އެމީހަކު ބޭނުން ކޮންމެ ކަމަކަށް އެދި ދުޢާ ކުރުމަކީ އަޅަމެންގެދީނުގައި އަންގާވަފައިވާ ކަމެކެވެ. ﷲ ވަޙީ ކުރައްވާފައި ވަނީ މިފަދައިންނެވެ. (وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ ۖ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ ۖ فَلْيَسْتَجِيبُوا لِي وَلْيُؤْمِنُوا بِي لَعَلَّهُمْ يَرْشُدُونَ) البقرة/186.
މާނައީ: “އަދި ތިމަން ﷲ ގެ ރަސްކަންފުޅާމެދު ކަލޭގެފާނުގެ އަރިހުން ތިމަން ﷲ ގެ އަޅުތަކުން ސުވާލު ދަންނަވައިފިނަމަ، ފަހެ ތިމަން ﷲއީ ކުއްތަންވެވޮޑިގެންވާ (ގާތުގައި ވޮޑިގެންވާ) ރަސްކަލާންގެއެވެ. ތިމަން ﷲ ގެ ކިބައަށް ދުޢާކޮށްފިނަމަ ދުޢާކުރާމީހާގެ ދުޢާ ތިމަން ﷲ އިޖާބަކުރައްވަމެވެ”.
އެހެންކަމުން ދުޢާކުރުމުގެ އަދަބުތައް ދެނެގަތުމަކީ މުހިންމުކަމެއް ކަމުގައި އަޅުގަނޑު ދެކެމެވެ.
1. ދުޢާ ކުރާމީހާ އަކީ ﷲ ގެ އެއްކައުވަންތަކަން ގަބޫލުކޮށް، ޙަރާމްކަންތައްތަކުންނާއި ފާފަތަކުން ދުރުހެލިވެ ހުރި މީހަކު ކަމުގައިވުން. ސަބަބަކީ ދުޢާ އިޖާބަކުރެއްވުމުގެ ޝަރްޠުތަކުގެ ތެރޭގައި ޙަރާމްކަންތައްތަކުންނާއި ފާފަތަކުން ދުރުހެލިވެހުރެ ދުޢާ ކުރުންހިމެނެއެވެ.
2. ﷲ އަށް ހިތްނިޔަތް ޙާލިޞްކޮށްގެން ހުރެ ދުޢާ ކުރުން. މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَمَا أُمِرُوْا إِلَّا لِيَعْبُدُوْا اللهَ مُخْلِصِيْنَ لَهُ الدِّيْنَ حُنَفَاءَ) މާނައަކީ: “ބާޠިލްމަގުން އެއްކިބައިވެގެން ތިބެ، މާތް ﷲ ގެ ކިބައަށް އަޅުކަން ޚަލާޞް ކުރާ ޙާލު، ﷲ ގެ ކިބައަށް އަޅުކަން ކުރުމަށާއި، ނަމާދު ގާއިމް ކުރުމަށާއި، ޒަކާތް ދިނުމަށް މެނުވީ، އެބައިމީހުންނަށް އަމުރު ނުވެވެއެވެ”. (ސޫރަތުލް ބައްޔިނާ ގެ 5 ވަނަ އާޔަތް)، ދުޢާ ގަބޫލު ކުރައްވާނީ އިޚްލާޞްތެރި ވުމުންނެވެ.
3. ކެއުމާއި ބުއިމާއި ފޭރާން ޙަލާލު ތަކެތިކަމުގައިވުން. ﷲ ވަޙީކުރައްވާފައި ވެއެވެ. “އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުންނަށް ތިމަން ﷲ ރިޒްގުކުރެއްވި ޙަލާލު ރަގަޅު ތަކެތި ކައި ހަދާށެވެ”، އެއަށްފަހު ދިގުދަތުރެއްކޮށް، ވަރުބަލިކަމުން ބޯހޭވިފައިވާ މީހެއްގެ ވާހަކަ ބަޔާން ކުރެއްވިއެވެ. އެމީހަކު ދެއަތް މައްޗަށް ނަގައިގެން ހުރެ ދުޢާ ކުރެއެވެ. “ހައްދަވައިގެންގުޅުއްވާ އިލާހެވެ. ހައްދަވައި ގެންގުޅުއްވާ އިލާހެވެ”، ނަމަވެސް އޭނާގެ ކާތަކެތި ޙަރާމެވެ. އަދި ބޯތަކެތިވެސް ޙަރާމެވެ. އަންނައުނު ވެސް ޙަރާމެވެ. ކައިގެން ހުރީވެސް ޙަރާމް ތަކެއްޗެވެ. އެފަދަ މީހުންގެ ދުޢާ އިޖާބަ ކުރެއްވޭނީ ކިހިނަކުންހެއްޔެވެ؟”.
4. ﷲ ގެ އިސްމުފުޅުތަކުން ދުޢާ ކުރުން. ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَلِلّهِ الْأَسْمَاءُ الْحُسْنَى فَادْعُوْهُ بِهَا وَذَرُوْا الَّذِيْنَ يُلْحِدُوْنَ فِيْ أَسْمَائِهِ) މާނައަކީ: “އެންމެ މާތް، އެންމެ މަތިވެރި އިސްމުފުޅުތައް (ނަންފުޅުތައް) މާތް ﷲ އަށް ޚާއްޞަވެ މިލްކުވެވޮޑިގެންވެއެވެ. ފަހެ، އެ އިސްމުފުޅުތަކުން، ތިޔަބައިމީހުން އެކަލާނގެ ކިބައަށް ދަންނަވައި، ދުޢާ ކޮށް އުޅޭށެވެ”. (ސޫރަތުލް އަޢްރާފް ގެ 180 ވަނަ އާޔަތް).
5. ދުޢާކުރާއިރު ގިބުލައަށް ކުރިމަތިލާއިގެންހުރެ ދުޢާކުރުން.
6. ދުޢާކުރަން ފެށުމުގެކުރިން ތައުބާވެ، އަދި މީހެއްގެ ޙައްގަކަށް އަރައިގަނެވިފާވާނަމަ އެޙައްގެއް އަދާކުރުން.
7. ދުޢާކުރަން ފަށާހިނދުގައްޔާ ނިންމާހިނދުގައި މާތް ﷲ އަށް ޙަމްދުކޮށް ސަނާ ދަންނަވައި ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމުގެ މައްޗަށް ޞަލަވާތް ކިޔެވުން. ޙަދީޘް ކުރައްވާފައިވެއެވެ. (كُلُّ دُعَاءٍ مَحْجُوْبٌ حَتَّى تُصَلِّيَ عَلَى النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ) މާނައަކީ: “ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ މައްޗަށް ޞަލަވާތް ކިޔެވުމަށް ދާންދެން ހުރިހާ ދުޢާ އެއްވެސް ވަނީ ހިފެހެއްޓިފައެވެ”.
8. ދެއަތް އުފުލައިގެން ހުރެ ދުޢާކުރުން. އަތްއުފުލުމުގައި ކަމަކަށް އެދި، ދަންނަވާ މީހެއްގެ ގޮތަށް، އަތުގެ ބަނޑުފުށް އުޑާވީދިމާލަށް ބަހައްޓާށެވެ. މާތް ﷲ ރުއްސުންލެއްވި މާލިކް ބިން ޔަސާރު ގެ ކިބައިން ރިވާ ވެގެންވެއެވެ. ރަސޫލު ﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (إِذَا سَأَلْتُمْ اللَّهَ فَاسْأَلُوهُ بِبُطُونِ أَكُفِّكُمْ وَلا تَسْأَلُوهُ بِظُهُورِهَا) މާނައަކީ: “ތިޔަބައިމީހުން މާތް ﷲ އަށް ދަންނަވާނަމަ، އަތުގެ ބަނޑުފުށުން ދަންނަވާށެވެ. އަތުގެ ބޭރުފުށުން ނުދަންނަވާށެވެ”. ދުޢާ ކުރުމުގައި ދެއަތް ބަހައްޓާނީ ކައިރި ކައިރީގައެވެ.
9. އަޑު ހަރުކުރުމާއި ނުލާ މަޑުމޮޅި ކާމާއެކު ދުޢާކުރުން. އަލްއަޢުރާފް ސޫރަތުގެ 55 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (اُدْعُوْا رَبَّكُمْ تَضَرُّعًا وَخُفْيَةً) މާނައަކީ: “މަޑުމޮޅިވެތިބެ އަދި ސިއްރުގޮތުގައި ތިޔަބައިމީހުން ހައްދަވައި ގެންގުޅުއްވާ އިލާހަށް ކުއްތަންވެ ދުޢާ ކުރާށެވެ”.
10. ދުޢާ ކުރުމުގައި ތިންފައްކުރުން.
11. ސާފު ޢިބާރާތުން ދުޢާކުރުން، ކިޔޭނުކިޔޭ އެއްޗެއް ނޭންގޭގޮތައް ދުޢާނުކުކުރުން.
12. ދުނިޔެއާއި އާޚިރަތުގެ ހެވަށް އެދި ގިނަގިނައިން ދެންނެވުން، އަދި ދުޢާ އިޖާބަ ނުކުރައްވައިގެން އަވަސް އަރައިގަނެގެން ނޫޅުން. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޡް ކުރެއްވިއެވެ. ( يُسْتَجَابُ لِلْعَبْدِ مَا لَمْ يَدْعُ بِإِثْمٍ أَوْ قَطِيعَةِ رَحِمٍ ، مَا لَمْ يَسْتَعْجِلْ ، قِيلَ : يَا رَسُولَ اللَّهِ ، مَا الاسْتِعْجَالُ ؟ قَالَ : يَقُولُ : قَدْ دَعَوْتُ ، وَقَدْ دَعَوْتُ ، فَلَمْ أَرَ يَسْتَجِيبُ لِي ، فَيَسْتَحْسِرُ عِنْدَ ذَلِكَ وَيَدَعُ الدُّعَاءَ) މާނައަކީ: “އަޅާ ނުބައިކަމެއް ކުރުން ދޫކޮށްނުލާހުރުން، ނުވަތަ ރަޙިމްގެ ގުޅުންކެނޑުން، ނުވަތަ އަވަސް އަރައިނުގަންނަ ކަމަށް ވަނީ ނަމަ ދުޢާ އިޖާބަ ކުރައްވާނެއެވެ. ޞަޙާބީން ދެންނެވިއެވެ. އަވަސްއަރައިގަތުމަކީ ކޮބައިތޯއެވެ. ޙަދީޘް ކުރެއްވިއެވެ. އޭނާ ބުނާނެއެވެ. ހަމަކަށަވަރުން ވަރަށް ގިނައިން ދުޢާ ކޮށްފީމެވެ. އެކެމަކު އިޖާބަ އެއް ނުކުރައްވައެވެ. ދެން އެކަމާ މާޔޫސްވެ، ދުޢާ ކުރުން ދޫކޮށްލައެވެ”.
13. ހަށިގަނޑާއި ފޭރާން ތާހިރުކޮށް ހުރެ ދުޢާކުރުން.
14. ކަނޑައެޅިގެން ދެންނެވުން. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (لا يَقُولَنَّ أَحَدُكُمْ : اللَّهُمَّ اغْفِرْ لِي إِنْ شِئْتَ ، اللَّهُمَّ ارْحَمْنِي إِنْ شِئْتَ ، لِيَعْزِمْ الْمَسْأَلَةَ ، فَإِنَّ اللهَ لا مُكْرِهَ لَهُ) މާނައަކީ: އިބަ ﷲ އިރާދަކުރައްވައިފިނަމަ މިއަޅާގެ ފާފަ ފުއްސަވާ ރަޙްމަތް ލައްވާށޭ ނުބުނާށެވެ. އެދޭ ކަމެއް ކަނޑައެޅިގެން ބުނާށެވެ. ﷲ އަށް އެއްވެސް މަޖްބޫރުކަމެއް ނެތެވެ”.
15. ބިރުވެރިކަމާއި، މަޑުމޮޅިކަންމަތީ ސިއްރު ގޮތުގައި ދެންނެވުން. އަލްއަޢުރާފް ސޫރަތުގެ 55 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (اُدْعُوْا رَبَّكُمْ تَضَرُّعًا وَخُفْيَةً) މާނައަކީ: “މަޑުމޮޅިވެތިބެ އަދި ސިއްރުގޮތުގައި ތިޔަބައިމީހުން ހައްދަވައި ގެންގުޅުއްވާ އިލާހަށް ކުއްތަންވެ ދުޢާ ކުރާށެވެ”.
16. އާމީން ކިޔާ ދުޢާ ނިންމުން.
މިދެންނެވުނު ކަންތައްތަކަށް ސަމާލުވެ މާތް ﷲ ގެ ކިބަފުޅަށް ދުޢާ ދަންނަވާށެވެ. މާތް ﷲ ތިބާގެ ދުޢާ އިޖާބަ ކުރައްވާށި، އާމީން.
0 ކޮމެންޓު