ބައެއް ސިޙްރުވެރިން ފާހާނާއަށް ދާއިރު ޤުރުއާން ފައިދަށުލައިގެން ދެއެވެ. އަދި ބައެއް ސިޙްރުވެރިން އަންހެންވެރިންގެ މައްސަރު ކަންތަކުގެ ލޭފަދަ ހަޑިމުޑުދާރު ތަކެތީން ޤުރުއާނުގެ އާޔަތްތަށް ލިއެވެ. ބައެއް ސިޙްރުވެރިން ޤުރުއާނުގެ އާޔަތްތަށް އެމީހުންގެ ދައްފައިގައި ލިޔާއިރު، އޭގެތެރެއިން އެއްބަޔަކު ސޫރަތުލް ފާތިޙާ ނުބައިކޮޅުން (ފަހުއާޔަތުގެ ފަހުއަކުރު ފުރަތަމަ އެއަށްފަހު ފަހުއާޔަތުގެ ދެވަނައަށް ފަހުއަކުރު މިގޮތަށް) ލިޔެއެވެ. ބައެއް ސިޙްރުވެރިން ވުޟޫނުކޮށް ނަމާދުކުރާއިރު، ބައެއް ސިޙްރުވެރިން ޖުނުބުވެރިކަމުގައި ހުރެއެވެ. ބައެއް ސިޙްރުވެރިން މާތްﷲގެ ނަންފުޅުނުގަނެ ޝައިޠާނާއަށް ޖަނަވާރު ޤުރުބާންކުރުމަށްފަހު ޝައިޠާނާ ބުނާތަނެއްގައި އެމަސްގަނޑު ބާއްވައެވެ. ބައެއް ޞިހްރުވެރިން ތަރިތަކާއި ވާހަކަދައްކައި، މާތްﷲގެ ބަދަލުގައި އެތަކެއްޗަށް އަޅުކަންކުރެއެވެ. ބައެއް ޞިހްރުވެރިން އެމީހުންގެ މަންމަ ނުވަތަ އަންހެން ދަރިޔާއި އެކު ޒިނޭކުރެއެވެ. ބައެއް ސިޙްރުވެރިން ސިޙްރުގެ ބަސްތައް ޢަރަބިނޫން ބަސްބަހުން ކުފުރުގެ ކަލިމަތަކާއިއެކު ކިޔާއުޅެއެވެ.
ޖިންނި ސިޙްރުވެރިޔާއަށް ކޮށްދޭ ކަންތަކުގެ ބަދަލުގައި އޭނާ ޖިންނިއަށް ކަމެއް ނުކޮށްދެންޏާ ޖިންނި އެހީ ނުވާކަން މިހިސާބުން އަހަރުމުންނަށް އޮޅުމެއްނެތި ސާފުވެއްޖުއެވެ. އަދި ސިޙްރުވެރިޔާގެ އުރެދުންތެރިކަން އިތުރުވިވަރަކަށް ޖިންނި އޭނާއަށް ބޮޑަށް ކިޔަމަންތެރިވެ އޭނާ ކުރާ އަމުރުތަށް ތަންފީޒުކުރުމުގައި އަވަސްވެއެވެ. ނަމަވެސް ސިޙްރުވެރިޔާއަށް ޝައިޠާނާ ކުރަން އަމުރުކުރާ އުރެދުންތެރިކަމަކާ އޭނާ ދެކޮޅުހަދައިފިނަމަ ޝައިޠާނާ އެ ސިޙްރުވެރިއެއްގެ އަމުރުތަކަށް ކިޔަމަންވުން ހުއްޓާލައެވެ.
އެހެންކަމުން ޝައިޠާނާއާއި ސިޙްރުވެރިޔާއަކީ މާތްﷲއަށް އުރެދުމުގައި ވާގިވެރިވެއުޅޭ ދެމިތުރުންނެވެ. އަހުރެން ސިޙްރުވެރިންނާއިމެދު މިބުނިވާހަކަތަށް އެމީހުންގެ މޫނުމަށްޗަށް ބަލާލުމުންވެސް ޔަގީންވެ ކަށަވަރުވާނެއެވެ. ކުފުރުގެ އަނދިރިކަންވަނީ އެމީހުންގެ މޫނު ކަޅުވިލާގަނޑެއްފަދައިން ވަށާލާފައެވެ. ކަލޭ އޭނަޔާއި ގާތްވެއްޖެނަމަ ކަލެއަށް ފެންނާނީ އޭނަގެ އަނބިދަރީންނާއި، އަދި ޚުދު އޭނަގެ އަމިއްލަނަފްސާ މެދުވެސް ހިތާމަވެރިކަމާއި، ހިތްދަތިކަމާ ބަލިކަށިކަމެއްގަ ހުއްޓައެވެ. އޭނައަށް ރޭގަނޑު ރަނގަޅަށް ހަމަނިދިވެސް ނިދާނުލެވޭނެއެވެ. ރޭގަނޑު ކިތަންމެފަހަރަކު އޭނަ ބިރުން ފިއްކަނޑައިގެންގޮސް ހޭލާނެއެވެ. އަދި މީގެއިތުރުން ގިނަ ޖިންނި ޝައިޠާނުން އޭނަގެ އަނބިދަރީންނަށް ގެއްލުންދީ ކައިވެނީގައި ހަމަނުޖެހުން އުފައްދާނެއެވެ. މި ހިތާމަވެރިކަމާއި ހިތްދަތިކަމަށް މާކުރިން ކީރިތި ޤުރުޢާނުގައި ވަނީ އަލިއަޅުވާލާފައެވެ.
وَمَنْ أَعْرَضَ عَن ذِكْرِي فَإِنَّ لَهُ مَعِيشَةً ضَنكًا ﴿طه: ١٢٤﴾
މާނައީ:”އަދި ތިމަންރަސްކަލާނގެ ހަނދުމަކުރުމަށް ފުރަގަސްދީފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށްއޮތީ، ދަތި ދިރިއުޅުމެކެވެ.”
މަސްދަރު
Sword Against Black Magic And Evil Magicians
0 ކޮމެންޓު