ދިވެހިރާއްޖެ މިއަދު މިވަނީ ސިހުރުގެ ހާއްޔަކަށް ބަދަލުވެފައި ކަމުގައި ދެންނެވުން ދޮގަކަށް ނުވާނެއެވެ. އެމީހަކު ހިތް އެދޭ ކަމެއް، ހަމަ ނުވާ ކޮންމެ ހިނދަކު އެނބުރިގަންނަނީ ކޮންމެވެސް ސިހުރުވެރިއެއްގެ ކައިރިއަށެވެ. އެމީހުން ކިބައިން އެ ހާޖަތްތައް ފުއްދޭތޯއެވެ. އެމީހުންގެ ކިބައިން ބޮޑެތި ފައިދާތަކެއް ވާކަމަށް ހީކޮށެވެ. މިހެން މިކަން ދިމާވަނީ ސަބަބުތަކެއް ނެތިއެއްވެސް ނޫނެވެ. އަހަރެމުންގެ ކިބައިގައިވާ އީމާންތެރިކަން ބަލިކަށިވުމާއި ، މިކަމަކީ ކިހާވަރެއްގެ ނުބައި ޝިރުކުގެ ޢަމަލެއްކަން މީހުނަށް ފުރިހަމައަށް އެނގިފައި ނުވުމަކީ މައިގަނޑު ދެ ސަބަބެވެ. ހަމައެހެންމެ ނުބައި ޢަމަލެއްކަން އެނގި ހުރެވެސް މީހަގެ ކިބައިގއިވާ ޖާހިލުކަމުންނާއި ހަސަދަވެރިކަމުގެ ބަލިމަޑުކަމުގެ ސަބަބުން ގޮތްދޫނުކުރާންވެސް މިކަން ކުރާ މީހުންވެސް މަދެކޭ ނުދެންނެވޭނެއެވެ. މީގެ އިތުރުން ސިހުރު ހަދާ މީހުނާމެދު އިސްލާމީ ޝަރީޢަތުގައިވާ ހައްޤު އަދަބު ތަންފީޒު ނުކުރެވުމަކީވެސް މިކަން ނުހުއްޓުވިގެން އުޅޭ ސަބަބުތަކަށް އިތުރުކޮށްލެވޭ ބޮޅަަކަށް ނުވެނުދާނެއެވެ. މިހެންކަމުން ސިހުރުގެ ވޭން ތަހައްމަލު ކުރަމުންގެންދަނީ އަޅުގަނޑުމެންގެ ތެރެއިން އެތައް ފަރުދުންނެކެވެ.
ކޮންމެއަކަސް މިފަދަ ސިހުރުގެ ކަންތައްތަކަށް ފަރުވާހޯދަމުންދާ ބޭފުޅުން ދުވަހެއް ދުވަހަކަށް މިދަނީ އިތުރުވަމުންނެވެ. އަދި ފަރުވާގެ މުއްދަތު ދިގުވެ، ވާނުވާ ނޭނގި އުޅެމުންދާ ފަރާތްތަކެއްވެސް އުޅެމުންދިއުމަކީ ހަމަ ވަރަށް ގާތްކަމެކެވެ. މިލިޔުމުގައި އަޅުގަނޑު ހިއްސާކޮށްލަން ބޭނުންވަނީ މީހަކަށް ސިހުރު ޖެހިފއިވާނަމަ، ކީރިތި ޤުރުއާނުގެ އަލީގައި އެމީހަކަށް ސިހުރުހަދާފައިވާ ގޮތް މާތް ﷲ ގެ ވާގިފުޅާއެކު ދެނެގަތުމަށް ކުރެވިދާނެ ދެކަމެކެވެ. މިދެގޮތަކީވެސް އަޅުގަނޑު ތަޖުރިބާކޮށްފައިވާ ދެގޮތެވެ. ވީމާ މިކަން ހުރިހާ ބޭފުޅުންނާ ހިއްސާކޮށްލުމަކީ މުހިއްމު ކަމެއްކަމުގައި ދެކެމެވެ. ތަޖުރިބާއަކީ ކޮންމެފަހަރަކު އެއްގޮތަކަށް ދިމާވުން ލާޒިމުކުރާ، ނުވަތަ ތަޖުރިބާ ހިއްސާ ކުރުމަކީ ކަމެއް ޝަރުޢުކުރުން ނޫންކަންވެސް ހަނދުމަފުޅުކޮށް އަރުވަމެވެ. ހުއްދަ މިންގަނޑުގައި ކުރެވޭ ރުޤްޔާގެ ތަޖުރިބާއެއްގެ ގޮތުން މިކަން މިޙިއްސާކޮށްލަނީ ފަހަރުގައި މިކަމުން އެތައްބަޔަކަށް މާތް ﷲގެ އިރާދަފުޅުން މަންފާއެއް ކޮށްފާނެ ކަމުގެ އުއްމީދުގައެވެ.
ފުރަތަމަ ގޮތް :
ވުލޫ ކޮށްލުމަށްފަހު ﷲ ގެ ހަޟްރަތަށް ސުންނަތް ދެރަކުޢަތުގެ ނަމާދެއްކޮށް ކޮށްލާށެވެ.( ދަންވަރު ގަޑީގައި ކޮށްލުން މުހިންމެވެ ). ސުންނަތް ނަމާދެއްކަމުން ބޮޑަށް ރަނގަޅީ ގޭގައި ކޮށްލުމެވެ. ސަބަބަކީ ރަސުލުﷲ صلى الله عليه وسلم އަންގަވާފައިވަނިީ ސުންނަތްނަމާދު ގޭގައި ކުރުމަށް ކަމަށްވާތީއެވެ. އެެއަށްފަހު، ދުޢާ ކުރުމަށް ދެއަތްއުފުލާ ﷲ އަށް ޙަމްދު ޘަނާ ދެންނެވުމަށްފަހު ރަސޫލުﷲ صلى الله عليه وسلم ގެ މައްޗަށް ޞަލަވާތްކިޔަވާނީއެވެ. އެއްފަހަރު ޞަލަވާތް ކިޔުމުންވެސް ފުދޭނެއެވެ. އެއަށްފަހު އަންނަނިވި އާޔަތް ކިޔަވާށެވެ.
” وَعِندَهُ مَفَاتِحُ الْغَيْبِ لَا يَعْلَمُهَا إِلَّا هُوَ ۚ وَيَعْلَمُ مَا فِي الْبَرِّ وَالْبَحْرِ ۚ وَمَا تَسْقُطُ مِن وَرَقَةٍ إِلَّا يَعْلَمُهَا وَلَا حَبَّةٍ فِي ظُلُمَاتِ الْأَرْضِ وَلَا رَطْبٍ وَلَا يَابِسٍ إِلَّا فِي كِتَابٍ مُّبِينٍ ” (سورة الأنعام 59 )
މާނައީ ” އަދި غيب ގެ ތަޅުދަނޑިތައްވަނީ، އެކަލާނގެ حضرة ގައެވެ. އެކަލާނގެ މެނުވީ، އެކަންތައްތައް ދެނެވޮޑިގެންނުވެތެވެ. އެއްގަމާއި، ކަނޑުގައިވާ ކަންތައްތައް އެކަލާނގެ ދެނެވޮޑިގެންވެތެވެ. އެކަލާނގެ ދެނެވޮޑިގެން މެނުވީ ގަހެއްގެ ފަތެއްވެސް ނުވެއްޓެއެވެ. އަދި ބިމުގެ އަނދިރިކަމުގެ ތެރޭގައިވާ އޮށްޓަރެއްވިޔަސް، އަދި ރޯއެއްޗެއްވިޔަސް، ހިކިއެއްޗެއްވިޔަސް، ބަޔާންވެގެންވާ ފޮތެއްގައި (ލިޔުއްވާފައި) މެނުވީ ނުވެތެވެ. “
މިއާޔަތް ކިޔެވުމަށްފަހު ދެން ތިބާއަށް ޖެހިފައިވާ ސިހުރުދެއްކެވުމަށް އެދި ﷲ ގެ ހަޟްރަތުގައި މަޑުމޮޅިކަމާއި އިޚްލާސްތެރިކަމާއެކު ދަންނަވާށެވެ. ދެން ދުޢާ ނިންމުމުގެ ގޮތުން ރަސޫލުﷲ صلى الله عليه وسلم ޞަލަވާތް ކިޔަވާށެވެ. ދުޢާދެންނެވުމަށްފަހު ނިދަން އޮށޯންނާށެވެ. މާތް ﷲ އިރާދަކުރެއްވިއްޔާ ތިބާއަށް ހުވަފެނުގައި ސިހުރު ހަދާފއިވާ ގޮތް އަދި ސިހުރުހަދާފައިވާ ތަން ދައްކަވާނެއެވެ. ދުޢާކުރުމުގައި ﷲ އަށް ޔަޤީންކަން ބޭއްވުމާއި އިޚްލާޞްތެރިވުން މުހިއްމެވެ. އަދި ގިނަގިނައިން ދުޢާކުރުން އެދެވިގެންވެއެވެ.
ދެވެނަގޮތް:
ވުލޫކޮށްލުމަށްފަހު ނިދަން އޮށޯވެ، ނިދުމުގެ ކުރިން ކިޔަވަން ޖެހޭ ދުޢާތައް ކިޔާށެވެ. އެއަށްފަހު، ﷲ އަށް ޙަމްދު ޘަނާ ދެންނެވުމަށްފަހު ރަސޫލުﷲ صلى الله عليه وسلم މައްޗަށް ސަލަވާތްކިޔަވާށެވެ. އެއަށްފަހު އަންނަނިވި އާޔަތް ކިޔަވާށެވެ.
سُبْحَانَكَ لَا عِلْمَ لَنَا إِلَّا مَا عَلَّمْتَنَا ۖ إِنَّكَ أَنتَ الْعَلِيمُ الْحَكِيمُ (سورة البقرة 32 )
“އިބަރަސްކަލާނގެ ހުސްطاهر ވަންތަކަމާއެވެ! އިބަރަސްކަލާނގެ އަޅަމެންނަށް އުނގަންނަވައިދެއްވި އެއްޗެއް މެނުވީ، އަޅަމެންނަކަށް އެނގުމެއް ނުވެއެވެ. ހަމަކަށަވަރުން އިބަރަސްކަލާނގެއީ، މޮޅަށް ދެނެވޮޑިގެންވާ حكيم ވަންތަ ރަސްކަލާނގެއެވެ.”
މިއާޔަތް ކިޔެވުމަށްފަހު އަލުން ޞަލަވާތްކިޔަވާށެވެ. އެއަށްފަހު ތިބާއަށް ސިހުރުހަދާފައިވާ ގޮތާއި، ސިހުރުހަދާފައިވާ ތަން ދެއްކެވުމަށްއެދި ﷲ ގެ ހަޟްރަތުގއަި ދަންނަވާށެވެ.
އިން ޝާ ﷲ ތިބާއަށް ކުރިން ދެންނެވިފަދައިން ހުވަފެނުގައި ސިހުރު ހަދާފައިވާގޮތާއި ތަން ދައްކަވާނެވެ.
އަޅުގަނޑުގެ ދުޢާއަކީ އިސްވެ ބަޔާންވެ ދިޔަ ދުޢާތަކުން މާތް ﷲ ހުރިހާބޭފުޅުންނަށްވެސް ފައިދާއެއްދެއްވުމެވެ. އަބަދުވެސް ﷲ އަށް ވަކީލުކުރާ މީހެއްކަމުގައި ވާށެވެ. ﷲގެ ނަޞްރުވަނީ އަކަލާނގެ އަށް ވަކީލުކުރާ މީހުންނާ އެކުގައެވެ. والله أعلم
ނޯޓް : ރަސޫލާ صلى الله عليه وسلم ގެ މައްޗަށް ޞަލަވާތް ކިޔެވުމުގައި އިބްރާހީމް ޞަލަވާތް ބޭނުން ކުރެވިދާނެއެވެ. އެއީ اللهم صلِّ على محمد و على آلِ محمد كما صلِّيت على إبراهيم و على آلِ إبراهيم إنَّك حميد مجيد، وبارك على محمد و على آلِ محمد كما باركت على إبراهيم و على آلِ إبراهيم إنَّك حميدٌ مجيد މިއެވެ.
Jazaakumullahi hairan