رَسُولُ الله صَلّي الله عَلَيْهِ وَسَلّمَ ޙަދީޘްފުޅުކުރެއްވިއެވެ. “سُبْحَانَ اللهِ وَبِحَمْدِهِ” “މާތް ﷲ އެކަލާނގެއަށް ޙަމްދުލިބިވޮޑިގެންވުމާއެކު ހުސްޠާހިރުވަންތައެވެ.” މިފަދައިން ދުވާލަކު ސަތޭކަފަހަރު ކިޔައިފިމީހާ ދަންނައެވެ. އޭނާގެ ކުދިފާފަތައް ކަނޑުގެ ފޮނާ އެއްވަރުވީނަމަވެސް ފޮހެވިގެންދާނެއެވެ.”
އަދިވެސް އެކަލޭގެފާނު ޙަދީޡްފުޅުކުރެއްވިއެވެ. “لاَ إِلٰهَ إِلاَّاللهُ وَحْدَهُ لاَ شَرِيْكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهـُوَ عَلَى كُلِّ شَيْءٍ قَدِيْرٌ ” މާނައީ،” ﷲ މެނުވީ އަޅުކަންވެވުން ޙައްޤުވެގެންވާ އެހެންއެއްވެސް އިލާހަކު ނުވެއެވެ. އެކަލާނގެ އެއްކައުވަންތައެވެ. އެކަލާނގެއަށް އެއްވެސް ބައިވެރިއަކު ނުވެއެވެ. އެންމެހައި ވެރިކަމެއް ލިބިވޮޑިގެންވަނީ އެކަލާނގެއަށެވެ. އަދި އެންމެހައި ޙަމްދެއް ލިބިވޮޑިގެންވަނީވެސް އެކަލާނގެއަށެވެ. އަދި އެކަލާނގެއީ ހުރިހައި ކަމެއްގެ މައްޗަށް ކުޅަދުންވަންތަވެވޮޑިގެންވާ ރަސްކަލާނގެއެވެ.” މިފަދައިން ދިހަފަހަރު ކިޔައިފިމީހާ ދަންނައެވެ. އިސްމާޢީލްގެފާނުގެ ދަރިކޮޅުން އޭނާ ދިހަ އަޅުން މިނިވަންކުރިފަދައެވެ.”
އަދިވެސް އެކަލޭގެފާނު ޙަދީޡްފުޅުކުރެއްވިއެވެ. “ދޫމައްޗަށް ލުއި، ތިލަފަތުގައި ބަރު، ރަޙްމާނުގެ ޙަޟްރަތަށް ލޮބުވެތި ދެކަލިމައެއްވެއެވެ. އެއީ “سُبْحَانَ اللهِ وَبِحَمْدِهِ سُبْحَانَ اللهِ الْعَظِيْمِ” “މާތްﷲ އެކަލާނގެއަށް ޙަމްދު ލިބިވޮޑިގަތުމާއެކު ހުސްޠާހިރުވަންތައެވެ. މަތިވެރި މާތްﷲ ހުސްޠާހިރުވަންތަކަމާއެވެ.”
އަދިވެސް އެކަލޭގެފާނު ޙަދީޡްފުޅުކުރެއްވިއެވެ. “”سُبْحَانَ اللهِ وَ الْحَمْدُ لِلَّهِ وَلاَإِلٰهَ إِلاَّاللهُ وَاللهُ أَكْبَرُ ” (ﷲ ހުސްޠާހިރުވަންތައެވެ. އަދި އެންމެހައި ޙަމްދެއް ލިބިވޮޑިގެންވަނީ ﷲއަށެވެ. އަދި ﷲމެނުވީ އަޅުކަންވެވުން ޙައްޤުވެގެންވާ އެހެން އެއްވެސް އިލާހަކުނުވެއެވެ. އަދި އެންމެ ބޮޑީ ﷲއެވެ.) މިފަދައިން ތިމަންކަލޭގެފާނު ވިދާޅުވުން އެއެއްޗެއްގެ މައްޗައް އިރުއަރާ ކޮންމެއެއްޗަކަށްވުރެ ތިމަންކަލޭގެފާނަށް ލޮބުވެތިކަންބޮޑެވެ.”
އަދިވެސް އެކަލޭގެފާނު ޙަދީޡްފުޅުކުރެއްވިއެވެ. “ކޮންމެ ދުވަހަކު އެއްހާސް ހެޔޮކަން ޙާޞިލްކުރުމަށް ތިޔަބައިމީހުންކުރެމީހަކު ނުކުޅެދިގެންވޭހެއްޔެވެ؟” އެކަލޭގެފާނުގެ އަރިހުގައި އިންނެވި ބޭކަލަކު ސުވާލު ކުރެއްވިއެވެ. އަހުރެމެންކުރެމީހަކު އެއްހާސް ހެޔޮކަން ޙާޞިލްކުރާނީ ކިހިނަކުންތޯއެވެ؟ އެކަލޭގެފާނު ހަދީޡްފުޅު ކުރެއްވިއެވެ. “އޭނާ ސަތޭކަ ފަހަރު ” سُبْحَانَ اللهِ” ކިޔާށެވެ. އޭރުން އެއްހާސް ހެޔޮކަން އޭނާއަށްޓަކައި ލިޔުއްވެވޭނެއެވެ. ނުވަތަ އެއްހާސް ފާފަ އޭނާގެ ކިބައިން ފުއްސެވޭނެއެވެ.”
އަދިވެސް އެކަލޭގެފާނު ޙަދީޡްފުޅުކުރެއްވިއެވެ.” “ سُبْحَانَ اللهِ الْعَظِيْمِ وَبِحَمْدِهِ” މަތިވެރިވެގެންވާ މާތްﷲ، އެކަލާނގެއަށް ޙަމްދުލިބިވޮޑިގެންވުމާއެކު ހުސްޠާހިރުވަންތައެވެ.” މިފަދައިން ކިޔައިފިމީހާއަށްޓަކައި ސުވަރުގޭގައި ކަދުރުރުކެއް އިންދޭނެއެވެ.”
އަދިވެސް އެކަލޭގެފާނު ޙަދީޡްފުޅުކުރެއްވިއެވެ.”އޭ ޢަބްދުﷲ ބުނު ޤައިސެވެ! ސުވަރުގޭގެ ޚަޒާނާތަކުގެތެރެއިން ޚަޒާނާއެއް ތިމަންކަލޭގެފާނު ތިބާއަށް ބުނެދެއްވަންހެއްޔެވެ.” ޢަބްދުﷲ ބުނު ޤައިސް ވިދާޅުވިއެވެ. އާދޭހެވެ. އޭ ﷲގެ ރަސޫލާއެވެ! އެކަލޭގެފާނު ޙަދީޡްކުރެއްވިއެވެ. “” لاَحَوْلَ وَلاَ قُوَّةَ إِلاَّ بِاللهِ ” “ނުބައިކަމަކުން ސަލާމަތްވުމުގެ ބާރެއްވެސް އަދި ހެޔޮކަމެއްކުރުމުގެ ބާރެއްވެސް ﷲގެ ޙަޟްރަތުންމެނުވީނުވެއެވެ.” މިފަދައިން ތިބާ ކިޔާހުށިކަމެވެ.”
އަދިވެސް އެކަލޭގެފާނު ޙަދީޡްފުޅުކުރެއްވިއެވެ. “ﷲގެ ޙަޟްރަތަށް އެންމެ ލޮބުވެތިކަންބޮޑީ ހަތަރު ކަލިމައެކެވެ. އެއީ ” سُبْحَانَ اللهِ وَاَلْحَمْدُ لِلَّـهِ وَلاَإِلٰهَ إِلاَّاللهُ وَاللهُ أَكْبَرُ ” މިއިން ކޮންމެ ކަލިމައަކުން ތިބާފެށިކަމުގައިވިޔަސް އެއްވެސް މައްސަލައެއްނެތެވެ.”
އެއްދުވަހަކު އަޢުރާބީންގެ މީހަކު رَسُولُ الله صَلّي الله عَلَيْهِ وَسَلّمَ ގެ އަރިހަށް އައިސް ދަންނަވައިފިއެވެ. އަހުރެން ބުނެއުޅޭނެ ބަހެއް އަހުރެންނަށް ކަލޭގެފާނު އުނގަންނައިދެއްވަބައްލަވާށެވެ. އެކަލޭގެފާނު ޙަދީޡްފުޅު ކުރެއްވިއެވެ. “ތިބާ މިފަދައިން ވިދާޅުވާށެވެ. “ لاَ إِلٰهَ إِلاَّاللهُ وَحْدَهُ لاَ شَرِيْكَ لَهُ، اللهُ أَكْبَرُ كَبِيْرًا، وَالْحَمْدُ لِلَّـهِ كَثِيْرًا، سُبْحَانَ اللهِ رَبِّ الْعَالَمِيْن، لاَحَوْلَ وَلاَ قُوَّةَ إِلاَّ بِاللهِ الْعَزِيْزِالْحَكِيْمِ” ﷲމެނުވީ އަޅުކަން ވެވުން ޙައްޤުވެގެންވާ އެހެންއެއްވެސް އިލާހަކު ނުވެއެވެ. އެކަލާނގެ އެއްކައުވަންތައެވެ. އެކަލާނގެއަށް އެއްވެސް ބައިވެރިޔަކު ނުވެއެވެ. ބޮޑުވެގެންވާ ބޮޑުވުމަކުން އެންމެ ބޮޑީ ﷲ އެވެ. އަދި ގިނަވެގެންވާ ޙަމްދަކުން އެންމެހައި ޙަމްދެއްލިބިވޮޑިގެންވަނީ ﷲއަށެވެ. ޢާލަމްތަކުގެ ވެރި ﷲގެ ހުސްޠާހިރުވަންތަކަމާއެވެ. ނުބައިކަމަކުން ސަލާމަތްވުމުގެ ބާރެއްވެސް އަދި ހެޔޮކަމެއްކުރުމުގެ ބާރެއްވެސް ﷲގެ ޙަޟްރަތުންމެނުވީ ނުވެއެވެ. އެކަލާނގެއީ ޢިއްޒަތްތެރިވެވޮޑިގެންވާ ޙިކުމަތްވަންތަ ރަސްކަލާނގެއެވެ.” އަޢުރާބީންގެ މީހާ ދަންނަވައިފިއެވެ. ތިޔައީ އަހުރެންގެ ވެރިރަސްކަލާނގެއަށެވެ. ދެން އަހުރެންނަށް ކޮބައިތޯއެވެ؟ އެކަލޭގެފާނު ޙަދީޡްފުޅު ކުރެއްވިއެވެ. “ތިބާ މިފަދައިން ވިދާޅުވާށެވެ. “ اَللَّهُمَّ اغْفِرْلِيْ، وَارْحَمْنِيْ، وَاهْدِنِيْ، وَارْزُقْنِيْ” “އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅާއަށް ފާފަފުއްސަވާނދޭވެ! އަދި މިއަޅާއަށް ރަޙްމަތްލައްވާންދޭވެ! އަދި މިއޅާއަށް ހިދާޔަތްދައްކަވާނދޭވެ! އަދި މިއަޅާއަށް ރިޒްޤުދެއްވާނދޭވެ!” (رواه مسلم އަދި أبو داود އިތުރަށް ރިވާކުރެއްވިއެވެ. ދެން އަޢުރާބީންގެ މީހާ އެނބުރި ދިޔަ ހިނދު ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޡްފުޅު ކުރެއްވިއެވެ. “ހަމަކަށަވަރުން އޭނާގެ ދެއަތް ހެޔޮކަންތަކުން ފުރާލައިފިއެވެ.”
މީހަކު އިސްލާމްވާހިނދު އޭނާއަށް ނަމާދުކުރަން رَسُولُ الله صَلّي الله عَلَيْهِ وَسَلّمَ ދަސްކޮށްދެއްވައެވެ. ދެން އަންނަނިވި ކަލިމަތަކުން ދުޢާކުރުމަށް އޭނާއަށް އަމުރުކުރައްވައެވެ. ” اَللَّهُمَّ اغْفِرْلِيْ، وَارْحَمْنِيْ، وَاهـْدِنِيْ،وَعاَفِنِيْ، وَارْزُقْنِيْ“”އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅާއަށް ފާފަފުއްސަވާނދޭވެ! އަދި މިއަޅާއަށް ރަޙްމަތްލައްވާންދޭވެ! އަދި މިއޅާއަށް ހިދާޔަތްދައްކަވާނދޭވެ! އަދި މިއަޅާއަށް ޢާފިޔަތުދެއްވާންދޭވެ! އަދި މިއަޅާއަށް ރިޒްޤުދެއްވާނދޭވެ!” (އަދި مسلم ގެ އެހެން ރިވާޔަތެއްގައިވެއެވެ. އެކަލޭގެފާނު އޭނާއަށް ވިދާޅުވިއެވެ. “މިކަލިމަތައް ތިބާއަށް ތިބާގެ ދުނިޔެއާއި ތިބާގެ އާޚިރަތް ޖަމާކޮށްދެއެވެ.”
رَسُولُ الله صَلّي الله عَلَيْهِ وَسَلّمَ ޙަދީޡްފުޅު ކުރެއްވިއެވެ. “ހަމަކަށަވަރުން އެންމެ މާތް ދުޢާއަކީ ” اَلْحَمْدُ لله” އެވެ. އަދި އެންމެ މާތް ޒިކުރަކީ “ لاَ إِلٰهَ إِلاَّاللهُ” އެވެ.
އަދިވެސް އެކަލޭގެފާނު ޙަދީޡްފުޅުކުރެއްވިއެވެ. اَلْبَاقِياَتُ الصَّالِحَاتُ އަކީ (ބާކީހުންނަނިވި ހެޔޮ ޢަމަލުތަކަކީ) ” سُبْحَانَ اللهِ وَاَلْحَمْدُ لِلَّـهِ وَلاَإِلٰهَ إِلاَّاللهُ وَاللهُ أَكْبَرُ وَلاَحَوْلَ وَلاَ قُوَّةَ إِلاَّ بِاللهِ ” ﷲ ހުސްޠާހިރުވަންތައެވެ. އަދި އެންމެހައި ޙަމްދެއް ލިބިވޮޑިގެންވަނީ ﷲއަށެވެ. އަދި ﷲމެނުވީ އަޅުކަންވެވުން ޙައްޤުވެގެންވާ އެހެންއެއްވެސް އިލާހަކުނުވެއެވެ. އަދި އެންމެ ބޮޑީ ﷲއެވެ. އަދި ނުބައިކަމަކުން ސަލާމަތްވުމުގެ ބާރެއްވެސް އަދި ހޮޔޮކަމެއްކުރުމުގެ ބާރެއްވެސް ﷲގެ ޙަޟްރަތުންމެނުވީނުވެއެވެ.”
މަސްދަރު :ޙިސްނުލް މުސްލިމް (رواه أحمد بإسناد صحيح. رواه الترمذي وابن ماجه والحاكم وص ححه ووافقه الذهبي وص ححه الألباني. رواه مسلم، متّفق عليه)
0 ކޮމެންޓު