ޝިފާ ލިބިދެނިވި ދެވަނަ ކަންތައް:

 

Close Ad XGet My Ruqya Android App On Google Play

 ދުޢާކުރުން.

ދުޢާކޮށް މާތް ﷲ އަށް ކަންތައްތައް ދެންނެވުމަކީ މުސްލިމުންގެ މައްޗަށް ވާޖިބު ވެގެންވާ ކަމެކެވެ. އެކަލާނގެ އަމުރު ކުރައްވާފައިވާ ކަމެކެވެ. އަދި ދީނާއި ދުރުވެ، ބަލިތަކާއި މުޞީބާތްތައް ގިނަ ފައިވާ ޒަމާނެއްގައި ދުޢާގެ ބޭނުންތެރި ކަން ވަނީ ބޮޑުވެފައެވެ. ދުޢާ ކުރުމަކީ ވެސް އަޅުކަމެކެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައި ވެއެވެ. ” الدعاء مخ العبادة ” މާނައީ: ” ދުޢާ އަކީ އަޅުކަމުގެ ސިކުޑިއެވެ.”

ކީރިތިޤުރްއާނާއި ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ގިނަ ޙަދީޡް ތަކުގައި ދުޢާގެ މާތްކަން ބަޔާން ކޮށްދޭ ގިނަ އާޔަތްތަކާއި ޙަދީޡްތައް އައިސްފައި ވެއެވެ. މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. ” وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ ”  )سورة غافر: 60( މާނައީ: އަދި ތިޔަބައިމީހުންގެ ވެރި ރަސްކަލާނގެ ވަޙީ ކުރެއްވިއެވެ. ތިޔަބައިމީހުން ތިމަން ރަސްކަލާނގެ އަށް ދުޢާ ކުރާށެވެ. ތިމަން ރަސްކަލާނގެ ތިޔަބައިމީހުންގެ ދުޢާ އިޖާބަ ކުރައްވާ ހުށީމެވެ.”

ދުޢާ އަކީ މުސްލިމުންގެ އައްޑަނައެވެ. އެހެންކަމުން ދުޢާ އަކީ މުސްލިމުންގެ ބަލިތަކުގެ ފަރުވާ އާއި ޝައިތާނީ ވަސްވާސްތަކުން ސަލާމާތް ވުމުގެ މަގެވެ. އަދި ދުޢާގެ ސަބަބުން މާތް ﷲ ގެ ރުހިވޮޑިގަތުން ލިބެއެވެ. އަދި އާފަތްތަކާއި މުޞީބާތްތައް ދުޢާގެ ސަބަބުން ދުރުކޮށްދެއެވެ. މުސްލިމަކު ދުނުޔޭގައި ކުރި ދުޢާއެއް އިޖާބަ ނުވިޔަސް އާޚިރަތް ދުވަހު އެކަމުގެ ސަވާބު ލިބޭނެއެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ބަސްފުޅެއްގެ މާނާގައި ވެއެވެ. ” ރަޙުމުގެ ގުޅުން ނުކެޑޭ އަދި އެކަމެއްގައި ފާފައެއް ނުވާ ކަމަކަށް އެދި މުސްލިމަކު ﷲ އަށް ދުޢާ ކުރުމުން ތިންކަމުން ކުރެ އެއްކަމެއް ﷲ އެމީހަކަށް ދެއްވާނެއެވެ. (އެއީ) އެމީހާ އެދުނު ކަމެއް ދުނިޔޭގައި އެމީހަކަށް ދެއްވުމެވެ. ނުވަތަ އޭގެ ސަވާބު އާޚިރަތް ދުވަހަށް ފަސް ކުރެއްވުމެވެ. ނުވަތަ މުޞީބަތެއް ނުވަތަ ނުބައި ކަމެއް އެމީހާގެ ކިބައިން ދުރުކުރުމެވވެ. ” ( ރަވާހުއްތިރުމިޒީ ވައަޙްމަދު)

الإمام ابن القيم رحمه الله  ވިދާޅުވިއެވެ. ” ދުޢާއަކީ އެންމެ ފައިދާ ހުރި ފަރުވާއެވެ. ދުޢާ އަކީ މުޞީބާތްތަކާއި ބަލިތަކުގެ ޢަދާވާތްތެރި އެކެވެ. ދުޢާއިން އެބަލިތައް ދުރުކޮށް އެއަށް ޝިފާ ލިބިދެއެވެ. އަދި އެކަންތައްތައް ދުރުކޮށް ރައްކާތެރި ކުރުވައެވެ. ދުޢާއަކީ މުއުމިން އަޅާގެ ހަތިޔާރެވެ. “

ދުޢާއަކީ މުސްލިމުން ކޮންމެހެން ކުރުން ވާޖިބު ކަމެކެވެ.  މުސްލިމުންގެ ޙަޔާތުގެ ޟަރޫރިއްޔާތުގެ ތެރެއިންވާ ކަމެކެވެ. ދުޢާގެ ސަބަބުން މުޞީބާތްތަކާއި ބަލާތައް ވެސް ދުރުކޮށްދެއެވެ. އަދި ޤަޟާޤަދަރު ވެސް ބަދަލުވެގެންދެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޡް ކުރެއްވިއެވެ. ” لا يُرَدُّ القضاء إلا بالدعاء ” (رواه أحمد والطبراني) މާނައީ: ” ޤަޟާޤަދަރު ދުޢާގެ ސަބަބުން މެނުވީ ބަދަލު ނުވާ ހުއްޓެވެ.”

ދުޢާ ކުރުމަކީ މުސްލިމުންނަށް މިފަދަ މުހިއްމު ކަމަކަށް ވުމުން ދުޢާކޮށް އޭގެން ޝިފާ ލިބިގަންނަ ހިނދު ރައްކާތެރިވާން ޖެހޭ ކަންތައްތަކެއް ވެއެވެ. ހިފަހައްޓަން ޖެހޭ އަދަބުތަކެއް ވެއެވެ.

1-  ހަށިގަނޑާއި ފޭރާން ޠާހިރުކޮށް ހުރެ ދުޢާ ކުރުން.

2-  ކެއުމާއި ބުއިމާއި ފޭރާން ޙަލާލު ތަކެތި ކަމުގައި ވުން.

3-  ޤިބްލައަށް ކުރިމަތި ލައިގެން ހުރުން.

4-  ޙަރާމް ކަންތައްތަކުންނާއި ފާފަތަކުން ދުރުހެލިވެ ހުރެ ދުޢާކުރުން.

5-   ދުޢާ ކުރަން ފެށުމުގެ ކުރިން ތައުބާވެ، އަދި މީހެއްގެ ޙައްޤަކަށް އަރައިގަނެފަ ވާނަމަ އެއްވެސް އަދާ ކުރުން.

6-  ދެއަތް އުފުލާގެން ދުޢާ ކުރުން.

7-  ދުޢާ ކުރަން ފަށާއިރު ގައްޔާއި ނިއްމާ ހިނދު މާތް ﷲ އަށް ޙަމްދުކޮށް ސަނާ ކިޔައި ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމުގެ މައްޗަށް ޞަލަވާތް ކިޔެވުން.

8-  ﷲ ގެ އިސްމުފުޅު ތަކުން ދުޢާ ކުރުން.

9-  ﷲ އަށް ހިތް ނިޔަތް ޚާލިޞްކޮށް ގެން ހުރެ ދުޢާ ކުރުން.

10-  އަޑުހަރުކޮށް ހަޅޭންލާ ހެން ދުޢާ ނުކޮށް، މަޑުމޮޅިކަމާ އެކު ދުޢާ ކުރުން.

11-  ދުޢާ ކުރުމުގައި ތިންފަން ކުރުން.

12-  ދުޢާ ކުރުމުގައި ކިޔޭ ނުކިޔޭ އެއްޗެއް ނޭގޭ ގޮތަށް ދުޢާ ނުކުރުން.

13-  އާމީން ކިޔައި ދުޢާ ނިންމުން.

ދުޢާ އިޖާބަ ކުރައްވައި ޤަބޫލު ކުރެއްވުން އަވަސްވާނެ ވަޤުތުތަކަކާއި ތަންތަން ވެސް ބަޔާން ވެގެން ވެއެވެ. އަދި ދުޢާ އިޖާބަ ކުރެއްވުން އަވަސް ވެގެންވާ މީހުން ވެސް ބަޔާން ވެގެން ވެއެވެ.

 

ދުޢާ އިޖާބަ ކުރައްވާ ވަޤުތުތައް

1-    ބަންގިޔާއި ގަމަތާއި ދެމެދު.

2-      ފަރުޟް ނަމާދަށް ފަހު

3-     ރޭގަނޑުގެ ދެބައިން ފަހު ބައިގައި.

4-    ސަޖިދާ ގައި ކުރާ ދުޢާ

5-    ރަމަޟާން މަހު، ޚާއްޞަކޮށް އެމަހުގެ ފަހު ދިހާ ގައި.

6-   ލައިލަތުލްޤަދުރި ވިލޭރޭ ކުރާ ދުޢާ

7-   ގެފުޅު ތެރޭގައި ކުރާ ދުޢާ

8-   ޞަފާ މަރުވާ ގައި ކުރާ ދުޢާ

9-   ޢަރަފާތް ބިމުގައި ކުރާ ދުޢާ

10-  مشعر الحرامގެ ކައިރީގައި ކުރާ ދުޢާ

ދުޢާ އިޖާބަ ކުރައްވާނެ ކަމަށް އައިސްފައިވާ ފަރާތްތައް

1-    ރޯދަވެރިޔާގެ ދުޢާ

2-     ދަތުރުވެރިޔާގެ ދުޢާ

3-     މައިންބަފައިން ދަރިންނަށް ކުރާ ދުޢާ

4-     އަނިޔާ ލިބިގެންވާ މީހާ ކުރާ ދުޢާ

5-     މައިންބަފައިންނަށް ހެޔޮކޮށް ހިތާ ދަރިންގެ ދުޢާ

6-     ޢަދުލުވެރި އިމާމުގެ ދުޢާ

ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ތަފާތު ބަލިތަކަށް ގިނަ ދުޢާތަކެއް ވާރިދުވެފައި ވެއެވެ. މިފަދަ ދުޢާތަކަކީ ރޫޙާނީ ބަލިތަކަށާއި މާއްދީ ބަލިތަކުގެ ފަރުވާއެވެ. ވަސްވާސްތަކާއި އެސްފިނާތަކުގެ ރައްކާތެރިކަމެވެ. އަދި މިފަދަ ދުޢާތަކަކީ ދުނިޔެ އާއި އާޚިރަތުގެ ބާއްޖަވެރިކަމާއި ހިތްހަމަޖެހުން ލިބުމުގެ ވަސީލަތްތަކެވެ. عثمان بن أبي العاص الثقفي رضي الله عنه ގެ އަރިހުން ރިވާ ވެގެން ވެއެވެ. ވިދާޅުވިއެވެ. ތިމަން ވަރަށް ބޮޑަން ބަލިވުމުން ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި ދެންނެވުމުން ޙަދީޡް ކުރެއްވިއެވެ. ” ކަނާތް ފަރާތު ގައި ހަތް ފަހަރު ފިރުމާލާފަ މިދުޢާ ކިޔާށެވެ. ” أعُـوْذُ بِعِـزَّةِ اللّهِ وقُـدْرَتِـهِ مِنْ شَـرِّ مَا أجِـدُ وَأحَاذِرُ ” عثمان بن أبي العاص ވިދާޅުވިއެވެ. ތިމަން މިދުޢާ ކިޔުމުން ބަލި ފަސޭހަވެ، ޝިފާ ލިބިގެން ދިޔައެވެ. އޭގެ ފަހުން މިދުޢާ ކިޔުމަށް ތިމަން އަނބިދަރީންނަށް އަބަދު ވެސް ވަޞިއްޔަތް ކުރަމެވެ. )رواه مسلم(

ލޮލަށް ތަދުވާ ހިނދު ކިޔާ ދުޢާ

ގެ އަރިހުން ރިވާ ވެގެންވެއެވެ. މީސްތަކުންގެ ތެރެއިން މީހެއްގެ ލޮލަށް އުނދަގޫ ވާނަމަ ރަސޫލުﷲ ޞައްލަﷲ ޢަލައިހ ވަސައްލަމަ މިދުޢާ ވިދާޅުވެއެވެ. ” اللَّهُمَّ مَتِّعْنِي ببَِصَرِي وَ اجْعَلْهُمَا الْوَارِثَ مِنِّي وَ أَرِنِي فِي الْعَدُّوِ ثَأرِي فِي

 ޝިފާ ލިބިދެނިވި ތިންވަނަ ކަންތައް

ޒިކުރު ކުރުން:

 

އިންސާނުންގެ ރޫޙާނީ ބަލިތަކަށާއި މާއްދީ ބަލިތަކަށް ޝިފާ ލިބިދެނިވި ކަންތައްތަކުގެ ތެރެއިން އެންމެ މުހިއްމު އެއްކަމަކީ މާތްﷲ ގެ ޒިކުރުކޮށް އެކަލާނގެ މަތީން ހަނދުމަ ކުރުމެވެ. ޒިކުރު ކުރުމަކީ މާތްﷲ ގެ މަތީން ހަނދުމަ ކުރުމެވެ. މާތް ﷲ ކީރިތިޤުރްއާނު ގައި ވަޙީ ކުރައްވާފައި ވެއެވެ. ” فَاذْكُرُونِي أَذْكُرْكُمْ وَاشْكُرُواْ لِي وَلاَ تَكْفُرُونِ ”  ( سورة البقرة: 152) މާނައީ: ” ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެ މަތިން ހަނދުމަ ކުރާށެވެ. އޭރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ މަތިން ހަނދުމަ ކުރާ ހުށީމެވެ. އަދި ތިމަންރަސްކަލާނގެ އަށް ޝުކުރުވެރިވާށެވެ. އަދި ކުފުރުވެރި ނުވާށެވެ.” (އެބަހީ: ތިޔަބައިމީހުންނަކީ ޝުކުރުވެރި ނުވާ ބައެއް ކަމުގައި ނުވާށެވެ.)

އިސްލާމުދީނުގެ ހުރިހާ އަޅުަކަމެއް ވެސް ޝަރުޢު ކުރައްވާފައި ވަނީ މާތް ﷲ ހަނދުމަކޮށް، އެކަލާނގެ އަށް ޒިކުރު ކުރުމަށެވެ. މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. ”  وَأَقِمِ الصَّلَاةَ لِذِكْرِي ” (سورة طه: 14) މާނައީ: ” އަދި ތިމަންރަސްކަލާނގެ މަތިން ހަނދުމަ ކުރުމަށްޓަކައި ނަމާދު ޤާއިމު ކުރާށެވެ.”

ޒިކުރު ކުުރުމުގެ މާތްކަން ބަޔާން ކުރައްވާ ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޡް ކުރައްވާފައި ވެއެވެ. ” أَلاَ أُخْبِرُكُمْ بِخَيْرِ أَعْمَالكُمْ وَأَزْكَاهَا عِنْدَ مَلِيْكُكُمْ، وَأَرْفَعُهَا فِي دَرَجَاتِكُمْ، وَخَيْرٌ لَكُمْ مِنْ إِنَفَاقِ الذَّهَبِ وَالْفِضَّةِ، قَالُوْا: بَلَى يَا رَسُوْلَ اللهِ! قَالَ: ذِكْرُ اللهِ ” ( رواه أحمد)  މާނައީ:” ދަންނާށެވެ! ތިޔަބައިމީހުންގެ ޢަމަލުތަކުގެ ތެރެއިން އެންމެ ހެޔޮ ކަން ބޮޑު އަދި ތިޔަބައިމީހުންގެ ވެރި ރަސްކަލާނގެ ޙަޟްރަތު ގައި އެންމެ މާތް ޢަމަލުގެ ޚަބަރު ދެއްވަމުއެވެ. އަދި ތިޔަބއިމީހުންގެ ދަރަޖަ މަތިވެރި ކުރައްވައެވެ. އަދި އެއީ ރަނާއި ރިހި ހޭދަ ކުރުމަށް ވުރެއް ވެސް އެކަން ( ޒިކުރު ކުރުން ) ހެޔޮ ވެގެން ވެއެވެ. މީސްތަކުން ދެންނެވިއެވެ. އާދޭހެވެ. ﷲ ގެ ރަސޫލާއެވެ! ޙަދީޡް ކުރެއްވިއެވެ. މާތް ﷲ އަށް ޒިކުރު ކުރުމެވެ.”

ޢިލްމުވެރީން ޒިކުރު ކުރުން ދެބަޔަކަށް ބައްސަވާފައި ވެއެވެ.އެއީ: ލަފުޒީ ޒިކުރާއި މަޢުނަވީ ޒިކުރެވެ.

ލަފުޒީ ޒިކުރު ކުރުމަކީ ދުލުން ކިޔާ ޒިކުރެވެ. ޤުރްއާނު ކިޔެވުމާއި މާތްﷲ އަށް ތަސްބީޙަ ކިޔުމާއި ތަޙްމީދު ކުރުމާއި ދުޢާ ކުރުމާއި އަދި ރަސޫލު ﷲ ޞައްލަ ﷲ ޢަލައި ވަސައްލަމުގެ މައްޗަށް ޞަލަވާތް ކިޔެވުމަކީ ލަފުޒީ ޒިކުރު ކުރމެވެ.

މަޢުނަވީ ޒިކުރު ކުރުމަކީ މާތް ﷲ ގެ ޢަޛާބަށް ބިރުވެތިވެ، އެކަލާނގެ މަތިން ހަނދުމަ ކުރުމެވެ.

ޒިކުރުގެ ބާތްވަތްތައް ގިނަ ގުނައެވެ. ނަމާދުކުރުމާއި ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ޞަލަވާތް ކިޔެވުމާއި ހެޔޮ ކަންތަކަށް ގޮވާލައި މުންކަރާތްތައް ނަހީ ކުރުމަކީ ވެސް ޒިކުރު ކުރުމެވެ. މީހާގެ ދުލާއި ގުނަވަންތަކުން ކުރާ ކޮންމެ ހެޔޮ ކަމަކީ ވެސް ޒިކުރެކެވެ. އަދި ކީރިތިޤުރްއާނު ކިޔެވުމަކީ އެންމެ އިތުރުކަން ބޮޑުވެގެންވާ ޒިކުރު ކުރުމެވެ. އަދި މާތް ﷲ މިކައުނުގައި ލައްވާފައިވާ ކަންތައްތަކާ މެދު ވިސްނާ ފިކުރުކޮށް، އެކަލާނގެ ކުޅަދުންވަންތަ ކަން ހިތަށް ގެނެސް ގަތުމަކީ ވެސް ޒިކުރު ކުރުމެކެވެ.

އާދެ! މީހާ ކުރާ ކޮންމެ ހެޔޮ ކަމަކާއި ހެޔޮ ބަހަކާއި އަދި ކޮންމެ ހެޔޮ ވިސްނުމަކީ ޒިކުރު ކުރުމެކެވެ. މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. ” يَا أَيُّهاَ الَّذِيْنَ آمَنُوْا اُذْكرُوْا ذِكْرًا كَثِيْرًا“” (الأحزاب: 41) މާނައީ: ” އީމާން ވެއްޖެ މީސްތަކުންނޭވެ! ތިޔަބއިމީހުން ގިނަ ވެގެންވާ ހަނދުމަ ކުރުމަކުން ތިމަން ﷲ ގެ މަތިން ހަނދުމަ ކުރާށެވެ”. ޒިކުރު ކުރުމަކީ ގުނާ ޢަދަދު ނުކުރެވޭހާ ގިނަގުނަ ފައިދާތަކެއް އެކުލެވިގެންވާ މަތިވެރި އަޅުކަމެކެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޒިކުރު ކުރާ މީހާ އާއި ޒިކުރު ނުކުރާ މީހާގެ މިސާލަކީ ދިރިހުރި މީހަކާއި މަރުވެފައިވާ މީހެއްގެ މިސާލު ކަން ބަޔާން ކުރައްވާފައި ވެއެވެ. މާތް ﷲ ރުއްސުން ލެއްވި أبو موسى الأشعري ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ރިވާ ކުރެއްވިއެވެ. އެކަލޭގެފާނު ޙަދީޡް ކުރެއްވިއެވެ. ” مَثَلُ الَّذِي يَذْكُرُ رَبَّهُ، وَالَّذِي لاَ يَذْكُرُ رَبَّهُ مَثَلُ الْحَيِّ وَالْمَيِّتِ ” ( رواه البخاري) މާނައީ: “އޭނާގެ ވެރި ރަސްކަލާނގެ އަށް ޒިކުރު ކުރާ މީހާ އާއި ޒިކުރު ނުކުރާ މީހާގެ މިސާލަކީ، ދިރިހުރި މީހަކާއި މަރުވެފައިވާ މީހެއްގެ މިސާލެވެ “.

މާތް ﷲ ރުއްސުން ލެއްވި أبو هريرة ގެ އަރިހުން ރިވާ ވެގެން ވެއެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޡް ކުރެއްވިއެވެ. ” يَقُوْلُ الله تَبَارَكَ وَتَعَالَى: أنَا عِنْدَ ظَنَّ عَبْدِيْ بِيْ، وَأَنَا مَعَهُ إِذَا ذَكَرَنِيْ، فَإِنْ ذَكَرَنِيْ فِيْ نَفْسِهِ ذَكَرْتُهِ  فِيْ نَفْسِيْ،  وَإِنْ ذَكَرَنِيْ فِيْ مَلَأٍ ذَكَرْتُهُ فِيْ مَلَأٍ خَيْرٌ مِنْهُمْ، وَإِنْ تَقَرَّبَ إِلَيَّ شِبْرًا تَقَرَّبْتُ إِلَيْهِ ذِرَاعًا، وَإِنْ تَقَرَّبَ إِلَيَّ ذِرَاعًا تَقَرَّبْتُ مِنْهُ بَاعًا، وَإِذًا أَتَانِيْ يَمْشِيْ أَتَيْتُهُ هَرْوَلَةً ” (رواه البخاري ومسلم) މާނައީ: ” މާތް ﷲ ވަޙީ ކުރެއްވިއެވެ. ތިމަންރަސްކަލާނގެ އާ މެދު އަޅާ ހީ ކުރާ ގޮތެއް ގައި ތިމަންރަސްކަލާނގެ ވޮޑިގެންވަމެވެ. އަދި އަޅާ ތިމަންރަސްކަލާނގެ މަތިން ހަނދުމަކޮށްފި ނަމަ، ތިމަންރަސްކަލާނގެ އޭނާ އާއި އެކު ވޮޑިގެންވަމެވެ. އޭނާ ތިމަންރަސްކަލާނގެ މަތިން ހަނދުމަ ކުރީ، އޭނާގެ އަމިއްލަ ނަފުސުގައި ކަމަށް ވާ ނަމަ، ތިމަންރަސްކަލާނގެ ވެސް ތިމަންރަސްކަލާނގެ ޛާތުފުޅު ގައި އޭނާގެ މަތިން ހަނދުމަ ކުރައްވާ ހުށީމެވެ. އަދި އޭނާ ތިމަންރަސްކަލާނގެ މަތިން ހަނދުމަ ކުރީ ޖަމާޢަތެއްގައި ނަމަ، އެއަށް ވުރެ ހެޔޮކަން ބޮޑު ބައެއްގެ ތެރޭގައި ތިމަންރަސްކަލާނގެ އޭނާގެ މަތިން ހަނދުމަ ކުރައްވާ ހުށީމެވެ. އޭނާ ތިމަން ރަސްކަލާނގެ އާއި ކައިވަތަކަށް ކުއްްތަންވި ނަމަ، ތިމަންރަސްކަލާނގެ އޭނާ އާއި މުށެއްގެ މިންވަރަށް ކުއްްތަންވެ ވޮޑިގަންނަވާނަމެވެ. އަދި އޭނާ ތިމަންރަސްކަލާނގެ އާއި މުށަކަށް ކުއްްތަންވި ނަމަ، ތިމަންރަސްކަލާނގެ އޭނާ އާއި ބޮމަކަށް (ދެއަތުގެ ދިގުމިނަށް) ކުއްްތަންވެ ވޮޑިގަންނަވާނަމެވެ. އަދި އޭނާ ތިމަންރަސްކަލާނގެ އާ ކުއްްތަންްވުމަށް ހިނގާފައި އަންނަނަމަ، ތިމަންރަސްކަލާނގެ އަވަސް ފިޔަވަޅުތަކެއް ގައި އޭނާއާ ކުއްްތަންަވެ ވޮޑިގަންނަވާނަމެވެ. “

މާތް ﷲގެ ޒިކުރުކޮށް، އެކަލާނގެ މަތިން ހަނދުމަ ކުރުމަކީ ގިނަ ގުނަ ސަވާބު ހުރި ކަމެކެވެ. ޒިކުރުގެ ސަބަބުން މީހާއަށް ﷲ ގެ ރުހިވޮޑިގަތުން ޙާޞިލު ވެއެވެ. އަދި ޒިކުރު ކުރުމުގައި ގިނަ ރޫޙާނީ ފައިދާތަކާއި މާއްދީ ފައިދާތައް ވެސް ވެއެވެ. الإمام ابن القيم – رحمه الله – އެކަލޭގެފާނުގެ  ” الوابل الصيب من الكلم الطيب ” އޭ ކިޔުނު ފޮތުގައި ޒިކުރުގެ ގިނަ ފައިދާތަކެއް ބަޔާން ކުރައްވާފައި ވެއެވެ. މިފައިދާތަކުގެ ތެރެއިން ބައެއް ކަންތައް ނަކަލު ކުރަމެވެ.

1- ޒިކުރު ކުރުމަކީ ޝައިޠާނާ ދުރުކޮށް، ޝައިޠާނާ ބަލިކޮށް ނިކަމެތި ކޮންލާ ކަމެކެވެ. (އިންސާނުންގެ ތެރެއިން ނުބައިމީހުންގެ ނުބައިކަމުންްނާއި ޝައިޠާނާގެ އުދަގޫތަކުން މީހާ އަށް ރައްކާތެރިކަން ލިބިދޭ ކަމެކެވެ.)

2- އެއީ رحمن ވަންތަ މާތް ﷲ ގެ ރުއްސެވުން ލިބިދޭ ކަމެކެވެ.

3- އެއީ ހިތާމަ އާއި މޮޅިކަން ފިލުވާދޭ ކަމެކެވެ. އަދި ހިތްހަމަޖެހުމާއި އުފާވެރިކަން ހިތަށް ގެނެސް ދެއެވެ.

4- އެއީ ހިތާއި ހަށިގަނޑަން ބާރު ލިއްބައިދޭ ކަމެކެވެ.( މާތް ﷲ ފަރުޟް ކުރައްވާފައިވާ ވާޖިބުތައް އަދާ ކުރުމުގައްޔާއި ދުނިޔަވީ ޒިއްމާތައް އަދާ ކުރުމުގައި މީހާއަށް ބާރު ލިބިދެއެވެ.)

5- އެއީ ހިތާއި މޫނު އަލިކޮށް، އުޖާލާކޮށްދޭ ކަމެކެވެ. މާތް ﷲ އަށް ޒިކުރުކުރުން މަތީ ގައި ދެމި ހުންނަ މީހާގެ މޫނު ދުނިޔެ މަތީ ގައި އަލިކޮށް އުޖާލާ ކޮށްދެއެވެ. އަދި އާޚިރަތުގައި ނޫރެއް ކަމަށް ވެގެން ދެއެވެ.

6- އެއީ ރިޒުޤާއި ތަނަވަސްކަން އިތުރުވާ ކަމެކެވެ.

7- އެއީ ހިތާއި ރޫޙުގެ ކޮށްތެވެ. އަދި އޭގެން ހިތަށް ދިރުން ގެނެސްދެއެވެ.

8- އެއީ ހިތުގައި ޖަހާފައިވާ ދަމިލަ ފިލުވައިދޭ ކަމެކެވެ. ރަނާއި ރިހީގައި ދަމިލަ ޖަހާ ފަދައިން އިންސާނާގެ ހިތުގައި ވެސް ދަމިލަ ޖަހައެވެ. އިންސާނާގެ ހިތުގައި ދަބަރު ޖަހާ، ދަމިލަ ޖަހަނީ ﷲ އާ ދުރުވެ ޣާފިލުވުމުންނާއި ކުށްފާފައިގެ ސަބަބުންނެވެ. ހިތުގައި ޖަހާ ދަމިލަ ފިލުވާލަ ދެނީ ﷲ އަށް ޒިކުރުކުރުމުންނާއި އެކަލާނގެ އަށް އިސްތިޣުފާރު ކުރުމުންނެވެ. މާތްﷲ ރުއްސުން ލެއްވި أبو الدرداء  ގެފާނު ވިދާޅުވިއެވެ.” ކޮންމެ ކަމަކަށް ދަމިލަ ފިލުވާލައި ގިރިޓީ ކޮންދިނުމެއް ވެއެވެ. ހިތުގެ ދަމިލަ ފިލުވާލަ ދިނުން ވަނީ މާތްﷲ ގެ ޒިކުރު ކުރުމުގައެވެ.”

9- އެއީ ފާފަތައް ފޮހެވި، ނެތިދާ ކަމެކެވެ. މާތް ﷲ ހަނދުމަކޮށް، އެކަލާނގެ ޒިކުރު ކުރުމަކީ ހެޔޮ ކަންތައްތަކުގެ ތެރެއިން އެންމެ ހެޔޮ އެއްކަންތަކެވެ.

10- އަޅާ، އޭނާގެ ވެރިރަސްކަލާނގެ މަތިން ހަނދުމަކޮށް، ޒިކުރުކުރުމުން އެކަމުގެ ފައިދާ މުޞީބާތުގެ ވަޤުތު ލިބިދެއެވެ. ޒިކުރުގެ ސަބަބުން މުސީބާތާއި ތަކުލީފުގެ ވަޤުތުތަކުގައި ރައްކާތެރިކަން ލިބިދެއެވެ.

11- އެއީ ހިތްހަމަޖެހުމާއި މާތް ﷲ ގެ ރަޙްމަތް ލިބިދޭ ކަމެކެވެ. އަދި މަލާއިކަތް ބެއިކަލުން އެތަނަށް ޙާޟިރުވެ ވަޑައިގެން، މާތް ﷲ ގެ ޙަޟްރަތުގައި ވާ ބައެއްގެ ގާތުގައި އޭނާގެ ޒިކުރު ކުރެވޭނެ ކަމެކެވެ.

12- އެއީ އޭނާގެ ހިތުގައި އޭނާގެ ވެރިރަސްކަލާނގެ މެދު އޮންނަ ހައިބަތްތެރިކަމާއި މަތިވެރިކަން އިތުރުކޮށްދޭ ކަމެކެވެ. ﷲ އާއި އަޅާއާ ދެމެދު ގައިވާ ގުޅުން ވަރުގަދަކޮށްދޭ ކަމެކެވެ.

13- އެއީ ﷲ ގެ ވޭންދެނިވި ޢަޒާބުން މިންޖުކޮށްދޭ ކަމެކެވެ.

14- އެއީ މާތް ﷲ އާ ކުއްތަން ކޮށްދޭ ކަމެކެވެ. މާތް ﷲ އަށް ޒިކުރު ކުރާ މިންވަރަކުން މީހާ، އެކަލާނގެ އާ ކުއްތަންވެ، އަރިސްވެގެން ދެއެވެ.

15- ޒިކުރު ކުރުމަކީ ޝުކުރު ކުރުމުގެ ކުރިބޯއްޓެވެ.

16- ޒިކުރު ކުރުމަކީ ހިތުގެ ޝިފާ އާއި ފަރުވާ އެވެ.

17- އެއީ މީހާގެ ދޫ ރައްކާތެރިކޮށްދޭ ކަމެކެވެ. ޒިކުރު ކުރުން މަތީ ގައި ދެމި ހުންނަ މީހާ ދޮގުހެދުމާއި، ޣީބަ ބުނުމާއި، ދެބައޮޑުވުމާއި، ހުތުރުބަސް ބުނުމުން ދޫ ރައްކާތެރިކޮށް ދެއެވެ.

މާތްް ﷲ އަށް ޒިކުރުކޮށް، އެކަލާނގެ މަތިން ހަނދުމަ ކުރުމަކީ ގިނަ ގުނަ ރޫޙާނީ ބަލިތަކަށާއި މާއްދީ ބަލިތަކުގެ ފަރުވާ އެކެވެ. އަދި ޚާއްޞަކޮށް މިފަދަ މާއްދިއްޔަތުގެ ތެރެއަށް ޣަރަޤުވެފައިވާ ޒަމާނެއް ގައި މާތް ﷲ އަށް ޒިކުރު ކުރުން މަތީ ގައި ދެމިހުރުމުގެ ބޭނުންތެރި ކަން ބޮޑެވެ. މިއަދު އަޅުގަނޑުމެންގެ ކަންފަތްތަކަށް އަބަދާ އަބަދު އިވެމުން ދަނީ ޙަރާމު ލަވަޔާއި މިޔުޒިކުގެ އަޑުތަކެވެ. އަދި ފެންނަމުން ދަނީ ދީނާއި ދުރުކުރުވާ ކަހަލަ މަންޒަރުތަކެވެ. އެހެންކަމުން އަޅުގަނޑުމެންގެ ދޫތައް މާތް ﷲ ހަނދުމަ ކުރުން މަތީ ގައި ދެމިތިބުމުގެ ބޭނުންތެރިކަން ބޮޑެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޡް ކުރެއްވިއެވެ. ” لاَ يَزَالُ لِسَانُكَ رَطْبًا مِنْ ذِكْرِ اللَّهِ ” (رواه الحاكم) މާނައީ:” އަބަދާ އަބަދު ތިބާގެ ދޫ ﷲ އަށް ޒިކުރު ކުރުމު ގައި ބަހައްޓާށެވެ.”

މާތް ﷲ އަށް ޒިކުރު ކުރުމުން ގިނަ ކަންތައްތަކަށް ޝިފާ އެއް ކަމަށް ވެއެވެ. އަދި ރޫޙާނީ އަދި ނަފްސާނީ ބަލިތަކުގެ ފަރުވާއެއް ކަމަށް ވެއެވެ. މިފަދަ ކަންތައްތަކުގެ ތެރެއިން:

ރުޅި ކޮންޓްރޯލު ވުން

 

ރުޅި އަކީ ބައެއް ޙާލަތްތަކުގައި ނުރައްކާތެރި ބައްޔެކެވެ. އިންސާނާ އަށް ރުޅި އަންނަ ހިނދު، ރުޅީގެ މައްޗަށް ކޮންޓްރޯލު ނުކުރެވި، އަދި އެއިން ސަލާމަތްކަށް ނުހޯދިއްޖެ ނަމަ ކޮންމެ ފަދަ ނުރައްކާތެރި ކަމެއް ހިނގުމަކީ ވެސް ދުރުކަމެއް ނޫނެވެ. ރުޅި އަންނަ ހިނދު ޝައިޠާނާ އޭނާގެ މައްޗަށް ގަދަވެ ގަނެއެވެ. އެހެންކަމުން ރުޅި އަަންނަ ހިނދު ﷲ ގެ ޒިކުރުކޮށް ޝައިޠާނާގެ ކިބައިން ރައްކާތެރި ކުރެއްވުމަށް ދަންނަވަން ޖެހެއެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޡް ކުރެއްވިއެވެ. ”  މީހެއްގެ ގާތަށް ރުޅި އަތުވެއްޖެ ނަމަ މިފަދައިން ކިޔާށެވެ. “أَعُوْذُ بِاللَّهِ مِنَ الشَّيْطَانِ الرَّجِيْمِ” އޭރުން އޭނާގެ ކިބައިން ރުޅި ފިލައިދާ ހުއްޓެވެ.” ( رواه البخارى)

ވަސްވާސްތަކުން ސަލާމަތް ވުން

 

މީހާގެ ހިތުގައި އުފެދޭ ވަސްވާސް ތަކުން ސަލާމަތް ވުމަށްެ އެންމެ ރަނގަޅު ފަރުވާ އަކީ ﷲ ގެ މަތިން ގިނަގިނައިން ހަނދާންކޮށް ޒިކުރު ކުރުމެވެ. ” لاَ إِلَـهَ إِلاَّ اللَّهُ ”  އަކީ ވަސްވާސްތަކުން ސަލާމަތް ވުމުގައި އެންމެ ރަނގަޅު ފަރުވާއެވެ.

ހިތް ބިރުގަތުމުން ސަލާމަތްވުން

 

މާތް ﷲ ރުއްސުން ލެއްވި البراء بن عازب ގެ އަރިހުން ރިވާ ވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅު ވިއެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް މީހަކު އައިސް ހިތްބިރު ގަންނަ ކަމުގެ ޝަކުވާ ކުރިއެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އެމީހާ އަށް ގިނަގިނައިން މިދުޢާ ކިޔުމަށް ޙަދީޡް ކުރެއްވިއެވެ. ” سُبْحَانَ الْمَلِكِ الْقُدُّوْسِ رَبُّ الْمَلاَئِكَةِ وَالرُّوْحِ جَلَلتِ السَّمَوَاتِ وَالْأَرْضِ بِالْعِزَّةِ وَالْجَبْرُوَتِ”  ދެން އެމީހާ ދެވަނަ ފަހަރަށް ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް އައިސް ދެންނެވިއެވެ. މިހާރު ތިމަންގެ ހިތްބިރުގަތުން ފިލާފިއެވެ. (رواه ابن السني وابن عساكر)

ގެއްލުން ދެނިވި ކަންތައްތައް ފިއްލަވާ ދެއްވުން

 

މާތް ﷲ ރުއްސުން ލެއްވި علي بن أبي طالب ގެ އަރިހުން ރިވާ ވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅު ވިއެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޡް ކުރެއްވިއެވެ.” ޢަލީއެވެ! ކަލޭގެފާނަށް މުޞީބާތަކާއި ބޮޑުކަމެއް ދިމާވެއްޖެ ނަމަ ވިދާޅުވާނެ ކަލިމަތަކެއް ތިމަންކަލޭގެފާނު  ދަސްކޮށްދެއްވާނަމެވެ. ޢަލީގެފާނު ވިދާޅުވިއެވެ. އާދޭހެވެ. ތިމަންކަލޭގެފާނު ކަލޭގެފާނަށްޓަކައި ފިދާވާ މީހުންގެ ތެރެއިން ލައްވާދޭވެ. އިތުރުއެކަލޭގެފާނު ޙަދީޡް ކުރެއްވިއެވެ. ” ކަލޭގެފާނަށް ބޮޑު މުޞީބާތެއް ކުރިމަތި ވެއްޖެ ނަމަ ވިދާޅުވާށެވެ. ” بِسْمِ اللَّهِ الرَّحْمنِ الرَّحِيْمِ وَلاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ الْعَلِيِّ الْعَظِيْمِ ” ފަހެ، ހަމަކަށަވަރުން މާތްﷲ އެކަލާނގެ އިރާދަފުޅުން މުޞީބާތްތަކާއި ގެއްލުން ދެނިވި ކަންތައްތައް ފިއްލަވާ ދެއްވާނެތެވެ.”

ނަރަކައިގެ ޢަޒާބުން މިންޖު ކޮށްދެއްވުން

 

ބަލިއެދު ގައި ﷲ އަށް ޒިކުރުކުރުމުން ނަރަކައިގެ ޢަޒާބުން މިންޖު ކޮށްދެއްވައެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޡް ކުރެއްވިއެވެ. މީހާ ބަލި އެދުމަތީގައި މިފަދައިން ޒިކުރު ކުރުމުން، ” لاَ إِلَـهَ إِلاَّ اللَّهُ وَاللَّهُ أَكْبَرُ، لاَ إِلَـهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيْكَ لَهُ، لاَ إِلَـهَ إِلاَّ اللَّهُ لَهُ الْمُلْكُ وَلَهُ الْحَمْدُ،  لاَ إِلَـهَ إِلاَّ اللَّهُ وَلاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ ”  އޭނާ މަރުވުމުން ނަރަކައިގެ ޢަޒާބެއް ނުލިބޭ ހުއްޓެވެ. ( رواه الترمذي بإسناد حسن ).

މުޞީބާތުން ސަލާމަތް ކޮށްދެއްވުން

 

 

މާތް ﷲ ރުއްސުން ލެއްވި أبو الدرداء  ގެފާނު ގެ އަރިހަށް މީހަކު އައިސް ދެންނެވިއެވެ. ކަލޭގެފާނުގެ ގެ އަދާފިއެވެ. أبو الدرداء رضي الله عنه ވިދާޅުވިއެވެ. ތިމަންކަލޭގެފާނުގެ ގެ ނައަދާ ހުއްޓެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އަރިހުން އަޑު އެއްސެވި ކަލިމަތަކެއް ތިމަންކަލޭގެފާނު ވިދާޅުވަމެވެ. އިތުރުއެކަލޭގެފާނު ވިދާޅު ވިއެވެ. ” އެކަލިމަތައް ހެދުނު ކިޔާފި ނަމަ ހަވީރު ވަންދެން އެއްވެސް މުޞީބާތެއް ނުފޯރާ ހުއްޓެވެ. އަދި ހަވީރު ކިޔާފި ނަމަ ހެދުނު ވަންދެން އެއްވެސް މުޞީބާތެއް ނުފޯރާ ހުއްޓެވެ. أبو الدرداء رضي الله عنه ވިދާޅުވިއެވެ. ތިމަންކަލޭގެފާނު މިއަދު އެއްކަލިމަފުޅުތައް ވިދާޅުވީމެވެ. ދެން އެކަލޭގެފާނު ގެކޮޅު ކައިރިއަށް ވަޑައިގެން ބެއްލެއްވި އިރު ގެ ވަށައިގެން ވަނީ އަދާފައެވެ. ނަމަވެސް އެކަލޭގެފާނުގެ ގެކޮޅަކަށް އަލިފާނުގެ އެއްވެސް އަސަރެއް ނުކުރެއެވެ.

ހެދުނު ކިޔާފި ނަމަ ހަވީރު ވަންދެން، އަދި ހަވީރު ކިޔާފި ނަމަ ހެދުނު ވަންދެން އެއްވެސް މުޞީބާތެއް ނުފޯރާނެ ކަމަށް ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ވިދާޅުވީ މިބަސްފުޅެވެ. ” اَللَّهُـمَّ أَنْتَ رَبِّيْ لاَ إِلَـهَ إِلاَّ أَنْتَ، عَلَيْكَ تَوَكَّلْتُ وَأَنْتَ رَبُّ الْعَرْشِ الْعَظِيْمِ، مَا شَاءَ اللَّهُ كَانَ وَمَا لَمْ يَشَأ لَمْ يَكُنْ، لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ الْعَلِيِّ الْعَظِيْمِ  أَعْلَمُ أَنَّ اللَّهَ عَلَى كُلِّ شَيْئٍ قَدِيْرٌ، وَأَنَّ اللَّهَ قَدْ أَحَاطَ بِكُلِّ شَيْئٍ عِلْمًا، اَللَّهُمَّ  إِنِّيْ أَعُوْذُ  بِكَ مِنْ شَرِّ نَفْسِيْ، وَمِنْ شَرِّ كُلِّ دَابَّةٍ أَنْتَ آخِذٌ بِنَاصِيَتِهاَ، إِنَّ رَبِّيْ عَلَى صِرَاطٍ مُسْتَقِيْمٍ” ( رواه ابن السني ).

– މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް ދީނީ ހޭލުންތެރިކުރުމާބެހޭބައި-(މިނިސްޓްރީގެ ވެބްސައިޓުން ނަގާފައި)

ޙިޔާލުފާޅުކުރައްވާ

1 ކޮމެންޓު

  1. ަޔަޢީސް އަހުމަދު

    ވަރަށް ބޭނުންތެރި ލިޔުމެއް.ތިކުރާ މަސައްކަތުގައި ﷲ ހެޔޮ ޖަޒާ ދެއްވާށި .އާމީން