މުރާޖަޢާ ކުރެއްވީ: ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުއްލަޠީފް

ރިޒްޤަކީ ދުނިޔޭގައި ﷲ ލެއްވި އެންމެހާ މަޚްލޫޤުންނާއި އިންސާނުން ދުނިޔޭގައި އުޅުމަށްޓަކައި މާތް ﷲ އެކި ގޮތްގޮތުން ދެއްވާ ނިޢުމަތްތަކެކެވެ. މިގޮތުން ކާބޯތަކެއްޗާއި ދަރީންނާއި މުދަލަކީވެސް އެއިލާހު ދެއްވާ ރިޒުޤެވެ. އެއިލާހު އިރާދަކުރެއްވި އަޅަކަށް ރިޒްޤު އިތުރުކުރައްވައެވެ. އަދި އިރާދަކުރައްވައިފި އަޅަކަށް ރިޒްޤު މަދުކުރައްވައެވެ. މާތް ﷲ ދުނުޔޭގައި ލައްވަވާފައިވަނީ އެކިފެންވަރުގެ އެކިމީހުނެވެ. އެހެންކަމުން އެކިމީހުނަށް ދެއްވަނީ އެކި ނިޢުމަތް، އެކި މިންވަރަށެވެ. ނަމަވެސް މާތް ﷲ މަޚްލޫޤުން ދުނިޔެއަށް ފޮނުއްވަނީ، އެމަޚްލޫޤެއް އުފަންވީއްސުރެ މަރުވަންދެން އެމަޚްލޫޤަކަށް ރިޒްޤު ލައްވާފައެވެ. މާތް ﷲ އިސްރާ ސޫރަތުގެ 30 އަދި 31 ވަނަ އާޔަތުގައި ވަޙީކުރެއްވިއެވެ.
إِنَّ رَبَّكَ يَبْسُطُ الرِّزْقَ لِمَن يَشَاءُ وَيَقْدِرُ ۚ إِنَّهُ كَانَ بِعِبَادِهِ خَبِيرًا بَصِيرًا ﴿٣٠﴾ وَلَا تَقْتُلُوا أَوْلَادَكُمْ خَشْيَةَ إِمْلَاقٍ ۖ نَّحْنُ نَرْزُقُهُمْ وَإِيَّاكُمْ ۚ إِنَّ قَتْلَهُمْ كَانَ خِطْئًا كَبِيرًا ﴿٣١﴾
މާނައީ: ހަމަކަށަވަރުން، ތިބާގެ ވެރިރަސްކަލާނގެ، އެކަލާނގެ އިރާދަކުރައްވާ މީހަކަށް ރިޒްޤު ތަނަވަސްކޮށްދެއްވަތެވެ. އަދި އެކަލާނގެ (އިރާދަކުރައްވާ މީހަކަށް ރިޒްޤު) ދަތިކުރައްވަތެވެ. ހަމަކަށަވަރުން، އެކަލާނގެއީ، އެކަލާނގެ އަޅުތަކުންގެ ޚަބަރު މޮޅަށްދެނެވޮޑިގެންވާ، މޮޅަށްބައްލަވާވޮޑިގެންވާ ކަލަކު ކަމުގައިވެއެވެ. (30) އަދި ފަޤީރު ވެދާނެކަމަށް ބިރުން، ތިޔަބައިމީހުންގެ ދަރިން ނުމަރާށެވެ! އެކުދިންނަށާއި، އަދި ތިޔަބައިމީހުންނަށް ރިޒްޤު ދެއްވަނީ، ތިމަންރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެ ދަރިން މެރުން އެއީ ބޮޑުވެގެންވާ ފާފައެއް ކަމުގައިވިއެވެ. (31)
ރިޒްޤު ދެއްވުމަކީ މާތް ﷲ އަށް ޚާއްޞަ ވެގެންވާ ކަމެކެވެ. ކާފަރަކަށްވެސް، އަދި މުސްލިމަކަށްވެސް ރިޒްޤު ދެއްވަނީ ހަމަ އެއިލާހެވެ. މުއްސަނދިންނަށް މުއްސަނދިކަން ދެއްވަނީވެސް އެއިލާހެވެ. އެމުއްސަނދިން މެދުވެރިކުރައްވާ ފަޤީރުންނަށް ރިޒްޤު ދެއްވަނީވެސް އެއިލާހެވެ. އަދި އެމުއްސަނދިން ފަޤީރު ކުރައްވާ ފަޤީރުން މުއްސަނދި ކުރައްވަނީވެސް ހަމަ އެއިލާހެވެ. އޭގެ މައްޗަށް ބާރުފޯރުވޭނޭ ހަމަ އެކަކުވެސް ނުވެއެވެ. މިއީ ކޮންމެ މުސްލިމެއްގެ ޢަޤީދާކަމުގައި ވާންޖެހޭ ސާފު ޢަޤީދާއެކެވެ.
ކަންމިހެން އޮތްއިރު މާތް ﷲ މީސްތަކުން އިމްތިޙާނުކުރެއްވުމަށްޓަކައި އެކި ސަބަބުތައް ކުރިމަތިކުރައްވައެވެ. ބައެއް ފަހަރު އެއިލާހުގެ ސީދާ ޢަޛާބު ބާވައިލައްވައެވެ. އަނެއްބައި ފަހަރު، މީސްތަކުންގެ ތެރެއަށް ތަފާތު ފިތުނަތައް ލައްވާ މީސްތަކުންގެ ތެރެއިން އެއްބައެއްގެ ނުބައި ޢަމަލުތައް މެދުވެރި ކުރައްވާ އަނެއް ބަޔަކު އިމްތިޙާންކުރައްވައެވެ. ނުރަނގަޅު ކަންތައްތައް ދުނިޔޭގައި ލެއްވުމަށްފަހު އެކަންކަން ނުކުރުމަށް އަންގަވައި މީސްތަކުން އިމްތިޙާން ކުރައްވައެވެ. އެކިމީހުނަށް އިމްތިޙާން ކުރިމަތި ކުރައްވަނީ އެކި ގޮތްގޮތަށް އެކި މިންވަރަށެވެ. މިގޮތުން ސިހުރަކީވެސް މާތް ﷲ މީސްތަކުން އިމްތިޙާންކުރެއްވުމަށްޓަކައި ބާވައިލެއްވި އެއްޗެކެވެ. އެއީ އިމްތިޙާނެއްކަމާއި، އެހަދައިގެން ކާފިރު ނުވުމަށް ވަނީ އަމުރު ކުރައްވާފައެވެ. އެހެންނަމަވެސް އަޅުގަނޑުމެންގެ ޙާލުތޯއެވެ؟. އެއިލާހު ދުނިޔެއަށް ފޮނުއްވާ، ރިޒްޤު ދެއްވާ، އެންމެހާ ނިޢުމަތްތައް ދެއްވުމުންވެސް އެއިލާހަށް ޝުކުރުވެރިވަނީ މަދު ބައެކެވެ. އެއިލާހުގެ ނިޢުމަތްތަކަށް ޙަރާމްކޯރުވާ އުރެދޭ އިރު، ތިމާމެންނީ އެއިލާހުގެ އަޅުންކަންވެސް ހަނދާން ނުހުންނަކަހަލައެވެ. ތިމާފަދަ އަނެކާއަށް ލިބޭ ނިޢުމަތްތަކާއި މެދު ޙަސަދަވެރިވެ، އަނެކާ ނެތިކޮށްލާ، އަނެކާގެ ކިބައިން އެކަން ދުއްވާލުމަށް، މިނުބައި ސިހުރުގެ ބޭނުން ހިފާ މާތް ﷲ އަށް ކާފިރުވަނީ މިއަދު އަޅުގަނޑުމެންގެ ތެރެއިން އެތައް ބައެކެވެ. ބައެއްމީހުން އަމިއްލައަށް މިކަން ކުރާއިރު އަނެއް ބަޔަކު ކުރަނީ ސިހުރުވެރިން މެދުވެރިކޮށެވެ. ނަމަވެސް، އެއްވެސް ސިޙުރެއް ﷲގެ އިރާދަ ފުޅާއި ލައިގެން މެނުވީ އަނެކާއަށް ނުޖެހޭނެކަން މިފަދަ މީހުން ހަމަ ހަނދާނެއް ނުހުރެއެވެ. އެބައިމީހުން ހީކުރަނީ އެބައިމީހުންގެ ބާރުން، އެބައިމީހުންގެ މޮޅުކަމުން އަނެކާއަށް ގެއްލުން ދެވެނީ ކަމުގައެވެ.
ސިހުރަކީ، ސިހުރު ހެދުމުން، އޭގެ ސީދާ އަސަރު ﷲގެ އިރާދައާއި އެކު އަނެކާގެ ހަށިގަނޑަށް ވަދެގެން އެމީހާއަށް ކަންކަން މެދުވެރިވުމެވެ. ނުވަތަ ލޯމައްޗަށް ސިފަވާ ސިފަވުން ތަކެކެވެ. އަދި އޭގެ މައްޗަށް ޝައިޠާނާ ސަވާރުވެގަނެއެވެ. އަނެއްބައި ސިޙުރަކީ، އެހަދާއިރުވެސް، ޝައިޠާނުންނާއި ޝަރީކުކޮށް، ޖިންނި ޝައިޠާނުންނަށް ގޮވައި، އެބައިމީހުންގެ މަދަދާއި އެހީ ހޯދައިގެން ހަދާ ސިހުރެވެ. މިފަދަ ސިހުރުގައި، އެސިހުރުގައި ބުނާކަމެއް ކުރުމަށް ޝައިޠާނުންގެ ބޮޑުން އެބައިމީހުންގެ އައުވާނުން ފޮނުވާ، އެމީހަކަށް ދުއްތުރާތައް ކޮށް ހަދައެވެ. ސިހުރަކީ، ޖަހާ ގޮށްތަކަކާއި، ފުމޭ ފުމުން ތަކަކާއި، ކިޔަވާ ކިޔެވުންތަކެއްގެ މައްޗަށް ބިނާވާ އެއްޗެކެވެ. އަދި ސިހުރަކީ އޭގައި އެތައް ފަންނުތަކަކާއި ވައްތަރުތަކެއް ހިމެނޭ ކަމެކެވެ. މިގޮތުން ފާލުބެލުމަކީވެސް މީގެތެރެއިން ފަންނެކެވެ. އަދި ކިއެއްތަ، ސިހުރުގެ ތެރެއިން ހިމެނޭ ކޮންމެ ފަންނަކީވެސް ޙަރާމް ކަމެކެވެ. މާތް ﷲ އަށް ކާފިރުވުމެކެވެ. ސިހުރުގެ އެކި ވައްތަރުގެ ތެރޭގައި މީހުން ދުރުކުރަން ހަދާ ސިހުރާއި މީހުން މަރަން ހަދާ ސިހުރުވެސް ވެއެވެ.
ކޮންމެއަކަސް މިފަހަރު މިބަލައިލަނީ، ސިހުރުގެ ވައްތަރުތަކުގެ ތެރެއިން ރިޒުޤަށް ހުރަސް އަޅާ ސިހުރުގެ ޙަޤީޤަތަށެވެ. އާއެކެވެ. ރިޒުޤު ދެއްވަނީވެސް، އެރިޒްޤު އުނިކުރައްވަނީވެސް ހަމަ ﷲއެވެ. އައަށް ބާރުފޯރުވޭނެ އެކަކުވެސް ނުވާއިރު، ﷲ ވަނީ ރިޒުޤު އިތުރުވުމާއި މަދުވުމުގައިވެސް ސަބަބުތައް ލައްވާފައެވެ. ދެމަފިރިއަކު ދުރުވުމާއި، މީހަކު މަރުވުންވެސް މިއީ ﷲ އިރާދަކުރެއްވުމުން އެއިލާހުގެ ބާރުފުޅުން މެނުވީ ވާނޭކަމަކަށް ނުވާއިރު އެކަންކަން މެދުވެރިވުމުގެ ސަބަބުތަކުގެ ތެރެއިން ސިހުރުވެސް ވަނީ ލައްވާފައެވެ. ހަމަ މިފަދައިން މީހާއަށް ލިބޭ ރިޒްޤަށް ހުރަސް އެޅުމުގައިވެސް ސިހުރުގެ އަސަރުތައް ސަބަބެއް ކަމުގައި ލެއްވީ ހަމަ އެއިލާހެވެ. ނަމަވެސް މިލިޔުން އިތުރަށް ކިޔަމުންދާއިރު އަބަދުވެސް ހަނދާން ބަހައްޓަންވީ، މީހަކަށް ރިޒްޤުގެ ދަތިކަމެއް ދިމާވާ ކޮންމެފަހަރަކު އެއީ ސިހުރުގެ ސަބަބުން ވާކަމެއް ނޫންކަމެވެ. އަދި ފަޤީރުން ފަޤީރުވެފައިވަނީ ކޮންމެހެން ސިހުރުން ނޫންކަމެވެ. ނަމަވެސް ސިހުރުގެ ސަބަބުން މިކަންކަން ދިމާވާ ގޮތްތައް އަޅުގަނޑަށް ﷲ ޢިލްމު ދެއްވާފައިވާ މިންވަރަކުން އެއިލާހު ތަވްފީޤު ދެއްވި މިންވަރަކަށް ބަޔާންކޮށްދޭނަމެވެ. މިފަދަ މައްސަލަތައް ސިހުރުގެ ސަބަބުން ދިމާވާ އެތައް ބައެއް މިމުޖުތަމަޢުގައި އުޅޭތީއެވެ. އެބައިމީހުންގެ އިޙްސާސްތަކާއި އާދޭސްތައް އަޑުއިވޭތީއެވެ. އެބައިމީހުންގެ ޙާލަތު ލޮލުންދެކި އަތުން ހިފިފައި ހުރީތީއެވެ. އެބައިމީހުންގެ ހިތްތަކަށް ހަމަޖެހުމެއް އެދިގެންނެވެ. އެބައިމީހުނަށް ކުރިއަށްދާނެ މަގެއް ތަނަވަސްކޮށްދިނުމުގެ ބޭނުމުގައެވެ. ރާޤީއެއްގެ ފަރާތުން ފަރުވާ ލިބުމަށް ދަތިވެފައިވާ މީހުނަށްވެސް، އެބައިމީހުން އަމިއްލައަށް އެކަމަށް ފަރުވާ ކުރުމުގެ މަގުފަހިކޮށްދެވޭތޯއެވެ. ރުހޭ މީހަކު ރުހުނަސް، އަދި ނުރުހޭ މީހަކު ނުރުހި އިންކާރު ކުރިއަސް ފަރުވާލެއް ނެތެވެ. ސިހުރަކީ މިހުރިހާކަމަކަށްމެ އަސަރުތަކެއްވާ ސުންޕާ ވަބާއެކެވެ. ﷲ އަޅުގެ މިޢަމަލު ޤަބޫލުކުރައްވާ މިކަން ހެޔޮގޮތުގައި ކުރުމުގެ ތައުފީޤު ދެއްވާށިއެވެ. އާމީން.
ރިޒުޤަށް އެޅޭ ހުރަހުގެ ސަބަބުން ދިމާވާ ކަންކަމަށް ބަލައިލަމާތޯއެވެ. އާއެކެވެ. އެއީ ތިބާކުރާ މަސައްކަތުން ބަނޑުފުރާނަ މުއްތިކުރާނެ ގޮތް ނެތި ތިބާ ދަރަނިވެރިވާން ޖެހުމެވެ. އަދި ކިއެއްތަ، ތިބާގެ ފެންވަރުހުރެމެ، ތިބާ ކުރިމަތިލާ އެއްވެސް ވަޒީފާއެއް ނުލިބުމެވެ. ކިތައްމެ މަސައްކަތެއް ކުރިނަމަވެސް ކުރިނޭރުމެވެ. ބޮޑަތި ކަންކަމުގައި ތިމާގެ މުދާ ހުސްކޮށްލަން މަޖުބޫރުވެގެން ދިއުމެވެ. ތިބާގެ އަނބިދަރީން އަބަދު ބަލިވެ، އެބަލިތަކަށް ބޭސްކުރުމުގައި ހުރިހާ ވަގުތެއްގައި ހުސްވެ ހުންނަން ޖެހި، ޢާމްދަނީ ހޯދަން މަސައްކަތް ކުރާނެ ވަގުތު ނެތި، އެއްކުރެވިފައިވާ ފައިސާކޮޅު ހުސްވެ ދަރަނިވެރިވުމެވެ. މީހާ ބަނގުރޫޓުވުމެވެ. ހެޔޮލަފާ އަނބިދަރީން ނެތިދިއުމެވެ. އަދި ނުލިބުމެވެ. ޙައިރާންވެ ނުލައްވާށެވެ. މިއީ މިއަދު ވަރަށް ޢާއްމު ކަންތައްތަކެވެ. މިކަންކަން ކުރިމަތިވާ އެތައްބަޔަކަށް މިކަންކަން ކުރިމަތިވަނީ ސިހުރުގެ ސަބަބުންނެވެ. އަނެއް ބަޔަކަށް ސިހުރަކާއި ނުލައެވެ. އެބައިމީހުންގެ އަމަލުތަކުގެ ސަބަބުންވެސް މެއެވެ.
ތިޔަބޭފުޅުންނަށް މިކަމާއި ސިހުރާއި ހުރި ގުޅުން ފަހުމް ވުމަށް ފަސޭހައަކަށްޓަކައި، އަޅުގަނޑު ފަރުވާ ކުރި މީހަކަށް ދިމާވި ކަންކަމުން ކުޑަ މިންވަރެއް ޙިއްސާކޮށްލާނަމެވެ. އޭނާއަކީ އެކި ވަޒީފާ އަދާކޮށް، އެކި މަސައްކަތް ކޮށް ފުދިގެންނާއި ތަނަވަހުގައިވެސް އުޅުނު މީހެކެވެ. ވަޒީފާގައި އުޅެމުން ދަނިކޮށް، ކުއްލިއަކަށް ބަލިވާން ފަށައިފިއެވެ. ވަޒީފާއަށް ދާއިރަށް އުނދަގޫތައް ބޮޑުވަނީއެވެ. ބޮލުގަ ރިހުމާއި، އަބަދު ވަރުބަލިވުމާއި، ހޮޑުލެވުން ފަދަ އުނދަގޫތައްވެސް ވަމުން ދިޔައެވެ. ޑޮކްޓަރަށް ދެއްކުމުން އެކިފަހަރު އެކިގޮތަށް ދައްކައެވެ. ވާނުވާ ސާފެއް ނުވެއެވެ. ބުރަކަށީގެ ބަދަ ކަސިޔާރުވެގެން ދިޔައެވެ. އެތައް ބައްޔެއްގައި އުޅެން ޖެހުމުގެ ސަބަބުން ވަޒީފާ އަދާކުރެވޭގޮތް ނުވެގެން ވަޒީފާ ދޫކޮށްލަން މަޖުބޫރު ވިއެވެ. ދެންތޯއެވެ. ފައިސާ ލިބޭނެގޮތެއް ނެތި އަތްމަތި ހުސްވެ ސަލާމް ޖަހާ ހިސާބަށް ދިޔައެވެ. ކޮމްޕިއުޓަރުފަދަ ތަކެތި މަރާމާތުކޮށްލަން އެނގޭތީ ގޭގައި އެފަދަ މަސައްކަތް ކޮށްލައިގެން ކޮންމެވެސް ވަރެއްވެއެވެ. ނަމަވެސް އެކަންވެސް ދުވަހެއް ދުވަހަކަށް ދަށަށް ދާންފެށިއެވެ. ކިތައްމެ އަގުހެޔޮކޮށް ވިއްކާލިޔަސް ގަންނާނެ މީހަކު ނުވެއެވެ. ވަރަށް ބޭނުންވެގެން ގަންނަން އަންނަމީހާވެސް އެއްވެސް އެއްޗެއް ނުގަނެއެވެ. ސިކުނޑި ސުމަކަށް ދިޔައެވެ. ނަމަވެސް އޭރު އޭނާއަށް ސިޙުރު ޖެހިފައި ހުރިކަން، އަޑު އިވުނު ރުޤްޔާއަކުން ވެގެންދިޔަ އުނދަގޫތަކަކުން ވަނީ އެނގިފައެވެ. އަދި ފަރުވާ ވަނީ ފަށާފައެވެ.
އެއްދުވަހަކު މީހަކު ސީ.ޕީ.ޔޫ އެއް ގަންނަން އައެވެ. އޭނާއަށް އެކަމުގޮސްގެން ގާތްގަނޑަކަށް 1500 ރުފިޔާ ދީފައި އެ ގަނެފިއެވެ. މިވަރުވެސް މިވީ އެތައް ދުވަހަކު ވިޔަފާރިއެއް ނުވެ، ކުރިން ބުނި ދަތި އުނދަގުލުގައި ވޭތުކޮށްކޮށް ސަލާމް ޖަހަޖަހާ ހުއްޓައެވެ. ކައިބޮއެ ހެދީ، ހެޔޮއެދޭ މީހުނާއި ރައްޓެހިންގެ އެހީގައެވެ. ގޭގެ ކުލިވެސް ދައްކަމުން އައީ ބޮޑަތި ޢަދަދުތަކުން ދަރަނިވެރި ވެގެންނެވެ. ކޮންމެއަކަސް، ވަރަށް އުފަލުން ހުއްޓާ ކަންތައް ވެގެން ދިޔަގޮތް ވަރަށްވެސް ހިތްދައްޗެވެ. އެއްކަލަމީހާ އިރުކޮޅެއްފަހުން ސީ.ޕީ.ޔޫ ހިފައިގެން އެނބުރި އައިސްފިއެވެ. އަދި ތިމަންނަ މިއައީ ގެއާ ހިސާބަށްވެސް ނުގޮސްކަމުގައި ބުންޏެވެ. ތިމަންނަ މިގަންނަން ވަރަށް ބޭނުމެވެ. ތިމަންނައަށް މި ވަރަށް ކަމުދެއެވެ. އެކަމުވެސް ތިމަންނަ މިހިފައިގެން މިއައީ ކީއްވެކަމެއް ނޭނގެއެވެ. މިބައިންދާފައި ފައިސާ އަނބުރާ ދޭށޭ ބުންޏެވެ. ދަމުންވެސް ދިޔައީ ތިމަންނަ މިސީޕީޔޫ ބޭނުމޭ ބުނެފައެވެ. އަދި އަގުވެސް ބޮޑުނޫންކަމަށް ބުންޏެވެ. އޭނާއަތުގައި ފައިސާވެސް އެބަހުރި ކަމށް ބުންޏެވެ. އެކަމުވެސް ތިމަންނަގެ ވިސްނުމަށް އަންނަނީ ތިނުގަނެ ދިއުމަށެވެ. ކީއްވެކަމެއް ނޭނގެއޭ ބުނެފައި އޭނާ ހިނގައްޖެއެވެ.
އޭނާގެ މާޔޫސްކަން އިންތިހާއަށް ދިޔައެވެ. އިތުރަށް ބޯހާސްވެ ކަންބޮޑުވިއެވެ. ދުޢާކޮށް މަސައްކަތް ކުރުން ހުއްޓައެއް ނުލައެވެ. އެދުވަހުގެ ރޭ ރުޤްޔާކޮށް ވަރަށް ގިނައިރު އޭނާ ކައިރީ ކިޔެވީމެވެ. ކިޔަވަމުން ދިޔައިރު ވަރަށް ބަނޑުފުއްޕާ ހޮޑުލަމުން ގެންދިޔައެވެ. ހަށިގަނޑުން ޝައިޠާނާ ވާހަކަ ދައްކާ ނުނިކުންނާނަމޭ ކިޔާ ގަދަހަދަމުން ދިޔައެވެ. އަދި އެއްވެސް ކަމެއް ކުރިޔަ ނުދޭނެކަމަށް ބުންޏެވެ. އޭނާއާއި ޢާއިލާ ބަނގުރޫޓުކޮށް ހަލާކުކޮށްލާނެކަމުގައި ބުންޏެވެ. ނަމަވެސް އެއިން އެއްވެސް ކަމަކީ އެޖިންނީންގެ މައްޗަށް ބާރުލިބިގެންވާ ކަންކަން ނޫންކަމާއި، ﷲގެ އެންމެ އަމުރަކާއި އެކު ސިހުރުތަކާއި އެކު އެސޮރުމެންވެސް ހަލާކުވާނެކަމުގައި ބުނެ އިންޒާރުކުރަމުން އަޅުގަނޑު ގެންދިޔައިމެވެ. ކޮންމެއަކަސް އެރޭ އެޖިންނި ވަރަށް ބޮޑަށް ބަލިވެ، ހޮޑާއި އެކު ސިހުރުގެ އަސަރުތައް ވަރަށް ބޮޑަށް ބޭރުވެގެން ދިޔައެވެ. އެއަށްފަހު އޭނާގެ ހަށިގަނޑަށް ވަރަށް ބޮޑު ލުއި ކަމެއް އިޙްސާސްކުރެވެއެވެ. އޭރު އަދި މުޅިން ސިހުރު ފިލައި ނުދިޔަނަމަވެސް ވަރަށް ބޮޑު ލުޔެއް ލިބުނެވެ. އެރެއަށްފަހުވެސް ރުޤްޔާކުރުން ކުރިއަށް ގެންދިޔައިމެވެ. މަޑުމަޑުން އޭނާއަށް އެޅިފައި ހުރި ހުރަސްތައް ދުރުވާންފެށިއެވެ. އެއްކަލަ ސީ.ޕީ.ޔޫ ވެސް ވިކިއްޖެއެވެ. އެހެން އެއްޗެހިވެސް ވިކެން ފަށައިފިއެވެ. އެއްކަލަ ޖިންނި އެކަމާ ރުޅިއައިސް ކަންބޮޑުވެގެން ކޮންމެ ރެއަކު ތެޅިފޮޅި އެއްޗެހިގޮވާ ހަދައެވެ. ބިރުދެއްކުމަށްޓަކައި އެކި ސިފަސިފައިގައި އައިސް ބެހި ހަދައެވެ. ނަމަވެސް ﷲ އޭނާއަށްވުރެ މާބާރުގަދައެވެ. ކޮންމެއަކަސް ފަހުން އޭނާގެ ޙާލަތު އުޅެލެވޭވަރަށް ރަނގަޅުވިއެވެ. ނަމަވެސް ދަރަނިތައް އަދި އޮތީއެވެ. ﷲގެ ރަޙުމަތާއި އެކު އިތުރު އަމިއްލަ މަސައްކަތެއް ފެށޭގޮތް ވިއެވެ. ތަފާތު އެކި ދުއްތުރާތަކާއި ހުރަސްތައް ޖިންނި ދިޔައީ ކުރިމަތިކުރަމުންނެވެ. ކުންފުނީގެ ރަޖިސްޓްރީވެސް މިޖިންނި ފޮރުވިއެވެ. އަދި ނުހޯދޭނެކަމަށާއި، އެ ރަޖިސްޓްރީ ވާނީ ފޮރުވާފަކަމުގައި ބުނެ މަލާމާތްކޮށް ޖެއްސުން ކުރިއެވެ. ރަޖިސްޓްރީ ޖެހުނީ އަލުން ހަދާށެވެ. މިސޮރުމެންގެ ދުއްޕާން އިންސާނުންނަށް ނުކުރާނީ ދެން ފަހެ ކޮންކަމެއްގަހެއްޔެވެ. މިހުރީ އިންސާނުން ކުރާ ސިހުރުގެ ނުބައި ކަންކަމުގެ ސަބަބުން އަނެކާއަށް ކުރިމަތިވާ ވޭނެވެ. މިވަރުން މިހާރު ތިބާއަށް މިފަދަ ސިހުރުން ވާގޮތްތައް ފަހުމްވެއްޖެ ކަމުގައި ޔަޤީން ކުރަމެވެ.
ރިޒްޤަށް / ކުރިއެރުމަށް ހުރަސްއަޅާ ސިހުރު މަސައްކަތް ކުރާ ގޮތް:
މިސިހުރުގެ ސަބަބުން ޖިންނިއެއް ފާވެއެވެ. ގިނަފަހަރަށް އެއް ޖިންނިއަށް ވުރެ ގިނައިން އުޅެއެވެ. އަބަދުވެސް ކޮންމެވެސް އެއްޖިންނިއެއް ހަށިގަނޑުތެރެއަށް ވަނުމަށް މަސައްކަތް ކުރެއެވެ. ވަދެވިއްޖެ ނަމަ ހަށިގަނޑުގެތެރޭގައި ޤަރާރުވެ އޮވެއެވެ. މިސޮރުގެ ވަޒީފާ އަކީ، މީހަ ކަންނެތް ކޮށްލުމާއި، ކަންކަންމަތިން ފޫހިކުރުވުމެވެ. އަދި ސިކުނޑިއަށް ވަދެއެވެ. ސިކުނޑީގެ ބައިތައް ބޭނުންކޮށްގެން ހަށިގަނޑާއި ކުޅެއެވެ. މިގޮތުން މީހާއަށް ތަފާތު ތަދުކުރުމާއި ބަލިތައް ކުރިމަތިވާގޮތަށް ސިކުނޑީގެ ބައިތަކާއި ކުޅެ މީހާ ބަލިކޮށްލައެވެ. މީހާ ނިދީގައި ގިނަވަގުތު ބާއްވަން މިޖިންނި މަސައްކަތް ކުރެއެވެ. ކުރަން އުޅޭ ކަންކަން ހަނދާން ނައްތުވާލައެވެ. މީހާ ޣާފިލްކޮށް އަޅުކަމާއި ދުރުކުރެއެވެ. މިގޮތަށްގޮސް ބައެއް ފަހަރު މީހާ މޮޔަވެސް ކޮށްލައެވެ. އޭނާ ކަމެއް ކުރިޔަ ނުދޭން ކުރެވެން އޮތް ކޮންމެ ކަމެއް އޭނާގެ ހަށިގަނޑުގެ ބޭނުންކޮށްގެން ކުރުމަށް މިޖިންނި އަބަދުވެސް މަސައްކަތް ކުރާނެއެވެ.
ހަށިގަނޑަށް ނުވަދެ ބޭރުގައި ތިބޭ ޖިންނީންގެ ވަޒީފާތަކެއްވެސް ވެއެވެ. މިސޮރުމެންގެ މަސައްކަތަކީ، މިސިހުރު ޖެހޭ މީހާއާއި އެހެން މީހުން ދޭތެރެ ޖެއްސުވުމެވެ. އެހެންމީހުނަށް އެމީހާ ހުތުރު ސިފައިގައި ދެއްކުމާއި، އެހެންމީހުނަށް އޭނާ ގޯސްކަމުގައި ސިފަކޮށް ވަސްވާސް ވެއްދުން މިއީ މިސޮރުމެން މައިގަނޑު ގޮތެއްގައި ކުރާ ކަންތަކެވެ. ވަޒީފާއެއްގައި އޭނާ އުޅޭނަމަ، އޭނާގެ ބޮޑުންގެ ބޮލަށް އޭނާ ނުބައިކޮށްފައި ވަސްވާސްތައް ވައްދައެވެ. ހަށިގަނޑުގެ ތެރޭގައިވާ ޖިންނި ލައްވާ އޭނާ ވަޒީފާގެ މާހައުލުގައި ކަންނެއްކުރުވާ ވަގުތު، އޮފީހުގެ ވެރިންނަށާއި އެހެން މީހުނަށް ބޭރުގައި ތިބޭ ޖިންނީން ވަސްވާސް ވައްދާ އޭނާ މަސައްކަތައް ފަރުވާ ކުޑަވެ ކަންނެތްކަން ދައްކައެވެ. ވަޒީފާއަކަށް ކުރިމަތިލައިފި ނަމަ، ވަޒީފާ ދޭން މީހުން ހޮވަން ތިބޭ މީހުންގެ ސިކުނޑިއަށް ވަސްވާސްދީ، އެމީހުންގެ ލޯމައްޗަށް އޭނާގެ ނަތީޖާތައް އޮޅުވާލާ، އެއްގޮތަކަށްވެސް ކަމުދާ މީހެއް ނޫންކަމުގައި ސިފަކުރުވައެވެ. އިނޓަވިއުގެ ވަގުތުގައި، ބަލިމީހާގެ މޫޑު ގެއްލުވާލާ އަނގަ އޮޅުވައެވެ. އަދި އިންޓަވިއު ކުރަން ތިބޭ މީހުނަށް އޭނާއަކީ ވަޒީފާއަށް އެކަށީގެން ނުވާމީހެއް ކަމުގައި ދައްދުވައެވެ. އޭނާއަކީ ކިތައްމެ މަތީ ފާހެއް އޮތް ޤާބިލް މީހަކަށް ޙަޤީޤަތުގައި ވީނަމަވެސް މެއެވެ.

Close Ad XGet My Ruqya Android App On Google Play

މިފަދަ ސިޙުރު ހަދާފައި ހުންނަ ގޮތްތައް:

މިފަދަ ސިހުރު އާއްމުކޮށް ހަދާފައި ހުންނަނީ ޤަބުރުސްތާނުގައެވެ. ދުވަސްވީ މަހާނައެއްގައި މިފަދަ ސިހުރު ވަޅުލައެވެ. ނުވަތަ މައްޔިތާގެ ކަފުނާއި ސިހުރު އެއްކޮށްލައެވެ. ނުވަތަ މައްޔިތާ ވަޅަށް ބޭލުމުގެ ކުރިން ވަޅު ތެރެއަށް މިސިހުރު ލައެވެ. ގިނަފަހަރަށް މިފަދަ ސިހުރު ހަދަނީ ދުވަސްވީ މަހާނައަށެވެ. އެފަދަ މަހާނަމަތީ މިސިހުރު ވަޅުލާ ހަދައެވެ. މިފަދަ ސިހުރު ގިނައިން ހަދަނީ، ލޯފަތް، ތިމަރަފަތް ފަދަ ކޮންމެވެސް މައުދަނެއްގައެވެ. ނުވަތަ ކަރުދާހުގެ ތަވީދުގައިވެސް މިފަދަ ސިހުރު ހަދާފާނެއެވެ. ބައެއް ފަހަރު ދުވަސްވީ މަހާނަތަކުން ވެލި ނަގައިގެން ސިހުރު ހެދުމަށް ފަހު ސިހުރު ރައްދުކުރަން ބޭނުންމީހާ އުޅޭ ގޭގެ ދޮރުމައްޗަށް އެވެލި އަޅައެވެ. ބައެއްފަހަރު އެއްބައި ޤަބުރުސްތާނަށް އަޅާލައެވެ. އަނެއް ބާވަތަކީ ކަނޑަށް ހަދާ ސިހުރެވެ. ސިހުރު ހެދުމަށްފަހު ބޭރަށް އޮއެދަމާ ގަލެއްގެ ދަށަށް މިފަދަ ސިހުރު ލައެވެ. ނުވަތަ ކަނޑުފައްތައެވެ.
އިތުރު ގޮތްގޮތަށްވެސް މިފަދަ ސިހުރު ހަދާ އުޅެއެވެ. އޭގެތެރޭގައި، ފެނަށް ކިޔަވާ ނުވަތަ ތަށިލިޔެ ސިހުރު ރައްދު ކުރަން ބޭނުން މީހާ އުޅޭ ތަނުގެ ދޮރުމައްޗަށް ނުވަތަ ހިނގާ ސަރަހައްދަށް ވިއްސައެވެ. ނުވަތަ ސިހުރު ހަދާ އެފަދަ ތަނެއްގައި ވަޅުލައެވެ. ބައެއްފަހަރު، ސިހުރު ހެދުމަށްފަހު ސިހުރު ރައްދުކުރަން ބޭނުން މީހާއަށް ކާން ނުވަތަ ބޯން ދެއެވެ. މިހާވަރުން މިބަޔަށް ފުދޭކަމުގައި ދެކެމެވެ.

ރިޒްޤަށް / ކުރިއެރުމަށް ހުރަސްއަޅާ ސިހުރުގެ ޢަލާމާތްތައް:

1- އާދަޔާ ޚިލާފަށް ބޯއެނބުރުން.
2- އާދަޔާ ޚިލާފަށް ބޮލުގައި ރިހުން ނުވަތަ ބޮލަށް ބަރުވެފައި ހުރުން.
3- ބޮލުގެ މަތިން ހިފާ މައްޗަށް ވާގޮތަށް ދަމާފައި ހުންނަ ކަހަލަ އިޙްސާސެއް ކުރެވުން.
4- އަބަދު ވަރުބަލިވެ ކަންނެތްވެފައި ހުރުން.
5- އާދަޔާ ޚިލާފަށް ނިދި ގިނަވުން.
6- މަސައްކަތް މަތިންނާއި، ތިމާގެ ޒިންމާތައް މަތިން ފޫހިވެ ކަންކަމާ އަޅާލެވޭގޮތް ނުވުން.
7- ކިތައްމެ ކަންކަން ކުރަން ބޭނުންވިނަމަވެސް އެކަމަށް ހިތްވަރު ނުލިބުމާއި، މަސައްކަތެއް ކުރަން އުޅޭއިރަށް ވަރުބަލިވެ، ކަންނެތްވެ ނިދިޖެހުން.
8- ތިމާގެ ފެންވަރާއި ޤާބިލުކަން ހުރެމެ ވަޒީފާއަކަށް ނުވަތަ މަސައްކަތަކަށް ކުރިމަތިލިޔަސް އެއްގޮތަކަށްވެސް ކާމިޔާބު ވާގޮތްނުވުން.
9- ހަށިގަނޑު ތުރުތުރު އެޅުން ނުވަތަ ރޫރު އަޅާގޮތްވުން.
10- ވާނުވާ ނޭނގި އަވަސްއަވަހަށް ބަލިވެ، ބަލީގައި ގިނަ ދުވަސްވުން. މިގޮތަށް ބަލިވާ އިރު ބަލީގެ ސަބަބެއް ފެންނަން ނެތުން.
11- މަސައްކަތުގެ ވަގުތުގައި ގަދައަށް ނިދިއަދުން. އަދި މަސައްކަތާއި ދުރަށްދާއިރަށް ނިދި ފިލުން.
12- ކިތައްމެ ރޭވުންތެރިކަމާއި އެކު ރަނގަޅަށް ބުރަކޮށް މަސައްކަތް ކުރިއަސް ކުރިއެރުމެއް ލިބޭގޮތް ނުވުން.
13- ކުރަން ދިމާކުރާ ކޮންމެ ކަމެއްގެ މަގު ބަންދުވާގޮތްވުން.
14- މީހާ ހާސްވެ ކަންބޮޑުވުން ގިނަވުން. އަދި މީހާ ވަށާބައްދާލެވިފައިވާފަދަ އިޙްސާސެއް ކުރެވުން.
15- މޭފިތޭގޮތްވެ ނޭވާއަށް އުނދަގޫވުން.
16- ބުރަކަށިން އާދަޔާ ޚިލާފަށް ދާހިއްލުމާއި ހޫނު އަރާގޮތްވުން.
17- ހަށިގަނޑުގެ އެކި ތަންތަނަށް ތަދުވެ އެތަދު އެކިއިރު އެކި ދިމައަށް ދުވާގޮތްވުން.
18- ހޮޑުލަވާފައި ހުރުމާއި، ބަނޑަށް ފުން ތަދެއްވުން.
19- ނިދީގައި ބިރުވެރި ހުވަފެން ފެނުން.
20- ނިދީގައި ސިއްސައިގެން ދިޔުމާއި ހަމަނިދި ލިބޭގޮތް ނުވުން.
މިއީ މައިގަނޑުގޮތެއްގައި ބޮޑަށް ފާހަގަ ކޮށްލެވޭ ޢަލާމާތްތަކެވެ. ބައްޔެއްގެ ސަބަބުން ނުވަތަ ނަފްސާނީ މައްސަލައެއްގެ ސަބަބުންވެސް މިފަދަ ޢަލާމާތެއް ފެނުމަކީ އެކަށިގެންވާ ކަމެކެވެ. އެހެންކަމުން މިފަދަ ކަންކަން ކުރިމަތިވާން ފެށުމުން ސިޙުރު ނުވަތަ އެސްފީނާ ހުރިތޯ ޔަޤީންކޮށްލުމުގެ ގޮތުން ރުޤްޔާގެ ބޭނުންކުރާށެވެ.

ރިޒްޤަށް / ކުރިއެރުމަށް ހުރަސް އަޅާ ސިހުރަށް ކުރާނެ ފަރުވާތައް:

މިފަދަ ސިހުރަށް ފަރުވާ ކުރުމުގެ ކުރިން ރިޒްޤު އިތުރުވުމަށް އެދޭމީހާ ކޮންމެހެން ސަމާލުކަން ދޭންވީ މުހިއްމު ކަންތައްތަކެއް ހުރިކަމުގައި ފެންނާތީ އެކަންތައްތަކުގެ ތެރެއިން ކޮންމެވެސް މިންވަރެއް ހިމަނާލެވޭތޯ ބަލާނަމެވެ. ބައެއްމީހުން ދެކޭގޮތުގައި ކޮންމެވެސް ބެއްޔާއެއް ގެނެސް ދުވާލުދެއިރު ފިހާރައިގައި ނުވަތަ ގޭގައި ދުންދަނޑިއެއް ރޯކޮށް ކިޔަވާލުމުން، ދެން ތިމާމެން ކޮންމެ ގޮތަކަށް އުޅުނަސް މުއްސަނދިވެ ކުރިއަރާދާނެއެވެ. ނުވަތަ ގެއާއި ފިހާރަފަދަ ތަންތަނުގައި ސިހުރުގެ އަކަތަކާއި ރިޒުޤާއި ރޯދިބަރަކާތައް ކަމަށް ބުނެ މިފަދަ ތަކެއްޗާއި ވަހުތާންތައް ހަރުކުރުމުން ރިޒުޤު އިތުރުވާނެއެވެ. އެހެނެއް ކަމަކު އެއީ ކުށްހީނއެކެވެ. އެއީ ބިދުޢަވެރި، ޚުރާފީ ސިހުރުގެ ކަންތައްތަކެވެ. ނުވަތަ އެކަންކަން އެގޮތަށް ކުރުން ހުއްދަނުވާ ކަންތައްތަކެވެ. ފަހެ ރިޒްޤު އިތުރުވުމަށް އެދޭމީހާ އަންނަނިވި ކަންކަމަށް ސަމާލުކަން ދޭށެވެ.
1- ތިމާގެ މުދަލާއި ފައިސާ ރިބާގެ އެންމެހާ މުޢާމަލާތްތަކުން ސަލާމަތް ކުރުން: ރިބާއަކީ ތިމާގެ މުދަލުގެ ބަރަކާތް ކެނޑިގެންދާ އަދި ތިމާއަށް އެކަމެއްގެ ސަބަބުން މުސީބާތްތަކާއި ކުރިމަތިލާން ޖެހޭފަދަ ބޮޑުވެގެންވާ ޙަރާމް އެއްޗެކެވެ. އެހެން ކަމުން ރިބާގެ ބޭންކް ތަކުގައި ތިމާގެ ފައިސާ ބެހެއްޓުމާއި، ރިބާއާއި ގުޅުންހުރި މުޢާމަލާތްތައް ލިޔެދީ އެފަދަ މުޢާމަލާތްތަކަށް ހެކިވުމާއި، އެފަދަ މުޢާމާލާތްތަކާ ގުޅޭ ވަޒީފާތަކުން ދުރުހެލިވާން ޖެހެއެވެ. އެހެން ނޫންނަމަ ޖިންނި މޮޔަވެފައިވާ މީހެއްފަދައިން ތިމާ ކަށްވަޅުން ތެދުވަން ޖެހިދާނެކަން ހަނދާން ކުރާށެވެ. އަދި ރިބާގެ ސަބަބުން ﷲ ތިމާގެ ރިޒްޤު ދަތިކުރައްވަފާނެކަން ހަނދާން ކުރާށެވެ. އަދި ޝައިޠާނާ އެފަދަ މީހަކާއި ފާވުން ގާތްވެދާހުއްޓެވެ. މާތް ﷲ ސޫރަތުލް ބަޤަރާގެ 275 ވަނަ އާޔަތުގައި ވަޙީކުރައްވާފައި ވެއެވެ. الَّذِينَ يَأْكُلُونَ الرِّبَا لَا يَقُومُونَ إِلَّا كَمَا يَقُومُ الَّذِي يَتَخَبَّطُهُ الشَّيْطَانُ مِنَ الْمَسِّ ۚ ذَٰلِكَ بِأَنَّهُمْ قَالُوا إِنَّمَا الْبَيْعُ مِثْلُ الرِّبَا ۗ وَأَحَلَّ اللَّـهُ الْبَيْعَ وَحَرَّمَ الرِّبَا ۚ فَمَن جَاءَهُ مَوْعِظَةٌ مِّن رَّبِّهِ فَانتَهَىٰ فَلَهُ مَا سَلَفَ وَأَمْرُهُ إِلَى اللَّـهِ ۖ وَمَنْ عَادَ فَأُولَـٰئِكَ أَصْحَابُ النَّارِ ۖ هُمْ فِيهَا خَالِدُونَ ﴿٢٧٥﴾ މާނައީ: “ރިބާ ކާމީހުން، ޖިންނި މޮޔަވެގެން، ޝައިޠާނާ ތަޅުވަމުން ފޮޅުވަމުން ގެންދާ މީހަކު ތެދުވާ ފަދައިން މެނުވީ ޤިޔާމަތް ދުވަހުން އެއުރެން ކަށްވަޅުން) ނުތެދުވާނެތެވެ. އެހެނީ، އެއުރެން ބުނެއުޅުނީ، ވިޔަފާރި ވާކަން ކަށަވަރީ، ރިބާ ކަހަލަކަމެއް ކަމުގައެވެ. (ނަމަވެސް) ވިޔަފާރި ކުރުންވަނީ، ﷲ، ހުއްދަ ކުރައްވާފައެވެ. އަދި، ރިބާ ވަނީ ޙަރާމް ކުރައްވާފައެވެ. ފަހެ، އެމީހާގެ ވެރިރަސްކަލާނގެ ހަޒުރަތުން ދެއްވާ ވަޢުޟަކާއި ނަޞޭޙަތް، އެމީހަކާ ހަމަޔަށް އައުމުން އެކަން (އެބަހީ: رِبا ކެއުން) ހުއްޓާލައިފި މީހާ (ދަންނާށެވެ!) ފަހެ، އިސްވެދިޔަ އެއްޗެއް އެމީހަކަށް ހުށްޓެވެ. (އެބަހީ: ރިބާގެ ޙުކުމްތައް އައުމުގެ ކުރިން އޭނާ ބޭނުންކުރި ތަކެތި މާފުކުރައްވާފައި ވެއެވެ.) އަދި، އެމީހެއްގެ ކަންތައްއޮތީ، ﷲ އަށް ޚާއްސަ ވެގެންނެވެ. އަދި، އަލުން (އެކަމަށް) އެނބުރި އަތުވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ ނަރަކައިގެ އަހުލުވެރިންނެވެ. އެއުރެންނީ އެތާނގައި ދެމިތިބެނިވި ބަޔެކެވެ.”
2- ބޮޑަތިވެގެންވާ ފާފަތަކާއި ދުރުވުން: އެންމެހާ ބޮޑަތިވެގެންވާ ފާޙިޝް ކަންތައްތަކާއި ފާފަތަކުން ދުރުހެލިވާން ޖެހެއެވެ. މުޞީބާތް ޖެހުމުގެ އެއް ސަބަބަކީ ފާފަކުރުމެވެ. ޚާއްޞަކޮށް ބޮޑަތި ފާފަތަކަށް އަރައިގަތުމެވެ. އެހެންކަމުން ރިޒްޤު ތަނަވަސްވުމަށް އެދޭނަމަ އެފަދަ ފާފަތަކާއި ދުރުވާށެވެ.
3- އިސްތިޣްފާރު ކުރުމާއި ތައުބާވުން: މާތް ﷲ ވަޙީކުރައްވާފައިވެއެވެ. فَقُلْتُ اسْتَغْفِرُوا رَبَّكُمْ إِنَّهُ كَانَ غَفَّاراً * يُرْسِلِ السَّمَاءَ عَلَيْكُم مِّدْرَاراً * (نوح 10-11) މާނައީ: “ތިމަންކަލޭގެފާނު އެބައިމީހުނަށް ދެންނެވީމެވެ. ތިޔަބައިމީހުންގެ ރައްބަށް އިސްތިޣްފާރުކޮށް ދަންނަވާށެވެ. އެކަލާނގެއީ ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެއެވެ. އޭރުން ވާރޭފެން ތަނަވަސްކޮށްދެއްވާނެއެވެ.”.. ވާރޭފެންވެސް ހިމެނިގެން ދަނީ ރިޒްޤުގެ ތެރެއިންކަން ކަށަވަރެވެ. އަދި ތައުބާވެ ފާފަ ފުއްސެވުން އެދި ދެންނެވުމުން އެކަން ތަނަވަސް ކޮށްދެއްވާނެކަން ﷲ އެވަނީ އަންގަވާފައެވެ.
4- މާތް ﷲ އަށް ބިރުވެތިވުން: ﷲ އަށް ބިރުވެތިވުން ހިމެނެނީ ރިޒްޤު އިތުރުވާ ކަމެއް ކަމުގައެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. …وَمَنْ يَتَّقِ اللهَ يجْعَلْ لَهُ مَخْرَجًا (*) وَيَرْزُقُهُ مِنْ حَيْثُ لاَ يَحْتَسِبُ… (الطلاق 2-3) “އަދި ﷲއަށް ބިރުވެތިވެއްޖެ މީހަކަށް މަގުދައްކަވާހުށީމެވެ. އަދި އޭނާ ހީނުކުރާ ގޮތްގޮތުން އޭނާއަށް ރިޒްގު ދެއްވާހުށީމެވެ.”
5- މާތް ﷲ އަށް ވަކީލުކުރުން: ކޮންމެކަމެއްގައިމެ މާތް ﷲ އަށް ޔާޤީންކަމާއެކު އެއިލާހަށް ބަރޯސާވެ ވަކީލުކުރުމަކީ ރިޒްޤު ތަނަވަސްވާ ކަމެކެވެ. عُمَرَ بْنِ الْخَطَّابِ رَضِيَ اللَّهُ عَنْهُ ގެކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “لَوْ أَنَّكُمْ تَوَكَّلُوْنَ عَلَى اللهِ حَقَّ تَوَكُّلِهِ لَرَزَقَكُمْ كَمَا يَرْزُقُ الطَّيْرَ، تَغْدُو خمِاَصاً وَتَرُوْحُ بِطَاناً” (إمام أحمد والترمذي وابن ماجه) “ތިޔަބައިމީހުން ހައްގުގޮތުގައި ﷲއަށް ވަކީލު ކޮށްފިނަމަ ދޫނިސޫފާ ސޫތްޕަށް ރިޒުގު ދެއްވާ ފަދައިން ތިޔަބައިމީހުނަށް ރިޒުގު ދެއްވީހެވެ. އެތަކެތި ހެނދުނު ނުކުންނަނީ ހުސްބަނޑާއެވެ. ހަވީރު އެނބުރި އަންނަނީ ބަނޑުފުރައިގެންނެވެ.”
6- ރަޙިމުގެ ގުޅުން ދެމެހެއްޓުން: أَنَسْ بْنُ مَالِكٍ رَضِيَ اللَّهُ عَنْهُ ގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “مَنْ أَحَبَّ أَنْ يُبْسَطَ لَهُ فِي رِزْقِهِ، وَيُنْسَأَ لَهُ فِي أَثَرِهِ فَلْيَصِلْ رَحِمَهُ” (البخاري ، مسلم ، أبو داود ، أحمد) ތިބާގެ އުމުރުގައި ބަރަކާތް ލެއްވި، ރިޒްގު ތަނަވަސްވުމަށް ލޯބިކުރާމީހާ (ބޭނުންވާ މީހާ) ރަހިމުގެ ގުޅުން ބަހައްޓާށިއެވެ.”
7- މާތް ﷲ ގެ މަގުގައި ހޭދަކުރުން: މާތް ﷲ ވަޙީކުރެއްވިއެވެ. وَمَا أَنفَقْتُمْ مّن شَىْءٍ فَهُوَ يُخْلِفُهُ وَهُوَ خَيْرُ ٱلرَّازِقِينَ (سبأ 39) “ތިޔަބައިމީހުން ހޭދަކުޅަ އެއްޗެއްގެ ބަދަލު އެކަލާނގެ ދެއްވާނެއެވެ. އެއީ އެންމެ ހެޔޮ ރިޒްޤުދެއްވާ އިލާހެވެ” ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. (مَا نَقَصَ مَالُ عَبْدٍ مِنْ صَدَقَةٍ)-الترمذي وصححه- “ޞަދަގާތުގެ ސަބަބުން އަޅާގެ މުދާ އުންޏެއް ނުވާނެއެވެ.”
ފަހެ މިއެންމެހާ ކަންކަމަކީ ރިޒްޤު އިތުރުވެ ތަނަވަސްވާން އެދޭމީހާ ސަމާލުކަންދިނުން ކޮންމެހެން މުހިއްމު ކަންކަމެވެ. މާތް ﷲއީ ވަޢުދުފުޅާއި ޚިލާފުވެވޮޑިގެން ނުވާ އިލާހުކަން ކަށަވަރެވެ.

ފަރުވާތައް:

1- އެންމެ ފުރަތަމަ ސިޙުރެއް ނުވަތަ އެސްފީނާއެއް ހުރިތޯ ބެލުމުގެ ގޮތުން ކިޔަވާ ރުޤްޔާތައް ކިޔަވައިގެން އެފަދަ ކަމެއް ހުރިތޯ ޔަޤީންކުރާށެވެ.
2- ނަމާދުތަކަށް ރައްކާތެރިވާށެވެ. އަދި ދަމުނަމާދުކުރުމަށް އާދަކުރާށެވެ.
3- ހެނދުނާއި ހަވީރުގެ ޛިކުރުތަކާއި ދުޢާތައް ކޮންމެ ދުވަހަކުވެސް ކިޔަވާށެވެ.
4- ކޮންމެ ދުވަހަކު ސޫރަތުލް ބަޤަރާ ކިޔަވާށެވެ.
5- ގިނައިން ޤުރުއާން ކިޔަވާށެވެ.
6- ފަރުވާގެ ގޮތުގައި ސޫރަތުލް ވާޤިޢަތު ކޮންމެ ރެއަކު ކިޔަވާށެވެ.
7- ރިޒްޤު ގެ އާޔަތްތައް (މިލިޔުމާއި އެކުވާ ރުޤްޔާ) ގިނައިން ކިޔަވާށެވެ.
8- މިރުޤްޔާ ފެނަށް ކިޔަވައިގެން ބޮއެ، އަދި ފެނަށް ކިޔަވައިގެން އެފެން ކޮންމެ ދުވަހަކު ގަޔަށް އަޅާށެވެ. ބޯފެން ބޮޑު ފުޅިއަކަށް (ގާތްގަނޑަކަށް 5 ލީޓަރު) ކިޔަވާފައި ބަހައްޓައިގެން ރޭގަނޑު 1 ތަށި ހެނދުނު 1 ތަށި ބުއިމުން ފުދޭނެއެވެ. މިގޮތަށް ގޮސް ހުސްވުމުން އަނެއްކާ ކިޔަވާނީއެވެ. ގަޔަށް އަޅާފެން ކޮންމެ ދުވަހަކުވެސް ކިޔަވާށެވެ.
9- 500 ގްރާމްގެ މާމުޔަށް 35 ގްރާމް މުހުރާފައި ހުރި ކަޅުދިރި އެއްކޮށް އެއަށް މިއާޔަތްތައް ކިޔަވާފުމެ، ކޮންމެ ރެއަކު، އަދި ކޮންމެ ދުވަހަކު ހުސްބަނޑާ 2 ސައިސަމްސާ އޭގެން ކާށެވެ.
10- މިއާޔަތްތައް ކޮންމެ ދުވަހަކު އަޑުއަހާށެވެ. ނުވަތަ ބަލިމީހާ ކައިރީ ކިޔަވާށެވެ.
11- ފަރުވާ ކުރަންވާނީ، ޓެސްޓުކޮށްލަން ކުރާކަމެއްގެ ގޮތުގައެއް ނޫނެވެ. ﷲ އަށް ފުރިހަމަ ޔަޤީންކަމާއެކު، ޝިފާދެއްވާނެކަން ޔަޤީންކޮށްގެންނެވެ. އަދި ޝިފާދެއްވުން އެދި ގިނަގިނައިން ދުޢާކޮށް ރަނގަޅުނުވެ ގިނަދުވަސްވީނަމަވެސް ކެތްތެރިކަމާއެކު ފަރުވާ ކުރިއަށް ގެންދާށެވެ.
12- މިޔުޒިކާއި ލަވަޔަކީ ތިބާ ނަފްރަތުކުރާ އެއްޗެއްކަމުގައި ހަދާށެވެ. އެހެނީ މިކަމަކީ ފަރުވާއަށް ވަރަށް ހުރަސްއެޅޭ، ޝައިޠާނީ ކަމެކެވެ. އެހެންކަމުން ލަވަޔާއި މިޔުޒިކު ފަދަ ފާޙިޝް ކަންކަމާއި ޙަރާމް ކަންކަމުން ދުރުވެގަންނާށެވެ. އެއީ ޝިފާލިބުމަށް ފަހުގައިވެސް މެއެވެ.
13- ވީވަރަކުން ޞަދަޤާތް ދީއުޅޭށެވެ. މާތް ﷲ އިރާދަކުރެއްވިއްޔާ ޝިފާ ދެއްވާނެއެވެ.

މާތް ﷲ އަޅުގަނޑަށް މިކުޑަކުޑަ މިންވަރު ޙިއްސާކޮށްލުމުގެ ތައުފީޤު ދެއްވި ކަމަށްޓަކައި ޙަމްދުކުރަމެވެ. އަޅުގެ މިމަސައްކަތަކީ އިޚްލާޞްތެރި މަސައްކަތެއް ކަމުގައި ލައްވާ، އަޅުގެ މިޢަމަލު ޤަބޫލުކުރައްވާ ބަރަކާތް ލައްވާށިއެވެ. އަދި މިފަދަ ދަތި ޙާލުގައި ތިބި އެންމެހާ ފަރާތްތަކަށް މިއިން އެންމެ ހެޔޮ މަންފާ މިންވަރުކުރައްވާށިއެވެ. އަދި އަޅަމެނަށް ޝިފާދެއްވާ ފާފަފުއްސަވާށިއެވެ. އާމީން.

ރިޒްޤުގެ އާޔަތްތައް: 

ޑައުންލޯޑްކުރައްވާ (PDF, 1.85MB)

ރިޒްޤުގެ އާޔަތްތައް (އޯޑިއޯ):

ރިޒްޤުގެ އާޔަތްތައް (އޯޑިއޯ) ޑައުންލޯޑް ކުރައްވާ:

ޑައުންލޯޑް: Download

ފައިލް ސައިޒް: 19.7 MB

ޑައުންލޯޑް ކޮށްފައިވާ ޢަދަދު: 3,234

——————————————

މަޢުލޫމާތު ނެގި ބައެއް މަސްދަރު:
1- ތަންޒީލް 
2- ރާއްޖެ އިސްލާމް
3- އާޔަތްތައް: ޝެއިޚް ޚާލިދުލް ޙަބްޝީގެ ވެބްސައިޓުން

ޙިޔާލުފާޅުކުރައްވާ

2 ކޮމެންޓު

  1. އައިންތު

    މި ރުޤްޔާކުރުމަށް ކިތައް ދުވަސްނަގާނެތޯ

    1. ރުޤްޔާ ކިޔެވުމުން އުނދަގޫތައް ކެނޑި ޢަލާމާތްތައް ފިލައި ދަންދެން މިރުޤްޔާ ކުރިއަށް ގެންދަވާ.