ރުޤްޔާ ޝަރުޢިއްޔާއާއި އޭގެ ވަޞީލަތްތަކަކީ ތައުޤީފީ އެއްޗެއްހެއްޔެވެ ނުވަތަ އިޖްތިހާދީ އެއްޗެއްހެއްޔެވެ؟ (4 ވަނަބައި)

އިދިކޮޅު ފަރާތްތަކުގެ އިޢްތިރާޟާތް ތަކާއި އޭގެ ޖަވާބު

މިވާހަކަތަކަށް ދިޔުމުގެ ކުރިން ކުރުވަރެއްގެ މުޤައްދިމާއެއް ބަޔާން ކޮށްލާނަމެވެ.
1. މައްސަލައެއްގައި ދެގޮތް އޮވެފައި އެއްގޮތަކީ “މުޘްބިތު” އަނެއް ގޮތަކީ ނަފީ ކަމަށް ވެއްޖެނަމަ، ނަފީގެ މައްޗަށް “މުޘްބިތު” އިސްކުރެވޭނެއެވެ. އެހެނީ “މުޘްބިތު”ގައި އިތުރު ޢިލްމު ހުންނާނެތީވެއެވެ.
2. ހުއްދަވުމާއި މަނާވުމާއި ދެމެދުގައި ޝައްކު އުފެދިއްޖެނަމަ، ބޮޑަށް ބުރަވެވޭނީ މަނާ ވުމުގެ ކޮޅަށެވެ. އެއީ ރައްކާތެރިކަމުގެ ގޮތް އިޚްތިޔާރު ކުރުމުގެ ގޮތުންނެވެ.
3. ދެރައުޔުންކުރެ ރައުޔަކަށް ޝަރީޢަތުގެ ޢާއްމު ޤާޢިދާއަކުން ދަލީލު ދައްކައިފިނަމަ، އަދި އަނެއް ރައުޔަކަށް ޝަރްޢީ ގޮތުން ވަކި ކަމަށް އައިސްފައިވާ ޚާއްޞަ ނައްޞަކުން ދަލީލު ދައްކާފައިވާނަމަ، ޢާއްމު ދަލީލުން ޚާއްޞަ ދަލީލު ނަފީ އެއް ނުކުރާނެއެވެ. އެދެބައިމީހުންގެ ވެސް ވިސްނުމަށް އިޙްތިރާމް ކުރަން ޖެހޭނެއެވެ.
4. މަންފާ ލިބެނިވި ކޮންމެކަމެއްގެ އަޞްލަކީ ހުއްދަވުމެވެ. އެކަމެއްގައި މަންފާ ބޮޑުވެފައި، ގެއްލުން ކުޑަ ކަމުގައިވާނަމަ، އެއީ ހުއްދަކަމެކެވެ. ހަމައެފަދައިން، ގެއްލުން ބޮޑުވެފައި، ފައިދާ ކުޑަނަމަ އެއީ ހުއްދަ ނޫން ކަމެކެވެ.
5. ރުޤްޔާ ކުރުމަކީ ބޭސްފަރުވާގެ ބާވަތެކެވެ. ބޭސްފަރުވާގެ އޮންނަ އުޞޫލަކީ އެއީ ތަޖްރިބާއާއި އިޖްތިހާދުގެ މައްޗަށް ބިނާވެފައި އޮންނަ ކަމެކެވެ.
އިސްވެދިޔަ ނައްޞުތަކަށް ނަޡަރު ހިންގާލައިފިނަމަ، ބޮޑަށް ބުރަވެވެނީ ރުޤްޔާ އަކީ އިޖްތިހާދީ އެއްޗެއް ކަމެވެ. އެހެންނަމަވެސް، ޢަމަލުކުރަންޖެހޭ ވަކި ޤަވާޢިދުތަކަކާއި މިންގަޑުތަކެއް ހަމަޖެހިފައި ހުރުމަކީ މުހިއްމު ކަމެއް ކަމެވެ. މިވާހަކަތަކުގެ ތަފްޞީލު އިންޝާ ﷲ އަދި އެބައާދެއެވެ. އަދި އިދިކޮޅު ފަރާތްތަކުން ދައްކާ ދަލީލުތަކަށް ދެވިފައިވާ ޖަވާބުތައްވެސް އެބައާދެއެވެ.

އިދިކޮޅު ފަރާތްތަކުގެ އިޢްތިރާޟް ތަކާއި އޭގެ ޖަވާބު:

1. ފުރަތަމަ އިޢުތިރާޟް:
އަލްޙާފިޡް އިބްނު ޙަޖަރު ރަޙިމަހުﷲ ވިދާޅުވިއެވެ. ޖާބިރުގެ މި ޙަދީޘްގައި މިވާ ޢާއްމު ބަސްފުޅުގައި ހިފައިގެން އެރުޤްޔާއެއްގެ މާނަ ނޭގުނުނަމަވެސް، އޭގެސަބަބުން މަންފާ ކުރާ ރުޤްޔާއެއްނަމަ ހުއްދަވާނެ ކަމުގައި ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ. ނަމަވެސް، ޢައުފުގެ ޙަދީޘުން ދޭހަވަނީ ރުޤްޔާގެ ގޮތުގައި ކިޔެވޭ އެއްޗަކުން ދޭހަވާ މާނައެއް ނޭނގޭނަމަ އޭގައި ޝިރްކު އެކުލެވުން ގާތްކަމެވެ. އެހެންކަމުން، ރައްކާތެރިގޮތް އިޚްތިޔާރު ކުރުމުގެ ގޮތުން އެކަމަކީ މަނާ ކަމެއް ކަމުގައި ބުނަން ޖެހެއެވެ.(18)

Close Ad XGet My Ruqya Android App On Google Play

2. ދެވަނަ އިޢްތިރާޟް:
“އެރުޤްޔާއެއްގައި ޝިރްކު އެކުލެވިފައިނުވާ ކޮންމެ ރުޤްޔާއަކީ އެންމެ ރަގަޅު ރުޤްޔާ އެއް” ކަމުގައި އޮންނަ ޙަދީޘް އިން ހުރިހާ ރުޤްޔާއަކީ ހުއްދަ އެއްޗެއްކަމަށް ދަލީލު ނުލިބޭކަމަށް ބުނެ، އަދި ޙަދީޘްގައިވާ “ރުޤްޔާގައި މައްސަލައެއް ނެތޭ” އޮތް ބަހުގެ މުރާދަކީ “ސުންނަތުން ޘާބިތުވާ ރުޤްޔާ” ކަމުގައިވުން، އަދި އެއީ ޚާއްޞަ އެއްޗަކަށްފަހުގައި ޢާއްމު އެއްޗެއް ބަޔާން ކުރުމެވެ. ނަމަވެސް، ޢާއްމު ބައި އެއްކޮށް އައިސްފައި ނުވެއެވެ. މާނައަކީ: ހުއްދަ ނޫން ވައްތަރުތަކުގެ ހުރިހާ ރުޤްޔާއެއްގެ ވާހަކައެއް ނެތެވެ. އެހެނީ، ޙަދީޘްގައި ޛިކްރު ކުރެވިފައިވަނީ ހަމައެކަނި އެރުޤްޔާއެއްގައި ޝިރްކު އެކުލެވިފައިވާ ރުޤްޔާގެ ވާހަކައެވެ. ނަމަވެސް، އެރުޤްޔާ އެއްގައި ޙަރާމް ކަންތައް އެކުލެވިގެންވާ ރުޤްޔާގެ ވާހަކައެއް ނެތެވެ. ޢިލްމުވެރިންގެ މެދުގައި އެއްވެސް ޚިލާފެއް ނެތް ގޮތުގައި އެރުޤްޔާ އެއްގައި ޙަރާމް ކަންތައް އެކުލެވިފައިވާ ރުޤްޔާ އަކީ ހުއްދަ ނޫން އެއްޗެކެވެ.

މި އިޢްތިރާޟްތަކުގެ ޖަވާބު އޮތީ ތިން ގޮތަކަށެވެ. އެއީ:

1. ޢާއްމު ނަފީކުރާކަމަށް ބުނެވޭ ވާހަކައަކީ ޤަބޫލު ކުރެވޭނެ ވާހަކައެއްނޫނެވެ. އެހެނީ ޢަރަބި ބަހުގައި ކަލިމަ އެއްގެ ކުރިޔަށް “أل” ވަދެއްޖެނަމަ މާނައަކީ އެކަލިމާގައި އެކުލެވިގެންވާ ހުރިހާ އެއްޗަކާއި ކަމެއް އޭގެތެރެއަށް ވަދެގެން ދިޔުމެވެ.
2. މި ޙަދީޘުން ހުކުމް ޢާއްމުކަމަށް ދަލީލު ނުލިބޭ ކަމަށް ބުނާ ފަރާތްތަކުން އެކަމުގެ ދަލީލެއް ދައްކަން ޖެހެއެވެ. އެހެނީ، ދަލީލަކުން ޘާބިތުވެފައި އޮތް ކަމެއް ނަފީ ކުރެވޭނީ އެހެން ދަލީލެއް ލިބިގެންނެވެ.
3. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްގައިވާ ޖަވާބަކީ ރުޤްޔާގައި އިޖްތިހާދު ކުރުމާއި ބެހޭގޮތުން ވާރިދުވެފައިވާ ޖަވާބެކެވެ. އެހެންކަމުން، އެކަމުގައި އަމިއްލަ ތަޖްރިބާ ބޭނުން ކުރެވިދާނެތޯ؟ ޖަވާބު އެވަނީ އެކަމާއި ވަރަށް މުނާސިބު ގޮތަކަށެވެ. މިތަނުގައި ޝިރްކުގެ ވާހަކަ ގެންނަވާފައިވަނީ އެބައިމީހުންނަކީ ދާދި ފަހަކާ ޖެހެންދެން ޝިރްކުގެ މަތީގައި ތިބި ބަޔަކަށްވާތީވެއެވެ. ޙަރާމް ކަންތަކުގެ ވާހަކަ ޛިކްރު ކުރެވިފައިނުވާ ސަބަބަކީ ބުނެވިދިޔަ ކަންތަކުގައި ޙަރާމް ކަމެއް ހިމެނިފައި ނުވުމެވެ. އިދިކޮޅު ފަރާތްތަކުގެ ވާހަކަ އަކީ ރަގަޅު ވާހަކަ އެއް ކަމަށް ޤަބޫލު ކުރާނަމަ، މިވާހަކަ އޮތީ ދެކަމެއްގެ މަތީގައެވެ.
• “މަސްކޫތު ޢަންހު” ނުވަތަ ވަކި ގޮތަކަށް ބަޔާން ކުރައްވާފައިނުވާ ކަންތަކަކީ ޝަރްޢީ ގޮތުން ރުޤްޔާގައި އިޖްތިހާދު ކުރުމަކީ ހުއްދަކަމެއް ކަމެވެ.
• “މަސްކޫތު ޢަންހު” ނުވަތަ ވަކި ގޮތަކަށް ބަޔާން ނުކުރައްވާ އޮތް އެއްޗަކީ އެއީ މަނާ ކަންތައް ކަމަށް ވަނީނަމަ އެކަމުގެ ދަލީލަކީ ކޮބައިތޯ؟ ޙާޖަތު ޖެހިފައިވާ ވަގުތަށްވުރެ ކަންތައް ބަޔާން ނުކޮށް ލަސްކުރުމަކީ ހުއްދަ ކަމެއްނޫނެވެ. އަދިވެސް ބުނެވޭނެއެވެ. ޝިރްކުގެ ވާހަކަ ބަޔާން ކުރައްވާފައި، ޙަރާމް ކުރެއްވި ކަންތަކުގެ ވާހަކަ ބަޔާން ނުކުރައްވާ ދޫކޮށްލައްވާފައި އޮތުމާއި، އެދެކަންތަކަށް އެކުގައި ފެތޭފަދަ ޞީޣާއެއް ބޭނުން ކުރައްވާފައި ނުވުމާއި، މިކަންތަކުން ދޭހަވަނީ ހުރިހާ ޙަރާމްކަންތަކެއް އެކަމުގެ ތެރެއަށް ވަންނަކަމެވެ. މިހުރިހާ ކަމަކުންވެސް ދޭހަވަނީ ރުޤްޔާގެ ބާބަކީ ބޭސްފަރުވާ ކުރުމުގެ ބާބުގެ ތެރޭގައި ހިމެނޭ ކަމެއް ކަމެވެ. އެއީ ހުޅުވިފައިވާ ބާބެކެވެ. އޭގެތެރެއަށް ނަޖިސް ފަދަ ޙަރާމް ކުރެއްވިފައިވާ ކަންތަކެއް ނުވަންނާނެއެވެ. މިކަން އެނގިގެންދަނީ އެހެން ނައްޞަކުންނެވެ. ނަމަވެސް، ބޭސްފަރުވާއަށް ބޭނުންކުރެވޭ ތަކެއްޗަށްވުރެ މީގެ އަޘަރު ބޮޑުވުމުން، އަދި މިކަން ގުޅިފައިވަނީ ﷲ ގެ ކަލާމްފުޅާއި ކަމުން، އަދި އާދަމްގެ ދަރިންގެ ވާހަކަތަކާއި ކަމުން، އެއްވެސް ޞިފައެއްގައި ޝިރްކު އޭގެ ތެރެއަށް ނުވެއްދުމަށް ތަންބީހް ދިނުމަކީ އެދެވިގެންވާ ކަމެކެވެ. އެއީ މުކައްލަފްގެ ހިތާއި ދީނުގެ ރައްކާތެރި ކަމަށްޓަކައެވެ. އަދި ފަރުވާކުރާ މީހާއާއި ބޭސް ކުރެވޭ މީހާގެ ރައްކަލަކަށް ޓަކައެވެ.

އަލްޙާފިޡް އަބޫޙާތިމު އިބްނު ޙިއްބާން ރަޙިމަހުﷲ އެކަލޭގެފާނުގެ ޞަޙީޙްގައި މިކަމަށް އިޝާރާތްކުރައްވާ ވިދާޅުވެފައިވެއެވެ. “އެރުޤްޔާ އެއްގައި ޝިރްކު ނުހިމެނޭނަމަ ﷲ ގެ ފޮތުން ނޫންނަމަވެސް ބަލިމީހާއަށް ފަރުވާ ކުރުމަށް ރުޤްޔާ ކުރުމަކީ ހުއްދަ ކަމެއް ކަމަށް ރިވާވެގެން ވެއެވެ. މިހެން ވިދާޅުވުމަށްފަހު އިސްވެދިޔަ ޖާބިރުގެ ފުރަތަމަ ޙަދީޘް ޛިކްރު ކުރެއްވިއެވެ. އެޔަށްފަހު ޢާއިޝާގެ ޙަދީޘް ޛިކްރު ކުރެއްވިއެވެ. އެކަމަނާގެ ގާތަށް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވެދެވަޑައިގެންނެވި އިރުގައި އަންހެނަކު އެކަމަނާއަށް ފަރުވާ ކުރަން ހުރިތަން ފެނިވަޑައިގެން ޙަދީޘް ކުރެއްވިއެވެ. “ﷲ ގެ ފޮތުން ފަރުވާ ކުރާ ހުށިކަމެވެ.” (19)

އިބްނު ޙިއްބާން ވިދާޅުވިއެވެ. ޙަދީޘްގައި މިވާ “ﷲގެ ފޮތުން ފަރުވާ ކުރާށޭ” އޮތް ބަހުގެ މުރާދަކީ ﷲގެ ފޮތުގައި ހުއްދަ ދެވިފައިވާ ފަރުވާ ކުރާށެވެ. ސަބަބަކީ ޖާހިލިއްޔަ ޒަމާނުގައި އެބައިމީހުން ރުޤްޔާ ކުރުމުގައި އެރުޤްޔާއެއްގައި ޝިރްކު ހިމެނޭ ފަރުވާވެސް ކޮށް އުޅުނެވެ. އެހެންކަމުން، ﷲގެ ފޮތުގައި ހުއްދަދެވިފައިނުވާ ރުޤްޔާއެއް ކުރުމުގެ ނުބައިކަން ބަޔާން ކުރައްވާ އެކަމަށް އިންޛާރު ކުރެއްވީއެވެ.(20)

އަލްޙާފިޡް އަބޫބަކްރުލް ބައިހަގީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. ޝިރްކު ހިމެނިގެން ނުވާ ކޮންމެ ރުޤްޔާއަކީ ހުއްދަ އެއްޗެއްކަން އަންގައިދޭ ބާބު: އެޔަށް ފަހު އިސްވެދިޔަ ޢައުފް ބިން މާލިކާއި އެނޫންވެސް ބޭކަލުން ރިވާ ކުރެއްވި ޙަދީޘް ތައް ބަޔާން ކުރެއްވިއެވެ. އެޔަށްފަހު ވިދާޅުވިއެވެ. “ޝިރްކު ހިމެނިފައި ނުވާ ކޮންމެ ރުޤްޔާއެއް ހުއްދަ ކަމަށް ޢައުފްގެ ޙަދީޘުން ދަލީލު ލިބެއެވެ. ހަމައެފަދައިން ޖާބިރުގެ ކިބައިން އަބޫސުފްޔާން ރަޟިޔަﷲ ޢަންހުމާ ހަމަ އެމާނަ ދޭހަވާ ޙަދީޘެއް ރިވާކުރެއްވިއެވެ. އަދި ވިދާޅުވިއެވެ.
“ތިޔަބައިމީހުން ކުރެ އެހެންމީހަކަށް ފައިދާހުރި ކަމެއް ކުރުމުގެ ކުޅަދާނަކަން ލިބިގެންވާ މީހާ އެކަން ކުރާހުށިކަމެވެ.” މިއިން ދޭހަކޮށްދެނީ މަނާ ކުރެއްވި ހުރިހާ ރުޤްޔާއަކީވެސް އެރުޤްޔާއެއްގައި ޝިރްކު އެކުލެވިފައިވާ ރުޤްޔާއެވެ. އެއީ ޝިރްކަށް ވެދާނެތީވެ އެކަން މަނާކުރެއްވީއެވެ.(21)

އަލްއިމާމް އަބޫޖަޢްފަރުއް ޠަޙާވީ ރަޙިމަހުﷲ ވިދާޅުވިއެވެ. ޖާބިރުގެ ޙަދީޘުން ދޭހަވަނީ އެރުޤްޔާއެއްގައި މަންފާ ހިމެނޭ ކޮންމެ ރުޤްޔާއަކީ ހުއްދަ ރުޤްޔާއެއް ކަމެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. “ތިޔަބައިމީހުން ކުރެ އެހެން މީހަކަށް ފައިދާ ހުރި ކަމެއް ކުރުމުގެ ކުޅަދާނަކަން ލިބިގެންވާ މީހާ އެކަން ކުރާހުށިކަމެވެ.” އަދިވެސް ވިދާޅުވިއެވެ. އެރުޤްޔާއެއްގައި ޝިރްކު ނުހިމެނޭ ހުރިހާ ރުޤްޔާއަކީވެސް ހުއްދަ އެއްޗެއްކަން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްތަކުން ދޭހަވެއެވެ. ދެން އިސްވެދިޔަ ޢައުފްގެ ޙަދީޘް ޛިކްރު ކުރެއްވިއެވެ. އަދި ވިދާޅުވިއެވެ. “ޝިރްކު ހިމެނިފައިނުވާ އެއްވެސް ރުޤްޔާއަކީ މަނާ ރުޤްޔާއެއް ނޫންކަން މިއިން ދޭހަކޮށްދެއެވެ.(22)

ތިންވަނަ އިޢްތިރާޟް:
“ރުޤްޔާއާއި އޭގެ ވަޞީލަތްތަކަކީ އިޖްތިހާދީ އެއްޗެއްކަމުގައި ބުނާނަމަ، އެކަމުގެ ދޮރުވަނީ ހުޅުވިފައެވެ. އަދި ކޮންޓްރޯލް ކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެއެވެ. މިއީ ޖާހިލިއްޔަ ޒަމާނުގައިވެސް އެކަން ހިނގައިދިޔަ ގޮތެވެ. އޭގެ ސަބަބުން ރުޤްޔާގެ ތެރެއަށް ޝިރްކުވެސް ވަނެވެ. ވީމާ، ކޮންޓްރޯލް ނުކުރެވޭނެ ކޮންމެ އެއްޗަކީ ހުއްދަ ކުރެވޭނެ އެއްޗެއް ނޫނެވެ.”
ޖަވާބުގައި ބުނަން އޮތީ: ތިޔަ ދެކަންތަކުގައި އެއްވެސް ގުޅުމެއް ނެތެވެ. ދީނުގެ އެތައް ކަމަކީ އިޖްތިހާދީ ކަންތަކެވެ. ނަމަވެސް، ވަކި ގޮތަކަށް ކޮންޓްރޯލް ކުރެވިފައިވާ ކަންތަކެވެ. ރުޤްޔާގެ ތެރޭގައި ޝިރްކު ހިމެނިއްޖެނަމަ އެކަމަކީ ޙަރާމް އެއްޗެއް ކަމަށް ހުރިހާ ޢިލްމުވެރިން އިޖްމާޢުވެލައްވައެވެ.

ހަތަރުވަނަ އިޢްތިރާޟް:
“ޝަރީޢަތުގައި ވާރިދުވެފައިވާ ރުޤްޔާގެ ކަންތަކަކީ އެޔަށް އެއްޗެއް އިތުރު ކުރަން ނުޖެހޭ ވަރަށް ފުރިހަމައަށް އޮތް އެއްޗެކެވެ.”
ޖަވާބުގައި ބުނަން އޮތީ: ރުޤްޔާގެ ކަންތައް ބަޔާންކުރެއްވި ޝަރީޢަތުގައި ވަނީ އެކަމުގައި އިޖްތިހާދު ކުރުމުގެ ދޮރު ހުޅުއްވާލައްވާފައެވެ. އިސްވެދިޔަ ނައްޞުތަކުން އެކަން ޘާބިތުވެއެވެ. ވީމާ، ރުޤްޔާގެ ކަންތަކުގައި އަޞްލަކީ އިޖްތިހާދު ކުރުން ހުއްދަވުމެވެ. ﷲ އާއި އެކަލާންގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރުހިވޮޑިގެން ނުވާ ކަމެއް ރުޤްޔާގެ ތެރެއަށް ވެއްދުނަ ނުދިނުމަށްޓަކައި ފިޔަވަޅުތަކެއް އަޅަން ޖެހެއެވެ. އެގޮތުން:

1. ރުޤްޔާއަކީ އޭގެ ޛާތުގައި އެއްވެސް ފައިދާއެއް ކުރާ އެއްޗެއް ނޫންކަމާއި، ފައިދާ ކުރަނީ ﷲގެ ތަޤްދީރާއި އެއްކޮށްކަން އިޢްތިޤާދް ކުރުން.
2. މާނަ ނޭނގޭ އެއްވެސް އެއްޗެއް އޭގެ ތެރޭގައި ނުހިމެނުން.
3. ޙަރާމް ކަންތަކަށް ދޮރުހުޅުވާ ނުލުން، މިގޮތުން މީސްތަކުންގެ ބޮލުގައި ދޮގު އިލްޒާމް އެޅުވުމާއި، ޙަރާމް ކުރެއްވި ކަންތަކުންނާއި ނަޖިސް ފަދަ ތަކެތިން ފަރުވާ ހޯދުމުން ދުރުހެލިވުން.
4. ﷲގެ ޛިކްރަށް ވުރެ އަމިއްލަ ތަޖްރިބާ މޮޅުވާނެ ކަމުގައި ޤަބޫލު ނުކުރުން. އެހެނީ ﷲގެ ވާގިފުޅާއި އެކުގައި މެނުވީ އެއްވެސް ކަމެއް ނުވާނެއެވެ. (23)
5. ރުޤްޔާ ކުރުމުގައި ޖިންނީން ބޭނުން ނުކުރުން. ކޮންމެހެން ޖިންނީންގެ އެހީތެރިކަމެއް ހޯދަން ޖެހިގެން މެނުވީ އެކަން ނުކުރުން. ޟަރޫރަތެއް ޖެހިއްޖެނަމަ އެކަމަކަށް ފުދޭ ވަރަށް މަނާ ކުރެވިފައިވާ ކަމެއް ބޭނުން ހިފުމަކީ އެންމެ ރަގަޅު ކަމެއް ކަމުގައި ޢީލްމުވެރިން ވިދާޅުވިއެވެ. (24) (ނޯޓް: ޖިންނީންގެ އެހީ ހޯދުމަކީ ހުއްދަކަމެއް ނޫނެވެ. މިކަމާއިމެދު އިތުރު ތަފްސީލު ބެއްލެވުމަށް މިލިންކަށް ޒިޔާރަށްކޮށްލައްވާށެވެ.)
6. ކާފިރުންނާއި، ސިޙުރުވެރިންގެ ޚުރާފާތްތަކާއި، އެބައިމީހުންގެ ޙަރަކާތްތަކާއި، ކަންތައްތަކުގައި އެއްގޮތްނުވުން. އެބައިމީހުންނާއި އެއްގޮތް ވެއްޖެ މީހަކީ އެބައިމީހުންގެތެރެއިން ވާމީހެކެވެ. (25)
އަދި އެހެން މައްސަލައެއްވެސް އެބައޮތެވެ. އެއީ، ޟަޢީފް ޙަދީޘްތަކުގައި އައިސްފައިހުރި ރުޤްޔާ ބޭނުންކުރެވިދާނެތޯ ނުވަތަ ނޫންތޯ އުފެދޭ ސުވާލެވެ. ބޮޑަށް ބުރަވެވެނީ އެއީ މައްސަލައެއްނޫން ކަމަށެވެ. ބައެއް ސަލަފުން އެގޮތަށް ކަންތައް ކުރައްވާފައި އެބަހުއްޓެވެ.(26) ސަބަބަކީ އެއީ ތަޖްރިބާއާއި އިޖްތިހާދުގެ ބާބަކަށްވާތީއެވެ.

ނަމަވެސް މީގައި ދަންނަންޖެހޭ ކަންތަކެއް އެބަ ހުއްޓެވެ. އެއީ:
• އެފަދަ ޙަދީޘްތަކަކީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަސްފުޅު ނޫންކަން ޤަބޫލު ކުރުން.
• ދީނުގެ އަޞްލަކާ ނުވަތަ ނައްޞަކާ ފުށޫއަރާފަދަ ކަމެއް ހިމެނިފައި ނުވުން.
• އިހުގެ ނުވަތަ ފަހުގެ ތަޖްރިބާއިން އޭގެ ފައިދާ ފެނިފައި ހުރުން.

والحمد لله أولاً وآخراً وظاهراً وباطناً، وصلى الله على عبده ورسوله نبينا محمد وآله وصحبه ومن تبعهم بإحسان.

(ނިމުނީ)

———————————————–

18- فتح الباري 10/195.
19- رواه ابن حبان 13/464 من طريق أبي أحمد الزبيري حدثنا سفيان، عن يحيى بن سعيد، عن عمرة، عن عائشة هكذا وأبو أحمد كثير الخطأ في حديث سفيان كما قاله الإمام أحمد وغيره (التهذيب 9/255)، قلت: وظهر خطؤه هنا، فقد روى الحديث جماعات من الأئمة عن يحيى بن سعيد فوقفوه ولم يرفعوه، وهو الصواب. منهم الإمام مالك في (موطئه 2/943) عن يحيى به، ومنهم عبد ا لرحيم بن سليمان الكناني أحد الثقات عن يحيى كذلك، رواه ابن أبي شيبة(7/408)، وبهذا تعلم أن قول العلامة الألباني – رحمه الله – في (السلسلة الصحيحة 1931) لما ذكر رواية ابن حبان: “إسناده صحيح” أن هذا غير صحيح، بل المحفوظ أنه موقوف صحيح كما عرفت.
20- الإحسان 13/464.
21- الآداب ص 449.
22- شرح معاني الآثار 4/326.
23- انظر: زاد المعاد 4/98.
24- انظر: إعلام الموقعين 2/161.
25- انظر: مجموع الفتاوى 19/64.
26- انظر: مجموع الفتاوى 7/261.

ޙިޔާލުފާޅުކުރައްވާ

0 ކޮމެންޓު