ފޭސްބުކް މިއީ މިއަދު އިންޓަރނެޓް ބޭނުންކުރާ ފަރާތްތަކަށް އޮޅިފައިވާ އެއްޗަކަށް ނުވާއިރު، ފޭސްބުކަކީ މިއަދުގެ ޒުވާނުންނާއި، އެކި އުމުރުފުރާތަކުގެ މީހުންގެ ހިތްތައް އަތުލައިގަނެ އެއަށް އަހުލުވެރިކުރުވާފައިވާ، ގިނަބައެއްގެ ހަތުރެކޭ ބުނުން ދޮގަކަށް ނުވާނެއެވެ. އެހެނީ ފޭސްބުކްގެ ބޭނުން އެކިމީހުން އެކިގޮތަށް ކުރާކަމީ ސާބިތުކަމެކެވެ. ބައެއް މީހުން ތިމާ މަޝްހޫރުވެ ތިމާގެ ތިއްތި ދެއްކޭ އެއްޗެއްގެ ގޮތުގައި ފޭސްބުކް ބޭނުންކުރާއިރު އަނެއް ބަޔަކު ފޭސް ބުކް ބޭނުންކުރަނީ ފިތުނަ އުފެއްދުމަށާއި ޖާސޫސްކުރުމަށެވެ. އަނެއް ބަޔަކު ފޭސްބުކް ބޭނުންކުރަނީ ތިމާގެ އެކި ދުވަސްވަރު ދިމާވެފައިވާ ރައްޓެހިންނާއި ގުޅުން ބަދަހި ކޮށް އާރައްޓެހިން ހޯދާ މުވާސަލާތެއްގެ ގޮތުގައެވެ. އަނެއް ބަޔަކު، އެކި ދީންތައް ފެތުރުމަށެވެ. އަނެއް ބަޔަކު ތިމާމެން ކުރާ މަސައްކަތެއް ކުރިއަރުވާ އިޝްތިހާރު ކުރުމަށާއި ވިޔަފާރި ކުރިއެރުވުމަށެވެ. އަނެއްބަޔަކު އިސްލާމްދީނުގެ ދަޢުވަތު ފެތުރުމުގައެވެ. ކަން މިހެން އޮތްއިރު، އެއްބަޔަކަށް ފޭސްބުކް އެއީ ރަނގަޅު ފައިދާކުރަނިވި އެއްޗަކަށް ވެފައިވާއިރު އަނެއްބަޔަކަށް ފޭސްބުކް ވެފައި މިވަނީ ތިމާ އޭގެ ބޭނުން ގިނައިންކުރާ ޙާލު އެއީ ތިމާގެ ހަތުރެއްކަމުގައެވެ. ތިމާއާ މެދު ހަޖޫ ކިޔާ، ތިމާ ފަޞީޙަތްކުރާ އެއްޗެއްގެ ގޮތުގައެވެ. ތިމާ ހެވިފައި ފޭސްބުކަށް އެއްޗެހި އަޕްލޯޑުކުރަމުން ދާއިރު، އަނެކާ އަށް ފޭސްބުކް އެޚަބަރު ފޮނުވުމުގައި އަވަދިނެތިވުމުގެ ސަބަބުން އެކި މީހުން ތިމާ އަޕްލޯޑްކުރި އެތީގެ ނާޖާއިޒް ފައިދާތައް ނަގަމުން ދަނީއެވެ.
ޒުވާން އަންހެން ކުދިން ފޭސްބުކްގައި ފޯރިއާއެކު، އެއްދުވަހު ތިމާގެ އިސްތަށިގަނޑު މޮޅުގޮތަކަށް ހަދާލުމަށްފަހު ފޮޓޯއެއް ނަގާ އަޕްލޯޑްކޮށްލައެވެ. އަނެއް ދުވަހު ވަޙުޝީ ވައްތްރެއް (މޮޑެލް) ޖައްސާފައިވާ ފޮޓޯއެއް އަޕްލޯޑްކޮށްލާނެއެވެ. ތިމާގެ އައުރަ ކަޝްފުކުރެވުނު އެންމެ ބޮޑަކަށް ކަޝްފުކޮށްލުމަށްފަހު ތިމާގެ އަތުން ތިމާގެ ހަށި ހިލޭ ސާބަހަށް “ޕަބްލިކް ވިއު” އަށް ހުށައަޅާލައެވެ. ފޮޓޯގެ ތިރިއަށް ތިމާ ދަންނަ ފިރިހެނުންނާއި ނުދަންނަ ފިރިހެނުންނާއި ޢާއިލާގެ އެންމެން، “ވާއޮ، ސޯ ކިއުޓް”، “ހައު ލަވްލީ”، “ސަޅި ހެއާރ ސްޓައިލްއެއް،” “ޔޫ ލުކް ޕާރފެކްޓް” ޖަހަމުން ތިމާގެ ހަށިގަނޑަށް ފޮނި ބަސްތައް ރައްދުކުރަމުން ތިމާ ބޮޑާކުރުވައެވެ. އަދި ޖެހިގެން އަންނަ ދުވަހު އެއަށްވުރެ ބޮޑަށް އެ ގޮތްގަނޑުޖައްސާ އެއަށްވުރެ ބޮޑަށް އޮރިޔާން ފާޅުވާ ގޮތަށް ފޮޓޯއެއް ލާނެއެވެ. ކުރީ ދުވަހަށް ވުރެ ގިނަ ފިރިހެނުން އޭރުން ކޮމެންޓް ކޮށް ތަޢުރީފު ކުރާނެވިއްޔާއެވެ. ތިމާއަށް މި ކަޝްފުކޮށް ފަޞީޙަތް ކުރެވެނީ ތިމާގެ ނަފްސުކަމާއި، އެއްވެސް އަގެއް ނެތް ގޮތުގައި ހިފެހެއްޓުމެއް ނެތި، ހިލޭ ސާބަހަށް، ބަލާނެ މީހަކު ބަލަން މި ދޫކޮށްލެވެނީ ތިމާގެ އަގު ހުރި ގުނަވަންތައް އެންމެ ދަށުދަރަޖައަށް ވައްޓާލުމަށްފަހުކަން، އަދި އެކަން އެގޮތަށް ކުރުން އެއީ ދީނުގައި ނަހީކަމެއްކަން ވިސްނާލުމެއް ނުހުރެއެވެ. އެހެންޏާފަހެ، ފޮޓޯ ގަނޑެއް އަޕްލޯޑުކޮށްލުން ބޮޑުކަމެއް ކަމުގައި ވާނީ، ތިމާގެ އައުރަ ނިވާނުކުރުން އެއީ ބޮޑުކަމެއްކަމުގައި ވާނަމަތާއެވެ. ފޮޓޯ ލުމުގެ ކުރިން ތިމާ ސީދާ “ޕަބްލިކް ވިއު” އަށް ހިލޭ ސާބަހަށް، ލޯތަކަށް ގުނަވަންތައް އުކަމުން ތަޅުވަމުން ދާއިރު ފޮޓޯ ފެނުމަށް ވުރެ އަސަރުކުރާނެ ވިއްޔާއެވެ. އަދި ކިއެއްތަ މިދެންނެވުނު ފަދަ ޒުވާން އަންހެން ކުދިން ފަދައިން އަންހެން ކުދިންނަށް ފަރިދެއްކި، ތިމާގެ ޣީރަތްތެރިކަމާއި ލަދުވެތިކަން ހަނދާންނައްތާލާ ފިރިހެންކުދިންނާއި ފިރިހެނުން ވަކި މަދެއްނޫނެވެ. މިދެންނެވުނީ ޒުވާނުންގެ ވާހަކައެވެ. މިހުރިހާ ކަމެއްގެ ފަހަތުގައި ކަޅިއަޅައިގެން އެހެން ލޮލެއް އޮންނަކަން ގިނަމީހުން މިއަދު ނުދަނެއެވެ. އެއީ ކޮން ލޮލެއް ބާއެވެ؟ ފޭސްބުކް ތެރޭގައާއި، ޕަބްލިކް ވިއު އަށް ތިމާ އެފަދަ ގޮތްގޮތަށް ހުށައެޅިގަންނައިރު ވިހަ ލޮލެއްގެ ނަޒަރު ތިމާއަށް ސީދާވެފައި ވެއެވެ. ތިމާއާ ދިމައަށް އެވިހަތައް ފޮނުވަމުން ދެއެވެ.
މިއަދު ތިމާއަށް ﷲގެ ފަޟުލަވަންތަކަމުން ދަރިއަކު ދެއްވައިފިއެވެ. ބައްޕަ އަވަސްވެގަތީ ފޯނުން ފޮޓޯއެއް ނެގުމަށެވެ. މަންމަ އަދި އޮތީ ވިހާގަދަ ނުވާތީ ބަލި އެނދުގައެވެ. އެހެންނަމަވެސް ފޯނުން އިނޓަރނެޓް ބޭނުންކުރެވޭތީ ވަރަށް ހިތްހަމަޖެހިފައެވެ. ބައަޕް ނެގި ފޮޓޯގަނޑު ބައްޕަގެ ފޭސްބުކަށް އަޕްލޯޑްކޮށްލީ “އަހަރެންގެ ލޯބި ދަރިފުޅު” “އައި ގޮޓް އަ ކިއުޓް ބޭބީ ޓުޑޭ” ފަދަ ޢިބާރާތެއް ޖަހާލާފައެވެ. މަންމަވެސް ފޯނުން ދަރިފުޅުގެ ފޮޓޯއެއް ނަގާލުމަށްފަހު އަޕްލޯޑް ކޮށްލީ “މައި ލަވިން ބޭބީ އިޒް ސޯ ކިއުޓް” ޖަހާލާފައެވެ. ދެން އެފެށުނީ ކަންތަކާއެވެ. މަންމަގެ ރައްޓެހިންނާ ބައްޕަގެ ރައްޓެހިންނާއި ދެފަރާތުގެ ޢާއިލާގެ ތަޢުރީފުގެ “ކޮމެންޓްތަކެވެ”. ރަށުގަ ހުރި ބޮޑުދައިތަ އެފޮޓޯގަނޑު ފެނިފައި ތުއްތު ކުއްޖާގެ ރީތިކަމާއިމެދު ހައިރާންވެ ހުރެ ހާދަރީއްޗޭ ކިޔަކިޔާ އެތައް އިރަކު ހުރުމަށް ފަހު ކޮމެންޓްކޮށްލީ “ވަޓް އަ ކިއުޓް ބޭބީ، ސޯ ލަވިންގް، ކޮންގްރާ މައި ސިސް” ޖަހާލާފައެވެ. އެތައް ސަތޭކަ ކޮމެންޓެއް މިބީދައިން އެކިމީހުން ކުރަމުން ގެންދިޔައީއެވެ. ކުށެއް ނެތް ތުއްތު ކުއްޖާއަށް އެރިވެތި ސޫރަދެއްވާ ހެޔޮ ޙާލުގައި އުފަން ކުރެއްވި ފަރާތަށް ޙަމްދުކުރުމެއް، އެކުއްޖާއަށް އެއިލާހުގެ ބަރަކާތްލެއްވުން އެދި ދުޢާކުރުމެއް، ޙަމްދުކުރުމެއް ނެތި ތަޢުރީފުތައް އޮއްސަމުން ދިޔައިރު، މަންމައާއި ބައްޕަ ކޮމެންޓްތައް ކިޔަކިޔާފައި، ހެވިދިލިފައި ތިބެގެން ރިޕްލައި ކުރަމުން ގެންދަނީއެވެ. ތިމާގެ ދަރިފުޅަށް މިކަމުން ކޮށްފާނެ އަސަރަކާމެދު ކުޑަވެސް ޚިޔާލެއް ނެތެވެ. ދެދުވަހެއް ނުވެ ފެންނަން ފެށީ އާދަޔާ ޚިލާފު ކަންތައްތަކެކެވެ. ދަރިފުޅު ހުއްޓާނުލާ އަބަދު ރޮނީއެވެ. މައިމީހާ ކައިރިން ނުބޯތާ އެއްޗެއް ގިރާފަ ޖެއްސިޔަސް ބޮވެނީ މަދު ފަހަރަކުއެވެ. ގައިގެ އެތަން މިތަން ރަތްވެ، ލައްޖަހާ ކުއްޖާފުޅު ރީނދޫވެސް ވަނީއެވެ. އެޙާލުގައި އޮއްވާ ގަދަ ހުން އަންނަނީއެވެ. ނަރުހެއްގެ އެހީތެރިކަމަކުން، ޑަކްޓަރުގެ ފަރުވާއަކުން ޙައްލެއް ނުވެއެވެ. ވަނީ ކީއްކަންވެސް ނޭނގެއެވެ. މަންމައާއި ބައްޕަ، ހާސްކަންމަތީ ތެޅިފޮޅެން ޖެހެނީއެވެ. މިވަރުންވެސް މިވީ ކަމަކާމެދު ވިސްނައެއް ނުލެވެއެވެ.
މާމަމެން، މަންމަމެން ކިޔާ އެއުޅޭ އެސްފީނާއާއި، ޖިންނި ވާހަކަތަކަކީ ފްލޯކުތަކެއް ކަމުގައި ހީވެފައި، ޒަމާނާއި ނުގުޅޭ ވާހަކަތަކެއް ކަމުގައި މިފަދަ ވާހަކަތަކަށް މިއަދު މުސްލިމުންކަމުގައި ވެތިބެ ޖޯކުޖަހަމުން ދަނީއެވެ. މަތީގައި ބަޔާންކުރެވުނު ފަދައިން ކަންތައް ދިމާވުމުގައި އެސްފީނާއަކީ ކިހާވަރެއްގެ އެއްޗެއްކަން ދަންނަ މީހަކުވެސް މަދީއެވެ. ވާނީވެސް އެހެންތާއެވެ. ފާޑުފާޑުގެ ތިއަރީ ތަކާއި، ސައިންސުގެ ތެރެއިން ކާފިރުން، މުސްލިމުންގެ ފިކުރާ ކުޅުމަށް ބޭނުންކުރާ ފިކުރީ ކެމިކަލް ވަނީ ދީނުގައިވާ މިފަދަ ކަންކަމާ މެދު ޖޯކު ޚިޔާލުތައް އުފައްދުވާފައެވެ. ސިކުނޑިތަކުން ޢަޤީދާއާއި އީމާންތެރިކަން ދޮވެލާފައެވެ. ޤުރުއާނުގައި އޮތީ ކޯޗެއްކަން ނުވެސް ބަލާތާނގައި، އޭގެން އާޔަތަކުން މިފަދަ ކަމެއް ދައްކައިފިނަމަ ކޮންމެވެސް ތިއަރީއެއް ނަގައިގެން އެއަށް މަލާމާތްކޮށް ފުރައްސާރަ ކުރަނީ ބިރުވެރިކަމެއް ނެތިއެވެ. ޙާލަތަކީ މިއީކަމުގައިވާނަމަ، މަތީގައި ބަޔާންވިފަދަ ކަންކަމަކީ ދާދި ކުދި މުޞީބާތޭ ބުނުން ގޯހަކަށް ވެދާނެބާއެވެ.
އޭ އެންމެހާ އަޚުންނާއި އުޚްތުންނޭވެ. ވިސްނާ ފިކުރުކުރާށެވެ. މިއީ ތިބާއަށް ކުރި މަލާމާތެއް ނޫނެވެ. އެހެންނަމަވެސް މިނޫން ބީދައަކުން ކިޔައިދީފިނަމަ އެއަށްވެސް ޖަހާނީ ޖޯކެއްކަން އެނގޭތީ، މިފަދައިން މިކަމުގެ ޙަޤީޤަތް ތިޔަ ލޮބުވެތި އަޚުންނާއި އުޚްތުންނަށް ބުނެދިނުމަށް އަހަރެންގެ ހިތާއި ނަފްސު ގޮވާވަރުން އަތްހިމޭނުން ނުލެވިގެން މިވާހަކަތައް ލިޔެ ބަޔާންކޮށްދެނީއެވެ. ވިސްނާށެވެ. އެސްފީނާއަކީ ޙަޤީޤަތެކެވެ. ނުރައްކާތެރި އެއްޗެކެވެ. އޭގެ އަސަރު ސާބިތުވެފައިވާ، ޤުރުއާނާއި ސުންނަތުގައި މިކަމުގެ ދަލީލު ލިބިފައިވާ އެއްޗެކެވެ. މީހަކު ބޯގޮއްވައިގެން ހަދާ ސޭކު ތިއަރީއަކަށް ވުރެ، ދުނިޔޭގެ އެންމެން އެއްވެގެން ގެންނަން އުޅުނަސް އެއާ އެއްފަދަ އެއްޗެއް ނުގެނެވޭނެ ﷲގެ ބަސްފުޅުތަކުން އައިސްފާވާ ޙަޤީޤަތްތަކެކެވެ. އެސްފީނާގެ ޙަޤީޤަތެވެ. އިސްވެ ބަޔާންވި ވާހަކަތައް ޚިޔާލުގައި ބަހައްޓައިގެން މިލިޔުން ކިޔާޙާލު ވިސްނާ ފިކުރުކުރާށެވެ. މިއީ ދޮގު ނޫންކަން ތިބާއަށް ޤަބޫލުކުރެވޭނެއެވެ. ހޭއަރާށެވެ.
އެސްފީނާއަކީ ތިމާ ހިތްއެދޭފަދަ އެއްޗެއް ނުވަތަ ތިމާ އަޖައިބުވާފަދަ އެއްޗެއް ނުވަތަ ކަމެއް ތިމާއަށް ފެންނަ ހިނދު، ނަފްސަށް ވެރިވާ ޙައިރާންކަމާއި، ނަޒަރު ސީދާވުމުގެ ތެރެއިން އަނެކާއަށް ތިމާގެ ނަފްސުގެ ވިހަ ފޯރުމެވެ. އަދި އޭގެ ސަބަބުން އަނެކާ ބަލިވުން ނުވަތަ އަނެކާގެ ކިބައިގައިވާ ނިޢުމަތް ފިލާ ދިއުންފަދަ ކަމެއް މެދުވެރިވުމެވެ. އެސްފީނާގެ ތަޢުރީފުގައި އިބްނުލް ޤައްޔިމް ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. ” އެސްފީނާއަކީ އެއްޗަކާމެދު ޤަބޫލުވެވޭހިނދު، އެމީހާގެ ނަފްސުގެ ނުބައިކަން އެ އެއްޗަކަށް އަމާޒުވެ، އެއްޗަކާ އަޅައިގަނެ، އެނަފްސުގެ ވިހަ އެބަލައިލެވޭ އެއްޗަކަށް ފޯރުވާ ފޯރުވުމެވެ. ” (ޒާދުލްމަޢާދު 4/167)
އިބްނު މަންޒޫރު ވިދާޅުވެފައިވާ ގޮތުގައި އެސްފީނާއަކީ ” ލޮލުގެ ވިހަ އެއްޗަކަށް އަމާޒުވެ، އެ އެއްޗަކަށް ގެއްލުންލިބުމެވެ. މިގޮތުން ޢަދާވާތްތެރިއަކު އޭނާއާ ދިމާއަށް ބަލާ ބެލުމެއްގެ ނަތީޖާއެއްގެ ގޮތުން އެ ބެލެވުނު ފަރާތް “ބަލިވެ” އެވެ. ” (ލިސާނުލް ޢަރަބި 13/301)
އަލްހާފިޒު އިބްނު ޙަޖަރު ވިދާޅުވެފައިވެއެވެ. ” އެސްފީނާ އަކީ އެދުންވެރިކަމާއެކު އެއްޗަކަށް ބަލައިލާ ބަލައިލުމެއްގެ ސަބަބުން، އޭނާގެ ނުބައި ނަފްސުގެ ޠަބީޢަތުގައިވާ ވިހަކަމުގެ އަސަރު އެއެއްޗަކަށް ފޯރައި، އެކަމުގެ ސަބަބުން އެއަށް ގެއްލުން ލިބޭ ލިބުމެވެ. ” (ފަތުޙުލް ބާރީ 10/200)
އެސްފީނާ ޖެހެނީ ހަމައެކަނި އިޚްތިޔާރަކުނޫނެވެ. ގަސްތުގައާއި ބޭއިޚްތިޔާރުގައިވެސް އެސްފީނާ ޖެހެއެވެ. ޙަސަދަވެރިއަކު ޙަސަދަވެގެން ނުވަތަ ގަސްތުގައި އެސްފީނާ އެޅުމުގެ ގޮތުން ބަލާ ބެލުމުންނާއި ނޭނގި ބެލޭ ބެލުމުން ނުވަތަ ބުނެވޭ ބަހުންވެސް އެސްފީނާއެއް ޖެހިދާނެއެވެ. މިއަދު މިޒަމާނުގައި ގިނައީ ޙަސަދަވެރީންކަމާއިމެދަކު އެއްވެސް ޝައްކެއްނެތެވެ.
އެހެން ކަމުން ވިސްނާށެވެ. ތިމާގެ ފޮޓޯގަނޑު ނުވަތަ ތިމާގެ ދަރިފުޅުގެ ފޮޓޯގަނޑު، ތިމާގެ ނުވަތަ ދަރިފުޅުގެ ރީތިކަން އަނެކާއަށް ދެއްކުމަށް، ނުވަތަ، ތިމާގެ އިޙްސާސްގެ ސަބަބުން އެހެންމީހުނަށް އެކަން ޙިއްސާކުރުމުގެ ގޮތުން ފޭސްބުކަށް އަޕްލޯޑްކޮށްލާ އިރު އޭގެ ފަހަތުން އެސްފީނާގެ ލޯތައް ދުވެއެވެ. އެފޮޓޯގަނޑު ފެނިފައި، ކިތައް މީހުން ހައިރާންވެ އެފޮޓޯގަނޑަށް ބަލާނެކަން ތަޞައްވަރު ކޮށްލާށެވެ. އެފޮޓޯ ލޮލަށްފެނި، އެއާއިމެދު ޢަޖާއިބުވެގެން ކޮމެންޓްކުރަނީ ކިތައް މީހުން ހެއްޔެވެ. ކިތައް ތަޢުރީފުގެ ބަސް ރައްދުވޭހެއްޔެވެ. އެންމެ ކުޑަމިނުން “މާޝާ ﷲ” މިފަދައިން ބުނެފައި ތަޢުރީފު ކޮށްފައި ވަނީ ކިތައް މީހުންތޯ ޚުދު ތިމާ އަމިއްލައަށް އަޕްލޯޑްކޮށްފައިވާ ފޮޓޯތައް ބަލައިލާށެވެ. ޔަޤީންކަމާއެކު ބުނަމެވެ. ގިނަވާނީ އެފަދަ ބަހެއް ނުބުނެ ޢަޖާއިބުވެ އަންތަރީސްވެގެން ކޮށްފައިވާ ކޮމެންޓްތަކެވެ. ވީއިރު ފޭސްބުކް އަހަރެމެންނާ ކިހާ ރައްޓެހިހެއްޔެވެ؟ ޙަޤީޤަތުގައި ފޭސްބުކް ބޮޑަށް ރައްޓެހީ އެސްފީނާއާއެވެ. އެއަށް ފުރުޞަތު ހޯދައިދޭންވެގެން އަހަރެމެންނާ މާ ރައްޓެހި އެއްޗެއްކަމުގައި ހެދިގެން އަހަރެމެން ވާވައްދަނީއެވެ. ޙަޤީޤަތަކީ ފޭސްބުކާއި އެސްފީނާގެ ގުޅުން މާ ބަދަހިކަމެވެ.
އެސްފީނާއަކީ ޙަޤީޤަތެއްކަން އެނގޭ އެތައް ދަލީލެއް ޤުރުއާނާއި ސުންނަތުގައި ވާއިރު، ފޭސްބުކަށް ފޮޓޯލުމުން އެސްފީނާއަށް ހުޅުވޭ ދޮރު މިއަދު މިއޮތީ ފެންނާށެވެ. ތިއަރީތަކަށް ބުރަވެ ޖާހިލު ވިސްނުން ޤަބޫލުކުރުމަށްވުރެ ﷲ ގެ އަދި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަންނަނިވި ދަލީލުތައް ޤަބޫލުކުރުން މާ ކާމިޔާބުވާނެއެވެ. މާތް ﷲ ޔޫސުފް ސޫރަތުގެ 67 ވަނަ އާޔަތުގައި ވަޙީކުރެއްވި ބަސްފުޅުގެ މާނައިގައި ވެއެވެ.
މާނައީ:” އަދި އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ ދަރިންނޭވެ! ތިޔަބައިމީހުން (އެތަނަށްގޮސް) އެއްދޮރޯއްޓަކުން ނުވަންނާށެވެ! އަދި ތަފާތު ދޮރޯށިތަކަކުން ވަންނާށެވެ! އަދި ﷲ ގެ ހަޒުރަތުން ތިޔަބައިމީހުންނަށް އެއްވެސްކަމެއް ތިމަންނާއަކަށް ފުއްދައެއް ނުދެވޭނެތެވެ. ﷲ އަށް މެނުވީ ޙުކުމް ކުރެއްވުމެއް ނެތެވެ. ތިމަންކަލޭގެފާނު ވަކީލުކުރައްވަނީ، އެއިލާހުއަށެވެ. އަދި ވަކީލު ކުރާމީހުން ހަމައެކަނި އެއިލާހުއަށް ވަކީލު ކުރާހުށިކަމެވެ !”….. މުފައްސިރުންގެ ގިނަބޭކަލުން އެއްބަސްވެވަޑައިގަންނަވާ ގޮތުގައި ޔޫސުފްގެފާނުގެ އަޚުންނަކީ ބުރުސޫރަ ރީތިވެގެންވާ އަޚުންތަކެކެވެ. އެހެންކަމުން އެބައިމީހުންނަށް އެސްފީނާގެ އަސަރެއް ކޮށްފާނެކަމަށް ޔައުޤޫބުގެފާނު ބިރުފުޅުގެން ވަޑައިގަތްގަތުމަކީ އެސްފީނާއަކީ އޮތް އެއްޗެއްކަން ދަލީލުކުރާ ކަމެއްކަމުގައެވެ. އަދިވެސް ޤަލަމް ސޫރަތުގެ 51 ވަނައާޔާތާއި 52 ވަނަ އާޔަތުގައި ވަޙީކުރެއްވިއެވެ.
މާނައީ:” كافر ވި މީހުން قرآن ގެ އަޑު އެހިހިނދު، އެއުރެންގެ ބެލުންތަކުން ކަލޭގެފާނު ކައްސުވާލައި، ވައްޓައިލުމާ ގާތްކުރެތެވެ. އަދި އެއުރެން ބުނެތެވެ. ހަމަކަށަވަރުން، އެކަލޭގެފާނީ މޮޔައެކެވެ. عالم ތަކަށް ހަނދާންކޮށްދިނުމެއް ކަމުގައި މެނުވީ އެ قرآن ނުވެއެވެ. ” ……. އިބްނު ޢައްބާސާއި، މުޖާހިދާއި، އެހެން ބައެއް ބޭކަލުން ވިދާޅުވެފައިވާ ގޮތުގައި ” އެއުރެންގެ ބެލުންތަކުން ކަލޭގެފާނު ކައްސުވާލައި، ވައްޓައިލުމާ ގާތްކުރެތެވެ. ” އޮތް ބަސްފުޅުގެ މުރާދަކީ އެއުރެންގެ އެސްފީނާ ޖެހުމެވެ. ﷲ ގެ އިޛްނަފުޅާ ލައިގެން އެސްފީނާއަކީ އޮތް އެއްޗެއްކަމުގެ މައްޗަށް މި އާޔަތުން ދަލީލު އެބަލިބެއެވެ. (އިބުނު ކަޘީރު 4/408)
ފޭސްބުކްގައި ތިމާގެ ގަށިގަނޑުގައި ފާޑުފާޑުގެ ޓެޓޫ ޖަހައިގެން ފޮޓޯނެގުމަށްފަހު އެޓެޓޫ ދައްކާލަން ފޮޓޯ އަޕްލޯޑްކޮށްފައިވާ މީހުންވެސް މަދެއްނޫނެވެ. ޓެޓޫ ޖެހުމަކީ އޭގެ ޒާތުގައި ޙަރާމްކުރައްވާފައިވާ ކަމެކެވެ. އަދި އެކަން ބަޔާންވެގެންވާ ޙަދީޘްފުޅުގައި އެސްފީނާގެ ޙަޤީޤަތާއިމެދު ބަސްފުޅު އޮތްކަމީ އަހަރެމެން އެއާމެދު ފުންކޮށް ވިސްނަން ޖެހޭ ކަމެކެވެ. އަބޫހުރައިރާ ރަޞިޔަﷲ ޢަންހު ރިވާކުރައްވާފައި ވެއެވެ. ﷲ ގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. ” العَينُ حَقٌّ وَنَهَى عَنِ الْوَشْمِ ” މާނައީ: ” އެސްފީނާއަކީ ޙަޤީޤަތެކެވެ. އަދި ޓެޓޫޖެހުން އެކަލޭގެފާނު މަނާކުރެއްވިއެވެ.” (ފަތުޙުލް ބާރީ 10/203؛ ސަޙީހް މުސްލިމް، ބާބުލް ޠިއްބު، އަބޫދާޢޫދު 3879) . އަދި އެސްފީނާއިން ރައްކާތެރިވެ ތިބުމަށް އަމުރުކުރައްވާފައި ވުމުން އެނގެނީ އެއީ ޙަޤީޤީ އެއްޗެއްކަމެވެ. އެއީ ފްލޯކެއް ނޫންކަމެވެ. ﷲ ގެ އިޛުނައާއިއެކު އަސަރުކުރުވަނިވި އެއްޗެއްކަމެވެ. ޢައިޝަތުގެފާނު އަރިހުން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.
” اسْتَعِيْذُوا بِا للهِ مِنَ الْعَيْنِ فَإِنَّ الْعَيْنَ حَقٌّ ”
މާނައީ: ” އެސްފީނާއަކީ އޮތް އެއްޗެކެވެ. ފަހެ، ﷲ ގެ ހަޟްރަތުން އެއިން ރައްކާތެރިވުމަށް އެދޭށެވެ! ” (އިބުނުމާޖާ، ބާބުލް ޠިއްބު؛ އަލް ޙާކިމް، އަލް މުސްތަދްރަކް. އަލް އަލްބާނީ ވަނީ މިޙަދިޘް ސައްޙަކުރައްވާފައި)
އަބޫޛައްރު ރަޟިޔަﷲ ޢަންހު ރިވާކުރައްވާފައިވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.
” إِنَّ الْعَيْنَ لَتُوْلِعُ بِالرَّجُلِ بِإِذْنِ اللهِ حَتَّى يَصْعَدَ حَالِقًا فَيَتَرَدَّى مِنْهُ ”
މާނައީ: ” މީހާ އުސްފަރުބަދައަކަށް އަރައި ވެއްޓިއްޖައުމަށްދާންދެން ﷲ ގެ އިޛްނަފުޅާލައިގެން އެސްފީނާ އޭނާގެ ފަހަތުން ދެއެވެ. ” (މުސްނަދް އަޙްމަދު؛ އަބޫ ޔަޢްލާޞަހީހުލްޖާމިޢު 5/67،،5662 ގައި އަލް އަލްބާނީ ވަނީ މިޙަދިޘް ސައްޙަކުރައްވާފައި). ކަމަކީ މިފަދަ ކަމަކަށް ވާއިރު، މީހުން އަޅައިގަންނަފަދަ ގޮތްގޮތަށް ހުންނަ ތިމާގެ ފޮޓޯތަކާއި، ލޯބި ލޯބި ދަރިފުޅުގެ ފޮޓޯ ލުމުން އެސްފީނާ އޭގެފަހަތުން ނުދުވާނީ ކޮންގޮތަކުން ހެއްޔެވެ.
ދެންވެސް ހޭއަރާށެވެ. ފޭސްބުކްގެ ސަބަބުން އެސްފީނާ ޖެހުމުގެ ފުރުޞަތު ބޮޑުކަމުގައި ބުނުމުން، ދަލީލުގައި ސީދާ އިބާރާތުން ފޭސްބުކުން އެސްފީނާއަށް މަގުފަހި ކުރެއެވެ، ފޭސްބުކަށް ފޮޓޯނުލާށޭ އޮންނާކަށް ނުޖެހެއެވެ. އެސްފީނާއަކީ ޙަޤީޤަތެކޭ އެންގެވުމުން ބަލަންޖެހެނީ އެކަން މެދުވެރިވާ ސަބަބެވެ. އަދި އެއާގުޅިގެން އެސަބަބަށް މެދުވެރިވާ އެންމެހާ ކަންކަމުން އަހަރެމެން ރައްކާތެރިވާން ޖެހޭނެއެވެ. އެގޮތުން، ފޭސްބުކަށް ލާފޮޓޯއާ މެދު ގިނަމީހުން އަޖައިބުގެ ނަޒަރަކުން ބަލާ ބަރަކާތް ލެއްވުން އެދި ދުޢާނުކޮށް ފާޑުފާޑުގެ ތަޢުރީފު ކުރާތީއާއި ކޮށްފާނެ ކަމަށްޓަކައި، އެކަމަކީ އެސްފީނާއާއި ގާތްކަމަކަށްވާކަން އެނގޭތީ އެކަމުން ރައްކާތެރިވާން ޖެހެއެވެ. މިކަމަށް ވަކިން ދަލީލު ކަނޑައެޅިފައި ނެތަސްމެއެވެ.
އޭ އެންމެހާ އަޚުންނާއި އުޚްތުންނޭވެ. ތިމާއަށް ދެރަ ނޭދޭ ހިނދު އަނެކާއަށް ދެރައެއް ލިބުމަށްވެސް ނޭދޭށެވެ. އެގޮތުން ތިމާގެ ރީތިކަން، ނުވަތަ ތިމާގެ ދަރިފުޅުގެ ރީތިކަމާއި ތިމާއަށް ލިބިފައިވާ ނިޢުމަތްތަކުގައި ބަރަކާތް ލެއްވުން އެދޭނަމަ އަނެކާއަށް ތަޢުރީފުކުރުމުގައިވެސް އެފަދައިން އެދޭށެވެ. ސަޙްލު އިބްނު ޙަނީފް ރަޟިޔަﷲ ޢަންހު ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ. ﷲ ގެ ރަސޫލާ صلى الله عليه و سلم ޙަދީޘްކުރެއްވިއެވެ.
” إِذَا رَأَى أَحَدُكُمْ مِنْ أَخِيْهِ مَايُعُجِبُهُ فَلْيَدْعُ لَهُ بِالْبَرَكَةِ ”
މާނައީ: ” ތިޔަބައިމީހުންގެ އަޚެއްގެ ކިބައިން ހިތްއެދޭ އެއްޗެއް ފެންނަހިނދު، އޭނާއަށްޓަކައި އެއެއްޗެއްގައި ބަރަކާތްލެއްވުމަށް ދުޢާކުރާށެވެ! ” (އިބުނުމާޖާ)
ސަޙްލު އިބްނު ޙަނީފް ރަޟިޔަﷲ ޢަންހު ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ. ﷲ ގެ ރަސޫލާ صلى الله عليه و سلم ޙަދީޘްކުރެއްވިއެވެ.
” إِذَا رَأَى أَحَدُكُمْ مَايُعُجِبُهُ فِي نَفْسِهِ أَوْ مَالِهِ فَلْيُبَرِّكْ عَلَيْهِ فَإِنَّ الْعَيْنَ الْحَقٌّ ”
މާނައީ: ” މީހަކު ޤަބޫލު އެއްޗެއް އޭނާގެ ކިބައިގައި ނުވަތަ އޭނާގެ މުދަލުގައި ވާތަން ފެނިއްޖެނަމަ، އެއެއްޗެއްގައި ބަރަކާތްލެއްވުން އެދި ދުޢާކުރާށެވެ! ހަމަކަށަވަރުން އެސްފީނާއަކީ އޮތް އެއްޗެކެވެ. ” (އިމާމް އަޙްމަދު އަދި ޙާކިމް)
މި ޙަދީޘްތަކުން ދައްކައިދެނީ އެއެއްޗެއްގައި ބަރަކާތްލެއްވުން އެދި ދުޢާކުރުމުން އެސްފީނާގެ ސަބަބުން އެ އެއްޗަކަށް އެއްވެސް ގެއްލުމެއް ނުވާނެ ކަމެވެ. އެސްފީނާގެ ސަބަބުން ގެއްލުން ލިބެނީ އެ އެއްޗެއްގައި ބަރަކާތްލެއްވުން އެދި ދުޢާނުކުރާނަމައެވެ. މިއީ އަލްޤުރްޠުބީ އާއި، އެހެން ބޭކަލުންވެސް ވިދާޅުވެފައިވާ ގޮތެވެ. އެއްޗެއް ފެނުމުން އެއެއްޗެއްގައި ބަރަކާތް ލެއްވުން އެދުމަކީ ( اللَّهُمَّ بَارِكْ عَلَيْكَ ) ( ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އޭގައި ބަރަކާތް ލައްވައިފާނދޭވެ! ) މިފަދައިން ބުނުމެވެ. އަދި مَا شَاءَ اللهُ ( ﷲ އިރާދަކުރެއްވި ކަމެއް ވާނެއެވެ. ) މިފަދައިންވެސް ބުނުމެވެ.
މިއޮތީ ޙައްލުވެސް އެނގިފައެވެ. އޭ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ. ހެޔޮނުވާނެއެވެ. މިފަދަ ހުރިހާ ކަމަކުން ރައްކާތެރިވުމަށްޓަކައި، އަދި ތިމާއާމެދުއާއި ތިމާގެ ދަރީންނާއި ނިޢުމަތްތަކާއި މެދު އެހެންމީހުންގެ ޙަސަދަވެރިކަން އަމާޒު ނުވުމަށާއި، އެސްފީނާތަކުން ސަލާމަތް ކުރުމަށްޓަކައި ﷲ އަށް އީމާންވެ އެކަލާނގެ އެންގެވި ގޮތަށް ޢަމަލުތައް ބަހައްޓާށެވެ. އަދި ފޭސްބުކް ފަދަ، ތިމާ ދަންނަމީހުނާއި ނުދަންނަ މީހުނަށްވެސް ތިމާ ހިއްސާކުރާ ފޮޓޯތަކާއި ކަންތައްތައް ފެނި މީހުން އަޖާއިބުވެ އޭގެ ވިހަ ފޯރަން ނޭދޭނަމަ، އެފަދަ ފޮޓޯތައް ހިއްސާކުރުން ހުއްޓާލާށެވެ. މިނަޞޭޙަތްކޮޅާއިއެކު ތިބާ ވިސްނާ ފިކުރުކުރުމަށްޓަކައި ޙަޤީޤީ ޙާދިސާއެއް ޙިއްސާކޮށްލާނަމެވެ.
އިމާމް އަޙްމަދާއި، އަންނަސާއީ އާއި، އަދި އިބްނުމާޖާ ރިވާކުރައްވައި އިބްނު ޙިއްބާން ސައްޙަކުރައްވާފައިވާ ޙަދީޘެއްގައި ވެއެވެ. އަބޫ ސަހްލު އިބްނު ހަނީފް “ޚަރާރް” ނަމަކަށް ކިޔުނު ވަޅުގެ (މަދީނާގެ ނުވަތަ މަދީނާގެ ކައިރީގައިވާ ވަޅެއް) ކައިރީގައި ހެދުން ބާލައިގެން އުޅެނިކޮށް އާމިރު އިބްނު ރަބީޢުއަށް ފެނުނެވެ. ސަހްލަކީ ގައިގެ ހަމުގެ ކުލަ ވަރަށް އަލި، ރީތި ހަންގަނޑެއްގެ ވެރިއެކެވެ. ދެން އާމިރު ބުންޏެވެ. މިހާ ރީތި ހަންގަނޑެއްގެ ވެރި ޒުވާނަކު ތިމަން ދުވަހަކުވެސް ނުދެކެމެވެ. އެހިނދު ސަހްލު ކުއްލިއަކަށް ބަލިވެގެން ބިންމައްޗަށް ވެއްޓިއްޖެއެވެ.
ސަހުލުގެ މިބަލީގެ ޚަބަރު ﷲ ގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ދެންނެވުނެވެ. އަދި ދެންނެވުނެވެ. އޭނާ ބޯވެސް ހިއްލައެއް ނުލައެވެ. އެހިނދު ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ( هَلْ تَتَّهِمُوْنَ لَهُ أَحَدًا ؟ ) ” ތިޔަބައިމީހުންނަށް އޭނާގެ ކަންތަކުގައި ތުހުމަތުކުރެވޭ މީހަކު އެބަހުރިހެއްޔެވެ؟ އެބައިމީހުން ދެންނެވިއެވެ. ” އާމިރު އިބްނު ރަބީޢާ ” އެވެ. އެހިނދު ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އޭނާއަށް ގޮވާލައްވައި، ކޯފާގެ ރާގެއްގައި ޙަދީޘްކުރެއްވިއެވެ. ” عَلَامَ يَقْتُلُ أَحَدُكُمْ أَخَاهُ ؟ أَلاَّ بَرَّكْتَ اغْتَسِلْ لَهُ ”
މާނައީ: ” ތިޔަބައިމީހުންގެ ތެރެއިން މީހަކު އޭނާގެ އަޚާ ޤަތުލުކުރަނީ ކީއްވެހެއްޔެވެ؟ އޭނާއަށްޓަކައި ﷲ ބަރަކާތްލެއްވުން އެދި ދުޢާ ނުކުރަނީ ކީއްވެހެއްޔެވެ؟ އޭނާއަށްޓަކައި ތިބާގެ ހަށިގަނޑު ދޮންނާށެވެ! ”
ދެން ޢާމިރު އޭނާގެ މޫނާއި، ދެއަތާއި، ދެއަތްދަނޑިއާއި، ދެފަޔާއި، ފައިގެ އަރިމައްޗާއި، ޢިޒާރުގެ އެތެރެ ފެން އެއްޗަކުން ދޮވެ އެފެނުން ބައެއް ސަހުލުގެ ފުރަގަހުން އޭނާގެ ގަޔަށް ޖެހުމުން ސަހްލަށް ކުރިމަތިވެފައިވާ ކަންތައް ﷲ އޭނާގެ ކިބައިން ފިއްލެވިއެވެ. (މުވައްޠާ މާލިކް 938/2)
މުސްލިމް އެކަލޭގެފާނުގެ ސަޙީހްގައި ރިވާކުރައްވާފައިވެއެވެ.
” الْعَيْنُ حَقٌّ وَلَوْ كَانَ شَيْءٌ سَابِقَ الْقَدَرِ سَبَقَتْهُ الْعَيْنُ وَإِذَا اسْتُغْسِلَ أَحَدُكُمْ فَلْيَغْسِلْ ”
މާނައީ: ” އެސްފީނާއަކީ ޙަޤީޤަތެކެވެ. އެއްވެސް އެއްޗަކީ ﷲ ގެ ޤުދުރަތްތެރިކަން ފަހަނައަޅައި ދާ އެއްޗެއްކަމުގައި ވީނަމަ، ފަހެ، އެސްފީނާ އެފަދައިން ވީހެވެ. ތިޔަބައިމީހުންގެ ތެރެއިން މީހެއްގެ ކިބައިން ދޮވުމަށް އެދެވިއްޖެނަމަ، ފަހެ، އެކަންކުރާހުށިކަމެވެ. ” (މުސްލިމް، ކިތާބުއްސަލާމް، ބާބުއްޠިއްބު ވަލްމަރަޟު ވައްރުޤާ 32/5)

 (ނިމުނީ)

Close Ad XGet My Ruqya Android App On Google Play

އިޗާރު އަށް ރައްދުދެއްވާ ރައްދު ކެންސަލް

10 ކޮމެންޓު

  1. މިޝްކް

    ވވވވވވވވ ބޮޑު ތެދެއް…….މާތްﷲ އަޅަމެން އެންމެންނަށް ހެޔޮވިސްނުން ދެއްވާށި!!!!! އާމީން!!!!!…….އަޅުގަނޑު ގެ ފޮޓޯއެއް ދުވަަހަކުވެސް ތި ފޭސްބުކްގަ އަޕްލޯޑް އެއްނުކުރަން….އިންޝާﷲ ނުވެސް ކުރާނަން………

  2. ޝާލީ

    ދެމަފިރިންގެ ގުޅުމަށްވެސް އެސްފީނާ ޖެހިދާނެތޯ؟

    1. ދެމަފިރިންގެ ގުޅުމަށްވެސް އަދި އެހެން ނިޢުމަތްތަކަށްވެސް އެސްފީނާ އަދި ޙަސަދައިގެ އަސަރު ކޮށްފާނެ. އެހެނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފއިވޭ ކޮންމެ ނިޢުމަތަކީ ޙަސަދަވެރި ވެވޭނެ ނިޢުމަތެކެވެ. އެހެން ކަމުން އަހަރެމެން ރައްކާތެރިވާން ޖެހޭ އަބަދުވެސް.

  3. ަަަަަައާމިނަތު

    ތިވިދާޅުވިފަދަ ހުރިހާކަމެއްވެސް އެއީ ވަރަށްބޮޑު ތެދެއް އެހެނަސް ބައެއްމީހުން ދެކޭގޮތުގައި ރީތި ފޮޓޯއެއް ފޭސްބުކުގައި ނުޖަހާމީހާ އަކީ ވަރަށްކަޓު މީހެއް ކަމަށްވޭ އެކަކަށްވުރެ އަނެކަކު ވާދަވެރިކަމާއިއެކު އެކަންކުރަމުންދަނީ އެކަމަކީ ކިހާވަރެއްގެ ކަމެއްކަން ނޭގިބާވައޭވެސް ހިތަށްއަރާ އަޅެ ތިބޭފުޅުންގެ ޚިޔާލަކީ ކޮބައިބާވައޭ ހިތަށްއަރާ. އެނގިތިބެމެ އެވަރު ކަމެއް ކޮށްފާނެބާވައޭހިތަށްއަރާ ކޮށްފާނެދޯ މީހުންވެސް މަރަނީ ވިއްޔާ މާްތް އަﷲ މިފަދަ ފޭބުޅުން ނަށް ހެޔޮވިސްނުން ދެއްވާންދޭވެ.
    އަޅުގަނޑުގެ ދުޢާ އަކީ ތިބޭފުޅުންގެ ތިޔަ އަގުހުރި ލިޔުންތަކުން ޢިބްރަތްލިބި އެކަމަށް ގިނަބަޔަކު މަރުޙަބާކިޔުން.

  4. ހުދޫ

    މާތް ﷲ މިއަޅާއަށާއި އެންމެހާ މީސްތަކުންނަށް ހެޔޮ ވިސްނުން ދެއްވާށި…. !!!

  5. ފާތިމާ

    އަޅުގަނޑު ކުރިން ފޮޓޯ ލަން. އެކަމަކު ﷲ ގެ އިރާދަފުޅުން އަމިއްލައަށް ވިސްނިގެން އެކަން ހުއްޓާލިން.. އޭގެ ދުވަސްކޮޅެއް ފަހުން މިލިޔުން ފެނުމުން އިތުރު ހިތްވަރެއް ލިބުނު. އަޅުގަނޑުގެ ދުއާ އަކީ މާތްﷲ މިއަޅާއަށް ފާފަފުއްސަވައި އެހެން ކުދިންނަށްވެސް ހެޔޮވިސްނުން ދެއްވުން.. އާމީން.

  6. އިޗާރު

    އިލްމު އުނގެނި ތަން ދޮރު ދަތުމަށް ގޮވާލަން.

  7. ސާރާ

    އެސްފީނާއިން ރައްކާތެރި ވުމަށް ކިޔާ ދުއާ އެއް ވާނަމަ ޕޯސްޓް ކޮށްލަ ދެއްވުން އެދެން .

    1. http://spiritualhealersofma.ipage.com/Maithiri/?p=53

      އެސްފީނާއާއި ސިޙުރާއި ޖިންނި ޝައިޠާނުންނާއި އެހެންވެސް ކަންކަމުން ރައްކާތެރިވުމަށް މިލިންކުގައިވާ ޒިކުރުތަކާއި ދުޢާތައއް ހެނދުނާއި ހަވީރު ކިޔަވާށެވެ.

  8. ޒިމް ނައިފަރު

    ވަރަށް ފުރިހަމަ ލިޔުމެއް.. މިލިޔުން ކިޔާލާފިނަމަ އެންމެ ކުޑަ ކުއްޖާއަށްވެސް ވިސްނޭނެ ގޮތަކަށް މިލިޔުން އިބާރާތް ކޮއްލާފަވަނީ ހެއްކާއި ދަލީލުގެ މައްޗަށް ބިނާކޮއްފަ.. އަޖުނާދަށް މަގޭ ހެޔޮދުއާއާއި ސަލާމް…