ސުވާލު: ރުޤްޔާކުރާ ބައެއް ރާޤީން އެކި ބަލިބައްޔަށް އެކި އާޔަތް ކަނޑައާޅާ ވަކި ޢަދަދަކަށް ކިޔަވާ އުޅެއެވެ. އެހެންނަމަވެސް އެބައިމީހުން ޤަބޫލުކުރާގޮތުގައި ފަރުވާލިބެނީ އެއަދަދު ހަމަކޮށް ކިޔެވުމުން އެޢަދަދުގެ ސަބަބަކުން ނޫނެވެ. މިފަދަ ގޮތަކަށް ޚާއްޞަކޮށް ޢަދަދު ކަނޑައަޅައިގެން ކިޔެވުމަކީ ކޮންކަހަލަ ކަމެއްތޯއެވެ؟

ޖަވާބު: ޝައްކެއްނެތް ގޮތުގައި ޤުރުއާނަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ ޤުރުއާނުގެ އަންނަނިވި އާޔަތްތަކުގައި ބަޔާންކުރައްވާފައިވާ ފަދައިން ޝިފާއެކެވެ.

Close Ad XGet My Ruqya Android App On Google Play

(1)  “قُلْ هُوَ لِلَّذِينَ آمَنُوا هُدًى وَشِفَاءٌ ۖ ”     فصلت: ٤٤  މާނައީ: ” ވިދާޅުވާށެވެ ! އެޤުރުއާނަކީ އީމާންވީ މީހުންގެ މައްޗަށްވާ ޝިފާއެކެވެ. އަދި ހިދާޔަތެކެވެ.”

(2)   ” يَا أَيُّهَا النَّاسُ قَدْ جَاءَتْكُم مَّوْعِظَةٌ مِّن رَّبِّكُمْ وَشِفَاءٌ لِّمَا فِي الصُّدُورِ وَهُدًى وَرَحْمَةٌ لِّلْمُؤْمِنِينَ ﴿٥٧﴾”  يونس: ٥٧ މާނައީ: “އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިއިލާހުގެ ޙަޟްރަތުން ތިޔަބައިމީހުންގެ ގާތަށް ވަޢުޟާއި، ހިތްތަކުގައިވާ ބަލިތަކަށް ޝިފާއަކާއި، މުއުމިނުންނަށް ތެދުމަގާއި ރަޙްމަތް އަތުވެއްޖެކަން ކަށަވަރެވެ. ” (ޔޫނުސް 57)

(3)  ” وَنُنَزِّلُ مِنَ الْقُرْآنِ مَا هُوَ شِفَاءٌ وَرَحْمَةٌ لِّلْمُؤْمِنِينَ ۙ ”     الإسراء: ٨٢ މާނައީ” ތިމަންއިލާހުގެ ޤުރުއާނުން މުއުމިނުންނަށް ރަޙްމަތާއި ޝިފާކަމުގައިވާ ތަކެތި ބާވައިލައްވަމެވެ.” (އިސްރާ 82)

ބަޔާންވެދިޔަ އާޔަތްތައް ދަލީލުކުރަނީ މައިގަނޑުގޮތެއްގައި މުޅި ޤުރުއާނަކީ ޝިފާއެއްކަމެވެ. ހަމަ އެއާއެކު ބައެއް އާޔަތްތަކަކީ ޚާއްޞަކޮށް ބޮޑަށް އަސަރުކުރުވާ އާޔަތްތަކެކެވެ. “ސޫރަތުލް ފާތިޙާ، އާޔަތުލް ކުރުސި، އައްނާސި ސޫރަތާއި، އަލްފަލަޤް ސޫރަތް އަދި އަލް ބަޤަރާ ސޫރަތުގެ ފަހު ދެއާޔަތް” ފަދައިންނެވެ. ސޫރަތުލް ފާތިޙާއާއި ބެހޭގޮތުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ސޫރަތުލް ފާތިޙާ ރުޤްޔާއެއްގެ ގޮތުގައި ކިޔަވާވިދާޅުވި ޞަޙާބީއަށް ޙަދީޘްފުޅު ކުރެއްވިއެވެ. ” އެއީ ރުޤްޔާއެއްކަން ތިޔަބޭފުޅާއަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ.؟(މުއްތަފަޤުން ޢަލައިހި)” އަދި ފަލަޤް ސޫރަތާއި ނާސި ސޫރަތާއި ބެހޭގޮތުން ޙަދީޘް ކުރައްވާފައި ވެއެވެ.” އެދެސޫރަތްފަދަ އެއްޗަކުން ތިޔަބައިމީހުން ރައްކާތެރިކަން ލިބިގަންނާށެވެ.” (އައް ނަސާއި 5865 ކިތާބުލް އިސްތިޢާޛާ). މިފަދަ އާޔަތްތަކާއި ސޫރަތްތައް ތަކުރާރުކޮށް ކިޔުމަށް ބަލާނަމަ އެކަން ގުޅެނީ އެކިޔަވާ އެއްޗަކާއެވެ. އެއްފަހަރު ނުވަތަ އެއަށްވުރެ ގިނަ ޢަދަދަކަށް ކިޔެވިކަމުގައި ވީނަމަވެސްމެއެވެ. އަދި ގިނައިން ކިޔެވި ވަރަކަށް ރުޤްޔާގެ އަސަރު ގަދަވެ ފައިދާ ބޮޑުވާނެއެވެ. (ފަތާވާ ޛަހަބިއްޔާ ފިއް ރުޤާ އައް ޝަރުޢިއްޔާ: ފަތުވާ ދެއްވީ ޝެއިޚް ޢަބްލުﷲ އަލް ޖިބްރީން)

އަދިވެސް ހަމަ މިމައްސަލައިގައި ކުރެވިފައިވާ ސުވާލަކަށް ޝެއިޚް ޖިބްރީން ދެއްވާފައިވާ ޖަވާބުގެ ބައެއް ނަޤުލުކޮށްލާނަމެވެ.

“ސިޙުރަށް އަދި ޖިންސީ ނުކުޅެދުންތެރިކަމަށް ފަރުވާކުރުމުގައި ސިޙްރުގެ ވާހަކަތައް ނަންގަނެވިފައިހުރި ސޫރަތްތައްކަމުގައިވާ  ޠާހާ، އަޢުރާފު، އަދި ޔޫނުސް މިސޫރަތްތަކުގެ އާޔަތްތައް ފައިދާ ބޮޑުކަމުގައިވަނީ ސާބިތުވެފައެވެ. ޝައިޠާނީ ކަންކަމުން ރައްކާތެރިވުމަށް ފައިދާބޮޑު އަސަރުގަދަ ތަކެތި ކަމުގައި ފަލަޤް ސޫރަތާއި ނާސި ސޫރަތް ވަނީ ފާހަގަވެފައެވެ. މިގޮތުން ބަލާއިރު ކިޔެވުންތަކާއި ޛިކުރުތަކާއި ދުޢާތައް، ރައްކާތެރި ކަމަށްޓަކައި ކިޔެވުން ވަނީ އެދެވިގެންނެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާދަކުރައްވާ އާޔަތުލް ކުރުސި، އިޚްލާޞް، ފަލަޤް، ނާސް ސޫރަތް ކިޔަވާވިދާޅުވެ ދެއަތްޕުޅަށް ފުމެލައްވައި ދެއަތްޕުޅުން ހަށިކޮޅުގައި އަތްފިރުއްމަވާކަމަށް ވާރިދުވެފައިވެއެވެ. އެހެން ކަމުން މިއިން އެއްވެސް ކަމަކީ މަނާކުރެވޭނެ ކަމެއްނޫނެވެ. އަދި އެންމެ މޮޅަށް ދެނެވޮޑިގެންވަނީ މާތް ﷲ އެވެ.” މިފަދައިން ޝެއިޚު ޖިބްރީން ފަތުވާ ދެއްވާފައިވެއެވެ.

     ކަން މިހެން އޮތްނަމަވެސް ބައެއް ފަރާތްތަކުން މިމައްސަލައިގައި ޚިޔާލުތަފާތުވެ ޝައްކުތައް އުފައްދާފައި ވެއެވެ. އަދި ބައެއް ބޭފުޅުން އެއީ ގޯހެއްކަމުގައި ވިދާޅުވެއެވެ. ގޯސްކަމަށް ވިދާޅުވާ ބޭފުޅުން އެވިދާޅުވާ ވިދާޅުވުމަކީ އެއްމާނައެއްގައި ރަނގަޅު ވިދާޅުވުމެކެވެ. އެއީ، ފަރުވާ ލިބެނީ ކިޔެވޭ ޢަދަދުންކަމަށް ދެކި، އަދި ވަކި އާޔަތެއް ވަކި ކަމަކަށް ވިއްޔާ ކިޔަވަން ޖެހޭނީ ވަކި ޢަދަދަކަށް ކަމަށް ދެކިގެން (މިސާލަކަށް، ހުން އައިސްފިނަމަ މިވެނި އާޔަތެއް ކިޔަން ޖެހޭނީ 100 ފަހަރު ކަމަށާއި އެއަށްވުރެ ގިނަ ނުވަތަ މަދު ނަމަ އެކަން ގޯސްވާނެކަމަށާއި، އެހެން ކަމަކަށް ނަމަ އެއާޔަތް ކިޔަވަން ޖެހޭނީ 200 ފަހަރު ނުވަތަ އެހެން ޢަދަދަކަށް ކަމަށް ދެކިގެން) ޢަދަދު ކަނޑައަޅައިގެން ކިޔަވާނަމަ އެޢަމަލު އެވަނީ ތަވްޙީދާއި ފުށުއަރާފައެވެ. ސަބަބަކީ ޝިފާ ދެއްވަނީ ވަކި އާޔަތެއް، ވަކި ޢަދަދަކަށް ކިޔެވުމަކުން ނޫނެވެ. އަދި ކިއެއްތަ، ޤުރުއާނުގެ އެއްވެސް އާޔަތަކީ ވަކި ޢަދަދަކަށްވުރެ ގިނައިން ކިޔެވުން މަނާވާ އާޔަތެއްނޫނެވެ. ހަމަ އެއާއި އެކު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަކި ޢަދަދަކަށް ކިޔަވަން އަންގަވާފައިވާ އެއްޗެއްވެސް އެއަށްވުރެ ގިނައިން ކިޔެވުން މަނާ ނުކުރައްވާއިރު، އެއަށްވުރެ ގިނައިން ކިޔެވުން ފައިދާ ބޮޑުކަމުގައި ދޭހަވާ ޙަދީޘްފުޅު އެބައޮތެވެ.

     އެހެންކަމުން މިމައްސަލައިގައި އެންމެ ރަނގަޅު ގޮތަކީ، އެކިޔެވޭ އާޔަތެއް އެ ޢަދަދަކަށް އެކިޔަވަނީ، ޝިފާ ލިބެނީ އެޢަދަދަށް ކިޔެވުމުން ނޫންކަމާއި، ޝިފާ ދެއްވަނީ ހަމައެކަނި ﷲ ސުބުޙާނަހޫ ވަތަޢާލާކަން ޤަބޫލުކުރާ ޙާލު، އަދި އެއަށްވުރެ ގިނައިންވެސް ނުވަތަ މަދުންވެސް ކިޔެވިދާނެކަން ޤަބޫލުކުރާ ޙާލު، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކި ދުޢާތައް ކިޔުއްވާފައިވާ ޢަދަދުތައް، ނުވަތަ އޮނަހިރި ޢަދަދެއް އިޚްތިޔާރުކޮށްގެން ނުވަތަ ފައިދާ ބޮޑުކަމަށް ތަޖުރިބާވެފައިވާ މިންވަރަކަށް ކިޔެވުމަކީ މައްސަލައެއް ނޫނެވެ. އެހެންނަމަވެސް ވަކި ޢަދަދަކަށް ވަކި އެއްޗެއް ވަކި ކަމަކަށް ކިޔައިގެން ނޫނީ ފަރުވާ ނުލިބޭނެކަމަށް ބަލައިގެން ޢަދަދަކަށް ކިޔެވުމަކީ އެރުޤްޔާ އެމަގުން ކުރުން ހުއްދަވެގެންވާ ކަމެއްނޫނެވެ. އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.

ބައްލަވާ: http://www.rqya.com/vb/showthread.php?t=5 
ބައްލަވާ: فتاوى ذهبية في رقى الشرعية

ގުޅުން ހުރި ލިޔުން: http://maithiri.com/?p=708

 

(އެޑްމިން ނޯޓް: މިމައްސަލައިގައި އަޅުގަނޑުމެން (ސްޕިރިޗުއަލް ހީލާރޒް އޮފް މޯލްޑިވްސް އާއި ޖަމްޢިއްޔަތުލް ބަޔާން ގުޅިގެން) ހިންގި ރުޤްޔާ ކޯހުގައިވެސް ވާނީ އެކި ޝެއިޚުން މިމައްސަލައާއިމެދު ވާހަކަފުޅުދައްކަވާފައެވެ. އަދި ކިޔަވައިދެވިފައިވާނީ މިލިޔުމުގައި މިވާ މިންގަނޑަށެވެ.) 

ޙިޔާލުފާޅުކުރައްވާ

0 ކޮމެންޓު