ޖިންނީންނަކީ އިންސާނުން އުފެއްދެވުމުގެ މާކުރިން ﷲ ޚަލްޤުކުރައްވާފައިވާ މަޚްލޫޤެކެވެ. ޖިންނީންނާއި އިންސީންވެސް ﷲ ޚަލްޤުކުރައްވާފައިވަނީ އެކަލާންގެއަށް އަޅުކަން ކުރުމަށެވެ. ޖިންނީންނަކީ ލެއްވި އެއްޗެއްކަން ބުއްދީގެ ހަމަތަކުންނާއި، ޤުރުއާނާއި ސުއްނަތުގެ ދަލީލުތަކުގެ އަލީގައިވެސް އެނގެން ހުރިއިރު، ހިތާމައަކީ ބައެއްމީހުން މިއަދު ޖިންނިއާއި ޖިންނީގެ ފަރާތުން ޖެހޭ އުނދަގޫތަކާއި ބަލިތައް ދޮގުކުރާކަމެވެ. އެހެންކަމުން ޖިންނިއާއި ބެހޭ ތަފްޞީލުތައް އެނގިފައި އޮތުން ވަރަށްވެސް މުހިއްމެވެ. ސަބަބަކީ، ޖިންނީންގެ ތެރޭގައިވެސް މުސްލިމުންނާއި ކާފިރުލް ލެއްވިއެވެ. ކާފިރުވީ ޖިންނީންނަކީ ޤިޔާމަތަށް ދާންދެން އިންސާނުންގެ ޢަދުއްވުންނެވެ. ޝައިޠާނުންނެވެ. ވީމާ މިސޮރުމެންގެ ޙަޤީގަތް ހަމަ ކޮންމެ މުސްލިމަކަށްމެ އެނގެން ޖެހެއެވެ.

ޢަރަބި ބަހުން “ޖިންނި” މިބަހުގެ މާނައަކީ “ނިވާވެފައިވާ އެތި” ނުވަތަ “ފޮރުވިފައިވާ އެތި” އެވެ. އަލްޖަވާހިރީ ވިދާޅުވެފައިވެއެވެ. “އަލްޖާން” އަކީ ޖިންނީންގެ ބައްޕައެވެ. އޭގެ ޖަމްޢަކީ “ޖީނާން” އެވެ. “އަލް ޤާމޫސުލްމުހީތު” ގައިވާ ގޮތުގައި ޖަނާހުއްލައިލް ގެ މާނައަކީ ރޭގަނޑުގެ އަނދިރިކަމެވެ. “އަލްމިޖަންނާ” ނިސްބަތްކުރެވިގެންވަނީ ޖިންނީން އުޅޭ ތަންތަނަށްށެވެ. އަލްޖާން އަކީ އަލްޖިންނުގެ ޖަމްޢުއެވެ.

Close Ad XGet My Ruqya Android App On Google Play

“ލިސާނުލް ޢަރަބް” ގައިވާގޮތުން “ޖަނާނަ” ގެ މާނައަކީ ފޮރުވިފައިވުން، ނުވަތަ ނިވާވެފައިވުމެވެ. ތިބާގެ ކިބައިން އެއްޗެއް ނިވާވެ ނުވަތަ ފޮރުވިފައިވުމަކީ “ޖުންނާ ޢަންކަ” އެވެ. “ޖަންނާޙު އައްލައިލް” ގެމާނައަކީ ރޭގަނޑު އޭނާ ފޮރުވާފައިވުމެވެ. ޖިންނި އަށް އެފަދައިން ނިސްބަތްކުރާ ސަބަބަކި އެ އެއެއްޗެއްސަކީވެސް ފޮރުވިގެން، ނުވަތަ ޣައިބުވެގެން ވާއެއްޗެއްކަމުގައި ވާތީއެވެ. ޖިންނީންގެ ބަނޑުގައިވާ ދަރިއަށް ކިޔަނީ “އަލްޖަނީން” އެވެ. އެއީ އޭގެ މަންމަގެ ބަނޑުގައި (ރަހިމުގައި)  އެ ފޮރުވިފައިވާތީއެވެ.

އަބޫ ޢުމަރު އިބްނު ޢަބްދުލް ބައްރު ވިދާޅުވެފައިވެއެވެ. ޢަރަބި ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި ޖިންނީން އެތައް ބަޔަކަށް ބެހިގެންވެއެވެ. އޭގެތެރޭގައި އަންނަނިވި ބައިތައް ހިމެނެއެވެ.

1-     ޖިންނިއަށް ނިސްބަތްކޮށް ޢާއްމުކޮށް ކުރެވޭ މުޢާމަލާތްތަކުގައި ބޭނުންކުރެވެމުން އަންނަނީ “ޖިންނި” މިބަހެވެ.

2-      އިންސާނުންނާއެކު ގޭގޭގައި އުޅޭ ޖިންނިއަށް ކިޔަނީ “ޢާމިރު” އެވެ. މީގެ ޖަމްޢަކީ “އުއްމާރު” އެވެ.

3-      ކުޑަކުދިންނަށް ޝަޢުޤުވެރިވާ، ކުޑަކުދިންނާއެކު އުޅޭ ޖިންނީންނަށް ކިޔަނީ “އަރްވާޙް” އެވެ.

4-      ޖިންނީންގެ ތެރެއިން ނުލަފާ ޖިންނީންނަށް ކިޔަނީ ޝައިޠާނުންނެވެ. (ކާފިރު ކޮންމެ ޖިންނިއަކީވެސް ޝައިޠާނެކެވެ. ޝައިޠާނުގެ ދަރަޖަ ޖިންނީގެ ނުލަފާކަމާއި ލިބިގެންވާ ބާރު އިތުރު ވުމުން އެހެން ނަންތަކުން ނިސްބަތް ކުރެވެނީއެވެ)

5-      ޝައިޠާނުންނަށްވުރެ ނުބައި ޖިންނިއަށް ކިޔަނީ “މާރިދު” އެވެ.

6-      މާރިދަށްވުރެ ނުބައިވެ، ބާރުގަދަ ޖިންނީންނަށް ކިޔަނީ ޢިފްރީތެވެ.

މިއީ ޖިންނީގެ މާނައެވެ. ޖިންނި ޝައިޠާނުންނާއިމެދު ތައުހީދުގެ އަހުލުވެރިން ދެކޭގޮތް ޢާއްމު އެހެން މީހުންނާ ތަފާތުވެގެންވެއެވެ. އެއްޗެއްސަކީ އުޅޭ އެއްޗެހިކަމަށް ބައެއްމީހުން ކަނޑައެޅިގެން އިންކާރުކުރެއެވެ. އަނެއްބައިމީހުންނަކީ ޖިންނީން އުޅޭކަމަށް ކަނޑައެޅިގެން އިޢުތިރާފުނުވެ “ޖިންނި” މިބަހާމެދު ބަހުސްކޮށް ހަދާބައެކެވެ. އަނެއްބަޔަކު “ޖިންނި” އާއި ޝައިޠާނުގެ މާނަ ދީނުގައި އައިސްފާވާ ގޮތާއި ޚިލާފަށް ކުރެއެވެ. ޝައިޚުލް އިސްލާމް އިބްނު ތައިމިޔާ ވިދާޅުވެފައިވެއެވެ. ” ހުރިހާ އުއްމަތެއްގެ މީހުންވެސް ޖިންނި ޤަބޫލުކުރެއެވެ. ބަޔާންކުރެވޭ ވަރަށްވުރެ ގިންގުނަ ވާހަކަތަށް ޖިންނިއާމެދު އެބައިމީހުން ކިޔައި އުޅެއެވެ. މަދު ޢަދަދެއްގެ ފިލޯސަފަރުންނާއި، ޑޮކްޓަރުންނާއި، އެފަދަ ބައެއް މީހުން ފިޔަވައި، ޖިންނިއަކީ ވާ އެއްޗެއް ކަމަށް އެންމެންވެސް ޤަބޫލުކުރެއެވެ. އޭގެ ޖަމާޢަތެއްގެ ބަޔަކު، ޖިންނީން ޤަބޫލުކުރެއެވެ.” (މަޖްމޫޢުލް ފަތާވާ 19/32 ގައި އިބްނު ތައިމިޔާ). ޤުރުއާނުގައި ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުތަކަށް ބަލައިލުމުންވެސް ޖިންނިއަކީ އުޅޭ އެއްޗެއްކަން ވަރަށް ސާފުވެއެވެ. ވީއިރު މިކަމަށް އިންކާރުކުރުންވާނީ ކާފިރުވުންކަމުގައެވެ. ﷲ ވަޙީކުރެއވިއެވެ.

قُلْ أُوحِيَ إِلَيَّ أَنَّهُ اسْتَمَعَ نَفَرٌ مِّنَ الْجِنِّ فَقَالُوا إِنَّا سَمِعْنَا قُرْآنًا عَجَبًا ﴿١﴾(سورة الجن 1)

މާނައީ: ” ކަލޭގެފާނު ވިދާޅުވާށެވެ! ޖިންނީންގެ ތެރެއިން ބަޔަކު (قرآن ގެ) އަޑު އަހައިފިކަމަށް، ތިމަންކަލޭގެފާނަށް وحى އިއްވަވައިފިއެވެ. ފަހެ (އެއުރެންގެ قوم ގެމީހުންނަށް) އެއުރެން ބުނޫއެވެ. ހަމަކަށަވަރުން، ތިމަންމެން عجائب ވާފަދަ قرآن އެއްގެ އަޑު އަހައިފީމުއެވެ.”

މިފަދަ ދަލީލުތަކާއިމެދު ހަމަބުއްދި ހުރި މުސްލިމަކު އިންކާރުނުކުރާނެކަން ކަށަވަރެވެ.

ޙިޔާލުފާޅުކުރައްވާ

0 ކޮމެންޓު