އަތޮޅު ސްކޫލުން ކިޔެވުން ނިންމުމަށް ފަހު، ހަޔަރ ސްޓަޑީޒް ހެދުމަށް މާލެ އައިސް އެއް އެޕާރޓްމެންޓެއްގައި ދިރިއުޅެމުން އަންނަ 3 އަންހެން ކުދީންނެވެ. އެއީ ޝަޒޫއާއި، މަރީ އަދި ހާރިސާއެވެ.
މިތަނުން ޝަޒޫ ކިޔެވުމަށް ކޮލެޖަށް ދާންފެށިތާ މާ ގިނަދުވަސްތަކެއްނުވެ އެކި ކަހަލަ އުނދަގޫތަށް ވާންފެށިއެވެ. ކިޔަވަން ދާން ގެއިން ނިކުތުމާއެކު ބޮލުގައި ރިހުމެއް އިހުސާސްކުރެވެން ފެށިއެވެ. ފުރަތަމަ ރިއްސަން ފެށީ ވަރަށް ކުޑަކޮށެވެ. ދެން އެ ރިހުމަށް ސަމާލުކަމެއް ނުދީ އޭނާ ކިޔެވުން ކުރިޔަށް ގެންދިޔައެވެ. އޭގެ ދުވަސްތަކެއް ފަހުން މާ ބޮޑަށް ބޮލުގައި ރިހެން ފެށިއެވެ. ބައެއް ދުވަސް ދުވަހު ތެދުވަން ނުކެރޭވަރަށް ރިއްސައެވެ. ބޭސް ކައިގެން ވެސް ލުއިކަމެއް ލިބުނީ މަދު ދުވަސްކޮޅަކަށެވެ.މާބޮޑުވަރު ވާންފެށުމުން ޑޮކްޓަރަށް ވެސް ދެއްކިއެވެ. އޭނާގެ ބައްޔަކީ މައިގްރޭންކަމުގައި ނިންމައި ޑޮކްޓަރު އޭނާއަށް އެކަމުގެ ބޭސްތައް ދިނެވެ. މަހެއްހާ ދުވަހު ލުއިކަމެއް ލިބިފައި ހުއްޓެވެ.
ދެން ވާންފެށީ މުޅީން ތަފާތު ގޮތްތަކެކެވެ. މީގެ ކުރިން ދުވަހަކުވެސް ނުރިއްސާވަރަށް ބޮލުގައި ރިއްސަން ފެށިއެވެ. ރިއްސަމުން ގޮސް މޫނުމައްޗަށް އަނދިރި ޖެހި ތަންދޮރު ނޭނގޭ ހިސާބަށް ދެއެވެ. މިފަހަރު ޑޮކްޓަރަށް ދެއްކުމުން ވެސް ކުރީފަހަރެކޭ އެއްގޮތަށް މައިގްރޭންކަމަށް ބުންޏެވެ. އެހެންކަމުން އަނެއްކާވެސް ބޭސް ކުރިޔަށް ގެންދިޔައެވެ.
އޭގެ ހަފްތާއެއްހާ ދުވަސް ފަހެވެ. އިރު އޮއްސުނު ގަޑީގައި ކުއްލިއަކަށް ބޮލުގައި މާގަދައަށް ރިހި، މޫނުމައްޗަށް އަނދިރިވިއެވެ. ގައިތެރެއިން ހޫނުގަނޑެއް އެރިހެން އިހުސާސް ކުރެވުނެވެ. އެގޮތަށް ހޫނުއަރަން ފެށުމުން ފާހާނާއަށް ވަދެ ފެންވަރައިގެން ނިކުމެ ކޮޓަރީގައި ރީތިވާން ހުއްޓާ، ކަންފަތް ކައިރީ ނަމުން ވަރަށް މަޑުމަޑުން ގޮވާލިހެން ހީވިއެވެ. އެހިސާބުން ބޮލުގައި ރިހެންފެށިއެވެ. ގައިގެ ވަރުވެސް ދޫވާންފެށިއެވެ. އެހެންވާންފެށުމުން ވަރުބަލި ފިލުވާލަން އެނދުގައި އޮށޯވެލިތަނާ ނިދިއްޖެއެވެ. މިގޮތަށް މިކަން ތަކުރާރުވާތާ ދުވަސްކޮޅެއް ވުމުން، މިހިނގަނީ އާދައިގެ ކަމެއް ނޫންކަމުގެ އިހުސާސް ކުރެވެންފެށިއެވެ. ސަބަބަކީ މިގޮތަށްވެ ނިދޭ ކޮންމެފަހަރަކު ފެންނަނީ އެކި ފާޑު ފާޑުގެ ނުބައި، ބިރުވެރި އަދި ޝަހުވަތުން ފުރިގެންވާ ހުވަފެންތަކެވެ.
މިގޮތަށް ދުވަސްތައް ވޭތަވަމުންދާތީ ހިތުގައި ނުތަނަވަސްކަން އުފެދުނެވެ. އަދި މިވާހަކަތައް ދެން ތިބި ދެކުދިންނަށް ކިޔައިދީ މިކަމާމެދު މަޝްވަރާ ކުރިއެވެ. އެހިސާބުން އެކި ސައިޓްތަކުންނާއި އެކި މީހުން ކައިރިން މައުލޫމާތު ހޯދުމުން އެނގިގެންދިޔައީ ޝަޒޫއަށް ދިމާވާ ކަންތައްތަކަކީ ރޫޙާނީ ކަމެއްގެ ޢަލާމާތްތަކެއް ކަމެވެ. މިކަމާ ބިރުން އެވާހަކަތައް ޢާއިލާމީހުނަށް ކިޔައިދިނެވެ. ފަންޑިތައިގެ ވާނުވާ އޭރު އެމީހުނަކަށް ނޭނގެއެވެ. އެހެންކަމުން މިކަމަށް ފަރުވާ ކުރުމަށް އޭނާގެ ބައްޕަ ފުރަތަމަ ގެނައި މީހާއަކީ ހުއްދަނޫން ޒާތުގެ ފަންޑިތަ ހަދާމީހެކެވެ. އެހެންނަމަވެސް އެފަހަރު އެމީހާ ކިޔަވާފައި ދިނީ ފެންތައްޓެކެވެ. ކިޔެވީ ކޯޗެއްކަމެއް ނޭނގެއެވެ.
އޭގެ ފަހުން މަހެއްހާ ދުވަހު އަނެއްކާވެސް ލުއިކަމެއް ލިބިފައި ހުއްޓެވެ. ދެން އިޙްސާސްވާންފެށީ އަބަދުވެސް ކައިރީގައި މީހަކު އުޅޭކަމުގެ ބިރުވެރި އިޙްސާސެކެވެ. ކޮޓަރީގައި ހުއްޓަސް، އަދި ފާޚާނާގައި ހުއްޓަސް މިއިޙްސާސްކުރެވެއެވެ. މިކަންތައް ހިނގަން ފެށުމާއެކު އެއްގޮތަކަށްވެސް ކިޔަވަން ދެވޭ ގޮތެއް ނުވެއެވެ. މިހިސާބަށް ކަންތައް ދިޔައިރު ކިޔަވާ ހިތްނުވާންފެށުމުންނެވެ. ޝަޒޫގެ ހިތް އަބަދުވެސް އެދެނީ ކޮޓަރި އަނދިރިކޮށްލައިގެން އެކަނި ކޮޓަރީގައި އޮތުމަށެވެ. ނިދީގައި ސިއްސައިގެން ދިއުމާ، ނިދިން ހޭލާއިރު ގައިގެ ތަންތަން ނޫފައިގަނެފައި ހުރުމާއި، ގައިގައި ވަކިދަމާފައި ހުންނަގޮތަށް ހުރުން އިތުރުވެގެން ދިޔައެވެ.
މިވޭންތަކުގައި ބިރުވެރިކަން އިތުރުވާން ފެށިއެވެ. އެހެންކަމުން އަނެއްކާވެސް ޙައްލެއް ފެނޭތޯ މަސައްކަތް ފެށީއެވެ. މިފަހަރު ބޭބެއެއް މެދުވެރި ވެގެން ރުޤްޔާ ކުރާ މީހަކު ގެނައެވެ. ރާޤީ ބެލި ބެލުމުން އެނގުނީ އޭނާއާ ޖިންނިއެއް އަވަލާފައި ހުރިކަމެވެ.
ޝަޒޫއާއި އެޖިންނި އަޅައިގަތީ ކީއްވެކަން ރުޤްޔާ ކުރުމުގެ ތެރެއިން އެނގިގެން ދިޔައެވެ. އެއީ ރަށުގައި އުޅުނުއިރެވެ. ރައްޓެހިވެގެން އުޅުނު ކުއްޖާއާއި އެކު ރަށުގެ ވަލުތެރޭގައި ހުންނަ ނިކަ ގަސް ބުޑުގަ ބައްދަލުކޮށްހަދައެވެ. އެމަންޒަރު މިޖިންނި އައީ ބަލަމުންނެވެ. އެއީ އެތަނަކީ ވަރަށް ގިނައިން ދުވާލުވެސް އަދި ރޭގަނޑުވެސް ދެމީހުން ބައްދަލުކޮށް ގޮތްގޮތަށް އުޅެން ދާ ތަނެކެވެ. އަދި ދެމީހުން ވެގެން އެގަހަށް އެއްޗިހި އުކާ ގަހަށް އަރާ ނިކަ ބިނދެގެން ކައިވެސް ހަދައެވެ.
ރުޤްޔާކުރުމުގެ ތެރޭގައި ހާޒިރުވި ޖިންނި ބުނިގޮތުގައި ދެމީހުން އެތާ ފާޙިޝް ޢަމަލު ހިންގާ ޒިނޭކުރާތަން ގިނަ ގިނައިން ފެންނާތީ އޭތިވެސް އެކުއްޖާ ދެކެ ލޯބިވެގެން އެކަން ކުރަންބޭނުންވީއެވެ. އަދި ބައެއް ރޭރޭ އެއްކޮށް ބަރަހަނާވެގެންވާ ހާލުގައިވެސް ޒިނޭ ކުރަން ތިއްބާ ފެނިގެން ހިތާވެ ކައިރިވާން ބޭނުންވީއެވެ.
ޖިންނި އެއްގޮތަކަށް ވެސް އޭނާ ދޫކޮށް ދިއުމަށް ބޭނުމެއް ނުވިއެވެ. ކުރިން ފަންޑިތަ ހަދަން އައި މީހާ ހެދި ފަންޑިތައިގެ ސަބަބުން އިތުރު ޖިންނި އެއްވެސް ވަނީ ޝަޒޫ ކައިރިއަށް އައިސްފައެވެ. އެމީހާ ޝިރުކުގެ ގޮތަށް އެކަންކޮށް ޖިންނީގެ ވާގި އެދި އެކަންކުރުމުން ވީކަމެއް ކަމުގައި ބެލެވެއެވެ. އެޖިންނި ބޭނުންވަނީ އަބަދު ޝަޒޫ ކައިރީ ހުންނާށެވެ. އޭނާގެ ހަށިގަނޑުން ހުއްދަނޫންގޮތުގައި އަރާމު ހޯދާ އޭނާއާ ޒިނޭކުރާށެވެ. އުމުރުދުވަހުވެސް ޝަޒޫ ކައިރީ ހުންނަން ޖިންނި ބޭނުންވިއެވެ.
ރުޤްޔާ ކުރުމުގައި ދުވަސްތައް ވޭތުވެގެންދިޔައިރުވެސް އޭނާގެ އުޅުމަކަށް ބަދަލެއް ނުގެނެއެވެ. ދީނީ ކަންކަމަށް ސަމާލުކަމެއް ނުދެއެވެ. މިކަންމިހެން ވާތީ، ރާޤީ އޭނާއަށް ނަސޭހަތްތެރިވަމުން ގެންދިޔައެވެ. ނަމާދުތައް ކުރުމަށާއި ޒިކުރުތައް ކިޔުމަށް އަބަދުވެސް ބުނެދެމުން ގެންދިޔައެވެ. އެހިސާބުން އެހެނިހެން މީހުންކައިރިންނާއި އެކި ގޮތްގޮތުން ދީނުގެ ކަންކަން އޮޅުފިލުވަމުން އޭނާ ގެންދިޔައެވެ. މީގެ ނަތީޖާއަކަށްވީ އޭނާގެ އުޅުން އިސްލާހު ކޮށް ބަރާބަރަށް ނަމާދާއި ޒިކްރުތަށް ކުރަން ފަށުމެވެ. އަދި ޤުރްއާން ކިޔެވުން ގިނަކުރިއެވެ. އޭނާގެ ޙަޔާތަށް މިކަންކަމުން ދިރުން ލިބެންފެށިއެވެ. ޝަހުވަތްތަކާއި ނުބައި ކަންކަމާ ދުރުވާން ފެށުނެވެ. މިއިސްލާހުތަކަށްފަހު ރުޤްޔާ އިން ފަރުވާ ހޯދަން ފެށިތާ މާ ގިނަދުވަސް ތަކެއް ނުވެއެވެ. ﷲގެ ރަޙްމަތާއިއެކު އެކަމުން އޭނާ ސަލާމަތްވެ ޝިފާ ލިބިގެން ދިޔައެވެ. އެއަށްފަހު ޝަޒޫއަށް މިހާރު އެކަހަލަ އެއްވެސް އުނދަގުލެއް ދިމައެއް ނުވެއެވެ. އަދި ﷲގެ އިރާދަފުޅާއިއެކު ކިޔެވުންވެސް ދަނީ ކުރިއަށެވެ.
މިކަންކަމުން ޢިބްރަތް ލިބިގަނެ އޭނާގެ ދެރަޙްމަތްތެރިންވެސް އެމީހުންގެ އުޅުން އިސްލާހުކޮށްފިއެވެ. ހުރިހާ ޙަމްދެއްވަނީ މާތް ﷲއަށެވެ.
އެކުވެރިންނޭވެ! ފާޙިޝް ކޮންމެ ކަމަކަށް ޝައިޠާނާ ލޯބިކުރެއެވެ. އަދި އެފަދަ ކޮންމެކަމެއް ކުރާއިރު އޭނާ ތިބާ ކައިރީ ހުރެއެވެ. އަދި އޭނާވެސް ތިބާއާއެކު އެފާޙިޝްކަމުގައި ބައިވެރިވެއެވެ. ތިބާއަށް ނުފެނިއެވެ. އަދި ހުވަފެންތަކެއްގައި ތިބާ ޖައްސާފައި ބާއްވައިގެންނެވެ. ނިދީގައާއި ހޭލާ ހުންނައިރުއެވެ. އޭނާ ތިބާގެ ގައިގާ ބީހެއެވެ. ތިބާ ނުރުހުނަސް މެއެވެ. އަދި އެކަމުގެ ސަބަބުން ތިބާގެ ހަށިގަނޑުގައި ކިތައްމެ ވޭނެއްއެޅިޔަސްމެއެވެ.
އޭނާގެ ކިބައިން ތިބާއަށް ސަލާމަތްވެވޭނީ ތިބާގެ އުޅުން ﷲ އެންގެވިގޮތަށް ބައްޓަންކޮށްގެނެވެ. އެއިލާހުގެ ކަލާމްފުޅުގެ ފުރިހަމަ ފައިދާ ކުރާނީ އެކަލާމްފުޅުގައިވާ ކަންކަމަށް އީމާންވެ ޢަމަލުކުރުމުންނެވެ. އެހެން ނޫނީ އެއީ ހަމަ ފޫނެއްފަޔަށް ފެންފުރުންފަދަ ކަމަކަށް ވެގެން ހިނގައިދާނެއެވެ. ނަމާދާއި ޒިކުރުތަކަކީ ތިބާ ރައްކާތެރިކޮށްދޭ ކަންކަމެވެ. ނުބައި އުޅުން ދޫކޮށް އަވަހަށް އިސްލާޙްވާށެވެ. ޝައިޠާނާގެ ވަކިތަކުން ސަލާމަތްވާށެވެ. މާތްﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގައިވެއެވެ.

وَمَن يَعْشُ عَن ذِكْرِ الرَّحْمَـٰنِ نُقَيِّضْ لَهُ شَيْطَانًا فَهُوَ لَهُ قَرِينٌ﴿٣٦ وَإِنَّهُمْ لَيَصُدُّونَهُمْ عَنِ السَّبِيلِ وَيَحْسَبُونَ أَنَّهُم مُّهْتَدُونَ﴿٣٧

މާނައީ: ”ރަޙްމާންވަންތަ ރަސްކަލާނގެ ހަނދުމަކުރުމަށް ކަނުވެގަންނަ މީހާއަށް ތިމަންރަސްކަލާނގެ ޝައިޠާނެއް ފާކުރައްވާހުށީމެވެ. ފަހެ، ޝައިޠާނާ އޭނާޔާ ވަކިނުވެ، އެކުގައި އުޅޭނެތެވެ. އަދި ހަމަކަށަވަރުން، އެ ޝައިޠާނުން، މީސްތަކުން ތެދުމަގުން އެއްކިބާކުރެތެވެ. އަދި އެއުރެން ހީކުރަނީ، އެއުރެންވަނީ ތެދުމަގު ލިބިފައިކަމުގައެވެ.”

Close Ad XGet My Ruqya Android App On Google Play

ޙިޔާލުފާޅުކުރައްވާ

0 ކޮމެންޓު