“أَعُوذُ بِكَلِمَاتِ اللَّهِ التََّامََّاتِ الََّتِي لاَ يُجَاوِزُهُنََّ بَرٌّ وَلاَ فَاجِرٌ , مِنْ شَرِّ مَا خَلَقَ وَبَرَأَ وَذَرَأَ , وَمِنْ شَرِّ مَا يَنْزِلُ مِنَ السََّمَاءِ وَمِنْ شَرِّ مَا يَعْرُجُ فِيهَا , وَمِنْ شَرِّ مَا ذَرَأَ فِي الأَرْضِ وَمَا يَخْرُجُ مِنْهَا , وَمِنْ شَرِّ فِتَنِ اللََّيْلِ وَالنََّهَارِ , وَمِنْ شَرِّ كُلِّ طَارِقٍ إِلا طَارِقًا يَطْرُقُ بِخَيْرٍ يَا رَحْمَنُ”
މާނައީ: “ހެޔޮލަފާ މީހަކަށްވެސް އަދި ނުބައި މީހަކަށްވެސް އެކަލިމަފުޅުތައް ފަހަނައަޅައިނުދެވޭ، ﷲ ގެ ފުރިހަމަ ކަލިމަފުޅުތައް މެދުވެރިކޮށް، އެކަލާނގެ ހައްދަވާ، ފުރާނައަޅުއްވާ، ބިންމަތީގައި ފެތުރުއްވި އެންމެހައި މަޚްލޫޤުންގެ ނުބައިކަމުންނާއި، އުޑުން ފައިބާ ކޮންމެ އެއްޗެއްގެ ނުބައިކަމުންނާއި، އުޑަށް އަރާ ކޮންމެ އެއްޗެއްގެ ނުބައިކަމުންނާއި، އަދި ބިންމަތީގައި އެކަލާނގެ ފެތުރުއްވި ހުރިހައި މަޚްލޫޤުންގެ ނުބައިކަމުންނާއި، އަދި އެބިމުން ނިކުންނަ ކޮންމެ އެއްޗެއްގެ ނުބައިކަމުންނާއި، އަދި ރޭގަނޑާއި ދުވާލުގެ ފިތުނަތަކުގެ ނުބައިކަމުންނާއި އަދި ހެޔޮކަމަކާއިގެން ދިމާވާކަމެއް ފިޔަވައި ރޭގަނޑު ދިމާވާ ހުރިހައި ކަމެއްގެ ނުބައިކަމުން މިއަޅާ ރައްކައުތެރިކަން އެދެމެވެ.”
މިދުޢާގެ ރިވާޔަތްތަކުގައި އައިސްފައިވާ ގޮތުގައި: ފަރުބަދަ ތަކުންނާއި ވާދީތަކުން ޝައިޠާނުންތައް ފައިބައި ގަތެވެ. އެމީހުން ދީމާކުރީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށެވެ. އޭގެ ތެރެއިން އެއް ޝައިޠާނެއްގެ އަތުގައި ރޯކޮށްފައިވާ އަލިފާން ގުޅައެއް އޮތެވެ. ބޭނުމަކީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަންދާލުމެވެ. އެބައިމީހުން ފެނިވަޑައިގަތުމުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ބިރުފުޅުގަތެވެ. އެހިނދު ޖިބްރީލް ޢަލައިހިއްސަލާމް ވަޑައިގެން ވިދާޅުވިއެވެ. “ވިދާޅުވާށެވެ.” ޙަދިޡް ކުރެއްވިއެވެ. “ތިމަންކަލޭގެފާނު ވިދާޅުވާންވީ ކީކޭ ހެއްޔެވެ؟” (ދެން ޖިބްރީލްގެ ފާނު ބަޔާންވެ ދިޔަ ދުޢާ ކިޔުއްވައިދެއްވިއެވެ.) އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެދުޢާފުޅު ކިޔަވާ ވިދާޅުވިއެވެ. ޞަޙާބީ ވިދާޅުވިއެވެ. “އެހިސާބުން ޝައިޠާނުންގެ އަލިފާން ނިވިއްޖެއެވެ. އަދި ﷲ ތަޢާލާ އެބައިމީހުން ބަލި ކުރެއްވިއެވެ.”
0 ކޮމެންޓު