ސުވާލު: މައިތިރި ވެބްސައިޓުގައިވާ ކެންސަރުގެ ފަރުވާ ، ކިޑްނީގައި ހިލަ އުފެދޭނަމަ ، ފަދަ ލިޔުންތަކުގައިވާ ރުޤްޔާތައް ހެދުން ހުއްދަވާނެތޯއެވެ؟ މިހެން މިއެހީ އެގޮތަށް ވަކި ބައްޔަކަށް ޤުރުއާނުގެ ވަކި އާޔަތެއް ދަލީލެއް ނެތި ނުކިޔެވޭނެކަމަށާއި، އެއީ ބިދުޢަވެރި ލިޔުންތަކެއް ކަމަށް ބައެއް ފަރާތްތަކުން ބުނާތީއެވެ.

ޖަވާބު:

Close Ad XGet My Ruqya Android App On Google Play

الحمد لله، والصلاة والسلام على رسول الله صلى الله عليه وسلم، وبعد:

 މިފަދަ ލިޔުންތަކާއި މެދު (މިސާލަކަށް، ކެންސަރުގެ ފަރުވާ، ކިޑްނީގައި ހިލަ އުފެދޭނަމަ ކުރާނެ ރުޤްޔާ) ބައެއްފަރާތްތަކުން ސުވާލު އުފައްދާ، އަދި އަނެއްބައި ފަރާތްތަކުން މިފަދަ ލިޔުންތައް ބިދުޢަވެރިކޮށް އުޅެއެވެ. އެފަދަ ފަރާތްތަކުން ދެކޭގޮތުގައި ޙަދީޘްއެއްގައި ކެންސަރުގެ ފަރުވާއޭ ނަންގަނެވިގެން ވަކި ރުޤްޔާއެއް އައިސްފައި ނުވަނީސް މިފަދައިން ނުލިޔެވޭނެއެވެ.  ކޮންމެއަކަސް މިއީ ވަރަށްބޮޑު އޮޅުމެކެވެ. ސަބަބަކީ މިފަދަ ލިޔުމެއް ނުވަތަ ރުޤްޔާއެއް ބިދުޢަވެރި ކުރެވޭނީ، މިއީ ސުންނަތުން އައިސްފާވައި ރުޤްޔާއެކޭ ބުނެ، ސުންނަތުގައި ނެތް ރުޤްޔާއެއް ގެނެސްފިނަމައެވެ.  މިހެން ދަންނަވަން ޖެހެނީ،ހުއްދަކަމަށް އައިސްފައިވާ ކަމެއް މަނާކުރެވޭނެ ދަލީލެއް ނެތި، މަނާ ނުކުރެވޭނެތީއެވެ. އަދި ދަލީލަކުން ދޮރުހުޅުވައިދީފައިވާ ހުޅުވުމެއް ދަލީލެއް ނެތި ބަންދު ނުކުރެވޭނެތީއެވެ.  އަދި ރުޤްޔާގެ މައްސަލައިގައި މިފަދަ ރުޤްޔާތައް ބޭނުންކުރެވޭނެ ކަމުގެ ދަލީލަކީ “އެ ރުޤްޔާއެއްގައި ޝިރުކު އެކުލެވިގެން ނުވާ ކޮންމެ ރުޤްޔާއެއް ހެދުމުގައި މައްސަލައެއް ނެތެވެ.” މިފަދައިން އައިސްފައިވާ ޙަދީޘްފުޅެވެ.  އަދި ރުޤްޔާ ހުއްދަވުމުގެ 3 ޝަރުޠު ފުރިހަމަވާނަމަ  އެރުޤްޔާއެއް ހުއްދަ ކަމުގައި ޢިލްމުވެރިން ވަނީ އެއްބަސްވެލައްވާފައެވެ.  އެ ޝަރުޠުތަކަކީ އެކިޔެވޭ އެއްޗަކީ ޞައްޙަ (ޤުރުއާން، ﷲ ގެ އިސްމުފުޅުތަކާއި ސިފަފުޅުތައް، ސުންނަތުން އައިސްފައިވާ ދުޢާތައް) ނުވަތަ ޝިރުކު ހިމެނިގެންނުވާ ދުޢާތަކާއި ކިޔެވުންތައް ކަމުގައި ވުމާއި، އެކިޔެވޭ އެއްޗަކީ މާނައެއް އެކުލެވޭ، އަދި މާނައެއް ދޭހަވާފަދަ ބަހަކުން ކިޔެވޭ އެއްޗަކަށްވުން، ބަލިމީހާއާއި ރުޤްޔާ ކުރާމީހާވެސް، ރުޤްޔާއަކީ އޭގެ ޒާތުގައި ފަރުވާ ދޭއެއްޗެއް ނޫންކަމާއި ޝިފާ ދެއްވަނީ ﷲ ކަން ޤަބޫލުކުރުން، މި ޝަރުޠުތަކެވެ. އެގޮތުން ބަލާއިރު އެއްވެސް ދަލީލެއްގައި އަމިއްލައަށް ތަޖުރިބާކުރެވޭ ރުޤްޔާތަކާއި، ކަމުގެ ދާއިރާގައި އުޅުއްވާ ބޭފުޅުން އެކި ދިރާސާތަކަށްފަހު ފަރުވާގެ ގޮތުގައި ބަޔާންކުރާ ރުޤްޔާތައް މިދެންނެވި ޝަރުޠުތައް ފުރިހަމަވާނަމަ މަނާކުރެވޭނޭ އެއްވެސް ދަލީލެއް ނުވަތަ ޙުއްޖަތެއް ނުވެއެވެ. ނަމަވެސް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޞަޙާބީން ރުޤްޔާއަކީ ހުއްދަ އެއްޗެއްކަމުގެ ދަލީލު ލިބުމުގެވެސް ކުރިން ހެއްދެވި ރުޤްޔާގެ ޙާދިސާއިން ، ހުއްދަ ވެގެންވާ މަގުން ރުޤްޔާ ތަޖުރިބާކޮށް ހެދިދާނެކަން ދަލީލުކުރެއެވެ. އެއީ އެރަސްގެފާނަށް ނަގުލަންދާށި ވިހަލުމުން ސޫރަތުލް ފާތިޙާ 7 ފަހަރު ކިޔެވިކަމަށް އައިސްފައިވާ ޙާދިޘާއެވެ.

ނަމަވެސް ބައެއް މީހުން މިފަދަ ދަލީލުތައް ނަފީކޮށް މިފަދައިން ލިޔާ ލިޔުންތަކާއިމެދު ބިދުޢަވެރިކޮށް ހަދާކަމީ ވަރަށްވެސް ދެރަމައްސަލައެކެވެ. މިފަދަ ލިޔުމެއްގައި މިއީ ސުންނަތުން ވާރިދުވެފައިވާ ރުޤްޔާއެކޭ ބުނެ އޮޅުވާލެވިފައި ނުވާނަމަ، އަދި މިފަދައިން ލިޔާ ލިޔުމެއްގައި ރުޤްޔާގެ ޝަރުޠުތަކާއި ޚިލާފު އެއްޗެއް ނުވާނަމަ މަނާކުރެވޭނޭ އަދި ބިދުޢަވެރިކުރެވޭނޭ ޖާގައެއް ނޯންނާނެއެވެ. އޭގެބަދަލުގައި އެކަމުގެ އަހުލުވެރިއަކު ނުވަތަ ޢިލްމުވެރިއަކު އެފަދައިން ބަޔާންކުރާ ރުޤްޔާތަކުގައި މަންފާކުރުން ގާތެވެ. އަދި ކިއެއްތަ އެފަދަ ލިޔުމެއްގައި އެއީ ހަމައެކަނި އެބައްޔަށް ހުރި އާޔަތޭ އެހެން ބައްޔަކަށް މިއާޔަތްތަކުން ޝިފާ ލިބުން ނުވެއޭ ބުނެފައި ނުވާނަމަ، އަދި އެބައްޔަށް އޮތް ހަމައެކަނި ފަރުވާއަކީ އެއީކަމުގައި ބުނެފައި ނުވާނަމަ އެއީ ޝަރުޢުކުރުން ނުވަތަ ލާޒިމްކުރުން ކަމުގައިވެސް ނުވެއެވެ. އެހެނީ އެ ރާޤީއެއް ނުވަތަ ޢިލްމުވެރިއެއް އެޙިއްސާކުރީ އޭނާގެ ތަޖުރިބާއެއް ނުވަތަ އޭނާއަށް އެދާއިރާގައި ލިބިފައިވާ ޢިލްމާއި ތަޖުރިބާގެ އަލީގައި ބުނެދޭ ފަރުވާއެކެވެ. ތަޖުރިބާ އަކީ ހުރިހާ ފަހަރަކު ހުރިހާ އެންމެންގެ މައްޗަށް އެއް ގޮތަކަށް ލާޒިމްވާ އެއްޗެއް ނޫނެވެ. އެފަދަ ލިޔުމެއްގައިވާ ރުޤްޔާއަކުން ގިނަބަޔަކަށް ފައިދާކޮށް އަދި ފައިދާ ނުކޮށްވެސް ފާނެއެވެ. އެއެއްޗެއްގެ ބޭނުން ކުރާމީހާ ﷲ އަށް ޚާލިޞްކޮށްގެން ކޮށްފިނަމަ ޤުރުއާނަކީ ޝިފާއެކެވެ. ރުޤްޔާއަކީ އަސްބާބެކެވެ. ޤުރުއާނާއި ދުޢާތަކުން ފަރުވާކުރަން އޮތް ޞައްޙަ މަގެކެވެ. އެހެންކަމުން އެފަދަ ލިޔުމެއްގައި ބުނެދީފައިވާ، މަތީގައި ނަންގަނެވިފައިވާ ޝަރުޠުތައް ފުރިހަމަވާ ކަންކަމން ކުރުމަކީ އެއްވެސް މައްސަލައެއް އޮތްކަމެއް ނޫނެވެ.  އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.  والله أعلم

ޙިޔާލުފާޅުކުރައްވާ

2 ކޮމެންޓު

  1. މުހައްމަދު

    ކެންސަރު ބަލި ން ރައްކާތެރި ކޮއްދެއްވުމަށް އެދި ކުރާނެ ރުޤުއާތަކީ ކޮބަތޯއެވެ.