އިސްތިޣުފާރުކުރުމަކީ ފާފަފުއްސެވުމަށް އެދުމެވެ. އަހަރުމެން އިންސާނުންނަކީ އަބަދުމެހެން ފާފަ ކުރެވޭ ބައެކެވެ. ވީމާ ވީހާވެސް ގިނަގިނައިން އިސްތިޣުފާރުކޮށް ކުރެވުނު ފާފައަށް ތައުބާވެ ފާފަފުއްސެވުން އެދި ދަންނަވަން ޖެހެއެވެ. رَسُولُ الله صَلّي الله عَلَيْهِ  وَسَلّمَ ޙަދީޘްފުޅުކުރެއްވިއެވެ. “ﷲ ގަންދެއްވާ ވިދާޅުވަމެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނު ދުވާލަކު ހަތްދިހަފަހަރަށްވުރެ ގިނައިން ﷲގެ ޙަޟްރަތުން ފާފަފުއްސެވުމަށް އެދި އެކަލާނގެ ޙަޟްރަތަށް ތަޢުބާވަމެވެ.” (رواه البخاري.)

އަދިވެސް އެކަލޭގެފާނު ޙަދީޘްފުޅުކުރެއްވިއެވެ. “އޭ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲގެ ޙަޟްރަތަށް ތައުބާވާށެވެ. ފަހެ ހަމަކަށަވަރުން ތިމަންކަލޭގެފާނު ދުވާލަކު ސަތޭކަފަހަރު އެކަލާނގެ ޙަޟްރަތަށް ތަޢުބާވަމެވެ.” (رواه مسلم.)

Close Ad XGet My Ruqya Android App On Google Play

އަދިވެސް އެކަލޭގެފާނު ޙަދީޘްފުޅު ކުރެއްވިއެވެ. ” ” أَسْتَغْفِرُ اللهُ الْعَظِيْمَ الَّذِيْ لاَإِلٰهَ إِلاَّ هـُوَ الْحَيُّ الْقَيُّوْمُ وَ أَتُوْبُ إِلَيْهِ ” މާނައީ،”މަތިވެރިވެގެންވާ ﷲގެ ޙަޟްރަތުން ފާފަފުއްސެވުމަށްއެދެމެވެ. އެކަލާނގެއީ އެކަލާނގެ ފިޔަވައި އަޅުކަންވެވުން ޙައްޤުވެގެންވާ އެހެން އެއްވެސް އިލާހަކު ނުވާ ރަސްކަލާނގެއެވެ. އެކަލާނގެއީ ދިރިދެމިވޮޑިގެންވާ އަބަދަށް ޤާއިމްވެވޮޑިގެންވާ ރަސްކަލާނގެއެވެ. އެކަލާނގެ ޙަޟްރަތުން ތައުބާވަމެވެ.” މިފަދައިން ކިޔައިފިމީހާ ދައްނައެވެ. އޭނާއަށް ﷲ ފާފަފުއްސަވާދެއްވާނެއެވެ. އެއީ ހަނގުރާމައިގެ މައިދާނުން ފިލިމީހެއްކަމުގައިވީނަމަވެސްމެއެވެ.  (أخرجه أبو داود والترمذي والحاكم وصححه ووافقه الذهبي وصححه الألباني.)

އަދިވެސް އެކަލޭގެފާނު ޙަދީޘްފުޅު ކުރެއްވިއެވެ. “މާތް ﷲ އަޅާއާ އެންމެ ކުއްތަންވެވޮޑިގަންނަވަނީ ރޭގަނޑު އެންމެ ފަހު ބައިގައެވެ. ފަހެ އެވަގުތުގައި ﷲއަށް ޒިކުރުކުރާމީހުންގެ ތެރެއިންވުމަށް ތިބާ ކުޅަދާނަވެގެންވާނަމަ އެބައިމީހުންގެ ތެރެއިން ވާހުށިކަމެވެ.” (أخرجه الترمذي والنسائي والحاكم وصححه الألباني)

އަދިވެސް އެކަލޭގެފާނު ޙަދީޘްފުޅުކުރެއްވިއެވެ. “އަޅާ އޭނާގެ ވެރިރަސްކަލާނގެއާ އެންމެ ކުއްތަންވަނީ އޭނާ ސަޖިދައިގައި އޮންނަވަގުތުގައެވެ. ފަހެ ސަޖިދައިގައި ތިޔަބައިމީހުން ދުޢާކުރުން ގިނަކުރާހުށިކަމެވެ.” (رواه مسلم.)

އަދިވެސް އެކަލޭގެފާނު ޙަދީޘްފުޅުކުރެއްވިއެވެ. “ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ ހިތްޕުޅުގައިވެސް *ފަރުދާލެވެއެވެ. އަދި ހަމަކަށަވަރުން ތިމަންކަލޭގެފާނު ދުވާލަކު ސަތޭކަފަހަރު ﷲގެ ޙަޟްރަތުން ފާފަފުއްސަވާދެއްވުމަށްއެދެމެވެ. (أخرجه مسلم )

  *މިތާނގައި ފަރުދާލެވުމުގެ މުރާދަކީ ހަނދާންނެތުމެވެ. رَسُولُ الله صَلّي الله عَلَيْهِ  وَسَلّمَ އަކީ ﷲއަށް ޒިކުރުކުރެއްވުމާއި އެކަލާނގެ ޙަޟްރަތަށް ކުއްތަންވުން ގިނަކުރައްވާ ބޭކަލެކެވެ. އަދި އަމިއްލަ ނަފްސަށް ފާރަވެރިވެލެއްވުމުގައި ދެމިހުންނަވާ ބޭކަލެކެވެ. ފަހެ މިއިންކަމަކުން ބައެއް ވަގުތުތަކުގައި އެކަލެގެފާނު ހަނދުމަފުޅުނެތިއްޖެނަމަ އެއީ ފާފައެއްކަމުގައި ދެކިލައްވައެވެ. އަދި އިސްތިޣްފާރުކުރެއްވުމަށް އަވަސްވެވަޑައިގަންނަވައެވެ.

ޙިޔާލުފާޅުކުރައްވާ

0 ކޮމެންޓު