ﷲ ގެ އިޛްނަފުޅާއިއެކު ރުޤްޔާ ކުރާމީހާ އާއި ބަލި މީހާ އެއިން އެންމެ ބޮޑަށް ފައިދާ ލިބިގަތުމަށްޓަކައި ފުރިހަމަކުރަން ޖެހޭ ކަންތައްތަކެއް ވެއެވެ. އެއީ:
ފަރުވާ އަވަސްވުމަށްޓަކައި ރުޤްޔާކުރާމީހާ ސަމާލުކަން ދޭންޖެހޭ ކަންތައްތައް
1- ރާގީ (ރުޤްޔާ ކުރާމީހާ) އަކީ ދީނުގެ ކަންތަކަށް ޙުރުމަތްތެރިކޮށް ހިތާ، ޞާލިޙް މީހަކު ކަމުގައި ވުން.
2- ރާގީ އަކީ ބަލީގެ ފަރުވާ އަށް ޓަކައި ޤުރުއާނުން ކިޔަވަންޖެހޭ އާޔަތް ތައް ދަންނަ މީހަކު ކަމުގައި ވުން.
3- ބަލިމީހާ އަކީ ތަޤްވާވެރި، ދީނުގެ ޙުކުމްތަކަށް ފުރިހަމަ އަށް ޙުރުމަތްތެރިކޮށް ހިތާ، ޙަރާމް ކުރައްވާފައިވާ ކަންތަކުން ދުރުހެލިވެގެންވާ މީހެއް ކަމުގައިވުން. ސޫރަތުލް އިސްރާގެ 82 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. (وَنُنَزِّلُ مِنَ الْقُرْآنِ مَا هُوَ شِفَاءٌ وَرَحْمَةٌ لِّلْمُؤْمِنِينَ ۙ وَلَا يَزِيدُ الظَّالِمِينَ إِلَّا خَسَارًا) މާނައަކީ: “ތިމަންރަސްކަލާނގެ قرآنން مؤمنންނަށް رحمةއާއި، شفاءކަމުގައިވާ ތަކެތިބާވައިލައްވަމެވެ. އަދި އެ قرآنން، އަނިޔާވެރިވި މީހުންނަށް ގެއްލުމެއްމެނުވީ އިތުރެއް ނުވާހުށްޓެވެ.”
އެހެންކަމުން ދީނުގެ ޙުކުމްތަކަށް ޙުރުމަތްތެރި ކޮށް ނުހިތާ، ފާފަތަކަށް އަރައިގަތުން މަތީ ދެމި ތިބޭ މީހުންނަށް ރުޤްޔާގެ އަޘަރު ކުރުން ކުޑަވާނެއެވެ.
4- ގުރްއާނަކީ ޝިފާ އެއް ކަމާއި، ރަޙްމަތެއްކަން، އަދި ރުޤްޔާ އަކީ ފައިދާ ކުރަނިވި ފަރުވާ އެއް ކަން ހިތުގެ އަޑިން ޔަޤީން ކޮށް ޤަބޫލު ކުރުން. އެހެންގޮތަކަށް ދަންނަވާނަމަ، ރުޤްޔާއަކީ، ވޭތޯ ނުވަތަ ނުވޭތޯ ބަލައި އަޖުމަބެލުމުގެ ގޮތުން ކުރެވޭނެކަމެއް ނޫނެވެ.
އިސްވެ ބަޔާން ކުރެވުނު ޝަރްޠުތައް ހަމަވާ ކަމަށް ވަނީނަމަ، ރުޤްޔާގެ ފައިދާ ﷲ ގެ އިޛްނަފުޅާއި އެކު ވަރަށް ފުރިހަމަ ގޮތުގައި ލިބިގެންދާނެއެވެ. والله أعلم.
ފަރުވާ އަވަސްވުމަށް ބަލިމީހާ ސަމާލުކަން ދޭން ޖެހޭ ކަންތައްތައް
ބަލިމީހާ ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ ކަންތައްތަކެއްވެއެވެ. މިގޮތުން ބަލިމީހާގެ ކިބައިގާ ކަންތައްތަކެއް ފުރިހަމަވާނަމަ ﷲ ގެ އިޛްނަފުޅާއި އެކު ފަރުވާ ލިބުން އަވަސްވާނެއެވެ. މީގެތެރެއިން ބައެއްކަންކަމަކީ:
1- އަޅުކަންތައްތައް އޭގެ ވަގުތުގައި އަދާ ކުރުމަށް ފަރުވާތެރިވުން. މިގޮތުން ނަމާދުތައް ވަގުތުގައި ކުރުމާއި ޖަމާޢަތުގައި ކުރުން، ޚާއްޞަގޮތެއްގައި ފަތިސް ނަމާދު ޖަމާޢަތުގައި އަދާ ކުރުމަށް ޚާއްޞަ ސަމާލު ކަމެއް ދިނުން. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައި ވެއެވެ. (مَنْ صَلَّى الصُّبْحَ فِيْ جمَاَعَةٍ فَهُوَ فِي ذِمَّةِ اللَّهِ) މާނައަކީ: “ފަތިސް ނަމާދު ޖަމާޢަތުގައި އަދާކޮށްފި މީހާ ވަނީ ﷲ ގެ ޛިންމާގެ (ބެލެހެއްޓެވުމާއި ރައްކާތެރިކަމުގެ) ދަށުގައެވެ.”
އަދިވެސް ޙަދީޘް ކުރެއްވިއެވެ. (من صلى الصبح في جماعة فكأنما صلى الليل كله) މާނައަކީ: “ޖަމާޢަތުގައި ފަތިސް ނަމާދު އަދާކޮށްފި މީހާ މުޅި ރޭ އެއްކޮށް އަޅުކަން ކުރިފަދަ އެވެ.”
2- ފުރަތަމަ ބަލިމީހާ އަމިއްލަ އަށް ރުޤްޔާ ކިޔެވުން. އެހެނީ، އެހެންމީހަކުލައްވައި ރުޤްޔާކުރުމަށްވުރެ އަމިއްލައަށް ރުޤްޔާކުރުމުގެ މުހިއްމުކަން ބޮޑެވެ. ރުޤްޔާ އަކީ ދުޢާގެ ވައްތަރަކަށްވެފައި، ﷲ އަށް ވަކީލުކޮށްގެން ހުރެ އިޚްލާޞްތެރި ކަމާއި އެކު އަމިއްލަ އަށް ކުރާ ދުޢާ، އެހެން މީހުން ކޮށްދޭ ދުޢާ އަށް ވުރެ، ﷲ ޤަބޫލު ކުރެއްވުން ގާތްކަން ބޮޑެވެ. ޚާއްޞަގޮތެއްގައި އިޚްލާޞްތެރި ކަމާއި އެކު ރުޤްޔާ ހަދާ މީހުން މިޒަމާނުގައި ވަނީ މަދުވެފައެވެ.
3- ބަލި ޙާލަތު ހުރިގޮތުން އަމިއްލަ އަށް ރުޤްޔާތައް ނުކިޔެވޭ ކަމަށް ވަނީނަމަ، ނުވަތަ އަމިއްލަ އަށް ވެސް ރުޤްޔާ ކިޔެވުމަށް ފަހު އެހެން މީހަކު ލައްވާ ވެސް ކިޔުއްވަން ބޭނުން ވެއްޖެނަމަ، ޢަޤީދާ ރަގަޅު އިޚްލާޞްތެރި މީހަކު އިޚްތިޔާރު ކުރުމަށް ޚާއްޞަ ސަމާލު ކަމެއް ދޭން ޖެހޭނެއެވެ. ޚުރާފާތުގެ އަހްލުވެރިން (ސިޙުރުވެރިން) ލައްވާ ރުޤްޔާ ކުރުވައިގެން ނުވާނެއެވެ. އެހެނީ މާތް ﷲ ބަލިތަކަށް ފަރުވާކުރުން ހުއްދަކުރެއްވީ، ޙަރާމް ތަކެއްޗާއި މަގުތަކުން ފަރުވާކުރުން ޙަރާމްކުރައްވާފައެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (إِنَّ الله عَزَّ وَجَلَّ لَنْ يَجْعَلَ شِفَاءَكُمْ فِي حَرَامٍ) މާނައަކީ: “ހަމަކަށަވަރުން ﷲ ޙަރާމް ކުރެއްވި އެއްޗެއްގައި ތިޔަބައި މީހުންނަށް ޝިފާ އެއް ނުލައްވައެވެ.”
4- ރުޤްޔާ ކިޔަވާ މީހަކީ ޞާލިޙް ރަގަޅު މީހެއް ކަމުގައިވުން. އަދި ޙަރާމް ކަންތައް ތަކުން ދުރުހެލިވެ ރައްކާތެރި ވެގެންވާ މީހެއް ކަމުގައި ވުން. އަދި ޝިފާ ދެއްވަނީ ހަމައެކަނި ﷲ ކަން ހިތުގެ އަޑިން ޔަޤީންކޮށް ޤަބޫލު ކުރުން. ކުރިންވެސް ދެންނެވުނު ފަދައިން އަޖުމަބެލުމަށާއި، ޔަޤީންކަމެއް ނެތި ޝައްކުގެ މަތީހުރެ ރުޤްޔާކޮށްގެން ނުވާނެއެވެ. އެހެނީ، އެއީ ދުޢާގެ ވައްތަރަކަށްވެފައި، ޔަޤީންނުކޮށް ހުރެ ކުރާނަމަ، އޭގެ އަސަރު ކުޑަވެ ފައިދާ ކުޑަވާނެއެވެ. ދުޢާކޮށް ރުޤްޔާ ކުރަންޖެހޭނީ، އެކަން ހިއްމަވާ ޝިފާދެއްވޭނެ ހަމައެކަނި ފަރާތަކީ މާތް ﷲކަން ފުރިހަމައަށް ޔަޤީންކޮށް އިތުބާރުކޮށްގެންނެވެ.
5- ދުޢާކުރުމުގައި، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކުރެއްއވިފަދައިން، ދަތި އުނދަގޫ ޖެހިފައިވާ މީހާ ދަންނަވާ ދުޢާ ﷲ އިޖާބަކުރައްވާނެކަން ފުރިހަމައަށް ޔަޤީންކޮށްގެން ދުޢާކުރުން. ސޫރަތުއް ނަމްލުގެ 62 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. (أَمَّن يُجِيبُ الْمُضْطَرَّ إِذَا دَعَاهُ وَيَكْشِفُ السُّوءَ وَيَجْعَلُكُمْ خُلَفَاءَ الْأَرْضِ ۗ أَإِلَـٰهٌ مَّعَ اللَّـهِ ۚ قَلِيلًا مَّا تَذَكَّرُونَ) މާނައަކީ: “ނުވަތަ ދަތި އުނދަގޫ حالޖެހިފައިވާ މީހާ، އެކަލާނގެއަށް دعاءކުރާހިނދު، އެމީހާގެ دعاءއިޖާބަކުރައްވައި، އަދި ނުބައިކަން ދުރުކުރައްވައި، އަދި ބިމުގެ خليفةއިން ކަމުގައި ތިޔަބައިމީހުންލައްވާރަސްކަލާނގެ ހެއްޔެވެ؟ اللَّهއާއެކު އެހެން إلهއަކު ވޭހެއްޔެވެ؟ތިޔަބައިމީހުން ހަނދުމަކުރަނީ ވަރަށްވެސް މަދުންނެވެ.”
އަދި ދުޢާކުރުމުގައި ދުޢާ އިޖާބަ ކުރައްވަނިވި ވަގުތު ތައް އިޚްތިޔާރު ކުރުން މުހިންމެވެ. އެގޮތުން ރޭގަނޑުގެ ފަހު ތިންބަޔަށް އެޅުމުން، އަދި ހުކުރު ދުވަހުގެ ފަހުގެ ވަގުތު ކޮޅުވެސް (އިރުއޮއްސުމުގެ ކުޑަތަންކޮޅެއް ކުރިން) ރަގަޅެވެ. އަދި ސަޖިދާގައި އޮވެ ދުޢާކުރުންވެސް މީގެތެރޭގައި ހިމެނެއެވެ.
(ނުނިމޭ)
?Ruqya aky kobaa