ގެއަށް ހަދާފައި ހުންނަ ސިހުރު ބާޠިލުކުރުމަށް ކުރެވިދާނެ ރުޤްޔާ (4 ވަނަ ބައި)

ޢަލާމާތްތަކުގެ އިތުރުން ގެއަށް ސިހުރު ޖެހިފައި ހުރިތޯ ބަލާނެގޮތާއި، ސިހުރު ހުރި ތަންތަން ދެނެގަނަނާނެ ގޮތްތައް ބަޔާންކޮށްލާނަމެވެ.

ގެއަށް ހަދާފައި ހުންނަ ސިހުރު ހޯދާ ސިހުރު ހަދާފައި ހުރި ތަން ދެނެގަންނާނެ ގޮތްތައް:

1- ބަޔާންވެ ދިޔަ ޢަލާމާތްތައް ގެއިން ފެންނަން ފަށާ އެކަންކަން ތަކުރާރުވަމުންދާނަމަ ސިހުރު ޖެހިފައި ހުރިކަން ދެނެގަނެވިދާނެއެވެ. ނަމަވެސް އެއިން ޢަލާމާތެއް ހަމަ ފެންނަ އިރަށް އެއީ ސިހުރުކަމުގައި ނުނިންމާށެވެ. އެކަންކަން ތަކުރާރުވުމާއި، އެކަންކަން ދިމާވާން ޖެހޭފަދަ މަޤްބޫލު ސަބަބެއް ނެތްކަމުގައި ވާނަމަ ސިހުރު ކަމުގައި ބެލެވިދާނެއެވެ.
2- ގޭގައި ސިހުރު ޖެހިފައިވާ މީހާކު ހުރިނަމަ އެމީހަކަށް ދެނެގަނެވިދާނެއެވެ: ސިހުރު ޖެހިފައި ހުންނަ މީހާއަށް ޖިންނީގެ އުނދަގޫތައް، ނުވަތަ ސިހުރުގެ ސަބަބުންވާ އުނދަގޫތައް ހަށިގަނޑަށް ކުރާނެއެވެ. މިސާލަކަށް، ބޮލުގައި ގަދަޔަށް ރިހުމާއި، ބޮލަށް ބާރުކުރުމާއި، ގައިން ދިލަނެގުން ފަދަ އުނދަގޫތަކެވެ. މިފަދަ އުނދަގޫތައް ވަނީ ސިހުރުން ކަމަށް ވާނަމަ، ސިހުރު ހުންނަ ތަނަށް އެރިއްޖެނަމަ (ޚާއްސަކޮށް އެމީހާއަށް ހަދާފައި ހުރި ތަނަކަށް އެރިއްޖެނަމަ) އެމީހަކަށް ވާ އުދަގޫތައް ބޮޑުވެގަނެއެވެ. ސިހުރުގެ ރޫޙާނީ އަސަރުތަކަށް އެމީހެއްގެ ހަށިގަނޑު ހުންނާނީ ހުޅުވިފައެވެ. ވީމާ މިފަދަ ތަނަކަށް އެރިއްޖެނަމަ ނުވަތަ ކައިރިވެއްޖެ ނަމަ އެކަމުގެ އުނދަގޫ ގިނަފަހަރު އެމީހަކަށް އިޙްސާސްކުރެވެއެވެ. ވީމާ ގޭގައި މިފަދަ އުނދަގޫވާ މީހަކު ހުރިނަމަ، ގެއަށް ސިހުރު ހަދާއުޅޭ މައިގަނޑު ސަރަހައްދުތަކުގައި ހިނގާލާށެވެ. މިގޮތަށް ހިނގާ އިރު ސޫރަތުލް ފަލަޤް ކިޔަވާލުން އެދެވިގެންވެއެވެ. އޭރުން އެތަނެއްގައި ސިހުރުގެ ސަބަބުން ހުންނަ ޖިންނިއަކަށް އުނދަގޫވުމުން، އެމީހާގެ (ހިނގާ މީހާގެ) ހަށިގަނޑަށް އުނދަގޫ ބޮޑުވެގެންދާނެއެވެ. މިގޮތުން އެކިދުވަސް މަތިން ހިނގުމުންވެސް އެއްތަނެއް ފާހަގަ ވާނަމަ އެތަނެއްގައި ސިހުރުގެ އަސަރު ހުރިކަން ދެނެގަނެވިދާނެއެވެ. ނަމަވެސް ހަނދާންކުރާށެވެ. މިގޮތަށް ދެނެގަންނައިރުވެސް، އެމީހާއަކީ ވަރަށް ބޮޑަށް ޖިންނި ހަށިގަނޑަށްވެރިވެ، އަބަދު ވަދެ ވާހަކަ ދައްކާ ހަދާ ޖިންނިއެއްނަމަ އޮޅުވާލުންވެސް އެކަށީގެންވެއެވެ. އެހެންކަމުން މިގޮތަށް ދެނެގަންނައިރު ތަކުރާރުކޮށް އެކިފަހަރުމަތިން ބަލާށެވެ. އަދި މިކަން ކުރުމުގެ ކުރިން ޝައިޠާނާ ނިކަމެތި ކުރުމުގެ ގޮތުން، ގިނައިން އާޔަތުލް ކުރުސިއާއި ސޫރަތުލް، އިޚްލާޞް، ފަލަޤް، ނާސް ކިޔަވާށެވެ. އަދި ގޯތިތެރެއާއި ގޭތެރޭގައި މިކަން ދެނެގަތުމަށް ހިނގާއިރުވެސް ގިނައިން ކިޔަވާށެވެ. އޭރުން އެސޮރަށް އޮޅުވާލަން އުނދަގޫވާނެއެވެ.
3- ދުޢާކޮށްގެން ދެނެގަތުން: ގެއަށް ސިހުރު ހަދާފައި ހުރިކަމުގެ ޢަލާމާތްތައް ފެންނަނަމަ، ނުވަތަ ތިމާއަށް ސިހުރެއް ހުރިކަމުގެ ޢަލާމާތްތައް ހުރިނަމަވެސް، އެސިހުރު އޮތްތަން ދެއްކެވުން އެދި ދުޢާކުރުމަށް ޢިލްމުވެރިންވަނީ އިރުޝާދު ދެއްވާފައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ސިހުރުޖެހިވަޑައިގަތުމުން ވަރަށް ގިނައިން ދުޢާކުރެއްވިއެވެ. އަދި އެއަށްފަހު ﷲ މަލާއިކަތުން ފޮނުއްވާ އެސިހުރުގެ ޚަބަރު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ދެއްވިއެވެ. އަދި އެސިހުރު ހޯއްދަވައި، ނައްތަވައިލެއްވިއެވެ. އަދި ދަންނާށެވެ. ދުޢާ އަކީ މުއުމިނުންގެ ހަތިޔާރެވެ. ވީމާ ކޮންމެ ކަމެއްގައިވެސް ފުރަތަމަ ﷲއަށް ދަންނަވާ ދުޢާކުރާށެވެ. މިގޮތުން ގެއަށް ނުވަތަ ތިމާއަށްވިޔަސް ސިހުރެއް ހުރިނަމަ ދެއްކެވުން އެދި ނަމާދުގެ ފަހުގައާއި، ދުޢާ އިޖާބަވެގެންވާކަމަށް އަންގަވާފައިވާ އެހެން ވަގުތުތަކުގައިވެސް ދުޢަކުރާށެވެ. ވަކިން ގިނައިން ދަމުނަމާދު ފަހުގައި ދުޢާކުރާށެވެ. އަދި ދަމުނަމާދުގައިވެސް ދުޢާކުރާށެވެ. މިގޮތަށް ކަންކުރުމުން ވަރަށް ގިނަމީހުނަށް، ވަރަށް ގިނަފަހަރަށް ހުވަފެނުގައި އެސިހުރު ހުރިތަން ފެނިފައި އެބަހުއްޓެވެ. އަދި ޤުރުއާނުގެ އާޔަތްތަކުން ޛިކުރު ކުރުމަށްފަހުވެސް އެސިހުރު ދެއްކެވުން އެދި ދުޢާކުރެވިދާނެއެވެ. ރުޤްޔާއެއްގެ ގޮތުގައެވެ. މިގޮތުން، ބަލިމީހާ ތިރީގައިވާ އާޔަތްތައް ގިނައިން ތަކުރާރުކޮށް ކިޔަވާށެވެ، ބޮޑަށް އެދެވިގެންވަނީ ނިދަން ވުމުން ކިޔެވުމެވެ. އަދި ކިޔެވުމަށްފަހު އެސިޙުރު ހުރިތަނެއް ދެއްކެވުން އެދި ދުޢާކުރާށެވެ. މިގޮތަށް ކަންކުރުމުންވެސް ސިޙުރު ހުރިތަން ހުވަފެނުގައި ފެނިފައި އެބަހުއްޓެވެ. މިގޮތަށް ކޮންމެ ދުވަހަކުވެސް ކަންތައް ކުރެވިދާނެއެވެ.

Close Ad XGet My Ruqya Android App On Google Play

1- وَعِندَهُ مَفَاتِحُ الْغَيْبِ لَا يَعْلَمُهَا إِلَّا هُوَ ۚ وَيَعْلَمُ مَا فِي الْبَرِّ وَالْبَحْرِ ۚ وَمَا تَسْقُطُ مِن وَرَقَةٍ إِلَّا يَعْلَمُهَا وَلَا حَبَّةٍ فِي ظُلُمَاتِ الْأَرْضِ وَلَا رَطْبٍ وَلَا يَابِسٍ إِلَّا فِي كِتَابٍ مُّبِينٍ ﴿٥٩﴾ سورة الأنعام: 59
2- سُبْحَانَكَ لَا عِلْمَ لَنَا إِلَّا مَا عَلَّمْتَنَا ۖ إِنَّكَ أَنتَ الْعَلِيمُ الْحَكِيمُ ﴿٣٢﴾ سورة البقرة :
32
3- قُلْ هُوَ اللَّهُ أَحَدٌ ﴿١﴾ اللَّهُ الصَّمَدُ ﴿٢﴾ لَمْ يَلِدْ وَلَمْ يُولَدْ ﴿٣﴾ وَلَمْ يَكُن لَّهُ كُفُوًا أَحَدٌ ﴿٤﴾ سورة الإخلاص
4- قُلْ أَعُوذُ بِرَبِّ الْفَلَقِ ﴿١﴾ مِن شَرِّ مَا خَلَقَ ﴿٢﴾ وَمِن شَرِّ غَاسِقٍ إِذَا وَقَبَ ﴿٣﴾ وَمِن شَرِّ النَّفَّاثَاتِ فِي الْعُقَدِ ﴿٤﴾ وَمِن شَرِّ حَاسِدٍ إِذَا حَسَدَ ﴿٥﴾ سورة الفلق

5- قُلْ أَعُوذُ بِرَبِّ النَّاسِ ﴿١﴾ مَلِكِ النَّاسِ ﴿٢﴾ إِلَـٰهِ النَّاسِ ﴿٣﴾ مِن شَرِّ الْوَسْوَاسِ الْخَنَّاسِ ﴿٤﴾ الَّذِي يُوَسْوِسُ فِي صُدُورِ النَّاسِ ﴿٥﴾ مِنَ الْجِنَّةِ وَالنَّاسِ ﴿٦﴾ سورة الناس –

ސިޙުރު ހުރިތަން މާތް ﷲ މޮޅަށް ދެނެވޮޑިގެންވެއެވެ. އަދި މާތް ﷲ ވަޙީކުރައްވާފައިވަނީ “އަދި ސިޙުރުވެރިޔާ ކޮންމެ އެއްޗެއް ގެނައި ކަމުގައިވިޔަސް، ސިޙުރުވެރިޔާ ކާމިޔާބު ނުވާނެއެވެ” މިފަދައިންނެވެ. އެހެންކަމުން ﷲ އާމެދު އެޔަޤީންކަން ބާއްވާށެވެ. އަދި އެއާއެކު ފަރުވާ ކުރުމާއި، ވަކީލް ކޮށް ގިނައިން ދުޢާކުރުމާއި ޛިކުރުކުރުން ގިނަކުރާށެވެ. މިރުޤްޔާއަކީ މިކަމަށްޓަކައި ކުރެވޭނެ ހަމައެކަނި ރުޤްޔާއެއް ނޫނެވެ. އަދި ހަމައެކަނި ބޭނުން ކުރެވޭނީ މިއާޔަތްތަކެއްވެސް ނޫނެވެ. މިއީ އެހީއެއްގެ ގޮތުން ބަޔާންކޮށްފައިވާ ތަޖްރިބާގެ މިންވަރެކެވެ. ލާޒިމްކޮށް ޝަރުޢުކުރުމުގެ ގޮތުން ލިޔެފައިވާ ކަންކަމެއް ނޫންކަން ހަނދުމަފުޅުކޮށް އަރުވަމެވެ. އަދި ވާރިދުވެފައިވާ ޙަދީޘަކުން އައިސްފައިވާ ކަމެއްވެސް ނޫނެވެ. ދުޢާ ކުރުމާއި، ޝިރުކު ނެތްނަމަ ރުޤްޔާ ހުއްދަވުމުގެ މިންގަނޑުގެތެރެއިން ބަޔާންކޮށްފައިވާ ކަމެކެވެ. ވީމާ މިއިޢުތިޤާދު ހިތުގައި ބާއްވާށެވެ. ޝިފާ ދެއްވާ ފަރާތަކީ ހަމައެކަނި ﷲ އެވެ. އަދި ޣައިބު ދެނެވޮޑިގެންވާ ފަރާތަކީ ހަމައެކަނި ﷲ އެވެ، އެކަލާނގެ ކަޝްފުކުރެއްވި ކަމެއް މެނުވީ އަހަރެމެންނަކަށް، ނޭނގޭނެއެވެ. އެހެންކަމުން އަހަރެމެން ދަންނަވަންވީ ހަމައެކަނި މާތް ﷲ އަށެވެ.
ގެއަށް ސިހުރެއް ޖެހިފައި ހުރިކަން ދެނެގަންނާނެ ގޮތްތައް މިހާވަރުން ފުއްދާލަމެވެ. މިމިންވަރުން ގެއަށް ސިހުރު ޖެހިފައި ހުރިތޯ ދެނެގަނެވޭނެ ކަމުގައި ދެކެމެވެ. އަދި މިކަމުގައި އޮތީ ތިބާއައި ﷲއާއި ކުއްތަންވީ ވަރެއްކަންވެސް ހަނދާންކޮށްދެމެވެ. ލިޔުމުގެ މިހާ ހިސާބަށް އައިއިރު ތިޔަ އެންމެހާ އަޚުންނާއި އުޚްތުންނަށް ކޮންމެހެން މުހިއްމު މަޢުލޫމާތުތައް ޙިއްސާކުރެވި، ސިހުރުވެރި ދައްޖާލުންގެ މަކަރުވެރި މުޑުދާރު ޢަމަލުތައް ފަޟީޙަތްކުރެވިއްޖެކަމުގައި ދެކެމެވެ. ދެން އޮތީ ގެއަށް ހަދާފައި ހުންނަ ސިހުރުތައް ބާޠިލު ކުރުމަށް ރުޤްޔާ ކުރާނެ ގޮތެވެ. މިކަން ބަޔާންކުރުމުގެ ކުރިން މިހާރު ކޮންމެހެން ފާހަގަކޮށްލުން މުހިއްމު އެއްކަމެއް އެބައޮތެވެ. މިއީ މިއަދު ވަރަށް ގިނަ ބަޔަކަށް އޮޅުން އަރަމުންދާ ކަމެކެވެ. އަދި ކުރަމުންދާ ސުވާލެކެވެ. އެހެންކަމުން މިކަންވެސް މިލިޔުމުގައި ތަފްސީލުކޮށްލުން ކޮންމެހެން މުހިއްމުކަމުގައި ފެނެއެވެ. އެހެންކަމުން އެސުވާލާއި އޭގެ ޖަވާބު ހިމަނާލާނަމެވެ.

ގެއަށް ސިހުރު ޖެހިއްޖެ ނަމަ، ނުވަތަ މީހާއަށް ސިހުރު ޖެހިއްޖެނަމަ، ގޭގައި ހުންނަ ފަރުނީޗަރުތަކާއި، ގޮދަޑިއާއި، ސޯފާ، އަދި އަންނައުނުފަދަ ތަކެތި އަންދާލާ ނައްތާލަން ޖެހޭނެތޯއެވެ. އެތަކެތި ނައްތާލައިގެން ނޫނީ އެކަން ނުފިލާނެތޯއެވެ؟

މިސުވާލުގެ ޖަވާބުގައި ދަންނަވާލަން އޮތީ، ގެއަށް ސިހުރުވެރިޔާ ކިޔަވާ ފެން އުކާ ހަދާފާނެއެވެ. އަދި ގޭގައި ހުންނަ ތަކެއްޗަށްވެސް ކިޔަވާ ފުމެހަދާފާނެއެވެ. އަދި އޭގެ ސަބަބުން ސިހުރުގެ އަސަރު އެތަކެތީގައި ހުރެދާނެއެވެ. މިއީ ވެދާނެކަމެކެވެ. ނަމަވެސް އެކަމުގެ ޙައްލަކީ އެތަކެތި ނައްތާލުމެއް ނޫނެވެ. މީހަކަށް ސިހުރު ޖެހުމުން މީހާ މަރާލަން، ނުވަތަ އަންދާލަން ނުޖެހޭ ފަދައިންނެވެ. އެތަކެތީގައިވާ ސިހުރުގެ އަސަރު ދުއްވާލެވޭނެ ފަސޭހަގޮތެއް ވާނަމަ އެގޮތެއް ހެދުން މާރަނގަޅެވެ. އެހެނީ ނައްތާލަން ޖެހޭނީ ސީދާ ސިހުރެވެ. މިސާލަކަށް، ވަޅުލާފައި އޮންނަ ތަވީދު ފެނުމުން އެތަވީދެވެ. ނުވަތަ އެނދެއް، ނުވަތަ ގޮދަޑިއެއްގެ ތެރެއަށް ސިހުރެއް ލާފައިވާނަމަ އެސިހުރެކެވެ. އަދި އެގޮދަޑިއަށް ނުވަތަ ސިހުރުގެ އަސަރުކޮށްފައި ހުންނަ ސާމާނާށް، ރުޤްޔާ ކިޔަވާފައި ހުންނަ ފެން ޖެހުމުން އެތަކެތިން އެއަސަރު ފިލައިގެންދާނެއެވެ. މިފަދަ ފަސޭހަގޮތަކަށް ކުރެވެން އޮތް ކަމެއްގައި، އަގުބޮޑަތި މުދާ ނައްތާލުމުގެ އެއްވެސް މާނައެއް ނެތްކަމުގައި ދަންނަވަން ޖެހެއެވެ. ވީމާ މިލިޔުމުގައި، ގޭގައި ހުންނަ މިފަދަ ސާމާނަށް ސިހުރުގެ އަސަރުކޮށްފައިވާނަމަ އެކަން ޙައްލުކުރާނީ ކިހިނެއްކަންވެސް ﷲގެ އިރާދަފުޅާއިއެކު ބަޔާންކުރާނެވާހަކަ ދަންނަވަމެވެ. ކޮންމެއަކަސް މިހާ ހިސާބުން ގެއަށް ހަދާފައި ހުންނަ ސިހުރު ބާޠިލުކުރުމަށް ކުރެވިދާނެ ރުޤްޔާތަކާއި، ޢަމަލުކުރެވިދާނެ ގޮތްތައް ބަޔާންކޮށްލާނަމެވެ.

(ނުނިމޭ)

މިމައުލޫގައި ހިއްސާކުރަން ހުރި ކަންކަމަކީ ވަރަށް ބޮޑު ދިރާސާއެއްގެ މައްޗަށް ބަޔާންކުރަން ހުރި، ވަރަށް ތަފްސީލް ވާހަކަތަކެއްކަމުން، ކިޔުންތެރިންނަށް އޮޅުން އެރިޔަ ނުދިނުމަށްޓަކައި މިލިޔުން ބައިބަޔަށް ބަހާލީއެވެ.  

ޙިޔާލުފާޅުކުރައްވާ

1 ކޮމެންޓު

  1. yoosuf

    5 ވަނަ ބަޔަށް އިންތިޒާރު ކުރަން.