ޙަމްދުހުރީ ޢާލަމްތަކުގެ ވެރި ﷲ އަށެވެ. ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަނީ މިއުއްމަތުގެ މާތްނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށެވެ.
ސިހުރަކީ މިއަދު މިމުޖުތަމަޢުގައި ހުއްޓުމެއްނެތި އިތުރުވަމުން އަންނަ ނުރައްކާތެރި ކުފުރުގެ ވަބާއެކެވެ. ތިމާފަދަ އަނެކާއާއި ޙަސަދަވެރިވެ އެކަމުގެ ރުޅިވެރިކަމުގައި އަނެކާ ހަލާކުކޮށްލަން ސިހުރުވެރިންކައިރިއަށް ދަނީ މިއަދު އެތައް ބައެކެވެ. ދެމަފިރިންގެ ދިރިއުޅުން ފަނާކޮށް ދެމީހުން ވަރިކުރުވާ ޢާއިލާތައް ރޫޅާލުމައް ހަދާ ސިހުރުތަކަކީ މިއަދު މިމުޖުތަމަޢުގައި އެންމެ ޢާއްމު ވައްތަރުގެ ސިހުރެވެ. އަނެކާ އުފަލުގައި ދިރިއުޅޭތީ، ނުވަތަ ތިމާއަށް ވުރެ ހަމަޖެހޭ ދިރިއުޅުމެއް އުޅޭތީއެވެ. ނުވަތަ ތިމާގެ އަމިއްލަ އެދުންތަކެއް ހާސިލްކުރުމަށް އޮތްމަގަކީ އެއީކަމަށް ދެކިގެންނެވެ.
ކޮންމެއަކަސް، ރުޤްޔާގެ މަޢުލޫމާތުތައް ފެތުރި، އަމިއްލައަށް ސިހުރު ޖެހިފައި ހުރިތޯ ދެނެގަނެ ފަރުވާ ކުރާނެ ގޮތްތައް، މިއަދު އެތައް ބައެއްގެ ބުރަ މަސައްކަތުން މިވަނީ ގިނަބަޔަކަށް އެނގި ރޯފިލާފައެވެ. ބަޔަކު ނުރުހުނުކަމުގައި ވިޔަސް ﷲގެ ރަޙުމަތާއި އެކު އަޅުގަނޑުމެންގެ މިމަސައްކަތް މިދަނީ ހުއްޓުމެއްނެތި ކުރަމުންނެވެ. އިރާދަކުރެއްވިއްޔާ، ސިހުރާއި ސިހުރުވެރިންގެ ޢަމަލުތައް ނާކާމިޔާބުކޮށް، ޚުރާފީ ދީނާއި ޚިލާފު ފަންޑިތަވެރިކަން މިދީބުން ފޮހެލުމަށްޓަކައި ޢާއްމުން ހޭލުންތެރިކުރުމަށް ކުރަމުން މިދާ ގިނަގުނަ މަސައްކަތްތައް އަދިވެސް އަޅުގަނޑުމެން ކުރިއަށް ގެންދާނަމެވެ. މިގޮތުން ހާމަކުރަންޖެހޭ ކަންކަން ހާމަކޮށް ދީނުގައި ހުއްދަ މިންގަނޑުކަމުގައިވާ، ޝިރުކު ނެތްނަމަ ރުޤްޔާ ހުއްދަ ވުމުގެ ދީނީ މިންގަނޑުތަކުގެ ތެރޭގައި ރުޤްޔާކޮށް ބަލިތަކަށް ފަރުވާކުރާނެ ގޮތުގެ މަޢުލޫމާތުތައް ތިޔަ އެންމެހާ ލޮބުވެތި އަޚުންނާއި އުޚްތުންނާއި ހަމައަށް އަޅުގަނޑުމެން ވާޞިލްކޮށްދޭނަމެވެ. މީހަކަށް ބަރޯސާނުވެ އަމިއްލައަށް އަމިއްލަ ނަފްސަށް ރުޤްޔާ ކުރެވޭނެ މިންވަރު މިހާތަނަށް އަޅުގަނޑުމެން މިއައީ ބަޔާންކޮށްދެމުންނެވެ. ﷲގެ ވާގިފުޅާއި އެކު އަދިވެސް އެގޮތުގައި ކުރިއަށްދާނެ ވާހަކަ ދަންނަވަމެވެ.
ކޮންމެއަކަސް މިފަހަރު މިބަލައިލަނީ ވަރަށްވެސް ނާޒުކު މައްސަލައަކަށެވެ. ދީނީ މިންގަނޑުން ރުޤްޔާކުރާ ރާޤީންތައް ގިނަވެ، ރުޤްޔާއާއި ފަންޑިތައިގެ ޙަޤީޤީ މަޢުލޫމާތުތައް ލިބެން ފެށުމުން މުޖުތަމަޢުގައި ކުރިން އޮތް އެތައް ސިހުރުވެރި ޝިރުކުގެ ޢަމަލުތަކެއް މިހާރުވަނީ މަދުވެފައެވެ. މިގޮތުން ކަންކަން ދިމާވުމުން ތަވީދު އަޅާމީހުނާއި، ފާލު ބަލަންދާމީހުނާއި، ސިހުރުން ސިހުރު ބާޠިލުކުރަން މަސައްކަތް ކުރާ މީހުން މިވަނީ މަދުވެ އެތައް ބަޔަކު މިކަންކަމާއިމެދު ހޭލުންތެރިވެފައެވެ. ހިތާމައަކީ އެނގިތިބެވެސް މިފަދަ ކަންކަމަށް އަރައިގަންނަ މީހުން އަދިވެސް އުޅޭކަމެވެ. މިދެންނެވި ހޭލުންތެރިކަމުގެ މަޢުލޫމާތުތަކާއި ރާޤީންގެ ސަބަބުން ސިހުރުވެރިންތައް ފަޟީޙަތްވެ، އެމީހުންގެ މަކަރުތަކާއި ކަންކަން މީހުނަށް މިއަދު މިވަނީ ކަޝްފުވެފައެވެ. އެމީހުން ކުރަމުން އައި ކަންކަމަކީ ރަނގަޅު ކަންތައްތައް ނޫންކަން މީސްތަކުންނަށް ހާމަވެ އެބައިމީހުންކުރެ ކަންކަމަށް އެދި އަންނަ މީހުން މަދުވާން ފެށުމުން އެމީހުންގެ ޝައިޠާނީ ކަންކަން ހާސިލްކުރުމަށް އެހެން ރޭވުމެއް ރާވަން މިއަދު އެސިހުރުވެރި ދައްޖާލުންނަށް މަޖުބޫރުވެއްޖެއެވެ. އެބައިމީހުންނަށް ގޮތްކިޔައިދޭ ޖިންނި ޝައިޠާނުތަކުގެ ނުބައި ވަސްވާސްތަކާއި ރޭވުންތަކާއި އެކު މިހާރު އެމީހުންވަނީ އެހެން ގޮތްތަކެއް ބޭނުން ކުރަންފަށާފައެވެ. މިގޮތުން މިހާރު ސިހުރު ބާޠިލުކުރުމަށް މިހާރު ސިހުރު ވެރީންގެ ބޭނުން ނުހިފައި މީހުން ރުޤްޔާ ކޮށް ރުޤްޔާ ކުރާމީހުންގެ ބޭނުން ހިފާތީ މިމީހުންވެސް ބޭރުފުށުގެ ފޭރާން ބަދަލުކޮށްފިއެވެ. މިމީހުންވެސް މީހުން ކައިރީ ބުނަނީ ތިމަންމެން މިހާރު ކުރަނީ ރުޤްޔާ ކަމަށެވެ. އަދި ފާލުބަލާފައި ވެސް ބުނަނީ މިބަލަނީ ސީދާ ޤުރުއާނުގެ ފާލުކަމަށާއި ރުޤްޔާގައި ފާލުބަލާނީ މިހެން ކަމަށެވެ. ޙަޤީޤަތަކީ ޤުރުއާނުން ބެލޭނެ ހުއްދަ ފާލެއް ނޯންނާނެއެވެ. ރުޤްޔާ ކޮށްގެން ބަލި ދެނެގަންނަނީ ފާލުބަލައިގެނެއް ނޫނެވެ. ކައިރީ ކިޔަވުމުން އެމީހާއަށް ވާއުނދަގޫތައް ބަލައިގެންނެވެ. އަދި ޢަލާމާތްތަކުގެ އަލީގައެވެ.
އަދިވެސް މިމަކަރުވެރި ދައްޖާލުން ސިހުރުގެ ކޮންމެ ކަމެއް ކުރަނީ ރުޤްޔާގެ ނަމުގައެވެ. މިގޮތުން ހިލޭ އަންހެނަކު މިމީހުންގެ މަޅީގައި ޖެއްސުމަށްޓަކައި، ފަރުވާކުރަންކަމަށް ބުނެ، ތެލަށް ކިޔަވާ އެތެޔޮ ބަލިމީހާ އެއްކޮށް ބަރަހަނާކޮށް ބާއްވައިގެން ކިޔަވަމުން އެމީހުން އަތުން އެތެޔޮ އުނގުޅަން ޖެހޭނެކަމަށްބުނެ އެމީހުންގެ ބޮލަށް އެރި، މިސިހުރުވެރި ދައްޖާލުންގެ ޝައިޠާނުތައް ރުއްސަން އެއަންހެނާގެ މައްޗަށް ފާޙިޝްކަމާއިއެކު ވެރިވެގަނެއެވެ. ޝައިޠާނާ ރުހޭ ކަންކަން މިމީހުން މިހާރުކުރަނީ ރުޤްޔާކުރުމުގެ ނަމުގައެވެ.
އޭލޮބުވެތި އަޚުންނާއި އުޚްތުންނޭވެ. މިކަންކަމަށް ސަމާލުވާށެވެ. މީހަކު އަދި ތިމަންނަ ކުރަނީ ރުޤްޔާއޭ ބުންޏަސް ރުޤްޔާގައި ހުއްދަނޫން ގޮތަތައް އެމީހުން ބޭނުންކުރާނަމަ އެފަދަ މީހުންގެ ކިބައި ސަލާމަތްވާށެވެ. މިގޮތިން، ތަވީދު އެޅުމާއި، ފާލުބެލުމާއި، އެއްޗެހި ވަޅުލަން ބުނުމާއި، ހިލޭ އަންހެނަކަށް ފަރުވާކުރާއިރު، ދެމީހުން އެކަނި ތިބެ ފަރުވާކުރަން ބުނުމާއި، ބަރަހަނާވާން ޖެހޭނެ ކަމަށާއި އެމީހުންގެ އަތުން ތެލާއި ފެން ފަދަތަކެތި އުނގުޅާ ހަދަން ޖެހޭނެކަމަށް ބުނާނަމަ އެމީހުންގެ އެބަސްތަކުގައި ކޮޅުފައިން ޖަހާ ސަލާމަތްވާށެވެ. އެރުޤްޔާއެއްގައި ޙަރާމްކަމެއް އެކުލެވިގެންވާނަމަ އެއީ ހުއްދަ ރުޤްޔާއެއް ނޫނެވެ. އަދި މިދެންނެވިފަދަ ކަންކަމަކީ ސިހުރުގެ ކަންކަމެވެ. އެއީ ސިހުރުން ސިހުރު ބާޠިލުކޮށް ޝައިޠާނާ ރުއްސައިގެން ކަންކަން ކުރުމަށް ސިހުރުވެރިން ކުރާ ކަންކަމެވެ. މިފަދަ އެންމެހާ ކަންކަމުން ސަލާމަތްވާށެވެ.
މިދެންނެވި ކަންކަމުގެ އިތުރުން ސިހުރުވެރީން ގެންގުޅޭ ތިއަރީއެއް އޮވެއެވެ. މިތިއަރީގެ ބޭނުންކޮށްގެން ޝައިޠާނުން ރުއްސާ މިބައިމީހުންގެ ސިހުރުތައް ކާމިޔާބުކުރަން މިސިހުރުވެރި ދައްޖާލުން މިހާރު ދެމަފިރިންގެ ދިރިއުޅުމަށް ވެރިވެގަންނަގޮތް ދަންނަވާލާނަމެވެ. ދެމަފިރިން މެދުގައި މައްސަލަގޯސްވެ، ސިހުރުކަމަށް ޝައްކުވެގެން ފަރުވާކުރަން މިމީހުން ކައިރިއަށް ދިއުމުން މިމީހުން މިކުރާކަމަކީ، ދެމަފިރިން ބިރުގަންނަވާލަނީއެވެ. އަދި އެސިހުރު ބާޠިލުކުރުމަށް އޮތް ހަމައެކަނި ގޮތަކީ ދެމީހުން ވަރިވުން ކަމަށް ބުނެ ވިސްނައިދެއެވެ. މިމީހުން ބުނަނީ، ކޮންމެ ކަމެއް ކުރިޔަސް ވަރިކުރާ ސިހުރު ފިލައިގެން ނުދާނެކަމަށެވެ. އެސިހުރުގެ ބާރު އެއްކޮށް ކެނޑޭނީ ވަރިކޮށްފައި އަލުން އިނީމާ ކަމަށް މިމީހުން ދެކެއެވެ. ނަމަވެސް ހޭއަރާށެވެ. ޝައިޠާނާ އަބަދުވެސް އެދެނީ، އަދި އިބްލީހުގެ ކައިރީގައި ޝައިޠާނުންގެ ދަރަޖަ އުފުލެނީ، ދެމަފަރިން ދުރުކޮށް ދެމީހެއްގެ ދެމެދުގައި ރުޅިވެރިކަން އުފެއްދުމުންނެވެ. މިސިހުރުވެރިންގެ ބޭނުމަކީ މިއެވެ. މިމީހުންގެ ޝައިޠާނުތައް އެދޭގޮތައް ކަންތައް ކޮށް މިމީހުނަށް އެހީވާ ޖިންނި ޝައިޠާނުން ރުއްސަން ޝައިޠާނުންނާއި ބައިވެރިވެ މިކަން މިގޮތަށް ކުރަނީއެވެ. އެއްވެސް ޙާލެއްގައި މިފަދައި ވާހަކަދައްކާ އެއްވެސް މީހެއްގެ ވާހަކަ ޤަބޫލުނުކުރާށެވެ. މާތް ﷲ ހުރިހާ ސިހުރެއްވެސް ބާޠިލުކުރައްވައެވެ. އަދި ފަރަވާކޮށް ރަނގަޅުވުމުން ވަރިކުރާ ސިހުރަކަސް، އަދި އެހެން ސިހުރަކަސް އެއްކޮށް ފިލައިގެން ދާނެއެވެ. އެސިހުރު ހައްލުކުރުމަށްޓަކައި ވަރިކުރާކަށް، ނުވަތަ ވަރިވާކަށް ވެސް ނުޖެހޭނެއެވެ. އަދިކިއެއްތަ، ވަރިކޮށްފިނަމަ ސިހުރު ކާމިޔާބުވީއެވެ. ސިހުރު ވެރިޔާއާއި ތިބާގެ ދުޝްމަނުގެ މަޤުޞަދު ހާސިލްވީއެވެ. އަލުން އެކައިވެނި ގުޅުމަށް ސިހުރުގެ ޖިންނިތައް ހުރަސްއަޅާ އިތުރު މައްސަލަތައް އުފައްދާނެއެވެ. ދެމީހުން ވަރިވި ނަމަވެސް ސިހުރުގެ އަސަރު، އެސިހުރު ޖެހިފައި ހުރި މީހާއާއި އެކު ހުންނާނެއެވެ. އެހެންކަމުން ހުއްދަ މިންގަނޑުން ރުޤްޔާކޮށް އެސިހުރާއި ދެކޮޅަށް މަސައްކަތް ކުރާށެވެ. އޭރުން ﷲ ޝިފާ ދެއްވާނެއެވެ. ތިޔަ ސިހުރު ރަނގަޅުވާނީ ދެމީހުން ވަރިވެގެންނޭ ކިތައްމެ މޮޅުވާހަކައެއް ދެއްކުމަށްފަހު މީހަކު ބުނިނަމަވެސް ޤަބޫލުނުކުރާށެވެ. ސިހުރު ރަނގަޅު ނުވެ ގިނަދުވަސްވިޔަސް އެފަދަ ކަމަކަށް އަރައިނުގަންނާށެވެ. ކެތްތެރިކަމާއި ޔަޤީންކަމާއެކު ހުއްދަ ރުޤްޔާއިން ފަރުވާ ލިބިގަންނާށެވެ. މާތް ﷲ އަޅުގަނޑުމެން އެފަދަ ސިހުރުވެރި ދައްޖާލުންގެ މަކަރުވެރިކަމުން ސަލާމަތް ކުރައްވާށިއެވެ. އާމީން.
0 ކޮމެންޓު