ޙަމްދާއި ޝުކުރު ކުރަނީ ގޮށްތަކަށް ފުމެ އުޅޭމީހުންގެ ގޮށްތަކަށް އެބައިމީހުން ފުމެ އުޅޭހިނދު އޭގެ ނުބައި ކަމުންނާއި ޙަސަދަވެރިއަކު ޙަސަދަވެރިވެއްޖެހިނދު އޭގެ ނުބައިކަމުންނާއި ޖިންނީންގެ ތެރެއިންނާއި މީސްތަކުންގެ ތެރެއިންވާ ޝައިޠާނުންގެ ނުބައިކަމުން އަޅަމެންނަށް ފުރިހަމަ ރައްކާތެރިކަން ދެއްވި ﷲ ޞުބްޙާނަހޫ ވަތަޢާލާގެ ޙަޟްރަތަށެވެ. ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަނީ ޚަލްޤުތަކުންގެ ތެރެއިންވާ ނުބައި މަޚުލޫޤުންގެ ނުބައިކަމުން ރައްކާތެރިކަން ލިބިގަންނާނެގޮތުގެ ފުރިހަމަ އިރުޝާދު އަޅުގަނޑުމެންނާއި ހަމައަށް ގެނެސްދެއްވި ލޮބުވެތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށެވެ. އަދި އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުންނަށް ޞަލަވާތާއި ސަލާމްލެއްވުންއެދި ދުޢާކުރަމެވެ.
ތަފާތު އެކިއެކި ސަބަބުތަކާއި ހުރެ ޖިންނީންގެ އުނދަގޫ ފޯރަމުން އަންނަ ފަރާތްތައް މިވަނީ ދިވެހި މުޖުތަމަޢުގެ ތެރޭގައި ގިނަވެފައެވެ. މިއީ ހަމައެކަނި މިފަހަކަށް އައިސްގެން ކުރިމަތިވާންފެށިކަމެއްނޫނެވެ. އެވޭލާ ޒަމާނަށްސުރެންވެސް މިކަން އޮތީ ހަމަ މިގޮތަށެވެ. ނަމަވެސް އޭރު މީހަކު ބަލިވެ ނުވަތަ މޮޔަވި ކަމުގައި ވީނަމަވެސް އެއީ ސީދާ ކިހިނެތްވެގެން ދިމާވި ކަމެއްކަން ނޭނގުނުކަމުގައި ވިޔަސް މިއަދު އާދެވިފައި މިއޮތީ މިދެންނެވިފަދަ ބައްޔެއް ކުރިމަތިވެގެން އުޅޭމީހާ އަށް ދިމާވެގެން އުޅެނީ ޖިންނިއެއްގެ ނުވަތަ އެނޫނަސް ރޫޙާނީ ބައްޔެއްގެ ސަބަބަކާއި ހުރެ ކުރިމަތިވެގެން އުޅޭ ކަމެއްތޯ ބަލާލެވޭނެ ޒަމާނަކާއި ހަމައަށެވެ. ޒަމާނުއްސުރެން ދިވެހިންގެ ތެރޭގައި ސިޙްރު ހަދަމުންއައީ ވަރިތޮޅި، އިސްތިރި އަދި ގޯތި ގެދޮރު މައްސަލަތަކުގައި އެއްބަޔަކު އަނެއްބަޔަކަށް ޙަސަދަވެރިވެ ބޮޑެތި ގެއްލުންދީ މީހުންގެ ދިރިއުޅުން ފަނާކޮށްލުމުގެ މަޤުޞަދުގައެވެ. މިފަދަ ސިޙްރުގެ ސަބަބުން ތަފާތު އުނދަގޫތަކާއި ކުރިމަތިވެ ޖިސްމާނީގޮތުން ބަލިވެއުޅޭ ފަރާތްތަކުން ދަނީ ދިރިއުޅުމާއި ހަނގުރާމަކުރަމުންނެވެ. ބޮލުގައި ރިއްސުމާއި ހަށިގަނޑުގެ ކޮންމެވެސް ދިމާލެއްގައި ހުންނަ ރިހުމެއް ނުވަތަ އުނދަގުލަކާއި ހުރެ ތަފާތު ޑޮކްޓަރުންނަށް ދެއްކުމުގައި ދުވަސްތައް ވޭތު ކުރަމުންދަނީ ކިތައް އަޚުންނާއި އުޚުތުން ތޯއެވެ؟ ކައިވެންޏެއް ކުރުމަށް ޤަސްތުކޮށް ކައިވެންޏަކާއި ހަމައަށް ނާދެވިފައި ތިބީ ކިތައް އަޚުންނާއި އުޚުތުން ތޯއެވެ؟ ޖިންނި ޝައިޠާނުންގެ ފަރާތުން ކުރިމަތިވާ އުނދަގޫތަކުގެ ތެރެއިން މިތަނުގައި މި ހިމަނާލީ ދެ ކަމެއްގެ ވާހަކައެވެ. މިނޫނަސް ކިތަންމެ އުނދަގޫތަކާއި ހުރަސްތައް ދިރިއުޅުމުިގައި ކުރިމަތިވާ ފަރާތްތައް ވަރަށްވެސް ގިނައެވެ.

ކޮންމެއަކަސް މިފަދަ ތަކުލީފުތައް އުފުލަމުން އަންނަ ފަރާތްތަކުން އެދިއެދި ތިބެނީ ބަލީގެ އަސްލު ދެނެގަނެވި އެކަށިގެންވާ ފަރުވާއެއް ލިބޭނެދުވަހަކަށެވެ. އެހެން ކަމުން ކުރިމަތިވެގެން އުޅޭ މައްސަލަ އަކީ ރޫޙާނީ މައްސަލައެއްކަމަށް ޝައްކުވެ އެކަން ޔަޤީންވާހިސާބުން ކޮންމެ އަޚެއް އަދި އުޚުތެއްގެ ފަރާތުންވެސް އަޑުއިވޭ އެއް ވާހަކައެއް އޮވެއެވެ. ” އާދޭސް ކޮށްފައި ބުނަން އަހަރެން މިކަމުން ސަލާމަތްކޮށްދީ! ކޮންމެ ގޮތެއް ހަދާފަވެެސް އަހަރެން ބޭނުން މިކަމުން ސަލާމަތްވާން! “. މިއެވެ. ބަލިމީހާގެ ވާހަކަތައް އަޑު އަހާފައި އެމީހެއްގެ ބަލިޙާލަތު ހުރި މިންވަރެއްގެ މައްޗަށް ބިނާކޮށް ފަރުވާކުރުމަށްޓަކައި އޭނާގެ ކައިރިއަށް ގޮސް ނުވަތަ ފަރުވާ ކުރާނެގޮތުގެ އިރުޝާދު ފޯރުކޮށްދެވެއެވެ. މިގޮތުން އިރުޝާދު ދެވޭއިރު ބަލިމީހާ ކުރަންވީ ކަންތައްތަކާއި އަދި ނުކުރާންވީ ކަންތައްތައް ވަރަށް ތަފްޞީލްކޮށް ކިޔާދެވެއެވެ. އަދި ހަމަ އެހެއްމެ ބަލިމީހާގެ ކިބައިން އިސްލާޙު ކުރަންޖެހޭ ކަމެއް ފެެންނަން ހުރިނަމަ އެކަމެއް އިސްލާޙުކޮށް ބައެއްކަންތައްތަކާއި ވަގުތުން ދުރުވެގަތުމަށް އެންގެއެވެ. އެހެންނަމަވެސް ހިތާމައަކީ ބައެއްކަހަލަ ކަންތައްތަކާއި ދުރުވެގަތުމަށް ނޫންނަމަ ކޮންމެހެން މިކަންތައްތަކާއި ދުރުވުން ލާޒިމް ނޫންކަމަށް ހީވެފައި އޮތުމެވެ. މިސާލަކަށް ދަންނަވާނަމަ މި ދިވެހި މުޖުތަމަޢުގެ ތެރޭގައި ނިވާކަންކުޑަ ހެދުން އެޅުމާއި އަންހެން ކަނބަލުން ބުމަ ހެދުމާއި ނިޔަފަތީގައި ކުލަޖެއްސުމާއި ހަމުގެ ކުލަ ބަދަލުކުރުންފަދަ ކަންތައްތައްކޮށް ﷲ ޞުބްޙާނަހޫ ވަތަޢާލާ އިންސާނާ ހެއްދެވި ހެއްދެވުން ބަދަލުކުރުމަށް މަސައްކަތް ކުރުންވެސް އޮތީ ޢާއްމުވެފައެވެ.

Close Ad XGet My Ruqya Android App On Google Play

ﷲ ޞުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. يَا بَنِي آدَمَ قَدْ أَنزَلْنَا عَلَيْكُمْ لِبَاساً يُوَارِي سَوْآتِكُمْ وَرِيشاً ﴾ الأعراف 26 މާނައީ: “އޭ އާދަމުގެ ދަރީންނޭވެ! ތިޔަބައިމީހުންގެ ޢައުރަތައް ނިވާކުރަނިވި ހެދުމާއި، ޒީނަތްތެރި ފޭރާން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވީމެވެ.” އަދިވެސް ވަޙީކުރައްވާފައި ވެއެވެ. يَا بَنِي آدَمَ لا يَفْتِنَنَّكُمْ الشَّيْطَانُ كَمَا أَخْرَجَ أَبَوَيْكُمْ مِنْ الْجَنَّةِ يَنزِعُ عَنْهُمَا لِبَاسَهُمَا لِيُرِيَهُمَا سَوْآتِهِمَا ﴾ الأعراف 27 މާނައީ: “އޭ އާދަމުގެ ދަރީންނޭވެ! ތިޔަބައިމީހުންގެ މައިންބަފައިން ކަމުގައިވި، އާދަމުގެފާނާއި ޙައްވާގެފާނާއި ދެކަނބަލުންގެ ޢައުރަ އެދެކަނބަލުންނަށް ދެއްކުމަށްޓަކައި، އެ ދެކަނބަލުންގެ ފޭރާން ބާލައި، އެ ދެކަނބަލުން ސުވަރުގެއިން ނެރެލިފަދައިން، ޝައިޠާނާ ތިޔަބައިމީހުން ހެއްލުންތެރިކުރިޔަ ނުދޭށެވެ.” މިއާޔަތުން އެނގިގެންދަނީ މިކަމަށް ފަރުވާކުޑަކޮށްފިނަމަ އިސްލާމްދީނުގެ މަގުން ކައްސާލައި ޝައިޠާނާގެ މަގަށް ގޮސްދާނެކެމެވެ.

ﷲ ޞުބްޙާނަހޫވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. إِن يَدْعُونَ مِن دُونِهِ إِلاَّ إِنَاثًا وَإِن يَدْعُونَ إِلاَّ شَيْطَانًا مَّرِيدًا . لَّعَنَهُ اللّهُ وَقَالَ لَأَتَّخِذَنَّ مِنْ عِبَادِكَ نَصِيبًا مَّفْرُوضًا . وَلأُضِلَّنَّهُمْ وَلأُمَنِّيَنَّهُمْ وَلآمُرَنَّهُمْ فَلَيُبَتِّكُنَّ آذَانَ الأَنْعَامِ وَلآمُرَنَّهُمْ فَلَيُغَيِّرُنَّ خَلْقَ اللّهِ وَمَن يَتَّخِذِ الشَّيْطَانَ وَلِيًّا مِّن دُونِ اللّهِ فَقَدْ خَسِرَ خُسْرَانًا مُّبِينًا ﴾ النساء 117 – 119 މާނައީ: ” އެކަލާނގެ ފިޔަވައި އަންހެން(ނަންތަކެއް ކިއިގެންވާ) ބުދުތަކަށް މެނުވީ، އެއުރެން އަޅުކަމެއް ނުކުރެތެވެ. އަދި، ނުބައިކަމާއި ނުކިޔަމަންތެރިކަން ބޮޑުވެގެންވާ ޝައިޠާނާއަށް މެނުވީ އެބައިމީހުން އަޅުކަމެއްނުކުރެތެވެ.* މާތް ﷲ ޝައިތާނާއަށް ލަޢުނަތް ލައްވައިފައިވެއެވެ. އަދި އެޝައިޠާނާ ބުންޏެވެ. އިބަރަސްކަލާނގެ އަޅުތަކުންގެތެރެއިން ކަނޑައެޅިގެންވާ ބަޔެއް، ހަމަކަށަވަރުން، ތިމަންގެ ބަޔަށް ވައްދާހުށީމެވެ.* އަދި، ތިމަން ހަމަކަށަވަރުން، އެއުރެން މަގުފުރައްދާހުށީމެވެ. އަދި، ތިމަން އެއުރެންލައްވައި، ޙަޤީޤަތެއްނެތް އުއްމީދުތަކެއްވެސް ކުރުވާހުށީމެވެ. އަދި، ގެރި،ބަކަރި، ޖަމަލުގެ ކަންފަތްތައް ކެނޑުމަށްވެސް އެއުރެންނަށް ތިމަން އަމުރުކުރާހުށީމެވެ. އަދި، ﷲ ހެއްދެވި ހެއްދެވުން ބަދަލުކުރުމަށްވެސް އެއުރެންނަށް ތިމަން އަމުރުކުރާހުށީމެވެ. ﷲފިޔަވައި ޝައިޠާނާ އެއީ އެހީތެރިޔަކުކަމުގައި ހަދައިފިމީހާ (ދަންނާށެވެ!) ފަހެ، ބަޔާންވެގެންވާ ގެއްލެނިވުމަކުން އެމީހާ ގެއްލެނިވެއްޖެކަން ކަށަވަރެވެ.” މިއާޔަތުން އަޅުގަނޑުމެންނަށް ދޭހަކޮށްދެނީ ޝައިތާނާ، ﷲ ތަޢާލާ އާދަމުގެ ދަރިން ހެއްދެވި ހެއްދެވުން ބަދަލުކުރަން އަމުރުކުރާނެކަމެވެ. އަދި ބައެއް ތަފްސީރު ޢިލްމުވެރިން ވިދާޅުވަނީ މިއާޔަތުގައި “ހެއްދެވި ހެއްދެވެން” ބަދަލުކުރުވާ ބަހުގެ މުރާދަކީ ބުމަހެދުމާއި، ޓެޓޫ ޖެހުމާއި އަދި ދެދަތްދޭތެރެ ދުރުކުރުންފަދަ ކަންކަމެވެ.

އިމާމް ބުޚާރި އާއި މުސްލިމް އަދި ސުނަނުގެ ބޭކަލުން، އަބްދުﷲ ބުނު މަސްޢޫދުގެ އަރިހުން ރިވާކުރައްވާފައިވާ ޞައްޙައް ޙަދިޘްފުޅެއްގައިވެއެވެ. .أن النبي صلى الله عليه وسلم لعن ‏ النامصات والمتنمصات މާނައީ: ” މާތް ﷲގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލަހިވަސައްލަމް ބުމަހަދައިދޭމީހާއާއި އަދި ބުމަހަދުވާމީހާއަށް ލަޢުނަތްލެއްވިއެވެ. ވިސްނާލަމާތޯއެވެ! މިފަދަ ބޮޑެތި ފާފަތަކަށް އަރައިގެންފައިވާ ޙާލު ﷲ ޞުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުން ލިބޭނީ ކޮން ރައްކާތެރިކަމެއް ހެއްޔެވެ؟ ނަމަވެސް ބައެއްފަރާތްތަކަށް ހީވެފައި އޮންނަނީ ފަރުވާދޭމީހާ އައިސް ތިމަންނަގެ ކިބައިން ޖިންނި ދުރުކޮށް ތިމަންނަ ސަލާމަތް ކޮށްދީފާނެކަމަށެވެ. އެހެންނޫންނަމަ ތިމަންނަގެ ކިބައިން އެ ޖިންނިއެއް ދުރު ނުކުރެވިގެން އުޅެނީ ފަރުވާދޭމީހާގެ ކިބައިގައި އެކަންކުރުމުގެ ކުޅަދާނަކަމެއް ނެތުމުންކަމަށެވެ. މިއީ މުޅިން ގޯސް ވިސްނުމެކެވެ. އެހެނީ ރައްކާތެރިކަން ދެއްވައި މުޞީބާތުން ދުރުކޮށްދެވޭނެ ހަމަ އެކަނި ފަރާތަކީ ﷲ ޞުބުޙާނަހޫ ވަތަޢާލާކަމަށްވާތީއެވެ. ﷲ ޞުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. وَإِن يَمْسَسْكَ اللَّـهُ بِضُرٍّ فَلَا كَاشِفَ لَهُ إِلَّا هُوَ ﴾الأنعام 17 މާނައީ: އަދި ﷲ، ތިބާއަށް ގެއްލުމެއް މެދުވެރިކުރައްވާނަމަ، އެކަލާނގެ މެނުވީ އެކަން ފިއްލަވާނެ އެހެން ފަރާތެއް ނުވެއެވެ.” ގެއްލުމާއި މަންފާ ދެއްވުން ޚާއްޞަވެގެންވަނީ ﷲ ގެ ޙަޟްރަތަށްކަން ޤަބޫލްކުރަންޖެހެއެވެ. އަދި ތިމާގެ ކިބައިގައި ހުރި ގޯސް ކަންތައްތައް ދޫކޮށްލުމަށްފަހު ތަޢުބާވެ ﷲ ގެ މަގަށް ރުޖޫޢަވާންޖެހެއެވެ. ޝައިޠާނާ ރުހޭކަންތައްތަކުގެ ތެރެއިން ތިމާގެ މައްޗަށް އެކަލޭގެ އަމުރުކުރާ ހުރިހާކަމަކުން ދުރުވެގަންނަންޖެހޭނެއެވެ. ލަވައާއި މިއުޒިކް ކުޅެ ހަދާތަންތަނަށް ދިއުމުންނާއި އަޑުއެހުމުން ދުރުވެގަންނަންޖެހެއެވެ. ވީހާވެސް ބޮޑަށްް ﷲ އާއި ކުއްތަންވެ ނަމާދުތައް އޭގެވަގުތުގައި އަދާކޮށް ވީހާވެސްގިނައިން ޤުރްއާންކިޔަވައި ޛިކުރު ކުރުމުންމަތީ ދެމިހުންނަންޖެހޭނެއެވެ. ދަމުނަމާދުކޮށް ގިނަގިނައިން ﷲ އަށް ދުޢާކޮށްހަދަންޖެހެއެވެ.އީމާންކަން ވަރުގަދަކުރެވޭނެ މިފަދަ އެހެން ކަންތައްތައް ކުރެވިދާނެއެވެ.މިފަދަ މީހާ އެވަނީ ﷲ ގެ މަގުގައި ޖިހާދުގައެވެ. ނަތީޖާއެއްގެ ގޮތުން އޭނާވެގެންދާހުށީ ޝައިޠާނުން ނަފްރަތުކުރާ އެބައިމީހުން ބިރުގަނެ ޖެހިލުންވާފަދަ މީހަކަށެވެ. މިފަދަމީހަކާއި އެކީވުމަށް ޖިންނި ޝައިޠާނަކަށް ކުޅަދާނަވެގެނެއް ނުވެއެވެ. އަޅުގަނޑުމެންނީ ﷲ އަށް ފުރިހަމައަށް ކިޔަމަންތެރިކަން އަދާކުރާ ބަޔަކުކަމުގައިި ލައްވައި ޝައިޠާނާއަށް ދެކޮޅަށް ކުރާމަސައްކަތުގައި ސާބިތުކަންދެއްވާށިއެވެ. އާމީން!

 

މަޢުލޫމާތު ނެގި ބައެއް މަސްދަރު: އެމްވީއިސްލާމް ކިއުއޭ

ޙިޔާލުފާޅުކުރައްވާ

0 ކޮމެންޓު