ރަނގަޅު ނަސީބާއި ބަދުނަސީބަކީ މާތްﷲގެ އިރާދަފުޅުންވާ ކަންތައްތަކެވެ. ނަމަވެސް ރަނގަޅު ނަސީބެއް ނުވަތަ ބަދުނަސީބެއް ކުރިމަތިވެގެން އަންނަކަން ކުރީބައިގައި އެނގޭނެގޮތެއް އޮންނާނެބާއޭ އިންސާނުން ހުރިހާޒަމާނެއްގައިވެސް ސުވާލުކުރެއެވެ. އެހެނީ ސުންޕާކަމެއް ކުރިމަތިވާނެކަން ކުރީބައިގައި އެނގިއްޖެނަމަ ފަހަރެއްގައި އެކަމުން ސަލާމަތް ވެވިދާނެތީއެވެ. އެވޭލާ ޒަމާނުއްސުރެ ފެށިގެންވެސް މިފަދަ ޣައިބުގައިވާ ކަންތައްތައް އެނގޭކަމަށް ބައެއްމީހުން ދަޢުވާކޮށް، މީސްތަކުންގެ ހެއްލުންތެރި ކުރުވައި، އެބައިމީހުންގެ ފަރާތުން ރުފިޔާ ފައިސާއާއި މުދާ ކައިގެން ދިރިއުޅެމުންދާ މީހުން އުޅެމުން ގޮސްފައިވެއެވެ. އިސްލާމީ ނަޒަރަކުން މިފަދަ ކަންތައްތަކުގެ ހަގީގަތް އެނގިފައި އޮތުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. އެހެނީ މިފަދަ ކަންތައްތައް ނޭނގިއްޖެނަމަ އެންމެ ބޮޑު ފާފަ ކަމުގައިވާ ޝިރުކުގެ ތެރެއަށް އިންސާނާ ގެނބިގެން ދިޔުމަކީ ވަރަށް ގާތުގައިވާކަމެކެވެ. އެހެނީ މާތްﷲއަށް ހަމައެކަނި ނިސްބަތްވެގެންވާ ބައެއް ސިފަފުޅުތަޢް މަޚުލޫގުންނަށް ދިނުމަކީ ޝިރުކެވެ. އަދި އެކަލާންގެ ފިޔަވާ އެހެން ފަރާތަކަށް އަޅުކަން ކުރުމަކީވެސް ޝިރުކެވެ.
1. ނުބައި ކަމަކުން ރައްކާތެރި ވުމުގެ ގޮތުން އަޅާ ބޮޅު، ތަވީދުފަދަ ތަކެތި
މުސީބާތުން ދުރުވުމައްޓަކާ އަދި ނަސީބު ހާސިލްކުރުމައްޓަކާ ފާޑުފާޑުގެ ބޮޅުބޮޅާއި، ރޮދިފަށާއި، ތަވީދުފަދަ ތަކެތި އެޅުމަކީ ރަސޫލާ صلى الله عليه وسلمގެ ޒަމާނުގައިވެސް ޢަރަބީން ކޮށްއުޅުނު ކަމެކެވެ. މާތްﷲ ފިޔަވާ ފާޑުފާޑުގެ ބޮޅުބޮޅާއި، ރޮދިފަށާއި، ތަވީދުފަދަ ތަކެތިން މުސީބާތް ޖައްސާ ނުވަތަ މުޞީބާތުން ސަލާމަތްކޮށްދީ ނަސީބުވެރިކުރުވާކަމަށް ގަބޫލުކުރުމަކީ އެކަލާންގެ ރުބޫބިއްޔަތަށް އީމާންވުމާއި ޚިލާފުކަމެކެވެ. އެހެނީ އެކަލާންގެ މަޚުލޫގުންނަށް މުސީބާތް ޖެއްސުމާއި ނަސީބުވެރިކުރުވުމުގެ ބާރު ނިސްބަތް ކުރެވޭތީއެވެ. މިފަދަ ކަންތައްތަކަކީ އިސްލާމްދީނުގެ ހަފޮޅުންވެސް ބޭރުގައިވާ، އިސްލާމްދީނާއި ބީރައްޓެހި، އަދި އިސްލާމްދީނުގައި ހަރުކަށި އަމުރުން މަނާކުރައްވާފައިވާ ކަންތައްތަކެވެ. މިފަދަ ކަންތައްތަކަކީ ﷲ ފިޔަވާ އެހެނިހެން ފަރާތްތަކަށް އަޅުކަންކުރުމުގެ ބިންގަލެވެ. މިފަދަ ކަންތައްތައް ނަޞާރާ ދީނުގެ ކެތޮލިކުންގެ ތެރޭގައި ފެނެއެވެ. މިގޮތުން އެމީހުން ޢީސާގެފާނަކީ ކަލަކުކަމުގައި ބަލައެވެ. އެކަލޭގެފާނުގެ މައިކަމަނާ މަޜްޔަމްގެފާނާއި ފާދިރީންނަށް އަޅުކަން ކުރެއެވެ. ފޮޓޯތަަކާއި، ބުދުތަކާއި، ޞަލީބު އަދި މިނޫންވެސް ތަކެތިން ބަރަކާތް ހާސިލްކުރުމަށްޓަކާ ގޭގޭގަޔާއި، އަޅުކަންކުރާ ތަންތަނުގައި ބަހައްޓާ ގައިގައި އަޅާ ހަދައެވެ.
ރަސޫލާ صلى الله عليه وسلمގެ ކިތައްމެ ޙަދީޘްފުޅެއްގައި މިކަމުގެ ނުރައްކާތެރިކަން ބަޔާންކުރައްވާފައިވެއެވެ. މާތްﷲ ރުއްސުންލެއްވި ޢިމްރާން ބިން ޙުސައިންގެ ކިބައިން ރިވާވެގެން ވެއެވެ. (އެކަލޭގެފާނު ވިދާޅުވިއެވެ.) އެއްދުވަހަކު މީހެއްގެ އަތުގައި ރަތުލޮއިގެ ބޮޅެއް އަޅާފައިވަނިކޮށް ސަލާމާއި ޞަލަވާތްލެއްވި ނަބީކަލޭގެފާނަށް ފެނިވަޑައިގެންނެވުމުން ޙަދީޘްކުރެއްވިއެވެ.
“مَا هَذِهِ؟“قَالَ: مِنَ الْوَاهِنَةِ؟ فقَالَ: “انْزِعْهَا فَإِنَّهَا لَا تَزِيدُكَ إِلَّا وَهْنًا؛ فَإِنَّكَ لَوْ مِتَّ وَهِيَ عَلَيْكَ مَا أَفْلَحْتَ أَبَدًا” (رواه أحمد ِبسند لابأس به )
މިއީ ކޮން އެއްޗެއް ހެއްޔެވެ؟ އޭނާ ބުންޏެވެ. މިއީ “وَاهِنَةِ” ބަލީގެސަބަބުން (އެބަލިން ސަލާމަތްވުމައްޓަކައި) އަޅާފައިވާ އެއްޗެކެވެ. ދެން ސަލާމާއި ޞަލަވާތްލެއްވި ނަބީކަލޭގެފާނު ޙަދީޘްފުޅުކުރެއްވިއެވެ. “އެނަގާށެވެ. އެހެނީ ހަމަކަށަވަރުން އެބޮޅުގެ ސަބަބުން ތިބާއަށް ބަލިމަޑުކަން މެނުވީ އިތުރެއް ނުކުރެއެވެ. ފަހެ ހަމަކަށަވަރުން ތިބާގެ ޖިސްމުގައި އެބޮޅުވަނިކޮށް ތިބާމަރުވެއްޖެނަމަ ދުވަހަކުވެސް ތިބާ ކާމިޔާބެއް ނުވާނެއެވެ،” “وَاهِنَةِ” އަކީ ކޮނޑާއި މުޅިއަތުން ނާރަފުއްޕާ ބައްޔަކަށް ކިޔާނަމެކެވެ. މިބަލި ޖެހެނީ ހަމައެކަނި ފިރިހެނުންނަށެވެ. އަދި މާތްރަސްކަލާންގެ ރުއްސުންލެއްވި ޢުޤުބާ ބިން ޢާމިރުގެ ކިބައިން މަރުފޫޢު ސަނަދަކާއިއެކު ރިވާވެގެންވެއެވެ. (އެކަލޭގެފާނު ވިދާޅުވިއެވެ. ސަލާމާއި ޞަލަވާތްލެއްވި ﷲގެ ރަސޫލާ ޙަދީޘްކުރެއްވިއެވެ.)
“مَنْ تَعَلَّقَ تَمِيمَةً، فَلَا أَتَمَّ اللهُ لَهُ، وَمَنْ تَعَلَّقَ وَدَعَةً، فَلَا وَدَعَ اللهُ لَهُ “ (مسند أحمد )
މާނައީ: “(ކަމަކުން ސަލާމަތްވުމައްޓަކައި ނުވަތަ ކަމެއް ހާސިލްކުރުމައްޓަކައި ނުވަތަ މިނޫން މިފަދަ އެހެން ކަމަކަށްޓަކައި) ތަވީދެއް އަޅައިފިމީހާ ދަންނައެވެ. ﷲ ސުބުހާނަހޫ ވަތަޢާލާ އޭނާގެ މުރާދު ފުރިހަމަ ނުކުރައްވާށިއެވެ. އަދި ހަމައެފަދައިން އެކަމަށްޓަކައި (ހަށިގަނޑުގެ ތަނެއްގައި) ބޮއްޔެއް އެލުވައިފިމީހާ ދަންނާށެވެ. ﷲ ސުބުހާނަހޫ ވަތަޢާލާ އޭނާއަށް އެކަމުން ހިތްހަމަޖެހުމެއް އަރާމެއް ނުދެއްވާށިއެވެ.”
އިމާމް އަބީ ޙާތިމް މާތްﷲ ރުއްސުންލެއްވި ޙުޛައިފަތު ބުނުލް ޔަމާންގެ ކިބައިން ރިވާކުރެއްވިއެވެ. އެއްދުވަހަކު މީހެއްގެ އަތުގައި، ހުންއައިސްފައި ވުމުގެ ސަބަބުން (އެހުމުން ސަލާމަތްވުމަށްޓަކައި) ރޮދިފަށެއް އައްސާފައިވާތަން އެކަލޭގެފާނަށް ފެނިވަޑައިގެން އެރޮދިފަށް ކަނޑުއްވާލެއްވިއެވެ. އަދި ﷲ ސުބުހާނަހޫ ވަތަޢާލާގެ މި ވަޙީބަސްފުޅު ކިޔަވައި ވިދާޅުވިއެވެ.
وَمَا يُؤْمِنُ أَكْثَرُهُمْ بِاللَّهِ إِلَّا وَهُمْ مُشْرِكُونَ ﴿12:106﴾
މާނައީ: “އެބައިމީހުން ކުރެ ގިނަމީހުން ޝަރީކުކުރާ ހާލުގައި މެނުވީ ﷲއަށް އީމާނެއް ނުވެއެވެ.”
ނުބައި ކަމަކުން ރައްކާތެރި ވުމުގެ ގޮތުން އަޅާތަކެތީގެ ޙުކުމް
ކުރިން ބަޔާންވެދިޔަ ފަދައިން ނުބައި ކަންކަމުން ރައްކާތެރި ވުމުގެ ގޮތުން އަޅާތަކެތީގެ ތެރެއިން ޙަރާމްވެފައިވަނީ ހަމައެކަނި ރަސޫލާ صلى الله عليه وسلمގެ ޒަމާނުގައި އަރަބިން އަޅާއުޅުން ޒާތުގެ ތަކެތި އެކަންޏެއް ނޫނެވެ. ކޮމްމެއެއްޗެއްވެސް މިމާނައިގައި ބޭނުންކޮށްފިނަމަ ޙަރާމް ވާނެއެވެ. ޓެކްނޮލޮޖީއާއި ސައިންސްގެ ރޮނގުން ކިތަންމެ ކުރިއަރާފއި ވީކަމުގައި ވިޔަސް ހުޅަނގުގެ މުޖުތަމަޢުގައި ނުބައި ކަންކަމުން ރައްކާތެރި ވުމުގެ ގޮތުން އަޅާ ފާޑުފާޑުގެ ތަކެތި ދަނީ ފުޅާދާއިރާއެއްގައި ބޭނުންކުރަމުންނެވެ. ހުޅަނގުގެ މުޖުތަމައު އެއީ މާތަހުޒީބު ބަޔަކުކަމުގައި ގިނަ ދިވެހިން ދެކެމުންދާ މިފަދަ ޒަމާނެއްގައި އެމީހުންގެ ބޯދާ ބައެއް ގަބޫލުކުރުންތައް ބަޔާންކޮށްދިނުމަކީ ވަރަށް މުހިއްމު ކަމެއްކަމުގައި އަޅުގަނޑު ދެކެމެވެ.
މުސަޅު މޮއްގަނޑު
ހުޅަނގުގެ އެތައް މިލިޔަން މީހުންނެއް މުސަޅުގެ މޮއްގަނޑު، ނުވަތަ ރަނާއި ރިހިން ހަދާފައިވާ މުސަޅު މޮއްގަނޑުގެ ސިފައިގައިވާ ތަކެތި ފަށް ނުވަތަ ބޮޅުފަދަ ތަކެތީގައި ލައިގެން އަޅާ އުޅެއެވެ. މީގެ އަސްލު ބިނާވެފައިވަނީ މުސަޅު ބިމުގައި ފައިގެ މޮއްގަނޑުން ޖަހާ ޖެހުމާއިއެވެ. އެމީހުންގެ ކާބަފައިން ގަބޫލުކުރިގޮތުގައި މުސަޅު މިހެން ޖަހާ ޖެހުމުގައި ބިމުއަޑީގައި އުޅޭ ރޫޙުތަކާއި ވާހަކަ ދައްކައެވެ. އެހެންކަމުން އެދޭ އެދުންތައް ބިމުއަޑީގައި އުޅޭ ރޫޙުންނަށް ފޯރުކޮށްދިނުމަށާއި އާއްމުކޮށް ރަނގަޅު ނަސީބެއް ލިބިގަތުމަށް މުސަޅުގެ މޮއަގަނޑު ފޮރުވައި ގެންގުޅުނެވެ. އަދި މިހާރުވެސް ދެމިގެން މިދަނީ އެއާދައެވެ.
އަހުގެ މޮއްގަނޑުގައި ހަރުކުރާ ދަގަނޑުކޮޅު (ހޯސްޝޫ – حدوة الحصان)
މިއީ އަހުގެ މޮއްގަނޑުގެ ތިރީގައި ރައްކާތެރިކުރުމުގެ ގޮތުން ހަރުކުރާ ދަގަނޑު ނުވަތަ މަޢުދަނުން އިނގިރޭސީގެ ޔޫއަކުރުގެ ބައްޓަމަށް ހަދައިފައި އިންނަ އެއްޗެކެވެ. މިއަށް އިނގިރޭސީން ކިޔަނީ “horseshoe” އެވެ. ޢަރަބިން ކިޔަނީ “حدوة الحصان” އެވެ. އެމެރިކާގެ ވަރަށްގިނަ ގެތަކުގެ ދޮރުގައި މޮހޮރުޖަހާފައި “ހޯސްޝޫ” އެލުވާފައި ހުރެއެވެ. އަދި ނަސީބު ރަނގަޅުވާނޭކަމުގެ އުއްމީދުގައި މީގެ ކުދި އެއްޗެހި ފަށްފަށާއި، ބޮޅުބޮޅާއި، ތަޅުދަނޑިފަތިފަދަ ތަކެތީގައި ލައިގެން ގައިގައި އަޅާހަދައެވެ. ޤަދީމީ ގުރީކުގެ ވާހަކަތަކަށް ނަޒަރުހިންގާލުމުން މިކަންތައް ފެށިގެން އައިގޮތް ރަނގަޅަށް ހާމަވާނެއެވެ. ޤަދީމީ ގުރީކުމީހުން ގަބޫލުކުރިގޮތުގައި އަހަކީ ވަރަށް މާތް މަރިވެރި ޖަނަވާރެކެވެ. އެހެންކަމުން “ހޯސްޝޫ” ދޮރުތަކުގައި އެލުވުމުން ނަސީބު ރަނގަޅުކުވާނެކަމަށް އެމީހުން ގަބޫލުކުރިއެވެ. އެމީހުން ދެކޭގޮތުގައި މީގެ ހުޅުވިފައި އިންނަ ކޮޅު ހުންނަން ޖެހޭނީ މައްޗަށެވެ. އޭރުން އޭގެތެރޭގައި ނަސީބު ހިފަހައްޓާ އެޅި ބަރާވާނެއެވެ. ހުޅުވިފައި އިންނަކޮޅު ތިރިޔަށް ހުރެއްޖެނަމަ އެއަށް އެޅިފައިހުރި ނަސީބުތައް ވެރޭނެކަމަށް އެމީހުން ގަބޫލުކުރިއެވެ.
މިފަދަ ތަކެއްޗަށް ނަސީބާއި ބަދުނަސީބު ގެނެވޭނެކަމަށް ގަބޫލުކުރުމަކީ މާތްﷲގެ ރުބޫބިއްޔަތުގެ މައަޗަށް އެކަލާންގެ މަޚުލޫގުންނަށް ބާރުފޯރުވޭނެކަމަށް ގަބޫލުކުރުމެވެ. އާދެ އެއީ އެކަލާންގެއަށްވުރެ މިފަދަ ނަސީބު ހޯދުމަށް އަޅާތަކެތި ބާރުގަދަކަމަށް ގަބޫލުކުރުމެވެ. އެހެނީ އެމީހުނަށް އެގަބޫލުކުރެވެނީ މާތްﷲ ޖައްސަވަން ހަމަޖައްސަވާފައިވާ މުސީބަތެއް އެތަކެތީގެބާރުން ހުއްޓުވޭނެކަމަށެވެ. އެހެންކަމުން މިފަދަ ތަކެތި މުސީބާތް ޖައްސާ، މުސީބާތް ދުރުކޮށްދީ ހަދާކަމަށް ގަބޫލުކުރުމަކީ ޝިރުކެވެ. ﷲއަށް ޝަރީކުކުރުމެވެ.
ތަވީދުގެ ގޮތުގައި ޤުރުއާން އެޅުން
ދަންނައެވެ. ޤުރުއާނާއި، ﷲގެ ޒާތީ އިސްމުފުޅުތަކުންނާއި ޞިފާތީ އިސްމުފުޅުތަކުން ލިޔެވިގެންވާ ތަވީދުއެޅުން ހުއްދަވެގެންވުމާއި ބެހޭގޮތުން އަޞްޙާބު ބޭކަލުންނާއި ތާބިޢީ ބޭކަލުންނާއި އަދި އެބޭކަލުންގެ ފަހުން ވަޑައިގެންނެވި ބޭކަލުން އިޚްތިލާފުވެ ވަޑައިގަންނަވައެވެ. ބައެއް ބޭކަލުން ހުއްދަކަމަށް ވިދާޅުވިއެވެ. އޭގެތެރޭގައި ޢަމްރު ބުނުލްޢާޞް އާއި ޢާއިޝާ رضي الله عنها އަދި އެއްރިވާޔަތުގައި އިމާމު އަޙްމަދު ރަޙިމަހުﷲ ހިމެނިވަޑައިގަންނަވައެވެ. އަދި މިބޭކަލުން ވިދާޅުވަނީ ހަދީޘްގައި ޝިރުކުކަމަށް ވިދާޅުވެފައިއެވާ ތަވީދަކީ އޭގައި ޝިރުކު ހިމެނޭ ތަވީދެވެ. އަދި ބައެއް ބޭކަލުން ހުއްދަނޫންކަމަށް ވިދާޅުވިއެވެ. އޭގެތެރޭގައި ޢަބްދުﷲ ބިން މަސްޢޫދު، ޢަބްދުﷲ ބިން އައްބާސް، ޢުޤްބަތު ބިން ޢާމިރު، އިބްން ޢުކައިމް ހިމެނިވަޑައިގަންނަވައެވެ. މިބޭކަލުންގެ ދަލީލަކީ “إن الرقى والتمائم والتولة شرك” މިޙަދީޘްފުޅާއި މިމާނައިގައިވާ އެހެން ހަދީޘްފުޅުތަކެވެ. كتاب التوحيد ގެ ޝާރިޙު ވިދާޅުވެފައި ވެއެވެ. އެންމެ ޞައްޙަވެގެންވާ ގޮތަކީ މިއެވެ. (އެބަހީ ހުއްދަ ނުވުމެވެ.) ސަބަބަކީ ވިސްނައިފި ބޭފުޅަކަށް މިއިން ތިންކަމެއް ފާޅުވެގެން ދާނެއެވެ.
(1) މިކަމުގެ ނަޙީ އާއްމުވެގެންވެއެވެ. ޚާއްޞަކުރާނޭ އެއްވެސް ދަލީލެއް ނެތެވެ.
(2) سدّ الذريعة (އެބަހީ މަގުބަންދުކުރުން) އެއީ ހުއްދަކަމެއް ކަމަށް ފަތުވާ ދެވިއްޖެނަމަ މީސްތަކުން ހައްދުފަހަނަ އަޅައިގޮސް ޝިރުކުގެ ކަލިމަތައް ލިޔެގެން ތަވީދު އަޅަން ފަށައިފާނެއެވެ. އެހެންކަމުން ޝިރުކާހަމައަށް ނުދަނީސް މިމަގު ބަންދުކުރަން ލާޒިމުވެގެންވެއެވެ.
(3) އެތަވީދު އަޅައިގެންވާމީހާ ޤަޟާޙާޖަތަށް ދާއިރުވެސް އޭނާގެ ޖިސްމުގައި އެތަވީދު ވާނެއެވެ. އޭރުން އެވަނީ ﷲގެ ކަލިމަފުޅުތަކަށް އިހާނަތަކަށެވެ. އެހެންކަމުން ރައްކާތެރިވެގެންވާ ގޮތަކީ މިފަދަ ޝުބުހަ ކަންތައްތަކުން ވީހާވެސް ދުރުވުމެވެ. “فمن اتقى الشبهات استبرأ لدينه وعرضه” ޝުބުހަ ކަންތައްތަކުން ރައްކައުތެރިވެގެންފިމީހާ އޭނާގެ ދީނާއި އަބުރު ސަލާމަތް ކޮށްފިއެވެ.
އަދި މިމައްސަލައިގައި ޖުމްހޫރު ޢިލްމުވެރިންގެ ރައުޔަކީ ޤުރުއާނުން ވިޔަސް ތަވީދު އެޅުމަކީ ޙަރާމްކަމެއް ކަމެވެ. އަދި ދަލީލުތައް ބާރުދެނީވެސް މިގޮތަށެވެ. އެހެނީ ކަމެއް ހުއްދަކަމުގައި އޮވެފައި ހަމަ އެކަން ހުއްދަ ނޫންކަމަށް އޮވެއްޖެނަމަ އެކަމެއްގައި ޙުކުމް ބުރަވާނީ އެކަމެއް ޙަރާމްވުމުގެ މައްޗަށެވެ. އަދި ތަވީދު އަޅައިފިމީހާ ޝިރުކުކޮށްފިއޭ އޮތުމުން އެއީ ކޮން އެއްޗެއް ލިޔެފައިވާ ތަވީދެއްތޯ ޚާއްޞައެއް ނުކުރެވޭނެއެވެ. އެހެންކަމުން ޙުކުމް ނެގޭނީ ޢާއްމު މާނައިގައެވެ. އެހެންކަމުން ޖުމްހޫރު ޢިލްމުވެރިން ވިދާލުވާގޮތުގައި ޤުރުއާނުން ވިޔަސް ތަވީދު އެޅުން ހުއްދަވެގެން ނުވެއެވެ.
ޙަވާލާ
-
كتاب التوحيد ގެ ދިވެހި ތަރުޖަމާ، ޝައިޙް މުޙައްމަދު އިބްރާހީމް (ނައިފަރީ)، ޞަފްޙާ ނަމްބަރު 38ން 46ށް
-
ފަންޑަމެންޓަލްސް އޮފް އިސްލާމް، ޑރ އަބޫ އަމީނާ ބިލާލް ފިލިޕްސް، ޞަފްޙާ ނަމްބަރު 71ން 80ށް
-
ދިވެހި ބަސްފޮތް، ދިވެހި ދިވެހި ބަހާއި ތާރީޚާއިބެހޭ މަރުކަޒު އަދި ރާއްޖޭގެ ޤައުމީ ޔުނިވާރސިޓީ، ފުރަތަމަ ޗާޕު (2011)
0 ކޮމެންޓު