އަސްލު ލިޔުއްވީ: އައްޝެއިޚް ޚާލިދުލް ޙަބްޝީ
ތަރުޖަމާ: އަލް އަޚް މުޙައްމަދު ޠާހާ
މުރާޖައާކުރެއްވީ: ޑރ.މުޙައްމަދު ޢިޔާޟު ޢަބްދުއްލަޠީފް
މުޤައްދިމާ
ޝަރުޢީރުޤްޔާއަށާއި ރާޤީންނަށް އެކި ތުހުމަތުތައް ކޮށް ރައްދުދީ ހެދުމަކީ މިހާރަކަށް އައިސް ވަރަށް އާއްމުކޮށް ކުރެވެމުން އަންނަ ކަމެކެވެ. މިގޮތަށް ރައްދު ދޭއިރު އާއްމުކޮށް ރައްދުދެވިފައި ހުންނަނީ އަހުލުއްސުންނަތުގެ ޢިލްމުވެރިން އެމައްސަލަތަކުގައި ހުއްދަކަމަށް ފަތުވާދެއްވާފައިވާ މަޢުޟޫތަކުގައެވެ. އެންމެ އަޖައިބު ކުރުވަނިވި ކަމަކީ ރައްދު ދޭފަރާތަކީ ރުޤްޔާގެ އަހުލުވެރިއަކަށް ނުވާކަމެވެ. އަދި ދުވަހަކުވެސް މީހަކަށް ރުޤްޔާކޮށްފައިނުވާ އަދި ޖިންނީންގެ ޢާލަމުގެ ކަންކަން ރަގަޅަށް ނޭނގޭ މީހަކަށް ވާކަމެވެ. މިފަދަ މީހެއްގެ މިސާލަކީ ކަމަކަށް ޢައިބުކިޔާއިރު އެކަމެއް ނޭނގި ޢައިބު ކިޔާ މީހެއްގެ މިސާލެވެ. ނުވަތަ ޑޮކްޓަރެއްގެ މައްޗަށް ބޭސްވެރިކަމުގެ ޢިލްމު ލިބިފައިނުވާ އިންޖިނިއަރެއް ފާޑުކިޔާ ކިޔުމެވެ. ޝައިޚުލް އިސްލާމް އިބްނުތައިމިއްޔާ (ރަޙިމަހުﷲ) ވިދާޅުވެފައިވެއެވެ. ” ޖިހާދުގެ މައްސަލަތަކުގައި ފަތުވާދޭންވާނީ ހަނގުރާމައިގެ މައިދާން ރަގަޅަށް ދަންނަ ޢިލްމުވެރިންނެވެ. ” އެއީ ކީއްވެތޯއެވެ؟ އެއީ އެބޭކަލުންނަށް ޖިހާދުގެ މައިދާނުގައިވާ ކަންކަން ފެނިފައިވާތީއެވެ. އެހެންކަމުން ޤުރުއާނާއި ޝަރުޢީ ރުޤްޔާއިން ފަރުވާހޯދުމުގެ ބާބުގައި އަޅުގަނޑު ބަޔާންކޮށްލަން މި ގަސްތުކުރަނީ ރާޤީއެއް ޤުރުއާނުގެ ވަކި އާޔަތްތަކެއް ރުޤްޔާކުރުމުގައި، އެއީ ޖިސްމާނީ، ނަފްސާނީ ނުވަތަ ރޫޙާނީ ބައްޔެއް ކަމަށްވިޔަސް ބޭނުންކުރުމުގެ ޙުކުމަށެވެ. އިބްނުލް ޤައްޔިމު (ރަޙިމަހުﷲ) ވިދާޅުވެފައިވެއެވެ. ” ފަހެ ޤުރުއާނަކީ ހިތުގެ އެންމެހާ ބަލިތަކަށާއި އަދި ހަށިގަނޑަށް ޖެހޭ ހުރިހާ ބަލިތަކަކަށް ވާ އެންމެ ފުރިހަމަ ޝިފާއެވެ. އަދި ހަމައެހެންމެ ދުނިޔެއާއި އާޚިރަތުގެ އެންމެހާ ބަލިތަކުގެ ޝިފާއެވެ. ބޭސްވެރިކަން ރަގަޅަށް ދަންނަ މީހަކު މިޤުރުއާނުން ޝިފާހޯދުމަށް އެދިގެން ފަރުވާކޮށްފިނަމަ … ފަހެ ހިތާއި ހަށިގަނޑަށް ޖެހޭ އެންމެހާ ބަލިތައް ޖެހެން މެދުވެރިވާ ސަބަބުތަކާއި އެބަލިތަކުގެ ޝިފާއާއި އެބަލިތަކުން ސަލާމަތްވާނެ ގޮތް އެޤުރުއާނުގައި ފުރިހަމައަށް ވެއެވެ. ނަމަވެސް މިކަން އެނގޭނީ އެމީހަކަށް ﷲ ގެ ފޮތް ފަހުމުކުރުމުގެ ތައުފީޤު ﷲ ދެއްވި މީހަކަށް އެކަންޏެވެ. ” ( ޒާދުލް މަޢާދު ޖ.4). ޝަރުޢީ ރުޤްޔާ ކުރާ ރާޤީން އެންމެ ފުރަތަމަވެސް، ޖާހިލަކު އެއްޗެއް ބުނެ ޖަދަލުކުރުމުގެ ކުރިން މި މައްސަލަ ޢިލްމުގެ އަހުލުވެރިއެއް ގާތުގައި އަހާ މިކަންއޮތްގޮތް އޮޅުން ފިލުވުމަކީ ވަރަށްވެސް މުހިންމު ކަމެކެވެ.
ބަލި ބައްޔަށް ޚާއްޞަކޮށް ވަކި އާޔަތްތަކެއް ނެގުމާއި ވަކި ޢަދަދަކަށް އެ އާޔަތްތައް ކިޔެވުމުގެ ޙުކުމް
ސުވާލު: ބަލިބައްޔަށް ޚާއްޞަކޮށް ވަކި އާޔަތްތަކެއް ނެގުމާއި އެއާޔަތްތައް ވަކި ޢަދަދަކަށް ކިޔެވުމުގެ ޙުކުމަކީ ކޮބައިތޯއެވެ؟ މިސާލަކަށް ކެންސަރު ޖެހިފައިވާ މީހަކަށް ފަރުވާކުރުމަށްޓަކައި ވަކި ސޫރަތަކުން ޚާއްޞަ އާޔަތްތަކެއް ނަގައިގެން ކިޔެވުން އަދި މިފަދައިން އެހެނިހެން ބަލިބައްޔަށްވެސް ފަރުވާކުރުމުގެ ޙުކުމަކީ ކޮބައިތޯއެވެ؟
ޖަވާބު: ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރެއްވިއެވެ. {وَنُنَزِّلُ مِنَ الْقُرْآنِ مَا هُوَ شِفَاءٌ وَرَحْمَةٌ لِّلْمُؤْمِنِينَ ۙ} (سورة الإسراء: 82) (މާނައަކީ: އަދި ތިމަން ﷲ ޤުރުއާނުގައި މުއުމިނުތަކުންނަށް ރަޙްމަތާއި ޝިފާކަމުގައިވާ ތަކެތި ބާވައިލެއްވީމެވެ.”) މިއާޔަތުގެ މާނައިން ދޭހަވަނީ ކީރިތި ޤުރުއާނުގައި އެއާޔަތްތަކެއް ކިޔެވުމުގެ ސަބަބުން މުއުމިންނަށް ޝިފާއާއި ރަޙުމަތް ލިއްބައިދޭ އާޔަތްތަކެއްވާކަމެވެ. އަދި މި އާޔަތުގައިވާ (مِنْ) އެއީ ޖިންސް ބަޔާން ކުރުމަށްޓަކައި ވާ (مِنْ) އެކޭ ވެސް ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ. މާނައަކީ މުޅި ޤުރުއާނަކީ ޝިފާއަކާއި ރަޙްމަތެކެވެ. އަދި ޤުރުއާނުގައިވާ ބައެއް އާޔަތްތަކުން ޝިފާ ލިބިދޭ ކަމަކީ އެކަމުގައި އެއްވެސް ޝައްކެއް ނެތް ކަމެކެވެ. އަބޫސަޢީދުލް ޚުދުރީ (ރަޟިޔައްﷲ ޢަންހު) ގެ ޙަދީޘްގައި އެކަލޭގެފާނު ނަގުލަންދާށި ކަށިޖަހާފައިވާ މީހަކަށް ފާތިޙާ ސޫރަތުން ފަރުވާކުރައްވާފައިވާ ކަން ޙަދީޘުން ސާބިތުވެއެވެ. އަދި އެކަލޭގެފާނުގެ އެ ޢަމަލުފުޅަށް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިންކާރެއް ނުކުރައްވައެވެ. އަދި ޙަދީޘްކުރެއްވިއެވެ. ” ކަލޭގެފާނަށް (އެބަހީ: އަބޫސަޢީދަށް) ފާތިޙާ ސޫރަތަކީ ރުޤްޔާއެއްކަން އެނގުނީ ކިހިނަކުން ހެއްޔެވެ؟ “. އަދިވެސް އެހެން ޙަދީޘެއްގައި ވެއެވެ. “ފާތިހާ ސޫރަތަކީ ހުރިހާ ބަލިތަކަކަށްވާ ޝިފާއެކެވެ.” ހަމައެގޮތަށް އާޔަތުލް ކުރުސިއަކީ ޝައިޠާނާގެ ކިބައިންނާއި އޭނާގެ ވަސްވާސްތަކުން ސަލާމަތްވުމަށް ކިޔެވިދާނެ އާޔަތެއްކަމަށް ޙަދީޘްތަކުން ސާބިތުވެއެވެ. ހަމައެގޮތަށް ބައެއް ޞަހާބީންނާއި ތާބިޢީންގެ ކިބައިން އެބޭކަލުން ރުޤްޔާގެ ގޮތުގައި ބައެއް އާޔަތްތަކާއި ދުޢާތައް ބޭނުން ކުރައްވާފައިވާކަން ސާބިތުވެއެވެ. އަޅުގަނޑުވެސް މިފަދައިން ސިޙުރުގެ އާޔަތްތައް ކަމުގައިވާ ޢައުރާފުސޫރަތާއި، ޔޫނުސް ސޫރަތާއި ޠާހާ ސޫރަތުގެ އާޔަތްތައް ތަޖުރިބާ ކުރީމެވެ. އަދި މި އާޔަތްތަކުން ސިހުރު ބާޠިލުކުރުމުގައި ޚާއްޞަކޮށް ސިހުރުގެ ސަބަބުން ޖިމާޢުވުމަށް ހުރަސް އެޅިފައިވާ މީހާއަށް ވަރަށް ބޮޑު ފައިދާތަކެއް ކުރިއެވެ. ހަމައެފަދައިން މުޢައްވިޒަތައިން (ފަލަޤި ނާސި ސޫރަތް) އިންވެސް ވަރަށް ބޮޑު އަސަރުތަކެއް ކުރިއެވެ. މި ސޫރަތްތައް ކިޔަވާއިރު އެއްފަހަރަށްވުރެ ގިނަފަހަރު ތަކުރާރުކުރިޔަސް މައްސަލައެއް ނެތެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެއަތްޕުޅު ޖައްސަވުމަށްފަހު އެދެއަތްޕުޅަށް ފުމެލައްވައެވެ. އަދި އެއަށްފަހު އާޔަތުލް ކުރުސިއާއި، އިޚްލާސްސޫރަތް އަދި މުޢައްވިޒަތައިން (ފަލަޤި ނާސި ސޫރަތް) ކިޔުއްވައެވެ. އެއަށްފަހު ދެއަތްޕުޅުން މުޅި ހަށިގަނޑުގެ ކުރިމަތީގައި އަތްޕުޅު ފިރުމާލައްވައެވެ. މިގޮތަށް ބައެއް އާޔަތްތައް ނަގާ ކިޔެވުމުގައި އެއްވެސް މައްސަލައެއް ނެތެވެ. މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ. ”
( އިބްނު ޖިބްރީން – އަލްފަތާވާ އައްޒަހަބިއްޔާ )
ބަލިބައްޔަށް ޚާއްޞަކޮށްގެން އާޔަތްތައް ނަގާ އެއާޔަތްތައް ތަކުރާރުކޮށް ކިޔެވުން (އަދަދުގެ ސަބަބުން ވަކި ކަމެއް ވާނެކަމަށް ޤަބޫލުނުކޮށް)
ސުވާލު: ބައެއް ރާޤީން އެކި ބަލިބައްޔަށް ޚާއްޞަކޮށްގެން ޤުރުއާނުން ވަކި އާޔަތްތަކެއް ނަގާ ހަދައެވެ. އެމީހުން މިގޮތަށް ކިޔަވާއިރު ޝިފާ ލިބެނީ އެއާޔަތްތައް ތަކުރާރު ކުރާ އަދަދުގެ ސަބަބުން ކަމުގައި އިޢުތިޤާދެއް ނުކުރެއެވެ. މިގޮތަށް ބަލިބައްޔަށް ޚާއްޞަކޮށްގެން އާޔަތްތައް ނެގުމުގެ ޙުކުމަކީ ކޮބައިތޯ؟ އަދި އާޔަތްތައް ރުޤްޔާ ކިޔަވާއިރު ތަކުރާރުކުރުމުގެ ޙުކުމަކީ ކޮބައިތޯ؟
ޖަވާބު: ﷲ ސުބުޙާނަހޫ ވަތަޢާލާ އަހަރެމެންނަށް ޚަބަރު ދެއްވާފައިވާ ފަދައިން، އެއްވެސް ޝައްކެއް ނެތް ގޮތުގައި ޤުރުއާނުގައި ބަލިބަލީގެ ޝިފާވެއެވެ. އެކަލާނގެ ވަޙީ ކުރެއްވިއެވެ. { ۗ قُلْ هُوَ لِلَّذِينَ آمَنُوا هُدًى وَشِفَاءٌ ۖ } (سورة فصلت: 44) (މާނަ: ކަލޭގެފާނު ވިދާޅުވާށެވެ. އެއީ –އެބަހީ: އެޤުރުއާނަކީ – އީމާންވި މީސްތަކުންނަށްވާ ހިދާޔަތަކާއި ޝިފާއެކެވެ.) އަދިވެސް އެކަލާނގެ ވަޙީ ކުރެއްވިއެވެ. {يَا أَيُّهَا النَّاسُ قَدْ جَاءَتْكُم مَّوْعِظَةٌ مِّن رَّبِّكُمْ وَشِفَاءٌ لِّمَا فِي الصُّدُورِ وَهُدًى وَرَحْمَةٌ لِّلْمُؤْمِنِينَ ﴿٥٧﴾} (سورة يونس: 57) (މާނަ: އޭ އީމާންވި މީސްތަކުންނޭވެ! ހަމަކަށަވަރުންވެސް ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ އަރިހުން ތިޔަބައިމީހުންގެ ގާތަށް ހެޔޮވެގެންވާ ނަޞޭޙަތަކާއި، ހިތްތަކުގައިވާ ބަލިތަކަށް ޝިފާއެއް ފޮނުއްވައިފިއެވެ. އަދި އެއީ – އެ ޤުރުއާނަކީ – މުއުމިނުތަކުންނަށް ހިދާޔަތަކާއި ރަޙުމަތެއްކަމުގައި ލެއްވިއެވެ.) ހަމައެހެންމެ އެކަލާނގެ ވަޙީ ކުރެއްވިއެވެ. {وَنُنَزِّلُ مِنَ الْقُرْآنِ مَا هُوَ شِفَاءٌ وَرَحْمَةٌ لِّلْمُؤْمِنِينَ ۙ} (سورة الإسراء: 82) (މާނައަކީ: އަދި ތިމަން ﷲ ޤުރުއާނުގައި މުއުމިނުތަކުންނަށް ރަޙްމަތާއި ޝިފާކަމުގައިވާ ތަކެތި ބާވައިލެއްވީމެވެ.”) މިއާޔަތާއި މެދު ގިނަޢިލްމުވެރިންތަކެއް ވިދާޅުވަނީ މިއާޔަތުގައިވާ (مِنْ) ދޭހަކޮށްދެނީ “ތަބުޢީލު” ނޫންކަމަށާއި “ޖިންސު” ކަމަށެވެ. މާނައަކީ މުޅި ޤުރުއާނުގެ ހުރިހާ އާޔަތްތަކަކީވެސް ޝިފާކަމުގައެވެ. – އެބަހީ (مِنْ) ދޭހަ ކޮށްދެނީ ޤުރުއާނުގައި ޝިފާލެއްވީ ޤުރުއާނުގެ ވަކި ބައެއްގައި ނޫންކަމަށާއި މުޅި ޤުރުއާނުގައި ކަމެވެ. އެހެނެއްކަމަކު ޤުރުއާނުން ފަރުވާ ކުރުމުގައި ޚާއްސަ ތައުޘީރު ތަކެއް އެއާޔަތްތަކަކުން ލިއްބައިދޭ އާޔަތްތަކެއް ވެއެވެ. އޭގެ ތެރޭގައި އަލްފާތިޙާ ސޫރަތް ހިމެނެއެވެ. އަބޫސަޢީދުލް ޚުދުރީ (ރަޟިޔަﷲ ޢަންހު) ގެ ޙަދީޘްގައި އެކަލޭގެފާނަށް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ” ކަލޭގެފާނަށް (އެބަހީ: އަބޫސަޢީދަށް) ފާތިޙާ ސޫރަތަކީ ރުޤްޔާއެއްކަން އެނގުނީ ކިހިނަކުން ހެއްޔެވެ؟ ”
އަދި ހަމައެހެންމެ އެހެނިހެން ބައެއް އާޔަތްތައް ވެސް އެއާޔަތްތަކުގައި ޚާއްޞަ ތައުޘީރު ތަކެއް އެކުލެވިގެންވާކަމަށް ސުންނަތުގައި އައިސްފައި ވެއެވެ. އޭގެ ތެރޭގައި އާޔަތުލް ކުރުސިއާއި މުޢައްވިޒަތައިނި (ފަލަޤި ނާސި ސޫރަތް) ހިމެނެއެވެ. މުޢައްވިޒަތައިނިއާ ބެހޭގޮތުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ” މީސްތަކުން ރައްކާތެރިކަން ލިބިގަތުމުގައި އެންމެ މޮޅު އިތުރީ އެދެސޫރަތެވެ. ” ހަމަމިގޮތަށް އިޚުލާސް ސޫރަތާއި ބަޤަރާ ސޫރަތުގެ ފަހު ދެއާޔަތްވެސް އައިސްފައިވެއެވެ. ރުޤްޔާ ކިޔަވާއިރު އާޔަތްތައް ތަކުރާރުކުރުމަކީ މައްސަލައެއް ނޫނެވެ. އެއްފަހަރު ކިޔަސް ނުވަތަ ތަކުރާރުކޮށް ގިނަފަހަރު ކިޔަސް ޤުރުއާނުން ފައިދާ ކުރާނެއެވެ. ނަމަވެސް، ތަކުރާރުކުރުމުން އަސަރުކުރާލެއް އިތުރުވެ ވަރުގަދަވެގެންދާނެއެވެ. ”
{ އިބްނު ޖިބްރީން – އަލްފަތާވާ އައްޒަހަބިއްޔާ }
{ ބައެއް އާޔަތްތައް }
ބަލިބައްޔަށް ފަރުވާކުރާއިރު އެބައްޔަކާއި ގުޅޭ އާޔަތްތައް ރާޤީން އިޚްތިޔާރު ކުރަނީ ކީއްވެ؟
މުޅި ޤުރުއާނަކީ ޝިފާއެވެ. ނަމަވެސް ރާޤީއެއް ބަލީމީހުންނަށް ފަރުވާ ކުރަމުންދާއިރު އޭނާއަށް ގިނައިން ޤުރުއާން ކިޔެވި، އެކި ޙާލަތުގައި އެކި ބަލިމީހުންނަށް އެކި އާޔަތުން އަސަރުކުރާލެއް ތަފާތުވާކަން ފާހަގަވެ، މިކަންކަން ނޯޓުކުރަން ފެށެވުމުން ކޮންމެ ބަލިމީހަކަށްވެސް އެންމެ މުނާސަބުގޮތުގައި އާޔަތްތައް ޤުރުއާނުން އިޚުތިޔާރުކުރަން އެރާޤީ ފަށައެވެ. މިއީ ރާޤީ ދީނުގައި އާ ކަމެއް ޝަރުޢުކޮށް ބިދުޢަ އުފެއްދުމެއް ނޫނެވެ. ނަމަވެސް މިބާބަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ވަޙީބަސްފުޅު ކަމުގައިވާ {وَنُنَزِّلُ مِنَ الْقُرْآنِ مَا هُوَ شِفَاءٌ وَرَحْمَةٌ لِّلْمُؤْمِنِينَ ۙ} (سورة الإسراء: 82) (މާނައަކީ: އަދި ތިމަން ﷲ ޤުރުއާނުގައި މުއުމިނުތަކުންނަށް ރަޙްމަތާއި ޝިފާކަމުގައިވާ ތަކެތި ބާވައިލެއްވީމެވެ.”) އަދި ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމްގެ ޙަދީޘް ބަސްފުޅުކަމުގައިވާ،{ عَلِمَهُ مَنْ عَلِمَهُ ، وَجَهِلَهُ مَنْ جَهِلَهُ}( مسند أحمد بن حنبل)(މާނައީ:” (އެފަރުވާ) އެނގުނުމީހަކަށް އެނގުނީއެވެ. އަދި ނޭނގުނުމީހަކަށް ނޭނގުނީއެވެ.” އަދި ޞަޙާބީންނާއި ޢިލްމުވެރިންގެ ބަސްފުޅުތަކުންނާއި އެބޭކަލުން ފަރުވާ ކުރުމުގައި މިގޮތަށް އާޔަތްތައް ނެންގެވީތީވެ އެކަންކަމާ ގުޅިގެން އަންނަ ބާބެކެވެ.
ރާޤީއެއް އާޔަތްތައް އިޚުތިޔާރުކުރާ ބައެއް ސަބަބުތަކަށް ބަލާލާނަމެވެ.
1. އެކި ޢިލްމުވެރިން ރުޤްޔާގެ އާޔަތްތަކުގެ ގޮތުގައި ގެންނަ އާޔަތްތައް ތަފާތުވާތަން ރާޤީއަށް ފެނެއެވެ. އެހެންކަމުން ރުޤްޔާގައި އެކި އާޔަތްތައް ވަރަށް ފުޅާ ދާއިރާއެއްގައި އިޚްތިޔާރުކުރެވިދާނޭކަމަށް އެރާޤީ ދެކެއެވެ.
2. ޖިންނީންނަށް އެކި އާޔަތްތަކުން ކުރާ އަސަރުތަކުންވެސް އެކި އާޔަތްތައް އިޚުތިޔާރު ކުރަން މެދުވެރިވެއެވެ. މިސާލަކަށް އައްޞާއްފާތު ސޫރަތުގެ ކުރީ އާޔަތްތަކުން އަސަރުކުރާކަން އެނގުމުން، ނަރަކައާއި ޢަޒާބާއި ގިނަހިލައިގެ ވާހަކަ ހުންނަ އާޔަތްތަކުން ޖިންނީންނަށް ގެއްލުންވާކަން ދެނެގަނެވެއެވެ. އެހެންކަމުން މި މަޢުޟޫތައް ހުންނަ އާޔަތްތައް ޖިންނީންގެ މައްޗަށް ކިޔަވަން ފަށާ އަދި އެތަކެއްޗަށް ޢަޒާބު ލިބޭކަން އެގެއެވެ. މިއަށްފަހު މިއާޔަތްތައް މި މަޢުޟޫގެ ދަށުގައި ޖަމްޢު ކުރެއެވެ.
3. ރާޤީ މިބާބު ރަގަޅަށް ދިރާސާ ކުރަން ފެށުމުން ބައެއް ޞަޙާބީންނާއި އަހުލުއްސުންނަތުގެ ބޮޑެތިޢިލްމުވެރިން މިބާބުގައި ޢަމަލުކުރައްވާފައިވާ ގޮތް އޭނާއަށް ފެނެއެވެ. މިސާލަކަށް އިބްނު ޢައްބާސްގެފާނު ވިހަންދަތިވެފައިވާ އަންހެނާއަށް {وَأَلْقَتْ مَا فِيهَا وَتَخَلَّتْ ﴿٤﴾} (سورة الإنشقاق :4) މިއާޔަތް ލިޔުއްވައެވެ. އަދި އިމާމް އަޙްމަދާއި، ޝައިޚުލްއިސްލާމް އިބްނުތައިމިއްޔާ އަދި އިބްނުލްޤައްޔިމް އާއި އެހެނިހެން ޢިލްމުވެރިން މި ބާބުގައި ލިޔުއްވާފައިވެއެވެ. އަދި އެބޭކަލުން މިބާބުގައި ޢަމަލުކުރެއްވި ގޮތް ލިޔުންތަކުން ފެންނަން އެބަ ހުއްޓެވެ. އަދި މިޒަމާނުގެ ބައެއް ޢިލްމުވެރިން ކަމުގައިވާ އިބްނުބާޒާއި، އިބްނު ޢުޘައިމީން އަދި އިބްނުޖިބްރީންގެ އަރިހުން ސިހުރުގެ އާޔަތްތައް ސިހުރުޖެހިފައިވާ މީހާގެ ގާތުގައި ކިޔެވިދާނެކަމާއި، ކުންނާރުފަތްފަދަ ހަލާލުތަކެތި ބޭނުންކޮށްގެން ރުޤްޔާ ކުރެވިދާނެކަމަށް ފަތުވާ ދެއްވާފައިވެއެވެ.
4. ބައެއް ބަލިމީހުން ރާޤީންގާތު އެމީހުންނަށް ދިމާވެފައިވާ ބައެއް ހާދިސާތައް ކިޔައިދިނުމުގެ ސަބަބުންވެސް ބައެއް އާޔަތްތައް އިޚްތިޔާރުކުރަން މެދުވެރިވެއެވެ. މިސާލަކަށް ބަލިމީހަކު ބުންޏެވެ. “އަހަރެން ﷲ ގެ ޙަޒުރަތަށް ތިމަންނަގެ ބައްޔަކީ ކޮބައިތޯއާއި މިބައްޔަށް ފަރުވާ ކުރެވޭނެ ގޮތަކީ ކޮބައިތޯ ދައްކައި ދެއްވުން އެދި ވަރަށް ގިނައިން ދުޢާކުރަމެވެ. އެއަށްފަހު ތިމަންނައަށް ހުވަފެނަކުން އަހަންނަށް އެސްފީނާޖެހިގެން އުޅޭތަން ފެނެއެވެ. އަދި އެސްފީނާއިން ރަގަޅުވުމަށް އަހަރެން {وَإِن يَكَادُ الَّذِينَ كَفَرُوا لَيُزْلِقُونَكَ بِأَبْصَارِهِمْ لَمَّا سَمِعُوا الذِّكْرَ وَيَقُولُونَ إِنَّهُ لَمَجْنُونٌ ﴿٥١﴾} (سورة القلم:51) މިއާޔަތް ކީމެވެ. އަދި އެއަށްފަހު ތިމަންނަ އެސްފީނާއިން ރަގަޅުވާތަން ފެނެއެވެ. މިގޮތަށް އެތައް ބަލިމީހުންގެ ކައިރިން އެތައް ވާހަކަތަކެއް ތަވާތުރުކޮށް (އެބަހީ: ވަރަށް ގިނަ ޢަދަދަކަށް) އައިސްފައިވެއެވެ. އަދިވެސް ޢިލްމުވެރިއަކަށް އެސްފީނާޖެހިގެން އަމިއްލަ ނަފުސަށް ރުޤްޔާ ކުރަމުން ދަނިކޮށް އެއްރެއެއްގައި {وَلَوْلَا إِذْ دَخَلْتَ جَنَّتَكَ قُلْتَ مَا شَاءَ اللَّـهُ لَا قُوَّةَ إِلَّا بِاللَّـهِ ۚ إِن تَرَنِ أَنَا أَقَلَّ مِنكَ مَالًا وَوَلَدًا ﴿٣٩﴾}(سورة الكهف:39) މިއާޔަތް ކިޔަވަނިކޮށް ފެނުނުކަމަށް ވިދާޅުވިއެވެ. އެއަށްފަހު އެކަލޭގެފާނު އެއާޔަތް ތަކުރާރުކޮށް ކިޔަވާ ރުޤްޔާކޮށް އެސްފީނާއިން ސަލާމަތްވިއެވެ.
5. ރުޤްޔާގެ އާޔަތްތައް ފިޔަވައި ޤުރުއާނުގެ އެހެން އާޔަތްތައްވެސް ބޭނުންކުރާ ރާޤީއެއްނަމަ ވަރަށް އަޖައިބުކުރުވަނިވި ކަންކަން އެރާޤީއަކަށް ފެންނާނެއެވެ. އެއްފަހަރެއްގައި އަހަރެން ޢަޒާބުގެ އާޔަތްތައް ކިޔަމުންގޮސް {ثُمَّ فِي سِلْسِلَةٍ ذَرْعُهَا سَبْعُونَ ذِرَاعًا فَاسْلُكُوهُ ﴿٣٢﴾} (سورة الحاقة:32) (މާނައީ: ދެން ހަތްދިހަ މުށުގެ ދިގުމިންހުރި ހިލިހިލާއެއްގައި އޭނާ ހިލިހިލާ ޖަހާށެވެ!)، މިއާޔަތްކީތަނާ އިރުކޮޅަކުން ބަލިމީހުންތަކުގެ ތެރެއިން އަންހެނަކު ވަރަށް ގަދައަށް ހަޅޭއްލަވަން ފެށިއެވެ. އަދި އޭނާއަށް ހަރަކާތްނުކުރެވި މުޅި ހަށިގަނޑު ބަނދެވި ހައްޔަރުވެފައިވާ ތަން ފެނުނެވެ. ޚާއްޞަކޮށް އަހަރެން އެއާޔަތުގެ {فِي سِلْسِلَةٍ} މިތަންކޮޅު ތަކުރާރުކުރާއިރުއެވެ. ހަމައެގޮތަށް މިއާޔަތް {إِذِ الْأَغْلَالُ فِي أَعْنَاقِهِمْ وَالسَّلَاسِلُ يُسْحَبُونَ ﴿٧١﴾} (سورة غافر:71) (މާނައީ:އެއުރެންގެ ކަނދުރާތަކުގައި، ކަސްތޮޅުއެޅި ހިލިހިލާޖެހި، އެއުރެން ދަމައި، ގެންދަވާހިނދުގައެވެ.) ކިޔަވަމުންދިޔައިރު އަންހެނަކު ވަރަށް ބާރަށް ކެއްސާ ހަޅޭލަވަން ފެށިއެވެ. އެއަށްފަހު އޭނާގެ އަނގައިން ފޮޓޯއިން ތިޔަ ފެނިވަޑައިގަންނަވާ ގާގަނޑާއި ދަގަނޑު ނަރުކޮޅުތައް ނިކުތެވެ. މިގޮތަށް މިވީ މި އަންހެނާއަށް އެކަންޏެއް ނޫނެވެ. އަދި އަޅުގަނޑު ނޫނަސް ބައެއް ރާޤީން ކިޔަވަނިކޮށް މިގޮތަށް ދަގަނޑު ކޮޅު ކޮޅު ފަދަ ތަކެތި ނިކުމެފައި އެބަހުއްޓެވެ. އަދި ބައެއް ފަހަރު މިގޮތަށް ބަނޑުގައި ހުންނަ ތަކެތި އެކްސްރޭ ތަކުން ވެސް ފެނިފައި އެބަހުއްޓެވެ.
0 ކޮމެންޓު