ދިވެހި ރާއްޖޭގައި ޒަމާންތަކެއް ވާންދެން ވަޅުޖަހާފައިވާ ނަބަވީ ބޭސްވެރިކަމުގެ ތެރޭގައި ހިމެނޭ ކަވާ ޖެހުން (ޙިޖާމާ) މިއަދު މިވަނީ އަލުން އާވެ އާލާވެފައެވެ. މިކަން ކުރާމީހުނާއި މިކަމުގެ ޒަރީޢާއިން އެކި ބަލިތަކަށް ފަރުވާ ލިބިގަންނަ މީހުން މިއަދު ވަނީ އިންތިހާއަށް ގިނަވެފައެވެ. ނަމަވެސް ޙަޤީޤަތަކީ މިކަން ކުރާ މީހުން ގިނަވެފައިވާއިރު، މިކަން ކުރުމުގައި މިކަމުގެ އެއްވެސް ޢިލްމެއް ނެތި އެކި އަމިއްލަ މަންފާތަކަށްޓަކައި މިކަން ކުރާ އެތައް ބަޔަކު މިއަދު ތިބިކަމެވެ. ޔޫޓިއުބް ވީޑިއޯއެއް ބަލައިލުމަށްފަހު، އަދި އެކި ބައްޔަށް ހިޖާމާ ޖަހާ ޕޮއިންޓުތައް ބުނެފައި ހުންނަ ބައެއް ލިޔުން ބަލައިލުމަށްފަހު މިކަން ފަށައިގަނެ, މީހުނަށް މިކަން ކޮށްދޭ އެތައް ބަޔަކު މިއަދު ތިބިކަމީ ޙަޤީޤަތެކެވެ. މިއީ މިކަން ކުރެވިދާނެ ގޮތްތޯ، އަދި ޙިޖާމާ އަކީ ބޭސްވެރިކަމުގެ ތެރޭގައި ހިމެނޭ ކަމަކަށްވާއިރު, މިދެންނެވިފަދައި ހަމަ ކޮންމެ މީހަކަށް މިކަން ކޮށްލެވިދާނެތޯ މިއީ މިއަދު ކޮންމެހެން ބަލައި އެނގެން ޖެހިފައިވާ ކަމެކެވެ.

އެއްވެސް ކަމަކާއި މެދު ބަސްބުނުމާއި އެކަމެއް ކުރުމުގެ ކުރީން އެކަމުގެ ޢިލްމު ހޯދާ ދަސްކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. ޞަޙީހުލްބުޚާރީ ގައި މިކަމާއިމެދު ދަލީލު ގެންނަވައި ބާބެއް ބަންނަވާފައި ވެއެވެ. އެއީ (بَابُ الْعِلْم قَبْلَ الْقَوْلِ وَالْعَمَل) “ބަސްބުނުމާއި ޢަމަލު ކުރުމުގެ ކުރީން ޢިލްމުގެ ބާބު” މިނަމުން ނަންދެއްވާފައިވާ ބާބެވެ. މިފަދައިން އިމާމު ބުޚާރީ ބާބު ބަންނަވައި ދަލީލެއްގެ ގޮތުން ގެންނެވިއެވެ. (فَاعْلَمْ أَنَّهُ لَا إِلَـٰهَ إِلَّا اللَّـهُ وَاسْتَغْفِرْ لِذَنبِكَ) (سورة محمد:19) މާނައީ: “ފަހެ اللَّه މެނުވީ އިލާހަކު ނުވާކަން ކަލޭގެފާނު ދެނެވަޑައިގަންނަވާށެވެ!. އަދި ކަލޭގެފާނުގެ ފާފަ ފުއްސަވައިދެއްވުން އެދި ދަންނަވާށެވެ.” މިދަލީލު ގެންނަވައި ބުޚާރީ ވިދާޅުވިއެވެ. “ފަހެ މިއާޔަތުގައި ފައްޓަވާފައި އެވަނީ ޢިލްމު ހޯދައި އުނގެނުމުގެ ވާހަކައިންނެވެ. އެއީ ޢަމަލުކުރުމުގެ ވާހަކައިގެ ކުރިންނެވެ. އަދި މާތް ﷲ ނަބިއްޔާއަށް ކުރައްވާފައިމިވާ އަމުރަކީ ހުރިހާ އެންމެންގެ މައްޗަށްވާ އަމުރެކެވެ.” އެހެންކަމުން ކަމެއް ކުރުމާއި އެކަމަކާއި މެދު ގޮތްކިޔައި ބަސްބުނުމުގެ ކުރީން އެކަމެއް ދަސްކޮށް އުނގެނުމަކީ ކުރަން ޖެހޭ ކަމެއްކަން އޮޅުމެއް ނެތި އެނގެއެވެ.

Close Ad XGet My Ruqya Android App On Google Play

ކަންމިހެން އޮތް އިރު ޙިޖާމާ ޖެހުންފަދަ އިންސާނާގެ ހަށިގަނޑާއި ގުޅިފައިވާ ބޭސްވެރިމަގެ ކަންކަމަކީ އެއްވެސް ޒިންމާދާރު ކަމެއް ނެތި ހިތުހުރިގޮތަކަށް ކުރެވޭނެކަމެއް ނޫނެވެ. ޑޮކްޓަރަކު، މީހަކަށް ފަރުވާއެއް ނުވަތަ އޮޕަރޭޝަނެއް ކުރާތަން ބަލަން ހުރެފައި ގޮސް، އެހެން މީހަކަށް އެފަދައިން ކަންތައް ކުރާން އުޅެއްޖެނަމަ ދެން ކަންތައްވާނޭގޮތް ހަމަ ބުއްދި ލިބިގެންވާ މީހަކަށް ނޯޅޭނެއެވެ. ޑޮކްޓަރު އެކަން ކުރީ ކޮންޙާލަތެއްގައި ކިހިނެއް ވެގެން ކޮން ސަބަބަކާއި ހުރެ، ކޮންފަދަ ފިޔަވަޅުތަކެއް އެޅުމަށްފަހުގައިކަން ނޭނގި، އެއްބައްޔެއް ހުރި އަނެއް މީހާއަށް މިބުނި ކަންކަމަށް ރިއާޔަތް ކުރުމެއް ނެތި ޑޮކްޓަރު ޢަމަލު ކުރަނިކޮށް ފެނުނުގޮތަށް ކަންތައް ކޮށްފިނަމަ، އެކަމުގެ ތެރޭގައި އެބަލީމީހާގެ ފުރާނަ ދިއުން ނުވަތަ ބަލި އިތުރަށް ގޯސްވުމަކީ ވެދާނެ ކަމެއްކަން ކަށަވަރެވެ.

ބޭސްވެރިކަމުގެ ކަންކަމަކީ ދީނުގައިވެސް މަޝްރޫޢުވެގެންވާ އެކަމުގެ ޙުކުމްތައް ކަނޑައެޅި ބަޔާންވެގެންވާ ކަމެކެވެ. އެހެންކަމުން މިކަންކަންވެސް ކޮންމެހެން ދަންނާން ޖެހޭނެއެވެ. އެއީ ކޮންމެ ބާވަތެއްގެ ފަރުވާއެއް ކުރިކަމުގައި ވިޔަސްމެއެވެ. ނޭނގި ހުރެ ކޮށްފިނަމަ އެކަމަކުން ވެގެންދާ ގެއްލުމުގެ ޒިންމާ އެކަން ކުރިމީހަކު އުފުލަން ޖެހެއެވެ. މިކަން މާތްނަބިއްޔާގެ ބަސްފުޅުން އެނގެއެވެ.
عَنْ عَمْرِو بْنِ شُعَيْبٍ، عَنْ أَبِيهِ، عَنْ جَدِّهِ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ “‏ مَنْ تَطَبَّبَ وَلاَ يُعْلَمُ مِنْهُ طِبٌّ فَهُوَ ضَامِنٌ ‏”‏ ‏.‏ (سنن أبي داود » كتاب الديات » باب فيمن تطبب بغير علم فأعنت – وحسنه الألباني) ޢަމްރު ބިން ޝުޢައިބު އެކަލޭގެފާނުގެ ބައްޕާފުޅުގެ އަރިހުން ރިވާކުރެއްވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ބޭސްވެރިކަމުގެ ޢިލްމު ނެތި (ބޭސްކުރަން ނޭނގޭ ޙާލު) ބޭސްފަރުވާ ކޮށްފިމީހާ އެނާ އެކުރާ ކަންތަކުގެ ޒިންމާ އުފުލަން ޖެހޭނެއެވެ.” (އެބަހީ އެކަމުގެ ތެރޭގައި ބަލިމީހާއަށްވާ ގެއްލުމުގެ ޒިންމާ އޭނާ އުފުލަން ޖެހޭނެއެވެ.)

މިޙަދީޘާއި މެދު ވާހަކަ ދައްކަވަމުން އިބްނުލް ޤައްޔިމް ޠިއްބުއްނަބަވީގައި މިޙަދީޘުން ތިން ފައިދާއެއް ލިބިގެންދާ ކަމުގައި ވިދާޅުވިއެވެ. އެއީ ބަހުގެ ފައިދާއަކާއި، ފިޤުހީ ފައިދާއަކާއި ބޭސްވެރިކަމުގެ ފައިދާއެކެވެ. އަދި މިޙަދީޘުގައިވާ ފިޤުހީ ފައިދާއަކީ ބޭސްވެރިކަން ނުދަނެ އަދި އެކަމަށް ތަސައްރަފު ނުފުދޭޙާލު މީހުނަށް ފަރުވާކޮށްގެން ގެއްލުމެއް ވެއްޖެނަމަ އޭނާ އެކަމުގެ ޒިންމާ ނަގައި ބަދަލު ދޭން ޖެހޭނެކަމުގެ ޙުކުމް އަންގައިދޭ ފައިދާއެވެ. އެހެނީ އޭނާ އެކުރީ ޚާއްޞަ ކަމެއް އެކަމަށް ތަސައްރަފު ނުފުދޭ ޙާލުގައެވެ. އަދި އޭގެ ސަބަބުން އޭނާގެ ފުށުން މީހުނަށް ގެއްލުންވީއެވެ. އަދި އެއީ އޭނާ އެކަމުގައި ނޭނގޭ ޙާލު އެނގޭކަމުގައި ހެދިގެން މީސްތަކުންނަށް އޮޅުވާލާ މަކަރުހަދައިގެން އެކަން ކުރާން އުޅެގެނެވެ. އެހެންކަމުން ޢިލްމުވެރިން އެއްބަސްވެލައްވާ ގޮތުގައި ތަސައްރަފު ނުފުދި މީހުނަށް ފަރުވާކުރާ ޑޮކްޓަރުންނާއި ފަރުވާ ކުރާމީހުން، އެކަން ކުރުމުން މީހުނަށްވާ ގެއްލުމުގެ ބަދަލު ދޭންޖެހޭނެއެވެ. އަދި މިކަން ބަޔާން ކުރެއްވުމަށްފަހު އިބްނުލް ޤައްޔިމް އިތުރަށް ބަޔާން ކުރައްވާފައިވާ ގޮތުގައި މިކަމުގައި ޑޮކްޓަރުން ނުވަތަ ފަރުވާދޭ މީހުން ފަސް ބަޔަކަށް ބެހިގެންދެއެވެ.
މީގެ ތެރެއިން އެއްބަޔަކީ ބޭސްވެރިކަން ރަނގަޅަށް ދަނެ އެކަމުގެ ޢިލްމުހުރިމީހާ، ފަރުވާ ކުރުމުގައި ދީން ހުއްދަ ކުރާ ކަމެއް ބަލިމީހާގެ ހުއްދައާއިއެކު ކުރާ ކުރުމުގައި، ގޯހެއް ހެދޭ މީހާއެވެ. މިޙާލަތުގައި އެފަދައިން ފަރުވާ ކުރި މީހާ ބަދަލު ދޭކަށް ނުޖެހޭނެއެވެ. މިސާލަކަށް ޚިތާނުކުރުމުގައި ޢިލްމު ހުރި ޤާބިލު މީހާކު ކުއްޖަކު ޚިތާނުކުރާއިރު، އެކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅައިގެން އެކަން ކުރަނިކޮށް ގުނަވަނަށް ލިބޭ ގެއްލުމުގެ ބަދަލު އެކަން ކުރިމީހާ ދޭކަށް ނުޖެހޭނެއެވެ.
ދެވަނަ ވައްތަރަކީ، ބޭސްވެރިކަމުގެ ޢިލްމު ނެތް ޙާލު، އެކަން ނޭނގި ހުރެ ބަލިމީހަކަށް ފަރުވާކޮށް އެކަމުން ބަލިމީހާއަށް އެމީހެއްގެ ފުށުން ގެއްލުންވާ މީހާއެވެ. އޭނާއަކީ އެކަމަށް އެހާ ތަސައްރަފު ނުފުދޭ އަދި އެހާ ޢިލްމު ނެތްމީހެއްކަން، ފަރުވާ ކުރުމުގެ ކުރިން ބަލިމީހާއަށް އެނގިހުރެ ފަރުވާ ކުރުމަށް ހުއްދަ ދީފި ނަމަ، އޭނާ ބަދަލު ދޭކަށް ނުޖެހޭނެއެވެ. އަދި މި ޙުކުމް ޙަދީޘުގައި އެވާ ކަންތަކާ ފުށުއެރުމެއް ނުވެއެވެ. އެހެނީ ހަދީޘުގައިވަނީ ނޭނގޭ ޙާލު އެނގޭކަމަށް ދަޢުވާކޮށް އޮޅުވާލައިގެން އެކަން ކުރާ މީހާގެ ވާހަކައެވެ. ނުވަތަ އެނގޭ މިންވަރަށްވުރެ ބޮޑަށް އެނގޭކަމަށް ދެއްކި އޮޅުވާލައިގެން ބަލިމީހާއަށް ފަރުވާ ކުރާމީހާ ބަދަލު ދޭންޖެހޭ ވާހަކައެވެ. އަދި ފަރުވާ ކުރާމީހާގެ ބަހުގެ ސަބަބުން ނުވަތަ ޢަމަލުގެ ސަބަބުން އޭނާއަކީ އެކަމުގައި ތަސައްރަފު ފުދޭ މީހެއްކަމުގައި ބަލިމީހާއަށް ހީވެގެން (އޭނާ ތަސައްރަފު ނުފުދޭކަން ބަލިމީހާއަށް ނޭނގިގެން) ފަރުވާކުރުވައިފި ނަމަ، އެޙާލަތުގައި އެފަރުވާ ކުރިމީހާއަތުން ވާގެއްލުމުގެ ބަދަލު، ފަރުވާ ކުރިމީހާ ދޭން ޖެހޭނެއެވެ. އަދި ހަމަ އެފަދަޙާލަތުގައި ފަރުވާ ކުރާމީހާ ދޭބޭހަކުން (އެމީހާއަކީ އެނގޭ މީހެއްކަމަށް ބަލިމީހާއަށް ހީވެ އޮޅިގެން ފަރުވާ ކުރުވާއިރު) ގެއްލުމެއް ވެއްޖެނަމަ އެކަމުގެ ބަދަލުވެސް ދޭން ޖެހޭނެއެވެ. ޙަދީޘުން މިޙާލަތުގައި ބަދަލު ދޭންޖެހޭކަން އެވަނީ ސާފުކޮށް އެނގޭށެވެ.
މިގޮތަށް އަދިވެސް އިތުރު ތިން ޙާލަތެއް އިބްނުލް ޤައްޔިމު ތަފްސީލުކޮށް ބަޔާންކުރައްވާފައި ވެއެވެ. ނަމަވެސް މިލިޔުމުގެ މަޤްސަދާއި އެއްގޮތަށް މިދަންނަވާ ވާހަކަ މިމިންވަރުން ފަހުމްވާނެތީ އެތަފްސީލުތައް ކުރުކޮށްލަމެވެ. އަދި ހަމައެފަދައިން ތަސައްރަފު ފުދޭ ޢިލްމުހުރި ފަރުވާދޭމީހާ ފަރުވާކުރާއިރު، ބަލަންޖެހޭ ކަންތައްތަކަކާއި މިންގަނޑު ތަކެއް އިބްނުލް ޤައްޔިމު ބަޔާންކުރައްވާފައިވެއެވެ. މިގޮތުން 20 (ވިހި) ކަމެއް ޠިއްބުއްނަބަވީ ގައި ބަޔާންކުރައްވާފައިވެއެވެ. އޭގެތެރޭގައި، ޖެހިފައި ހުރީ ކޮން ބައްޔެއްތޯ ދެނެގަތުމާއި، ބައްޔާއި ގުޅިފައިވާ ސަބަބު ހޯދައި ދެނެގަތުމާއި، އެކަމުން ދިފާޢުވުމުގެ ޤާބިލުކަން ހަށިގަނޑުގައި ހުރިތޯ، ނުވަތަ ބައްޔަށް ވުރެ ހަށިގަނޑު ވަނީ ބަލިވެފައިތޯ ދެނެގަތުމެވެ. އަދި ބަލިމީހާގެ ޠަބީޢަތާއި މޫޑާއި ޙާލަތުތައް ދެނެގަތުމާއި، ބަލިމީހާގެ ބައްޔާއި ހަށިގަނޑަށް އަންނަމުންދާ ބަދަލުތައް ދެނެގަނެ، އޭނާގެ އުމުރާއި މިފަދަ އެކި ކަންކަމަށް ފަރުވާކުރުމުގައި ރިއާޔަތްކުރާނެ ކަމުގައި އިބްނުލް ޤައްޔިމް ބަޔާންކުރައްވާފައި ވެއެވެ.

މިދަންނަވާލެވުނީ ފަރުވާއެއް ކުރާނަމަ އެކަން ކުރެވޭނީ އެނގިގެންކަމާއި، ނޭނގި ކުރާނަމަ ދީނުގައި އެކަމާއި ގުޅޭ ޙުކުމްތަކެއް ކަނޑައެޅިފައިވާކަމާއި އެކަމާއި ގުޅިގެން ދީނީގޮތުން އެނގޭން ހުރި ބައެއް ކަންކަމުގެ ވާހަކައެވެ. ޙިޖާމާއަކީވެސް ބޭސްވެރިކަމަކަށްވެފައި، ހަށިގަނޑުގެ ބޭރާއި އެތެރެހަށީގެ އެތައް ގުނަވަނަކާއި، ލޭދައުރުކުރާ ނިޒާމާއި، ނޭވާލުމުގެ ނިޒާމާއި، ކުޑަކަމުދާ ނިޒާމު ފަދަ އެތައް ނިޒާމަކާއި ގުޅިފައި ހުރި ކަމެއް ކަމުން، މިކަމަކީވެސް މިދެންނެވި ކަންކަމާއި މެދު ޙިޖާމާ ޖަހާއިރު ކޮންމެހެން އެނގެން ޖެހޭ ކަންތައްތައް ދަސްކޮށް، އެނގިގެން ނޫނީ ކުރެވޭނެ ކަމެއް ނޫނެވެ. އަދި ކަޕް ހަށިގަނޑުގައި ބައިންދާ ހަންގަނޑު ކަފާލައި، ލޭނަގައި އެތަން ސާފުކޮށްލަން އެނގުމުން ޙިޖާމަ ޖަހަން އެނގުނީކަމުގައި ނުވާނެއެވެ. އެއިރުން އެދަސްވީ ކަޕް ބައިންދާ ހަށިގަނޑު ކަފައި ލޭ ބޭރުކޮށްލާށެވެ. ޙިޖާމާ ޖަހާކަށް ނޫނެވެ. ނަމަވެސް މިއަދު ބައެއް ފަރާތްތަކުން ކުރިންވެސް މިދެންނެވި ފަދައިން ވީޑިއޯއަކުން މި ދެންނެވި މިންވަރު ބަލައިލުމަށްފަހު، މިސާލަކަށް ބުރަކަށީގަ ރިއްސާ މީހަކު އައުމުން ބުރަކަށީ ރިއްސާތީ ހިޖާމާ ޖެހުމަށް ކޮންމެވެސް ފޮތެއްގައި ހުންނަ މައިގަނޑު ޕޮއިންޓްތައް ބަލައި، އެޕޮއިންޓު ތަކަށް ޖަހާލަނީއެވެ. މިއީ މިކަން ކުރެވޭނެ ގޮތެއް ނޫނެވެ. މިހެން މިދަންނަވާ ސަބަބު ކޮންމެވެސް ވަރަކަށް ތިލަކޮށްލަ ދެވޭތޯ ބަލާނަމެވެ.

ބުރަކަށީގައި ރިހެނީ މިސާލަކަށް ބަދަޔަކަށް ލިބިފައިވާ ގެއްލުމަކުން ކަމަށްވެސް ވެދާނެއެވެ. އަދި މަސްތަކަށް ވެފައިވާ ތަދަކުން ކަމަށްވެސް ވެދާނެއެވެ. އަދި މިނޫން ސިއްޙީ މައްސަލައަކާއި ހުރެކަމަށްވެސް ވެދާނެއެވެ. ހަމަ މިގޮތަށް ބޮލުގައި ރިހެނީ ނިދި މަދުވެގެން ކަމަށްވެސް ވެދާނެއެވެ. ބޮލުގައި ޓިއުމަރެއް އިނުންފަދަ ނުރައްކާތެރި ކަމަކުން ކަމަށްވެސް ވެދާނެއެވެ. ދަންނަވަންތޯއެވެ. މިދެންނެވި ކޮންމެ ޙާލަތެއްގައިވެސް ހިޖާމާ ޖަހާނަމަ ބަލަން ޖެހޭ ކަންތައްތަކާއި ޢަމަލު ކުރަން ޖެހޭ ގޮތްތައް ތަފާތުވާނެއެވެ. މަސްތަކަށް ވެފައިވާ ތަދަކުން ބުރަކަށީގައި ރިހޭނަމަ ޖަހާނެ ޕޮއިންޓްތަކާއި ބަދަޔަކަށް ވެފައިވާ ގެއްލުމަކުން ނަމަ ބަލަން ޖެހޭ ކަންތަކާއި ހިޖާމާ ޖަހަން ޖެހޭ މިންވަރާއި ޕޮއިންޓްތައް ވެސް މުޅީން ތަފާތުވާނެއެވެ. ހަމަ އެފަދައިން އާދައިގެ ބޮލުގަ ރިހުމެއްގައި ޙިޖާމާ ޖަހާނެ ގޮތާއި، ތަފާތު އެހެން ސަބަބުން ރިހޭރިހުމުގައި ވެސް ބަލަން ޖެހޭ ކަންކަމާއި ހިޖާމާ ޖެހުމުގެ އުސޫލު ތަފާތުވާނެއެވެ. މިސާލަކަށް ޓިއުމަރެއް ފަދަ އެއްޗެއް އިނދެގެން، ނުބަލައި ރަނގަޅަށް ނޭނގި ހުރެ ޖަހައިފި ނަމަ، ޓިއުމަރ ކެންސަރަށްވެ މުޅި ހަށިގަނޑަށް ފެތުރިގެންވެސް ހިނގައިދާނެއެވެ. ވީއިރު މިފަދަ އެތައް ކަމެއް ހިޖާމާގައި ދެނެގަނެ ބަލަން ޖެހެއެވެ. ޓިއުމަރެއް އިނޭ ބުނުމުން ޓިއުމަރަށް ޖަހާ ޕޮއިނޓްތަކަށް، ޓިއުމަރ އިން ތަނަކާއި، އިން ޙާލަތަކާއި، ނުބަލައި ޖަހަންވާ ޕޮއިންޓްވެސް ނޭނގޭނެއެވެ. ޢާއްމުކޯށް ޖެހުމަށް ބުނެފައި ހުންނަ ޕޮއިންޓް ތަކަށް ޖަހައިގެން މިދެންނެވި ފަދަ ކަމެއް ދިމާވުން އެކަށީގެން ވެއެވެ. އެހެނީ އިންތަނާއި އިން ބޮޑުމިނާއި އިން ޙާލަތުގެ ސަބަބުން، ހިޖާމާގެ ތިއަރީތަކަށާއި ބަލީގެ އަސްލާއި އެޓިއުމަރު އިން ޙާލަތަށް ބަލައި މުޅިން އެހެން ޕޮއިންޓު ތަކަކަށް ވެސް ޖަހަން ޖެހިދާނެއެވެ. މިހާވަރުން މިދަންނަވާ އެއްޗެއް އެނގިލައްވާނެ ކަމުގައި ޤަބޫލުކުރަމެވެ.

ކަންމިހެން އޮތްއިރު ހިޖާމާ އަކީ ލެއާއި ގުޅިފައިވާ ފަރުވާއަކަށްވާއިރު، ލެޔަކީ އޭގެ ޒަރީޢާއިން އެކެއްގެ ގައިން އަނެކެއްގެ ގަޔަށް ބަލި ވާރުތަކުރުވާ އެއްޗެކެވެ. ދިވެހި ރާއްޖެއަކީ ހެޕަޓައިޓިސް ފަދަ ބަލިތައް ޖެހިފައިވާ މީހުން ތިބި ޤައުމަކަށްވާއި މިއީ ރިއާޔަތް ކުރެވެން ޖެހޭ ކަމެކެވެ. މިކަންކަން ނޭނގި، އަދި އެފަދަ ކަމެއް ވެދާނެކަމަށްޓަކައި އަޅާން ޖެހޭ ފިޔަވަޅުތަކާއި، އެފަދަ ކަމެއް ވެއްޖެ ނަމަ ދެން ކަންތައް ކުރާނީ ކިހިނެއްކަން ނޭނގޭ ޙާލަތުގައި، ހިޖާމާ ޖަހައިގެން ބަލިމީހާ ފުށުން ތިމާގެ ގަޔަށް، ނުވަތަ ލޭތިއްކެއް ބިންމަތީގައި އިނދެ އެބަލީގެ ވައިރަސް އެހެންމީހެއްގެ ގަޔަށް ވާރުތަ ވެއްޖެ ނަމަ އޭގެ ޒިންމާ، އެކަމުގެ ޢިލްމު ނޭނގޭ މީހަކަށް ނެގޭނެތޯއެވެ.؟ ހަމަ ހިލާ ނުނެގޭނެއެވެ. ނަމަވެސް ހިޖާމާއާއި ގުޅިގެން އެނގެން ޖެހޭ، ހަށިގަނޑާއި ހަށިގަނޑުގެ ބައިތަކާއި، ހަށިގަނޑުގެ ނިޒާމުތަކާއި މަސައްކަތް ކުރާގޮތާއި، ބަލި ޖެހުމުން އެނިޒާމުތަކަށް ވާގޮތާއި، ބައްޔާއި ގުޅޭ ހަށިގަނޑުގެ ނިޒާމު (އެނަޓޮމީ އަދި ފިޒިއޮލޮޖީ) އެނގި، އަދި ލޭގެ ބައިތަކާއި ލެޔާއި މެދު ޢަމަލުކުރާނެ ގޮތާއި ރައްކާތެރިވާނެގޮތް އެނގޭ މީހަކު ހިޖާމާ ޖަހާނަމަ، މިދެންނެވި ކަނތަކުގެ ޙައްލު އެމީހާއަށް އެނގޭނެއެވެ. އަދި އެފަދަ ކަމެއް ވުމުގެ ފުރުސަތު ކުޑަވާނެއެވެ. އެހެންކަމުން ޙިޖާމާއަކީ ހަމަ ކޮންމެ ގޮތަކަށް ކޮންމެ މީހަކަށް ކޮށްލެވޭނެ ކަމެއް ނޫންކަމުގައި މިފަދަ އެތައް ސަބަބުތަކަކަށްޓަކައި ދަންނަވަން ޖެހެއެވެ. ނަމަވެސް ކޮންމެ ކަމަކީވެސް މިދެންނެވިފަދައިން، އެކަމަކަށް ކޮންމެހެން އެނގެންޖެހޭ ކަންކަން އެނގި ދަސްކޮށްގެން، އެދަސްކުރަންވާ ގޮތަށް ދަސްކުރާ ކޮންމެ މީހަކަށްވެސް ކުރެވިދާނެ ކަމެކެވެ. ވީޑިއޯއަކާއި ފޮތެއްގައި ހުންނަ ޕޮއިންޓްތައް އެކަނި ބަލައިލާ ދެން ހުރި ބައިތައް ނޭނގި ކުރެވޭނެ ކަމެއް ނޫނެވެ. ވީއިރު މިކަމާއިމެދު ފުންކޮށް ވިސްނުން ހުއްޓެވެ.

ކަން މިހެން އޮތް އިރު ރާއްޖޭގައި ޙިޖާމާ ޖެހުމުގެ ކަންކަން މިހާރު ގޮސްފައިވާ ޙާލަތު ބަލައިލާނަމަ އުފަލާއި އެކު ދަންނަވާލަން ޖެހެނީ، ވަރަށް ހަރުދަނާ ގޮތުގައި ކަމުގެ ޢިލްމާއި ތަޖުރިބާ ހޯދަމުން މިކަން ކުރަމުން ގެންދާ އެތައް ބަޔަކުވެސް ތިބިކަމެވެ. އަދި ހަމަ ހިތާމަޔާއި އެކު ދަންނަވާލަން ޖެހެނީ ކަމުގެ ޢިލްމެއް ތަޖުރިބާއެއް ނެތި، ކަމަށް ކޮންމެހެން ފުދެން ޖެހޭ ތަސައްރަފު ނުފުދި، ކުރިން ދެންނެވި ފަދައިން ވީޑިއޯއެއް ނުވަތަ ޕޮއިންޓްތައް އެކަނި ބަލައިލުމަށްފަހު މިކަން ކުރާ އެތައް ބަޔަކު އެބައުޅެއެވެ. އަދި ކޮންމެވެސް ވަރަކަށް އެނގިގެނާއި، އަދި ނޭނގި ކުރާ އެތައް ފަރާތެއްގެ މެދުގައި ވާދަވެރިކަމާއި، ކަންދެއްކުމާއި، މާކެޓު ހޯދުމަށްޓަކައިވެސް ތަފާތު އެކި ވާހަކަތައް، ކަމުގެ ޢިލްމާއި އަސްލުތަކާވެސް ފުށުއަރާގޮތަށް ބައެއް ފަރާތްތަކުން ދައްކަމުންދާކަން ފާހަގަވެއެވެ. މިއީ ހިތާމަ ހުރި ކަންކަމެވެ. ބައެއް ފަރާތްތަކަށް މިކަމުގައި ޝައިޠާނާގެ އަވައިގައި ޖެހެވި ޝިފާ ދެއްވާފަރާތާއި ބަލި ޖައްސަވާ ފަރާތްވެސް އޮޅިފައިވާ ކަހަލައެވެ. އެފަރާތަކުން އެކަން ކުރީތީ ޝިފާ ލިބުނީކަމަށް ދޭހަވާގޮތަށާއި، ނުވަތަ އެކަން ވާނީ ހަމައެކަނި އެފަރާތުން ކުރީމަކަމަށް ދޭހަވާފަދައިން ސޯޝަލް މީޑިއާގައާއި އެހެން ގޮތްގޮތަށްވެސް ޕޯސްޓްތައް ޢާއްމުކުރާތަން އެބަފެނެއެވެ. މިއީ މިދެންނެވި ފަދައިން ޝައިޠާނާގެ މަޅީގައި ޖެހުމުން ޝިރުކުގެ ތެރެއަށް ވެއްޓިގެން ހިނގައިދާނެ ނުރައްކާތެރި ޙާލަތެވެ.

ދަންނަވަންތޯއެވެ. މިފަދަ ކަންކަމުގައި، ކަންކަން ހާމަ ކުރުމުގައިވެސް މިންގަނޑެއްގައި ހިފަހައްޓަންވާނެއެވެ. މީސްތަކުންނަށް ކަމުގެ ފައިދާއާއި މުހިއްމުކަން ބަޔާންކޮށްދިނުމަށްޓަކައި ކޮންމެހެން ފުދޭ މިންވަރަށް ކަމެއް ހިއްސާކޮށްލުމަކީ މައްސަލައެއް ނޫނެވެ. ނޫންނަމަ އެކަމުގައި ޝައިޠާނާ ތިމާ ބޮޑާކުރުވާ ކަންދެއްކުމާއި ޝިރުކުގެ ތެރެއަށް ވައްޓާލަފާނެއެވެ. ދެއްކުން ތެރިކަމަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަކާއިމެދު މިއުއްމަތަށްޓަކައި ބިރުވެތިވެ ވަޑައިގެންނެވި ކުޑަޝިރުކުގެ ތެރެއިން ހިމެނޭ ނުރައްކާތެރި ކަމެކެވެ. އެހެންކަމުން ކަންކަން ހާމަކުރުމުގައި ވަރަށް ބޮޑަށް ރައްކާތެރިވާން ޖެހެއެވެ. އަދި އެފަދަ ކަމެއްގެ ސަބަބުން ދިމާވާނެ އެސްފީނާ އާއި ޙަސަދައިން ސަލާމަތްވެ ހެޔޮގޮތުގައި އެކަން ކުރުމަށްޓަކައިވެސް، އެކަމުގައި ވަރަށްވެސް ހިފެހެއްޓުންތެރިކަން ގެންގުޅެން ޖެހެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ((إِنَّ أَخْوَفَ مَا أَخَافُ عَلَيْكُمْ الشِّرْكُ الْأَصْغَرُ قَالُوا يَا رَسُولَ اللَّهِ وَمَا الشِّرْكُ الْأَصْغَرُ قَالَ الرِّيَاءُ)) (صحيح رواه أحمد) މާނައީ: “ހަމަކަށަވަރުން ތިމަންނަބިއްޔާ ތިޔަބައިމީހުންނާމެދު އެންމެބޮޑަށް ބިރުފުޅުގެންވަޑައި ގަންނަވަނީ ކުދި ޝިރުކާ މެދުގައެވެ. އެބޭކަލުން ދެންނެވިއެވެ. ކުދި ޝިރުކަކީ ކޮބައިތޯއެވެ. ޙަދީޘްކުރެއްވިއެވެ. އެއީ ދެއްކުންތެރިކަމާއެކު ހެއު ޢަމަލު ކުރުމެވެ.”
އަދި ކުދި ޝިރުކުގެ ތެރޭގައި އިންސާނާ ބުނާ މިފަދަ ބުނުންތައްވެސް ހިމެނެއެވެ. ((“لَوْلَا اللهُ وَفُلَانٌ”، “مَا شَاءَ اللهُ وَشِئْتَ”)) މާނައީ: ” ﷲ ސުބުޙާނަހޫ ވަތަޢާލާ ވޮޑިގެންނުވާނަމަ، އަދި މިވެނި މީހަކު ނުވާނަމަ، ނުވަތަ ﷲ ސުބުޙާނަހޫ ވަތަޢާލާ އެދިވޮޑިގަތްނަމަ، އަދި ތިބާއެދެފިނަމަ، (މިފަދަ ބުނުންތައް ޝިރުކުގެ ތެރޭގައި ހިމެނެނީ ﷲ ސުބުޙާނަހޫ ވަތަޢާލާއާއި އެހެންފަރާތެއް ހަމަހަމަކުރެވޭތީއެވެ.)
އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ((لَا تَقُوْلُوْا مَاشَاءَ اللهُ وَشَاءَ فُلَانٌ وَلَكِنْ قُوْلُوْا مَاشَاءَ اللهُ ثُمَّ شَاءَ فُلَانٌ)) (صحيح رواه أبو داود)މާނައީ: “”އަދި ﷲ ސުބުޙާނަހޫ ވަތަޢާލާ އެދިވޮޑިގެންފިނަމަ، އަދި އެވެނިމީހަކު އެދުނުނަމައޭ”، މިފަދައިން ނުބުނާށެވެ. އެކަމަކު “ﷲ ސުބުޙާނަހޫ ވަތަޢާލާ އެދިވޮޑިގަތްނަމަ، އެއަށްފަހު އެވެނިމީހަކު އެދުނުނަމައޭ”، މިފަދައިން ބުނާށެވެ.
މިދެގޮތުގައިވާ ތަފާތަކީ (އަދި) މިލަފުޒު ބޭނުންކުރުމުން ދެފަރާތް ހަމަހަމަވަނީއެވެ. އަދި (އެއަށްފަހު) މިގޮތަށް ބުނުމުން ދެފަރާތް ހަމަހަމަނުވެ، ތަފާތުވަނީއެވެ. އެހެން ކަމުން ކޮންމެ ކަމެއްގައިވެސް މިދެންނެވި ފަދައިން ވިސްނާ ޢަމަލުކުރުން ވަރަށްވެސް މުހިއްމެވެ. ޚާއްސަކޮށް ދީނުގައި ހިމެނޭ ހެޔޮކަންކަން ކުރާއިރު ވަކިން ބޮޑަށް ސަމާލުވާންވާނެއެވެ. ޙިޖާމާ އަކީ އެންމެ ހެޔޮ ފަރުވާގެ ތެރޭގައި ދީނުގައި ބަޔާންކުރައްވާ ބާރު އަޅުއްވާފައިވާ ކަމެކެވެ. އެހެންކަމުން މިކަމުގައި މިދެންނެވިފަދައިން ވިސްނާ ޢަމަލުކުރުން ވަރަށް މުހިއްމެވެ.

ކަންމިހެން އޮތްއިރު ދިވެހިރާއްޖޭގައި ޙިޖާމާ ޖެހުން ވަރަށް ބޮޑަށް ޢާއްމުވެ ކުރިއަރައި ދަނިކޮށް، ރާއްޖޭގައި ސިއްޙީ ކަންކަން ކޮންޓްރޯލް ކުރާ ފަރާތްކަމުގައިވާ ހެލްތު މިނިސްޓްރީއިން ވަނީ، އެންމެ ފުރަތަމަ ވަކި މިންގަނޑަކަށް ތަނެއް ރަޖިސްޓްރީކޮށްގެން އެތަންތަނުގައި ނޫނީ ހިޖާމާ ނުޖެހުމަށް އަންގާފައެވެ. މިގޮތަށް އަންގާފައިވަނީވެސް މިދެންނެވިފަދަ ނޭދެވޭ ގޮތްތަކަށް ޙިޖާމާ ޖަހައި ޢަމަލުކުރާމީހުން ގިނަވުމުގެ ސަބަބުންނެވެ. އަދި އެއީ އެކަމުގައި ގެންނަން ޖެހޭ ބަލައިގަނެވޭފަދަ ކޮންޓްރޯލެކެވެ. ނަމަވެސް ތަނެއް މިންގަނޑަކަށް ހުރުން އެއީ ޙަޤީޤަތުގައި ދެވަނަ މަރުޙަލާކަމުގައި ދަންނަވަން ޖެހެއެވެ. ސަބަބަކީ ތަނެއް ހެދި އެކަން ކުރެވެން ޖެހޭނީ އެކަން ދަސްވެ އެކަމަށް ތަސައްރަފު ފުދުނީމައެވެ. އެހެންކަމުން ފުރަތަމަ މަރުޙަލާ ކަމުގައި ޙަޤީޤަތުގައިވާނީ، ކަމަށް ކޮންމެހެން ބޭނުންވާ ޢިލްމާއި ތަޖުރިބާ ލިބުމެވެ. އަދި އެ ޢިލްމާއި ތަޖުރިބާ ހުރެ މިންގަނޑަށް ފެތޭ މީހުނަށް އެކަމުގެ ހުއްދަ ދިނުމެވެ. އެއަށްފަހު އެފަދަ މިންގަނޑުގެ ތަންތަނުގައި އެފަރާތްތަކުން އެކަނި އެކަން ކުރުމެވެ. ނަމަވެސް ދެވަނަ މަރުޙަލާ ފުރަތަމައަށް ގެނެސްފައިވަނީ، ކަމުގެ ޢިލްމާއި ތަޖުރިބާ އެތައް ބަޔަކަށް ބޭނުންވާ މިންވަރަށް ޙާސިލްކޮށްދީ ވޯރކްޝޮޕް ފަދަ ތެކެތި ބާއްވާފައިވުމާއި އެކު، އެތައްބަޔަކު އެކަން ކުރަމުން ދާތީ ކަމުގައި ޤަބޫލުކުރެވެއެވެ. އަދި މިއަށް ފަހު ދުވަސްތަކެއް ފާއިތުވެ މިހިނގާ 2019 ވަނަ އަހަރުގެ މާރޗް މަހުގެ 20 ވަނަ ދުވަހު ވަނީ، ޙިޖާމާ ޖަހާ މީހުނަށް ހުއްދަ ދިނުމުގެ މިންގަނޑެއް ހެލްތު މިނިސްޓްރީއިން ޢާއްމުކޮށްފައެވެ. އަދި ކަނޑައެޅިފައިވާ މުއްދަތަށްފަހު ޙިޖާމާ ޖެހޭނީ އެމިންގަނޑަށް ރަޖިސްޓަރ ކުރެވޭ ޕްރޮގްރާމެއް ނުވަތަ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ލިބުމުން ކަމުގައި އިޢުލާންކޮށްފައެވެ. މިއީ ޙިޖާމާ ޖެހުމުގެ ކަންކަން އެކަށީގެންވާ ގޮތުގައި ރަނގަޅު ފެންވަރުގައި ރައްކާތެރިކަމާއި އެކު ކުރުމަށް ކޮންމެހެން އަޅަން ޖެހިފައި އޮތް ރަނގަޅު ފިޔަވަޅެކެވެ.

ނަމަވެސް އެއްވެސް ކަމަކީ އެންމެން ހިތްހަމަ ޖެހޭނެ ކަމެއް ނޫނެވެ. ނޭނގި މިކަންކަން ކުރާ ފަތާތްތަކަށާއި ކުރިން ދެންނެވިފަދައިން ދެއްކުންތެރިކަމާއި ޝައިޠާނާގެ އަވައިގައި ޖެހިފައިވާ ފަރާތްތަކަށް މިއީ ރަނގަޅު ކަމެއް ކަމުގައި ނުދެކެވިދާނެއެވެ. އެހެނީ ދެން އެމީހުން ކުރަމުން އައި އުސޫލުން ކަންތައް ނުކުރެވިދާނެކަމަށްޓަކައެވެ. އަދި މިފަދަ މޭރުމުން ސޯޝަލް މީޑިއާގައިވެސް ވަރަށް ގިނަ ޕޯސްޓުތައް އެކި ފަރާތްތަކުން ދައުރުކޮށް އެކަމަށް ފާޑުކިޔާ ދެކޮޅު ހަދާފައިވާކަން ފާހަގަކުރަމެވެ. ނަވަމެވެ ހެލްތު މިނިސްޓްރީން ނެރެފައިވާ މިންގަނޑަށް ބަލާއިރު އެމިންގަނޑަކީ ވަރަށް ރަނގަޅު، ކޮންމެހެން އެކަމުގައި ފުރިހަމަވާންޖެހޭ މިންގަނޑުތަކަކާއި އެނގެން ޖެހޭ ކަންތައްތައް ހިމެނޭ މިންގަނޑެކެވެ. އަދިވެސް އިތުރުކޮށްލަން ޖެހޭ ބަޔަކީ، ހިޖާމާ ޖެހުމުގައި ދީނީ ގޮތުން ރިއާޔަތް ކުރަން ޖެހޭ ކަންތައްތަކާއި ޙުކުމްތަކެވެ. އެކަންވެސް އެމިންގަނޑަށް ކޯސް ރާވާ ހުށަހަޅާ ފަރާތްތަކަށް އިތުރުކުރުމުގެ ފުރުސަތު އޭގައި ވަނީ ދީފައެވެ.

އެހެންކަމުން ނުބައިކޮށް މިކަން ނެގުމުގެ ބަދަލުގައި، ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފައި، ކެތްތެރިކަމާއި އެކު، އެކަން އެމިންގަނޑުން ކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތް، ކަމުގެ އަހުލުން އަތުގުޅާލައިގެން ކުރުން ވަރަށްވެސް މުހިއްމެވެ. ނޫންނަމަ ވަގުތު ފާއިތުވެ އެއްވެސް ގޮތަކަށް އެކަން ނުކުރެވޭގޮތް ވުމަކީ، އަނެއްކާވެސް ސުންނަތުގެ ފައިދާ ބޮޑު ފަރުވާ ވަޅުޖަހާ، އެތައް ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމެކެވެ. އަދި ހަމަ އެފަދައިން، އެކަމުގައި ކެތްތެރިވެ ސާބިތުވެ ތިއްބެވުމަށް ޙިޖާމާ ޖަހާ ހުރިހާ ފަރާތްތަކުގެ އަރިހުން އެދެމެވެ. އެހެނީ ގޮތްހުސްވެ ހާސްވާވަރުގެ އެއްވެސް ކަމެއް ނުވެއެވެ. އެއީ ކުރިއެރުމެކެވެ. އަދި އެމަސައްކަތް، ކަމުގެ އަހުލުން ކުރަމުންދާކަން ވެސް މިފުރުސަތުގައި ފާހަގަ ކުރަމެވެ. އެހެންކަމުން ޙިޖާމާ ޖެހުމުގައިވެސް ހިތްނިޔަތް ޚާލިސްކޮށް ދެއްކުންތެރިކަމާއި ޝައިޠާނާގެ ވަކިތަކުން ބޭރުވެ ތިބެ، މިފުރުސަތުގައި މަސައްކަތް ކުރުމަށް ކޮންމެހެން ސަމާލުވާން ޖެހެއެވެ. ހިތުގެ ނިޔަތް ފާސިދު ވެއްޖެނަމަ ޢަމަލުގެ ބޭރުފުށް ރަނގަޅުނަމަވެސް އެއީ ނުބައި ޢަމަލަކަށް ވެގެން ދެއެވެ. އަދި އޭގެ ސަބަބުން ތިމާ ބޮޑާކަމާއި ހަލާކަށްވެއްޓި ހަލާކުވެ ދެއެވެ. ދަންނަންވީ ކަމަކީ، ކިތަންމެ ހޮޔޮކަމެއްވެސް، އެކަމުގެ ނިޔަތަކީ ދެއްކުންތެރިކަމާއި، މީސްތަކުން ރުއްސުންކަމަށް ވެއްޖެނަމަ، އަދި އެހެންވެސް ނުބައި ނިޔަތެއް އޮވެއްޖެ ނަމަ އެކަމަކީ ޝިރުކުގެ ތެރެއަށް ވަދެގެން ހިނގައިދާނެ ކަމެއްކަން ދަންނަން ޖެހެއެވެ. އަދި އެޢަމަލަކީ ބާޠިލު ޢަމަލެއްކަމުގައި ވެދާނެއެވެ. ހަމަ އެހެންމެ، ކިތަންމެ ރަނގަޅު ނިޔަތެއްގައިވެސް، ކުރާ ނުބައި ޢަމަލު ނުވަތަ ނުބައިކޮށް ކުރާ ޢަމަލަކީވެސް ހަމަ ބާޠިލު، ފައިދާއެއް ނެތް ނުބައި ޢަމަލެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަންނަނިވި ބަސްފުޅު ޢިލްމުވެރިން ޝަރަޙަ ކުރައްވާފައި ވަނީމިފަދައިންނެވެ.

((إِنَّمَا الْأَعْمَالُ بِالنِّيَّاتِ ، وَإِنَّمَا لِكُلِّ امْرِئٍ مَا نَوَى)) ( صحيح البخاري) މާނައީ: “ހަމަކަށަވަރުން ޢަމަލުތައް ބިނާވެގެންވަނީ ނިޔަތްތަކުގެ މައްޗަށެވެ. އަދި އެމީހަކަށް ވަނީ އެމީހަކު ނިޔަތް ގަތް ކަމެކެވެ.”

އެހެން ކަމުން މިކަން އަބަދުވެސް ހަނދާނުގައި ބަހައްޓަމާ ހިނގާށެވެ. ހިޖާމާ ޖެހުމުގެ ސުންނަތުގައި އައިސްފައިވާ މިމުހިއްމު ފަރުވާ ދިނުމުގައި މަސައްކަތް ކުރައްވާ ހުރިހާ ފަރާތްތަކަށް، ފާގަތި މުސްތަޤުބަލަކަށް އެދެމެވެ. އަދި ކެތްތެރިވެ ކުރިއަށް ދިއުމުގެ ތައުފީޤު ދެއްވައި ކާމިޔާބު ދެއްވާށިއެވެ. އާމީން.

(ނިމުނީ)

ޙިޔާލުފާޅުކުރައްވާ

0 ކޮމެންޓު