ދެވަނަ މަބްޙަޘް: ރުޤްޔާއާއި އޭގެ ވަޞީލަތްތަކަކީ ތައުޤީފީ އެއްޗެއްތޯ ނުވަތަ އިޖްތިހާދީ އެއްޗެއްތޯ؟
ރުޤްޔާއާއި އޭގެ ވަޞީލަތްތަކަކީ ބާވައިލެއްވި ތައުޤީފީ އެއްޗެއްތޯ ނުވަތަ އޭގެ އަޞްލަކީ އިޖްތިހާދާއި ތަޖްރިބާތޯ، މިމައްސަލައިގައި ޢިލްމުވެރިންގެ މެދުގައި ޚިލާފުތަކެއް އެބަހުއްޓެވެ.
މި މައްސަލަ އިތުރަށް ބަޔާން ކުރުމަށްޓަކައި އަންނަނިވި މިޘާލުތައް ޖަހާލާނަމެވެ.
ފުރަތަމަ މިޘާލު: ރާޤީއަކު ޒަޢުފަރާނުން ނުވަތަ އެނޫންވެސް އެއްޗަކުން މުޅި ޤުރްއާން ނުވަތަ ޤުރްއާނުން ބައެއް ލިޔެ، ބަލިމީހާގެ ގަޔަށް އެއްބައި އަޅައި، އަނެއްބައި ބޯންދީފިނަމަ، އެކަމުގެ ޙުކުމަކީ ކޮބައިތޯ؟ (9)
ދެވަނަ މިޘާލު: ތަޚްޔީލީ ކިޔެވުން. އެގޮތަކީ ރާޤީއަކު ބަލިމީހެއްގެ ކައިރީގައި ޤުރްއާން ކިޔަވަމުންގޮސް، ވަކި ހިސާބަކަށް ކިޔެވުމަށްފަހުގައި، ބަލިމީހާގެ ގާތުގައި އޭނާގެ ހިތަށް އަރާ ނަންތައް ބުނެދޭން ބުނުމެވެ. އެހިނދުގައި ރާޤީ ހުންނާނީ ބަލިމީހާގެ އަތުގެ ކޮންމެވެސް ނާރަކަށް ފިއްތާލައިގެންނެވެ. ދެން ބަލިމީހާ އޭނާގެ ހިތަށް އެވަގުތު އަންނަ ހުރިހާ ނަންތަކެއް ކިޔައިދޭނެއެވެ. އެހިނދު ރާޤީ ބުނާނެއެވެ. ތިޔަ ނަން ކިޔާ މީހުންނަކީ އެބައިމީހުންގެ އެސްފިންނާގެ އަޘަރު ތިޔަބައިމީހުންނަށް ކޮށްފައިވާ މީހުންނެވެ. އަޅުގަޑުމެންގެ ތެރޭގައި މިގޮތަށް ރުޤްޔާކޮށްގެން އެކަމުގެ ކާމިޔާބުކަން ވަރަށް ގިނަފަހަރަށް ފާހަގަ ކުރެވިފައިވެއެވެ. ނަމަވެސް، މިފަދަ ރުޤްޔާ އަކީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން، އަދި އެއްވެސް ސަލަފެއްގެ ފަރާތުން ވާރިދުވެފައިވާ ކަމެއް ނޫނެވެ.
ތިންވަނަ މީޘާލު: ކާފިރަކު މުސްލިމަކަށް ރުޤްޔާ ކުރުން. މި ކަމަކީ އިމާމް ޝާފިޢީ އާއި އެނޫންވެސް ބައެއް ޢިލްމުވެރިން ހުއްދަ ކުރައްވާފައިވާ ކަމެކެވެ.(10) ނަމަވެސް، މާލިކީންގެ ގާތުގައި މިއީ މަކްރޫހަކަމެކެވެ.(11) ޢާއިޝާ ރަޟިޔަﷲ ޢަންހާއަށް ރުޤްޔާ ކުރަންހުރި ޔަހޫދީއެއްގެ ގާތުގައި އަބޫބަކުރު ރަޟިޔަﷲ ޢަންހު ވިދާޅުވިކަމަށް ވާރިދުވެފައިވެއެވެ. “ﷲގެ ފޮތުން އެކަމަނާއަށް ރުޤްޔާކޮށްދޭށެވެ.” (12)
ހަތަރުވަނަ މިޘާލު: ޤުރްއާނާއި ސުންނަތުގައި ވާރިދުވެފައި ނުވާ ބައެއް އަޛްކާރުތައް ބޭނުންކޮށްގެން ރުޤްޔާ ކުރުން. މިކަން ހުއްދަވާނެތޯ؟
ފުރަތަމަ ތިން މިޘާލަކީ ވަޞީލަތްތަކެވެ. ހަތަރުވަނަ މިޘާލަކީ ރުޤްޔާ އެވެ. މިހުރިހާ މިޘާލަކާއި މެދުގައިވެސް ވާހަކަ ދައްކަމާއެވެ.
މިހާތަނަށް އަޅުގަޑު ބެލި ބެލުމުގައި ސަލަފުންގެ އެއްވެސް ބޭފުޅަކު މިމައްސަލަތަކުގައި ވާހަކަ ދައްކަވާފައެއް ނުވެއެވެ. އޭގެ ސަބަބަކީ ޤުރްއާނާއި ސުންނަތުގައި ނެތްކަމެއް ކުރުމަށް އެބޭފުޅުން މަސައްކަތް ކުރައްވާފައި ނުވުމެވެ. ބައެއް މުޙައްގިގުން މިމައްސަލައަށް އިޝާރާތް ކުރައްވާފައިވެއެވެ. އަޅުގަޑު މިމައްސަލައިގައި ދެކޭގޮތް އިން ޝާ ﷲ އަދި ފަހުން އެބައާދެއެވެ. މި މައްސަލައިގެ ތަފްޞީލުގެ ތެރެއަށް ވަނުމުގެ ކުރިން ދަންނަންޖެހޭ މުހިއްމު ކަމެއް އެބައޮތެވެ. އެއީ:
ރުޤްޔާގައި ޙަރާމް ކުރެއްވި ކަމެއް، ނުވަތަ ޝިރްކެއް ހިމެނޭނަމަ، އެކަމަކީ ޙަރާމްކަމެއް ކަމާއިމެދުގައި ހުރިހާ ޢިލްމުވެރިން އިޖްމާޢުވެލައްވައެވެ.
ރުޤްޔާ އަކީ ތައުޤީފީ އެއްޗެއް ކަމަށް ވިދާޅުވާ ޢިލްމުވެރިން ތިން ކަމަކުން ދަލީލު ދައްކަވައެވެ.
1. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިބައިން އައިސްފައިނުވާ ކޮންމެކަމަކީ ރައްދުކުރެވިގެންވާ ކަމެކެވެ. ރުޤްޔާ ކުރުމުގައި ކަންތައް ކުރަންވީ ގޮތް ސުންނަތުގައި ވަނީ ބަޔާން ކުރައްވާފައެވެ.
2. އޭގައި ގޮތް ނޭނގޭ ކަންތައްތަކެއް ހިމެނިފައިވެއެވެ. ރުޤްޔާގެ ކަންތަކުގައި ގޮތް ނޭނގޭ ކަންތައް ކުރުމަކީ މަނާކަމެއް ކަމާއިމެދުގައި ޢިލްމުވެރިން އިޖްމާޢުވެލައްވައެވެ.
3. ވާރިދުވެފައި ނުވާ ކަންތަކަށް ދޮރުހުޅުވާލުމުގެ މާނައަކީ ޙަރާމް ކަންތަކާއި ޝިރްކަށް ހުޅުވާލެވޭ ދޮރެކެވެ.
ރުޤްޔާގެ ކަންތަކަކީ އިޖްތިހާދީ ކަމެއް ކަމުގައި ވިދާޅުވާ ޢިލްމުވެރިންގެ ދަލީލުތައް:
1. عَنْ جَابِرٍ ، قَالَ نَهَى رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَنِ الرُّقَى ، فَجَاءَ آلُ عَمْرو بْنِ حَزْمٍ إِلَى رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، فَقَالُوا : يَا رَسُولَ اللَّهِ ، إِنَّهُ كَانَتْ عِنْدَنَا رُقْيَةٌ نَرْقِي بِهَا مِنَ الْعَقْرَبِ ، وَإِنَّكَ نَهَيْتَ عَنِ الرُّقَى ، قَالَ : فَعَرَضُوهَا عَلَيْهِ ، فَقَالَ : ” مَا أَرَى بَأْسًا، مَنِ اسْتَطَاعَ مِنْكُمْ أَنْ يَنْفَعَ أَخَاهُ فَلْيَفْعَل. (13) މާނައަކީ: މާތް ﷲ ރުއްސުންލެއްވި ޖާބިރުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. “ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރުޤްޔާގެ ކަންތައް މަނާ ކުރެއްވިއެވެ. ޢަމްރު ބިން ޙަޒްމުގެ ދަރިކޮޅުގެ މީހަކު ކީރިތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް އައިސް ދެންނެވިއެވެ. “ﷲ ގެ ރަސޫލާ އެވެ. ނަގުލަންދާށީގެ ކަންތަކުން ސަލާމަތްވުމަށް އަހަރުމެންގެ ތެރޭގައި ކުރާ ރުޤްޔާއެއް އޮވެއެވެ. ނަމަވެސް ކަލޭގެފާނު ރުޤްޔާކުރުން މަނާކުރެއްވިއެވެ.” ޖާބިރު ވިދާޅުވިއެވެ. “އެބައިމީހުން ކޮށްއުޅުނު ރުޤްޔާ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ހުށަހަޅާ ކިޔައިދިނެވެ. އެހިނދު ޙަދީޘްކުރެއްވިއެވެ. “ތިކަމުގައި މައްސަލައެއް ނެތެވެ. ތިޔަބައިމީހުންގެ އަޚާއަށް މަންފާއެއް ކޮށްދިނުމުގެ ކުޅަދާނަކަން ލިބިގެންވާމީހާ އެކަން ކުރާހުށިކަމެވެ.”
މި ޙަދީޘްގެ ވަޖްހުއްދިލާލާ ތިންގޮތަކަށް ނެގެއެވެ.
1. “ކުޅަދާނަކަން ލިބިގެންވާ މީހާ” މިބަހަކީ ޢާއްމު ބަހެއްކަން.
2. “އެކަލޭގެފާނަށް ހުށަހެޅުނެވެ.” މި ކަމަކީ ކުރިންވެސް ޝަރްޢުގައި އޮތް ކަމެއްނަމަ، ހުށަހެޅުމުގެ މާނައެއް ނެތެވެ. އެހެނީ، އެބައިމީހުންނަށް އެނގޭ ކަމެއް އިތުރަށް ހުށަހެޅުމުގެ މާނައެއް ނެތެވެ.
3. އެބޭފުޅާގެ ބަސްފުޅު “ތިމަންނަމެންގެ އަތުގައި ވިއެވެ.” އެހެނީ އެއީ ޖާހިލިއްޔަ ޒަމާނުގައިކަން މިބަސްފުޅުން ވަންހަނާވުމެއްނެތި ފާޅުވެގެންވެއެވެ.
——————————————-
0 ކޮމެންޓު