ޖިންނީންނަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އޭގެ އަސްލު އުފެދުމަކީ އަލިފާންކަމުގައި ލައްވައި އިންސާނުންނަށްވުރެ ކުރީން މިބިމުގައި ﷲ އަށް އަޅުކަންކޮށް އުޅުނު އަދި ޤިޔާމަތަށް ދާންނެންވެސް ދުނިޔޭގައި އުޅޭނެ ގޮތުގައި ލައްވާފައިވާ މަޚުލޫޤެކެވެ. ﷲ އިންސާނާ ޚަލްޤުކުރެއްވުމުން ޖިންނީންގެ ތެރެއިން ތަޤްވާވެރިކަމުގައި މަތިވެރިވުމުން މަލާއިކަތުންގެ ދަރަޖައަށް އުފުއްލެވި ޖިންނީގެ ޙަސަދަވެރިކަމުގެ ސަބަބުން އިންސާނުންނަށް އިމްތިޙާނެއް ކަމުގައި ، އިބްލީސް ލެއްވިއެވެ. އެހާ ހިސާބުންފެށިގެން އެ އިބްލީހުގެ މަސައްކަތެއް ކަމުގައި ﷲ ލެއްވީ މީސްތަކުން މަގުފުރެއްދުމެވެ. އަދިކިއެއްތަ، އެއީ ﷲ އަށް ފުރިހަމައަށް އީމާންވާ މީހުން އެސޮރުގެ ދަންތުރަތަކުން ސަލާމަތްވާނެ ގޮތުގައެވެ. އެހެންކަމުން އިންސާނާގެ މާތްކުރެއްވުން އެބައެނގެއެވެ. އެ އިބްލީސް ޙަސަދަވެރިވެ، އާދަމްގެފާނާއި ޙައްވާގެފާނު މަގުފުރެއްދުމަށްޓަކައި ވަސްވާސް ދިނީވެސް ހަމަ އިންސާނުން އެސޮރަށްވުރެ މާތްކުރައްވާ ، އެއިންސާނާއަށްޓަކައި ﷲ އަށް ސަޖިދަޖެހުމަށް އަމުރުކުރެއްވުމުންނެވެ.
ޖިންނީންނަށް ﷲ ވަނީ އިންސާނުންނަށް ނުދެއްވާ ބާރުތަކެއް ދެއްވާފައެވެ. އެހެން ނަމަވެސް އޭނާ އިންސާނުންގެ ކުރިމަތީ އިންސާނާއަށްވުރެ މާތްނުވެއެވެ. އަދި އެސޮރުގެ ބާރު ﷲ އަށް އީމާންވެގެންވާ މީހާގެ ކުރިމަތީގައި ވަނީ ބަލިކަށިވެގެންނެވެ. ނަމަވެސް ބައެއް މީހުން ޖިންނިއޭ ބުނެފިނަމަ އެއީ ވަރަށް ބާރުގަދަ އެއްޗެއްކަމުގައި ސިފަވެ ބިރުން އުޅެއެވެ. އެއީ އެފަދަ މީހުންގެ ޢަޤީދާގެ ބަލިކަށިކަމާއި، އީމާންތެރިކަން ކުޑަކަމާއި ޢިލްމު މަދުކަމެވެ. އެހެންނަމަވެސް ހަމަކަށަވަރުން ޝައިޠާނާ ވަނީ ބަލިކަށިވެގެންނެވެ.
މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގައިވެއެވެ.
إِنَّ كَيْدَ الشَّيْطَانِ كَانَ ضَعِيفًا ﴿٧٦﴾  النساء: ٧٦ މާނައީ: [ … ހަމަކަށަވަރުން، شيطان އާގެ ކެހިވެރިކަންވަނީ ނިކަމެތިވެގެންނެވެ.]. އެހެންކަމުން މިބަސްފުޅަށް އެކަނި ބަލައިލި ކަމުގައިވީނަމަވެސް މިކަން ޤަބޫލުކުރެވެން ޖެހޭނެއެވެ.
އަބޫ ޤަތާދާގެ ފަރާތުން ސައްޙަ ސަނަދަކުން ރިވާވެގެން އައިސްފައިވާ ޙަދީޘެއްގައި ވެއެވެ. ކީރިތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.
“الرُّؤْيَا الصَّالِحَةُ مِنَ اللهِ تَعَالَى وَالْحُلْمُ مِنَ الشَّيْطَانِ فَمَنْ رَأى شَيْئًا يَكْرَهُهُ فَلْيَتْفُلْ عَنْ شِمَالِهِ ثَلاَثًا وَلْيَتَعَوَّذْ مِنَ الشَّيْطَانِ فَإِنَّهَا لاَ تَضُرُّهُ”
މާނައީ: [ ރަނގަޅު ހުވަފެން އަންނަނީ ﷲ ގެ ޙަޟްރަތުންނެވެ. ނުބައި ހުވަފެން އަންނަނީ ޝައިޠާނާގެ ކިބައިންނެވެ. ފަހެ، މީހަކު، އޭނާ ނުރުހޭ ހުވަފެނެއް ފެނިއްޖެނަމަ، އޭނާގެ ވާތް ފަރާތަށް ހިކިކޮށް ތިންކުޅު ޖަހާށެވެ! އަދި ޝައިޠާނާގެ ކިބައިން ރައްކާތެރިކޮށް ދެއްވުން އެދި ﷲ ގެ ޙަޟްރަތުގައި ދަންނަވާށެވެ! ފަހެ، އެހައިރުން އޭގެ ގެއްލުމެއް ނުފޯރާހުއްޓެވެ! ] އައްޠަބަރީ ވިދާޅުވެފައިވެއެވެ. ( ފެންނަ ނުބައި ހުވަފެނާ ގުޅިގެން) ހިކިކޮށް ވާތްފަރާތަށް ތިންފަހަރު ކުޅުޖެހުމަކީ ޝައިޠާނާ ދެރަކޮށް ނިކަމެތިކޮށްލެވޭ ކަމެއްކަމަށް މިޙަދީޘުން ދަލީލު ލިބެއެވެ. އެހެނީ މިކަމަކީ މީހަކަށް ހަޑިއެއްޗެއް ފެންނަހިނދު، ނުވަތަ އެފަދަ އެއްޗެއްގެ މަތިން ހަނދާންވާހިނދު ކުރާކަމަކަށް ވާތީއާއި، ޝައިޠާނާއަށްވުރެ ހަޑިމުޑުދާރު އެއްޗެއް ނުވާތީއެވެ. އެހެންކަމުން (ނުބައި ހުވަފެނެއް ފެންނަ ހިނދު) ވާތްފަރާތަށް ހިކިކޮށް ތިންފަހަރު ކުޅުޖެހުމަށް ކީރިތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ އަހަރެމެންނަށް އަމުރުކުރައްވާފައެވެ. ވާތްފަރާތަށް ކުޅުޖަހަންޖެހޭ ސަބަބަކީ އާދަމުގެ ދަރިންގެ ގާތަށް ނަފްރަތު ކުރެވޭ ކަމަކަށް ގޮވާލުމަށް ޝައިޠާނާ އަންނަނީ ވާތްފަރާތުން ކަމަށް ވާތީއެވެ. އަލް ޙަކީމް އައްތިރްމިޛީ ވިދާޅުވެފައިވެއެވެ، (ބުނެވިދިޔަ ގޮތުގެމަތިން) ޖަހާ ކުޅު ޝައިޠާނާގެ މޫނަށް ވާސިލުވުމުގެ ސަބަބުން އެކުޅުގެ ސަބަބުން އޭނާގެ މޫނުގައި ފާހަގަތަކެއް ލެވެއެވެ. ވާތްފަރާތަށް ކުޅުޖެހުމަށްފަހު ޝައިޠާނާގެ ކިބައިން ރައްކާތެރިވުމަށް ﷲ ގެ ޙަޟްރަތުގައި އެދެފިނަމަ، ޝައިޠާނާ އެގެނައި ވަސްވާސްތައް، ލުހެވި، އޭނާގެ މޫނުގައި ހުޅުޖެހި، ފޮޅުނަގައި، އެތަންތަނުގައި ފާހަގަތަކެއް ލެވޭ ފަދައިން ވެދެއެވެ.
އައްރަބީޢު އިބްނު ޚުތައިމްގެކިބައިން ރިވާވެގެންވެއެވެ. އޭނާގެ ގާތަށް މީހަކު އައިސް ބުންޏެވެ. ތިމަންނައަށް ފެނުނު ހުވަފެނެއްގައި މީހަކު އައިސް، އައްރަބީޢު އަކީ ނަރަކަވަންތަވެރިއެއްކަމުގައި ރަބީޢުގެ ގާތުގައި ބުނުމަށް ތިމަންގެ ގާތު އެދުނެވެ. އައްރަބީޢު އޭނާގެ ވާތްފަރާތަށް ތިންފަހަރު ހިކިކުޅު ޖެހިއެވެ. އެއަށްފަހު ޝައިޠާނާގެ ކިބައިން ރައްކާތެރިކޮށް ދެއްވުން އެދި ﷲ ގެ ޙަޟްރަތުގައި އެދެމެވެ. ( أعوذ ނިމެންދެން ކިޔެވެ.) ދެން އޭގެ އަނެއްރޭ އެއްކަލަ މީހާ (ހުވަފެނުގައި) އޭނާއަށް ފެނުނެވެ. އޭނާގެ އަތުގައި އޭގެކަރުގައި ވާގަނޑެއް ޖަހާފައިވާ ކުއްތާއެއްވެއެވެ. އޭނާ ބުންޏެވެ. ތިބާއަށް ހުވަފެނުން އައްރަބީޢު ދެއްކި ޝައިޠާނާއަކީ މިއެވެ. މިފޮޅުތަކަކީ އޭނާ ތިންފަހަރަށް ކުޅުޖެހުމުގެ ސަބަބުން ލާފައި ހުރި ފޮޅުތަކެކެވެ.
ޢުމަރު ބުން ޚައްތާބު މަގެއްގެ މަތިން ފެނުނަސް ޖިންނި ޝައިޠާނުން ފިލާ ރައްކާވާކަމުގައި ވެއެވެ.  ޢަބްދުﷲ ބުނު މަސްޢޫދުގެ ކިބައިން ރިވާވެގެންވެއެވެ. މީހަކު ބޭރުގައި އުޅެނިކޮށް ޖިންނިއަކާ ބައްދަލުވެއްޖެއެވެ. އެޖިންނި، މީހާއަށް ބުނެޏެވެ. ތިބާ އަހުރެން ފޮޅުވާލަމު ހެއްޔެވެ؟ ދެން އެމީހާ އޭނާ ބިންމައްޗަށް ގުޅައަކަށް ޖެހުމަށްފަހު ބުންޏެވެ. ” ތިމަންނައަށް ކަލޭ ފެންނަނީ ހަށިގަނޑު ކުޑަ، ދެއަތް ކުއްތާއެއްގެ ދެއަތް ފަދައިން ވަނިކޮށެވެ. ހުރިހާ ޖިންނީންވެސް ވަނީ ކަލޭ ފަދައިން ހެއްޔެވެ؟ ނުވަތަ ކަލެއަކީ އޭގެތެރެއިންވާ މީހަކީމުހެއްޔެވެ؟ ދެން ޖިންނި ބުންޏެވެ. ތިބާ އާޔަތުލް ކުރުސި ކިޔަވަމުހެއްޔެވެ؟ އެހެނެއްކަމަކު، އެމީހަކު ގެއަށް ވަނުމުން ހިމާރެއް ހޭރޭ ފަދައިން ހޭރެމުން ޝައިޠާނާ ފިލާ ރައްކާވާ މީހަކު ވެއެވެ. އިބްނު މަސްޢޫދަށް ދެންނެވުނެވެ. އެ މީހަކީ ޢުމަރު ހެއްޔެވެ؟ އެކަލޭގެފާނު ޖަވާބުދެއްވިއެވެ. ޢުމަރު ނޫން ދެން ކާކުހެއްޔެވެ؟ ”
ފާހަގަ ކޮށްލަން ޖެހޭ ކަމަކީ ހުރިހާ ޖިންނީންނަކީ ހުތުރު އަދި ނުބައި ޝައިޠާނުން ނޫންކަމެވެ. ޖިންނީންގެތެރޭގައި އިންސާނުންނަށް ވުރެ ވެސް ރަނގަޅު ބައެއް ޖިންނީން ވެއެވެ. ބައެއް ޖިންނީންނަކީ ﷲ އަށް އީމާންވެ، ދީނަށް ގޮވާލުމުގައި ސާބިތުވެ ތިބޭ ބައެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޤުރުއާން ކިޔަވައިވިދާޅުވާ އަޑު އިވިގެން ޖިންނީންގެ ޖަމާޢަތެއްގެ ބަޔަކު އެ އަޑު އަހައިގެން އެބައިމީހުންގެ ޤައުމުގެ މީސްތަކުންގެ ގާތަށް ގޮސް އެބައިމީހުންނަށް ދީނަށް ގޮވާލައި، އިންޒާރުކުރިވާހަކަ ޖިންނި ސޫރަތުގައި ﷲ ވަނީ ބަޔާންކުރައްވާފައެވެ. އަދި ޖިންނީންގެ ތެރެއިން މުސްލިމުންނާއި އެހެން ދީންތަކުގެ ޖިންނީންވެސް ވެއެވެ. މިފަދަ ކަންކަމުގައި ޖިންނީންނާއި އިންސާނުން ތަފާތެއް ނެތެވެ.
މާތް ﷲ ވަޙީކުރެއްވި ބަސްފުޅެއްގައިވެއެވެ.
قُلْ أُوحِيَ إِلَيَّ أَنَّهُ اسْتَمَعَ نَفَرٌ مِّنَ الْجِنِّ فَقَالُوا إِنَّا سَمِعْنَا قُرْآنًا عَجَبًا ﴿١﴾ يَهْدِي إِلَى الرُّشْدِ فَآمَنَّا بِهِ ۖ وَلَن نُّشْرِكَ بِرَبِّنَا أَحَدًا ﴿٢﴾الجن: ١ – ٢ މާނައީ: [ކަލޭގެފާނު ވިދާޅުވާށެވެ! ޖިންނީންގެ ތެރެއިން ބަޔަކު (قرآن ގެ) އަޑު އަހައިފިކަމަށް، ތިމަންކަލޭގެފާނަށް وحى އިއްވަވައިފިއެވެ. ފަހެ (އެއުރެންގެ قوم ގެމީހުންނަށް) އެއުރެން ބުނޫއެވެ. ހަމަކަށަވަރުން، ތިމަންމެން عجائب ވާފަދަ قرآن އެއްގެ އަޑު އަހައިފީމުއެވެ. އެ قرآن މަގުދައްކަނީ، حق ތެދުމަގަށެވެ. ފަހެ، ތިމަންމެން އެ قرآن އަށް إيمان ވެއްޖައީމުއެވެ. އަދި ތިމަންމެންގެ ވެރިރަސްކަލާނގެއާ އެއްވެސް އެއްޗެއް ތިމަންމެން شريك އެއް ނުކުރާނަމެވެ.] وَإِذْ صَرَفْنَا إِلَيْكَ نَفَرًا مِّنَ الْجِنِّ يَسْتَمِعُونَ الْقُرْآنَ فَلَمَّا حَضَرُوهُ قَالُوا أَنصِتُوا ۖ فَلَمَّا قُضِيَ وَلَّوْا إِلَىٰ قَوْمِهِم مُّنذِرِينَ ﴿٢٩﴾ الأحقاف: ٢٩ މާނައީ: [ތިމަންރަސްކަލާނގެ ޖިންނީންގެ ތެރެއިންބަޔަކު، قرآن ގެ އަޑުއެހުމަށް ކަލޭގެފާނުގެ އަރިހަށް ފޮނުއްވިހިނދު ހަނދުމަކުރައްވާށެވެ! ފަހެ، އެއުރެން، އެކަލޭގެފާނުގެ އަރިހަށް حاضر ވިހިނދު (އެކަކު އަނެކަކަށް) ބުނޫއެވެ. ތިޔަބައިމީހުން ކަނުލައި އަހައިބަލާށެވެ! ދެންފަހެ ކިޔަވައިވިދާޅުވެ ނިމުމުން އެއުރެން، އެއުރެންގެ قوم ގެމީހުންގެ ގާތަށް إنذار ކުރާ ބަޔެއްގެގޮތުގައި އެނބުރި ހިނގައްޖައޫއެވެ.] ޖިންނީންގެތެރޭގައި މުސްލިމުން އުޅޭކަން އަންގަވައި، ޖިންނީން ބުނި ވާހަކަތަކުގެތެރޭގައި، ޖިންނި ސޫރަތުގައި ﷲ ވަޙީކުރެއްވިއެވެ.
وَأَنَّا مِنَّا الْمُسْلِمُونَ وَمِنَّا الْقَاسِطُونَ ۖ فَمَنْ أَسْلَمَ فَأُولَـٰئِكَ تَحَرَّوْا رَشَدًا ﴿١٤﴾
މާނައީ: “އަދި ތިމަންމެންގެ ތެރެއިން مسلم ންވެއެވެ. އަދި ތިމަންމެންގެ ތެރެއިން ތެދުމަގުން އެއްކިބާވެފައިވާ މީހުންވެއެވެ. ފަހެ، إسلام ވި މީހުން (ދަންނާށެވެ!) ފަހެ، އެއުރެން ތެދުމަގު اختيار ކޮށްފޫއެވެ.”
ޝެއިޚުލް އިސްލާމް އިބްނި ތައިމިއްޔާ “އަލްފުރްޤާނުލް ކަބީރު” ގައި ވިދާޅުވެފައިވެއެވެ.
ވަރަށް ދުރުގެ ސަރަހައްދެއްގައި އުޅުނު ރަސްކަލެއްގެ، ނުވަތަ ގަވަރުނަރެއްގެ ގާތަށް ޖިންނިއަކު އައެވެ. އޭނާވީ މަގުއޮޅި، ކަރުހިއްކައިގަތުމުގެ ސަބަބުން މަރުވުމުގެ ބިރުހީވެފައިވާ ކާފިރަކު ކަމުގައެވެ. ދެން ޖިންނި އޭނާގެ ގާތަށް އާދައިގެ އިންސާނެއްގެ ސޫރައިގައި ގޮސް އޭނާއަށް ފެންފޮދެއް ދީ، ކާންދީ، ދީނަށް ގޮވާލުމުން އޭނާ އިސްލާމްވެއްޖެއެވެ. ދެން އެމީހާ ބުންޏެވެ. ކަލެއަކީ ކާކުހެއްޔެވެ؟ ދެން ޖިންނި ބުންޏެވެ. އެވެނި މިވެނި ފަރާތެވެ.
މިކަމަށް ބާރުދެއްވުމުގެ ގޮތުން އެކަލޭގެފާނަށް ކުރިމަތިވި ޙާދިސާއެއްގެ ވާހަކަ ގެންނަވާފައިވެއެވެ. ވިދާޅުވިއެވެ.
” މިފަދަ ޙާދިސާއެއް ސިޓުޑްލް ގައި އަހުރެންނަށް ކުރިމަތިވިއެވެ. އަހުރެންވީ ސިޓުޑްލް ގައެވެ. މިފަދަ ކަމެއް އިރުމަތިން ތުރުކީގެ ޕްރިންސަށް ކުރިމަތިވިއެވެ. އެމީހާ އޭނާއަށް ބުންޏެވެ. ތިމަންނައަކީ އިބްނިތައިމިއްޔާއެވެ. ޕްރިންސް އޭނާއަށް ބެލުމަށްފަހު، އޭނާއަކީ އަހަރެންކަމުގައި ޔަޤީންކުރިއެވެ. މަރްދީން ގެ ރަސްގެފާނަށް މިޚަބަރު ލިބުމުން އަހުރެން ” ޤައިދުގައި ހުއްޓާ” އެރަސްގެފާނު މިޚަބަރު މިސްރަށް ފޮނުވިއެވެ. އެބައިމީހުންނަށް ކުއްލި ހައިރާންކަމެއް ލިބުނެވެ. އެހެނީ އެކަން އެހެން ހިނގާފައިނުވާތީއެވެ. އެކަމަކު އެއީ އަހަރެމެންދެކެ ލޯބިވާ ޖިންނިންނެވެ. އެހެންކަމުން އަހަރެން ކޮށްދޭ ކަންތައްތަކެއްގެ ގޮތުގައި އެތައް ކަމެއް އެޖިންނީން ތުރުކީގެ މީހުންނަށް ކޮށްދިނެވެ. އެބައިމީހުން ދިމިޝްޤަށް އައުމުން އަހުރެން އެމީހުންނަށް ދީނަށް ގޮވާލީމެވެ. އެބައިމީހުންގެ އެކަކު ޝަހާދަތް ކިޔުމާއެކު އަހުރެމެންނަށް ލިބުނު ކާނާއެއް ދިނީމުއެވެ. ދެން އެބައިމީހުންގެ ކުރިމަތީގައި އަހުރެންގެ ޤަދަރު އުފުލުމަށްޓަކައި އަހުރެން ކަންތައްކުރާ ފަދައަކުން އެބައިމީހުންނަށް ކަންތައްތައް ކޮށްދިނެވެ. ބައެއް މީހުން އަހުރެންގެ ގާތު ބުންޏެވެ. އެއީ މަލާއިކަތެއް ކަމުގައި ނުވާނެ ހެއްޔެވެ؟ އަހުރެން ބުނީމެވެ. ނުވާނެއެވެ. އެހެނީ މަލާއިކަތަކު ދޮގެއް ނުހަދާނެއެވެ. އެކަމަކު މިހަދަނީ ދޮގެއްކަން އެނގިހުރެމެ (އެޖިންނި) ތިމަންނައަކީ އިބްނުތައިމިއްޔާ އެވެ ވަނީ ބުނެފައެވެ.”
އައްޝައިޚް އަބޫބަކުރު އަލް ޖަޒާއިރީ ވިދާޅުވެފައިވެއެވެ. ޖިންނިއަކީ މުސްލިމު ޖިންނިއަކަށް ވިއަސް، އިންސާނާ އަށްވުރެ ދަށްވެގެން ވެއެވެ. އެހެނީ އިންސާނުންނަކީ ޖިންނީންނަށްވުރެ މާތް ބައެއް ކަމުގައި ﷲ ވަނީ އަންގަވާފައެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ.
۞ وَلَقَدْ كَرَّمْنَا بَنِي آدَمَ وَحَمَلْنَاهُمْ فِي الْبَرِّ وَالْبَحْرِ وَرَزَقْنَاهُم مِّنَ الطَّيِّبَاتِ وَفَضَّلْنَاهُمْ عَلَىٰ كَثِيرٍ مِّمَّنْ خَلَقْنَا تَفْضِيلًا ﴿٧٠﴾الإسراء: ٧٠ މާނައީ: [ހަމަކަށަވަރުން، ތިމަންރަސްކަލާނގެ آدم ގެދަރިން މާތްކުރެއްވީމެވެ. އަދި އެއުރެން އެއްގަމާއި ކަނޑުގައި، އުފުއްލެވީމެވެ. އަދި އެއުރެންނަށް ރަނގަޅު ތަކެތިން رزق ދެއްވީމެވެ. އަދި ތިމަންރަސްކަލާނގެ ހެއްދެވި ތަކެތީގެ ތެރެއިން، ގިނަ ތަކެތީގެ މައްޗަށް އެއުރެން މަތިވެރި ދަރަޖައަކަށް މާތްކުރެއްވީމެވެ.] މިފަދަ މަތިވެރިކަމެއް ޖިންނީންނަށް ދެއްވާފައިވާކަން އެނގޭނެ އެއްވެސް ބަސްފުޅެއް ﷲ ބާވައިލެއްވި ވަޙީއަކުން، ނުވަތަ އެއްވެސް ރަސޫލުބޭކަލެއްގެ ދޫފުޅުން ފާޅުވެ ސާބިތުވެފައެއް ނުވެއެވެ. އެހެންކަމުން އިންސާނުންނަކީ ޖިންނީންނަށްވުރެ މަތިވެރި މާތް ބައެއްކަން ވަރަށް ސާފުކޮށް އެބައެނގެއެވެ. އެހެންކަމުން އެއީ މާބާރުގަދަ ރަނގަޅުބައެއްކަމަށް ދެކި، އެބައިމީހުންގެ ކިބައިން އެހީއާ މަދަދަށް، އަދި ރައްކާތެރިކަމަށް އެދުމަކީ އެމީހާ މަގުފުރެދި ހަލާކާއި ކުފުރުގެތެރެއަށް ގެންދާ ކަމެކެވެ. އެއީ މުސްލިމު ނުވަތަ ކިތައްމެ ރަނގަޅު ޖިންނިއެއް ކިބައިން ވީނަމަވެސްމެއެވެ. ބަލިމީހުން ރަނގަޅުކުރުމުގައާއި ސިޙުރު ޖެހިފައިވާ މީހާގެ ޚަބަރުތައް ހޯދުމުގައިވެސް މެއެވެ. ﷲ ވަޙީކުރެއްވިއެވެ.
وَأَنَّهُ كَانَ رِجَالٌ مِّنَ الْإِنسِ يَعُوذُونَ بِرِجَالٍ مِّنَ الْجِنِّ فَزَادُوهُمْ رَهَقًا ﴿٦﴾ الجن: ٦ މާނައި: [އަދި އިންސީންގެ ތެރެއިން ފިރިހެންބަޔަކު، ޖިންނީންގެ ތެރެއިން ފިރިހެންބަޔެއްގެ ކިބައިން ރައްކާތެރިކަމަށް އެދޭކަމުގައިވޫއެވެ. ފަހެ (އެކަމުގެ ސަބަބުން) އެއުރެންނަށް (އެބަހީ: ޖިންނީންނަށް) އެއުރެން (އެބަހީ: އިންސީން) كافر ކަމާއި ބޮޑާކަން އިތުރުކުރޫއެވެ.] އިންސާނުން ޖިންނީންގެ ނަންތައް މެދުވެރިކޮށް، ނުވަތަ ޖިންނީންގެ ބޮޑުންގެ ކިބައިން ރައްކާތެރިކަމަށް އެދުމުން އޭނާއަށް އިޖާބަދޭކަން ވެސް މިއިން އެނގެއެވެ. ޖިންނީންނަކީ އިންސާނުންނަށްވުރެ ﷲ ގެ ޙަޟްރަތުގައި ދަރަޖައިގެ ގޮތުން ދަށް ބައެއްކަން އެބައިމީހުންނަށް އިޙްޞާސް ވެސް ކުރެވެއެވެ. މިކަން މިހެންވަނީ އާދަމުގެފާނަކީ ﷲ އަށް އީމާންވެ، އެކަލާނގެއަށް އަޅުކަން ޚާލިސްކުރައްވައި، އެކަލާނގެ އިސްމުފުޅުތައް މަތިވެރިކުރެއްވި ބޭކަލަކަށް ވާތީއެވެ.
ޖިންނީންނާއި ބެހޭގޮތުން ފާޑުފާޑުގެ ޙަޤީޤަތް ނޭނގޭ ވާހަކަ ދައްކައި، ފަތުރާ ހަދައިގެން ނުވާނެއެވެ. ސަބަބަކީ އެއީ އިންސާނުންގެ ލޯމައްޗަށް ނުފެންނަ އަދި އެމީހުން ކުރާ ކަންކަން ހޯދައި ބެލުން އުނދަގޫ ކަމެއްކަމުގައިވާތީއެވެ. ކުޑަކުދިންނާއި އަންހެނުންގެ މެދުގައި މިފަދަ ވާހަކަތައް ދެކެވުމަކީ ބިރުވެރިކަމާއި އިތުރު ޚުރާފާތްތައް އުފެދިދާނެކަމެކެވެ.
މީހާއަށް ފެންނަ ހުވަފެނުގައި ޝައިޠާނާ ދައްކާ ކަންތައްތަކުގެ ވާހަކަ ނުދެއްކުމަށް ކީރިތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ އަމުރުކުރައްވާފައެވެ. ޖާބިރު އިބްނު ޢަބްދުﷲ ރިވާކުރައްވާފައިވެއެވެ. ކީރިތި ރަސޫލާގެ އަރިހަށް އެއްފަހަރަކު ބަދަވީންގެ މީހަކު އައިސް ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ. ތިމަންގެ ބޯ ހަށިގަނޑާ ވަކިކުރެވި، ތިމަންނައާ ދުރަށް ފުރޮޅެމުން ދާތީ ތިމަން ހުވަފެނުން ދެކެފީމުއެވެ. ތިމަން ވީ އެ ފަހާ ދުވާ މިހަކު ކަމުގައެވެ. ކީރިތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެ ބަދަވީންގެ މީހާއަށް ޙަދީޘްކުރެއްވިއެވެ.
“لاَتُحَدِّثِ النَّاسَ بِتَلَعُّبِ الشَّيْطَانِ فِيْ مَنَامِكَ”
މާނައީ: [ ތިބާގެ ހުވަފެނުގައި ތިބާއާ ޝައިޠާނާ ކުޅޭ ކުޅުމުގެ ޚަބަރު މީސްތަކުންނަށް ހާމަނުކުރާށެވެ! ] “لاَ يُحَدِّثَنَّ أَحَدُكُمْ بِتَلَعُّبِ الشَّيْطَانِ بِهِ فِيْ مَنَامِهِ”
މާނައީ: [ ހުވަފެނުގައި ޝައިޠާނާ އެމީހަކާ ކުޅޭ ކުޅުމުގެ ވާހަކަ ތިޔަބައިމީހުންގެ އެކަކު ވެސް ނުދައްކާހުށިކަމެވެ! ] މިފަދައިން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވުމުން އެނގެނީ، އެސޮރު ކޮންމެ ފަދަ ދޮގެއްވެސް ހުވަފެނުގައިވެސް ދައްކަފާނެކަމެވެ. އަދި އެވާހަކަތައް ދެއްކުމުން އެސޮރުމެންގެ ވަސްވާސްތައް ގިނަކޮށް މަގުފުރެދުމާއި ހަމައަށް މީހުނަށް އިޅުވާލަފާނެކަމެވެ. އެހެން ކަމުން މިކަންކަމާއިމެދު ކޮންމެހެންވެސް ސަމާލުވާން ޖެހެއެވެ.
——–

އަސްލު މަސްދަރު : (ދަ ޖިން އެންޑް ހިއުމަން ސިކްނެސް / الطرق الحسان في علاج إمراض الجان)

Close Ad XGet My Ruqya Android App On Google Play

ޙިޔާލުފާޅުކުރައްވާ

5 ކޮމެންޓު

  1. ނަހޫކު

    ވަރަށް މޮޅު މީހެ ތީ

  2. ައާރިފް

    އިބްލިިިިިިިިިިިިިިިިިިިިސް އަކީ ޖިންނީންގެ ތެރެއިންވީ މަލާއިކަތެއްތޯ؟ މިސުވާލު އުފެދުނީ މިލިޔުމުގެ ކުރީބައި ކިޔާލުމުން. މަލާއިކަތުންނަކީ ﷲ ނޫރުން ހައދަވައިފައިވާ ބައެއްކަމަށް ވިދާޅުވާ އަޑުއިވޭ! އަދި ޖިންނީންނަކީ އަލިފާނުން ހައްދަވައިފައިވާ ބައެއްކަމަށް ބުނާއަޑުއިވޭ!

    1. އިބްލީސް އަކީ ޖިންނި އެއް. އިންސާނުންނަށްވުރެ މާކުރިން ޖިންނީން ވަނީ މިބިމުގައި ލައްވާފަ. އަދި ﷲ އަށް އަޅުކަން ކޮށްފަ. އަދި އިބްލީސް އަކީ އޭރު ޖިންނީންގެ ތެރެއިން ﷲ އަށް އެންމެ ބޮޑަށް އަޅުވެތިވެ ތަޤްވާވެރިވި ޖިންނި. އެކަމުގެ ސަބަބުން ﷲ މަލާއިކަތުންނާ އެއްސަފަކަށް އޭނާއަށް ދަރަޖަ ދެއްވީ ޖިންނިއެއްގެ ގޮތުގައި. މަލާއިކަތަކަށް ބަދަލުކުރެއްވީއެއްނޫން. މަލާއިކަތުންނާއި އެއްސަފަކަށް ގެންދެވީ. އަދި އިންސާނާ ހެއްދެވުމުން ކާފިރުވީ.
      މާތް ﷲ ސޫރަތުލް ކަހްފުގެ 50 ވަނަ އާޔަތުގައި ވަޙީކުރެއްވިއެވެ.
      “ތިމަންރަސްކަލާނގެ ملائكة ންނަށް وحى ކުރެއްވިހިނދު، ހަނދުމަކުރާށެވެ! ތިޔަބައިމީހުން آدم ގެފާނަށް سجدة ކުރާށެވެ! ދެން إبليس މެނުވީ، އެ އެންމެ ބޭކަލުން سجدة ކުރެއްވޫއެވެ. އެ إبليس ވީ ޖިންނީންގެ ތެރެއިންނެވެ. ދެން އޭނާގެ ވެރިރަސްކަލާނގެ އަމުރުފުޅަށް އޭނާ ނުކިޔަމަންތެރިވިއެވެ. ފަހެ، އެ إبليس އާއި، އޭނާގެ ދަރިފަސްކޮޅު، ތިމަންރަސްކަލާނގެ ފިޔަވައި އެހީތެރިން ކަމުގައި ތިޔަބައިމީހުން ހަދަނީ ހެއްޔެވެ؟ އެއުރެންނަކީ، ތިޔަބައިމީހުންނަށްހުރި عدوّ ންނެވެ. އަނިޔާވެރިންނަށްހުރި ބަދަލެއްގެ ނުބައިކަމާއެވެ!”

  3. ފައިސަލް

    ތިޔަ ލިޔުންތަށް ވަރަށް އުނދަގުލުން އޮޅުން ފިލަނީ ތަންކޮޅެއް ބޮޑަށް މީހުންނަށް އެނގޭގޮތަށް ލިޔެދެއްވުން އެދެން.