ސުވާލު: ގަނޑުލޮނާއި ކަޅުދިރިއޮށް ފަދަ ތަކެތިން ދުން އެޅުމުން އެސްފީނާ އާއި ޙަސަދައާއި ސިޙުރާއި ހަށިގަނޑަށްވާ އެކި އުނދަގޫ ތަކުން ދުރުކޮށްދޭތޯއެވެ ނުވަތަ ނޫންތޯއެވެ؟ އެހެން ނުވާ ނަމަ އޭގެ ސަބަބަކީ ކޮބައިތޯ އެވެ؟ އަދި ފައިދާ ކުރާކަމުގައިވާނަމަ އަޅުގަނޑަށް އެކަމުގެ ސަބަބުން ފައިދާ ބަޔާންކޮށްދެއްވުން އެދެމެވެ؟ އަދި ދުން އެޅުމަށް އެންމެ ރަނގަޅީ ކޮންވަގުތެއްތޯއެވެ؟ އަދި އެއިން ދުން އަޅާނީ އަޅުގަނޑުގެ އަމިއްލަ ނަފްސާއި ހަށިގަނޑަށްތޯ ނުވަތަ ގޭތެރެއަށް އެކަނިތޯއެވެ؟ ނުވަތަ މިކަން ކުރަންވީ ރަނގަޅުގޮތަކީ ކޮބައިތޯއެވެ؟

ޖަވާބު: ޙަމްދު ހުރީ މާތްﷲ އަށެވެ.
ބަޔާންކުރެވިފައިވާ ތަކެތިންނާއި އެނޫންވެސް އެފަދަ ތަކެތިން ދުންއެޅުންފަދަ ކަންކަން ދެގޮތަކަށް ބޭނުން ކުރެވެއެވެ.
ފުރަތަމައީ:
ސިހުރުވެރިންނާއި ކާހިނުން ބޭނުންކުރާ ތަކެއްޗެވެ. އޭގެމައްޗަށް އެބައިމީހުން، ތުންތަޅުވާފައި ކިޔާ ނުކިޔާއެއް ފަހުމް ނުވާގޮތަށް ކިޔެވެލިތަކެއް ކިޔަވައިގެން ބޭނުންކުރާ ތަކެއްޗެވެ. މިފަދަ ތަކެތި ބޭނުން ކުރުން ހުއްދަވެގެން ނުވެއެވެ. އަދި މިފަދަ ތަކެތިން ފަރުވާ ލިބިގަތުމެއްވެސް ނުވެއެވެ.
ދެވަނައީ:
ނުބައިވެގެންވާ ޝައިޠާނުންގެ ނުބައި އަޘަރުތައް ދުރުކޮށް ފައްސާލުމުގެ ބޭނުމުގައި އަޅާދުމުގެ ވައްތަރެކެވެ. އަދި އެފަދަ ތަކެއްޗަށް އިޢުތިމާދުކުރުމެއް ނެތި( ބަރޯސާ ވުމެއް ނެތި) އަދި ގޮތްނޭނގޭ، ފަހުމް ނުވާފަދަ ކިޔެވުންތައް އެތަކެއްޗަށް ނުކިޔަވާ އަޅާދުމެވެ. މިފަދަތަކެތި ބޭނުން ކުރުމުން ފައިދާ ލިބޭކަމަށް ތަޖުރިބާގެ އަލީގައި ފެނިވައިވާނަމަ، މިކަން ކުރުމަކުން މައްސަލައެއް ނެތެވެ. އެހެނީ އެކަން ހިމެނިގެން ދާނީ ބޭސްފަރުވާގެ ތެރެއިންނެވެ. އަދި ބޭސްވެރިކަން ވަނީ ތަޖުރިބާގެ މައްޗަށް ބިނާ ވެގެންނެވެ.
އެކަމުގެ ފައިދާ ތަޖުރިބާއިން ޘާބިތުވެއްޖެ ނަމަ، އަދި އެކަމުގައި ޝަރީޢަތާއި ޚިލާފު ކަމެއް ނުވާނަމަ، އެކަމެއް ކުރުމަކުން މައްސަލައެއް ނެތެވެ. އެއީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަސްފުޅުގައި ވާފަދައިންނެވެ.

(اعْرِضُوا عَلَيَّ رُقَاكُمْ ، لَا بَأْسَ بِالرُّقَى مَا لَمْ يَكُنْ فِيهِ شِرْكٌ) (رواه مسلم (2200))

މާނައީ: “ތިޔަބައިމީހުންގެ ރުޤްޔާތައް ތިމަން ކަލޭގެފާނަށް ހުށަހަޅާށެވެ. އެ ރުޤްޔާއެއްގައ ޝިރުކު އެކުލެވިފައިނުވާ ރުޤްޔާ ކުރުމުގައި މައްސަލައެއް ނެތެވެ.”
ކަޅުދިރި އަކީ ހުރިހާ ބައްޔަކަށްވާ ޝިފާއެއްކަން އެނގިގެންވެއެވެ. އެކަމުގެ މާހިރުން އެކި ގޮތްގޮތަށް ކަޅުދިރި ބޭނުން ކުރެއެވެ. ހުހަށް ކާއެއްޗެއްގެ ގޮތުގައްޔާއި، މުގުރައިގެން މާމުޔާއި އެއްކޮށްގެން ބުޔުމަށާއި، ބައެއް ބޭސް (ތެޔޮ ފަދަ) ތަކެއްޗަށް އެއްކޮށް ގައިގަ އުނގުޅުމަށާއި، ފެނަށް އެއްކޮށް ވަކި މުއްދަތަކަށް ބެހެއްޓުމަށް ފަހު ދެން އެފެން ބުއިމާއި، ފެނަށް އަޅާ ކައްކައިގެން އެފެން ބުއިމަށާއި، މިނޫންވެސް މިފަދަ އެތައް ގޮތަކަށް ކަޅުދިރި ބޭނުންކޮށް އުޅެއެވެ.
ކަޅުދިރީގެ ދުން އަޅައިގެން ފައިދާ ލިބިގަތުން ބަލިމިހާ އަށް ހުއްދަވެގެންވެއެވެ. އަދި ސިހުރުޖެހިފައިވާ މީހާއާއި އެސްފީނާ ޖެހިފައިވާ މީހާ، އެސްފީނާ ނުވަތަ ސިހުރު ފަދަ ކަމަކުން އޭނާގެ ހަށިގަނޑުގައި ބައްޔެއްވާނަމަ، ކަޅުދިރިން ދުން އަޅައިގެން ކުރާ ފަރުވާއިން މާތް ﷲގެ އިޛުނައާއި އެކު ބަލިފަސޭހަވެދެއެވެ. މިފަދަ ކަންކަމުން ފަރުވާލިބޭކަން ތަޖުރިބާކުރެވިއްޖެ ކަމުގައި ވާނަމަ، އެފަދަ ގޮތްގޮތަށް ފަރުވާ ކުރުމަކީ މައްސަލައެއް ނޫނެވެ.
ފަޟީލަތުއްޝައިޚް ބިން ބާޒް ރަޙިމަހުﷲ އާއި ސުވާލުކުރެވުނެވެ.
ރުޤްޔާކުރާ ބައެއްމީހުން، ސައްބާއި މިނޫންވެސް މީރުވަސް ދުވާ ބޭސް ހޯދުވާ، އެތަކެތި ދުންއަޅާ ތަކެއްޗަށް/އަނގުރަށް (ދުން މުޖުމަރާ) އަށް އަޅާ ބަލިމީހާ ގަޔަށާއި ގޭގެ ކޮޓަރިތަކަށް ދުން އަޅުވައެވެ. ފަހެ މިފަދަ ކަންކަމުގެ ޙުކުމަކީ ކޮބައިތޯއެވެ؟
ޖަވާބުގައި ޝެއިޚް ވިދާޅުވިއެވެ.
އެކަމުން ފައިދާވާނަމަ މައްސަލައެއް ނެތެވެ. އެހެނީ ގިނަބޭސްވެރިކަމަކީ ތަޖުރިބާއެވެ. އަދި ތިބާއަށް އެއްޗަކުން މީސްތަކުންނަށް ފައިދާއެއްވާކަމަށް ތަޖުރިބާ ކުރެވިއްޖެނަމަ، ފައިދާ ހުރި ހުއްދަ އޮށެއް ކަމުގައި ވިޔަސް، ހުއްދަ މޭވާއެއްކަމުގައި ވިޔަސް، އަދި ފަތެއް ކަމުގައި ވިޔަސް، އަދި އެނޫން ގޮތަކަށް ބޭނުންކުރާ އެފަދަ އެއްޗެއް ނަމަވެސް އެއިން ފައިދާ ލިބޭކަމަށް ތަޖްރިބާ ކުރެވިއްޖެނަމަ، އެއިން ފަރުވާ ލިބިގަތުމަކީ މައްސަލައެއް ނޫނެވެ. ބޭސްވެރިކަމަކީ ތައުޤީފީ ކަމެއްނޫނެވެ. ގިނަ ބޭސްވެރިކަމަކީ ތަޖުރިބާއެވެ. ޝަރުތަކީ އެބޭނުންކުރެވޭ އެއްޗަކީ ނަޖިހެއް ކަމުގައި ނުވުމެވެ. އަދި ޝަރުޢުގައި ޙަރާމްކުރައްވާފައިވާ އެއްޗަކަށް ނުވުމެވެ. (/http://majles.alukah.net/t114617)

Close Ad XGet My Ruqya Android App On Google Play

ފަޟީލަތުއްޝައިޚް މުޙައްމަދު ބިން އިބްރާހީމް ރަޙިމަހުﷲ އާއި ސުވާލު ކުރެވުނެވެ.
މީހަކު ތިމަންނާގެ ގާތަށް ލޮނު އެއްޗެއް ހިފައިގެން އައިސް އެއަށް ފުމުމަށް އެދުނެވެ. (ކިޔަވާފައި ފުމުން). ދެން ތިމަން އެގޮތަށް އެކަން ކުރީމެވެ. ޖަވާބުގައި ޝައިޚް ވިދާޅުވިއެވެ.
“ތިކަމުގައި މައްސަލައެއް ނެތެވެ. އަދި މީސްތަކުން ތިކަމުގައި (ރުޤްޔާގައި) ވަރަށް ފުޅާކޮށް ކަންތައް ކުރެއެވެ. އަދި އޭގެ އަސަރު ހުރިހާ ހިނދަކު އެކަން ރަނގަޅުވާނެއެވެ.” (فتاوى الشيخ محمد بن إبراهيم” (1/ 94))

ތިމާގެ އަމިއްލަ ނަފްސަށާއި ހެދުމަށް އަދި ގެއަށް ދުން އަޅަންވީއެވެ. ކޮންމެ ގޮތަކަށްވެސް އެޅިދާނެއެވެ. ނަމަވެސް ޝަރްޠަކީ މިގޮތަށް ދުން އެޅުމުން ފަރުވާ އެއްވާ ކަމަށް ނުވަތަ ގެއްލުމަކުން ދުރުހެލިކޮށްދޭ ކަމަށް އިތުބާރު ހިފޭ އީމާންކަމުގެ އަހްލުވެރިން ބުނެފައިވުމެވެ. والله أعلم. (https://islamqa.info/ar/241971)

މިކަމާއި ގުޅޭގޮތުން ޝެއިޚް ޖިބްރީން އަންނަނިވި ފަތުވާ ދެއްވާފައިވެއެވެ.
ސުވާލު: މީހަކަށް އެސްފީނާ ޖެހިފައިވާނަމަ، ނުވަތަ ހަށިގަނޑަށް ޖިންނި ވަދެފައިވާނަމަ، ނުވަތަ ސިޙުރު ޖެހިފައިވާނަމަ، ހިކިގޮތްޕާއި، ހަކުރު، ލޮނު އަދި އެކި ޒާތްޒާތުގެ ފަތް ބޭނުންކޮށްގެން ދުން އަޅާ ހަދައެވެ. ބުނެވޭ ގޮތުގައި، މިތަކެތީގެ ވަހަކީ ޖިންނީން އެހާ ގަޔާ ވާ އެއްޗެއް ނޫނެވެ. އެއީ އެސޮރުމެންނަށް ނުބައިވަހެއް ދުވާ އެއްޗެކެވެ. އަނެއްކޮޅުން އެވަސް ޖެހުމުން ބަލިމީހާ އަށް އަރާމު ލިބެއެވެ. އެއިން ދުން އެޅިނަމަވެސް، ނުވަތަ ކޮޓަރި ތެރޭގައި ހުރިނަމަވެސް އެވެ. ބައެއް މީހުން ސިޓިން ރޫމްގެ އެކި ތަންތަނުގައި ލޮނު އަޅާފައި ހުރެއެވެ. އެއީ ޙަސަދަވެރިންގެ ޙަސަދަވެރިކަމުން ދުރުހެލިވުމަށް ޓަކައެވެ. އަނެއްބައިމީހުން ފާޚަނާ ކައިރި އަށް ނުވަތަ ތެރެއަށް ލޮނު ބުރުވާފައި ހުރެއެވެ. މިއީ ވަރަށް ގިނަ މީހުން ކޮށް އުޅޭ ކަމެކެވެ. އަދި ވަރަށް ބޮޑަށް ފެތުރިފައިވާ ކަމެއްވެސް މެއެވެ. މިފަދަ ކަންތައްތަކުގެ ޙުކުމަކީ ކޮބައިތޯއެވެ؟

ޖަވާބު:
މިފަދަ ގޮތަކަށް ފަރުވާ ހޯދުމަކީ މައްސަލަ އެއް ނޫނެވެ. އެހެނީ ފަރުވާ ހޯދެވެނީ ޙަލާލު ރަގަޅު ތަކެތިން ކަމަށްވީތީވެއެވެ. ހިކިގޮތްޕާއި، ހަކުރާއި ލޮނު އަދި އެކި ޒާތްޒާތުގެ ފަތް ބޭނުންކޮށްގެން ފަރުވާ ކުރުމުގެ އަޞްލަކީ އެއީ ވަރަށް ގިނަ ޙިއްސީ ބަލިތަކަށް ފަރުވާ ކުރުމަށް ބޭނުން ކުރެވޭ ތަކެތި ކަމެވެ. މިޘާލަކަށް ބޮލުގައި ރިއްސުން، އެތެރެ ހަށީގެ ބަލިތައް، ގިނަ ދުވަސްވެފައިވާ ފާރުތައް، ހަލާކުވެފައި ހުންނަ ތަންތަން، ފަދަ ބަލިތަކަށެވެ. ޖިންނިންނާއި ޝައިޠާނުން ދުރުހެލި ކުރުވުމަށް މިތަކެތި ބޭނުން ކުރުމަކީވެސް މަނާ ކަމެއް ނޫނެވެ. އެހެނީ ކޮންމެ ނުބައިވަހަކުން ދުރުހެލިވާ ފަދައިން މިތަކެތީގެ ވަހަށް އެސޮރުމެން ދުރުހެލިވާނެތީވެއެވެ. މިފަދަ ކަންތަކުން ބަލިމީހާ ގަޔަށް ޖިންނި ވަނުން ދުރުކޮށްދެއެވެ. އެއީ ބަލިމީހާ ގަޔަށް ދުން އެޅިނަމަވެސް، ނުވަތަ ކޮޓަރި ތެރޭގައި ދުން އެޅިނަމަވެސް އެވެ. ހަމައެފަދައިން ގޭގެ ވަށައިގެން ލޮނު އެޅުންވެސް ހިމެނެއެވެ. ނުވަތަ ސިޓިންގް ރޫމް ގައްޔާއި، ފާޚަނާގެ ބޭރާއި އެތެރޭގައިވިޔަސްވެސް އެވެ، މި ހުރިހާ ކަމެއްގެ އަޞްލަކީ ހުއްދަވުމެވެ. ބައެއް ބޭފުޅުން މިކަންކަން ވަނީ ތަޖްރިބާ ކުރައްވާފައެވެ. އަދި ﷲ ގެ ރަޙްމަތަށް ފަހު، ޖިންނި ބީހުމާއި ޖިންނި މޮޔަވުންފަދަ ކަންކަމަށް އޭގެ ސަބަބުން ފަރުވާ ލިބި ޙިމާޔަތް ލިބޭ ކަމަށް އެބޭފުޅުން ތަޖްރިބާ ކުރައްވާފައިވެއެވެ. (http://www.ibn-jebreen.com/fatwa/vmasal-4788-.html)

  1. 1. Dhun elhumaa medhu sheikh Bin Baz ge fathwa

    ޑައުންލޯޑް 765 ފަހަރު ޑައުންލޯޑުކުރެވިފައި

ޙިޔާލުފާޅުކުރައްވާ

0 ކޮމެންޓު