ކައިވެނި ނުކުރެވޭގޮތަށް ހަދާ ސިހުރުގެ ފަރުވާ

ކައިވެންޏަކީ ތިމާގެ ޙަޤީޤީ ދުނިޔަވީ ޙަޔާތެވެ. އެކަން ކޮށްފިމީހާ އެފުރިހަމަކުރީ ދީނުގެ ދެބައިކުޅަ އެއްބައެވެ. ދިރިއުޅުން އާރާސްތު,ކޮށް ރަނގަޅު މުޖުތަމަޢެއް ހެޔޮގޮތުގައި އާލާކުރެވެނީ ކައިވެނީގެ ގުޅުމަކުންނެވެ. ތިމާގެ ޝަހުވާނީ އެދުންތައް ރަމަތަ ނުކުރެވި ޒިނޭއަށް އަރައިގަނެވޭ ހިސާބަށް ޣަރީޒާތައް އުތުރިއަރައިފި މީހާގެ މައްޗަށް ކައިވެނި ކުރުން ވާޖިބެވެ. ހަމަ އެހެންމެ ކައިވެންޏަކީ އިސްލާމްދީން ނުހަނު ބާރުއަޅާފައިވާ ކަމެކެވެ. މާތް ﷲ ނިސާ ސޫރަތުގައި ވަޙީކުރެއްވިއެވެ.

وَإِنْ خِفْتُمْ أَلَّا تُقْسِطُوا فِي الْيَتَامَىٰ فَانكِحُوا مَا طَابَ لَكُم مِّنَ النِّسَاءِ مَثْنَىٰ وَثُلَاثَ وَرُبَاعَ ۖ فَإِنْ خِفْتُمْ أَلَّا تَعْدِلُوا فَوَاحِدَةً أَوْ مَا مَلَكَتْ أَيْمَانُكُمْ ۚ ذَٰلِكَ أَدْنَىٰ أَلَّا تَعُولُوا ﴿٣

Close Ad XGet My Ruqya Android App On Google Play

މާނައީ: “ޔަތީމުންނާމެދު، ޢަދުލުވެރި ނުވެވޭނެކަމަށް ތިޔަބައިމީހުންނަށް ހީވެ، ބިރުގެންފިނަމަ (އެބަހީ: ތިޔަބައިމީހުންގެ ބެލުމުގެ ދަށުގައިވާ ޔަތީމު އަންހެން ކުދިންނާ ކާވެނިކުރުމުގައި، ޢަދުލުވެރި ނުވެވޭނެކަމަށް ހީވާނަމަ، އެނޫން) އަންހެނުންގެ ތެރެއިން، ތިޔަބައިމީހުން ހިތްރުހޭ ބަޔަކާ ކާވެނިކުރާށެވެ! ދެމީހުނާއެވެ. ނުވަތަ ތިންމީހުނާއެވެ. ނުވަތަ ހަތަރުމީހުނާއެވެ. ފަހެ، ޢަދުލުވެރި ނުވެވޭނެކަމަށް ބިރުގެންފިނަމަ، އެކަކާއެވެ. ނުވަތަ، ތިޔަބައިމީހުންނަށް މިލްކުވެގެންވާ އަޅު އަންހެނުންނާއެވެ. އެގޮތް ތިޔަބައިމީހުން އަނިޔާވެރިނުވުމާ ގާތްކަން ބޮޑެވެ. “

ހަމަ އެހެންމެ މީހުނާއި ނުއިނދެތިބޭ މީހުން، ކައިވެނި ކުރުވުމަށްވެސް އިލްސާމްދީން ބާރުއަޅައެވެ. މިކަން ބަޔާންކުރައްވާ މާތް ﷲ ނޫރު ސޫރަތުގައި ވަޙީކުރެއްވިއެވެ.

وَأَنكِحُوا الْأَيَامَىٰ مِنكُمْ وَالصَّالِحِينَ مِنْ عِبَادِكُمْ وَإِمَائِكُمْ ۚ إِن يَكُونُوا فُقَرَاءَ يُغْنِهِمُ اللَّـهُ مِن فَضْلِهِ ۗ وَاللَّـهُ وَاسِعٌ عَلِيمٌ ﴿٣٢﴾

މާނައީ: “އަދި ތިޔަބައިމީހުންގެ ތެރެއިން މީހުނާ ނުއިނދެތިބޭ މީހުން، ތިޔަބައިމީހުން (މީހުނާ) ދެވާށެވެ! އަދި ތިޔަބައިމީހުންގެ ފިރިހެން އަޅުންނާއި، އަންހެން އަޅުންގެ ތެރެއިން ހެޔޮލަފާ މީހުންވެސްމެއެވެ. އެއުރެންނީ، ފަޤީރުން ކަމުގައިވާނަމަ، އެކަލާނގެ ފަޟްލުވަންތަކަމުން، އެކަލާނގެ އެއުރެން މުއްސަނދިކުރައްވައިފާނެތެވެ. اللَّهއީ، ތަނަވަސްވަންތަ، މޮޅަށްދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.”

އަޅުގަނޑުމެންނީ މުސްލިމުންނަށް ވީހިނދު، ފާޙިޝް ކަންކަމުން ސަލާމަތްވެގެން ތިބެ ދިރިއުޅުމުގެ ޙަޔާތް ވޭތުކުރަން ހަމަ ކޮންމެ މީހަކުވެސް އެދެމުއެވެ. ޒުވާންކަމުގެ އުމުރަށް ތިމާފޯރާ، ފައްކާވުމާއެކު، ތިމާގެ ހަށިގަނޑުގެ އެދުންތައް ޝަހުވަތާއިދިމާއަށް ދަތުރުކުރެއެވެ. ޒުވާން އުމުރުގައި މިކަންކަން ﷲ އެންގެވިގޮތަށް ކުރުމަށްޓަކައި ކައިވެނިކުރުމަކީ މުހިއްމު ކަމެކެވެ. އަދި ކޮންމެ މީހަކަށްވެސް ތިމާގެ ޙަޔާތުގައި އަންނަ އެންމެ އުފާވެރިދުވަހެއްކަމުގައި ވެފައި އޮންނަ އެއްދުވަހަކީ އެމީހަކު ކައިވެންޏެއްކޮށް ޒަވާޖީ ޙަޔާތެއް ފަށާދުވަހެވެ.

ކަންމިހެން އޮތްއިރު، އަހަރެމެންގެ ތެރެއިން އެއްބަޔަކު މާތް ﷲގެ ރަޙްމަތާއި އެކު ކައިވެނީގެ އުފާ ޙަސިލްކޮ ދިރިއުޅުން ވޭތުކުރަމުން ދާއިރު އަނެއްބަޔަކު ތިބީ އެކަމަށް އެދިއެދިއެވެ. އޭގެތެރެއިން އެއްބަޔަކު ތިބީ އެކަމަށް ނުކުޅެދިފައެވެ. ބައެއްމީހުން އަދި އެފަދަ ދިރިއުޅުމެއް އުޅެވޭހާ ތަނަވަސްކަން ނެތިގެނެވެ. އަނެއްބަޔަކު ތަނަވަސްކަމާއި ޤާބިލުކަން ހުރިނަމަވެސް، އަދި ކައިވެނި ކުރަން އެތައް މަސައްކަތެއްކުރާއިރުވެސް އެކަން ނުކުރެވިފައި އެބަތިބިކަން ކަށަވަރެވެ. މިކަން މިހެން ދިމާވަނީ ކީއްވެކަން ނޭނގި މާޔޫސްކަމުގައި ޖެހި ފާފަތަކަށް އަރައިގަނެވޭމީހުންވެސް މަދެއްނޫނެވެ. އަނެއްބަޔަކު ފާފައަކަށް އަރައި ނުގަނެ ކެތްތެރިވީނަމަވެސް، އެބައިމީހުންނަށް އިޙްސާސްވެފައިވަނީ ގޮތްހުސްވުމާއި ހާސްކަމެވެ. ޙަޔާތުގެ ބަނަކަމާއި ނާކާމިޔާބީއެވެ.

ކޮންމެއަކަސް މިފަހަރު މިބަލައިލަނީ، މިފަދައިން ކައިވެނި ނުކުރެވިފައިތިބޭ މީހުންނަށް މިކަން ދިމާވުމުގެ ސަބަބުތަކުގެ ތެރެއިން ސަބަބު ތަކކަށެވެ. ގިނަބަޔަކަށް އަދާޖެހެންދެން ޙަޤީޤަތް ނޭނގިފައިވާ ސަބަބުތަކެކެވެ. ސަބަބު އެނގުނުނަމަވެސް ޙައްލުކުރާނެގޮތް ނޭނގިފައި ހުރި ކަންތައްތަކެކެވެ. އާއެކެވެ. ފިތުނަވެރި، ކެހިވެރި މިދުނިޔޭގައި، ތިމާއަށް ހެޔޮގޮތް އެދުމުގެ ބަދަލުގައި، ގެއްލުމާއި ޙަލާކަށް އެދިތިބި ޙަސަދަވެރީން ބައިވަރު އުޅެއެވެ. އަދި ކިއެއްހެއްޔެވެ؟ ތިމާއަށް ލިބޭ ކޮންމެ ނިޢުމަތަކީ އެނިޢުމަތަކާއި މެދު ކޮންމެވެސް މީހަކު ޙަސަދަވެރިވާނެ ނިޢުމަތެއްކަމުގއި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ޙަދީޘްކުރައްވާފައެވެ. އެހެންކަމުން ޙަސަދަވާމީހާ އަބަދުވެސް އެދޭނީ އޭނާއަށް ނިޢުމަތެއް ނުލިބުމަށެވެ. އަދި ތިމާއަށް ލިބިފައިވާ ނިޢުމަތް ތިމާގެ ކިބައިން ފިލާގޮސް އެމީހާއަށް އެކަން ލިބުމަށް ޙަސަދަވެރިޔާ އެދޭނެއެވެ. ވީއިރު، ތިމާއަށް އުފާވެރި ދިރިއުޅުމަކަށްޓަކައި، ކައިވެނީގެ އުފާ ލިބުމަށް އެފަދަމީހަކު ނޭދޭނެކަން ހަމަބުއްދި ހުރި ކޮންމެ އިންސާނަކު ޤަބޫލުކުރާނެއެވެ. މިފަދައިން ޙަސަދަވެރިވެ، އެމީހަކަށް ކުރެވުނު ކަމެއް އަނެކާއާ ދެކޮޅަށް ކުރެއެވެ. މިގޮތުން ޝައިޠާނާގެ ވާގިއެދި ސިހުރު ހަދައިގެންނަމަވެސް ހަސަދަވެރިޔާ ބަލަނީ އޭނާގެ މަޤްސަދު ޙާސިލްކުރެވޭތޯއެވެ. ކަމުގެ ނުބައިކަން އެފަދަމީހަކަށް އިޙްސާސެއް ނުވެއެވެ.

ކައިވެންޏަށް ހުރަސްއެޅި ކައިވެނި ނުކުރެވޭގޮތް ވުމުގައި ރޫޙާނީ ގޮތުން ދިމާވާ ސަބަބުތައް:

ކައިވެންޏަށް ހުރަސްއެޅި ކައިވެނި ނުކުރެވޭގޮތްވުމުގައި ރޫޙާނީގޮތުން ތަފާތު ސަބަބުތައް މެދުވެރިވެއެވެ. މިލިޔުމުގައި މިކަންކަމަށް ކުރުގޮތަކަށް އެހެންނަމަވެސް މުހިއްމު ބައިތައް ބަޔާންކޮށްދެވޭތޯ ﷲގެ ވާގިފުޅާއިއެކު މަސައްކަތްކުރާނަމެވެ.

 1-    ތިމާއާ ލޯބީގެ ގޮތުން ޖިންނިއެއް އަޅައިގަނެ އަވަލުން

2-     ޙަސަދައާއި އެސްފީނާ

3-     ސިހުރު

މިބައިތައް ކުރުގޮތަކަށް ބަޔާންކޮށްދެވޭތޮ ބަލައިލާނަމެވެ.

 1-    ތިމާއާއި ލޯބީގެ ގޮތުން ޖިންނިއެއް އަޅައިގަނެ އަވަލުން: ޖިންނީން އިންސާނުންނާއި އަޅައިގަންނަ ސަބަބުތަކުގެ ތެރެއިން އެއްސަބަބަކީ، އެސޮރުމެނަށް ތިމާފެނި، ތިމާއާއި ހިތާވެ ލޯބި ޖެހުމެވެ. އެސޮރުމެންގެ ލޯބިޖެހުމުގެ ވާހަކަތޯއެވެ. ފަހެ އެސޮރުމެން ލޯބިޖެހިއްޖެނަމަ އެލޯތްބަކީ، ތިމާ ޖިންސީގޮތުން ބޭނުންކޮށްލުމުގެ ލޯތްބެވެ. އެސޮރު ތިމާގެ ހަށިގަނޑުގައި ބީހި އެސޮރުގެ ހިތްއުފާކުރިއެއްކަމަކު، އެކަމުގެ ސަބަބުން ތިމާ ރޫޙާނީ ބަލިމީހަކަށްވެ، އޭގެސަބަބުން އެތައް ވޭނެއް އުފުލަން ޖެހެއެވެ. ބިރުވެރި ނުވަތަ ޝަހުވާނީ ހުވަފެންތަކުގެ ތެރެއަށް އޭނާ ޣަރަޤު ކޮށްލައެވެ. އެކަނި އަނދިރީގެތެރޭގައި ގައިންތާހިރުވެއުޅުމާއި ދުރުކޮށް ބައިންދައެވެ. އަޅުކަމާއި ޤުރުއާނާ ތިމާދުރުކުރެއެވެ. އަދިކިއެއްތަ، މީހުންގެ ތެރެއަށް ނިކުމެ އުޅުމާއި އެހެންމީހުނާއި ވާހަކަދައްކާ އުޅުމުގެ ޝައުޤުވެރިކަން ގެއްލުވާލައެވެ. މިހެންގޮސް އެކިމީހުނަށް އެކި ދަރަޖައަށް އުނދަގޫތައް ޖެހެއެވެ. ކޮންމެއަކަސް ލޯބީގެގޮތުން ތިމާއާ ޖިންނިއެއް އަވަލައިފި ނަމަ، އުމުރުދުވަހުވެސް، އެޖިންނި ފިޔަވައި އެހެންމީހަކު ތިމާގެ ހަށިގަނޑުގައި ބީހުމަކަށް ޖިންނި ނޭދޭނެއެވެ. އަދި އިންސާނަކުވިޔަސް އެހެން ޖިންނިއެއް ވިޔަސް ތިމާއާއި ކައިވެނިވުމަށް އަމްދުން ނުރުހޭނެއެވެ. އެގޮތުން ތިމާއާއި ކައިވެނިކުރަން އުޅޭ، ނުވަތަ ތިމާކައިވެނި ކުރަން އުޅޭމީހާއަށް ވަސްވާސްތައްދީ، ހުވަފެނުގައާއި އެހެންވެސް ގޮތްގޮތުން ބިރުދައްކާ ތިމާއާ ދުރުކުރުވައެވެ. އެއްވެސް ސަބަބެއް ނެތްފަދަ ވާނުވާ ނޭނގޭ ގޮތަކަށް އެކަން ރޫޅާލައެވެ. ކޮންމެއަކަސް މިއީ ވަރަށް ދިގު ތަފްސީލުތަކެއް ހުރި ވަކި މައުލޫއަކަށް ވާހަކަ ދެއްކޭނެ ބައެއްކަމުން މިވަރުން ކުރުކޮށްލަމެވެ.

2-     ޙަސަދައާއި އެސްފީނާ: ޙަސަދަވެރިކަމުގެ ސަބަބުން ތިމާއާއި ޙަސަދަވާމީހާއަށް ތިމާ ކައިވެންޏެއް ކުރަން ތައްޔާރުވާކަމުގެ މަޢުލޫމާތު ލިބުމާއިއެކު، އެކިގޮތްގޮތުން އެކަން ނިގުޅައިގަތުމަށް މަސައްކަތްކުރެއެވެ. މިގޮތުން ދޭތެރެޖެއްސުމާއި، ފިތުނަ އުފެއްދުމާއި، ސިހުރުހެދުން ހިމެނެއެވެ. އަދި އޭނާގެ ހަސަދަ އެސްފީނާއާއި އެކުވެ ރޫޙާނީގޮތުން އެކަމުގެ އަސަރުތައް ތިމާއަށް ކުރެއެވެ. އެކަމުގެ މެދުވެރިއެއްގެ ބައި ޖިންނި ޝައިޠާނުން ކުޅެއެވެ. އަނެއްބައިފަހަރު، މީހެއްގެ ހަސަދައެއްނެތި ހަމައެކަނި އެސްފީނާގެ ސަބަބުންވެސް ކައިވެންޏަށް ހުރަސް އެޅިދާނެއެވެ. އެސްފީނާއަކީ ޖިންނިއެއްގެ ފަރާތުންވެސް، އަދި އިންސާނެއްގެ ފަރާތުންވެސް ޖެހިދާނެއެއްޗެކެވެ.

3-     ސިހުރު: ހަސަދަވެރިޔާ ނުވަތަ ތިމާ ކައިވެންޏެއް ކުރިޔަ ނުދޭން ބެނުންވާ މީހާ ސިހުރުވެރިން ކައިރިއަށް ގޮސް ތިމާގެ މަޤުސަދު ޙާސިލްކުރުމަށްޓަކައި ސިހުރު ހަދައެވެ. މީގެ ސަބަބުން ޖިންނި ޝައިޠާނުން މެދުވެރިވެ ތިމާއާއި ކައިވެނިކުރަން އުޅޭމީހާއާއި ދެމެދަށް ތަފާތު ހުރަސްތައް ކުރިމަތިކުރުވައެވެ. ގިނަފަހަރަށް މިގޮތަށް އަންނަ ޖިންނީން ކުރިން ބުނިފަދައިން އެމީހާއާއި ހިތާވެ ޝަހުވާނީ ގޮތުން ތިމާގެ ބޭނުން ހިފުމުގައި ﷲ އިރާދަކުރެއްވި ވަގުތަކާއި ޖެހެންދެން ހުރެއެވެ.

ކައިވެންޏަށް ހުރަސްއަޅާ ސިހުރުގެ ޙަޤީޤަތް:

ޙަސަދަވެރިޔާ ނުވަތަ ރުޅިވެރިޔާ ސިހުރުވެރިޔާގެ ގާތަށް މިވެނި އެވެނި މީހެއްގެ ކައިވެނި ވިޔަނުދިނުމަށް ސިހުރު ހަދައިދިނުމަށް އެދިގެން ދެއެވެ. އަދި ސިހުރުވެރިޔާ އެމީހާގެ ނަމާއި މަންމަ ނަމާއި އެހެންވެސް ސިހުރު ހެދުމަށް ބޭނުންވާނެ އާލަތްތައް ގެނައުމަށް ބުނެއެވެ. އަދި ސިހުރުވެރިޔާ އެސިހުރު ހަދާދެއެވެ. އަދި ކައިވެނި ކުރުމަށް ހުރަސްތައް ކުރިމަތިކުރުވުމަށްޓަކައި ޖިންނިއެއް ނުވަތަ ބައިވަރު ޖިންނި ފޮނުވައެވެ. ނަތީޖާއެއްގެ ގޮތުން އަންހެން ކުއްޖާގެ ގަޔަށް ވަދެގަތުމަށްޓަކައި 4 ޙާލަތަކުން ކުރެ ޙާލަތެއް މެދުވެރިވަންދެން ޖިންނި މަސައްކަތް ކުރެއެވެ. އެއީ

1-    މާބޮޑަށް ބިރުގަނެފައިވާ ވަގުތު

2-     ރުޅިއައިސް ޙައްދުފަހަނަ އަޅާވަގުތު

3-     މާބޮޑަށް ޣާފިލްވެ ހޭލުންތެރިކަން ގެއްލިފައިވާ ވަގުތު

4-     މާބޮޑަށް މަޖަލުގެތެރޭއަށް ގެއްލިފައިވާ ވަގުތުތަކާއި ފާފަތަކަށް އަރައިގަންނަ ވަގުތު. މިހަތަރު ޙާލަތުގައި ޖިންނިއަށް އިންސާނާގެ ހަށިގަނޑު ތެރެއަށް ވަނުމަށް ފަސޭހަވެއެވެ.

މިސިހުރުގެ ސަބަބުން އަންނަ ޖިންނިއަށް ދެފުރުޞަތެއް ވެއެވެ. އެއީ:

1-    ޖިންނިއަށް މިސިހުރު ރައްދުވާ ފަރާތުގެ ހަށިގަނޑުތެރެއަށް ވަދެވުން: މިޙާލަތުގައި ޖިންނި އެމީހާ ނުތަނަވަސް ކުރުވާ ވަރުބަލިކަމުގެ ތެރެއަށް ގެންދެއެވެ. އަދި އިންނަން އަންނަ މީހާއާއިމެދު ހިތްހަމަނުޖެހުމާއި ނުތަނަވަސްކަން ވެރިކުރުވައެވެ. އެމީހާއާއި އިންނަން ދިމާކުރާ ކޮންމެމީހެއްގެ މަތިން އޭނާ ފޫހިކުރުވާ އިންނަން އެދުނުމީހާ ނުވަތަ އިންނަން އުޅޭމީހާ ފޫހިވާފަދަ ކަމެއް ކުރިމަތި ކުރުވައެވެ.

2-     ޖިންނިއަށް ހަށިގަނޑުތެރެއަށް ނުވަދެވުން: މިޙާލަތުގައި ޖިންނި އެސޮރުގެ ސިހުރުތައް ހަދަން ފަށައެވެ. އަދި ބޭރުފުށުން އޮޅުވާލައިގެން ލޮލަށް ދައްކައެވެ. މިގޮތުން އިންނަން އަންނަ މީހާ ހުތުރު ސިފައިގައި ދައްކުވައެވެ. އަދި އެމީހަކު ރުޅި އަންނަފަދަ ކަމެއް ވަސްވާސްދީގެން ކުރުވައެވެ. ހަމައެއާއެކު ޖިންސީގޮތުން ތިމާއަށް ގޯނާކޯށް ބޭނުންކުރެއެވެ.

 ސިހުރު ތަޢްޠީލުއް ޒަވާޖް/ ކައިވެނި ކުރުމަށް ހުރަސްއަޅާ ސިހުރު ގެ ޢަލާމާތްތަކާއި ފަރުވާ.

މިފަދަ ސިހުރު ޖެހިފައިވާނަމަ ފެންނާނެ ބައެއް ޢަލާމާތް:

1-    ބޭސް ބެނުން ކުރިނަމަވެސް ރަނގަޅުނުވެ ޢާއްމުކޮށް ވަރަށް ގަދަޔަށް ބޮލުގައި ރިހުން.

2-     ޢާއްމުގޮތެއްގައި މެއަށް ތަދުވެ މޭފިތޭގޮތްވުން. ޚާއްޞަކޮށް ޢަޞުރު ވަގުތު މިގޮތަށްވުނ.

3-     އެމީހާއާ ކައިވެނި ވެވުމަށް ކަނޑައެޅޭ ކޮންމެ މީހެއް ހުތުރު ސިފައެއްގައި ފެނުން. ޙަޤީޤަތުގައި އެއީ ކިތަންމެ ރީތި މީހެއްކަމުގައި ވީނަމަވެސް ހުތުރުކޮށް ފެނުން.

4-     ނުތަނަވަސްކަމާއި ހާސްކަން ވެރިވުން.

5-     ނިދީގައި ސިއްސަ ސިއްސައިގެން ދިއުން.

6-     ބަނޑު ކޮޅަށާއި ބަނޑަށް އެކި އިރު އިރަށް ތަދުވުން. ގިނަފަހަރަށް ވަރަށް ފުން، ތޫނު ތަދެއް އިޙްސާސްވުން.

7-     އުނަގަނޑުގެ ތިރީގައި ރިއްސުން.

ކައިވެންޏަށް ހުރަސްއަޅާ ސިހުރަށް ކުރާނެ ފަރުވާތައް:

ކުރިން ބަޔާންކުރެވުނު ސަބަބުތަކުގެ ތެރެއިން ކޮންމެ ސަބަބަކާއި ހުރެ ކައިވެންޏަށް ހުރަސްއެޅުނުނަމަވެސް މިފަރުވާތައް ކުރުމުން ﷲ އިރާދަކުރެއްވިއްޔާ ރަނގަޅުވާނެއެވެ.

1-    މިގޮތުން ފަރުވާކުރުމުގެ ފުރަތަމަ ގޮތަކީ ސިޙުރަށް ކިޔަވާ މައިގަނޑު ރުޤްޔާގެ އާޔަތްތައް މިސިހުރު ޖެހިފައިވާ މީހާގެ ކައިރީ ކިޔެވުމެވެ. މިގޮތަށް ކިޔެވުމުން ހަށިގަނޑަށް ޖިންނި ހާޒިރުވުން އެކަށީގެން ވެއެވެ. މިގޮތަށް ފަރުވާކުރުމުގައި ރާޤީއެއްގެ އެހީތެރިކަން ބޭނުންވެއެވެ. އަދި  ޖިންނި ހާޒިރުނުވިނަމަ ރުޤްޔާކުރާމީހާ ބަލިމީހާއަށް އަންނަނިވި ގޮތަށް ޢަމަލުކުރުމަށް އިރުޝާދު ދޭށެވެ.

1.1- އިސްލާމީ ޙިޖާބުން ނިވާވުން. (ސިހުރު ނުޖެހުނަސް މިކަން މިގޮތަށް ކުރުން ވާޖިބެވެ.)

1.2- ވަގުތުގައި ބަރާބަރަށް ނަމާދުކުރުން.

1.3- މިޔުޒިކާއި ލަވަ އަޑުނޭހުން.

1.4- ނިދުމުގެ ކުރިން ވުޟޫކުރުމާއި އާޔަތުލް ކުރުސި ކިޔެވުން.

1.5- ކޮންމެ ދުވަހަކު 1 ގަޑިއިރު ވަންދެން އާޔަތުލް ކުރުސި އަދި ސޫރަތުލް އިޚްލާޞް، ފަލަޤް، ނާސް އަޑު އެހުން. (1 ގަޑިއިރުވަންދެން ތަކުރާރުކޮށް އަޑުއަހާނީއެވެ.)

1.6- ރުޤްޔާ ކިޔަވާފައިވާ ފެނުން ޖެހިޖެހިގެން 3 ދުވަހު ފެން އެޅުން. އަދި މިމަގުން މިކަން ތަކުރާރުކުރަމުން ގެންދިޔުން. (ފެނުގެ ތެރެއަށް ފުނޑާލުމަށްފަހު 7 ކުންނާރު ފަތް އެއްކޮށްލުން އެދެވިގެންވެއެވެ.)

1.7- ރުޤްޔާ ކިޔަވާފައިވާ ފެން ބުޔުމަށް ބޭނުން ކުރުން މިފެން ބޯނީ ރޭގަނޑު އަދި ހެނދުނުއެވެ.

1.8- ހެނދުނާއި ހަވީރުގެ ޛިކުރުތައް ކޮންމެ ދުވަހަކު ޤަވާޢިދުން ކިޔެވުން

1.9- ޚާއްޞަކޮށް ކޮންމެ ދުވަހަކު ފަތިސް ނަމާދު ފަހުން لاَإِلَهَ إلاَّاللهُ وَحْدَهُ لاَشَرِيْكَ لَهُ , لَهُ الْمُلْكُ , وَلَهُ الْحَمْدُ , وَهُوَ عَلَى كُلِّ شَيْءٍ قَدِيْرٌ100 ފަހަރު ކިޔެވުން.

1.10- މިގޮތަށް މަދުވެގެން 1 މަސްދުވަސް ވަންދެން ފަރުވާ ކުރިއަށް ގެންދާށެވެ. މިމަރުޙަލާގައި އެއްގޮތަކީ، ޢަލާމާތްތައް ފިލައި ގޮސް ﷲ ގެ ރަޙުމަތާއި އެކު ސިހުރު ބާޠިލުވެގެން ދިއުމެވެ. އަނެއް ގޮތަކީ ޢަލާމާތްތަކާއި އުނދަގޫތައް އިތުރުވެގެން ދިއުމެވެ. މިގޮތަށް ވެއްޖެނަމަ މިފަރުވާތައް 1 މަސްދުވަހު ކުރުމަށްފަހު އަނެއްކާވެސް ކައިރީ ކިޔަވާށެވެ. ރާޤީއެއްގެ ބޭނުންނުކޮށް އަމިއްލައަށްވެސް މިފަރުވާތައް ކުރެވިދާނެއެވެ. އަމިއްލައަށް ކުރާނަމަ ކައިރީ ކިޔެވުމުގެ ބަދަލުގައި އަމިއްލައަށް މިއާޔަތްތައް ކޮންމެ ދުވަހަކު މަދުވެގެން ދެއިރު ކިޔަވާނީއެވެ. އަދި އޭގެ އިތުރުން ބަޔާންވެދިޔަ ކަންކަން ކުރާނީއެވެ. މިގޮތަށް ޢަލާމާތްތައް ފިލައި ގޮސް ހަށިގަނޑުގެ އުނދަގޫތައް ފިލަންދެން ފަރުވާކުރިއަށް ގެންދާނީއެވެ.

 2- ބަނޑަށްތަދުވެ ހޮޑުލެވުންފަދަ ޢަލާމާތެއް ފެންނަނަމަ، ސިހުރުކެވިފައި ހުރުން އެކަށީގެން ވެއެވެ. މިހެންވެއްޖެނަމަ ކެވިފައި ހުރި ސިހުރު ބާޠިލްކުރުމަށް ކުރާ ފަރުވާތައްވެސް އިތުރުކުރާނީއެވެ. މިގޮތުން 20 ގުރާމު ސަނާމުކީފަތް 3 ތަށި ހުންނަހާ ފެނަށް އެއްކޮށް ފަތުގެ ތާސީރު ފެނަށް އަންނަންދެން ކައްކާލާނީއެވެ. ބޮޑަށް ރަނގަޅީ ފެންއެތި ކެކެން ފެށުމުން ދެން ފަތް އެއްކޮށްލުމަށްފަހު 1 ނުވަތަ 2 މިނެޓު ކައްކާލުމެވެ. ފެންއެތި ކައްކާއިރު، އިނގުރުކޮޅަކާއި ހެލެނބެލިކޮޅެއް އެއްކޮށްލުމުން އިތުރަށް އަސަރުގަދަވެ ކެވިފައިވާ ސިހުރުތައް ބަނޑުން ނެރެން ފަސޭހަވެގެންދާނެއެވެ. ކައްކާ ނިމުމުން އެފެންއެތި ފުރާނާލުމަށްފަހު، ފެނުގެ ތެރެއަށް 3 ސައިސަމްސާ މާމުއި އެއްކޮށްލާށެވެ. އަދި ސިހުރުބާޠިލުގެ ރުޤްޔާ އެއަށް ކިޔަވާ ފުމޭށެވެ. އަދި އެއަށްފަހު އެފެންއެތި ބޮއެ ހުސްކޮށްލާށެވެ. ގާތްގަނޑަކަށް 22 ވަރަކަށް ގަޑިއިރު ވަންދެން ބަނޑަށް ތަދުވުމާއި އިރުއިރުކޮޅުން ބޭރަށް ހިންގުން އެކަށީގެންވެއެވެ. އެއީ ބަނޑުތެރެ ސާފުވެ ބަނޑުގައިވާ ސިހުރާއި ހަރުލާފައިވާ އެހެންވެސް މާއްދާތައް ބޭރުވުމުގެ މަރުޙަލާކަމުގައިވާތީއެވެ. މިފަރުވާ ކުރުމަށްފަހު 24 ގަޑިއިރު ވަންދެން ގިނައިރުން ހަޖަމްވާފަދަ ތަކެތި ކެއުމުން ދުރުވެ ވީހާވެސް ލުއި، އަވަހަށް ހަޖަމްވާ ޒާތުގެ އެއްޗެތި ކާށެވެ. އަދި ގިނައިން ފެންބޯށެވެ.

3- އަންނަނިވި ރުޤްޔާ ކޮންމެ ދުވަހަކު ބަލިމީހާ އަމިއްލައަށް ކިޔަވާށެވެ. މިއީ އެސްފީނާއާއި ޙަސަދައިގެ އާޔަތްތައް އަދި އާޔާތުއް ޒަވާޖުގެ މައްޗަށް އެކުލެވިގެންވާ ރުޤްޔާއެކެވެ. ނުވަތަ އެހެންމީހަކު ލައްވާ (ބޮޑަށް އެދެވިގެންވަނީ ރުޤްޔާކޮށްއުޅޭ މީހަކު ލައްވާ ކިޔެވުމެވެ.) ކައިރީ ކިޔަވާށެވެ. ރުޤްޔާކޮށްއުޅޭ މީހަކު ލައްވާ ކިޔެވުމުން ޖިންނި ހާޒިރުވީނަމަވެސް ދެން ކަންތައްކުރަންވީގޮތްތަކަށް ޢަމަލުކުރަން ރާޤީއަށް އެނގޭނެއެވެ. އަމިއްލައަށް ކިޔެވުމުގައި ޖިންނި ހާޒިރުވުމަކީ ދުރުކަމެކެވެ.  އަމިއްލައަށް ކިޔެވިނަމަވެސް އަދި މީހަކު ލައްވާކިޔެވިނަމަވެސް 1 ގަޑިއިރު ވަންދެން ކިޔެވުން އެދެވިގެންވެއެވެ. އަދި މިރުޤްޔާ ކޮންމެ ދުވަހަކު 1 ލީޓަރު ފެނަށް ކިޔަވާށެވެ. މިގޮތުން ހެނދުނުން ފެށިގެން ރޭގަނޑު ނިދުމުގެ ކުރިން މިފެންއެތި ބޮއެ ހުސްކޮށްލާށެވެ. މިގޮތަށް ޢަލާމާތްތައް ފިލައި ދަންދެން ކަންކުރާށެވެ. އަދި ޒައިތޫނި ތެޔޮ ފުޅިއަކަށް މިރުޤްޔާ ކިޔަވާފައި ބަހައްޓައިގެން އެތެޔޮ ކޮންމެ ރެއަކު ނިދަންވުމުންނާއި ހެނދުނު ހޭލުމަށްފަހު މުޅި ހަށިގަނޑުގައި އުނގުޅާށެވެ. މަދުވެގެން 1 މަސްދުވަހު މިފަރުވާވެސް ކުރިއަށް ގެންދާށެވެ.އަދި އަބަދުވެސް لاَ حَولَ وَلاَ قُوَّةَ إِلاَّ بِا للهِ الْعَلِيِّ الْعَظِيْمِ وَلاَ إِلهَ إِلاَّ أَنْتَ سُبْحَانَكَ إِنِّيْ كُنْتُ مِنَ الظَّالِمِيْنَ  މިފަދައިން ގިނައިން ޒިކުރުކުރާށެވެ.

4- ގިނަގިނައިން ސަލާމަތްކުރެއްވުން އެދި ދުޢާކުރުން.

5- “ޠާހާ” ސޫރަތް ކޮންމެ ދުވަހަކު ފަރުވާގެގޮތުގައި ކިޔަވާށެވެ.

6- ސިހުރު ބާޠިލުކުރުމަށް ކަވާ (ޙިޖާމާ) ޖެހުން.

މިކަންކަމުގެ އިތުރުންވެސް މިފަދަ ސިހުރަށް ކުރާނެ އެކިފަރުވާތައް ވެއެވެ. ނަމަވެސް މިހާވަރުން މިލިޔުން ކުރުކޮށްލުމަށް ގަސްތުކުރަމެވެ. ﷲ އިރާދަކުރެއްވިއްޔާ މިފަރުވާތައް ކޮށްގެން މިފަދަ ސިހުރުން ސަލާމަތްވެ، އެސްފީނާއާއި ސިހުރުގެ ސަބަބުން ކައިވެންޏަށް އެޅޭ ހުރަސްތައް ނެތިދާނެއެވެ. ދެންފަހެ، ކައިވެންޏަށް މީހަކު އިޚްތިޔާރުކުރުމުގައި ދީންވެރިމީހާ އިޚްތިޔާރުކުރުމަށް އިސްލާމްދީން ބާރުއަޅައެވެ. އަދި ކައިވެންޏަށް ނުކުޅެދިފައިވާމީހާ، އޭނާގެ ޝަހުވަތްތައް މައިތިރިކޮށް ފާޙިޝްކަންކަމުން ދުރުވުމަށްޓަކައި ރޯދަހިފުމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ އިރުޝާދު ދެއްވާފައެވެ. މާތް ﷲ އަޅުގަނޑުގެ މިމަސައްކަތް ޤަބޫލުކުރައްވައި، މިއީ އިޚްލާޞްތެރި މަސައްކަތެއްކަމުގައި ލައްވައި، އަދި މިއީ، މިފަދަ ސިހުރު ޖެހިފައިވާ ފަރާތްތަކަށް ހެޔޮފައިދާ ކުރަނިވި އަލިމަގެއްކަމުގައި ލައްވައި، އެބައިމީހުނަށް ޖެހިފައިވާ ސިހުރުތައް ބާޠިލުކުރައްވާ ޝިފާ ދެއްވާށިއެވެ. ﷲ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ޝިފާ ނުދެއްވޭނެކަން ކަށަވަރެވެ.

ބުޚާރީ (5066) އާއި މުސްލިމް (1400) ގައި ރިވާވެގެންވެއެވެ. މާނައީ: “އިބްނު މަސްޢޫދު ވިދާޅުވިއެވެ. ތިމަންމެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައިވީމެވެ. އަދި އެތަނުގައި މުދާވެރިކަމެއް ނެތް މީހަކުވިއެވެ. އަދި ރަސޫލުﷲ ޞައްލަﷲ އަލައިހިވަސައްލަމަ ތިމަންމެނާ މުޚާޠަބުކޮށް ޙަދީޘްކުރެއްވިއެވެ.” ” އޭ ޒުވާން ފިރިހެނުންނޭވެ. ތިޔަބައިމީހުންގެ ތެރެއިން ކައިވެނިކުރުމަށް ކުޅަދާނަވެގެންވާމީހާ އެކަންކުރާށެވެ. އެހެނީ ބެލުންތައް ތިރިކުރުމަށާއި، ޢިއްފަތްތެރިވުމަށް އެގޮތް ހެޔޮކަންބޮޑެވެ. އަދި އެކަން ނުކުރެވޭމީހާ ރޯދަހިފާށެވެ. ފަހެ އެމީހަކަށް އެއީ އައްޑަނައެކެވެ.”  

 

ސިޙުރަށް ކިޔަވާ މައިގަނޑު ރުޤްޔާ:

ޑައުންލޯޑްކުރައްވާ (PDF, 418KB)

 

3 ވަނަ ފަރުވާގައި ބަޔާންކޮށްފައިވާ ކައިވެންޏަށް ހުރަސްއަޅާ ސިހުރަށް ކިޔަވާ ރުޤްޔާ:

ޑައުންލޯޑްކުރައްވާ (PDF, 1.64MB)

 

—————————————–

ބައެއް މަޢުލޫމާތު ނެގި މަޞްދަރުތައް:

1-    “ސްވޯރޑް އަގެއިނިސްޓް ބްލެކްމެޖިކް އެންޑް އީވިލް މެޖިޝިއަންސް” (އައްޞާރިމުލް ބައްތާރުގެ އިނގިރޭސި ތަރުޖަމާ)

2-     އިސްލާމް ކިޔު.އޭ.

3-     ތަންޒީލް

ޙިޔާލުފާޅުކުރައްވާ

0 ކޮމެންޓު