ނޯޓް: މިއީ އަޅުގަނޑު، ދިއިސްލާމް މަޖައްލާ ޖޫން 2013، ޢަދަދު 25 ގެ ކަވަރ ސްޓޯރީގެ ގޮތުގައި ޝާޢިއުކޮށްފައިވާ ލިޔުމެކެވެ. މިއީ އެދުވަސްވަރު އޮތް އިންތިޚާބުގެ ކަންތަކާއި ގުޅިގެން ސިހުރު ހަދަމުންދާތީ އެކަމާއިމެދު، އަދި ކޮންމެވެސް ވަރަކަށް ދިވެހި ތާރީޚުގައި ހަދާފައިވާ ސިޔާސީ ސިހުރުގެ މައްޗަށް ބަލައިލާ ލިޔެފައިވާ ލިޔުމެކެވެ. އަދި ސިޔާސީ ކަންކަމުގައި ސިހުރު ހަދާ އުޅޭ ގޮތުގެމައްޗަށް ބަލައިލާފައިވާނެއެވެ. 

ސިޙުރު ބާވައިލައްވާ އެކަން ޙަރާމްކުރެއްވި މާތް ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޙަމްދުކުރަމެވެ. އަދި ސިޙުރު ފަދަ ކަންކަމުން ސަލާމަތްވާނެ ގޮތް ބަޔާންކޮށްދެއްވި މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ޞަލަވާތާއި ސަލާމް ލެއްވުން އެދު ދުޢާކުރަމެވެ.
މިދުވަސްވަރަކީ ދިވެހިރާއްޖޭގެ ކަންކޮޅުތަކުގައި ހޭބޯނާރާ އެންމެން އެއްކަމަކައިގެން އުޅެމުންދާ ދުވަސްވަރެވެ. ފެންނަމުން ދަނީ ކުލަތަކާއި ދިދަފަތިތަކެވެ. ފޮޓޯތަކާއި ލިޔުންތަކެވެ. އިވެމުންދަނީ ބެރުދުންމާރީގެ އަޑުތަކާއި އެކު ލަވަތަކެވެ. ކޮންމެވެސް މީހަކަށް ތަޢުރީފުކޮށްފައެވެ. ނުވަތަ ކޮންމެވެސް މީހަކަށް ހަޖޫޖެހުމާއި، ފަޟީހަތްކުރުމުގެ ޢިބާރާތްތަކުންނެވެ. ފޮނިވަޢުދުތަކާއި، ހުވަފެންތައް ދެއްކުމުގައި އެއްބަޔަކު ފައިސާތައް ތަޅާބުރުވަނީއެވެ. މިހުރިހާކަމެއްގެ މެދުގައި އާވާރާވެފައި ތިބީ ހަމަ ރައްޔިތުންނެވެ. އާދެ، މިދަންނަވަނީ ކެމްޕެއިންގެ ވާހަކައެވެ. ޤައުމުގެ ވަލިއްޔުލް އަމްރުކަމަށް މީހަކު ހޮވުމަށް ސްޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބަށް އެކިމީހުން ތައްޔާރުވަމުން އަންނަ ގޮތުގެ ވާހަކައެވެ. މިދެންނެވުނީ ފެންނަމުންދާ މަންޒަރުތަކާއި އިވެމުންދާ ބައެއް އަޑުތަކުގެ ވާހަކައެވެ.
ފެންނަމުންދާ ކުލަތަކާއި އިވެމުންދާ އަޑުތަކުގެ ފަހަތުގައި ނުފެނި ފޮރުވިފައިވާ ކަންތަކާއި ނީވޭވަރަށް ސިއްރުން ދެކެވޭ ވާހަކަތައް ހުންނާނެކަމީ ކޮންމެ މީހަކުވެސް މިއަދު ޤަބޫލުކުރާނެ ޙަޤީޤަތެކެވެ. ހަމައެފަދައިން ވަގަކަށް ހާސްރޭ ވިއްޔާ ވެރިއަކަށް އެއްރެއޭ ބުނާ އުސޫލުން ސިއްރުން ކުރާކަންކަން ހާމަވެ ފަޅާއެރުމަކީވެސް ފެންނަމުންދާ ޙަޤީޤަތެވެ. ރައްޔިތުންގެ ތެރޭން އެމީހަކު އެމީހެއްގެ ޕާރޓީއާއިގެން މަރުދަންޖެހޭ ހިސާބަށް ދާއިރު، ކުއްލިއަކަށް ވީނުވީއެއްވެސް ނޭނގި އެހެން ޕާރޓީއަކަށް ޚިޔާލާއި ފިކުރު ގޮސް އެޕާރޓީއަކަށް މަރުދަން ޖެހޭ ހިސާބަށް ދާވާހަކަ މިހާރު ދަނީ އިވެމުންނެވެ. ވޯޓު ނުދޭން ހިތުއަޅައިގެން ހުންނަ މީހާއަށް ވޯޓު ދީފައި މިއައީ ކީއްވެކަން ޚުދު ތިމާއަށްވެސް ނޭނގި ވޯޓު ދެވުނު ވާހަކައަކީ ފާއިތުވި ބައެއް އިންތިޚާބުތަކުގައި އަޅުގަނޑާއި ބައެއް ފަރާތްތަކުން ޙިއްސާކުރި ވާހަކައެކެވެ. މިކަންކަމުގެ ފަހަތުގައި ފޮރުވިފައިވާ ކަމަކީ ސިޔާސީ ގޮތުން ހިތްރުއްސުމަށާއި ވޯޓު ހޯދުމަށް ހަދާ ސިޙުރުކަމާއި، މިކަމުގައި ފޮރުވިފައިވާ ސިއްރު އަޑުތަކަކީ ސިޙުރުގެ ކިޔަވެލިތަކުގެ އަޑުތައް ކަމުގައި މިވަނީ ތުހުމަތުކުރެވިފައެވެ. އާދެ މިދަންނަވަނީ ސިޔާސީ ބޭނުންތަކުގައި ސިޙުރު ހަދާވާހަކައެވެ. ޕާރޓީއާއި އިންތިޚާބުގެ ކަންކަމުގައި އާވާރާވެ މަސްތުވެފައިތިބި މީހުނަށް އިޙްސާސް ނުވިނަމަވެސް، އެމީހުންގެ ތެރެއިން ގިނަބަޔަކު އާވާރާ ކުރުވީ ސިޔާސީ ސިޙުރުތައް ކަމާމެދު މިވަނީ ޝައްކެއް ނެތި ޔަޤީންވާ ހިސާބުގައެވެ.
ކޮންމެއަކަސް ސިޔާސީ ބޭނުންތަކުގައި، ނުވަތަ ސިޔާސީ މީހުނާ ދެކޮޅަށް ސިހުރުހެދުމަކީ މިއަދު މިޒަމާނުގައި ފެށުނު ކަމެއް ނޫނެވެ. މުސްލިމުންގެ ވެރިޔާ، އަހަރެމެންގެ މާތްނަބިއްޔާ އަވަހާރަކޮށްލުމަށް ލުބައިދު ބުނުލް އަޢުޞަމް ސިޙުރު ހެދިކަމީ ސާބިތުވާ ކަމެކެވެ. ކަން މިހެން އޮތްއިރު ސިޙުރުވެރީން ސިޙުރު ނުހަދާނީ ކޮން ފެންވަރެއްގެ ކާކަށް ހެއްޔެވެ.
ކުޑަކުޑަކޮށް ދިވެހި ތާރީޚަށް ނަޒަރުހިންގައިލަމާތޯއެވެ.

Close Ad XGet My Ruqya Android App On Google Play

ވެރިކަމާއި ޙަވާލުވެވަޑައިގެންނެވިތާ 30 ދުވަހުގެ ތެރޭގައި މުޙައްމަދު އަމީނު އަވަހާރަކޮށްލުމަށް ސިޙުރު ހެދިވާހަކައަކީ ދިވެހި ތާރީޚުގައި މަޝްހޫރު ވާހަކައެކެވެ. އެއީ ގއ. ވިލިނގިލީ ދޮން އަހުމަދުގެ އަލިތަކުރުފާނާއި ދޮންދިޔަގެ އަލިތައްހާނާއި އެ އަތޮޅު ނިލަންދޫ ހަކީމް ދީދީ އާއި ދޮން އަހުމަދު އަނީސް (ރެކިފުތާ) އާއި ދޮން އަހުމަދުގެ އައިސާ ފާނު، އެ އަތޮޅު އަތޮޅުވެރިޔާ ވީރު އަލިދީދީ އާއި ރައީސް މުހައްމަދު އަމީން އަވަހާރަކޮށްލަން ސިހުރު ހަދައި ޒަހަރު އުފެއްދި ކަމަށް ތުހުމަތު ކުރެވުނު ހާދިސާއެވެ. މިކަން ހިނގައި ދިޔަގޮތަށް ކުރުގޮތަކަށް ބަލައިލާއިރު، ގއ.ވިލިނގިލީ މިސްކިތުގެ ގަބުރުސްތާނުގައި ވަޅުލާފައި ތިބި ކުޑަކުދިންތަކެއްގެ މަހާނަ ކޮނެގެން އެ ކުދިންގެ ގަބުރު ނަގައި ބަނޑު ފަޅައި މުޅަ މޭގަނޑުން ތެޔޮ ހާނައި އެ ތެޔޮ ގައިގައި އުނގުޅައި، ތެޔޮ ކުނޑިތައް ކައި ހެދި ކަމަށް ހަކީމް ދީދީ އާއި ދޮން އަހުމަދު އަލިތަކުރުފާނާއި ދޮންދިޔަގެ އަލިތައްހާންވަނީ އިޢުތިރާފް ވެފައެވެ. އެ އިއުތިރާފު ބުނާ ގޮތުން ހަކީމް ދީދީމެންގެ މައިގަނޑު ނިޔަތަކީ މުހައްމަދު އަމީން އަވަހާރަ ކޮށްލުމެވެ. ގަބުރުގެ މޭ ނަގައިގެން ހޭނި ތެޔޮ ޖަހައިގެން ގޮދަން ފުށް މޮޑެ އެ ފުށްގަނޑުން ރައީސް އަމީންގެ ސޫރައެއް ހަކީމް ދީދީ މޮޑެލް ކޮށްދީފައި ދޮން އަހުމަދުގެ އަލިތަކުރުފާނު ގާތުގައި ހަކީމް ދީދީ “ކަލޭ އޭނާގެ ސޫރަ ހުސްވަންދެން ކާށޭ،” ބުނުމުން ދޮން އަހުމަދުގެ އަލިތަކުރުފާނު ކަމުން ކަމުން ގޮސް ހޮޑަށް އޮބައި ފުށްގަނޑު ނުކެވުނު ކަމަށް ހަކީމް ދީދީ އާއި ދޮން އަހުމަދުގެ އަލިތަކުރުފާނު އިއުތިރާފުވިކަމުގައިވެއެވެ. ސިހުރު ހެދުމުގެ މިކަންތައްގަނޑުގައި 7 އޭޕްރީލް 1953 ގައި ހަމައެކަނި ޙަކީމް ދީދީގެ މައްޗަށް މަރުގެ ޙުކުމް އިއްވާ އެޙުކުމް ތަންފީޒުކުރުމުގެ ގޮތުން ހަމައެދުވަހު ޓިނު އަލިފުޅު ބަޑިޖަހައި ޙަކީމް ދީދީ މަރާލިއެވެ. ސިޙުރުވެރިޔާއަށް މަރުގެ އަދަބުދިނެވެ.

Ameen maran sihuru hedhi meehun

އޭގެފަހުން ޒަމާންތައް ފާއިތުވެ ވެރިއަކަށްފަހު ވެރިއެއް މިދަނީ ދިވެހި ތަޚްތަށް އިސްކުރެވެމުންނެވެ. ކޮންމެވެރިކަމަކާއި މެދުވެސް ސިޙުރުގެ ކަންތައްގަނޑެއް ހިންގޭ ކަމުގައި ބުނެވެއެވެ. ކުރީގެ ރައީސް މައުމޫނަށް ސިޙުރު ހެދިކަމުގެ ތުހުމަތުގައި އަރިސް ބޭފުޅަކަށް ޙުކުމް އިއްވާފައިވެއެވެ.  ކަންމިހެން އޮތްއިރު މައުމޫނުގެ ވެރިކަން ދެމެހެއްޓުމަށްޓަކައި ސިޙުރު ހާހޫރަ ހަދައި އުޅުނުކަމުގެ ވާހަކަތަކަކީ ދިވެހިން މަޝްހޫރުކޮށް ދައްކައި އުޅުނު ވާހަކައެކެވެ.  ރައީސް ނަޝީދުގެ ވެރިކަމުގައި ކަނޑުއަޑީގައި ބޭއްވި ބައްދަލުވުމަށް ހުރަސްއަޅާ މަރާލުމަށް ސިޙުރު ހެދުމުގެ ގޮތުން މިސްކިތެއްގައި ޤިބުލައަށް ފުރަގަސްދީގެން ނަމާދުކޮށް ސިހުރު ހެދިކަމަށް ބުނެ ވީޑިއޯއެއްވެސް ޢާއްމުވެގެން ދިޔައެވެ.

ކޮންމެއަކަސް މިވާހަކަތައް ކުޑަކޮށް އެއްފަރާތްކޮށްލުމަށްފަހު އިންތިޚާބްތަކުގައި ސިޙުރުގެ ކަންކަން ހިނގަމުން އަންނަ ގޮތާއިމެދު ބަލައިލާނަމެވެ. ޑިމޮކްރަސީއޭ ކިޔުނު ޠާޣޫތީ ނިޒާމްގެ ތެރެއިން ޕާރޓީތައް އުފެދިފައިވީއިރު، ޤައުމުގެ ވެރިޔާ ހޮވުމުގެ އިތުރުން ރައްޔިތުންގެ މަޖިލީހަށާއި، ކައުންސިލްތަކަށް މީހުން އައްޔަންކުރުމަކީވެސް ވޯޓު ނަގައިގެން ކުރަމުންދާ ކަންކަމެވެ. މިއިން ކޮންމެ އިންތިޚާބެއްގައިމެ ރައްޔިތުންގެ ރުހުން ހޯދުމަށާއި އިންތިޚާބު ކާމިޔާބުކުރުމަށް ފަންޑިތަވެރިންގެ ޖީބުފުރައިދީ، ސިހުރު ހެދުމަކީ ޕާރޓީ ރޫހުގައާއި އަމިއްލަ ފަރުދީ އެދުމުގައި ކުރަމުން އަންނަ ކަމެކެވެ. މިފަދަ ފަންޑިތައާއި ސިޙުރުގެ އަމާޒަކީ ޢާއްމު ރައްޔިތުންގެ ހިތްތަކެވެ. މިކަމުގެ ގެއްލުންތަކުގެ ޝިކާރައަކީވެސް ހަމަ ރައްޔިތުންނެވެ.
އިންތިޚާބުތަކާއި ގުޅިގެން ހިނގާފައިވާ ބައެއް ފަންޑިތަ ސިޙުރުގެ ޙާދިސާތަކުގެ ތެރެއިން ކޮނެމެވެސް މިންވަރެއް ޙިއްސާކޮށްލުން މުހިއްމުކަމުގައި ދެކެމެވެ. ފާއިތުވެދިޔ 2009 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ މެމެބަރުން ހޮވުމަށް ބޭއްވުނު އިންތިޚާބުގައި، ނ.މިލަދޫގައި ހާދިސާއެއް ހިނގައި ދިޔައެވެ. ރަށު ސުކޫލުގެ ކުދިންތަކަކަށް ސިޙުރު ޖެހި އެކުދިންގެ ހަށިގަނޑަށް ޝައިޠާނާވަދެ މޮޔަކޮށްފައި ވެއެވެ. ހަށިގަނޑަށް ވަދެ ޝައިޠާނާ ގޮވާ ގޮވުންތަކަކީ، އަދި އެސޮރުމެން ބުނި ވާހަކައަކީ، އެމް.ޑީ.ޕީގެ މެމްބަރަށް ވޯޓު ނުދިނުމަށާއި، ޑީ.އާރު.ޕީގެ ކެނޑިޑޭޓް މެމްބަރުކަމަށް ލީމަ ނޫނީ ދޫނުކުރާނެކަމަށެވެ. ޝައިޠާނާއަކީ ދޮގުވެރިއެއް ކަމަކު، ރައްޔިތުންގެ ތެރެއިން އެތައް ބަޔަކު އެސިޙުރުތައް އެރަށުގައި އޭރު ޑީ.އާރު.ޕީއަށް ނިސްބަތްވާ ބަޔަކު ހެދިކަމަށާއި، އެފަދަ ބަސްތައްވެސް އެމީހުން ފުށުން އިވިފައިވާ ކަމުގައި ބުންޏެވެ. އަދި ސިޙުރުވެރިޔާ ސިޙުރު ހަދަނިކޮށްވެސް ބަޔަކަށް ފެނިފައިވާކަމުގައި ބުނެވެއެވެ. އެކަންތައްގަނޑު ޙައްލުވީ، ރަށު ސުކޫލުގެ ދޮރުމައްޗަށް ސިޙުރު ބާޠިލުކުރުމަށްޓަކައި ކިޔަވައި ފެން އެޅުމުންނެވެ. ވޯޓު ފޮށި ބެހެއްޓީ ރަށުސުކޫލުގައި ކަމުން، ސިޙުރު ހެދުމަށްފަހު ފެންއަޅާހަދާފައި ވަނީ ވޯޓުލުމަށްޓަކައި ވަދެނިކުމެވާ ސުކޫލު ގޭޓު ކައިރިއަށެވެ.
2008 ވަނަ އަހަރު މައުމޫނުގެ ވެރިކަން ވައްޓާލުމަށްޓަކައި، ބައެއް ރަށްރަށުގައި ބޮނޑުފަދަ ތަކެތި ސިޙުރުހަދައި ކަފުންކޮށް ވަޅުލައި ހެދިކަމުގެ ޚަބަރުތައްވެސް ލިބިފައިވެއެވެ. މިފަދަ އިންތިޚާބުތަކުގައި ރަށްރަށުގެ މަލަމައްޗަށް އުފުލިފައި ހުންނަ ގަސްރުއް ފަދަ ތަކެއްޗަށް، ވަހުތާންތައްވެސް ޖަހައި އުޅެއެވެ. އަދި ބައެއް ރަށްރަށުގައި، ސިހުރު ހަދާމީހުން ތިމާ ތާޢީދު ނުކުރާ، ހޮވެން ބޭނުން ނުވާ މީހާގެ ކުރިމަތީ ރޮނގު އެޅުމާއި، ހިޔަނި މައްޗަށް ކުޅުޖެހުމާއި ފުޅަނގި ފަދަ ތަކެތީގައި ސިޙުރު ހެދުން ފަދަ ކަންކަން ހިންގާފައި ވެއެވެ. ދެން ދިމާވީ ކ.ގުރައިދޫ ސުކޫލުގެ ކުދިންތަކެއް ހޭނެތުމުގެ މައްސަލައެވެ. މިކަންވެސް ދިމާވީ، ވޯޓު ފޮށި ބެހެއްޓުމާއި ގުޅުންހުރި ކަމަކަށެވެ. ކަންމިހެން އޮތްއިރު މިއަހަރުގެ އިންތިޚާބުގައި، ސިހުރު ހަދާތީ ކަމަށް ބުނެ ސުކޫލުގައި ވޯޓުފޮށި ބެހެއްޓޭނީ ވޯޓުފޮށި ބަހައްޓައިގެން އެފަދަ ކަމެއް ދިމާވެއްޖެނަމަ އިލެކްޝަނުން ޒިއްމާވާ ގޮތަށް ކަމަށް އެރަށުގެ އެތައް ބަޔަކު ބުނުމުން، ގުރައިދޫ ކައުންސިލުން އިލްކްޝަނަށް ސިޓީފޮނުވާފައި ވެއެވެ. މިސިޓީގެ ޖަވާބުގައި ފެކްސް މެސެޖެއްގެ ގޮތުގައި އިލެކްޝަނުން ފޮނުވި (M)CA2013/2085 ނަމްބަރު ސިޓީގައި ވަނީ “މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ކ.ގުރައިދޫގައި ބެހެއްޓުމަށް ހަމަޖެހިފައިވާ 2 ވޯޓުފޮށީގެ ތެރެއިން 1 ވޯޓުފޮށި ކ.ގުރައިދޫ މަދަރުސާގައި ބެހެއްޓުމަށް މިކޮމިޝަނުން ނިންމާފައިވަނީ، ގުރައިދޫގައި ވޯޓުފޮށި ބެހެއްޓޭނެ އިތުރު ތަނެއް ނެތުމުން(.) އެހެންކަމުން، މި އަހަރު ބޭއްވޭ ރިޔާސީ އިންތިޚާބުގައި ކ. ގުރައިދޫ މަދަރުސާގައި ވޯޓުފޮށި ބެހެއްޓުމުގެ ސަބަބުން ކަމެއް މެދުވެރިވެއްޖެނަމަ، އެކަމެއްގެ ޒިންމާ އިލެކްޝަންސް ކޮމިޝަނުން އުފުލާނެ ވާހަކަ ދެންނެވިން(.)” މިފަދައިންނެވެ. ކޮންމެއަކަސް އިލެކްޝަނުން މިކަމުގައި ޖަވާބުދީފައި މިވަނީ “ކުޑަކުދީން ހައްލައިލާ އުސޫލުން” ލަފުޒުގެ ބޭނުން ކޮށްގެނެވެ. “ވޯޓުފޮށި ބެހެއްޓުމުގެ ސަބަބުން ކަމެއް މެދުވެރިވެއްޖެނަމަ” އެކަމުގެ ޒިންމާ ވާނެ ވާހަކަ އޮތުމުން ވިސްނާލަން ޖެހެއެވެ. އެހެނީ ވޯޓާއި ގުޅޭގޮތުން އަދި ވޯޓުފޮށި ބެހެއްޓުމާއި ގުޅޭގޮތުން ދިމާވާ ކަންކަމުގެ ޒިންމާ ނެގުމަކީ އިލްކްޝަނުން ކުރަން ޖެހޭ ކަމެކެވެ. ގުރައިދޫއިން ބޭނުންވީ ވޯޓުފޮށި ބެހެއްޓުމުގެ ސަބަބުން ދަރިވަރުންނަށް އެކަމާ ގުޅިގެން ސިޙުރުގެ ކަމެއް ދިމާވެއްޖެ ނަމަ އިލެކްޝަނުން ޒިންމާ ވުމަށެވެ. އެހެންނަމަވެސް މިކަން ޖަވާބުގެ ސިޓީގައި ފާހަގަކޮށްފައެއް ނެތެވެ.

ސިޔާސީ ގޮތުން ނުވަތަ ވޯޓު ހޯދުމާއި ރައްޔިތުންގެ ތާޢީދު ހޯދުމުގެ ގޮތުން ހަދާއުޅޭ ސިޙުރުގެ ޙަޤީޤަތާއިމެދު ކޮންމެހެންވެސް މިލިޔުމުގައި ބަލައިލަން އެބަ ޖެހެއެވެ. މިގޮތުން، މިކަމުގައި މައިގަނޑު 2 ވައްތަރެއްގެ ސިޙުރުގެ ބޭނުން ކުރެއެވެ. އެއް ވައްތަރަކީ، ސިޙްރުއް ތަފްރީޤް، (ބައިބައި ކުރުވާ، ދުރުކުރުވާ ނުވަތަ ރުޅިވެރިކަން އުފައްދާ) ސިޙުރެވެ. މިސިޙުރުގެ ބޭނުން ކުރަނީ، އިދިކޮޅު ފަރާތް އަދި އިދިކޮޅުފަރާތުގެ ބައިވެރިން ބައިބައި ކޮށް އެބައިމީހުންގެ މެދުގައި ނަފްރަތު އުފެއްދުމަށެވެ. ދެން ބޭނުން ކުރަނީ ސިޙްރުއް ތަސްޚީރެވެ. މިވައްތަރަކީ، މީހުން ކިޔަމަންކޮށް ރުހުމާއި މަޤުބޫލުކަން ހޯދުމަށް ހަދާ ސިޙުރެވެ. ބައިބައި ކޮށްލުމަށް ސިޙުރު ހަދާ އުޅެނީ، އެކަކަށް ތާޢީދު ކުރާމީހުން އެއްވާ ތަންތަނަށް ފެން ކިޔަވާ އެޅުމާއި، އެއްޗެހި ވަޅުލުމާއި، ކާބޯތަކެތީގެ ޒަރީޢާއިންނެވެ. ނަތީޖާއެއްގެ ގޮތުން ސިޙުރުގެ ޖިންނިތައް އެތަންތަނަށް އެއްވެ ބައިވެރިވެ އުޅޭ މީހުނަށް ވަސްވާސް ދެއެވެ. އަދި ހަށިގަނޑަށް ވަދެގެންވެސް ކަންކަން ކޮށްފާނެއެވެ. އެކަކު އަނެކަކަށް ރުޅިއަރުވާ ބައިބައި ކުރެއެވެ. އަދި މިސިޙުރު ޖެހުމުގެ ސަބަބުން ބޮލުގަ ރިހުމާއި، ކަމަކާ ނުލައި ރުޅިއައުމާއި، ތިމާ ތާޢީދުކުރަމުން އައި މީހާދެކެ، އެއްވެސް ސަބަބެއް ނެތަސް ރުޅިއައުމާއި، ފެންނަ އިރަށް ރުޅިއައުން ފަދަ ކަންކަން ކުރިމަތިވެއެވެ. އަދި ނިދީގައި އާދަޔާ ޚިލާފަށް ބިރުވެރި ހުވަފެން ފެނުން ފަދަ އުނދަގޫތައް ޢާއްމު ދިރިއުޅުމުގައިވެސް ދިމާވެދާނެއެވެ.
ސިޙްރުއް ތަސްޚީރު ނުވަތަ ކިޔަމަންކުރުވާ ސިޙުރު ހަދާއުޅެނީ، ޢާއްމުން ގިނައިން އެއްވާ ތަންތަނަށާއި، އިދިކޮޅު މީހުން ޖަމާވާ ތަންތަނަށެވެ. އަދި ވަހުތާން ޖެހުމާއި، ތާޢީދު ހޯދަން ބޭނުންވާ މީހާ ތަވީދު އަޅައިގެން ޢާއްމުން ތެރެއަށް ޝައިޠާނާއާއެކު ނުކުތުމާއި (ތަވީދު އެޅުމުގެ ސަބަބުން ސިޙުރާއި ޙަވާލުވާ ޝައިޠާނާ އެމީހާއާއި އެކު އުޅޭނެއެވެ)، ކާބޯތަކެތި ސިޙުރުހެދުމަށްފަހު މީހުނަށް ދިނުން ފަދަ ކަންކަން ކުރެއެވެ. ގިނަފަހަރަށް ކޮންމެވެސް ފޮނިއެއްޗެކެވެ. މިސިޙުރު ޖެހުމުން ތިމާ ރުޅިއަރަމުން އައި ފަރާތްތައް، ނުވަތަ މީހާ، އަކީ އެއްވެސް ރުހެވޭ ސަބަބެއްނަތަސް ތިމާ އެމީހެއްގެ ފަހަތުގައި އުޅެން މޮޔަވާވަރަށް ރުހެވޭ މީހާއަށް ވެދެއެވެ. ޚުދު ތިމާއަށްވެސް އެކަމުގެ ސަބަބު ނުވިސްނޭނެއެވެ. އަދި އެމީހާ ކިބައިން ކިތައްމެ ނުބައި، ނުރަނގަޅު ކަންތައްތަކެއް ފެނުނަސް އެކަން ޤަބޫލެއްވެސް ނުކުރާނެއެވެ. އެފަދަ ވާހަކައެއް މީހަކު ދައްކައިފިނަމަ އެމީހަކުވެސް އެހަދަނީ ދޮގުކަމުގައި ބުނެ ރުޅިއަންނާނެއެވެ. އެމީހެއްގެ ޚިޔާލު ނުވަތަ އެމީހަކަށްޓަކައި މަސައްކަތް ކުރުމުގައި ލޮލަށް ނިދިވެސް ނާންނާނެއެވެ. އެމީހާގެ މީހުން އެއްވާތަނަށް ދަންވަރުވެސް ދާން ބޭނުންވެދާނެއެވެ. މިފަދަ ކަންކަމުގެ އިތުރުން މެއަށް ތަދުވުމާއި، ހިތަށް ތަދުވުމާއި، ބޮލަށް ބަރުވެ ރިހުމާއި، ހުވަފެން ގިނައިން ފެނުން (ޚާއްސަކޮށް ސިޙުރުގެ ސަބަބުން ރުހެވޭ މީހާ ހުވަފެނުގައި ފެނުން) ފަދަ އުނދަގޫތައް ކުރިމަތިވެދާނެއެވެ.
އެހެންކަމުން މިދެވައްތަރުގެ ސިޙުރުންވެސް މިއަސަރުކުރުވަނީ ޢާއްމުންނަށެވެ. ރައްދުވަނީ ޖުމްލަކޮށް އެންމެނަށެވެ. މިދަންނަވަނީ ހަމަ އެންމެނަށް އެސިޙުރު ޖެހޭނެއެކޭ ނޫނެވެ. ސިޙުރަކީ ﷲގެ އިޛުނައާއިނުލައި އެއްވެސް އަސަރެއް ކުރާނެ އެއްޗެއް ނޫނެވެ. ﷲ އެންގެވި މަގުން އުޅެ، ނަމާދާއި އަޅުކަމާއި ދުޢާތަކަށް ރައްކާތެރިވާ މީހުން ﷲ މިފަދަ އެންމެހާ ކަންކަމުން ރައްކާތެރިކުރެއްވުން ބޮޑެވެ. އެހެންކަމުން، ބަރާބަރަށް ނަމާދު ކުރުމާއި، ޤުރުއާން ކިޔެވުމާއި، ހެނދުނާއި ހަވީރުގެ ޛިކުރުތައް ޤަވާޢިދުން ކިޔެވުމާއި، ޚާއްޞަކޮށް އާޔަތުލް ކުރުސިއާއި ، މުޢައްވިޛަތައިނި (ސޫރަތުލް ފަލަޤް، ނާސް) ގިނައިން ކިޔެވުމަށާއި، ގެއަށް ވަދެ ނުކުމެވުމުގައި ދުޢާކިޔުންފަދަ ދުޢާތަކަށް ރައްކާތެރިވެ، އަބަދުވެސް އެގޮތުގައި ތިއްބެވުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރަމެވެ. ކޮންމެއަކަސް ވޯޓު ހޯދުމަށް ހަދާ ސިޙުރުގައި، ވޯޓުލައި ނިމުމުންވެސް އެސިޙުރު ހެދިތަނުގައި ޖިންނި ޝައިޠާނުން އުޅެއެވެ. ނަމަވެސް އެބައިމީހުނާއި ޙަވާލުވެވިފައިވާ އަސްލު ކަންތައް ނިމުމުންވެސް އެބައިމީހުން ބަންދުވެފައި ތިބޭނަމަ، މިސާލަކަށް ވޯޓުފޮށި ބަހައްޓާތީ ސިޙުރު ހެދީ ސުކޫލަށް ކަމުގައިވާނަމަ، އެތަނުގައި ކިޔަވާ ކުދިންނަށް ނުވަތަ އެތަނަށް ވަދެނިކުމެވާ މީހުނަށް އެކަމުގެ ގޯނާތައް ވުމަކީ އެކަށީގެންވާކަމެކެވެ. ސުކޫލުތަކުގައި ދިމާވި މިފަދަ ކަންކަން މިލިޔުމުގައި ޙިއްސާކޮށްލީ މިކަންކަން ސަމާލުކަމަށް ގެނައުމަށްޓަކައެވެ.
ﷲ އެންގެވި މަގަށް ތަބަޢަވެ، ނަމާދާއި އަޅުކަންތަކާއި ދުޢާތަކާއި ޛިކުރުތަކަށް ރައްކާތެރިވާނަމަ، މިދެންނެވި އެންމެހާ ކަމަކުން ﷲ އަޅުގަނޑުމެން ސަލާމަތްކުރައްވާނެއެވެ. އަޅުގަނޑުގެ ދުޢާއަކީ، މިލިޔުމުގެ ސަބަބުން ގިނަބަޔަކަށް ހިދާޔަތު ލިބި، ރައްކާތެރިވާނެ ގޮތްތައް އެނގި ހެޔޮ ފައިދާ ލިބުމެވެ. އަދި ސިޔާސީ ގޮތުންވިޔަސް އަދި އެހެން ގޮތަކުންވިޔަސް ހަދާ ސިޙުރުތަކުން އަޅަމެން އެންމެން މާތް ﷲ ރައްކާތެރިކޮށްދެއްވުމެވެ. އާމީން. (ނިމުނީ)

ޙިޔާލުފާޅުކުރައްވާ

0 ކޮމެންޓު