ޒަމާނުއްސުރެ ޖިންނިއޭ ބުނެފިނަމަ ދެން އެގަންނަ ބިރެކެވެ. ޖިންނިއޭ ބުނުމުން ބިރުން ފިތްކެނޑި އެއީ މާބާރުގަދަ އަދި ތިމާ ފުނޑުފުނޑުކޮށް ނައްތާލެވޭވަރު އެއްޗެއްކަމުގެ އިޙްސާސްވެ އެންމެހާ ބިރުވެރިކަން ސިފަވެގެންދެއެވެ. ނިދަން އުނދަގޫވެ ސިއްސަސިއްސައިގެން ގޮސް ހޭލެވި މުޅިމީހާ ލޮނުދާ ހިއްލުން ނުކެނޑެއެވެ. މިއީ މިދިވެހިރާއްޖޭގައިވެސް މިއަދާހަމައަށްވެސް އައިސްފާ ވާގޮތެވެ. އެހެންކަމުން އިންސާނުން ޖިންނީން ދެކެ ބިރު ގަންނަ ސަބަބާއި ، ބިރުގަތުމަކީ ކިހާވަރެއްގެ ކަމެއްކަމާއި ބިރުގަތުމުގެ ފަރުވާ ވަރަށްވެސް މުހިއްމެވެ. އެހެންކަމުން މިކަންކަމަށް ބަލައިލާނަމެވެ.

އިންސާނުން ޖިންނީންދެކެ ބިރުގަންނަ ސަބަބުތައް

Close Ad XGet My Ruqya Android App On Google Play

 

1. ތައުޙީދު ބަލިކަށިވުން: އިންސާނުން ޖިންނީންދެކެ ބިރުގަންނަ އެންމެ ފުރަތަމަ އަދި އެންމެ ޢާންމު ސަބަބެއްކަމުގައި ވެފައިވަނީ ޢަޤީދާ ބަލިކަށިވުމެވެ. ﷲ އެއްކައުވަންތަކުރުމުގެ މަޢުލޫމާތު (ތައުޙީދުގެ މަޢުލޫމާތު) ތަނެއްގައި މަދުވެ މީހުން ހޭލުންތެރި ނުވެއްޖެނަމަ، ނުވަތަ އެތަނަކީ ތައުޙީދުގެ މައްޗަށް އިތުބާރުކޮށް ބަރޯސާވެފައި ނެތް ތަނެއްނަމަ، އެތަނެއްގައި ފާސިޤުކަމާއި އުރެދުން އިތުރުވާނެއެވެ. ބިރުވެރި ޙަޤީޤަތެއްނެތް ފުލޯކު ވާހަކަތައް ޢާންމުވެ، ޝައިޠާނުންތައް ގަދަވެގަންނާނެއެވެ. ދޮގާއި މަކަރާއި އޮޅުވާލުންތަކުން ބިން ފަސާދަވެ، އަނިޔާވެރިކަމާއި ކެހިވެރިކަމުގެ ދުނިޔެއެއްގައި ޝައިޠާނުންތައް އެބައިމީހުން ހެއްލެނިކޮށް މަގުފުރައްދައިގެން ކުރިއަށްދާނެއެވެ. އެއިރުން ޖިންނި ޝައިޠާނުންނަކީ ޣައިބު ދަންނަ ބަޔަކުކަމުގައި މީހުންނަށް ޤަބޫލުކުރެވި، ﷲ ގެ ޒާތުފުޅަށް ޚާއްސަވެގެންވާ ކަންތައްތައް (ރައްކާތެރިކޮށްދިނުމާއި، ފައިދާތަކާއި އެހީތެރިކަން ލިބިގަތުމަށް އެދުން ) އޭގެ ކިބައިން ލިބޭކަމަށް ޤަބޫލުކުރެވެން ފަށައެވެ. ނަތީޖާއަކަށް ވަނީ މީސްތަކުގެ މެދުގައި ޖިންނިއާމެދު އިންތިހާ ދަރަޖައިގެ ބިރުވެރިކަން އުފެދި، މީހުންގެ ފިކުރުތައް މުޅިން އޮޅުން ބޮޅުންވެ ފަސާދަވެ މަގުފުރެދިގެން ދިއުމެވެ.

2. ބިރުވެރި ފުލޯކު ވާހަކަތައް ޢާންމުވުން: ބިރުވެރިވާހަކަތަކަށް ލޯބިކުރުމާއި ބިރުވެރި ވާހަކަ ކިޔައި އަޑުއެހުމަށް މީސްތަކުންވަނީ ހޭނިފައެވެ. މިފަދަ ވާހަކަތަށް ވަރަށް ފަސޭހައިން މީސްތަކުންގެ މެދުގައި މަޤުބޫލުކަން ހޯދައެވެ. އަންހެނުންނާއި ކުޑަކުދިންނާއި ހިތްތައް ބަލިކަށި މީހުންގެ މެދުގައި ބިރުވެރިކަން ފެތުރިގެންދާ އެންމެ ޢާންމު ސަބަބަކީ މިއެވެ. ޢާއްމުގެޮތެއްގައި ސުޙުރު ހަދާ އަންހެނުންނާއި ފިރިހެނުން ޝައިޠާނުންނާއި ބައިވެރިވެ މިފަދަ ވާހަކަތަށް ހަދައި ފެތުރުމުގައި ވަރަށް އަވަދިނެތިވެ ބޮޑުރޯލެއް އަދާކުރެއެވެ.

4. އަޅުކަމާއި ﷲ ހަނދުމަކުރުން މަދުވުން: ގިނަފަހަރަށް ޖިންނީންގެ ބަލިތަކާއި އުނދަގޫތައް ޖެހުމުގެ އެންމެ ބޮޑު ސަބަބެއްކަމުގައި ވެފައިވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ މާތްވި ފޮތް ކީރިތި ޤުރުއާނާއި ދުރުވެ، އެކިޔެވުން މަދުވެ، ﷲ ހަނދުމަކުރުމާއި ޛިކުރުތައް، ޚާއްޞަކޮށް ހެނދުނާއި ހަވީރުގެ ޛިކުރުތަކާއި ދުޢާތައް ކިޔުމާމެދު ފަރުވާކުޑަވުމެވެ. މިކަމަކީ މިދިވެހިރާއްޖޭގައި ވަރަށް ބޮޑުވެފައިވާ މައްސަލައެކެވެ.

ޖިންނީން ދެކެ ބިރުގަތުމަށް އޮތް ފަރުވާ

ތައުޙީދު:

       ތައުޙީދަކީ އަޅުކަމާއި ދީނުގެ އެންމެ މުހިއްމު އަސާސެވެ. އެއީ ﷲ ގެ މިންވަރުފުޅާ ލައިގެން މެނުވީ އެއްވެސް މީހަކަށް ގެއްލުމެއް، ނުވަތަ ފައިދާއެއް ވެސް ގެނެސް ނުގަނެވޭނެކަން އިންސާނާއަށް ބަޔާންކޮށްދީ، އޭނާގެ ހަަމަބުއްދި އޭނާއަށް ގެނެސްދޭ ވަޞީލަތެވެ. ގެއްލުމެއް ނުވަތަ ފައިދާ ލިިބިދިނުމުގެ ބާރު ލިބިވޮޑިގެންވަނީ ހަމައެކަނި ﷲ އަށް ކަން ތައުޙީދުގެ އަހުލުވެރިން ޤަބޫލުކުރާނެއެވެ. މާތް ﷲ ވަޙީކުރެއްވި ބަސްފުޅެއްގައިވެއެވެ.

قُل لَّا أَمْلِكُ لِنَفْسِي ضَرًّا وَلَا نَفْعًا إِلَّا مَا شَاءَ اللَّـهُ  (سورة يونس: 49 )

މާނައީ: [ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނުގެ އަމިއްލަ نفس އަށް ގެއްލުމެއް ދިނުމަކީވެސް، އަދި މަންފާއެއް ދިނުމަކީވެސް، ތިމަންކަލޭގެފާނުގެ ބާރުގެ ދަށުގައިވާ ކަމެއްނޫނެވެ. اللَّه އިރާދަކުރެއްވިކަމެއް މެނުވީއެވެ.]

އަދިވެސް ވަޙީކުރެއްވިއެވެ.

قُلْ أَتَعْبُدُونَ مِن دُونِ اللَّـهِ مَا لَا يَمْلِكُ لَكُمْ ضَرًّا وَلَا نَفْعًا  (سورة المائدة: 76 )

މާނައީ: [ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންނަށް ގެއްލުމެއް ދިނުންވިޔަސް، މަންފާއެއް ދިނުންވިޔަސް، މިލްކުވެގެންނުވާ ތަކެއްޗަށް، اللَّه ފިޔަވައި ތިޔަބައިމީހުން އަޅުކަންކުރަނީ ހެއްޔެވެ؟ ]

މިފަދަ އާޔަތްތަކާއިމެދު ވިސްނުން ވަރަށްވެސް މުހިއްމެވެ. މާތް ﷲ ވަޙީކުރެއްވިއެވެ.

قُلْ أَفَاتَّخَذْتُم مِّن دُونِهِ أَوْلِيَاءَ لَا يَمْلِكُونَ لِأَنفُسِهِمْ نَفْعًا وَلَا ضَرًّا (سورة الرعد: 16 )

މާނައީ: [ …. ކަލޭގެފާނު ވިދާޅުވާށެވެ! އެ ތަކެތީގެ އަމިއްލަ نفس ތަކަށް މަންފާއެއް، ނުވަތަ ގެއްލުމެއް ދިނުމުގެ ބާރު ލިބިގެންނުވާ ތަކެތި، އެކަލާނގެ ފިޔަވައި އެހީތެރިންކަމުގައި ތިޔަބައިމީހުން ހިފަނީހެއްޔެވެ؟ ]

އެއްވެސް ކަމެއްގަި މީހަކަށް ގެއްލުމެއް ދިނުމެއް ނުވަތަ ފައިދާއެއް ދިނުމަކީ އެއްވެސް މީހެެއްގެ ބާރުގެ ދަށުގައިވާ ކަމެއް ނޫނެވެ. އެއީ ހަމައެކަނި މަތިވެރި ﷲގެ ޙަޟުރަތުގައިވަ ބާރެކެވެ. މާތް ﷲ ވަޙީކުރެއްވިއެވެ.

قُلْ فَمَن يَمْلِكُ لَكُم مِّنَ اللَّـهِ شَيْئًا إِنْ أَرَادَ بِكُمْ ضَرًّا أَوْ أَرَادَ بِكُمْ نَفْعًا (سورة الفتح: 11 )

މާނައީ: [ …. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންނަށް ގެއްލުމަކަށް އިރާދަކުރައްވައިފިނަމަ، ނުވަތަ ތިޔަބައިމީހުންނަށް މަންފާއަކަށް އިރާދަކުރައްވައިފިނަމަ، اللَّه ގެ حضرة ން އެއްވެސްކަމެއް މިލްކުވެގެންވަނީ، ތިޔަބައިމީހުންކުރެ ފަހެ، ކާކަށްހެއްޔެވެ؟ ]

وَإِن يَمْسَسْكَ اللَّـهُ بِضُرٍّ فَلَا كَاشِفَ لَهُ إِلَّا هُوَ (سورة الأنعام: 17 )

މާނައީ: [އަދި اللَّه، ތިބާޔަށް ގެއްލުމެއް މެދުވެރިކުރައްވާނަމަ، އެކަލާނގެ މެނުވީ އެކަން ފިއްލަވާނެ އެހެންފަރާތެއް ނުވެއެވެ ]

وَمَا بِكُم مِّن نِّعْمَةٍ فَمِنَ اللَّـهِ ۖ ثُمَّ إِذَا مَسَّكُمُ الضُّرُّ فَإِلَيْهِ تَجْأَرُونَ  (سورة النحل:53 )

މާނައީ: [އަދި ތިޔަބައިމީހުންގެ ކިބައިގައިވާހާ نعمة އެއް ވަނީ، اللَّه ގެ حضرة ންނެވެ. ދެން ތިޔަބައިމީހުންނަށް ދަތިحال ޖެހިއްޖެނަމަ، ފަހެ، ތިޔަބައިމީހުން دعاء ކޮށް ދަންނަވަނީ، ހަމަ އެކަލާނގެ حضرة އަށެވެ. ]

إِن يُرِدْنِ الرَّحْمَـٰنُ بِضُرٍّ لَّا تُغْنِ عَنِّي شَفَاعَتُهُمْ شَيْئًا وَلَا يُنقِذُونِ (سورة يس:23 )

މާނައީ: […رحمن ވަންތަ ރަސްކަލާނގެ، ތިމަންނާއަށް ގެއްލުމަކަށް އިރާދަކުރައްވާނަމަ، އެތަކެތީގެ شفاعة ތެރިކަމުން ތިމަންނާއަށް އެއްވެސްކަމެއް ފުއްދައެއް ނުދެވޭނެތެވެ. ]

قُل لَّن يُصِيبَنَا إِلَّا مَا كَتَبَ اللَّـهُ لَنَا هُوَ مَوْلَانَا (سورة التوبة:51 )

މާނައީ: [ކަލޭގެފާނު ވިދާޅުވާށެވެ! اللَّه އަޅަމެންނަށް ލިޔުއްވާފައިވާކަމެއް މެނުވީ، އަޅަމެންނަކަށް ނުޖެހޭނެތެވެ. އެކަލާނގެއީ، އަޅަމެންގެ އެހީތެރިވަންތަ ރަސްކަލާނގެއެވެ. ]

وَلَا تَدْعُ مِن دُونِ اللَّـهِ مَا لَا يَنفَعُكَ وَلَا يَضُرُّكَ (سورة يونس:106 )

މާނައީ: [އަދި اللَّه ފިޔަވައި ކަލޭގެފާނަށް މަންފާއެއް ނުދެވޭ، އަދި ކަލޭގެފާނަށް ގެއްލުމެއްވެސް ނުދެވޭ ތަކެއްޗަށް، ކަލޭގެފާނު އަޅުކަން ނުކުރައްވާށެވެ! … ]

       މި މަތިވެރި ﷲގެ ބަސްފުޅުތައް ވަރަށްވެސް ޢިބްރަތްތެރިވެފައި ވަރަށްގިނަ ފިލާވަޅުތައް ލިބެއެވެ. ގެއްލުމާއި މަންފާ ދެއްވުން ޚާއްސަވެގެންވަނީ ﷲ ގެ ހަޟްރަތަށް ކަން ޤަބޫލުކޮށްފިމީހާގެ މިޢަޤީދާ ވާހުށީ އޭނާގެ ހިތުގައި އެންމެ ބޮޑަށް ހަރުލާފައިވާ ޢަޤީދާއަށެވެ. ނަތީޖާއެއްގެ ގޮތުން އޭނާ ވެގެންދާހުށީ ޖިންނިއަކަސް، އިންސިއަކަސް އަދި އެހެންވެސް އެއްޗަކަސް ﷲ ފިޔަވައި ހިތުގައިވެސް އަދި ނަފްސުގައިވެސް ބިރުވެރިކަމެއް ނުވާ މީހަކަށެވެ. އަދި ކީރިތި ޤުރުއާނުގެ އެތައް ތަނެއްގައި ހަމައެކަނި ﷲ އަށް ބިރުވެރިވުމަށް ވަނީ ގޮވާލައްވާފައެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ.

إِنَّمَا ذَٰلِكُمُ الشَّيْطَانُ يُخَوِّفُ أَوْلِيَاءَهُ فَلَا تَخَافُوهُمْ وَخَافُونِ إِن كُنتُم مُّؤْمِنِي  (سورة آل عمران: 175 )

މާނައީ: [ހަމަކަށަވަރުން، އެއީ، ހަމަ شيطان އާއެވެ. އެކަލޭގެ، އެކަލޭގެ އެކުވެރިން ދެކެ (ތިޔަބައިމީހުން) ބިރުގަންނަވަނީއެވެ. ފަހެ، ތިޔަބައިމީހުން އެއުރެންދެކެ ބިރުނުގަންނާށެވެ! އަދި، ތިޔަބައިމީހުން، مؤمن ން ކަމުގައިވާނަމަ، ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން ބިރުވެތިވާށެވެ!  ]

فَاللَّـهُ أَحَقُّ أَن تَخْشَوْهُ إِن كُنتُم مُّؤْمِنِينَ (سورة التوبة: 13 )

މާނައީ: [ …. ފަހެ، ތިޔަބައިމީހުން مؤمن ން ކަމުގައިވާނަމަ، ތިޔަބައިމީހުން ބިރުވެތިވުން حق ކަން ބޮޑީ، اللَّه އަށެވެ. ]

وَأَوْفُوا بِعَهْدِي أُوفِ بِعَهْدِكُمْ وَإِيَّايَ فَارْهَبُونِ (سورة البقرة: 40 )

މާނައީ: [….އަދި ތިމަންރަސްކަލާނގެ عهد ތިޔަބައިމީހުން ފުއްދާށެވެ! (އެބަހީ: توراة ގައި ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އަންގަވާފައިވާ އެންގެވުންތަކަށް ކިޔަމަންވެ، އެގޮތުގެމަތިން عمل ކުރާށެވެ!) އޭރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ عهد ފުއްދަވާހުށީމެވެ. (އެބަހީ: ކިޔަމަންގަތް އަޅުންނަށް ދެއްވާނެކަމަށް އަންގަވާފައިވާ ހެޔޮ ޖަޒާ ދެއްވާހުށީމެވެ.) އަދި ހަމައެކަނި ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން ބިރުވެތިވާށެވެ!  ]

إِنَّمَا هُوَ إِلَـٰهٌ وَاحِدٌ ۖ فَإِيَّايَ فَارْهَبُونِ (سورة النحل: 51 )

މާނައީ: […ހަމަކަށަވަރުން، އެކަލާނގެ ވާކަން ކަށަވަރީ، އެއްކައުވަންތަ ކަލާނގެ ކަމުގައެވެ. ފަހެ، ތިޔަބައިމީހުން ހަމައެކަނި، ތިމަންރަސްކަލާނގެއަށް ބިރުވެތިވާށެވެ!   ]

       ޙަޤީޤަތަކީ މިއީކަމުގައި ވާއިރު ޢިލްމުވެރިންނާއި ފިޤްޙުވެރިން ވިދާޅުވާގޮތުގައި ﷲ ފިޔަވައި އެހެން އެއްޗަކަށް، ނުވަތަ ފަރާތަކަށް ބިރުވެތިވުމަކީ ޤުރުއާނާއި ސުންނަތުން ސާބިތުވެފައިވާ ޝިރުކުގެ ޢަމަލެކެވެ. މުސްލިމު މީހާ ކޮންމެ ދުވަހަކު لاَإِلَهَ إِلاَّ اللهُ ކިޔައި ﷲ ނޫން ފަރާތެއް ނެތްކަމަށް އިޤުރާރުވަމުން ދާއިރު، ﷲ ޚަލްޤުކުރައްވާފައިވާ ތަކެއްޗަށް ބިރުގަތުމަކީ ކޮންކަހަލަ، ކިހާވަރެއްގެ ކަމެއްކަން އެނގެންވާނެއެވެ.

ތައުޙީދުގެ އަހުލުވެރިން ނުވަތަ ތައުޙީދު (ﷲ އެއްކައުވަންތަކުރުން) އެނގޭ މީހަކު ﷲ ފިޔަވައި އެހެން ތަކެއްޗަށް ބިރުވެތިނުވާނެއެވެ. ސަބަބަކީ ޝަހާދަތުގެ ފުރަތަމަ ކަލިމަ ކިޔާއިރު، އެފަރާތަކާމެދު ޔަޤީންކަން އޮތް ފަރާތެއް، ނުވަތަ އެފަރާތަކުން ރައްކާތެރިކަމަށް އެދެވޭނެ ފަރާތެއް، ނުވަތަ ދިފާޢުކުރައްވާ ފަރާތެއް، ނުވަތަ އަޅުވެތިވާންވީ ފަރާތެއް، ނުވަތަ އެފަރާތެއްގެ ޙިމާޔަތާއި ރައްކާތެރިކަން ލިބޭނެ ފަރާތެއް، ނުވަތަ އެފަރާތަކަށް އަޅުކަންކުރުން ޙައްޤު އެހެންފަރާތެއް ﷲ ފިޔަވައި ނެތްކަން އޭނާ ޤަބޫލުކުރާނެތީއެވެ. ބުނެވިދިޔަ ކަންތައްތައް އެކަލާނގެ ފިޔަވައި އެހެންފަރާތްތަކަށް ނިސްބަތްކުރުމަކީ އޭނާއަކީ ނަމާދުކޮށް، ރޯދަހިފާ މީހަކަށް ވިއަސް ޝިރުކުގެ ޢަމަލެއްކަމަށާއި، އެއީ ކީރިތި ޤުރުއާނާއި ސުންނަތުން ކަނޑައެޅިގެން މަނާކުރައްވާފައިވާ ކަމެއްކަން އެނގޭތީއެވެ.

       މީހާ އޭނާގެ ނަފްސު މާތް ﷲ އަށް ” ހުށަހަޅައި ” ހަމައެކަނި ﷲ އަށް ބިރުވެތިވެ، އެހެން އެއްޗެއްސަށް (އެ އެއްޗަކީ ޖިންނިއަކަށް ވިއަސް، އިންސިއަކަށް ވިއަސް، ނުވަތަ އެނޫން އެއްޗަކަށް ވިއަސް) ބިރުވެތިވުމުން އެއްކިބާވެއްޖައުމަށް ދާންދެން އޭނާއަކީ ތައުޙީދުގެ ފުރިހަމަ އަހުލުވެރިއަކަށް ނުވާނެއެވެ.

އެހެންކަމުން މިއީ އަޅާނުލާ ދޫކޮށްލެވޭވަރަށްވުރެ ކޮންމެ މުސްލިމަކުވެސް ފުންކޮށް ވިސްނަން ޖެހޭ ކަމެކެވެ. ތަޖުރިބާވެފައިވާ ގޮތުގައި ޖިންނީންދެކެ ބިރުގަންނަ ނަމަ، ނުވަތަ ޖިންނީން ކުރާ ކަންކަމަށް ބިރުގަންނަނަމަ ޖިންނިބަލި ޖެހިފައިވާ މީހާގެ ބަލި ރަނގަޅުކުރަން ވަރަށް އުނދަގޫވެ ތަފާތު ގިނަ މުޞީބާތްތަކާއި އެމީހަކާ ކުރިމަތި ކުރުވައެވެ. ސަބަބަކީ މީހާގެ ސިކުނޑި އެޙާލުގައި ވަނީ ﷲ އަށް ބިރުވެތިވުމާއި ހަނދުމަކުރުމުން ދުރުވެފައެވެ. އެހެން ކަމުން ޝައިޠާނާއަށް އެމީހެއްގެ މައްޗަށް ފުރިހަމައަށް ބާރުފޯރުވަން ފަސޭހަވެ ސިކުނޑިއަށް ބޭނުން ގޮތަކަށް ވަސްވާސްދީ ، ބިރުވެރިކަމުގައި އޭނާގެ ވަގުތުތައް ﷲ އަށް އަޅުކަން ކުރުމުން އެއްކިބާ ކުރުވާ ބޭކާރުކޮށްލައެވެ. އެހެން ވެއްޖެނަމަ އިންސާނާ މުޅިން މަގުފުރެދި އޭނާއަކީ ޝައިޠާނާއަށް އަޅުވެތިވެފައިވާ މީހަކަށް ވެގެންދެއެވެ. ﷲ އަޅުގަނޑުމެން އެންމެންނަކީވެސް ތައުޙީދުގެ ޢަޤީދާގައި ވަރުގަދަ އަދި ގިނަގިނައިން ﷲ ހަނދުމަކުރާ ބައެއްކަމުގައި ލައްވައި ޝައިޠާނުންގެ މަކަރުވެރިކަމުން ސަލާމަތްކުރައްވާށިއެވެ.

ޙިޔާލުފާޅުކުރައްވާ

6 ކޮމެންޓު

  1. ަްަަާަައަލީ ތޯހާ

    ަައާމީން

  2. shahud

    varah ves iburai theri heyo bas kolheh 🙂 MASHALLAH!

  3. ފަޒީން

    ވަރަށް ރަނގަޅު ލިޔުމެއް. އުންމީދުކުރަން މުސްތަޤްބަލުގައި މިފަދަ އިތުރު ލިޔުންތަކެއް ފެނިގެންދާނެކަމަށް!!!

  4. އިބްރާހީމް ރަޝީދު

    ދިވެހިން ހޭލުންތެރިކުރުމަށް ތިބާ ތިކުރާ މަސައްކަތުގައި މާތްﷲ ބަރަކާތް ލައްވާށި! -އާމީން-