އިންސާނާއަށް ޖިސްމާއި، ރޫޙު ދެއްވި ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޙަމްދާއި ޝުކުރުކުރަމެވެ. ދިރިއުޅުމުގެ އެންމެހާ ކަންކަމުގައި ކުރިއަށް ދާނެ މަގު ބަޔާންކޮށްދެއްވި މާތް ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަމެވެ.
ޝައްކެއްވެސް ނެތް ގޮތުގައި އިންސާނާއަށް ޖިސްމާނީ އެތައް ބަލިތަކެއް މެދުވެރިވެއެވެ. ނަމަވެސް އިންސާނާއަށް ދިމާވާ ކޮންމެ ބައްޔަކީ ޖިސްމާނީ ބައްޔެއް ނޫނެވެ. ޖިސްމާނީ ބަލިތަކުގެ އިތުރުން އެތައް ނަފްސާނީ ބައްޔެއް އިންސާނާއަށް ކުރިމަތިވެއެވެ. އަދި ރޫޙާނީ (ޖިންނި އަވަލުމާއި ސިހުރާއި، އެސްފީނާ ފަދަ) ބަލިތައްވެސް މެއެވެ. ދިމާވާ އެކިއެކި ކަންކަމުގެ ސަބަބުން، މީހާގެ ހިތާއި ސިކުނޑިއަށް އެކި އަސަރުކުރުވައެވެ. އިންސާނާގެ ޖަޒްބާތުތަކަށް އެކި އަސަރު ގެނުވައެވެ. ދެރަޔާއި، ހިތާމައާއި، ބިރުވެރިކަމާއި، ހިތްހަމަޖެހުމާއި އުފާވެރިކަން މިއީ އިންސާނާއަށް ނަފްސާނީ ގޮތުން އަންނަ ޖަޒްބާތު ނުވަތަ ޙާލަތުތަކެވެ. ދިމާވާ އެކި ކަންކަމުގައި އަންނަނީ ނަފްސާނީ އެކި ޖަޒްބާތެވެ. މިގޮތުން، އުފަލާއި ހިތާމައާއި، ބިރުވެރިކަމާއި، ޝައްކާއި ވަހުމްވެސް އިންސާނާއަށް ދިމާވެއެވެ. ނަފްސާނީ ޢިލްމު ބުނާފައިދައިން ދާއިމީގޮތެއްގައި މީހަކަށް ބިރުވެރިކަމާއި މޮޅިވެރިކަން ތަޙައްމަލް ކުރަންޖެހޭނަމަ، އޭގެ ސަބަބުން ޖިސްމާނީ ގެއްލުންތަކެއް މީހާއަށް ލިބެއެވެ. އޭގެތެރެއިން މައިދާ ފާރުވުމާއި، ވައިނޮޅިއާއި، ހަޖަމުކުރުމާބޭހޭ ނިޒާމާއި ގުޅުންހުރި، މިފަދަ ގުނަވަންތަކަށް މައްސަލަތައް ދިމާވުން ހިމެނެއެވެ. ނަތީޖާއެއްގެ ގޮތުން އޭނާގެ ދުވަހުގެ މަސައްކަތަށް ހުރަސްއެޅި، ކައިވެނީގެ ޙަޔާތައް ބުރޫއަރައި، ދިރިއުޅުން ހައިޖާނުވެގެން ދެއެވެ. ކޮންމެ އަކަސް މިލިޔުމުގައި ވަރަށް ކުރުގޮތަކަށް ބަލައިލާނީ މައިގަނޑުގޮތެއްގައި ހުންނަ ނަފްސާނީ ބަލިތަކާއި، އެކަންކަމަށް ކުރެވިދާނެ ރުޤްޔާގެ ފަރުވާތަކެކެވެ.

ނަފްސާނީ ބައެއް ބަލިތައް:

1- “ޑެލޫޝަން” ނުވަތަ ޝައްކާއި ވަހުމް: ޝައްކާއި ވަހުމަކީ މީހާ އެކަމުން ނުކުންނާނެ ކޮޅެއް ނުފެންނަ ފަދަ ވަށްބޮޅެއްގެ ތެރެއަށް ވަނުން ފަދަ ކަމެކެވެ. އަދި މިއީ އެންމެ ނުރައްކާތެރި އެއް ބަލިމަޑުކަމެވެ. އެހެނީ އޭނާ ވާނީ އޭނާގެ ޙަޔާތުގެ ކޮންމެ ކަމެއް، ނުވަތަ ދިމާވާ ކަންކަން، އެއްވެސް ޙުއްޖަތެއް ނުވަތަ ޔަޤީންކަމެއް އަދި އަސްލެއް ނުވާ ކުށްހީ ތަކެއްގެ މައްޗަށް ބިނާކޮށް ޝައްކު އުފައްދާ ބޮޑު ވަހުމެއްގެ ތެރޭގައި ހުންނަ މީހަކަށެވެ. ޙަޤީގަތާއި އަސްލަށް ވުރެ އޭނާ ބަރޯސާވާނީ ނުވަތަ އިތުބާރު ކުރާނީ އޭނާއަށް އަންނަ ވަހުމްތަކުގެ މައްޗަށެވެ. ޑެލޫޝަން ނުވަތަ ޝައްކާއި ވަހުމަކީ ވަރަށް ގިނަފަހަރަށް ޖިންނި ޝައިޠާނުންގެ ފަރާތުންވެސް މެދުވެރިވާ ކަމެކެވެ. އަދި ކިއެއްތަ، އެފަދަ އެއްވެސް ކަމެއް ނެތް ޙާލަތުގައިވެސް، އޭނާއަށް ދިމާވާ ކަންކަން ނުވަތަ ދިމާވެފައިވާ ކަންތަކަކީ ޖިންނި، އެސްފީނާ ނުވަތަ ސިހުރު ފަދަ ކަމެއް ކަމުގައި އޭނާގެ އަމިއްލަ ނަފްސު އޭނާއަށް ބުނެދެއެވެ. ކޮންމެއަކަސް ޑެލޫޝަން އަކީ ޝައްކާއި ވަހުމްތައް ހިތާއި ސިކުނޑިއަށް ވެރިވުމެވެ. އަދި މިކަމުގެ އަސަރު އޭނާގެ މުޅި ހަށިގަނޑު ތަހައްމަލު ކުރެއެވެ. ހިތާއި ދިމާއަށް ނުފިލާ ހުންނަ ތަދެއް އެރުމާއި، އަބަދު ހާސްކަމާއި ބިރާއި، ޝައްކުގެ ތެރެއަށް މީހާ ގެނބިގެން ދެއެވެ.

Close Ad XGet My Ruqya Android App On Google Play

2- “އެޕިލެޕްސީ” ނުވަތަ ވެއްޓޭ ބަލި: ވެއްޓޭބައްޔަކީ ފިޓުޖެހުންވެސް އޭގައި ހިމެނޭ ބައްޔެކެވެ. އަދި މިއީ ތަފާތު އެކި ކަންކަމާއި ދާއިރާތަކާއި ގުޅިފައިވާ ކަމެއްކަމުން ވެއްޓޭ ބައްޔަކީ ސީދާ މިވެނި ގޮތަކަށް ވާކަމެކޭ ބުނަން ޑޮކްޓަރުންނަށްވެސް އުނދަގުލެވެ. ނުވަތަ މިބަލީގެ ސީދާ ތަފްސީލުތައް އެބައި މީހުނަށްވެސް ބުނެ ނުދެވެއެވެ. ވެއްޓޭބަލީގެ ސަބަބުން ބާރުއަރާ އެރުމަށް ޑޮކްޓަރުން ” އެޕިލެޕްޓިކް ސެއިޒުއަރ ” އޭ ކިޔައެވެ. މިޙާލަތުގައިވާ ބަލިމީހާ އޮންނާނީ ހޭނެތި، ހަށިގަނޑުގެ ގުނަންތަކަށް ވާންވެ ، ތެޅިފޮޅޭ ޙާލަތުގައެވެ.މިއީ މިބަލީގެ މީހުން ޑޮކްޓަރުން ދެބަޔަކަށް ބަހައެވެ. އެއީ ” ގްރޭންޑް މަލް ” ( ގަޔަށް ބާރުއަރައި، ހޭނެތި ތެޅިފޮޅޭ ބަލިމީހުން ) އާއި، ”ޕެޓިޓްމަލް” ހަށިގަނޑުގެ މަސްލްސް ތަކަށް ތަދު އިޙްސާސްވުމާއެކު، ކުޑަހިނދުކޮޅަކަށް ހޭނެތޭ ބަލިމީހުން) އެވެ. ( މިއަށް ވެއްޓޭބަލީގެ ހިމޭން ވައްތަރޭވެސް ކިޔައެވެ.). ވެއްޓޭ ބަލި ނުވަތަ އެޕިލެޕްސީއަކީ އެއް ޙާލަތުގައި ސީދާ ޖިންނި އަވަލުން ނުވަތަ ޖިންނި ހަށިގަނޑަށް ވަނުމުގެ ސަބަބުން ފިޓު ޖެހުމެވެ. އަނެއް ޙާލަތަކީ ނަފްސާނީ ނުވަތަ މެޑިކަލް ގޮތުން ޖެހޭ ފިޓު ނުވަތަ އެޕިލެޕްސީއެވެ. ވީޑިއޯ ގޭމަތަކުގައި ހުންނަ ގަދަ އައްޔަށް، ކުޑަކުދިންގެ ސިކުނޑީ ތަކަކީ ވަރަށްވެސް ނާޒުކު ގުނަވަނެއް ކަމުން އެފަދަ ގޭމްތައް ކުޅުމަކީވެސް އެކަމަށް މަގުފަހިވާ ކަމެއް ކަމުގައާއި، އަދި އޭގެ ސަބަބުން ވަރަށް ގިނަ ކުޑަކުދިންނަށް އެޕިލެޕްސީ ޖެހިފައިވާކަމަށް މެޑިކަލް ރިޕޯރޓްތައް ބުނެއެވެ. ވެއްޓޭ ބަލި ޖެހެން މެދުވެރިވާ ބައެއް ސަބަބު ތަކުގެ ތެރޭގައި:
1- ޢާއިލީ ގޮތުން ބަލި ވާރުތަވުން.
2- ސިކުނޑީގެ މައްސަލައެއް ނުވަތަ މައްސަލަތަކެއް ކުރިމަތިވުން.
3- ހަށިގަނޑުގެ ނާރުތަކާބެހޭ ނިޒާމަށް އަންނަ ބަދަލެއްގެ ސަބަބުން މިބަލި ޖެހުން.

3- “ޑިޕްރެޝަން” ނުވަތަ ހިތާމައާއި މާޔޫސް: ޑިޕްރެޝަން އަކީ ހިތާމައާއި މޮޅިވެރިކަން މީހާއަށް ވެރިވެ އެކަމުގައި އޭނާ އިންތިހާއަށް ޙައްދު ފަހަނަ އަޅައި ދިއުމެވެ. އަޅުގަނޑަށް ބޮޑަށް ޤަބޫލުކުރެވޭ ގޮތުގައި މިކަން އެންމެ ބޮޑަށް ދިމާވާނީ ތިމާގެ އީމާންތެރިކަން ވަރުގަދަނުވެފައި ދަށްވުމުގެ ސަބަބުންނެވެ. އެހެނީ ދެރައާއި ހިތާމައާއި މޮޅިވެރިކަން ހިތަށް ވެއްދުމުގައި ޝައިޠާނާގެ ރޯލު ވަރަށް ބޮޑެވެ. މާތް ﷲ ސޫރަތުލް މުޖާދަލާ ގެ 10ވަނަ އާޔަތުގައި ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައި ވެއެވެ. ” އީމާންވި މީހުންނަށް ހިތާމަ ދިނުމަށްޓަކައި ސިއްރު ސައްލާކޮށް އުޅުމަކީ ޝައިޠާނާގެ ކިބައިން ވާކަމެއްކަން ކަށަވަރެވެ. ” އަދި ދަތި އުނދަގޫ ހިތާމަވެރި ޙާލަތްތަކުގައި ތިމާގެ ނަފްސުގެ މައްޗަށް އިތުބާރުކޮށް، ގަދަވެގަނެ، ﷲއާއި މެދު އިތުބާރާއި ޔަޤީންކަން ކުޑަވެއެވެ. ނަތީޖާއެއްގެ ގޮތުން އޭނާއަށް ގޮތް ހުސްވުމާއި، ހިތާމައިގައި ވަގުތުތައް ގުނައި ބޯހާސްކަމާއި މޮޅިވެރިކަމުގައި މީހާ ވޭތުކުރުވައެވެ. ނަމަވެސް އީމާންކަން ރަނގަޅު ވަރުގަދަ މީހާ، އެފަދަ ކޮންމެ ޙާލަތެއްގައިވެސް ﷲ ހަނދުމަ ކުރުމުންނާއި، ކެތްތެރިވުމާއި، ހެޔޮ އުއްމީދާއި، ދުޢާއާއި މަސައްކަތުން ކާމިޔާބު ހޯދައެވެ. ތިމާގެ ނަފްސުގެ މައްޗަށް ގަދަވެގަނެ ޝައިޠާނީ ވަސްވާސްތަކާއި ދުރުވެގަނެއެވެ. އެއްވެސް ނަފްސަކަށް އެމީހަކަށް ކުޅަދާނަވެގެންވާ ކަމެއް މެނުވީ ނުޖައްސަވާނެކަން އޭނާ ޔަޤީންކުރެއެވެ. އަދި ދަތި އުނދަގުލަށް ފަހު ފަސޭހަކަން ވާކަން އޭނާ ޔަޤީންކުރާނެއެވެ. މިއީ ޤުރުއާނުގައި ބަޔާންކުރައްވާފައިވާ ކަންކަމެވެ. މިކަންކަން އޭނާ ހިތުގެ އަޑިން ޤަބޫލުކުރުމުގެ ސަބަބުން ކޮންމެ ދެރަ ނިކަމެތި ޙާލަތެއްގައި އޭނާ މިކަންކަން ހަނދާންކޮށް ހިތްވަރު ލިބިގަނެއެވެ. އެހެންކަމުން އޭނާއަށް ޑިޕްރެޝަން މެދުވެރިވުން ވަނީ ވަރަށްވެސް ދުރު ކަމަކަށެވެ. ޑިޕްރެޝަން އަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި، މީހާގެ ބޭރުފުށުގެ ކަންކަމުންނާއި އެތެރެފުށުގެ ސަބަބުންވެސް ޑިޕްރެޝަން އަށް މެދުވެރިވެއެވެ. ބޭރުފުށުގެ ކަންކަމަކީ، މާހައުލާއި ގުޅިފައި ހުންނަ ކަންކަމެވެ. މީހެއްގެ ލޯބި ބީވުން، ނުވަތަ ލޯބިވާ މީހަކު ބީވުމާއި ނެތިދިއުމެވެ. މާލީގޮތުން މީހާގެ ޙާލަތު ދަށްވެ ނުވަތަ ބޮޑު ގެއްލުމެއް މާލީ ގޮތުން ލިބުމެވެ. މީހާގެ ހަށިގަނޑުގެ އެތެރޭގެ ޙާލަތާ ނުވަތަ ޖިސްމާނީ ޙާލަތާ ގުޅިފައިވާ ސަބަބުތަކުގެތެރޭގައި ސިކުނޑީގެ ސެލްތަކާއި، ތައިރޮއިޑް ހޯމޯން މަދުވުން ނުވަތަ ބައެއް ބާވަތްތަކުގެ ވިޓަމިންސް ހަށިގަނޑުން މަދުވުން ފަދަ ކަންތައްތައް ހިމެނެއެވެ.

4- “އެންޒައިޓީ” ނުވަތަ ބިރުވެރިކަމާއި މޮޅިވެރިކަން: އެކި ކަންކަމުގެ ސަބަބުން އުފެދޭ “ޓެންޝަން” އާއި ބިރުގެ ސަބަބުން އުފެދޭ ނަފްސާނީ ބަލިމަޑުކަމަށް ކިޔަނީ އެންޒައިޓީއެވެ. އެއީ އެބިރުވެރިކަން ނުވަތަ ޓެންޝަން ގުޅިފައިވަނީ ކޮންކަމަކާއިކަން އެނގިގެން ވިޔަސް، ނުވަތަ އެސަބަބެއް ނޭނގުނު ކަމުގައިވިޔަސްމެއެވެ. ދިމާވާ ވަކި ކަހަލަ ކަންތައްތަކެއްގެ ސަބަބުން ކޮންމެ މީހަކަށްވެސް މިފަދަ ބަލިމަޑުކަމެއް ދިމާވުން އެކަށީގެންވެއެވެ. ނަމަވެސް އެކި މީހުންގެ ނަފްސާނީ ގޮތުން ކަންކަން ތަޙައްމަލު ކުރުމުގައި ހުންނަ ތަފާތާއި ގުޅިގެން އެކިމީހުނަށް މިކަންކަމުގެ އަސަރު ކުރާ މިންވަރު ތަފާތުވެދާނެއެވެ. ކަންކަމާއި ދޭތެރޭ އޮޅުން ބޮޅުން ބޮޑުވެ ނުބައިކޮށް ހީކުރުމުގެ ސަބަބުން މިބަލި ޖެހުމަށް މެދުވެރިވެއެވެ. އަދި އެމީހާއާއި މެދު ކަންކަން ނިމެނީ، ނުވަތަ ދިމާވާ ކަންކަމަކީ ހަމަ ކަމުން އެއްކިބާވެފައިވާ ކަންތައްތައް ކަމުގައި ހީވެ ޤަބޫލުކުރެވުމާއި ކަންކަމަށް ލިބޭ ފުރުޞަތާއި ހިފެހެއްޓޭ ހިފެހެއްޓުން ތަކުގައިވެސް ހަމަހަމަ ކަމުގެ މިންގަނޑު އެމީހަކާއި މެދު ނެތްކަމަށް ޤަބޫލުކުރެވުންވެސް މިބަލި ޖެހުމުގެ ސަބަބު ތަކުގެ ތެރެއިން ހިމެނެއެވެ.
މިއީ އެންމެ ޢާއްމު ގޮތެއްގައި ފާހަގަ ކޮށްލެވޭ ނަފްސާނީ ބަލިތަކެވެ. މިނޫންވެސް އިތުރު އެތައް ނަފްސާނީ ބައްޔެއް ވެއެވެ. އަދި މިމަޢުލޫއަކީ ވަކި މައުލޫއަކަށް ވެފައި، ނަފްސާނީ ކޮންމެ ބައްޔަކީ ވަކި މައުލޫއެއްގެ ގޮތުގައި ކިޔައިދެވޭހާ ގިނަ ވާހަކަތަކާއި ތަފްސީލުތައް ހުންނާނެ ކަންތައްތަކެއް ކަމުން މިލިޔުމުގައި މިހިމަނާލީ މައިގަނޑު މަޢުލޫމާތު ކޮޅެކެވެ. މިފަދަ ބަލިތަކާއި މެދު ނަފްސާނީ ރޮނގުން ޢިލްމު ޙާސިލްކޮށްފައިވާ ފަރާތްތަކުގެ އިރުޝާދު ހޯއްދަވާށެވެ. ހަމަ އެކަނި ރުޤްޔާ ކޮށް ޛިކުރު ކުރުމުގެ އިތުރުން، ނަފްސާނީ ބައެއް ޙާލަތަކީ، ނުވަތަ ބަލި ތަކަކީ، ސައިކޮލޮޖިސްޓުން، ސައިކިއެޓްރިސްޓުން، ނުވަތަ ނަފްސާނީ ޑޮކްޓަރުންގެ، ޚާއްސަ ފަރުވާ ނުވަތަ ކައުންސިލިން ފަދަ ފަރުވާ އެއް ހޯދަން ޖެހޭ ޙާލަތްތަކެވެ. އެހެންކަމުން އެފަދަ ފަރާތްތަކުގެ އެހީ ހޯދަން ޖެހިއްޖެ ޙާލަތެއްގައި ކޮންމެހެންވެސް ހޯދުން މުހިއްމެވެ. އަދި ކައުންސިލިން ހޯދާ ނަމަ، ދީނީ ގޮތުން ފިކުރު ރަނގަޅު އިސްލާމީ ކައުންސިލިންއަށް އިސްކަން ދޭށެވެ. އެހެނީ ކައުންސިލިން އަކީ ތިބާގެ ސިކުނޑިއަށް ވިސްނައިދޭ ވިސްނުންތަކެކެވެ. ނުވަތަ ތިބާގެ ސިކުނޑީގެ އޮޅުން ބޮޅުން ފިލުވަން ބޭނުންކުރާ ވަސީލަތެކެވެ. ވީއިރު އޮޅުން ބޮޅުން ފިލުވާ ތިބާގެ ވިސްނުން އަލުން ތަރުތީބު ކުރަންވާނީ އިސްލާމީ ގިއުގަނޑުގެ ތެރެއިންނެވެ. މިތަނުގައި ފާހަގަކޮށްލަން ބޭނުންވާ އަނެއް ކަމަކީ، ކީރިތި ޤުރުއާނުގައި، އަޅުގަނޑުމެނަށް، ކައުންސިލިންއަކަށް ވާފަދަ، އަޅުގަނޑުމެންގެ ހިތްތަކަށް ތަސައްލީ ލިބޭ ފަދަ އެތައް އާޔަތެއް ވާކަމެވެ. އެހެންކަމުން، ޤުރުއާނުގެ ތަރުޖަމާއާއި، މާނަ އޮޅުން ފިލުވާށެވެ. އޭރުން ތިބާގެ ސިކުނޑި ތަރުތީބު ވެގެންދާނީ ތަރުތީބު ވާންވީ އެންމެ ފުރިހަމަ އަށެވެ. އެންމެ ހިތްފަސޭހަ ކައުންސިލިންތައް ދާނީ ލިބެމުންނެވެ. ނަމަވެސް، ނަފްސާނީ ބަލީގެ ޙާލަތުގައި އެ މަޢުލޫމާތުތައް ހޯދަންވާނީ، ތިބާގެ އަމިއްލަ ސިކުނޑިއަކުންނޫނެވެ. އަދި ނަފްސާނީ ބަލީގެ ޙާލަތުގައި ނޫނަސް، ޤުރުއާނުގައި ވާއެއްޗެއްގެ ޙަޤީޤީ މާނަ ދީނީ ޢިލްމު ހުރި ޤާބިލް ފަރާތްތަކުން ހޯދާށެވެ. ނޫންނަމަ އެނގުމުގެ ބަދަލުގައި އޮޅުން ބޮޅުން އަރާ އެނގުމަށްވުރެ ނޭނގުން ރަނގަޅު ހިސާބަށް ގޮސްދާނެއެވެ. އެހެނީ އެއްޗެއް ނޭނގުމަށް ވުރެ، އެއްޗެއް ނުބައިކޮށް އެނގުމުގެ ނުބައިކަން ބޮޑެވެ.

ފަރުވާތައް:

ނަފްސާނީ ބަލިމަޑުކަމުގެ ޙާލަތްތަކުގައި އަދި ދެރައާއި ހިތާމައިގެ ޙާލަތްތަކުގައި ޢަމަލު ކުރެވިދާނެ، އަދި ނަފްސާނީ ގޮތުން ބަލިވުމުން ރައްކާތެރިވުމަށް ޢަމަލުކުރެވިދާނެ ބައެއް ގޮތްތައް ބަޔާންކޮށްލަމެވެ.
1- ވުޟޫކުރުން: ވުޟޫކޮށްލުމުން ތާޒާކަން އިޙްސާސްވާނެއެވެ. އަދި ރުޅިއައުން (ރުޅި އަކީ ޝައިޠާނާގެ ފަރާތުން އަންނަ ނަފްސާނީ ޙަމަލާއެކެވެ. ނުވަތަ އޭނާގެ ފަރާތުން ވާކަމެއްކަން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ އަންގަވާފައެވެ.) ފަދަ ޙާލަތްތަކުގައި އަޢޫޛު ކިޔުމާއި، އަދި ވުޟޫ ކުރުމާއި ނަމާދު ކުރުމަށް ވަނީ ދީނުގައި އިރުޝާދު ދެއްވާފައެވެ.
2- ނަމާދު ކުރުން.
3- ޛިކުރު ކުރުން.
4- ޤުރުއާން ކިޔެވުން.
5- ތިމާގެ ބޮލަށް އުނދަގޫކުރާ، ތިމާގެ ބޮލުގައި އެތައް ދުވަހެއް ވަންދެން ހަރުލާފައި ހުރި ޚިޔާލު ތަކާއި ފިކުރުތައް، އިތުބާރު ހިފޭ ފަރާތަކާއި ޙިއްސާކޮށްލުން. ޚާއްޞަކޮށް ނަމާދާއި ދުޢާގައި ތިބާގެ ވެރި ރައްބަށް އެކަންކަމުގެ ޙައްލު ދެއްކެވުން އެދި ދުޢާކުރުން.
6- ޤުދުރަތީ ރީތި މަންޒަރުތަކަށް ބެލުމާއި، ތިމާއަށް ހިތްފަސޭހަ މާހައުލު ތަކަށް ދިއުމާއި، އެފަދަ ތަންތަނުން ފެންނަ ޤުދުރަތުގެ ރީތި ކަންކަމާއި މެދު ﷲ އަށް ޙަމްދު ކޮށް ޛިކުރުތައް ކުރުން. އެއިލާހުގެ ހުސްޠާހިރުވަންތަކަން ހިތަށް ގެނެސް ހެދުން.
7- ޢަޤީދާ ހަރުދަނާ ކުރުން: ތައުޙީދުގެ އަޤީދާ ރަނގަޅަށް އުނގެނުން.
8- ﷲ އާއި މެދު އިތުބާރުކޮށް އެއިލާހަށް ކޮންމެ ޙާލެއްގައި ވެސް ޝުކުރުވެރިވުން.
9- ކެތްތެރިވުން: ދިމާވާ ދަތި އުނދަގޫ ޙާލަތްތަކުގައި، އެކަމަކީ ތިމާ ކިތައްމެ ނުރުހޭ ކަމެއް ނަމަވެސް، އެއީ ﷲގެ އިމްތިޙާންކަމާއި، ކޮންމެ ކަމެއްވެސް ﷲ މިންވަރުކުރައްވާނީ ރަނގަޅަށްކަން ޤަބޫލުކުރުން.
10- ހެޔޮކޮށް ވިސްނަން މަސައްކަތް ކުރުން: އަބަދުވެސް ކަންކަމުގައި ހެޔޮކޮށް ވިސްނާށެވެ. “ޕޮޒިޓިވް ތިންކިން” އަކީ ދަތި އުނދަގޫ ޙާލަތްތަކުގައި ތިބާގެ ހިތްވަރު އާކޮށްދޭނެ ކަމެކެވެ. އަދި ﷲއާއި މެދު ރަނގަޅަށް ދެކުމަކީ އެކަމުގެ ހެޔޮ ފެންނާނެ ކަމެކެވެ.
11- ހިތް އުފާ ކުރުމާއި މުނިފޫހި ފިލުވުން: ނަމާދަކީ ހަށިގަނޑަށް ބޭނުންވާ ވަރަށް މުހިއްމު ކަސްރަތުތަކެއްވެސް ލިއްބައިދޭ އަޅުކަމެކެވެ. މީގެ އިތުރުންވެސް ހަށިގަނޑަށް ފައިދާ ހުރި ކަސްރަތުތައް ކޮށްލުމާއި، އަޅުކަމަށް ހުރަސް ނޭޅޭނެ ފަދައިން، އިސްލާމީ ގިއުގަނޑުގެ ތެރޭގައި ކުޅިވަރު ކުޅުމާއި، މީހުނާ އެކު ވަގުތު ހޭދަކޮށް، މުނިފޫހި ފިލުވާލުމަކީވެސް ނަފްސާނީ ގޮތުން އަދި ޖިސްމާނީ ގޮތުން މީހާ ތާޒާކޮށް ހުންނާނެ ކަންކަމެވެ.
12- ދިރިއުޅުމުގެ ހުރިހާކަމެއްވެސް އިސްލާމީ ގިއުގަނޑުގެ ތެރޭގައި ބައްޓަން ކުރާށެވެ.
13- ފާފަތަކާއި ދުރުވުމާއި ހެޔޮ ޢަމަލުތައް ގިނަކުރުން.
14- ހިތާމައާއި މޮޅިވެރިކަމުގެ ވަގުތު ތަކުގައިވެސް، ކެތްތެރިވެ، ﷲ އަށް ގިނައިން ދަންނަވާ، އެފަދަ ޙާލަތްތަކުގައި ކިޔުމަށް އައިސްފައިވާ ޛިކުރުތަކާއި ދުޢާތަކުގެ ބޭނުން ހިފާށެވެ. ހަރުދަނާ އީމާނުގެ އަހުލުވެރިއަކަށް ވާށެވެ. މިގޮތުން ފާހަގަކޮށްލެވޭ ބައެއް ދުޢާތަކުގެ ތެރެއިން ފިކުރުބޮޑުވެ ހިތާމައިގެ ވަގުތުގައި ކުރާދުޢާ:

1- اللّهُمَّ إِنِّي عَبْدُكَ ابْنُ عَبْدِكَ ابْنُ أَمَتِكَ نَاصِيَتِي بِيَدِكَ، مَاضٍ فِيَّ حُكْمُكَ، عَدْلٌ فِيَّ قَضَاؤكَ أَسْأَلُكَ بِكُلِّ اسْمٍ هُوَ لَكَ سَمَّيْتَ بِهِ نَفْسَكَ أِوْ أَنْزَلْتَهُ فِي كِتَابِكَ، أَوْ عَلَّمْتَهُ أَحَداً مِنْ خَلْقِكَ أَوِ اسْتَأْثَرْتَ بِهِ فِي عِلْمِ الغَيْبِ عِنْدَكَ أَنْ تَجْعَلَ القُرْآنَ رَبِيعَ قَلْبِي، وَنورَ صَدْرِي وجَلَاءَ حُزْنِي وذَهَابَ هَمِّي މާނަ: “އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! ހަމަކަށަވަރުން އަހުރެންނަކީ އިބަﷲގެ އަޅަކީމެވެ. އިބަﷲގެ ފިރިހެން އަޅާގެ ދަރިޔަކީމެވެ. އިބަﷲގެ އަންހެން އަޅާގެ ދަރިޔަކީމެވެ. މިއަޅާގެ ލަގަން ވަނީ އިބަﷲގެ ޤުދުރަތްތެރިކަމުގެ ދަށުގައެވެ. އިބަﷲގެ ޙުކުމްފުޅު މިއަޅާގެ މައްޗަށް ތަންފީޒުވެގެންވެއެވެ. އިބަﷲގެ ފައިޞަލާ މިއަޅާއާމެދުގައި ޢަދުލުވެރިވެގެންވެއެވެ. އިބަﷲގެ އަމިއްލަ ޒާތުފުޅަށް ޚުދު އިބަﷲ ދެއްވާފައިވާ ނުވަތަ އިބަﷲގެ ފޮތުގައި އިބަﷲ ބާވައިލައްވާފައިވާ ނުވަތަ އިބަﷲގެ މަޚްލޫޤުންގެ ތެރެއިން މަޚްލޫޤަކަށް އިބަﷲ އުނގަންނަވައިދެއްވާފައިވާ ނުވަތަ އިބަﷲގެ ޙަޟުރަތުން ޣައިބުގެ ޢިލްމުގައި އިބަﷲ ޚާއްސަކުރައްވާފައިވާ އިބަﷲގެ ހުރިހާ އިސްމުފުޅުތަކެއް މެދުވެރިކޮށް، މިއަޅާގެ ހިތުގެ ބަހާރުކަމުގައާއި، މިއަޅާގެ ހިތުގެ ނޫރުކަމުގައާއި، މިއަޅާގެ ހިތާމަފިއްލަވައިދޭ ޒަރިއްޔާކަމުގައާއި އަދި މިއަޅާގެ ފިކުރުބޮޑުވުން ދުރުކޮށްދޭ ޒަރިއްޔާކަމުގައި ޤުރުޢާން ލައްވައިދިނުމަށް އިބަﷲގެ ޙަޞްރަތުން އެދިދަންނަވަމެވެ.”

2- اللَّهُمَّ إِنِّي أَعْوذُ بِكَ مِنَ الهَمِّ وَ الْحُزْنِ، والْعَجْزِ والْكَسَلِ والبُخْلِ والجُبْنِ، وضِلَعِ الدَّيْنِ وغَلَبَةِ الرِّجَال މާނަ: “އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! ހަމަކަށަވަރުން މިއަޅާ ފިކުރުބޮޑުވުމުންނާއި، ހިތާމައިންނާއި، ނުކުޅެދިގެން ވުމުންނާއި، ކަންނެތް ކަމުންނާއި، ބަޚީލު ކަމުންނާއި، ފިނޑި ކަމުންނާއި، ދަރަނީގެ ބުރައިންނާއި އަދި މީސްތަކުން މިއަޅާގެ މައްޗަށް ގަދަވެގަތުމުން ރައްކާތެރިކޮށްދެއްވުމަށް އިބަﷲގެ ޙަޟްރަތުން އެދިދަންނަވަމެވެ.”

15- ރުޤްޔާ ކުރުން: ކީރިތި ޤުރުއާނަކީ ހިތްތަކަށްވާ ޝިފާއެކެވެ. އަދި އެހެންބަލިތަކަށްވެސް މެއެވެ. ހަމަ އެހެންމެ އެއީ ހިދާޔަތެކެވެ. އޭގައި ހިފައިފި ނަމަ ހުރިހާކަމެއްވެސް ހުންނާނީ ރަނގަޅަށެވެ. ޢިލްމުވެރިން ބަޔާންކުރައްވާފައިވާ ގޮތުގައި، ކެމިކަލް ބޭސްތަކަށްވުރެ ބޮޑަށް، ރުޤްޔާ އަކީ ނަފްސާނީ ބަލިތަކަށް ހުރި އެންމެ ރަނގަޅު ފަރުވާކަން ވަނީ ސާބިތުވެފައެވެ. އަދި ކިއެއްތަ، ނަފްސާނީ ކަންކަމަށް ދޭ ބޭސްތަކަކީ، މީހާ މަސްތުކުރުވާ ފަދަ ބާރުގަދަ ކެމިކަލް ބޭސްތަކެވެ. މިފަދަ ބޭސްތައް ބޭނުންކުރުމަށްވުރެ، ސުންނަތުގައި އައިސްފައިވާ ބޭސްތަކާއި ރުޤްޔާ ނަފްސާނީ ބަލިތަކަށް މާ ހެޔޮކަންބޮޑުވެފައި ފައިދާ މާބޮޑެވެ. އަދި ކެމިކަލް ބޭސްތަކުން ލިބޭ ފަދަ ގެއްލުންތައް ނުލިބެއެވެ. އެންޒައިޓީއާއި އެހެންވެސް ނަފްސާނީ ބަލިތަކަށް ރުޤްޔާއިން ފަރުވާ ކުރުން މާރަނގަޅުކަމުގައި، އިބްނުލް ޤައްޔިމް ރަޙިމަހުﷲ އަދި އިބްނު އުޘައިމީން ފަދަ ބޭފުޅުން ވިދާޅުވެފައި ވެއެވެ. ރުޤްޔާގެ ގޮތުގައި ޤުރުއާނުގެ ސޫރަތްތައް ގިނައިން ކިޔެވުމާއި، ބަޔާންވެ ދިޔަ ފަދަ ދުޢާތައް ގިނައިން ކިޔެވުމާއި، މިނޫންވެސް ހުއްދަ މިންގަނޑުގެ ރުޤްޔާތައް ކުރެވިދާނެއެވެ. މިގޮތުން ނަފްސާނީ ކަންކަމަށް ތާސީރު ބޮޑު ރުޤްޔާއެއް ނުވަތަ އެކަމާއި ބޮޑަށް މުނާސަބު ރުޤްޔާއެއް ބަޔާން ކޮށްލާނަމެވެ. ހުރިހާ ބާވަތެއްގެ ނަފްސާނީ އުނދަގޫތަކާއި ބަލިތަކަށްވެސް މިރުޤްޔާ ބޭނުންކުރެވިދާނެއެވެ. އަދި ހަމައެއާއިއެކު ސިހުރަށާއި، ޖިސްމާނީ އެހެން ބަލިތަކަށް ފަރުވާކުރުމަށްވެސް ބޭނުންކުރެވިދާނެއެވެ.

ޢަމަލު ކުރަންވީ ގޮތް:

1- މިރުޤްޔާ ކޮންމެ ދުވަހަކުވެސް އަމިއްލައަސް ކިޔަވާށެވެ. އަދި މިރުޤްޔާގެ އޯޑިއޯ ގިނައިން އަޑު އަހާށެވެ. ދުވާލަކު އެއްފަހަރު ނުވަތަ އެއަށްވުރެ ގިނައިން އަޑު އެހިޔަސް، އަދި ކިޔެވިޔަސް މައްސަލައެއް ނެތެވެ.
2- ފެނަށް ކިޔަވައިގެން ފެން ބުއިން: މިރުޤްޔާ ފެނަށް ކިޔަވާށެވެ. އެދެވިގެން ވަނީ ޒަމްޒަމް ފެން ނުވަތަ ވާރޭ ފެނަށް ކިޔެވުމެވެ. އަދި އެފެން ކޮންމެ ދުވަހަކު މަދުވެގެން ދެއިރު ބޯށެވެ. ހެނދުނު ތައްޓެއް، އަދި ރޭގަނޑު ނިދަން ވުމުން ތައްޓެއް ބޯލާށެވެ. މިއަށްވުރެ އިތުރަށް ނުވަތަ އެކި ވަގުތު ތަކުގައި ބުޔަސް މައްސަލައެއް ނެތެވެ.
3- ފެނަށް ކިޔަވައިގެން ގަޔަށް ފެން އެޅުން: ގައި ތެންމާލެވޭހާ ފެނަށް (ގާތް ގަނޑަކަށް 5 ލީޓަރު ފެން ރަނގަޅުވާނެއެވެ.) މިރުޤްޔާ ކިޔަވާ ފުމޭށެވެ. އަދި އެފެން ބޮލަށް އަޅާށެވެ. ބޮލަށް އަޅާއިރު މުޅި ހަށިގަނޑު ތެމޭގޮތަށް އަޅާށެވެ. ފެންވަރާލުމަށްފަހު ނުހިކެނީސް މިފެން އެޅިކަމުގައި ވިޔަސް މައްސަލައެއް ނެތެވެ.
4- ޒައިތޫނި ތެލަށް ކިޔަވައިގެން ގައިގަ އުނގުޅުން: މިރުޤްޔާ ޒައިތޫނި ތެލަށް ކިޔަވާ ފުމެ އެތެޔޮ މަދުވެގެން ދެއިރު މުޅި ހަށިގަނޑުގައި އުނގުޅާށެވެ. ބޮޑަށް އެދެވެނީ ރޭގަނޑު އަދި ހެނދުނުގެ ވަގުތު އުނގުޅުމެވެ.
5- މާމުޔަށް ކިޔަވައިގެން ބުއިން: މިރުޤްޔާ މާމުޔަށް ކިޔަވާ ފުމޭށެވެ. ކަޅުދިރި އެއްކޮށްފައިވާ މާމުޔަށް ކިޔެވުން ބޮޑަށް ރަނގަޅެވެ. އަދި އެއިން ރޭގަނޑު 1 ސައިސަމްސާ، އަދި ހެނދުނު ހުސްބަނޑާ 1 ސައިސަމްސާ ބޯލާށެވެ.
6- ކަޅުދިރި ތެލަށް ކިޔަވައިގެން ބުއިން: ކަޅުދިރި ތެލަށް މިރުޤްޔާ ކިޔަވާ ފުމެ، އެއިން ކޮންމެ ރެއަކު ނިދަންވުމުން 1 ސައިސަމްސާ ބޯލާށެވެ.
7- މިހުރިހާ ކަމެއް ފަރުވާގެ ގޮތުގައި ކުރިއަށް ގެންދާށެވެ. އަދި ބަލި ފަސޭހަވަންދެންވެސް މިކަންކަން ކުރެވިދާނެއެވެ. ވަކި މުއްދަތެއް ނެތެވެ.
8- ރުޤްޔާގައި ހުރި ބައެއް އާޔަތްތައް ކިޔުމަށް ބުނެފައިވާ ޢަދަދަށް ކިޔެވުން ކޮންމެހެން ލާޒިމެން ނޫނެވެ. އެއަށް ވުރެ ގިނައިންވެސް، އަދި އުނދަގޫ ނަމަ މަދުންވެސް ކިޔެވިދާނެއެވެ. ކަނޑައަޅާފައި އެވަނީ އެދެވިގެންވާ މިންވަރެވެ.
9- މިރުޤްޔާގައިވާ އާޔަތްތަކުގެ ތަރުޖަމާ އަމިއްލައަށް ބަލައިލުމާއި، އެއާޔަތްތަކުގެ މާނަ ހޯދާ، ޢިލްމުވެރިންކުރެ އޭގެ ތަފްސީލުތައް ހޯދައިލުމަކީ ކޮށްލެވިދާނެ ވަރަށް މުހިއްމު ރަނގަޅު މަސައްކަތެކެވެ. އޭރުން ވަރަށް ބޮޑަތި ތަސައްލީ ތަކާއި، ކައުންސިލިން ލިބިގެންދާނެކަން ޔަޤީނެވެ.

ރުޤްޔާ: 

ޑައުންލޯޑްކުރައްވާ (PDF, 1.35MB)

 

ރުޤްޔާގެ އޯޑިއޯ: (ޑައުންލޯޑްކުރައްވާ) 

ޑައުންލޯޑް ކުރައްވާ : Download

ފައިލްގެ ބޮޑުމިން: 56.7 MB

ޑައުންލޯޑް ކޮށްފައިވާ ޢަދަދު: 5,784

 

މުޅި އާރޓިކަލް އެއްކޮށް (ޑައުންލޯޑް ކުރައްވާ)

ޑައުންލޯޑްކުރައްވާ (PDF, 1.49MB)

(ނިމުނީ)

__________________________
މައުލޫމާތު ނެގި ބައެއް މަޞްދަރު:
ޖިން އެންޑް ހިއުމަން ސިކްނަސް | الطرق الحسان في علاج أمراض الجان

ޙިޔާލުފާޅުކުރައްވާ

3 ކޮމެންޓު

  1. ަައަހުމަދު

    މި ރުޤިޔާ ބޭނުން ކުރެވިދާނެތޯ މަސްތުވާ ތަކެތީގެ ވަބާއިން ސަލާމަތް ވުމައް؟
    މަސްތުވާ ތަކެތީގެ ވަބާއިން ސަލާމަތް ވުމައް އިތުރު އެހީ ތައް ލިބިގެން ދާނެ ގޮތް ތަކެއް ބުނެދެވިދާނެތޯ؟

    1. އެފަދަ ކަންކަމުން ދުރުވެ, މަސްތުވާތަކެތިން އަންނަ ދެވިހިފުމާއި, ގެއްލުންތަކުން ސަލާމަތްވުމަށް އެންމެ މުހިއްމީ ދީނާއި ކައިރިވުން. އަދި އެކަމަށް ބާރެއްގެ ގޮތުން ދުޢާކުރުމާއި, ފަރުވާގެ ގޮތުގައި ރުޤްޔާ ވެސް ބޭނުންކުރެވިދާނެ.