ގެއަށް ހަދާފައި ހުންނަ ސިހުރު ބާޠިލުކުރުމަށް ކުރެވިދާނެ ރުޤްޔާ (3 ވަނަ ބައި)

މިހާ ހިސާބުން ގެއަށް ސިހުރު ހަދަނިކޮށް ސިހުރުވެރިޔާ އަތުލައިގަންނާނެ ގޮތަށް ބަލައިލާނަމެވެ.

ސިހުރުވެރިން ގެއަށް ސިހުރު ހަދަނިކޮށް އަތުލައިގަނެވިދާނެ ގޮތް:

ދަންނާށެވެ. ތިބާ މިކަން ކުރަން ބޭނުންނަމަ ތިކުރިމަތިލަނީ އެހާ އާދައިގެ ކަމެއްގައި ކަމަށް ނުދެކޭށެވެ. އަދި ކިއެއްތަ ތިބާ ތިކުރިމަތިލަނީ މާބާރުގަދަ ގަދަފަދަ ބަޔަކާ ނޫންކަންވެސް ޔަޤީންކުރާށެވެ. އެހެނީ ސިހުރުވެރިޔާ އަކީ ބޮޑު ޠާޣޫތެކެވެ. އަދި އޭނާގެ ބައިވެރިންނަކީ ޝައިޠާނުންނެވެ. މިކަން އާދައިގެ ކަމަކަށް ނުވަނީ، މިކަންކުރުމުގައި ތިބާ ރައްކާތެރިނުވެއްޖެނަމަ ތިބާއަށް އެ ޠާޣޫތު ސިހުރުވެރިޔާގެ އައުވާނުންކަމުގައިވާ ޝައިޠާނުންތައް ތިބާ ވާވައްދައި ތިބާއަށް މިކަމުގައި ދަތިތައް ކުރިމަތި ކުރަން މަސައްކަތް ކުރާނެތީއެވެ. އަދި އެސިހުރުވެރި ދައްޖާލުންނާއި އޭނާގެ އައުވާނުންނަކީ ބަލިކަށިބައެއްކަން ޔަޤީންކުރަން ޖެހޭ ސަބަބަކީ، އެއީ ކާފަރުން ކަމުގައި ވެފައި އެބައިމީހުން އެހަނގުރާމަ ކުރަނީ ޠާޣޫތުގެ މަގުގައި ކަމަށްވުމެވެ. އަދި އެއީ ޝައިޠާނުންނެވެ. ކާފިރުވީ މީހުން ޠާޣޫތުގެ (ޝައިޠާނާއާއި އެހެންވެސް ޠާޣޫތުންގެ) މަގުގައި ހަނގުރާމަ ކުރާކަމާއި، ﷲ އަށް އީމާންވީ މީހުން ﷲގެ މަގުގައި ހަނގުރާމަ ކުރާކަން ﷲ ވަނީ އަންގަވާފައެވެ. އަދި ހަމަ އެއާއި ވިދިގެން އެއިލާހު ވަޙީކުރެއްވީ ހަމަކަށަވަރުންވެސް ޝައިޠާނާގެ މަކަރުތައް ވަނީ ބަލިކަށިވެގެން ކަމެވެ. ވީމާ ތިބާ ﷲއަށް ބިރުވެތިވެ، އެއިލާހަށް ޙައްޤުގޮތުގައި އީމާންވާ ޙާލު މިކަމާ ކުރިމަތި ލައިފި ނަމަ ތިބާއަށް ބިރެއް ޖެހިލުމެއް ނެތެވެ. ﷲ ފިޔަވައި އެހެން ފަރާތެއް ދެކެ ތިބާ ބިރެއް ނުގަންނާނެއެވެ. ސިހުރުވެރިޔާގެ ސިހުރުން އަސަރު ކުރަނީ އޭނާގެ ބާރުން ނޫންކަމާއި ﷲގެ އިޛުނައާއި ނުލައި އޭގެން އެއްވެސް އަސަރެއް ނުކުރާނެކަން ތިބާ ޤަބޫލުކުރާނެއެވެ. ވީއިރު ބިރު ނުގަންނާށެވެ. އީމާންތެރިކަމާއި އެކު ކުރިމަތިލާށެވެ. މިގޮތުން މިޝައިޠާނުންނާ ކުރިމަތިލުމަށް ފުރަތަމަ ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކަށް ބަލައިލަމާތޯއެވެ.

Close Ad XGet My Ruqya Android App On Google Play

ރައްކާތެރިވުމަށް އަޅަންވީ ފިޔަވަޅުތައް:

1- ޢަޤީދާގައި ސާބިތުވުން: ތައުޙީދުގެ ޢަޤީދާގައި ތިބާ އަބަދުވެސް ސާބިތުވެ ހުންނާށެވެ. ﷲ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް، ގެއްލުމެއް ދިނުމުގެވެސް، އަދި ފައިދާއެއް ދިނުމުގެވެސް ބާރެއް ނުވާކަން އަބަދުވެސް ޔަޤީންކުރާށެވެ. އަދި އެއްވެސް ކަމެއްގައި ﷲއާއި އެހެން ފަރާތެއް ބައިވެރިކޮށް ޝަރީކު ނުކުރާށެވެ.
2- ނަމާދުތަކަށް ރައްކާތެރިވުން: ތިބާގެ އިސްލާމްކަމާއި އީމާންކަމާއި ރޫޙާނިއްޔަތު ރަނގަޅަށް ހުރުމަށްޓަކައި ތިބާގެ މައްޗަށް ފަރުޟުވީ ނަމާދުތައް ބަރާބަރަށް އަދާކުރާށެވެ. މިކަމާއިގުޅޭ ތަފްޞީލު ކުރިން ބަޔާންކޮށްފީމެވެ.
3- ދުޢާތަކާއި ޛިކުރުތަކަށް ރައްކާތެރިވާށެވެ: ހެނދުނާއި ހަވީރުގެ ދުޢާތަކަށް ވަރަށްވެސް ސަމާލުވާށެވެ. އަދި ނިދާ ވަގުތުގެ ޛިކުރުތަކާއި، ގެއަށް ވަދެ ނުކުމެވުމުގެ ދުޢާއަށް ވަރަށް ޚާއްޞަ ސަމާލުކަމެއް ދޭށެވެ. ކޮންމެ ނަމާދެއްގެ ފަހުގައި އާޔަތުލް ކުރުސި އަދި ސޫރަތުލް އިޚްލާޞް، ފަލަޤް، ނާސް ކިޔަވާށެވެ.
4- ޙަރާމް ކަންކަމުން ދުރުވާށެވެ: ބޮޑަތި ވެގެންވާ ފާފަތަކުން، ތިބާގެ ހިތާއި، ދެލޯ އަދި އެހެނިހެން ގުނަވަންތައްވެސް ސަލާމަތްކުރާށެވެ. އަދި ކުދި ފާފަތަކުންވެސް ދުރުވާށެވެ.
5- ހެޔޮ ޢަމަލުތަކާއި ޛިކުރު ކުރުން ގިނަކުރާށެވެ: ގިނައިން ހެޔޮ ކަންކަން ކޮށް، ސުންނަތް ނަމާދުތައް ވީވަރަކުން އަދާކޮށް، ގިނައިން ޤުރުއާން ކިޔަވާ ޛިކުރު ކުރާށެވެ.
ފަހެ މިކަންކަމުގައި ތިބާ ސާބިތުވެ ހުރެ، މިކަން ކާމިޔާބުކޮށްދެއްވުން އެދި ތިބާ ގިނައިން ދުޢާކުރާށެވެ. މިގޮތުގައި ސާބިތުވެ ހުރެ މިކަންކުރުމާއި، މިކަންކަމަށް ފަރުވާލެއް ނުބަހައްޓާ މިކަންކުރުމުގެ ތަފާތު ވަރަށް ބޮޑުވާނެއެވެ.

ސިހުރުވެރިޔާ އަތުލައިގަތުމުގެ މަސައްކަތް ކުރިއަށް ގެންދަންވީ ގޮތް:

1- ފުރަތަމަ ތިބާގެ ގެ ރަނގަޅަށް ބަލައި ފާސްކުރާށެވެ: ކުރިން ބަޔާންކުރެވުނު ތަންތަން (ގެއަށް ސިހުރު ހަދާ ތަންތަން) ރަނގަޅަށް ބަލާށެވެ. އަދި ތިބާ ބަލާ ވަގުތު އެތަންތަން ހުރިގޮތް ހަނދާނުގައި ބަހައްޓާށެވެ. އެތަނުގެ ބިމުގެ ތެތްކަމާއި ބިމުގައި ތެމިފައި ހުރި ހިސާބުތަކާއި ނުތެމޭ ހިސާބުތައް ބަލައި ފާސްކުރާށެވެ. މިކަންކުރާނީ ޢާއްމުކޮށް މީހުން ނިދާ ވަގުތު ކައިރި ވުމުންނެވެ. އެންމެ ރަނގަޅީ ޢިޝާ ކޮށްލައިގެން ބަލައިލުމެވެ.
2- ސިހުރުވެރިޔާއަށް ފާރަލުން: ވަކި މީހަކަށް ފާރަނުލާށެވެ. ނަމަވެސް ސިހުރަށް ފާރަލާށެވެ. މިދެންނެވި އެއްޗެއް ވަރަށް ރަނގަޅަށް ހަނދާނުގައި ބަހައްޓާށެވެ. މިދެންނެވީ ތިބާއަށް ޝައްކުވާ ވަކިމީހަކަށް ފާރަލާން ނުހަދާ، ސިހުރަށް ފާރަލާށެވެ. މީގެ މާނައަކީ، ކުރިން ބަޔާންކުރި ވަގުތު ތަކުގައި ތިބާގެ ގެއަށް ފާރަވެރިވާށެވެ. ޚާއްސަކޮށް ކަޅުފޮއެ ރޭތަކުގެ ދަންވަރުގެ ވަގުތު ތަކުގައި ތިބާގެ ގެއަށް ފާރަވެރިވާށެވެ. އަދި ތިބާ އެހެން މީހުނަށް ފެންނަގޮތަށް ފާރަލުމުގެ ބަދަލުގައި ވީހާވެސް ފޮރުވިގެން ފާރަލާށެވެ. އަދި ޢީޝާއަށް ފަހު ފަތިހާ ޖެހެންދެން ފާރަލަމުން ގެންދާށެވެ. މިފާރަލުމުގައި ކުރިން ބަލާ ފާސްކުރި ތަންތަނަށް ބަދަލެއް އައިސްފައި ވޭތޯ ބަލާށެވެ. އޭރުން ތިބާއަށް ބަލައި ނުލެވުނު ވަގުތެއްގައި ކަމެއް ކޮށްފައި ހުރިނަމަ އެނގޭނެއެވެ.
3- ސިހުރުވެރިޔާ އަތުލެވިއްޖެނަމަ ހަދާނެގޮތް: މިހެން ފާރަލާ ރޭތަކުން ރެއެއްގައި ސިހުރުވެރިޔާ ސިހުރު ހަދަނިކޮށް ފެނިއްޖެނަމަ ބިރުނުގަންނާށެވެ. ވަގުތުގެ ބޭނުން ހިފާށެވެ. އޭނާގެ ކުރިމައްޗަށް އަރާށެވެ. އޭނާ ހިފަހައްޓާށެވެ. އަދި އޭނާ ކުރިކަންތައް އޭނާގެ ދުލުން ބުނުވާށެވެ. އަދި މި އިޢުތިރާފު ތިބާ ރެކޯޑްކުރާށެވެ. އޭނާ އެކަން އިތުރަށް ކޮށްފާނެކަމަށްޓަކައި އޭނާ ފަޟީޙަތްކުރާށެވެ. އަދި ތިބާއާއިއެކު އިތުރު ދެމީހަކު ހެކިވުމުގެ ގޮތުން ގެންގުޅުން ރަނގަޅެވެ. އޭރުން ތިބާ އޭނާ ޝަރީޢަތަށް ގެންދިއުމުގައި ބާރަކަށް ވާނެއެވެ. ސިހުރުވެރިޔާގެ ޙައްދަކީ ކަނޑިން ޖަހާ މެރުމެވެ. ނަމަވެސް މިއަދަބު ދެވޭނީ ޝަރީޢަތަށް ފަހު ޝައްކެއް ނެތް މިންވަރަށް އޭނާގެ މައްޗަށް އެކަން ސާބިތުކުރެވުމުންނެވެ. މިފަދަ އަދަބެއް ތިބާއަށް އޭނާ އަތުވިނަމަވެސް ތިބާ އަމިއްލައަށް ނުދޭށެވެ. ނަމަވެސް އޭނާ ރަށަށް ފަޟީޙަތްކޮށް، އެތަނަށް މީހުން އެއްކުރުންފަދަ ކަމެއް ކޮށްގެން ސީދާ އެވަގުތުވެސް އެދައްޖާލު ތިބާ ފަޟީޙަތްކޮށްލާށެވެ. އަދި އިތުރަށް އޭނައާއި މެދު ސަމާލުވާށެވެ. އަދި ޝަރީޢަތަށް އޭނާ ގެންދާށެވެ. އެހިސާބުން އޭނާގެ މައްޗަށް ޝަރީޢަތްކޮށް ޙައްދު ޤާއިމްކުރުމަކީ ދައުލަތުގެ ވާޖިބެކެވެ.
ސިހުރުވެރިޔާ އަތުލައިގަތުމުގައި މިގޮތަށް ކެތްތެރިކަމާއިއެކު މަސައްކަތް ކުރާށެވެ. މިފަދަ ގޮތަކަށް ނަމަވެސް ސިހުރުވެރި ދައްޖާލުންގެ ކިބައިން ސަލާމަތްވުމަށް ކުރެވެން އޮތް ހުރިހާކަމެއް މިހާރު ކުރަންވެއްޖެއެވެ. މިހާ ހިސާބުން ގެއަށް ސިހުރު ހަދާފައި ހުރިނަމަ ދެނެގަންނާނެ ގޮތްތަކަށް ބަލައިލާނަމެވެ. ގެއަށް ސިހުރެއް ހަދާފައި ހުރިނަމަ ޢަލާމާތްތަކުންނާއި، ދުޢާކޮށްގެން އެކަން ދެނެގަނެވިދާނެއެވެ.

ގެއަށް ސިހުރު ހަދާފައި ހުރިނަމަ ފެންނާނެ ޢަލާމާތްތައް:

1- ގޭގައި އުޅޭ ވަގުތު ނުތަނަވަސްކަން ވެރިވުން: ގޭތެރެއަށް ވަނުމުން ނުތަނަވަސްކަން ގޭގެ އަހުލުންނަށް އިޙްސާސްކުރެވޭނެއެވެ. އަދި ގެއިން ނުކުތުމުން އެ ނުތަނަވަސްކަން ފިލާނެއެވެ. މިއީ ދިމާވާ ވަކި ހާދިސާ އަކާއި ނުލައި، އަދި ކުރިން މިފަދަ ކަމެއް ނުވެހުރެފައި މިހެން ވާކަން ފާހަގަވާނަމައެވެ.
2- ގޭގައި ދިރޭ ސޫފި އާދަޔާ ޚިލާފަށް ގިނަވުން: ގޭގައި ހިނި ގިނަވުމާއި ޚާއްސަކޮށް ރަތްހިނި އާދަޔާ ޚިލާފަށް ގިނަވުން. އަދި ގޭގައި ހުންނަ ކާބޯތަކެއްޗަށާއި، އަންނައުނުތަކަށް މިގޮތަށް ހިނިއަރައި އަންނައުނު ފަދަ ތަކެތި ކައި ހެދުން. ހަމައެގޮތަށް ގެއަށް މާގިނައިން ބޮޑަތި ބޮނޑު، ބަރަވެލި، ކަކުނި ފަދަ ތަކެތި ވަނުން. މިކަންކަން ކުރިން ނުފެނުނު ނަމަވެސް ފާހަގަ ވާން ފެށުން.
3- ގޭގައި ފައިދިގު މަކުނު އާދަޔާ ޚިލާފަށް ގިނަވުން: ކިތައްމެ ވަރަށް ސާފުކުރިނަމަވެސް ގޭގައި މަކުނުވާ ގިނަވުމާއި ފައިދިގު މަކުނު މާގިނައިން އުޅުން. އަދި މިގޮތަށް ގޭގެ ވަކިތަނަކުން ފެނުމުން މަރާލިޔަސް، ނުވަތަ ނެރުނަސް، ހަމަ އެތަނަކުން ތަކުރާރުކޮށް ފައިދިގުމަކުނު ފެނުން.
4- ހިނިހޮރު ގިނަވުން: ގިނަފަހަރަށް ވަކި ތަނަކަށް ސިހުރު ހެދުމަށްފަހު ފެން އަޅައިފި ނަމަ ނުވަތަ އެއްޗެއް ވަޅުލައިފިނަމަ އެތަނެއްގައި އާދަޔާ ޚިލާފަށް ގަދަޔަށް ހިނިހޮރު ކޮނެއެވެ. އެދި އެހޮރުތައް ފޮރުވާލިޔަސް އަނެއްކާވެސް ހަމަ އެތަނެއް މާގަދަޔަކަށް ހިނިހޮރު ކޮނެއެވެ.
5- ގޭތެރެ އަނދިރިވުން: ގޭތެރެ ކިތައްމެ ވަރަށް ދިއްލާފައި ހުރިނަމަވެސް ގޭތެރޭގެ އަލިކަން އިޙްސާސްނުވުން. އަދި ގޭގައި އަނދިރިކަމެއް ހުންނަކަން އިޙްސާސްވުން.
6- ގޭތެރެއިން ދިރުން ކެނޑި ފަޅުކަން އިޙްސާސްވުން: ގެއަކީ ކުރިން މީހުން ވަދެނުކުމެވާ، ދިރުން ހުރި ތަނެއްކަމުގައި ވިޔަސް، ސިހުރު ޖެހުމުން ގިނަފަހަރަށް ގެއަށް މީހުން ވަންނަ ހިތްނުވެ، ގޭގެ ދިރުން ކެނޑެއެވެ. އަދި ގޭގައި މީޙުން އުޅުނަސް ގެއިން ފަޅުކަން އިޙްސާސްކުރެވޭނެއެވެ.
7- ގެއަށް އައުމުން ބަލިބޮޑުވުމާއި ގެއިން ނުކުތުމުން ބަލި ކުޑަވުން: ގޭގައި އުޅޭއިރު ބޮލުގައި ރިހުމާއި، ބޯ އެނބުރުމާއި، އެހެންވެސް އެކިއެކި ބަލިތަކާއި އުދަގޫތައް ބޮޑުވުން. އަދި ގެއިން ބޭރުވުމުން، ނުވަތަ އެހެން ތަނަކަށް ދިއުމުން އެއުނދަގޫތައް ކުޑަވުން. މިގޮތަށް މިއަސަރު ފާހަގަވާނީ ގޭގައި ސިހުރުޖެހިފައި ހުރި މީހަކު އުޅޭނަމަ އެމީހަކަށެވެ.
8- ގޭތެރޭގައި އަބަދު ހައިޖާނު އުފެދުން: ގޭގައި އުޅޭ މީހުންގެ މެދުގައި އަބަދު ޒުވާބު އުފެދުމާއި، އެކަކު އަނެކަކަށް ފޫހިވެ ރުޅިއަންނަގޮތްވުން. ނަމަވެސް ގެއިން ބޭރުގައި ނަމަ މިފަދަކަމެއްގެ އަސަރެއްވެސް ނުފެނުން.
9- ގެ ޢިމާރާތް ކުރެވޭގޮތް ނުވުމާއި ޢިމާރާތައް ހުރަސް އެޅުން: އެކަށީގެންވާ އެއްވެސް ސަބަބެއް ނެތި ގެ ހަދަން މަސައްކަތް ކުރިޔަސް އަދި އެކަމުގެ ތަނަވަސްކަން ހުއްޓަސް އެކަން ކުރެވޭގޮތް ނުވުން. އަދި ހަދަން ފަށާތަނެއްވެސް ވާނުވާ ނޭނގި ތާކުންތާކު ނުޖެހޭ ކަމަކާ ހުރެ ހުއްޓޭގޮތްވުން. މިގޮތަށް ކަންކަން ތަކުރާރުވުން.
10- ރޭގަނޑާއި ދަންވަރު ގެއިން އަޑުއަޑު އިވުން: ޚާއްސަކޮށް ރޭގަނޑު، މީހުން ހޭލާ އުޅުނަސް، އެއްވެސް މީހަކު ނެތި މީޙަކު ދޮރުގައި ޓަކި ޖަހާއަޑު އިވިދާނެއެވެ. ނުވަތަ މީހަކު ހިނގާއަޑު، ފައިކާރުވާ އަޑު އިވިދާނެއެވެ. އަދި ބަލައިލާއިރު މީހެއްގެ ހިލަމެއްވެސް ނުހުންނާނެއެވެ. އަދި ދަންވަރު ވަގުތުވުމުން ގެމައްޗަށް ބޮޑު ބަރު އެއްޗެއް ވަރަށް ބާރަށް ވެއްޓޭ އަޑު އިވިދާނެއެވެ. ބިންމައްޗަށް ފަސްއޮށެއް ވައްޓާލުމުން ގޮވާ އަޑު ގޮވާފާނެއެވެ. ފުރާޅަށް ފެން ނުވަތަ ވެލި އެއްޗެއް އޮއްސިގަންނަ އަޑު ފަދަ އަޑެއް އިވިދާނެއެވެ. މިފަދަ އަޑު ތަކާއި ޖިންނީންގެ ޖެއްސުންކުރުންތައް އެފަދަ ގެއެއްގައި ވަރަށް ގިނަވާނެއެވެ.
11- ގޭތެރެއިން އެއްޗެހި ފެނުން: ގޭތެރެއިން ކަޅު ހިޔަނި ފަދަ އެއްޗެހި ފެނުމާއި، ކުއްލި ކުއްލިއަށް ގޭތެރެއިން މީހަކު ހުރަސްކޮށްލާހެން ފެނުން. އަދި ދަންނަ މީހެއްގެ ސިފައިގައި ޖިންނި ގޭތެރެއިން ފެނި ކިތައްމެ ވަރަށް ވާހަކަ ދެއްކިޔަސް އަނގައިން ނުބުނެ ހުރެ ނުކުމެގެން ދިޔުން. އަދި ފަހުން އެމީހާކުރެ އެހުމުން އެމީހާ ޙަޤީޤަތުގައި އެގެއަކަށް ނުވެސް އާދެއެވެ. މިފަދަ ކަންކަން ތަކުރާރުވުން.
މިއީ ގެއަކަށް ސިހުރު ޖެހުމުން މައިގަނޑު ގޮތެއްގައި ފެންނަ ޢަލާމާތްތަކެވެ. މިނޫންވެސް އިތުރު ކަންކަން ދިމާވެދާނެއެވެ. މިޢަލާމާތްތައް ތަކުރާރުކޮށް ފެންނަ ނަމަ ސިހުރު ބާޠިލުކުރުމަށް ރުޤްޔާ ކުރެވިދާނެއެވެ. އަދި ޢަލާމާތްތަކުގެ އިތުރުން ގެއަށް ސިހުރު ޖެހިފައި ހުރިތޯ ބަލާނެގޮތާއި، ސިހުރު ހުރި ތަންތަން ދެނެގަނަނާނެ ގޮތްތައް ބަޔާންކޮށްލާނަމެވެ.

(ނުނިމޭ)

މިމައުލޫގައި ހިއްސާކުރަން ހުރި ކަންކަމަކީ ވަރަށް ބޮޑު ދިރާސާއެއްގެ މައްޗަށް ބަޔާންކުރަން ހުރި، ވަރަށް ތަފްސީލް ވާހަކަތަކެއްކަމުން، ކިޔުންތެރިންނަށް އޮޅުން އެރިޔަ ނުދިނުމަށްޓަކައި މިލިޔުން ބައިބަޔަށް ބަހާލީއެވެ. 

ޙިޔާލުފާޅުކުރައްވާ

0 ކޮމެންޓު