ގެއަށް ހަދާފައި ހުންނަ ސިހުރު ބާޠިލުކުރުމަށް ކުރެވިދާނެ ރުޤްޔާ (1 ވަނަ ބައި)

ޙަމްދުހުރީ ޢާލަމްތަކުގެ ވެރި ﷲ އަށެވެ. ޞަލަވާތާއި ސަލާމްލެއްވުން އެދި ދުޢާކުރަނީ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށެވެ.
ސިހުރުވެރިން ސިހުރު ހަދާ އެތައްގޮތެއް ވެއެވެ. އަދި ސިހުރު ހަދާ އެކި މަޤްޞަދުތައް ވެއެވެ. އެކި މަޤްޞަދު ޙާސިލްކުރުމަށް ސިހުރުވެރިން އެކި ވައްތަރުގެ ސިހުރު ހަދައެވެ. އަދި އެކި ތަންތަނަށް ސިހުރު ހަދައެވެ. މިގޮތުން އަހަރެމެން ދިރިއުޅޭ ގެތަކަށް ސިހުރުވެރިން ސިހުރު ހަދައެވެ. ގެއަށް ސިހުރު ހެދުމުގައި ސިހުރުވެރިންގެ އެކި މަޤްސަދު ވެއެވެ. އަދި އެކި ގޮތްގޮތަށް ސިހުރުވެރިން ގެއަށް ސިހުރު ހަދާ އުޅެއެވެ. އެހެންކަމުން ސިހުރުވެރި ދައްޖާލުންގެ ނުބައި ޢަމަލުތައް ފަޟީޙަތްކޮށް އެކަންކަމުން ސަލާމަތްވުމުގެ މަގު ފުޅާކޮށްދިނުމުގެ ގޮތުން އަޅުގަނޑަށް ލިބިފައިވާ މަދު ޢިލްމާއި، ކުރެވިފައިވާ ދިރާސާތަކާއި ތަޖުރިބާތަކުގެ މައްޗަށް ﷲގެ ވާގިފުޅާއި އެކު މިލިޔުން އެކުލަވާލާނަމެވެ. މިގޮތުން ފުރަތަމަވެސް ގެއަށް ހަދާއުޅޭ ސިހުރުގެ ޙަޤީޤަތްތަކަށް ބަލައިލާނަމެވެ. އަދި މިކަންކަމުން ގެރައްކާތެރިކުރުމާއި ފަރުވާކޮށް އެފަދަ ސިހުރުތައް ބާޠިލުކުރުމަށް ކުރާނެ ކަންކަމަށް ބަލައިލާނީ އޭގެ ފަހުގައެވެ. އެހެނި މިހަޤީޤަތްތައް އެނގުމުން ސިހުރުވެރިން އަތުލައިގަނެ ޝަރީޢަތުގެ ކުރިމައްޗަށް ގެންނަން ފަސޭހަވާނެތީއެވެ. އަދި އެފަދަ ސިހުރުތައް ހޯދާ ނައްތާލަން ފަސޭހަވާނީވެސް މިކަންކަން އެނގުމުން ކަމުގައިވާތީއެވެ.

ގެއަށް ސިހުރުވެރިން ސިހުރު ހަދާ ބޭނުންތައް:

1- ސިހުރުވެރިޔާ ސިހުރު ޖައްސަން ބޭނުންވާ މީހާ އުޅޭ ގެއަށް ސިހުރު ހެދުން: މިގޮތަށް ހަދަނީ އެމީހާ އުޅޭ ގޭގެ ދޮރުމަތި ފަދަ ތަނެއްގައި އެއްޗެއް ވަޅުލައިގެން ނުވަތަ ފެން އެޅުންފަދަކަމެއް ކޮށްގެނެވެ. ސިހުރުވެރިޔާގެ ބޭނުމަކީ އެމީހާ އޭގެ މައްޗަށް އެރުވުމެވެ. ނުވަތަ އޭގެ މަތިން ގިރާކުރުވުމެވެ. އަދި މިގޮތަށް އޭގެމައްޗަށް އެރުމުން ނުވަތަ ގިރާކުރުމުން، ﷲގެ އިޛުނަފުޅާއިއެކު ސިހުރު ޖެހުން ވާނަމަ ޝައިޠާނާ އެހިސާބުން އޭނާގެ ހަށިގަނޑަށް ވަދެގަނެއެވެ. ނުވަތަ އޭނާ ފަހަތުން ސިހުރުގެ މަޤުސަދު ހާސިލްކުރުމަށްޓަކައި އުޅެއެވެ.
2- ގެ ފަޅުކޮށްލުން: ސިހުރުވެރިން ގެތަކަށް ސިހުރު ހަދާ އަނެއް ބޭނުމަކީ، އެގެއެއް ފަޅުކޮށްލާ އެގޭގެ އަހުލުން އެގެއިން ބޭރުކޮށްލުމެވެ. ނުވަތަ އެގެއެއްގެ އެންމެން މަރާލައިގެން ނަމަވެސް ގެފަޅުކޮށްލުމެވެ.
3- ގޭގައި އުޅޭ އަހުލުންގެ ދިރިއުޅުން ހަލާކުކޮށްލުން: ސިހުރުވެރިޔާ ގޭގެއަށް ސިހުރު ހެދުމުގެ އަނެއް ބޭނުމަކީ، އެގެއެއްގައި ދިރިއުޅޭމީހުންގެ ދިރިއުޅުން ބަރުބާދުކުރުމެވެ. ދިރިއުޅުން ކޮޅުން ދުއްވާލުމެވެ. އެބައިމީހުން ހިތްހަމަޖެހިގެން އުޅުނަ ނުދިނުމަށްޓަކައެވެ. އަދި ގޭތެރޭގެ ސުލްހަ ނަގާލައި ހައިޖާނު ކުރުވުމަށްޓަކައެވެ.
4- ގެ އާބާދުވިޔަ ނުދިނުމާއި ޢިމާރާތް ހުއްޓުވުން: ވަރަށްގިނަފަހަރަށް، ގޭގައި ނުވަތަ ގޯތީގައި ހަދާ ޢިމާރާތްތައް ހުއްޓުވުމަށާއި އެޢިމާރާތުގައި ކުރާ ކަންކަން ކުރިޔަނުދިނުމަށްޓަކައި، އަދި އެތަނެއްގައި މީހުން އާބާދުވިޔަ ނުދިނުމަށްޓަކައި ސިހުރުވެރިން ސިހުރު ހަދާއުޅެއެވެ. މިސާލަކަށް ދަންނަވާނަމަ ތިމާގެ ގޯތީގައި ވިޔަފާރި ކުރަން ތަންކޮޅެއް ރާނާކަން އެނގުމުން އެކަމާ ހަސަދަވެރިވެ ސިހުރުވެރިޔާ އެތަން އިމާރަތްކުރަން ފެށުމާއި އެކުވެސް ސިހުރު ހަދަންފަށައެވެ. މަސައްކަތްތައް ހުއްޓުވާލައި އެތަން ޢިމާރާތްވިޔަ ނުދިނުމަށްޓަކައެވެ.
މިއީ ސިހުރުވެރިން ގެތަކަށް ސިހުރު ހަދާ މައިގަނޑު ސަބަބުތަކެވެ. މީގައި ދަންނަންވީ ކަމަކީ ސިހުރުވެރިން ކިތައްމެ ހަސަދައަކާއިއެކު ކިތައްމެ ސިހުރެއް ހެދިޔަސް ﷲ ސުބުޙާނަހޫ ވަތަޢާލާގެ އިޛުނަފުޅާއި ލައިގެން މެނުވީ އެއްވެސް ސިހުރެއް މީހަކަށްވެސް، އަދި ތަނަކަށްވެސް ނުޖެހޭނެކަމެވެ. މިހާ ހިސާބުން ގެތަކަށް ސިހުރުވެރިން ސިހުރުހަދާއުޅޭ ގޮތްތަކަށް ބަލައިލާނަމެވެ.

Close Ad XGet My Ruqya Android App On Google Play

ގެއަށް ސިހުރުހަދާ ބައެއް ގޮތް:

1- ގޭގައި އެއްޗެހި ވަޅުލުން: ގެއަށް ސިހުރުހެދުމުގައި ސިހުރުވެރިން ސިހުރު ރައްދުކުރަން ބޭނުންވާ މީހުން އުޅޭ ގޭގައި އެއްޗެހި ވަޅުލައެވެ. މިގޮތުން ގޭގައި ނުވަތަ ޢިމާރާތުގައި ސިހުރު ވަޅުލާ ޚާއަސަ މައިގަނޑު ތަންތަން ހުރެއެވެ. އެއީ:
1.1- ގޭ ދޮރުމަތި: ގޭ ދޮރުމަތީ ވަޅުލާ ސިހުރު ޢާއްމުކޮށް ވަޅުލާނީ، ގެއަށް ވަދެނިކުމެވާ ދޮރުގެ ވަންނައިރު ކަނާތްފަޅީގައެވެ. ނުވަތަ ދޮރުން ނިކުންނަ އިރު ފައި އެޅޭ ހިސާބުގައެވެ. އެއީ ކައިވަތެއް ނުވަތަ ފޫޓެއް ބޭރުގައެވެ. ދޮރުގެ ދެކަނިން ކުރެ ކޮންމެ ކަނެއްގައިވެސް ސިހުރު ވަޅުލަފާނެއެވެ. އަދި ދޮރުގެ ދެކަނި މެދުގައިވެސް ވަޅުލަފާނެއެވެ. އަދި ވަދެނިކުމެވާ މައިދޮރު ފިޔަވައި ގެއަށް ވަދެ ނުކުމެވޭ ގޮތަށް ހުންނަ އެހެން ދޮރުދޮރުމައަޗަށްވެސް މިގޮތަށް ސިހުރު ހަދާފާނެއެވެ.
1.2- ގޭގެ ވޮށް އަލިވާ ހިސާބު: މިއީވެސް ސިހުރުވެރިން ގެއަށް ސިހުރު ހެދުމުގައި ސިހުރު ހަދައި އުޅޭ ނުވަތަ އެއްޗެހި ވަޅުލާ އުޅޭ ތަނެކެވެ. ވޮށްއަލިވާ ހިސާބު މިމާނަކުރަނީ ގެ ދިއްލާފައި ހުންނައިރު އެއަލިކަން ފޯރާފައި ހުންނަ ހިސާބަށެވެ. މިގޮތުން އެއަލި އެންމެ ދުރަށް ފޮރާފައި ހުންނަ ހިސާބަށް ސިހުރު ހަދައެވެ.
1.3- ވަރުވާ ކަން: މިއީ ސިހުރުވެރިން ސިހުރު ހަދާ ވަޅުލާ ނުވަތަ އެހެންގޮތަކަށްވެސް ސިހުރު ހަދާ ވަރަށް މުހިއްމު ތަނެކެވެ. ވަރުވާ ކަނަކީ ގޭގެ، ނުވަތަ ޢިމާރާތުގެ ހުޅަނގު އުތުރު ބެދުނު ކަނެވެ. އެހެންގޮތަކަށް ދަންނަވާނަމަ ހުޅަނގު އުތުރަށް ވާގޮތަށް އިންނަ ކަނެވެ. ނުވަތަ އެއާއި އެންމެ ކައިރި ގޮތަކަށް ހުންނަ ކަނެވެ. މިގޮތުން ސިހުރުވެރިން މިކަނަށް ސިހުރު ހެދުމުން ފާވާ ޖިންނީން، ގޭގެ ފެހުނުކަނުގައި ވަޒަންވެރިވާކަމުގައި ސިހުރުތައް ބުނެއެވެ. ފެހުނު ކަނަކީ އިރު ދެކުނު ކަނެވެ. ނުވަތަ ވަރުވާކަނުގެ އިދިކޮޅަށްވާ ކަނެވެ.
1.4- ގޭގެ އެހެނިހެން ކަންތައް: ބައެއްފަހަރު ގޯތީގެ ނުވަތަ ގޭގެ ކޮންމެ ކަނެއްގައި ނުވަތަ ކޮނެމެވެސް އެއް ކަނެއްގައި ސިހުރު ވަޅުލުންފަދަ ކަމެއް ކޮށްފާނެއެވެ.
1.5- ޢިމާރާތްތަކުގެ ބިންގަލާއި ތަނބުތައް: އިމާރާތް ކުރަމުންދާ ދުވަސްވަރު ޢިމާރާތްތަކުގެ ބިންގާ ދަށަށް، ތަނބުތަކުގެ ދަށަށް ސިހުރު ލުމާއި، ބިންގާ މައްޗަށާއި ތަނބުތަކަށް ފެން އެޅުމާއި ފެން ވިއްސުމަކީވެސް ސިހުރުވެރިން ސިހުރުހަދާ ގޮތެކެވެ.
2. ގެއަށް ފެން ކިޔަވާ އެޅުން ނުވަތަ ފެން ވިއްސުން: ސިހުރު ހެދުމަށްޓަކައި ފެން ކިޔެވުމަށްފަހު ނުވަތަ ތަށި ލިޔުމަށްފަހު މަތީގައި ބަޔާންކުރެވުނު ތަންތަނުންކުރެ ކޮންމެވެސް ތަނަކަށް އެފެންއެތި އަޅާލައެވެ. ނުވަތަ ގޯތީގެ ނުވަތަ ގޭގެ ކޮންމެ ތަނަކަށްވެސް މިގޮތުން ފެން އަޅާފާނެއެވެ. ނުވަތަ ވިއްސަފާނެއެވެ. މިއީ ސިހުރުވެރިން ވަރަށް ގިނައިން ބެނުންކުރާ ވައްތަރެކެވެ. އެހެނީ ސިހުރު ވަޅުލައިފިނަމަ މިދައްޖާލުންގެ ސިހުރު ފެނި ފަސޭހައިން ނައްތާލަފާނެކަމަށްޓަކައި، ފެން އެޅުމުން ނުވަތަ ވިއްސުމުން މާއްދީ އެއްޗެއް ސިހުރުގެ ގޮތުގައި ނުފެންނާނެތީއެވެ. މިގޮތަށް ފެން އެޅުމުން ނުވަތަ ވިއްސުމުން، އެތަނެއްގައި ސިހުރުގެ އަސަރުތައް ޤަރާރުވެއެވެ. އަދި ޖިންނީން އެތަނަކަށް ފާވެއެވެ. އަދި އެފެން ޖެހޭ އެއްޗިހީގައި ނުވަތަ އެފެން ވާސިލްވާ ފުންމިނުގައި ސިހުރުގެ އަސަރުތައް ހުންނާނެއެވެ. އަދި މީގެ އިތުރުން އިމާރާތްކޮށް ހަދާއިރު ތަނުގެ ބިންގަލުގެ މައްޗަށާއި ތަނބުތަކަށް ފެން އެޅުމާއި ފެންވިއްސުންވެސް މިއީ މިދައްޖާލުން ކުރާކަމެކެވެ.
3. ގޭ ދޮރުކަނީގައި އަތްވިއްދައިގެން ކިޔެވުން: މިއީ ވަރަށް ގިނައިން ރާއްޖޭގައި ސިހުރުވެރިން ކުރާކަމެއްކަން ފާހަގަވެއެވެ. ދުވަހަކު އެގެއަކަށް ވަދެނުކުމެ ނޫޅުނުކަމުވައިވިޔަސް، ގޭ ދޮރުގެ ދެކަނީގައި އަތް ވިއްދާލައިގެން ސިހުރުވެރިން ތިބެއެވެ. މިގޮތަށް ހުންނައިރު ގިނަފަހަރަށް ދާނީ ހަދާ ސިހުރެއް ހަދައިގެންނެވެ. އަދި އަތް ވިއްދައިގެން ހުންނަ ވަގުތު މީހަކާ ވާހަކައެއް ނުދައްކާނެއެވެ. އެއީ ގޭތެރެއިން މީހަކު ވާހަކަ ދެއްކިކަމުގައި ވީނަމަވެސްމެއެވެ. އަނެއްބައިފަހަރު އެގޮތަށް އަތް ވިއްދައިގެން ހުރެ ކިޔަވާ، ބިންމަތީ ފައި ކާރުވާލަފާއި ނުވަތަ ފައިން ޖަހާލާފައިވެސް ގޮސްދާނެއެވެ.
4. ގޯތީގެ ނުވަތަ ގޭގެ އެކި ތަންތަނަށް ކިޔަވާފައި ފުމުން: ގޭ ވަރުވާކަނާއި ދިމާގައި ގެއިން ބޭރުގައި ނުވަތަ އެތެރޭގައި ހުރެގެންވިޔަސް ސިހުރުވެރިޔާ ކިޔަވެލިކިޔަވާ ފުމެއެވެ. އަދި މިގޮތަށް ދޮރުމައްޗާއި ގޭގެ އެހެން ހިސާބު ތަކަށްވެސް މިގޮތަށް ސިހުރުގެ ކިޔެވުންތައް ކިޔަވާ ފުމެއެވެ.
5. ގެއާއި ގޯތިތެރެއަށް ވެލި އުކުން: ގިރާ ތުނޑި، ގޮނޑުދޮށު ދެފަސްބެދޭ ހިސާބު، ގަބުރުސްތާނު ފަދަ ތަންތަނުން ވެލި ނަގައިގެން ސިހުރުވެރިން އެވެއްޔަށް ސިހުރުހަދާ އެވެލި ގޯތި ތެރެއަށް ނުވަތަ ގޭ ތެރެއަށް ނުވަތަ ކުރިން ބަޔާންކުރެވުނު ގޭގެ ކޮންމެވެސް ތަނަކަށް އެވެލި އަޅައެވެ. މިވެސް ސިހުރުވެރިން ވަރަށް ޢާއްމުކޮށް ގޭގެއަށް ސިހުރު ހަދާ ގޮތެކެވެ.
6. ފުރާޅުމައްޗަށް އެއްޗެހި އުކުން: ސިހުރުވެރިން ބައެއްފަހަރު، އޮއެނާށީގެ ދެނާށި، ސިހުރު ހެދުމަށްފަހު ދެނާށި ތަގުޅިކޮށް، ދެމަފިރިން ނިދާފައިތިބޭއިރު އެނދު ހުރަސްވާގޮތަށް ފުރާޅުމައްޗަށް އެދެނާށި އެއްލައެވެ. ފަހެ މިފަދަ ސިހުރު ބުނާގޮތުން، އެދެނާށި ފުރާޅުމައްޗަށް ވެއްޓި ވަކިވެއްޖެނަމަ، އެދެމަފިރިޔަކު އެދުވަހު އިރުއެރުމުން އެނދުން ތެދުވާނީ ވަރިވެގެނެވެ. މިގޮތަށް ބައެއްފަހަރު ސިހުރު ހެދުމަށްފަހު، އަހިވައް، ވެލި އަދި ފެންވެސް ފުރާޅަށް އުކާހަދައެވެ.
7. ގެ ވަށައިގެން ކިޔަވަމުން ނުވަތަ ސިހުރުހަދަމުން ހިނގުން: ސިހުރުގެ ކިޔެވެލިތައް ކިޔަވަމުން ގެވަށައި ސިހުރުވެރިން ހިނގައެވެ. އަދި ބައެއްފަހަރު ގޭ ފާރުގައި ބޮންތިފަންވަތަކުން ނުވަތަ އެހެންވެސް އެއްޗަކުން ތަޅަމުން ކިޔަވަމުން ހިނގައެވެ. މިފަދަ ހިނގުންތައް ހިނގަނީ އާއްމުކޮށް ފަތިސްފަހުން ސީދާ އިރު އަރާ ވަގުތު ނުވަތަ އިރުއެރުމާއި ކައިރިކޮށެވެ.
8. ގޭ ފާރުގައި ލިޔެ ކިޔެވުން: ސިހުރުވެރިން ސިހުރު ހަދަން ބޭނުންވާ ގޭގެ ފާރުގައި އަލިފުބާގެ ކޮންމެވެސް އަކުރެއް ނޫނީ ސިހުރުގެ އަކައެއްނަމަވެސް ޖަހައެވެ. އަދި އެއަށްފަހު ގެއާ ދިމާއަށް އެނބުރި ހުރެ، ނޫނީ ޤިބުލައަށް އެނބުރި ހުރެ، ދެއަތް މައްޗަށްނަގައިގެން ކިޔެވެލިތަކެއް ކިޔަވައެވެ. ބައެއްފަހަރު ޤިބުލައަށް ފުރަގަސްދީގެން ހުރެ ނަމާދުކުރެއެވެ. މިކަންކުރަނީ ހަމަ އެގެއެއްގެ ކައިރީ ހުރެގެނެވެ. ބައެއް ފަހަރު ސީދާ ބަރަހަނާ ހާލުގައި ހުރެވެސް ސިހުރުވެރިން މިކަންކަން ކޮށްއުޅެއެވެ. މިކަން އެދައްޖާލުން އާއްމުކޮށް ކުރަނީ ދަންވަރުއެވެ.
މިއީ މައިގަނޑު ގޮތެއްގައި ސިހުރުވެރިން ގެއަކަށް ސިހުރުހަދާނަމަ ސިހުރު ހަދާ ގޮތްތަކެވެ. އަދި މިވަރުން ފުއްދާލާ ހިތެއްނެތެވެ. އެހެނީ މިކަމަކީ އިންތިހާއަށް ބޮޑުވެފައިވާ ކަމަކަށްވާތީ މިގޮތަށް ސިހުރު ހަދާ ސިހުރުވެރިން އަތުލައިގަންނަން އެނގޭނެ މިންވަރަށް ބަޔާންކުރުން މިހާރު ވަރަށްވެސް މުހިއްމު ކަމުގައި ފެންނާތީއެވެ. އެހެންކަމުން މިހާހިސާބުން ސިހުރުވެރިން ސިހުރު ހަދާއުޅޭ ވަގުތުތައް ބަޔާންކޮށްލާނަމެވެ.

ސިހުރުވެރިން ގެތަކަށް ސިހުރު ހަދާ ވަގުތުތަކާއި ދުވަސްތައް:

1- ހަނދުމަހުގެ ފަހުކޮޅު: ކުރިން ބަޔާންވެދިޔަ ފަދަ ސިހުރުތައް ސިހުރުވެރިން އާއްމުކޮށް ހަދާ އުޅޭނީ ހަނދުމަހުގެ 17 އިން ފެށިގެނެވެ. އެހެނީ ސިހުރުވެރި ޠާޣޫތުން މިކަމުގައި އިރުވަރުތައް ބަލައި، ހަނދުގެ ބަދަލުތަކަށް ނިކަންބޮޑަށް ބަރޯސާވެއެވެ. އެހެންކަމުން ގިނައިން މިދައްޖާލުން ސިހުރު ހަދާނީ 17 އިންފެށިގެން ހަނދުމަސް ނިމި، އަނެއް މަހުގެ 11 އާއި ހަމައަށެވެ. މިރޭތަކުގެ ތެރެއިންވެސް މިބައިމީހުން އިސްކަން ދޭނީ އަނދިރިކަން ގަދަ ކަޅުފޮއެ ރޭތަކަށެވެ. މިގޮތުންވެސް ފާހަގަކޮށްލަން މުހިއްމު ރޭތަކެއް ވެއެވެ. އެއީ، ހަނދުމަހުގެ 21، 23 ، 25، 27، 29 އެވެ. މިރޭތަކަކީ ގެއްލުމާއި ހަލާކަށް އަދި ޚާއްސަކޮށް ބޮޑަތި ސިހުރުތައް ހެދުމުގައި ސިހުރުވެރިންނަށް ވަރަށް ޚާއްސަ ރޭތަކެކެވެ. އެންމެ ޚާއްސަކޮށް އެމީހުން ސިހުރު ހަދަނީ ހަނދުމަހުގެ 23 އިން ފެށިގެން 30 އާއި ހަމައަށް އަންނަ ރޭތަކުގައެވެ.
2- ދަންވަރު ފިޔަވަޅު އޮބުމުން: ރަށުތެރެ ހަމަހިމޭންވެ، މީހުން ނިދާ ވަގުތަކީ ސިހުރުވެރި ދައްޖާލުންނަށް އަލިވިލޭ ވަގުތެކެވެ. މިވަގުތުގައި މިބައިމީހުން ޝައިޠާނާއަށް އަޅުކަންކޮށް ރޯބަރަހަނާކޮށްތިބެ ކަކޫތާފެނަށް ނުވަތަ ކަރުތާފެނަށް މޫދުއެރި ޝައިޠާނާއަށް ސަނާ ކިޔައި އަޅުކަންކޮށް ހަދައެވެ. އަދި މިބައިމީހުންގެ ސިހުރު ތަކަށް ބާރުދިނުން އެދި ޖިންނި ޝައިޠާނުންނަށް ގޮވާ އާދޭސްކުރެއެވެ. އަދި އެއާއިއެކު މިބައިމީހުންގެ ސިހުރުތައް ތަންތަނަށް އަމާޒުކުރުމަށް ނިކުމެއެވެ. މިގޮތަށް ފަތިސްވުމާއި ހަމައަށް މިބައިމީހުން އުޅޭނެއެވެ. އާއްމުކޮށް ތަންތަނުގައި އެއްޗެހި ވަޅުލައި، ފެންއަޅާ ހަދަނީ މިބައިމީހުން މިވަގުތުއެވެ.
3- އިރުއަރާ ވަގުތު: މިވަގުތަކީ ޖިންނި ޝައިޠާނުންނާއި އެކުވެ ސިހުރުވެރި ދައްޖާލުން އަޅުކަންކުރާވެސް ވަގުތެކެވެ. މިވަގުތު އެންމެ ގިނައިން މިބައިމީހުން އަޅުކަންކުރުމުގެ ގޮތުން އޮރިޔާމުން، ނުވަތަ އޮރިޔާމުން ނޫނަސް މޫދުއެރި އިރަށް ވައްތަރުޖައްސާ އަޖިދައަށް ކޮރުލައެވެ. ތަނަކަށް ސިހުރެއް ހަދަންވެފައި އޮތްނަމަ، ބައެއްކަހަލަ ސިހުރު ގޭގެއަށްގޮސް މިބައިމީހުން މިވަގުތު ހަދާއުޅެއެވެ. މިވަގުތު އެންމެ ގިނައިން ހަދާ އެއްސިހުރަކީ ކިޔަވާފައި ތަންތަނަށް ފުމުމާއި، ފާރުގައި އެއްޗެހިން ތަޅަމުން ކިޔެވުމެވެ. ބައެއް ފަހަރު ފެން އެޅުމާއި، ވެލި އުކުންފަދަ ކަންކަންވެސް މިވަގުތު ކުރެއެވެ.
4- އިރުއޮއްސޭ ވަގުތު: މިވަގުތަކީވެސް ޖިންނި ޝައިޠާނުންނާއި އެކުވެ ސިހުރުވެރި ދައްޖާލުން އަޅުކަންކުރާވެސް ވަގުތެކެވެ. މިވަގުތު އެންމެ ގިނައިން މިބައިމީހުން އަޅުކަންކުރުމުގެ ގޮތުން އޮރިޔާމުން، ނުވަތަ އޮރިޔާމުން ނޫނަސް މޫދުއެރި އިރަށް ވައްތަރުޖައްސާ އަޖިދައަށް ކޮރުލައެވެ. ތަނަކަށް ސިހުރެއް ހަދަންވެފައި އޮތްނަމަ، ބައެއްކަހަލަ ސިހުރު ގޭގެއަށްގޮސް މިބައިމީހުން މިވަގުތު ހަދާއުޅެއެވެ.

ކޮންމެއަކަސް މިއީ ސިހުރުވެރިން ސިހުރު ހަދާ އުޅޭ މައިގަނޑު ވަގުތުތަކެވެ. ލިޔުމުގެ މިހާހިސާބަށް އައި އިރު މުހިއްމު ކަންކަން މިވަނީ ހާމަކުރެވިފައެވެ. ދެން އޮތީ ސިހުރުވެރިން މިފަދަ ސިހުރު ހަދަނިކޮށް އަތުލައިގަތުމާއި މިފަދަ ސިހުރުތައް ހޯދާ ބާޠިލުކުރުމަށާއި މިފަދަ ކަންކަމުން ގެތައް ރައްކާތެރިކުރާނެ ގޮތެވެ.

(ނުނިމޭ)

މިމައުލޫގައި ހިއްސާކުރަން ހުރި ކަންކަމަކީ ވަރަށް ބޮޑު ދިރާސާއެއްގެ މައްޗަށް ބަޔާންކުރަން ހުރި، ވަރަށް ތަފްސީލް ވާހަކަތަކެއްކަމުން، ކިޔުންތެރިންނަށް އޮޅުން އެރިޔަ ނުދިނުމަށްޓަކައި މިލިޔުން ބައިބަޔަށް ބަހާލީއެވެ.

ޙިޔާލުފާޅުކުރައްވާ

5 ކޮމެންޓު

  1. munawwar

    ގެއަށް ހަދާފައި ހުންނަ ސިހުރު ބާޠިލުކުރުމަށް ކުރެވިދާނެ ރުޤްޔާ (2 ވަނަ ބައި)ނުކުންނަނީ ކޮންދުވަހަކުންތޯ…..ވަރައް ބޭނުން

  2. Ahmed

    މިކަމުގެ ފަރުވާ އަކީ ކޮބާތޯ؟

    1. ހުރހާ ބައިތަކެއް ކިޔުއްވުމުން މިކަމުގެ ފަރުވާ އެނގިލައްވާނެ. މިލިޔުމުގެ 5 ބައި އެކުލެވިފައި ވާނެއެވެ.

      1. ޙަސަން

        ކޮބާ 5ވަނަ ބައި އަދި ސިހުރުބާތިލު ކުރުމަށް ކުރެވިދާނެކަންތައްތައް