އޭ ލޮބުވެތި ރާޤީންނެވެ. ރުޤްޔާ ކުރުމުގައި ޖިންނީންގެ ވާގި ނުހޯދާށެވެ.

    އޭ ލޮބުވެތި ރާޤީންނެވެ. ތިޔައެންމެހާ އަޚުން ރުޤްޔާ ކުރެއްވުމުގެ ގޮތުން ކުރައްވާމިންނެތް މަސައްކަތްތަކަށް މީސްތަކުން ދަނީ ޝުކުރު އަދާކުރަމުންނެވެ. އަދި ޝަރުޢީ ރުޤްޔާކުރާ ރާޤީންނަކީ ﷲގެ އިޛުނަފުޅާއި ލައިގެން އަޖުރު ލިބިގެންވާ ބައެކެވެ. ނަމަވެސް، ކުރެވޭ ރުޤްޔާއަކީ، ރުޤްޔާ ކުރުމުގައި ޝަރުޢީ އުޞޫލުތަކާއި ޚިލާފުނުވެ، ހަމައެކަނި ޝަރުޢީ މިންގަނޑުތަކާއިއެއްގޮތަށް ކުރެވޭ ރުޤްޔާއެއް ކަމުގައި ވާންޖެހޭނެއެވެ. އަދި، ރުޤްޔާކުރާ ރާޤީންގެ މައްޗަށްވަނީ ރުޤްޔާކުރުމުގެ ޢިލްމު ނެގުމުގައި ޤުރުއާނާއި ސުންނަތަށް ރުޖޫޢަވުމެވެ.

      ނަމަވެސް، މިއަދު ވަރަށް ގިނަ ރާޤީން ވަނީ މިފަންނުގެ ފަންނުވެރި މަޝާއިޚުންނާއި ޢިލްމުވެރިންގެ ބަސްފުޅުތަކުގެ މައްޗަށް ޣާފިލުވެފައެވެ. ނުވަތަ ޢިލްމުވެރިންގެ ތެރެއިން މިފަންނުގެ އިސް ބޭބޭފުޅުން ރުޤްޔާގެ ބައެއް ކަންތަކާމެދު ބަހުސްކުރައްވާފައިވާ ބައެއް ކަންތަކާއިމެދު އަމިއްލައަށް ގޮތްނިންމާ ޢިލްމަކާއި ނުލާ ތަފާތު ބަސްތައް ބުނާ ބައެއް ކަމުގައިވެފައެވެ. އަދި ރުޤްޔާކުރާ ބައެއް ރާޤީން ޝަރުޢީ ރުޤްޔާއާއި ޚިލާފު ބައެއްކަންތައް ކުރަމުން އެބަ ގެންދެއެވެ.

Close Ad XGet My Ruqya Android App On Google Play

               މިގޮތުން ފާހަގަކޮށްލެވޭ އެއްކަމަކީ ޝަރުޢީ ރުޤްޔާކުރުމުގައި ޖިންނީންގެ އެހީތެރިކަން ބޭނުންކުރުމެވެ. ފަހެ، މިކަމަކީ ތަފާތު ގިނަ ނުބައި ކަންތައްތަކަށް މަގުފަހިވާ ކަމެކެވެ. އަދި ކަހާނަތުގެ ތެރެއިން ހިމެނިގެންވާ ކަމެކެވެ. ކަމުގެ ނުރައްކާތެރިކަމުގެ ބޮޑުކަމުން ބައެއް ޢިލްމުވެރިން މިކަމަށް ޤުރްއާނާއި ސުންނަތުން ދަލީލުގެންނަވާ މިކަމަކީ ޝިރުކު ކުރުން ކަމުގައި ވިދާޅުވެފައިވެއެވެ. އަދި އަނެއްބައި ޢިލްމުވެރިން ޙަރާމް ދަރަޖައިގެ ކަމެއް ކަމުގައި  ވިދާޅުވެފައިވެއެވެ. ޢިލްމުވެރިންގެ ތެރެއިން ވަރަށް މަދު ބަޔަކު މިކަން ވަކި ޚާއްސަ އުސޫލުތަކެއްގެ ދަށުން ޝަރުތުތަކާއެކު މިކަން ހުއްދަ ކުރައްވައެވެ. ނަމަވެސް، މިކަމުގެ މައްޗަށް އެބޭފުޅުން ގެންވާފައިވާ ދަލީލުތަކަކީ ވަރަށް ބަލިކަށި ދަލީލުތަކެކެވެ.              އައްޝެއިހް ޞާލިޙުލް ފައުޒާން ރުޤްޔާކުރުމުގައި ޖިންނިބޭނުން ކުރުމާމެދު ވިދާޅުވެފައިވެއެވެ. ” ފޮތާއި ސުންނަތުން ދަލީލު ލިބޭގޮތުގައި ރައްކާތެރިކަމަށް އެދުމަކީ އަޅުކަމެކެވެ. ފަހެ، ﷲ ފިޔަވައި އެހެން ފަރާތަކުން ރައްކާތެރިކަމަށް އެދުމަކީ ބޮޑު ޝިރުކެކެވެ. ބޮޑު ޝިރުކުރުމަކީ މީހާ މިއްލަތުން ބޭރުކުރާ ކަމެކެވެ. ފަހެ،ޝައިޠާނުންނާއި ޖިންނީންގެ ކިބައިން ރައްކާތެރިކަމަށް އެދުމަކީ އެމީހާ ބޮޑުކުފުރަށް ހުށަހެޅިގެން ދާނެކަމެކެވެ. ރައްކާތެރިވުމުގެ ގޮރުން ލިޔެވޭ ތަފާތު ތަވީދުތައް ލިޔުމާއި އަދި ޝައިޠާނުންނާއި ޖިންނީންގެ ރަސްރަސްކަލުންގެ ކިބައިން ރައްކާތެރިކަމަށް އެދުމާއި، އަދި އެފަދަ ތަވީދުތަކުގައި ޝައިޠާނުންގެ ނަންތައް ލިޔުމާއި އަދި ނާމާންކަމާއި ބިރުވެރިކަމުގެ ވަގުތުގައި ރައްކާތެރިކޮށްދިނުމަށް އެދި ޖިންނީންނަށް ގޮވާ ހެދުމާއި މިއެންމެހާ ކަންކަމަކީ ބޮޑު ޝިރުކުގެ ތެރެއިން ހިމެނިގެންވާ ކަންތައްތަކެވެ. މިހެނީ ހަމަކަށަވަރުން ﷲ ފިޔަވައި އެހެން ފަރާތްތަކުން ރައްކާތެރިކަމަށް އެދުމަކީ، ބޮޑު ޝިރުކެކެވެ. ހަމަމިއާއިއެކު ޖިންނީންގެ ކިބައިން ވާގިއެދުމަކީވެސް ހަމަ މިކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ. ދެމީހަކު ދެބަސްވެ އަރާރުންވާހިނދު އޭގެތެރެއިން އެކަކު “އޭ ޖިންނި ! އޭ ޖިންނި” މިފަދައިން ގޮވާ އަދި “މީނާ ހިފާ މީނާއާއިމެދު މިވެނިމިވެނި ގޮތަކަށް ކަންތައް ކުރާށެވެ” ބުނުމަކީ، މިޢަމަލުކުރާ މީހާގެ ޤަސްތަކީ އެސޮރުމެން ކައިރީ އެހީތެރިކަމަށް އެދުންކަމުގަ ވާނަމަ މިއީ ﷲއަށް ޝިރުކުކުރުމެވެ. އަދި މީސްތަކުންގެ ތެރެއިން ބައެއްމީހުން ރުޤްޔާކޮށް ފަރުވާ ކުރާއިރު ޖިންނީން ކިބައިން ފަރުވާ ކުރުމުގައި އެހީ ހޯދާހަދައެވެ. އަދި ބައްޔާއި ބެހޭގޮތުން ސުވާލުކޮށް ބަލިމީހާއަށް ޖެހިފައިވާ ސިހުރަކީ ކޮބައިތޯ ސުވާލުކޮށް ހަދަތެވެ. ﷲ ސުބްޙާވަހީ ވަތަޢާލާ އަންޢާމް ސޫރަތުގެ 128 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވަނީ  ﴿ وَيَوْمَ يَحْشُرُهُمْ جَمِيعًا يَا مَعْشَرَ الْجِنِّ قَدِ اسْتَكْثَرْتُمْ مِنَ الْإِنْسِ ۖ وَقَالَ أَوْلِيَاؤُهُمْ مِنَ الْإِنْسِ رَبَّنَا اسْتَمْتَعَ بَعْضُنَا بِبَعْضٍ وَبَلَغْنَا أَجَلَنَا الَّذِي أَجَّلْتَ لَنَا ۚ قَالَ النَّارُ مَثْوَاكُمْ خَالِدِينَ فِيهَا إِلَّا مَا شَاءَ اللَّهُ ۗ إِنَّ رَبَّكَ حَكِيمٌ عَلِيمٌ (١٢٨) މާނައީ: ” އެކަލާނގެ، އެއުރެން އެންމެން އެއްކުރައްވާ ދުވަސް ހަނދުމަކުރާށެވެ! (އެދުވަހުން، އެކަލާނގެ ވަޙީކުރައްވާނެތެވެ.) އޭ ޖިންނީންގެ ޖަމާޢަތުގެ މީހުންނޭވެ! ތިޔަބައިމީހުން އިންސީންގެ ވަރަށްގިނަ މީހުންނަށް މަގުއޮޅުވައިލީމުއެވެ. ދެން އިންސީންގެ ތެރެއިން އެއުރެންގެ އެކުވެރިން ދަންނަވާނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އަޅަމެންގެ އެއްބަޔަކު އަނެއްބައެއްގެ ކިބައިން ފައިދާ ހޯދީމުއެވެ. އަދި އިބަރަސްކަލާނގެ، އަޅަމެންނަށް ކަނޑައަޅުއްވާދެއްވާފައިވާ އަޖަލަށް އަޅަމެން ފޯރައްޖެއީމުއެވެ. އެކަލާނގެ ވަޙީ ކުރައްވާނެތެވެ. ތިޔަބައިމީހުން ތިބޭނެ ތަނަކީ ނަރަކައެވެ. ﷲ އިރާދަކުރެއްވި ވަގުތަކަށް މެނުވީ، އެއުރެން އެތާނގައި ދެމިތިބެނިވި ގޮތުގައެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ޙަކީމްވަންތަ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. “

   މިއާޔަތުގެ ތަފްސީރުގައި ޢިލްމުވެރިން ވިދާޅުވެފައިވަނީ ޖިންނީންގެ ކިބައިން އިންސާނުން ފައިދާ ހޯދުމުގެ މާނައަކީ އެބައިމީހުން ނުރުހޭ ކަންތަކުން ރައްކާތެރިކަމަށްއެދުމާއި އެބައިމީހުން ރުހޭ ކަންތައްތައް ހާސިލުކޮށްދިނުމަށް އެދުމެވެ. ފަހެ، ޖިންނީން އެބައިމީހުންނަށް ޚިދުމަތްކޮށްދީ ހަދައެވެ. އަދި އެބައިމީހުންގެ ބައެއް ބޭނުންތައް ފުއްދައިދީ ހަދާ ދުރުގައިވާ ކަންތަކާއި ނުފެންނަ ކަންތަކުގެ ޚަބަރުތައް ގެނެސްދީ ހަދަތެވެ. ފަހެ، ހަމަކަށަވަރުން މިއެންމެހާ ކަންތައްތަކުގައި އިންސާނާއަށް އެކަންކަން ކުޅަދާނަކަން ލިބިގެންނުވާ ކަންތައްތައް ހިމެނެއެވެ. މިއެންމެހާ ކަންތައްތަކެއްގައި ޖިންނީންގެ ކިބައިން ވާގި އެދުމުން އެއީ ބޮޑު ޝިރުކުކަމަށް ދަލީލުކޮށްދެއެވެ. މީސްތަކުންގެ ތެރެއިން ބައެއް މީހުން ޖިންނީންގެ ކިބައިން ވާގިއެދުމާއި ޚިދުމަތްހޯދުމާއި އެސޮރުމެންނަށް ކުއްތަންވުން އެއީ ޝިރުކުނޫން ކަމުގައި ބުނެ ހެދިކަމުގައިވިޔަސް އެއީ ކަނޑައެޅިގެން ޝިރުކުގެ ޢަމަލުތަކެވެ. އެހެންކަމުން އެންމެހާ އިންސާނުނަށް ވާޖިބުވެގެންވަނީ މިއެންމެހާ ކަންތައްތަކުން ދުރުވުމެވެ.                        ބައެއްމީހުން ފަރުވާކުރުމުގައި ޖިންނީންގެ އެހީތެރިކަން ހޯދން ހުއްދަކަމެއްކަމަށް ބުނެ ދަލީލެއްގެގޮތުގައި އިބްނު ތައިމިއްޔާ ރަޙިމަހުﷲގެ ބަސްފުޅު ނަގާހަދައެވެ. މިކަމަށް ސަޢޫދީ ޢަރަބިއްޔާގެ މަޝްހޫރު ޢިލްމުވެރިން ވަނީ ރައްދު ދެއްވާފައެވެ. އެބޭފުޅުންނާއި މިކަމާއި ބެހޭގޮތުން ސުވާލުކުރެވިފައިވެއެވެ. ސުވާލުގައިވަނީ، “ފަރުވާކުރުމުގައި ޖިންނީންގެ އެހީތެރިކަން ހޯދުން ހުއްދަކަމެއްކަމަށް ބުނެ ދަލީލެއްގެގޮތުގައި އިބްނު ތައިމިއްޔާ ރަޙިމަހުﷲގެ ބަސްފުޅު ނަގާހަދައެވެ. އިބްނު ތައިމިއްޔާ ރަޙިމަހުﷲގެ ކިބައިން ނަގުލުކޮށްފައިވާ މިބަސްފުޅަކީ ޞައްޙަ ބަސްޅެއްތޯއެވެ.” ޖަވާބުގައި ވިދާޅުވެފައިވެއެވެ. “އެއްވެސް ގޮތަކަށް ޖިންނީންގެ ކިބައިނާއި ނުފެންނަ މީހުންގެ ކިބައިން އެހީތެރިކަން ހޯދުމަކީ ހުއްދަކަމެއް ނޫނެވެ. އެއީ ހަމަކަށަވަރުން ޝިރުކެވެ. އަދި އިބްނު ތައިމިއްޔާ މިކަން ހުއްދަކޮށް ޞަރީޙަކޮށް އެއްވެސް ބަސްފުޅެއް ވިދާޅުވެފައިވާކަމެއް އަޅުގަނޑުމެންނަކަށް ނޭނގެއެވެ.” މިފަތުވާ ދެއްވާފައިވާ ބޭފުޅުންނަކީ ބަކްރު އަބޫ ޒައިދު، ޞާލިހުލް ފައުޒާން، އަބްދުލް އަޒީޒް ޢާލުއް ޝައިޙް، އަބްދުލް ޢަޒީޒް ބިން ޢަބްދުﷲ ބިން ބާޒް އެވެ.

       އަދި އައްޝެއިޚް ޞާލިޙް ބިން ޢަބްދުލް ޢަޒީޒް ބިން މުޙައްމަދު ބިން އިބްރާހީމް އާލުއްޝައިހް އާއި ފަރުވާ ކުރުމުގައި މުސްލިމް ޖިންނީންގެ ކިބައިން އެހީ ހޯދުމާއި ބެހޭގޮތުން ސުވާލުކުރުމުން ޖަވާބުގައި ޝެއިޚު ވިދާޅުވެފައިވަނީ މުސްލިމް ޖިންނީންނާއި މުސްލިމްނޫން ޖިންނީންގެ ކިބައިންވެސް އެހީ ހޯދުމަކީ ޝިރުކަށް ވާޞިލުކުރުވާ ކަމެއްކަމުގައެވެ. މިފަތުވާ ނަގުލުކުރެވިފައިވަނީ ‘އައްތަމްހީދު ލިޝަރަޙި ކިތާބުއް ތައުޙީދް’ މިފޮތުގެ އެއްވަނަ ޖުލްދުގެ 615 ވަނަ ޞަފްހާގައެވެ.           އުއްމީދުކުރަނީ، މިކަން ކުރެވިފައިވާ އަޚުންނަށް މިކަން ކުރެވިފައިވަނީ ނޭނގުމުގެ ތެރޭގައި ކަމުގައެވެ. އަދި، ރަނގަޅު ގޮތް އެނގުމަށްފަހު ޙައްޤު ގޮތަށް ރުޖޫޢަވުމަކީ ހެޔޮލަފާ މީހުންގެ ގޮތެވެ.                                           މާތް ﷲ އަޅުގަނޑުމެން އެންމެންނަކީވެސް އެންމެހައި ޝިރުކާއި، ފަރުވާ ކުރުމުގައި ޖިންނީންގެ އެހީ ހޯދުމާއި އެހެނިހެންވެސް ނުބައިވެގެންވީ ކަންކަމުން ދުރުވެގެންވާ ބައެއްކަމުގައި ލައްވާށިއެވެ. އާމީން.

އޯޑިއޯ

Download

File Size: 10.5 MB

Total Downloads: 345

_____________________________________________________________________

ޙިޔާލުފާޅުކުރައްވާ

0 ކޮމެންޓު