ގެއަށް ހަދާފައި ހުންނަ ސިހުރު ބާޠިލުކުރުމަށް ކުރެވިދާނެ ރުޤްޔާ (2ވަނަ ބައި)

ލިޔުމުގެމިހާހިސާބަށް އައި އިރު މުހިއްމު ކަންކަން މިވަނީ ހާމަކުރެވިފައެވެ. ދެން އޮތީ ސިހުރުވެރިން މިފަދަ ސިހުރު ހަދަނިކޮށް އަތުލައިގަތުމާއި މިފަދަ ސިހުރުތައް ހޯދާ ބާޠިލުކުރުމަށާއި މިފަދަ ކަންކަމުން ގެތައް ރައްކާތެރިކުރާނެ ގޮތެވެ. މިގޮތުން ބަލާއިރު ގެތަކަށް މިފަދަ ކަންކަން ޖެހެން ދިމާވާ ސަބަބު ތަކަށް ބަލައިލަން އެބަޖެހެއެވެ. އެހެނީ ކަމެއް ދިމާވާ ސަބަބު ނައްތާލައިގެން ނޫނީ އެކަމެއްގެ އުނދަގުލުން މުޅީން ސަލާމަތްވެ ރައްކާތެރިވުމަކީ ނާދިރުކަމެކެވެ.

ސިހުރު ފަދަ ކަންކަން ޖެހެން މެދުވެރިވާ މިހާރުގެ ގެތަކުން ފެންނަ ސަބަބުތަކާއި އެކަންކަމުގެ ޙައްލު:

1- ގޭގެ އަހުލުވެރިން ގޭގައި ނަމާދު ނުކުރުން: ނަމާދަކީ އެއްމެ މުހިއްމު އަޅުކަމެވެ. އަދި އެންމެ ބޮޑު ރައްކާތެރިކަންވެސް މެއެވެ. އަދި ރެއާއި ދުވާލު ﷲ ހަނދުމަކުރުމުގެ ތެރެއިން ހިމެނޭ ކަމެކެވެ. ނަމާދަކީ ރޫޙާނީ ގޮތުންނާއި އެހެނިހެން ގޮތްގޮތުންވެސް މީހާއަށް ހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭ އަޅުކަމެވެ. ނަމާދުގެ ސަބަބުން މީހާ ރައްކާތެރިކުރައްވައެވެ. އެގޮތުން، ފަތިސްނަމާދު އަދާކޮށްފިމީހާ އެދުވަހަކު ވާނީ މާތް ﷲ ގެ ޒިއްމާގެ ދަށުގައިކަންވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ވަނީ އަންގަވާފައެވެ. ފިރިހެނުންނަށް ނަމާދުގެ ޖަމާޢަތަށް ދިއުމަށް އަންގަވާފައިވާއިރު ގެތަކުގައި ޤަރާރުވެތިބޭ އަހުލުން ކަމުގައިވާ އަންހެން ކަނބަލުންވެސް ނަމާދުތައް ޤާއިމްކުރުމަކީ ވާޖިބެކެވެ. ނަމަވެސް ހިތާމައަކީ މިއަދު ގެތަކުގައި ނަމާދު ކުރާމީހުން މަދުވެފައިވާކަމެވެ. ނަމާދަށް ފަރުވާކުޑަކޮށްލާފައިވާކަމެވެ. ގޭގައި ކުރާ ނަމާދާއި ޛިކުރަށްވުރެ، ޝައިޠާނާ ރުހޭ ކަންކަން ގެތަކުގައި މިއަދު މިވަނީ ޢާއްމުވެފައެވެ. އެހެންކަމުގައިވާއިރު، ގެތައް އެވަނީ ޝައިޠާނާއަށް ހުޅުވިފައެވެ. އެފަދަ ގެއެއްގައި ވަޒަންވެރިވެ ކައިބޮއެ އުޅުމާއި، އެގެއެއްގެ އަހުލުން މަގުފުރައްދާ އެބަޔަކަށް ގެއްލުން ދިނުމަކީ ޝައިޠާނުންނަށް ނުހަނު ފަސޭހަކަމަކަށް ވާނެއެވެ. އެފަދަ ގެއަކަށް ހަދާ ސިހުރުތަކުގެ އަސަރު ފަސޭހައިން ކުރާނެއެވެ. އެހެނީ އެފަދަ ގެއެއްގައި ﷲގެ ރަހުމަތާއި ބަރަކާތް ނުވާތީއެވެ. ނުވަތަ އެ ރަޙްމަތާއި ބަރަކާތް ކުޑަވާނެތީއެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ސުންނަތް ނަމާދުތައް ގޭގައި ކުރުމަށް މުސްލިމުންނަށް އަންގަވާފައެވެ. އަދި އެއީ މިސްކިތުގައި އެނަމާދުތައް ކުރުމަށްވުރެ މާހެޔޮކަންބޮޑު ކަމެއްކަމާއި، މިކަމުގެ ފަހަތުގައި ﷲގެ ރަޙްމަތާއި ބަރަކާތްވާކަން މިކަމުން ދޭހަވެއެވެ. ނަމަވެސް ވާޖިބު ނަމާދުތައްކުރުން ފިރިހެނުންނަށް ވަނީ ޖަމާޢަތުގައެވެ. އަދި އެއީ ވާޖިބެއްކަމުގައިވެސް ޢިލްމުވެރިން ބަޔާންކުރައްވައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “اجْعَلُوا فِي بُيُوتِكُمْ مِنْ صَلَاتِكُمْ ، وَلَا تَتَّخِذُوهَا قُبُورًا” ((رواه البخاري ( 422 ) ومسلم (777 )) މާނައީ: “ތިޔަބައިމީހުންގެ ނަމާދުގެ ތެރެއިން ބައެއް ތިޔަބައިމީހުންގެ ގޭގައި ކުރާހުށިކަމެވެ. އަދި ތިޔަބައިމީހުންގެ ގެތަކަކީ އެއީ ޤަބުރުތަކެއްކަމުގައި ނުހަދާ ހުށިކަމެވެ.” މިޙަދީޘްފުޅުގައި މިވަނީ ފަރުޟު ނަމާދުތައް މިސްކިތުގައި ކުރުމަށްފަހު ސުންނަތް ނަމާދުތައް ގޭގައި ކުރުން ކަމުގައި ޢިލްމުވެރިން ބަޔާންކުރައްވައެވެ. އަދި އެތަނެއްގައި ދިރުމެއްނުވާ، ނަމާދު އަދާނުކުރާ ޤަބުރު ތަކެއްފަދަ ތަނެއްކަމުގައި ގެ ނުހެދުމަށް އެވަނީ އަންގަވާފައެވެ. މީގެން އެނގެނީ އެގެއެއްގައި ނަމާދުތައް ނުކުރާ ގެއެއްގައި ދިރުމެއް ނުވާކަމެވެ. އަދިވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. إِذَا قَضَى أَحَدُكُمُ الصَّلَاةَ فِي مَسْجِدِهِ ، فَلْيَجْعَلْ لِبَيْتِهِ نَصِيبًا مِنْ صَلَاتِهِ ، فَإِنَّ اللَّهَ جَاعِلٌ فِي بَيْتِهِ مِنْ صَلَاتِهِ خَيْرًا (رواه مسلم ( 778 )) . މާނައީ: “ތިޔަބައިމީހުންގެ ތެރެއިން މީހަކު މިސްކިތުގައި ނަމާދުކޮށް ނިމުމުން، ފަހެ އޭނާ އެނަމާދުން ބައެއް އޭނާގެ ގެއަށް ޙިއްސާ ކުރާހުށިކަމެވެ. ފަހެ ﷲ އޭނާގެ އެނަމާދުން ހެޔޮކަމެއް އޭނާގެ ގޭގައި ލައްވާނެއެވެ.” މިޙަދީޘްފުޅާއިމެދު “އަލްމަނާވީ” ވިދާޅުވެފައިވާ ބަސްފުޅަށް ބަލާއިރު، މިޙަދީޘްފުޅުން ދޭހަވަނީ، ވާޖިބް ނަމާދުތައް މިސްކިތުގައި ކުރުމާއި، ސުންނަތް ނަމާދުތައް ގޭގައި ކުރުމެވެ. އެއީ އޭނާގެ ގެއާއި ޢާއިލާއަށް ބަރަކާތް ލިބުމަށްޓަކައެވެ. އޭނާ އޭނާގެ ގެއަށް، ﷲއަށް ކިޔަމަންވެ އަޅުވެތިވެގެންވާޙާލު، ﷲގެ ރަޙުމަތާއި ބަރަކާތާއި، މަލާއިކަތުން އެބޭކަލުންގެ ބަޝާރަތާއިއެކު ގެނެސްފިއެވެ. އަދި އެކަމުގެ ޘަވާބާއިއެކު އޭނާ އޭނާގެ ޢާއިލާއަށް އޭގެ ސަބަބުން ބަރަކާތް ހާޞިލްކޮށްފިއެވެ. ވީއިރު މިއީ މިއަދު އަޅުގަނޑުމެން ކޮންމެހެން ސަމާލުކަންދީ ކުރަންވެއްޖެ ކަންކަމެވެ. އަންހެނުންނަށް ވާޖިބު ނަމާދުތައް މިސްކިތުގައި ކުރުމަށްވުރެ ހެޔޮވެގެންވަނީ ގޭގައި ކުރުމެވެ. އަންހެނެއް ނަމަވެސް ފިރިހެނެއް ނަމަވެސް، ފަރުޟު ނަމާދުތައް ކުރުމަކީ ވާޖިބެކެވެ. އަދި ސުއްނަތް ނަމާދުތައް ދެބައިމީހުންވެސް ގޭގައި ކުރުމުގެ އަހައްމިއްޔަތު ބަޔާންވެދިޔަ ދެ ޙަދީޘުންވެސް ވަރަށް ރަނގަޅަށް އެނގިގެން ދެއެވެ.
2- ގެތަކުގައި ﷲގެ ޛިކުރު ނުކުރުން: ޛިކުރަކީ ރައްކާތެރިކަމުގެ ކިއްލާއެކެވެ. ޝައިޠާނާގެ ބާރު ކަނޑުވާލާ އެއްޗެކެވެ. އަދި ހަމައެހެންމެ އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާ އެއަޅަކާއިމެދު އުފާވެވޮޑިގަންނަވާ ކަމެކެވެ. އަދިވެސް އިތުރު އެތައް ފައިދާއެއް ޛިކުރުގެ ސަބަބުންވެއެވެ. އެހެންކަމުން ﷲގެ ޛިކުރު ކުރެވޭ ގެއެއް ޝައިޠާނާގެ ކިބައި ރައްކާތެރިވެގެން ދާނެއެވެ. އަދި ހަމަ އެހެންމެ ސިހުރު ފަދަ ދުޝްމަނުންނާއި ޝައިޠާނުންގެ ހަމަލާތަކުން ސަލާމަތްވާނެއެވެ. ޛިކުރުކުރުމަށް ޤުރުއާނާއި ޙަދީޘުގައި އެތައް ފަހަރަކު ވަނީ އަންގަވާފައެވެ. އަދި ކުރާނެ އެތައް ޛިކުރެއް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަވަނީ އުނގަންނައިދެއްވާފައެވެ.
މިގޮތުން ގޭގައި ސޫރަތުލް ބަޤަރާ ކިޔެވުމަކީ ވަރަށްވެސް މުހިއްމު ކަމެކެވެ. ބަޤަރާ ސޫރަތް ކިޔަވާ ގެއަކުން ޝައިޠާނާ ފިލައި ރައްކާވާނެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ((اقْرَءُوا الزَّهْرَاوَيْنِ: الْبَقَرَةَ وَسُورَةَ آلِ عِمْرَانَ، فَإِنَّهُمَا تَأْتِيَانِ يَوْمَ الْقِيَامَةِ ، كَأَنَّهُمَا غَمَامَتَانِ ، أَوْ كَأَنَّهُمَا غَيَايَتَانِ ، أَوْ كَأَنَّهُمَا فِرْقَانِ مِنْ طَيْرٍ صَوَافَّ تُحَاجَّانِ عَنْ أَصْحَابِهِمَا ، اقْرَءُوا سُورَةَ الْبَقَرَةِ فَإِنَّ أَخْذَهَا بَرَكَةٌ ، وَتَرْكَهَا حَسْرَةٌ ، وَلَا تَسْتَطِيعُهَا الْبَطَلَةُ)) (رواه مسلم)

Close Ad XGet My Ruqya Android App On Google Play

މާނައީ: “ތިޔަބައިމީހުން ޒަހުރާވައިން (ދެނޫރު) ކަމުގައިވާ ބަޤަރާ ސޫރަތާއި އާލު ޢިމްރާން ސޫރަތް ކިޔަވާށެވެ. ޤިޔާމަތްދުވަހު އެދެސޫރަތް ދެވިލާގަނޑުފަދައިން ނުވަތަ ހިޔާއަޅާދޭ އެއްޗެއް ފަދައިން ނުވަތަ ފިޔަ ފަތުރާލާފައިވާ ދޫނީގެ ދެބައިގަނޑު ފަދައިން، އެދެ ސޫރަތުގެ އަހުލުވެރިން ދިފާޢުކުރުމަށް އަންނާނެއެވެ. އަދި ތިޔަބައިމީހުން ބަޤަރާ ސޫރަތް ކިޔަވާށެވެ. ފަހެ ހަމަކަށަވަރުން އޭގައި ހިފުމަކީ ބަރަކާތެކެވެ. (އެބަހީ: އެސޫރަތް ކިޔަވާ އެސޫރަތަށް ޢަމަލުކުރާ މީހުންނަށް އެއީ ބަރަކާތެކެވެ.) އަދި އެދޫކޮށްލުމަކީ ގެއްލުމެކެވެ. އަދި އެދެ ސޫރަތުގެ މައްޗަށް ބާޠިލުގެ އަހުލުވެރިންނަށް ކުޅަދާނަކަން ލިބިގެން ނުވެއެވެ.” އެބަހީ: ސިހުރުވެރިންނަކަށް އެދެސޫރަތް ބާޠިލްކޮށްލުމަކަށް ކުޅަދާނަވެގެން ނުވެއެވެ.”
އެހެންކަމުން ގޭގައި ކޮންމެ ދުވަހަކުވެސް ސޫރަތުލް ބަޤަރާ ކިޔަވާށެވެ. ހިތާމައަކީ މިހާރު ގެތަކުގައި ޤުރުއާން ކިޔެވުން މިވަނީ ވަރަށްވެސް ނެތްކަމަކަށް ވެފައެވެ. ޤުރުއާން ކިޔެވޭ ގެތަކަށްވުރެ ފާޑުފާޑުގެ ޑްރާމާތައް ބަލުމާއި ލަވަޔާއި މިޔުޒިކް އަޑުއަހާ ގެތައް ގިނަވާނެއޭ ދެންނެވުން ދޮގަކަށް ނުވާނެއެވެ. ސޫރަތުލް ބަޤަރާއާއި މެދު އަދިވެސް އެތައް ޙަދީޘެއް ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ” إِنَّ البَيْتَ الذي تُقْرَأ فِيهِ سُورَةُ البقرة لا يدخلُه الشيطان ” ( رواه مسلم) މާނައީ: “ހަމަކަށަވަރުން އެގެއެއްގައި ބަޤަރާ ސޫރަތްކިޔެވޭ ގެޔަކަށް ޝައިޠާނާ ނުވަންނަހުއްޓެވެ.”
އަދިވެސް އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ((إِنَّ اللَّهَ تعالى كَتَبَ كِتَابًا قَبْلَ أَنْ يَخْلُقَ السَّمَاوَاتِ وَالأَرْضَ بِأَلْفَيْ عَامٍ، وَأنه أَنْزَلَ منه آيَتَيْنِ خَتَمَ بِهِمَا سُورَةَ الْبَقَرَةِ، ولا يُقْرَآنِ فِي دَارٍ ثَلاثَ لَيَالٍ، فَيَقْرَبَهَا شَيْطَانٌ)). [رواه الإمام أحمد في المسند ٤/٢٧٤ و غيره و هو في صحيح الجامع ١٧٩٩] މާނައީ: “ހަމަކަށަވަރުން އުޑުތަކާއި ބިން ޚަލްޤުކުރެއްވުމުގެ ދެހާސް އަހަރު ކުރިން ﷲ ތަޢާލާ ލިޔުމެއް ލިޔުއްވިއެވެ. އެ ލިޔުން ވަނީ ޢަރުޝީގައެވެ. އަދި ހަމަކަށަވަރުން އެއިލާހު އޭގެން ދެ އާޔަތް ބާވާލެއްވިއެވެ. އެދެއާޔަތުން ސޫރަތުލްބަޤަރާ ނިންމެވިއެވެ. އަދި ތިން ރޭ ވަންދެއް އެ ދެއާޔަތް ކިޔަވައިފި ގެއަކާ ފަހެ ޝައިޠާނާ ގާތްނުވާހުއްޓެވެ.”
އަދިވެސް ޙަދީޘްފުޅުކުރެއްވިއެވެ. ((لاَ تَجْعَلُوا بُيُوتَكُمْ قُبُورًا، إِنَّ الشَّيْطَانَ يَنْفِرُ مِنَ الْبَيْتِ الَّذِي تُقْرَأُ فِيهِ سُورَةُ الْبَقَرَةِ )). [رواه مسلم ٥٣٩/١] މާނައީ: “ތިޔަބައިމީހުންގެ ގެތައް ގަބުރުސްތާނުތަކަށް ނަހަދާށެވެ. ހަމަކަށަވަރުން އެގެއެއްގައި ސޫރަތުލްބަޤަރާ ކިޔެވޭ ގެއަކުން ޝައިތާނާ ފިލައެވެ.”
ބަޤަރާ ސޫރަތް ކިޔެވުމުގެ އިތުރުން، ގޭގައި ނަމާދުކުރުމާއި، ޤުރުއާނުގެ އެހެން ސޫރަތްތައްވެސް ގިނަގިނައިން ކިޔެވުމުގައި ދެމިތިބޭ ބަޔަކަށް އަޅުގަނޑުމެން ވާން އެބަޖެހެއެވެ.
3- ގޭގައި ފާޙިޝް ކަންކަން ކުރުމާއި އެކަމަށް ހުޅުވާލެވިފައިވުން: މިކަމަކީ މިއަދު ދިވެހި މުޖުތަމަޢުގައި އުޅޭމީހަކަށް އޮޅިފައިވާނެ ކަމެއް ނޫނެވެ. އަޅުގަނޑުމެން ބޮޑުވަމުން އައިއިރު ކޮންމެ ގެއެއްގައިވެސް ރޭގަނޑު ޤުރުއާން ކިޔަވާ ހަދައެވެ. އަދި ޢިޝާކޮށްގެން އަވަހަށް ކައިގެން ދަރިން ނިންދަވާ ގޭގެ އެންމެން އަވަހަށް ނިދާ އުޅޭ ހަނދާން ވެއެވެ. ޓީވީގައި ޖެހި އާވާރާވެފައި އޭރު ނުތިބެއެވެ. ނަމަވެސް މިއަދު މިކަން އޮތީ ދިމާ އިދިކޮޅަށެވެ. ޤުރުއާން އަކުރެއް ކިޔަވާލަނީ މަދު ގެއެއްގައެވެ. އިރުއޮއްސުމާއެކު، އެކި ޗެނަލްތަކުން ދައްކާ، “ކަސޯޓީ” އާއި، “ކުމްކުމް” ފަދަ ބުދުދީނުގެ ޢަޤީދާތަކާއި، ޘަޤާފަތުތަކާއި، ޝިރުކު ކުރާ މަންޒަރުތަކާއި، ފާޙިޝް ވާހަކަތަކުން ފުރިފައިވާ ޑްރާމާ ސިލްސިލާތަކަށް ތައްޔާރުވެ ޓީވީދޮށަށް ގޭގައި ތިބޭ އަންހެންވެރިންނާއި، ބައެއް ފިރިހެނުންވެސް ޖަމާވާކަމީ މިއަދު ފެންނަ ޙަޤީޤަތެކެވެ. ޝައިޠާނާގެ ވަޙީކަމުގައިވާ ﷲ ޙަރާމްކުރެއްވި މިޔުޒިކާއި ފާޙިޝް ލަވަތައް ބެލުމާއި އަޑުއެހުން، ގެތަކުގައި މިހާރު ވަރަށްވެސް ޢާއްމެވެ. ޢާއިލާ އެކުވެތިބެ އެއްވެސް ބިރެއްނެތި މިދެންނެވި ފާޙިޝް ބަރަހަނާ މަންޒަރުތައް ބަލައިލާ ސަކަރާތްޖަހާލުން މިއަދު އެކަން ކުރާ ފަރާތްތަކަށް އެއްވެސް ވަރެއްގެ ލަދުކަމަކަށްވެސް ނުވާކަހަލައެވެ. ވީއިރު އެފަދަ ގެތަކުގައި ޝައިޠާނުން ހާލިހަދާފައިވާކަމާއިމެދު އަޅުގަނޑުގެ ހިތުގައި ކުޑަވެސް ޝައްކެއް ނެތެވެ. މިފަދަ ތަނަކަށް ވަދެގަތުމަށް ޝައިޠާނާ ދަހިވެތިވެ، އެފަދަ ބަޔަކާއި މަސްހުނިވެ ހެއްލުންތެރިކަން އިތުރުކުރާނެއެވެ. ވީއިރު މިފަދަ ތަނަކަށް ސިހުރެއް ހަދައިގެން ޝައިޠާނަކު ފާކުރަން ސިހުރުވެރިއަކު ހަދާލާ ކުޑަކުޑަ ސިހުރެއްގެ ސަބަބުންވެސް އެތަނަކަށް ފާވާ ޝައިޠާނަކު ފާވާނީ، އުފަލާއެކު އެކަން ކުރާހިތުން ނޫންތޯއެވެ؟ މިކަންކަމާއިމެދު ފުންކޮށް ވިސްނަވާ މިފަދަ ނުބައި ކަންކަމުން ގެތައް ސަލާމަތްކުރާށެވެ. ނޫންނަމަ ތިބާ ތިޔަ ދިރިއުޅެނީ ޝައިޠާނުންނަށް ގެއިން ޖާގަ ދީގެންނެވެ.
4- ގޭގައި ދިރޭތަކެތީގެ ސޫރަ ހަރުކޮށްފައި ހުރުން: ކުރިން ބަޔާންކުރެވުނު ކަންކަމުގެ އިތުރުންވެސް ބައެއް ގެތަކަކީ ރަޙުމަތުގެ މަލާއިކަތުން ވަދެވަޑައި ނުގަންނަވާނޭ ގެތަކެކެވެ. މިފަދަ ކޮންމެ ވާހަކައެއް މިހާރުގެ ބައެއް ސިކުނޑިތަކުން އެއީ ޖޯކު ވާހަކަތައް ކަމުގައި ދެކެއެވެ. ނަމަވެސް ﷲގެ ހިދާޔަތު ލިބިފައިވާ އީމާންކަމުގެ ސިކުނޑިތައް ފިޔަވައެވެ. ފަހެ އީމާނުގެ އަހުލުވެރީން، މާތް ﷲ އާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެންނެވި ކޮންމެ ކަމަކާއި، ދެއްވި ކޮންމެ ޚަބަރެއް، އެއްވެސް ޝައްކަކާއި ނުލައި ޤަބޫލުކުރާނެއެވެ. މިގޮތުން ބަލާއިރު، މިއަދު ގިނަ ގެތަކުގައި، ބުދުގޮތަށް ހަދާފައި ހުންނަ ދިރޭ ތަކެތީގެ ސޫރައާއި، ދިރޭ ތަކެއްޗާއި އިންސާނުންގެ ފޮޓޯތައް ފާރުގައި ހަރުކޮށްފައާއި، ރެކުތައް މަތީ އަތުރާލާފައިވާތަން އަޅުގަނޑުމެނަށް ވަރަށް ގިނައިން ފެނެއެވެ. ތުން ގުޅުވާލާފައި އިންނަ ދެކޯމަސް ގަޑިއެއްގެ ގޮތުގައި އިނދެދާނެއެވެ. ނޫނީ ބުޅަލެއްފަދަ އެއްޗެއްގެ ބުދެއް އިނދެދާނެއެވެ. ބުދު މިތަނުގައި މާނަކުރެވެނީ ހަމައެކަނި ދީންތަކުގެ މީހުން އަޅުކަންކުރާ ތަކެއްޗަކަށް ނޫނެވެ. ނަމަވެސް ދިރޭއެއްޗެއްގެ ސިފައިގައި ހަދާފައި ހުންނަ ކޮންމެ އެއްޗަކަށެވެ. މިއީ މިއަދު “ސަޅި” ކަމެއްގެ ގޮތުގައި ކުރެވޭ، އެހެނަސް އޭގެ ސަބަބުން އެފަދަ އެއްޗެއް ހުންނަ ގެއަކަށް ރަޙުމަތުގެ މަލާއިކަތުން ވަދެވަޑައި ނުގަންނަވާނޭ ކަމެކެވެ. މިކަމާއި ގުޅޭ ޙަދީޘްފުޅުތައް ބައިވަރު އެބަހުއްޓެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ((إِنَّ الْمَلَائِكَةَ لَا تَدْخُلُ بَيْتًا فِيهِ صُورَةٌ)) [البخاري އާއި مسلم] މާނައީ: “އެގެއެއްގައި ސޫރައެއް ބެހެއްޓިފައިވާ ގެޔަކަށް (ރަހުމަތުގެ) މަލާއިކަތުން ވަދެވަޑައި ނުގަންނަވައެވެ.”
ގޭގައި ހަރުކުރެވިފައިވަނީ ކޮންމެފަދަ ދިރޭއެއްޗެއްގެ ސޫރަނަމަވެސް، އަދި ޢާއިލާ މީހެއްގެ، ނުވަތަ ދަރިފުޅުގެ، ނުވަތަ މައިން ބަފައިންގެ، އަދިކިއެއްތަ ކިތައްމެ މާތްމީހެއްގެ ނުވަތަ ރައީސެއްގެ ފޮޓޯކަމުގައި ވިޔަސް އެފަދަ ތަކެތި ހަރުކޮށްފައި، ނުވަތަ ބަހައްޓާފައި ހުރުމަކީ ޙަރާމްކަމެއްކަމުގައި ޢިލްމުވެރިން ބަޔާންކުރައްވައެވެ. އަލްޤާސިމް ބިން މުޙައްމަދު، ޢާއިޝާގެފާނުގެ އަރިހުން ރިވާކުރެއްވިއެވެ. އެކަމަނާ ވިދާޅުވިއެވެ. “ތިމަންކަމަނާ ބާލީހެއް ގަތީމެވެ. އޭގައި ދިރޭތަކެތީގެ ސޫރަވެއެވެ. ދެންފަހެ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ (ބޭރުން ވަޑައިގެން) އެދެކެވަޑައިގެންނެވި ހިނދު، ދޮރުކޮޅުމަތީ ވަދެވަޑައިނުގެން ހުންނެވިއެވެ. ދެން ފަހެ އެކަލޭގެފާނުންގެ މޫނުފުޅުމަތީން ރުހިވަޑައިނުގަތުމުގެ އަސަރު އަހުރެންނަށް ފެނިއްޖެއެވެ. އެކަމަނާ ވިދާޅުވިއެވެ. ދެން ތިމަންކަމަނާ ދެންނެވީމެވެ. އޭ ރަސޫލުﷲ އެވެ. އަހުރެން ﷲއާއި އެކަލާނގެ ރަސޫލާ އަށް ރުޖޫޢަވެ ތައުބާ ވެއްޖައީމެވެ. ތިމަންކަމަނާ ފާފަވެރިކުރުވީ ކޮންކަމެއްތޯއެވެ.؟” ފަހެ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. (مَا بَالُ هَذِهِ النُّمْرُقَةِ ؟ قَالَتْ : فَقُلْتُ : اشْتَرَيْتُهَا لَكَ لِتَقْعُدَ عَلَيْهَا وَتَوَسَّدَهَا ، فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : إِنَّ أَصْحَابَ هَذِهِ الصُّوَرِ يُعَذَّبُونَ يَوْمَ الْقِيَامَةِ وَيُقَالُ لَهُمْ : أَحْيُوا مَا خَلَقْتُمْ ، وَقَالَ : إِنَّ الْبَيْتَ الَّذِي فِيهِ الصُّوَرُ لَا تَدْخُلُهُ الْمَلَائِكَةُ )(رراه البخاري) މާނައީ: “މިބާލީސް މިއީ ކޮންބާލީހެއްހެއްޔެވެ؟ އެކަމަނާ ދެންނެވިއެވެ. އެއީ ކަލޭގެފާނު އޭގެމަތީ އިށީނދެވަޑައިގެން އަދި ލެނގިވަޑައިގަތުމަށްޓަކއި ތިމަންކަމަނާ ބައްލަވައިގަތް އެއްޗެކެވެ. ދެންފަހެ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. މިސޫރަހަދާ، ކުރަހާ މީހުންނަށް ޤިޔާމަތްދުވަހުން ޢަޛާބު ދެވޭނެއެވެ. އަދި އެމީހުނަށް ބުނެވޭނެއެވެ. ކަލޭމެން ހެދި ތަކެތީގައި ކަލޭމެން ފުރާނަ އަޅުވާށެވެ. އަދި ޙަދީޘްކުރެއްވިއެވެ. ހަމަކަށަވަރުން އެގެއެއްގައި ސޫރައެއް (ދިރޭ އެއްޗެއްގެ ސޫރައެއްވާ) އެއްވެސް ގެއަކަށް (ރަޙުމަތުގެ) މަލާއިކަތް ބޭކަލުން ވެދެވަޑައި ނުގަންނަވާނެއެވެ.”
ވީއިރު މިކަމަކީ ކުޑަކަމެއްނޫނެވެ. އެތަނަކަށް ރަޙުމަތުގެ މަލާއިކަތުން ވަދެވަޑައި ނުގަންނަވާ ތަނެއްގައި ދެން ރަސްކަންކުރާނީ ޝައިޠާނުންނެވެ. ތަސްވީރު ކުރެހުމާއި ދިރޭތަކެތީގެ ސޫރައާއި މެދު އެތައް ބައިވަރު ޙަދީޘްތަކެއް އައިސްފައި ވެއެވެ. އެހެންކަމުން މިލިޔުމުގައި މިހާވަރު ހިމަނާލުމުން ފުދޭކަމުގައި ދެކެމެވެ. މިމައުލޫ އިތުރަށް ބެއްލެވުމަށް ޝެއިޚް އިބްނު ބާޒް ރަޙިމަހުﷲ މިމައުލޫގައި ލިޔުއްވާފައިވާ ފޮތުގެ، އައްޝެއިޚް އަބޫބަކުރު އިބްރާހީމް ރަޙިމަހުﷲ ކުރައްވާފައިވާ ދިވެހި ތަރުޖަމާ “ތަޞްވީރު ކުރެހުމުގެ ޙުކުމަކީ ކޮބާ؟” މިފޮތް ވިދާޅުވެލެއްވުން އެދެމެވެ.
5- ﷲ ޙަރާމްކުރެއްވި ތަކެތި ބޭނުންކޮށްގެން ގެ ރައްކާތެރިކޮށް ބަރަކާތް ހޯދަން އުޅުން: އެވޭލާ ޒަމާނުއްސުރެ ދިވެހިން ފަންޑިތަ ވެރިކަމަށް އޮންނަ ބަރޯސާއަކާއި ލޯތްބެއްގެ ބޮޑުކަމުން، ގެއެއް ހެދިޔަސް އިރުވަރު ބަލައިވެސް ހަދައެވެ. އަދި އެގެއަކަށް ރޯދިބަރަކާތާއި ރައްކާތެރިކަން ހޯދުމަށް އެދިގެން އެކި ޒާތުގެ ވަހުތާންތައް ހަރުކޮށް ހަދައެވެ. އެއްޗެހި ލިޔެ، ގޭގެ ވަހުގައި އޮޅައި، ވަހުގައި އެލުވައި ހަދައެވެ. ދޮރުކަނީގައާއި ދޮރުގެ މަތީގައި ފާޑުފާޑުގެ އަކަތަކާއި ތަވީދުތައް ހިއްޕާ ހަދައެވެ. އަދި ވަރަށް ގިނަ ގެތަކުގައާއި ފިހާރަތަކާއި ގަރާޖުތަކުގައި މިހާރުވެސް އެފަދަ ތަކެތި ހަރުކޮށްފައިހުރިކަމީ ސަލާމަތްކަން ދެއްވާފައިވާ ލޯތަކުގެ އަހުލުން ދޮގުކުރާނެ ކަމެއްނޫނެވެ. ބައެއް ތަންތަނުގައި އާޔަތްތަކާއި ސޫރަތްތައްވެސް މިބީދައިން ހަރުކޮށްފައި ހުރެއެވެ. ދުވަހަކު އެޤުރުއާން އެތަނެއްގައި ނުކިޔެވިޔަސް، އެތަނުގައި ހިރަފުހާ ތަތްތެޅެން އެ މޫރިތި އާޔަތްތައް ހުރިކަމުގައިވިޔަސް އޭގެން ބަރަކާތާއި ރައްކާތެރިކަން ލިބޭނެކަމުގައި ދިވެހިން އަންނަނީ އިޢުތިޤާދުކުރަމުންނެވެ. ނަމަވެސް ދަންނަވާލަން ޖެހެނީ މިއީ ޝިރުކުގެ ޢަޤީދާއެއްކަމެވެ. އެހެނީ، އެތަކެތި އޭގެޒާތުގައި ރައްކާތެރިކަން ދޭކަމަށް ދެކެވޭތީއެވެ. އަދި އޭތި އެތަނެއްގައި އިންނަހާ ހިނދަކު އެއްވެސް ގެއްލުމެއްވެސް ނުފޯރާނެކަމާއި، ހުރިހާ ހެވަކާއި މޮޅެއް އެތަނަކަށް ވަންނާނެކަމަށް ދެކޭތީއެވެ. މިދެންނެވިފަދަ ހެވާއި ބަރަކާތާއި ރައްކާތެރިކޮށްދެއްވުމަކީ ހަމައެކަނި ﷲސުބުޙާނަހޫ ވަތަޢާލާއަށް ޚާއްޞަ ކަންކަމެވެ. އެހެންކަމުން އެބަރަކާތާއި، ރައްކާތެރިކަން ލިބޭނީ އެއިލާހުގެ ދީނުގައި އަންގަވާފައިވާ މަގުން އެކަން ކުރުމުންނެވެ. ޤުރުއާނުން ފައިދާ ލިބޭނީ އެކިޔަވައި އެއަށް ޢަމަލުކުރުމުންނެވެ. ޤުރުއާނުގައި އަތްވެސް ނުލައި ގޭގައި ބޭއްވުމަކުން ނުވަތަ، ޤުރުއާނުން ބައިބައި ނަގާ ގޭގެ ތަންތަނުގައި ތަތްކުރުމަކުން ވާނެކަމެއް ނެތެވެ.
ވިސްނަވާށެވެ. ތިބާގެ ގޭގައި ޤުރުއާނުގެ އެތައް މުޞްޙަފެއް ވަނިކޮށްވެސް ތިބާގެ ގެއަށް ޖިންނީން އެބަވަދެއެވެ. އަދި ގޭގައި އުޅޭ މީހުންގެ ހަށިގަނޑަށް ވަދެ މޮޔަވެސް ކުރެއެވެ. ކިތައްމެ ތަވީދެއް ހަށިގަނޑުގައި އޮތްނަމަވެސް މެއެވެ. ނަމަވެސް ﷲ ޛިކުރުކޮށް، ޤުރުއާން ކިޔަވާ ނަމާދުކޮށް، ﷲ އެންގެވިގޮތަށް ރައްކާތެރި ވެގެން އުޅޭ މީޙުންގެ ހަށިގަނޑުގައި އެއްވެސް ތަވީދެއް ނެތަސް އެބައިމީހުނަށް އެފަދަ ކަމެއް ދިމާވުން ވަރަށްވެސް ދުރެވެ. އަދި ދަންނަވަމެވެ. ގިނައިން ގެތަކުގައި ހަރުކޮށްފައި ހުރި މިބާވަތުގެ ތަކެއްޗަކީ، ސީދާ ސިހުރުގެ، އަދި ޝިރުކުގެ ތަކެއްޗެވެ. އެތަކެތީގައި ވަނީ މަލާއިކަތުންގެ ނަންތަކާއި ޚަލީފާއިންގެ ނަންތަކާއި، ހިސާބު އަކަތަކާއި، ޝައިޠާނުންގެ ނަންތަކެވެ. އެފަރާތްތަކުން ވާގިއެދިފައެވެ. ވީއިރު އެފަދަ ކޮންމެ އެއްޗަކާއި އެކު އެގެއަކަށް ޖިންނި ޝައިޠާނުންކުރެ ޝައިޠާނީ ޖިންނިއެއް ފާވާނެއެވެ. އޭގެން އިތުރުވާނީ ހަމަ ގެއްލުމެވެ. އެތަކެތި ވަދެގެންދަނީ ތަވީދުގެ ތެރެއަށެވެ. ވީއިރު މިފަދަ ތަކެތި ނަގާ ނައްތާލައްވާށެވެ. ޝިރުކުން ގެތައް ސާފުކުރާށެވެ. މައްކާ ފަތަޙަކުރެއްވި ދުވަހު ގެފުޅުގައި ހުރި އެތައް ސަތޭކަ ބުދެއް ރަސޫލު ޞައްލަﷲ އަލައިހި ވަސައްލަމަ ފުނޑުކުރައްވާ އެތަން ސާފުކުރެއްވި ފަދައިންނެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. (إِنَّ الرُّقَي وَالتَّمَائِمَ وَالتِّوَلَةَ شِرْكٌ)(سنن أبي داود و صححه الألباني) މާނައީ: “ޝިރުކުގެ ޢިބާރާތުން މެތުރުމާއި، ތަވީދުތަކާއި، ލޯބިޖައްސަން ހަދާއުޅޭ އިސްތިރި އަކީ ޝިރުކެވެ.” ވީމާ، މިފަދަ ތަކެތިން ބަރީޢަވުމަށް، އީމާންކަމުގެ އަހުލުންނަށް ދަލީލެއްގެ ގޮތުން މިވަރުންވެސް ފުދޭނެއެވެ. ރައްކާތެރިކަމާއި ބަރަކާތަށް ތަވީދުތައް ހަރުކޮށްފައި ހުރި ބައެއް ތަންތަނުން ނަގާފައިވާ ފޮޓޯތައް ތިރީގައި ހިމަނާލަމެވެ.

މިލިޔުން އަދި މިހާ ހިސާބުން ނިމުނީއެއް ނޫނެވެ. އަދިވެސް ކޮންމެހެން ބަޔާންކުރަން ހުރި ވާހަކަތައް ގިނަވެފައި ކިޔައިދޭން ބޭނުން ތަފްޞީލްތައް ގިނަގުނައެވެ. ގެއަކަށް ސިހުރު ޖެހުމުން ދެނެގަތުމާއި ފަރުވާކުރާނެ ގޮތް ހޯދުމަށް ތިޔަ އެންމެހާ ކިޔުންތެރިން ފެންބޮވައިގެންފައިވާކަން ޤަބޫލުކުރަމެވެ. ނަމަވެސް، އެކަން އެނގެންވާނީ އޭގެ ކުރިން އެނގެން ޖެހޭ ކަންކަން އެނގުމަށް ފަހުއެވެ. ނޫނީ ހެވަކަށްވުރެ ނުބައި ބޮޑުވެދާނެއެވެ. އަދި ފުރިހަމަ ޙައްލުވެސް ނުލިބިދާނެއެވެ. ވީމާ ފަރުވާތެރިކަމާއިއެކު މިލިޔުން ވިދާޅުވަމުން ގެންދަވާށެވެ.

(ނުނިމޭ)

މިމައުލޫގައި ހިއްސާކުރަން ހުރި ކަންކަމަކީ ވަރަށް ބޮޑު ދިރާސާއެއްގެ މައްޗަށް ބަޔާންކުރަން ހުރި، ވަރަށް ތަފްސީލް ވާހަކަތަކެއްކަމުން، ކިޔުންތެރިންނަށް އޮޅުން އެރިޔަ ނުދިނުމަށްޓަކައި މިލިޔުން ބައިބަޔަށް ބަހާލީއެވެ. 

ޙިޔާލުފާޅުކުރައްވާ

7 ކޮމެންޓު

  1. ދެން އޮތީ ސިހުރުވެރިން މިފަދަ ސިހުރު ހަދަނިކޮށް އަތުލައިގަތުމާއި މިފަދަ ސިހުރުތައް ހޯދާ ބާޠިލުކުރުމަށާއި ކޮބާ މިބަ

  2. އަލީ

    ތިބޭފުޅުން ތި ކުރައްވާ މަސައްކަތުގައި މާތްﷲ ބަރަކާތް ލައްވާށިއެވެ. އާމީން…..

    1. Alhamdulillahi alhamdulillahi alhamdulillahi alhamdulillahi alhamdulillahi alhamdulillahi

    1. މިލިޔުމުގެ 5 ބައި އެއްކޮށް ވިދާޅުވުމުން ތަފްސީލް ލިބިލައްވާނެއެވެ.