ޤަޟާ ޤަދަރަށް އީމާންވާހާލު ބަލި ޖެހުމުގެ ކުރިން ބަލީން ރައްކާތެރިވުމަށް މަސައްކަތް ކުރާނީ ބުއްދިވެރީންނެވެ. އެހެންކަމުން ސިޙްރުވެސް ޖެހުމުގެ ކުރިން އެއިން ރައްކާތެރިވާން އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅައި އައްޑަނައިގެބޭނުންހިފައި ރައްވާތެރިވުމަކީ އެންމެ މޮޅުގޮތެވެ. ސިޙްރު ޖެހުމުން ފަރުވާކުރުމަށްވުރެ ސިޙްރުޖެހުމުގެ ކުރީން ރައްކާތެރިވުމަކީ މާފަސޭހަ ކަމެއްވެސްމެއެވެ. މިގޮތުން ސިޙްރުން ރައްކާތެރިވުމަށް އެޅޭނެ ބައެއް ފިޔަވަޅުތައް ބަޔާންކޮށްލުމުގެ ކުރީން ކިޔުންތެރީން ޢިބުރަތް ޙާސިލްކުރުމަށް ޝައިޚް ވަޙީދު ޢަބްދުއްސަލާމް ބާލީގެ ބަޔާންކޮށްފައިވާ ހަޤީޤީ ވާހަކައެއް ބަޔާންކޮށްލާނަމެވެ. އަދި މިވާހަކައަށްފަހު ޝައިޚް ލިޔުއްވާފައިވާ ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް ބަޔާންކޮށްފައިވާނީ އަކުރުން އަކުރަށް ތަރުޖަމާ ކުރުމުގެ ބަދަލުގައި ޝައިޚް މުޙައްމަދު އިބްރާހީމް (ނައިފަރީ) ތަރުޖަމާ ކުރައްވާފައިވާ ޙިސްނުލް މުސްލިމްގެ ދިވެހި ތަރުޖަމާފަދަ ދިވެހި ދަންނަބޭކަލުން ކުރައްވާފައިވާ ބައެއް މަސައްކަތްތައް އަސްލަކަށް ބަލައިގެންނެވެ. އާދެ ފެށުމުގެ ކުރީން ވާހަކައެއް ބަޔާންކޮށްލުމުގެ ބޭނުމަކީ މުނިފޫލިފިލުވާލުމެއް ނޫނެވެ. ނަމަވެސް ކުރިން ބަޔާންކުރެވުނު ފަދައިން އެއިގެން ޢިބުރަތެއް ޙާޞިލްކުރުމެވެ. ޔޫސުފް ސޫރަތުގެ 111ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައި ވެއެވެ.لَقَدْ كَانَ فِي قَصَصِهِمْ عِبْرَةٌ لِأُولِي الْأَلْبَابِ މާނައީ: ހަމަކަށަވަރުން، އެއުރެންގެ ވާހަކަތަކުގައި، ބުއްދީގެ أهل ވެރިންނަށް عبرة އެއް ވާކަން ކަށަވަރެވެ.

އެޒުވާނާގެ ރަށުގަ އާއި ރަށުން ބޭރުގައިވެސް މީސްތަކުންނަށް އިސްލާމްދީނަށް ދަޢުވަތުދީ އެދީނަށް ގޮވައިލާ ޒުވާނަކު އުޅުނެވެ. އޭނާގެ ދަރުސްތަކުގައި އާއްމު ގޮތެއްގައި ގޮވާލަނީ މާތްﷲ އަށް އެންމެ ފުރިހަމައަށް އަދި އެންމެ ސާފު ގޮތުގައި އެއްކައުވަންތަ ކުރުމަށެވެ. އަދި ސާފު އަޤީދާއެއްގެ ވެރި ބަޔަކަށް ވުމަށެވެ. މީގެ އިތުރުން ސިޙްރުވެރިން ގާތުން އެހީއާއި މަދަދަށް އެދުމަށް ނުދިޔުމަށާއި، ސިޙްރަކީ މާތް ރަސްކަލާނގެއާއި އެކަލާނގެ ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް އުރެދުންކަމަށާއި އަދި ސިޙްރުވެރިޔާއަކީ އެކަލާނގެއަށް ދެކޮޅުވެރިކަން ދައްކައިގެން އުޅޭ، އެކަލާނގެއާއި ދެކޮޅަށް މަސައްކަތްކުރާ މީހެއްކަން މީސްތަކުންނަށް ބަޔާންކޮށްދެމުން ދިޔައެވެ.

Close Ad XGet My Ruqya Android App On Google Play

މިޒުވާނާ ދިރިއުޅެމުން ދިޔަ އަވަށުގައި ސިޙްރުވެރިޔަކު އުޅުނެވެ. މިސިޙްރުވެރިޔާއަކީ ގިނަ މީހުން ދަންނަ މަޝްހޫރު ސިޙްރުވެރިއެކެވެ. މީހަކު ކައިވެންޏެއްކުރަން ބޭނުންވެއްޖެނަމަ މިސިޙްރުވެރިޔާގެ ގާތަށް ގޮސް ތިމަންނާ މިއުޅެނީ އެވެނި މިވެނި ދުވަހަކު ކައިވެނި ކުރަންވެގެންނޭ ކަލޭގެ އެދުމަކީ ކޮބާހޭ މިސިޙްރުވެރިޔާ ގާތު އަހައެވެ. ސިޙްރުވެރިޔާ ކައިވެނިކުރަން ތައްޔާރުވާ ޒުވާނާގެ ކިބައިން ލާރިއަށް އެދެއެވެ. އަދި ކައިވެނިކުރަން ތައްޔާރުވާ ޒުވާނާ މިސިޙްރުވެރިޔާ ބުނި އަދަދަކަށް ފައިސާދެއެވެ. އެހެންނޫންނަމަ މިސިޙްރުވެރިޔާ ސިޙްރުއް ރަބްޠު (ބަންދުކުރާ ސިޙްރު) ހަދައިގެން މިޒުވާނުންނަށް އަދަބުދެއެވެ. ބަންދުކުރާ ސިޙްރު ހެދުމުގެ ސަބަބުން އަނބިމީހާއާއި ޖިމާޢު ނުވެވޭގޮތް ވެއެވެ. ސިޙްރު ޖެހިގެން އަނބިމީހާއާއި ޖިމާޢު ނުވެވިއްޖެނަމަ އެސިޙްރު ބާޠިލް ކޮށްދިނުމަށް އެދި އަލުން ސިޙްރުވެރިޔާ ގާތު ކިޔުން ނޫން އިތުރު ގޮތެއް ނޯވެއެވެ. ނަމަވެސް އޭރުން ކުރިން ކިޔި އަގުގެ ދެގުނަ ނަގައެވެ.

އަޅުވެރި ޒުވާނަކު ގެންދިޔައީ މިސްކިތްތަކުގައާއި، ސިއްރު ބައްދަލުވުންތަކުގައާއި އަދި އާއްމު ބައްދަލުވުންތަކުގައި މިސިޙްރުވެރިޔާގެ ނުބައި ނުލަފާ ވާހަކަ ދައްކާ އޭނާއި ދެކޮޅަށް މަސައްކަތްކުރަމުންނެވެ. މިޒުވާނާއަކީ އޭރު ކައިވެންޏެއް ނުކޮށް ހުރި ހުސްހަށިބައި ޒުވާނެކެވެ. އެހެންކަމުން އަވަށުގެ މީހުން އިންތިޒާރުކުރަމުން ދިޔައީ މިޒުވާނާގެ ކައިވެންޏަށެވެ. ސިޙްރުވެރިޔާ މިޒުވާނާއަށް ދެނީ ކޮންކަހަލަ ރައްދެއްތޯ އާއި މިޒުވާނާއަށް ސިޙްރުވެރިޔާގެ ކިބައިން ސަލާމަތްވެވޭނެތޯ ބެލުމަށެވެ.

އެންމެފަހުން ޒުވާނާ ކައިވެނިކޮށްފިއެވެ. ނަމަވެސް އޭނާ ފުރަތަމަ ރޭކުރުމުގެ ކުރިން އަހަރެންގެ ގާތަށް (ޝައިޚް ވަޙީދު ޢަބްދުއްސަލާމް ބާލީ ގާތަށް) އައިސް މިވާހަކަ ކިޔައިދިނެވެ.

ޒުވާނާ ބުންޏެވެ. “ސިޙްރުވެރިޔާ އަހަރެންނަށް ގެއްލުންދޭނެކަމުގެ އިންޒާރުދީފައެވެ. މީހުން ބަލަނީ އަހަރުމެން ދެމީހުން ކުރެން މޮޅުވާނީ ކާކުތޯއެވެ. ތިބާ މިކަމާއި މެދު ދެކެނީ ކިހިނެއް ހެއްޔެވެ؟ އަހަރެންނަށް ސިޙްރުން ރައްކާތެރިވާނެ މަގެއް ބުނެދީބަލާށެވެ. އަދި ހަނދާނުގައި ބަހައްޓާށެވެ. އެސިޙްރުވެރިޔާ އަށް ހެދޭނެ އެންމެ ވަރުގަދަ އެންމެ މޮޅު ސިޙްރު އަހަރެންނާއި ދެކޮޅަށް ހަދާނެއެވެ. އެހެނީ އަހަރެން ވާނީ އެތައް އެތައް ބައެއްގެ ކުރިމަތީގައި އެސިޙްރުވެރިޔާގެ ވާހަކަ ދައްކައި، ނިކަމެތިކޮށް އަގުވައްޓާލާފައެވެ.”

އަހަރެން ބުނީމެވެ. ” އާއެކެވެ. ނަމަވެސް އެންމެ ޝަރުޠަކާއި އެކީގައެވެ. “

ޒުވާނާ ސުވާލުކުރިއެވެ. ” އެއީ ކޮންކަމެއް؟

އަހަރެން: “ސިޙްރުވެރިޔާ ގާތު ބުނޭ އަހަރެން މިއުޅެނީ އެވެނި މިވެނި ދުވަހަކު ކައިވެނިކުރާށޭ. އަދި ބުނޭ އަހަރެން ކަލެއަށް ގޮން ޖަހަމޭ، ކަލެއަށް ކުރެވެން ހުރި ކަމެއް ވެއްޖެއްޔާ ކުރާށޭ. އަދި ކަލެއަށް ކާމިޔާބު ނުވެއްޖެނަމަ ސިޙްރުވެރިންގެ ތެރެއިން ކަލޭ ބޭނުން ބަޔަކު ގެންނާށޭ، އަދި މި ގޮންޖެހުން އެންމެންނަށް އެނގޭނެހެން ބާއްވާށޭ.”

ޒުވާނާ ޖެހިލުން ވުމާއެކު: ” ތިކިޔޭ އެއްޗެއް އެނގޭތަ؟

އަހަރެން: “އާނ! އެނގޭ. ކާމިޔާބު (ތައްޔާރުކުރެވިފައި) ވަނީ އީމާންވި މީހުންނަށް އަދި ގެއްލުމާއި ހަލާކު އޮތީ މުޖުރިމުންނަށް.”

އެންމެފަހުން ޒުވާނާ އެއްކަލަ ސިޙްރުވެރިޔާއަށް ޚަބަރު ފޮނުވިއެވެ. އަދި ސިޙްރުވެރިޔާއަށް ކުރެވެންހުރި ހުރިހާކަމެއް ކުރުމަށް ގޮންޖެހިއެވެ. އަދި ވަލީމާ އޮންނަ ދުވަސްވެސް އެންގިއެވެ. ރަށުގެ މީހުން މިއުނދަގޫ ދުވަހަށް އިންތިޒާރު ކުރިއެވެ.

އަހަރެން އެޒުވާނާއަށް ރައްކާތެރިވުމަށް އެޅޭނެ ފިޔަވަޅުތައް ބުނެ ދިނީމެވެ. މިކަންތައްތައް އަހަރެން ފަހުން ބަޔާންކޮށްލާނަމެވެ. ޒުވާނާ އެންމެފަހުން ކައިވެނިކޮށް އަނބިމީހާއާއި އެކު ރޭވެސް ކުރިއެވެ. ބުނެވިދިޔަ ސިޙްރުވެރިޔާ ނުވަތަ މިނޫން އެހެން އެއްވެސް މީހެއްގެ ސިޙްރެއް ނުވަތަ އުނދަގުލެއްވެސް ކުރިމަތިނުވެއެވެ. މިކަމާއި ރަށުގެ މީހުން ހައިރާންވެ އަންތަރީސްވިއެވެ. އެހެނީ މިހާދިސާ ވެގެން ދިޔައީ ޢަޤީދާއަށް ލިބިގެންދިޔަ ކާމިޔާބަކަށެވެ. އަދި ބާޠިލްގެ ކުރިމަތީގައި ރައްކާތެރި ކުރައްވާނެކަން އެނގި ޞައްޙަ ޢަޤީދާގައި ތިބި މީހުންގެ ފައިތިލަތައް ސާބިތުވެގެން ދިޔަ ދިޔުމަކަށެވެ. މިހާދިސާގެ ސަބަބުން ޒުވާނާގެ ޤަދަރު އޭނާގެ އާއިލާ އާއި އަވަށުގެ ތެރޭގައި އުތުރި އަރައިގެން ދިޔައެވެ. އަދި ސިޙްރުވެރިޔާގެ އަގު ވެއްޓުނެވެ.

ﷲ އަކުބަރު. އެކަލާނގެއަށް ޙަމްދު ހުއްޓެވެ. އަދި އެކަލާނގެ ކިބަފުޅުން މެނުވީ ކާމިޔާބު ލިބުމެއް ނެތެވެ.

ތިރީގައި މިބަޔާންކޮށްލަނީ ރައްކާތެރިކަމުގެ 15 ފިޔަވަޅެވެ.

ފުރަތަމަ ފިޔަވަޅު: ހުސްބަނޑާއި ހުރެ 7 އަޖުވާ ކަދުރު ކެއުން

ހެނދުނު ހުސްބަނޑާއި ހުރެ ހަތް ހިކި ކަދުރު ކާށެވެ. ބޮޑަށް ރަނގަޅީ (މަދީނާގެ) އަޖުވާ ކަދުރު ކެއުމެވެ. އަޖުވާ ކަދުރު ނުލިބިއްޖެނަމަ އެހެން ވައްތަރެއްގެ ހަތް ކަދުރު ކާށެވެ. ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ހަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިން ދޭހަވާ ގޮތުގައި ހެނދުނު ހުސް ބަނޑާއި ހުރެ ހަތް އަޖުވާ ކަދުރު ކައިފި މީހަކަށް ވިހައެއްގެ އަސަރެއް ނުކުރާނެއެވެ. އަދި ސިޙްރެއްވެސް ނުޖެހޭނެއެވެ.

ދެވަނަ ފިޔަވަޅު: ވުޟޫ

ވުޟޫ ކޮށްގެން ހުރި މީހަކަށް އިންޝާﷲ ސިޙްރެއް ނުޖެހޭނެއެވެ. އެހެނީ އޭނާ ވާނީ ރަޙްމާނުވަންތަ ރަސްކަލާނގެ ފޮނުއްވާފައިވާ މަލާއިކަތަކު ހިމާޔަތްކޮށް ރައްކާތެރިކޮށްދީފައެވެ. އިބްނު އައްބާސްގެ ކިބައިން ރިވާވެގެންވާ ޙަދީޘަކުން ދޭހަވާގޮތުގައި ވުޟޫކޮށްގެން ނިދާ ކޮންމެ މީހަކާއިއެކުވެސް މަލާއިކަތަކު ވެއެވެ.

ތިންވަނަ ފިޔަވަޅު: ޖަމާޢަތުގައި ނަމާދު އަދާކުރުން

މުސްލިމަކު ޖަމާޢާތުގައި ނަމާދު އަދާކުރާނަމަ މާތްﷲ އޭނާ ޝައިޠާނާގެ ކިބައިން ސަލާމަތްކޮށްދެއްވަވައެވެ. އަދި ޖަމާޢަތުގެ ނަމާދު އަޅާނަމަ ޝައިޠާނާ އޭނާގެ މައްޗަށް ގަދަވެގަނެއެވެ. ސިޙްރާއި އަދިވެސް އެހެނިހެން ތަކެތި ބޭނުންކޮށްގެން އެޝައިޠާނާ އޭނާއަށް ގެއްލުންދެއެވެ. އަބްދުއް ދާރާ ރިވާކުރައްވާފައިވާ ހަދީޘެއްގެ މާނައިން ދޭހަވާގޮތުގައި ތިން މީހަކު އަވަށެއްގައި ނުވަތަ ރަށެއްގައި ވެފައި އެމީހުން ޖަމާޢަތުގައި ނަމާދު ނުކުރާނަމަ ޝައިޠާނާ އެމީހުންގެ މައްޗަށް ގަދަވެނުގަންނަ އެއްވެސް މީހަކު ނުވެއެވެ.

ހަތަރުވަނަ ފިޔަވަޅު: ދަމު ނަމާދު ( ރޭއަޅުކަން )

ދަމުނަމާދު ކުރުމަކީ ސިޙްރުން ރައްކާތެރިވުމަށް އެދޭމީހާ ކުރުން ވަރަށްވެސް މުހިއްމުކަމެކެވެ. އެހެނީ ދަމުނަމާދު ކުރާކަމުގައި ވަނީނަމަ ޝައިޠާނާއަށް އެމީހެއްގެ މައްޗަށް ގަދަވެގަންނަން އުނދަގޫވެއެވެ.

ފަސްވަނަ ފިޔަވަޅު: ފާޚާނާއަށް ވަނުމުގެ ކުރިން ދުޢާ ކިޔުން

ކޮންމެ މުސްލިމަކުވެސް ފާޚާނާއަށް ވަނުމުގެ ކުރިން ޝައިޠާނާގެ ނުބައިކަމުން ރައްކާތެރިކުރެއްވުން އެދި މާތްﷲގެ ޙަޟުރަތުގައި ދަންނަވަން ޖެހެއެވެ. ރައްކާތެރި ނުވެ ފާހާނާއަށް ވަދެއްޖެނަމަ ޝައިޠާނާ އެކަމުގެ ފައިދާ ނަގައި ގެއްލުންދެއެވެ. ފާހާނާ ފަދަ ހަޑިމުޑުދާރު ތަންތަނަކީ ޝައިޠާނުން ދިރިއުޅޭ ތަންތަނެވެ.

ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ތިރީގައިމިވާ ދުޢާ ފާޚާނާއަށް ވަދެވަޑައިގަތުމުގެ ކުރިން ވިދާޅުވާކަމަށް ވާރިދުވެފައިވެއެވެ.

اَلَّهُمَّ إِنِّيْ أَعُوْذُبِكَ مِنَ الْخُبُثِ وَالْخَبَاَئِثِ

ހަވަނަ ފިޔަވަޅު: ނަމާދުފެށުމުގެ ކުރިން މާތްﷲގެ ރައްކާތެރިކަމަށް އެދުން

اللَّهُ أَكْبَرُ كَبِيرًا، اللَّهُ أَكْبَرُ كَبِيرًا، اللَّهُ أَكْبَرُ كَبِيرًا، وَالْحَمْدُ لِلَّهِ كَثِيرًا، وَالْحَمْدُ لِلَّهِ كَثِيرًا، وَالْحَمْدُ لِلَّهِ كَثِيرًا، وَ سُبْحَانَ اللَّهِ بُكْرَةً وَأَصِيْلَا(3 ފަހަރު)

ބޮޑުވެގެންވާ ބޮޑުވުމަކުން އެންމެ ބޮޑީ އެވެ. ބޮޑުވެގެންވާ ބޮޑުވުމަކުން އެންމެ ބޮޑީ އެވެ. ބޮޑުވެގެންވާ ބޮޑުވުމަކުން އެންމެ ބޮޑީ އެވެ. އަދި ގިނަވެގެންވާ ޙަމްދަކުން އެންމެހައި ޙަމްދެއް ލިބިވޮޑިގެންވަނީ އަށެވެ. އަދި ގިނަވެގެންވާ ޙަމްދަކުން އެންމެހައި ޙަމްދެއް ލިބިވޮޑިގެންވަނީ އަށެވެ. އަދި ގިނަވެގެންވާ ޙަމްދަކުން އެންމެހައި ޙަމްދެއް ލިބިވޮޑިގެންވަނީ އަށެވެ. އަދި ހެނދުނާއި ހަވީރު ގެ ހުސްޠާހިރުވަންތަކަން ބަޔާންކުރަމެވެ.” (ދެންކިޔާށެވެ.)

أَعُوذُ بِالله مِنَ الشَّيْطَانِ: مِنْ نَفْخِهِ وَنَفْثِهِ وَ هَمْزِهِ

ޝައިޠާނާ އަނގައިން ފުމުމުންނާއި (ޔަޢުނީ އޭނާގެ ކިބުރުވެރިކަމުންނާއި)، އޭނާގެ ކުޅުޖެހުމުންނާއި (ޔަޢުނީ އޭނާގެ ސިޙުރުވެރިކަމުންނާއި)، އޭނާ ކޮށްޓުމުން (ޔަޢުނީ އޭނާގެ ވަސްވާހުން) ރައްކައުތެރިކޮށްދެއްވުމަށް އެދި ގެ ޙަޟްރަތަށް ދަންނަވަމެވެ.”

ހަތްވަނަ ފިޔަވަޅު: ކައިވެނީގެ ވަގުތުގައި އަނބިމީހާ ސިޙްރުން ރައްކާތެރިކުރުން

ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. “إِذَا تَزَوَّجَ أَحَدُكُمْ اِمْرَأَةً , أَوْ اِشْتَرَى خَادِمًا , [ فَلْيَأْخُذْ بِنَاصِيَتِهَا ] [ وَلْيُسَمِّ اللهَ عَزَّ وَ جَلَّ ] [ وَلْيَدْعُ بِالْبَرَكَةِ ], وَلْيَقُلْ: اللَّهُمَّ إِنِّي أَسْأَلُكَ خَيْرَهَا وَخَيْرَ مَا جَبَلْتَهَا عَلَيْهِ وَأَعُوذُ بِكَ مِنْ شَرِّهَا وَمِنْ شَرِّ مَا جَبَلْتَهَا عَلَيْهِ [وَإِذَا اشْتَرَى بَعِيرًا فَلْيَأْخُذْ بِذِرْوَةِ سَنَامِهِ وَلْيَقُلْ مِثْلَ ذَلِكَ]( أخرجه البخاري في أفعال العباد)މާނައީ: “ތިޔަބައިމީހުން ކުރެ މީހަކު ކައިވެންޏެއް ކޮށްފިނަމަ، ނުވަތަ އަޅު އަންހެނަކު ގަނެފިނަމަ، ފަހެ، އެއަންހެނާގެ ނިތްކުރީގަ ހިފައި، ބިސްމިކިޔައި، ބަރަކާތްލެއްވުން އެދި ދުޢާކުރާށެވެ. އަދި ކިޔާށެވެ. اللَّهُمَّ إِنِّي أَسْأَلُكَ خَيْرَهَا وَخَيْرَ مَا جَبَلْتَهَا عَلَيْهِ وَأَعُوذُ بِكَ مِنْ شَرِّهَا وَمِنْ شَرِّ مَا جَبَلْتَهَا عَلَيْهِ.އަދި އޭނާ ޖަމަލެއް ގަތްނަމަ، އޭގެ ގޮންގަނޑުގެ ކޮޅުގައި ހިފަހައްޓައިގެންހުރެވެސް ހަމައެފަދައިން ކިޔާށެވެ.“

އައްވަނަ ފިޔަވަޅު: ކައިވެނި ކުރުމަށްފަހު ދެމަފިރީން އެކީގައި ދެރަކުއަތް ނަމާދެއް ކުރުން

ޝަޤީޤު އަރިހުން ރިވާވެގެންވެއެވެ. “އަބޫ ޙަރީޒް ކިޔާ ބޭކަލެއް ވަޑައިގެން ވިދާޅުވިއެވެ. ހަމަކަށަވަރުން ތިމަން ބިކުރުވެރި، ޒުވާން ޖާރިޔާއަކާއި ކައިވެނިކޮށްފީމެވެ. ނަމަވެސް ތިމަން ބިރުހީވަނީ ތިމަންނާޔަށް އޭނާ ނަފްރަތުކޮށްފާނެތީއެވެ. ދެން ޢަބްދުﷲ ބުން މަސްޢޫދު ވިދާޅުވިއެވެ. ހިތްހަމަޖެހުން އަންންހުށީ ﷲ ގެ ހަޟްރަތުންކަން ކަށަވަރެވެ. އަދި ރުޅިވެރިކަން އަންނަހުށީ ޝައިޠާނާގެ ފަރާތުންނެވެ. މާތް ﷲ ތިޔަބައިމީހުންނަށް ޙަލާލުކޮށްދެއްވި ކަންތަކަށް ނަފްރަތުކުރުވަން އެޝައިޠާނާ ބޭނުންވާނެއެވެ. ފަހެ، އެއަންހެނާ ތިބާގެ ކައިރިޔަށް އަންނަ ހިނދު، ތިބާގެ ފަހަތުގައި ދެ ރަކްޢަތް ނަމާދެއްކުރަން އޭނާއަށް އަމުރުކުރައްވާށެވެ.”

ޢަބްދުﷲ ބުނު މަސްޢޫދުގެ އަރިހުން ވާރިދުވެގެންވާ އެހެން ރިވާޔަތެއްގައި އިތުރަށް އައިސްފައިވެއެވެ. ތިބާ މިހެން ކިޔާށެވެ. اللَّهُمَّ بَارِكْ لِي فِي أَهْلِي، وَبَارِكْ لَهُمْ فِيَّ، اللَّهُمَّ اجْمَعَ بَيْنَنَا مَا جَمَعْتَ بِخَيْرٍ، وَفَرِّقْ بَيْنَنَا إِذَا فَرَّقْتَ إِلَى خَيْرٍ

ނުވަވަނަ ފިޔަވަޅު: ޖިމާޢުވާހިނދު ދުޢާކިޔުން

ޢަބްދުބުން ޢައްބާސް رضي الله عنهما ގެ އަރިހުން ރިވާވެގެންވާ ޙަދީޘްފުޅެއްގައި ރަސޫލާ صلى الله عليه و سلم ޙަދީޘްކުރައްވާފައިވެއެވެ. (لَوْ أَنَّ أَحَدَهُمْ إِذَا أَرَادَ أَنْ يَأْتِيَ أَهْلَهُ قَالَ بِاسْمِ اللَّهِ اللَّهُمَّ جَنِّبْنَا الشَّيْطَانَ وَجَنِّبْ الشَّيْطَانَ مَا رَزَقْتَنَا)މާނައީ: “ތިޔަބައިމީހުންކުރެ މީހަކު އެމީހެއްގެ އަނބިމީހާ އާއި ޖިމާޢުވާން ވެއްޖެ ހިނދު ކިޔާށެވެ. “بِاسْمِ اللَّهِ اللَّهُمَّ جَنِّبْنَا الشَّيْطَانَ وَجَنِّبْ الشَّيْطَانَ مَا رَزَقْتَنَا“.މާނައީ: “ގެ މަތިވެރި އިސްމުފުޅުގެ ބަރަކާތުން (މިކަންކުރަމެވެ.) އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! ޝައިޠާނާގެ ކިބައިން އަޅަމެން ދުރުކުރައްވާނދޭވެ! އަދި އިބައަޅަމެންނަށް ދެއްވާ ދަރިންގެ ކިބައިން ޝައިޠާނާ ދުރުކުރައްވާނދޭވެ! “ދެން ޙަދީޘްކުރެއްވިއެވެ. (فَإِنَّهُ إِنْ يُقَدَّرْ بَيْنَهُمَا وَلَدٌ فِي ذَلِكَ لَمْ يَضُرَّهُ شَيْطَانٌ أَبَدًا)މާނައީ: “ފަހެ އެދެމީހުންގެ ދެމެދުން ދަރިއަކު އުފަންވުމަށް މިންވަރުފުޅު ވެއްޖެނަމަ، އެކުއްޖާއާއި ދުވަހަކުވެސް ޝައިޠާނަކު ގާތްނުވާހުއްޓެވެ.”

ދިހަވަނަ ފިޔަވަޅު: ނިދުމުގެ ކުރީން އާޔަތުލް ކުރުސި ކިޔުން

ނިދަން ތަންމައްޗަށް އަރައި އާޔަތުލް ކުރްސީ ކިޔަވާފިނަމަ އެމީހަކު ރައްކާތެރި ކޮށްދެއްވާނެއެވެ. އަދި ހެނދުނު ވުމާއި ހަމައަށް ޝައިޠާނަކު ކައިރިއެއް ނުވާނެއެވެ.

އެގާރަވަނަ ފިޔަވަޅު:

ފަތިސްނަމާދައްފަހު لَا إِلَهَ إِلَّا اللهُ، وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌމިޛިކުރު ސަތޭކަފަހަރު ކުރާށެވެ.

ދުވާލަކު ސަތޭކަފަހަރު މިޛިކުރުކޮށްފިމީހާ ދަންނައެވެ. އޭނާ ދިހަ އަޅުން މިނިވަންކުރި ފަދައެވެ. އަދި އޭނާއަށް ސަތޭކަ ހެޔޮކަން ލިޔުއްވޭނެއެވެ. އަދި އޭނާގެ ކިބައިން ސަތޭކަ ފާފަ ފުއްސެވޭނެއެވެ. އަދި އެދުވަހު ހަވީރުވަންދެން ޝައިޠާނާގެ ކިބައިން އޭނާ ރައްކާތެރިކުރެވޭނެއެވެ. އަދި އޭނާއަށްވުރެ ގިނައިން މިޛިކުރުކުރިމީހަކު މެނުވީ އޭނާއަށްވުރެ މާތްޢަމަލެއްކޮށްގެންހުރި ހަމައެކަކު ނުހުންނާނެއެވެ.رواه البخاري ومسلم

ބާރަވަނަ ފިޔަވަޅު: މިސްކިތަށް ވަންނަމުން ކިޔާ ދުޢާ

أَعُوذُ بِاللَّهِ الْعَظِيمِ، وَبِوَجْهِهِ الْكَرِيمِ، وَسُلْطَانِهِ الْقَدِيمِ، مِنَ الشَّيْطَانِ الرَّجِيمِ بِسْمِ اللَّهِ، وَالسَّلَامُ عَلَى رَسُولِ الله، اللهُمَّ افْتَحْ لِي أَبْوَابَ رَحْمَتِكَ

މިއަޅާ މަތިވެރި މާތްގެ ޙަޟްރަތުން އަދި އެކަލާނގެ މާތް ވަޖުހަފުޅާއި، އެކަލާނގެ އިސްވެވޮޑިގެންވާ ބާރު މެދުވެރިކޮށް ރަޙްމަތުން ދުރުކުރެވިފައިވާ ޝައިޠާނާގެ ކިބައިން ރައްކާތެރިކޮށްދެއްވުމަށް އެދެމެވެ. ގެ އިސްމުފުޅުގެ ބަރަކާތުން ވަންނަމެވެ. އަދި ގެ ރަސޫލާގެ މައްޗަށް ޞަލަވާތާއި ސަލާމް ހުއްޓެވެ. އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އިބަ ގެ ރަޙުމަތުގެ ދޮރުކޮޅުތައް މިއަޅާއަށްޓަކައި ހުޅުވައި ދެއްވާނދޭވެ.”

ތޭރަވަނަ ފިޔަވަޅު

ތިރީގައި މިވާ ދުޢާ ހެނދުނާއި ހަވީރު ތިންފަހަރު ކިޔާށެވެ.

بِسْمِ اللَّهِ الَّذِي لَا يَضُرُّ مَعَ اسْمِهِ شَيْءٌ فِي الْأَرْضِ، وَلا فِي السَّمَاءِ، وَهُوَ السَّمِيعُ الْعَلِيم

މާނައީ: ގެ އިސްމުފުޅުގެ ބަރަކާތުން (ރައްކާތެރިކަން ލިބިގަންނަމެވެ.) އެކަލާނގެ އިސްމުފުޅުގެ ބަރަކާތާއިއެކު ބިމާއި އުޑުން އެއްވެސް އެއްޗެއް ގެއްލުމެއް ނުދޭނެއެވެ. އަދި އެކަލާނގެއީ މޮޅަށް އައްސަވާވޮޑިގަންނަވާ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.

ހެނދުނާއި ހަވީރު ތިންފަހަރު މިޛިކުރުކޮށްފި މީހާއަށް އެއްވެސް އެއްޗެއް ގެއްލުމެއް ނުދޭނެއެވެ.

ސާދަވަނަ ފިޔަވަޅު: ގެއިން ނުކުތުމުގެ ކުރިން ދުޢާކިޔުން

بِسْمِ اللَّهِ، تَوَكَّلْتُ عَلَى الله وَ لَا حَوْلَ وَلَا قُوَّةَ إِلَّا بِالله

ގެ އިސްމުފުޅުގެ ބަރަކާތުން ނިކުންނަމެވެ. އަހުރެންގެ އެންމެހާ ކަންތައްތައް އާ ޙަވާލުކޮށްފީމެވެ. އަދި އެއްވެސް ހެޔޮކަމެއް ކުރުމުގެ ބާރެއްވެސް އަދި ނުބައިކަމުން ސަލާމަތްވުމުގެ ބާރެއްވެސް ގެ ޙަޟުރަތުން މެނުވީ ނުވެއެވެ.”

ފަނަރަވަނަ ފިޔަވަޅު:

أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ

މިފަދައިން ހަވީރު ތިންފަހަރު ކިޔާށެވެ.

މާނައީ: މާތްގެ ފުރިހަމަވެގެންވާ ކަލިމަފުޅުތައް މެދުވެރިކޮށް އެކަލާނގެ ހެއްދެވި އެންމެހައި މަޚްލޫޤުންގެ ނުބައިކަމުން މިއަޅާ (އެކަލާނގެ ޙަޟްރަތުން) ރައްކާތެރިކަމަށް އެދެމެވެ.

ހަވީރުވާހިނދު ތިންފަހަރު މިޛިކުރުކޮށްފި މީހާ ދަންނައެވެ. އެރޭ އެއްވެސް ވިހަސޫތްޕެއްގެ ގެއްލުމެއް އޭނައަކަށް ނުވާނެއެވެ. أخرجه أحمد و النسائي في عمل اليم و الليلة و ابن السنّي و صحيح الباني

—–

 

މަސްދަރުތައް

“Sword against Black Magic and Evil Magecians – Translated by Chafik Abdelghani”

المكتب الشاملة

ޙިޞްނުލް މުސްލިމްގެ ދިވެހި ތަރުޖަމާ ޝައިޚް މުޙައްމަދު އިބްރާހީމް (ނައިފަރީ)

 

ޙިޔާލުފާޅުކުރައްވާ

0 ކޮމެންޓު