގެއަށެވެ. އެކަލާނގެ އިރާދަކުރައްވާ މީހަކަށް رزق ތަނަވަސްކޮށްދެއްވަތެވެ. އަދި (އެކަލާނގެ އިރާދަކުރައްވާ މީހަކަށް رزق) ދަތިކުރައްވަތެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ކޮންމެކަމެއްމެ މޮޅަށްދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.)، { وَمَا أَصَابَكُم مِّن مُّصِيبَةٍ فَبِمَا كَسَبَتْ أَيْدِيكُمْ وَيَعْفُو عَن كَثِيرٍ ﴿٣٠﴾} (سورة الشورى:30) (މާނައީ: ތިޔަބައިމީހުންނަށް ޖެހޭހާ مصيبة އެއް ޖެހެނީ، ތިޔަބައިމީހުންގެ އަތްތަކުން ހޯދިކަންތަކުގެ ސަބަބުންނެވެ. އަދި އެކަލާނގެ ގިނަފާފަތައް عفو ކުރައްވަތެވެ.) { مَا أَصَابَ مِن مُّصِيبَةٍ إِلَّا بِإِذْنِ اللَّـهِ ۗ وَمَن يُؤْمِن بِاللَّـهِ يَهْدِ قَلْبَهُ ۚ وَاللَّـهُ بِكُلِّ شَيْءٍ عَلِيمٌ ﴿١١﴾} ( سورة التغابن:11) (މާނައީ: اللَّه ގެ إذن ފުޅަށްމެނުވީ، އެއްވެސް مصيبة އެއް ނުޖެހެއެވެ. އަދި اللَّه އަށް إيمان ވާމީހާ (ދަންނާށެވެ!) އެކަލާނގެ އެމީހާގެ ހިތަށް ތެދުމަގު ދައްކަވަތެވެ. اللَّه އީ، ކޮންމެކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.) { وَإِذَا أَنْعَمْنَا عَلَى الْإِنسَانِ أَعْرَضَ وَنَأَىٰ بِجَانِبِهِ ۖ وَإِذَا مَسَّهُ الشَّرُّ كَانَ يَئُوسًا ﴿٨٣﴾} (سورة الإسراء:83) (މާނައީ: އަދި އިންސާނާއަށް، ތިމަންރަސްކަލާނގެ نعمة ދެއްވައިފިނަމަ، އަނެއްފަރާތަށް އެނބުރި ބޮޑާވެގަނެތެވެ. އަދި އޭނާއަށް ނުބައިކަމެއް ޖެހިއްޖެނަމަ، (އެކަލާނގެ رحمة ން) އުންމީދު ކަނޑައިލާ މީހަކަށް ވެދެތެވެ.) { وَإِن يَمْسَسْكَ اللَّـهُ بِضُرٍّ فَلَا كَاشِفَ لَهُ إِلَّا هُوَ ۖ وَإِن يُرِدْكَ بِخَيْرٍ فَلَا رَادَّ لِفَضْلِهِ ۚ يُصِيبُ بِهِ مَن يَشَاءُ مِنْ عِبَادِهِ ۚ وَهُوَ الْغَفُورُ الرَّحِيمُ ﴿١٠٧﴾} (سورة يونس:107) (މާނައީ: އަދި اللَّه ތިބާއަށް ގެއްލުމެއް މެދުވެރިކުރައްވާނަމަ، އެކަލާނގެ މެނުވީ، އެކަން ފިއްލަވާނޭ އެހެންފަރާތެއް ނުވެއެވެ. އަދި އެކަލާނގެ ކަލޭގެފާނަށް ހެޔޮކަމަކަށް އިރާދަކުރައްވައިފިނަމަ، އެކަލާނގެ فضل ވަންތަކަން އަނބުރާ ރައްދުކުރެވޭނެ ފަރާތެއް ނުވެތެވެ. އެ فضل ވަންތަކަން އެކަލާނގެ ދެއްވަނީ، އެކަލާނގެ އަޅުންގެ ތެރެއިން، އެކަލާނގެ އިރާދަކުރެއްވި މީހަކަށެވެ. އަދި އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ރަސްކަލާނގެއެވެ.).
އަދިވެސް މިނޫނަސް ކެތްތެރިކަމާއި މުސީބާތްތަކުގައި ސާބިތުވުމުގެ ވާހަކަތައް އައިސްފައިވާ އާޔަތްތަކުން މިފަދަ ނަފްސާނީ ބަލިތައް ފިލުވައިލާ ބަލިމީހާގެ ޢަޒުމުއާކޮށްދީ ހިތްހަމަޖައްސައިދެއެވެ. އަދި މިނޫނަސް ފާފައިގެ އަހުލުވެރިން އައުމުން އެމީހުންގެ މައްޗަށް ޒިނޭއާއި ފާޙިޝްޢަމަލުތަކުގެ ނުބައިކަމުގެ ވާހަކަ ޒިކުރުކުރެވިފައިވާ އާޔަތްތަކާއި، ފާފައިގެ އަހުލުވެރިންނަށް ﷲ ދެއްވާ ޢަޒާބާއި ޢުޤޫބާތްތަކުގެ ވާހަކައާއި، އެފާފަތައްދޫކޮށް ހެޔޮމަގަށް ރުޖޫޢަވުމުން ލިބޭ ނިޢުމަތްތަކުގެ ވާހަކަތައް ޒިކުރުކުރެވިފައިވާ އާޔަތްތައް ކިޔުމުން އެތައް ބަޔަކު ތައުބާވެ ދީނަށް ރުޖޫޢަވެފައި އެބަހުއްޓެވެ. މިއީ ހުސްވެސް ޤުރުއާނުން ލިބޭ ޝިފާއެވެ.
އަޅުގަނޑު އެއްފަހަރެއްގައި ޝައިޚެއް ގާތުގައި ޢިލްމުގެ އާޔަތްތައް ކިޔެވީމެވެ. ދެން އެ ޝައިޚް ވަރަށް ބާރަށް ކީރިތި ކުރައްވަން ފެއްޓެވިއެވެ. އަހަރެން ހީކުރީ އެޝައިޚްގެ ގައިގައި ސިހުރު ފަދަ ބަލިމަޑުކަމެއް ހުރީ ކަމަށެވެ. ނަމަވެސް ކިޔަވާ ނިންމާފައި ޝައިޚް ގާތުސުވާލު ކުރުމުން ޝައިޚް ވިދާޅުވިއެވެ. އަހަރެންނަށް ރޮވުނީ ތިބާ ޤުރުއާން ކިޔެވިއިރު އަހަރެން ޤުރުއާން ހިތުދަސްކުރިކަން ހަނދާން ވެފައި މުރާޖަޢާ ނުކުރުމުގެ ސަބަބުން ހިތުން ޤުރުއާނުން ބައެއް ހަނދާންނެތިފައިވާތީއެވެ. އެޝައިޚް ނިކުމުގެން ދިޔައީ އަލުން ޤުރުއާން މުރާޖަޢާ ކުރުމުގެ ވަރުގަދަ ޢަޒުމާ އެކީގައެވެ. މިއީ ޤުރުއާނުން ހިތަށް ޝިފާ ލިބޭކަމުގެ ފުރިހަމަ މިސާލެކެވެ.
8. ޖިންނީންނަށްވެސް އެކި އާޔަތްތަކުން އަސަރުކުރަނީ ތަފާތުކޮށެވެ. ކޮންމެ އެއްޗަކަށްވެސް އެއެއްޗަކާ ގުޅޭގޮތަށެވެ. މިސާލަކަށް ސިހުރާއި ގުޅިގެން އަންނަ ޖިންނީންނަށް { وَأُلْقِيَ السَّحَرَةُ سَاجِدِينَ ﴿١٢٠﴾ قَالُوا آمَنَّا بِرَبِّ الْعَالَمِينَ ﴿١٢١﴾ رَبِّ مُوسَىٰ وَهَارُونَ ﴿١٢٢﴾ قَالَ فِرْعَوْنُ آمَنتُم بِهِ قَبْلَ أَنْ آذَنَ لَكُمْ ۖ إِنَّ هَـٰذَا لَمَكْرٌ مَّكَرْتُمُوهُ فِي الْمَدِينَةِ لِتُخْرِجُوا مِنْهَا أَهْلَهَا ۖ فَسَوْفَ تَعْلَمُونَ ﴿١٢٣﴾ لَأُقَطِّعَنَّ أَيْدِيَكُمْ وَأَرْجُلَكُم مِّنْ خِلَافٍ ثُمَّ لَأُصَلِّبَنَّكُمْ أَجْمَعِينَ ﴿١٢٤﴾ قَالُوا إِنَّا إِلَىٰ رَبِّنَا مُنقَلِبُونَ ﴿١٢٥﴾ وَمَا تَنقِمُ مِنَّا إِلَّا أَنْ آمَنَّا بِآيَاتِ رَبِّنَا لَمَّا جَاءَتْنَا ۚ رَبَّنَا أَفْرِغْ عَلَيْنَا صَبْرًا وَتَوَفَّنَا مُسْلِمِينَ ﴿١٢٦﴾} (سورة الأعراف:120-126) (މާނައީ: އަދި އެ ޖާދޫގަރުން سجدة އަށް ތިރިވެއްޖައޫއެވެ.(120) އެއުރެން ބުނެފޫއެވެ. عالم ތަކުގެ ވެރިރަސްކަލާނގެއަށް ތިމަންމެން إيمان ވެއްޖައީމުއެވެ.(121) (އެއީ) موسى ގެފާނާއި، هارون ގެފާނުގެ ވެރިރަސްކަލާނގެއެވެ.(122) فرعون ބުންޏެވެ. ތިޔަބައިމީހުންނަށް ތިމަން إذن ނުދެނީސް، ތިޔަބައިމީހުން އެކަލޭގެފާނަށް إيمان ވީހެއްޔެވެ؟ ހަމަކަށަވަރުން، މިއީ ރަށުގެ أهل ވެރިން ރަށުން ނެރެލުމަށްޓަކައި ތިޔަބައިމީހުން ރަށުތެރޭގައި ރޭވި ރޭވުމެއްކަން ކަށަވަރެވެ. ނިކަންހުރެ ތިޔަބައިމީހުންނަށް އެނގޭނެއެވެ.(123) ތިޔަބައިމީހުންގެ އަތްތަކާއި، ފައިތައް ތަފާތުވާގޮތަށް (އެބަހީ: ކަނާތާއި ވާތުފައި ނުވަތަ ވާތާއި ކަނާތުފައި) ތިމަން ބުރިކުރާހުށީމެވެ. ދެން ހަމަކަށަވަރުން، ތިޔަހުރިހާ އެންމެން صليب އަށް އަރުވާހުށީމެވެ.(124) އެއުރެން ބުނޫއެވެ. ހަމަކަށަވަރުން، ތިމަންމެން އެނބުރިދާހުށީ ތިމަންމެންގެ ވެރިރަސްކަލާނގެ حضرة އަށެވެ.(125) ތިމަންމެންގެ ކިބައިން ތިޔަބަދަލުހިފަނީ، ތިމަންމެންގެ ވެރިރަސްކަލާނގެ آية ތައް ތިމަންމެންނަށް އައުމުން، އެއަށް ތިމަންމެން إيمان ވުން ފިޔަވައި އެހެން ކަމަކަށްޓަކައެއްނޫނެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ މައްޗަށް ކެތްތެރިކަން އޮއްސަވާނދޭވެ! އަދި مسلم ން ކަމުގައި އަޅަމެން މަރުގަންނަވާނދޭވެ!(126)). މިއާޔަތްތަކުން ވަރަށް އަސަރު ކުރެއެވެ. ބައެއް ޖިންނީން މިއާޔަތްތައް ކިޔުމުން އިސްލާމްވެސް ވެފައި އެބަހުއްޓެވެ. ބައެއް މުސްލިމު ޖިންނީން އެމީހުންނަށް ސުވަރުގޭގެ އާޔަތްތަކާއި ޙޫރުލްޢީނުންގެ އާޔަތްތަކުން ވަރަށް އަސަރުކުރެއެވެ. އަދި ސުވަރުގެ ސިފަކޮށްދީ އަނިޔާވެރިކަމުގެ އާޔަތްތައް ކިޔެވީމައި ރޮއި ހަދާފައިވެސް އެބަހުއްޓެވެ. އަދި ބައެއް ފަހަރު ހަށިގަނޑުން މި ޖިންނި މިއާޔަތްތައް ކިޔުމުގެ ސަބަބުން ނިކުމެވެސް ދާނެވެ. މިއީ ވަރަށް ދިގު މައުލޫޢެއް ކަމުން މިހިސާބުން ކުރުކޮށްލާނަމެވެ.
0 ކޮމެންޓު