ބައެއްމީހުން ސިޙްރާއި އެސްފީނާގެ ފަރުވާއެއްގެ ކަމުގައި ދެކިއުޅޭ ތަވީދުލިޔާ އިމާމެއްގެ ފަހަތުގައި ނަމާދުކުރުމަކީ ހުއްދަކަމެއްތޯ؟ ހުއްދަކަމެއް ނޫންނަމަ އަހަރެމެން ކަންތައްކުރަންޖެހޭނީ ކިހިނެއްތޯ؟ ދަންނާށެވެ. އަހަރެމެން ދިރިއުޅެނީ އެންމެ މިސްކިތެއް ހުންނަ ސަހަރެއްގައެވެ. އަދި މި މިސްކިތުގެ އިމާމަކަށް ހުންނަނީ މި (ތަވީދުލިޔާ) އިމާމެވެ.

ޙަމްދުހުރީ ޢާލަމްތަކުގެވެރި ﷲއަށް

Close Ad XGet My Ruqya Android App On Google Play

ފުރަތަމަކަމަކަށް:

ތަވީދުލިޔުމަކީ ހުއްދަކަމެއްނޫނެވެ. އެއީ އޭގައި ކީރިތި ޤުރުއާން ލިޔެފަހިހުރިކަމަށް ވިޔަސްމެއެވެ. އެހެނީ ރަސޫލާ(صلى الله عليه وسلم)ގެ ބަސްފުޅު(مَنْ تَعَلَّقَ تَمِيمَةً فَلَا أَتَمَّ اللَّهُ لَهُ وَمَنْ تَعَلَّقَ وَدَعَةً فَلَا وَدَعَ اللَّهُ لَهُ)ގެ އާއްމު މާނައިގެ ސަބަބުންނެވެ. ޙަދީޘުން ދޭހަވާ މާނައަކީ ތަވީދެއް އަޅައިފިމީހާގެ އެދުން މާތްﷲ ނުފުއްދަވާދެއްވާށިއެވެ. އަދި ބޮއްޔެއް އަޅައިފިމީހާ އެ ބިރުގަންނަކަމުން މާތްﷲ އޭނާ ސަލާމަތް ނުކުރައްވާށިއެވެ.” ރިވާކުރައްވާފައިވަނީ އަޙްމަދު(17440) އަދި ޝުޢައިބް އަލްއަޜްނައޫތު، ތަޙްޤީޤުލް މުސްނަދުގައި ޙަސަން ދަރަޖައިގެ ހަދީޘެއްކަމުގައި ވިދާޅުވެފައިވެއެވެ.

އަދިވެސް އެކަލޭގެފާނު(صلى الله عليه وسلم) ހަދީޘްކުރައްވާފައިވެއެވެ. (مَنْ عَلَّقَ تَمِيمَةً فَقَدْ أَشْرَكَ).ދޭހަވާ މާނައަކީ: “ތަވީދެއް އަޅައިފިމީހާ ހަމަކަށަވަރުން ޝިރުކުކޮށްފިއެވެ.

رواه أحمد والحاكم ، وصححه الألباني في صحيح الجامع رقم6394

ތަވީދުގައި ޤުރުއާން ލިޔެފައިވާ ކަމުގައި ވަނީނަމަ މިކަމުގައި ޙުކުމާއިމެދު ޢިލްމުވެރިންގެ މެދުގައި އިޚްތިލާފު އުފެދިފައިވެއެވެ. ނަމަވެސް އެންމެ ރާޖިޙްގޮތަކީ މިފަތަ ތަވީދުވެސް ހުއްދަވެގެން ނުވުމެވެ. އެހެނީ ޙުއްޖަތްތަކުގެ އާންމު މާނައަށް ބަލައިފައެވެ. އަދި ޝިރުކަށް މަގުފަހިވާނެ ދޮރުތަށް ބަންދުކުރުމުގެ ގޮތުންނެވެ. އަދި މީގެއިތުރުން ތަވީދުގެގޮތުގައި ޤުރުއާންއެޅުމުން އެއަށް އިހާނަތްތެރިކޮށް ހެދޭތީއެވެ. އެހެނީ މީހުން އާއްމުގޮތެއްގައި ތަވީދުއަޅައިގެން ނިދައި، ފާޚާނާއަށްވަދެ، އަދި މިނޫންވެސް މިފަދަ ކަންތަށް ކުރާތީއެވެ.

فتاوى اللجنة الدائمة (1/212) ގައިވެއެވެ. ހުރިހާ ޢިލްމުވެރިން އެއްބަސްވާގޮތުގައި ތަވީދުގައި ޤުރުއާން ފިޔަވައި އެހެން އެއްޗެއް ލިޔެވިގެންވާނަމަ އެތަވީދެއް ޙަރާމްވެގެންވެއެވެ. ނަމަވެސް ތަވީދުގައި ޤުރުއާން ލިޔެވިގެންވާނަމަ މިކަމުގެ ޙުކުމާއިމެދު އެބޭކަލުން އިޚްތިލާފުވެލައްވައެވެ. ބައެއްބޭކަލުން ވިދާޅުވާގޮތުގައި މިފަދަ ތަވީދު (ޤުރުއާން ލިޔެފައިވާ ތަވީދު) ހުއްދައެވެ. އަދި އަނެއްބައި ބޭކަލުން ވިދާޅުވާގޮތުގައި ޙަރާމެވެ. މިތަނުން އެންމެ ރާޖިޙްކަމުގައި ފެންނަނީ ހުއްދަނޫންކަމުގައި ވިދާޅުވާ ބޭކަލުންގެ ބަސްފުޅެވެ. އެއީ ޙަދީޘްގެ އާއްމު މާނައިގެ ސަބަބުންނާއި ޝިރުކުން ރައްކާތެރިވުމުގެ ގޮތުންނެވެ. ނިމުނީ

ބައްލަވާ (އިސްލާމް ކިޔުއޭގެ) ސުވާލުނަމްބަރު 10543އަދި20349

ދެވަނަކަމަކަށް:

މި އިމާމު ލިޔާ ތަވީދުގައި ޝިރުކު ހިމެނޭނަމަ، މިސާލަކަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ފިޔަވައި އެހެން ފަރާތަކުން (ޖިންނި ޝައިޠާނުންނާއި ޞާލިޙް މީހުންފަދަ ފަރާތްތަކުން) އެހީއާއި މަދަދަށް އެދޭނަމަ، ނުވަތަ މިއިމާމު އެއްވެސް ބާވަތެއްގެ ޝިރުކެއްކުރާނަމަ، ނުވަތަ ޣައިބުގެ ޚަބަރުތައް އެނގޭކަމަށް ދަޢުވާކުރާނަމަ އޭނާގެ ފަހަތުގައި ނަމާދުކުރުން ހުއްދަވެގެން ނުވެއެވެ. ނަމަވެސް އޭނަ ޝިރުކުން ސަލާމަތްވެ ތައުޙީދުގެ އަހުލުވެރިންގެތެރެއިން ވާނަމަ (ﷲ ސުބުޙާނަހޫ ވަތަޢާލާ އެއްކައުވަންތަކުރާނަމަ) އޭނަގެ ފަހަތުގައި ކުރާނަމާދު ޞައްޙަވެގެންވެއެވެ. މިދެހާލަތުގައިވެސް އޭނައަށް ނަސޭހަތްދޭންޖެހެއެވެ. އެހެނީ މަތީގައި ބުނެވިދިޔަފަދައިން ހުރިހާ ބާވަތެއްގެ ތަވީދުވެސް ޙަރާމްވެގެން ވާތީއެވެ.

މީސްމީހުންނަށް ތަވީދުލިޔެދޭ މީހެއްގެ ފަހަތުގައި ނަމާދުކުރުމާއިމެދު (ސަޢުދީ ޢަރަބިއްޔާގެ) ދާއިމީ ފަތުވާކޮމެޓީއަށް ސުވާލުދެންނެވުނެވެ. އެބޭކަލުން ވިދާޅުވެފައި ވެއެވެ. ކީރިތި ޤުރުއާނާއި އިސްލާމްދީނުގައި ވާރިދުވެގެންވާ ދުޢާތަކުން ތަވީދުލިޔާ މީހެއްގެ ފަހަތުގައި ނަމާދުކުރުން ހުއްދައެވެ. ނަމަވެސް އޭނާ ތަވީދު ލިޔެގެން ނުވާނެއެވެ. އެހެނީ ތަވީދު އެޅުމަކީ ހުއްދަކަމެއް ނޫނެވެ. ނަމަވެސް ތަވީދުގައި އެއްވެސް ވަރަކަށް ޝިރުކު ހިމެނޭނަމަ އެލިޔާމީހެއްގެ ފަހަތުގައި ނަމާދުކޮށްގެން ނުވާނެއެވެ. އަދި އެއީ ޝިރުކުކަން އޭނައަށް ބަޔާންކޮށްދެން ޖެހޭނެއެވެ. އޭނައަށް އެކަންތައް ބަޔާންކޮށްދެންޖެހޭ މީހަކީ އޭނާ އެކަންތައް ކުރާކަން ދަންނަމީހާއެވެ.”

ނިމުނީ: فتاوى اللجنة الدائمة” (3/65) އިން

ޝައިޚް ޞާލިޙް ފައުޒާން حفظه الله ގާތު ތަވީދުލިޔާ މީހެއްގެ ފަހަތުގައި ނަމާދުކުރުމާއި ބެހޭގޮތުން ސުވާލު ދެންނެވުމުން ޝައިޚް ޖަވާބުދެއްވިއެވެ. “ތިބާ ތިބުނި ތަވީދުލިޔުމާއިމެދު ނަޡަރު ހިންގާލާއިރު ތަވީދުލިޔުމާއިމެދު އިތުރަށް ވާހަކަދައްކަންޖެހެއެވެ. ތަވީދުގައި ޝިރުކު ހިމެނޭނަމަ، ﷲ ސުބުޙާނަހޫ ވަތަޢާލާ ފިޔަވައި އެހެން ފަރާތަކުން ކަންކަމަށް އެދި ދަންނަވާފައި ވާނަމަ އަދި ނުދަންނަ ނަންތައް ވާނަމަ އެފަދަ ތަވީދު ލިޔުންވެސް އަދި ބޭނުންކުރުންވެސް ހުއްދަވެގެން ނުވެއެވެ. އިލްމުވެރިން އިޖްމާޢުވާގޮތުގައި އެފަދަ ތަވީދުލިޔާ މީހެއްގެ ފަހަތުގައި ނަމާދުކޮށްގެންވެސް ނުވާނެއެވެ. އެހެނީ އެއީ ޝިރުކުކަމުގައި ވާތީއެވެ. ނަމަވެސް ތަވީދުގައި ޤުރުއާން، ހުއްދަ ދުޢާތައް ނުވަތަ (ރަސޫލާ (صلى الله عليه وسلم)ގެކިބައިން) ވާރިދުވެފައިވާ ދުޢާތައް ލިޔެވިފައިވާނަމަ މިކަމުގެ ޙުކުމާއިމެދު ޢިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައިވެއެވެ. ބައެއް ބޭކަލުން (އެފަދަ ތަވީދު ލިޔުން) ހުއްދަކުރައްވައެވެ. އަނެއްބައި ބޭކަލުން (އެފަދަ ތަވީދު ލިޔުން) މަނާކުރައްވައެވެ. އެހެނީ އެފަދަ ތަވީދު ލިޔުމާއި އެޅުމުގެ ދޮރު ހުޅަވާލުންއެއީ ޙަރާމް ބާވަތްތަކުގެ ތަވީދަށްއޮތް ވަސީލަތެކެވެ. ސަބަބަކީ ކީރިތި ޤުރުއާން ތަވީދުގެ ގޮތުގައި ލިޔުމުން އޭއްޗަށް (ޤުރުއާން ލިޔެފައިވާ ތަވީދަށް) އިހާނަތްތެރިކޮށް ހިތުމާއި އޭތި (ޤުރުއާން ލިޔެފައިވާ ތަވީދު) ގެންގޮސްގެން ނުވާނެފަދަ ތަންތަނަށް ގެންދިއުމުގެ ދޮރު ހުޅުވާލެވެއެވެ. ނަމަވެސް މިފަދަ ތަވީދު ލިޔާ މީހެއްގެ ފަހަތުގައި ނަމާދުކުރުމަކީ މައްސަލައެއް ނޫނެވެ.

އެއްކޮށް ބުނާނަމަ: ތަވީދުގައި ޝިރުކުގެ ލަފްޒުތައް، ނުދަންނަ ނަންތައް، ﷲ ފިޔަވައި އެހެން ފަރާތަކަށް ދެންނެވުން ނުވަތަ ޝައިޠާނުންނާއި، މަޚުލޫގުންނާއި ޖިންނީންގެ އެހީއާއި މަދަދަށް އެދުން، މިހުރިހާ ތަކެއްޗަކީ ޝިރުކުގެ ލަފްޒުތަކެވެ. މީގައިވާއެއްޗެއް އެނގޭހާލު މިފަދަ ތަވީދު ލިޔާމީހަކީ ނުވަތަ ބޭނުންކުރާމީހަކީ މުޝްރިކެކެވެ. ނަމަވެސް އޭގައިވަނީ ޤުރުއާން ކަމުގައިވަނީނަމަ ރައްކާތެރި ގޮތަކީ އެފަދަތަކެތި ދޫކޮށްލުމެވެ. އަދި ބޭނުން ނުކުރުމެވެ.” ނިމުނީ المنتقى من فتاوى الفوزان އިން

ޝައިޚް އިބްންބާޒް رحمه الله އާއި ސުވާލުކުރެވުނެވެ. ކަހީނުކަންކޮށް ޖާދޫހަދާ (ސިޙްރުހަދާ) އިމާމެއްގެ ފަހަތުގައި ނަމާދުކުރުން ހުއްދަވާނެހެއްޔެވެ؟ އަދި ދަންނާށެވެ. މީގެތެރެއިން ބައެއްމީހުން ވަރަށް ރީއްޗަށް ޤުރުއާން ކިޔަވައެވެ. މިކަން އަހަރެމެންނަށް ބަޔާންކޮށްދެއްވާށެވެ. މާތްﷲ ތިބާއަށް ހެޔޮޖަޒާދެއްވާށިއެވެ.

އިމާމަކީ ކަހީނެއް ކަމުގައިވާނަމަ، އަދި ޣައިބު އެނގޭކަމަށް ދައުވާކުރާ ކަމުގައި ވާނަމަ ނުވަތަ އޭނަ ޚުރާފާތްތަކަށް ތަބާވާނަމަ އަދި މުންކަރާތްތަކަށް އަރައިގަންނަ ކަމުގައި ވަނީނަމަ އޭނަގެ ފަހަތުގައި ނަމާދުކުރުމަށްޓަކައި އޭނަ އިމާމެއްގެ ގޮތުގައި އައްޔަނުކުރުމަކީ ހުއްދަވެގެންވާކަމެއް ނޫނެވެ. އެހެނީ ޣައިބުގައިވާ ކަންތައްތައް އެނގޭކަމަށް ދަޢުވާކުރާ މީހަކީ ކާފަރެކެވެ. جل وعلا ވަޙީކުރައްވާފައި ވެއެވެ.قُلْ لَا يَعْلَمُ مَنْ فِي السَّمَاوَاتِ وَالْأَرْضِ الْغَيْبَ إِلَّا اللَّهُ ۚ وَمَا يَشْعُرُونَ أَيَّانَ يُبْعَثُونَ﴿ސޫރަތުއްނަމްލު٦٥﴾ދޭހަވާ މާނައީ:ކަލޭގެފާނު ވިދާޅުވާށެވެ! اللَّه އަށް މެނުވީ، އުޑުތަކާއި، ބިމުގައިވާ އެކަކަށްވެސް غيب ގައިވާކަމެއް ނޭނގޭނެތެވެ. އަދި އެއުރެން އަލުން ދިރުއްވައި، محشر އަށް ފޮނުއްވާހުށީ ކޮންއިރަކުންކަން އެއުރެންނަކަށް ނުމެއެނގޭމެއެވެ.”ސިޙްރުހަދާމީހާއާއި ދޭތެރޭވެސް ކަންތައްހުރީ ހަމަ މިފަދައިންނެވެ. އޭނަގެ ޙުކުމަކީވެސް ކާފަރެއްގެ ޙުކުމެވެ. އެހެނީ ﷲ جل وعلا ވަޙީކުރައްވާފައި ވެއެވެ.وَاتَّبَعُوا مَا تَتْلُو الشَّيَاطِينُ عَلَىٰ مُلْكِ سُلَيْمَانَ ۖ وَمَا كَفَرَ سُلَيْمَانُ وَلَٰكِنَّ الشَّيَاطِينَ كَفَرُوا يُعَلِّمُونَ النَّاسَ السِّحْرَ وَمَا أُنْزِلَ عَلَى الْمَلَكَيْنِ بِبَابِلَ هَارُوتَ وَمَارُوتَ ۚ وَمَا يُعَلِّمَانِ مِنْ أَحَدٍ حَتَّىٰ يَقُولَا إِنَّمَا نَحْنُ فِتْنَةٌ فَلَا تَكْفُرْ﴿ސޫރަތުލްބަޤަރާ ١٠٢﴾ ދޭހަވާ މާނައީ:އަދި سليمان ގެފާނުގެ ވެރިކަމުގެ ޒަމާނުގައި شيطان ންތައް ކިޔަވައި އުޅުނު ތަކެއްޗަށް އެއުރެން تبع ވޫއެވެ. سليمان ގެފާނު كافر ވެވަޑައެއް ނުގަނެއެވެ. އެހެނެއްކަމަކު، އެ شيطان ން كافر ވޫއެވެ. އެއުރެން މީސްތަކުންނަށް سحر އުނގަންނައި ދިނުމުންނެވެ. އަދި بابل ގައިވާ هاروت އާއި، ماروت އާއި ދެ ملائكة ންގެ މައްޗަށް ބާވައިލެއްވި ތަކެއްޗާވެސް (އެއުރެން تبع ވޫއެވެ.) ތިމަންމެން ވާކަން ކަށަވަރީ (إيمان ކަންހުރި މިންވަރެއް ބެއްލެވުމުގެ ގޮތުން މެދުވެރި ކުރައްވާފައިވާ) امتحان އެއް ކަމުގައޭ، ފަހެ (އެ ދަސްކޮށްގެން) كافر ނުވާށޭ ވިދާޅުވެ (نصيحة ދެއްވުމަށް ފަހުގައި) މެނުވީ، އެއްވެސް މީހަކަށް އެ ދެ ملائكة ން އުނގަންނަވައެއް ނުދެއްވަތެވެ.”

ނަމަވެސް އިމާމަކީ ފާފަކުރާ މީހެއްކަމުގައި ވަނީނަމަ، ނަމަވެސް ކުފުރުގެ އެއްވެސް އަމަލެއް ނުކުރާކަމުގައިވަނީނަމަ، މިސާލަކަށް ސިޙްރުހެދުން ނުވަތަ ޣައިބުގެ ޚަބަރުތައް އެނގޭކަމަށް ދަޢުވާކުރުންފަދަ ކަންތައް ނުކުރާކަމުގައިވަނީނަމަ، އެފަދަ އިމާމެއްގެ ފަހަތުގައި ނަމާދުކުރުން ޞައްޙަވާނެއެވެ. ނަމަވެސް އެއައްވުރެ ރަނގަޅީ ޢަދުލުވެރި ޞާލިޙް މީހުންގެތެރެއިން އެހެން ކޮންމެވެސް މީހަކު ހޯދުމެވެ. އެއީ މީސްތަކުން ދީނަށްބާއްވާ އިޚްލާސްތެރިކަން ރައްކާތެރިކުރުމަށާއި އެފަދަ މީހެއްގެ ފަހަތުގައި ނަމާދުކުރުން ހުއްދަ ނުވާނެކަމަށް ވިދާޅުވާ ޢިލްމުވެރިންގެ ބަސްފުޅުތަށް ބޮލާނުޖެހުމަށްޓަކައެވެ. ފާފަވެރިޔަކު އިމާމަކަށް ލައިގެން ނުވާނެއެވެ. ނަމަވެސް ކުރިންސުރެ އެފަދަމީހަކު އިމާމެއްގެ ގޮތުގައި ޢައްޔަނުކޮށްފައިވަނީނަމަ އޭފަދަމީހެއްގެ ފަހަތުގައި ނަމާދުކުރުން ޞައްޙަވާނެއެވެ. އަދި ފަހަރެއްގައި އެމީހުންގެ ސަބަބުން މީސްތަކުން އިމްތިޙާނު ކުރައްވަނީކަމުގައިވެސް ވެދާނެއެވެ. އަދި އެމީހުންގެ ފަހަތުގައި ނަމާދުކުރުމަކީ ބޭނުންތެރި ކަމެއްކަމުގައިވެސް ވެދާނެއެވެ. ނަމަވެސް ﷲ ފިޔަވައި އެހެން ފަރާތަކަށް ދަންނަވާ މީހުން، ނުވަތަ މަރުވެފައި ތިބޭމީހުންގެ އެހީއަށް އެދޭމީހުން ދަންނައެވެ. މިފަދަމީހުންގެ ފަހަތުގައި ނަމާދުކޮށްގެން ނުވާނެއެވެ. މިފަދަމީހުންވަނީ ކާފަރުންގެތެރެއިންނެވެ. އެހެނީ މިއީ ރަސޫލާ (صلى الله عليه وسلم) އެބަޔަކާއި މައްކާގައި އަދި އެހެނިހެންވެސް ތަންތާގައި ހަނގުރާމަކުރެއްވި މުޝްރިކުންގެ ސިފަތަކެވެ. މުސްލިމުންގެ ޙާލު ރަނގަޅުކުރެއްވުމަށާއި، އެމީހުންގެ ދީން (ދީނުގެތެރެއިން ފިޤުހު) ރަނގަޅަށް އެނގުމުގެ ނިޢުމަތް ދެއްވުމަށާއި، އަދި އެމީހުންގެތެރެއިން އެންމެ ރަނގަޅުމީހުން އެމީހުންގެމައްޗަށް އައްޔަނުކުރެއްވުމަށްއެދި އަހަރެން މާތްﷲގެ ކިބަފުޅަށް ދަންނަވަމެވެ. އެކަލާންގެއީ މޮޅަށް އައްސަވާވޮޑިގަންނަވާ އެންމެ ކުއްތަންވެވޮޑިގަންނަވާ ރަސްކަލާންގެއެވެ.”

ނިމުނީ مجموع فتاوى ابن باز” (9/278). އިން

واللهأعلم.

މަސްދަރު

الإسلام سؤال وجوابIslam Q&A

(މިއީ މިމަޞްދަރުގައިވާ ލިޔުމުގެ ތަރުޖަމާއެކެވެ)

ޙިޔާލުފާޅުކުރައްވާ

0 ކޮމެންޓު