ޑޮކްޓަރީ ގޮތުން ބަލާނަމަ، ލިބެންހުރި މަޢުލޫމާތުގެ އަލީގައި ދަންނަވާނަމަ، މައިމީހާއަށާއި ދަރިފުޅަށްވެސް އެންމެ ރަނގަޅު ގޮތަކީ ސިޒޭރިއަން ހެދުމަކާއި ނުލައި ވިހެއުމެވެ. އަދި އިތުރަށް ވިހާނަމަ، ދަރިން އުފެދުމުގައިވެސް އެންމެ ރަނގަޅީ ސިޒޭރިއަން ހެދުމަށްވުރެ ވިހެއުމެވެ. އެހެނީ ސިޒޭރިއަން ހެދުމަކީ، އޭގައި ބައެއް ގެއްލުން ކުރިމަތިވެދާނެ ކަމެކެވެ. ވަކިވަރަކަށް ވުރެގިނައިން ސިޒޭރިއަން ހަދަން ޖެހިއްޖެނަމަ ނުރައްކާ ބޮޑުވެއެވެ. އަދި މަދުން ނަމަވެސް، ސިޒޭރިއަން ހަދައިގެން އުފަންކުރާ ކުދިންގެ ނޭވާލުމުގެ މައްސަލަތައް ދިމާވާ ކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ. ސިޒޭރިއަން ހެދުމުން ދުވަސްތަކެއް ވަންދެން ތަދު ނުފިލާ ހުންނަކަމުގައިވެސް ޑޮކްޓަރުން ހާމަކުރެއެވެ. ޢާއްމުގޮތެއްގައި ސިޒޭރިއަންއަށްފަހު އިންފެކްޝަން އުފެދޭކަމުގައިވެސް ޑޮކްޓަރުން ބަޔާންކުރައްވާފައިވެއެވެ. މިނޫންވެސް އިތުރު ގެއްލުންތައް ސިޒޭރިއަން ހެދުމުގައި ހުރެއެވެ.
ނަމަވެސް، މާބަނޑުމީހާ، ނުވަތަ ދަރިފުޅަށް، ބޮޑު ގެއްލުމެއް ވެފައިވާނަމަ، ނުވަތަ ބައެއް ޙާލަތުގައި މިއިން ކޮންމެ އެކެއްގެ ފުރާނަ ސަލާމަތްވާން އޮތީ ސިޒޭރިއަން ހަދައިގެން ކަމުގައިވާނަމަ، އެންމެ ރަނގަޅުގޮތަކީ، ވިއްސަން މަސައްކަތްކުރުމުގެ ބަދަލުގައި ސިޒޭރިއަން ހެދުން ކަމުގައި ޑޮކްޓަރީ މަޢުލޫމާތުތައް ބުނެއެވެ. ކޮންމެއަކަސް، ތިމާއަށް އެންމެ ރަނގަޅީ ސިޒޭރިއަން ހެދުންތޯ، ނުވަތަ ވެހެއުންތޯ، މިއީ މިޒަމާނުގައި ޑޮކްޓަރީ ގޮތުން ބެލެން ހުރި ކަންކަމެވެ. އެހެންކަމުން، މާބަނޑުވީއްސުރެ ވިހާ ގަދަވަންދެން ޑަކްޓަރުގެ ލަފާހޯދުމަކީ މިހާރު ކޮންމެހެން ކުރަމުން އަންނަކަމެކެވެ.
މިހާރަކަށް އައިސް، ކޮންމެހެން ސިޒޭރިއަން ހަދަން މަޖުބޫރު ޙާލަތެއް ނައިކަމުގައިވިޔަސް، ޑޮކްޓަރީ އިންޖެކްޝަންތަކާއި ފަރުވާތަކާއި އެކުވެސް، ވޭންވަރު އެޅުމާއި ވިހެއުން ލަސްވެއްޖެނަމަ، ވަރަށް އަވަހަށް ސިޒޭރިއަން ހަދާކަމުގައި މަޢުލޫމާތު ލިބެއެވެ. މިފަދަ ގިނަ ޙާލަތްތަކަކީ، ސިޒޭރިއަންއާއި ނުލައި، މާބަނޑުމީހާ ވިހާފާނެކަމަށްވެސް ބެލެވޭ ހާލަތްތަކެވެ. ކޮންމެއަކަސް މިފަދަ ޙާލަތުގައި، ސިޒޭރިއަން ހެދުމުގެ ކުރިން، ޤުރުއާނުން ފަރުވާ ލިބިގަނެވިދާނެއެވެ. އެހެނީ، ފަންޏާއި ބިސް މެދުވެރިކުރައްވައި، ބަނޑުގައި ދަރިފުޅު ޚަލްޤުކުރައްވާ، ފުރާނަ އަޅުއްވާ، ދުނިޔެއަށް ނޭވާ ލައްވާ ފަރާތަކީ ހަމައެކަނި ﷲ ސުބުޙާނަހޫ ވަތަޢާލާއެވެ. އަދި ކީރިތި ޤުރުއާނަކީ، އޭގައި ރަޙްމަތާއި ޝިފާއިން ފުރިގެންވާ މާތް ﷲގެ މުޢުޖިޒާތެކެވެ. އަދި އެއިން ފަރުވާ ކުރުމަށް އަހަރެމެންނަށް ވަނީ އަންގަވާފައެވެ. الحاكم [المستدرك] (4، 403) ގައި އަދި ابن ماجه [السنن] (2، 1142) ގައި ابن مسعود رضي الله عنهގެ އަރިހުން ރިވާކުރައްވާފައިވެއެވެ. ހަމަކަށަވަރުން النبي صلى الله عليه وسلم ހަދީޘްކުރައްވާފައި ވެއެވެ. {عَلَيْكُمْ بِالشِّفَاءَيْنِ : العَسْلَ وَالقُرْآنِ} މާނައަކީ: “ތިޔަބައިމީހުން ދެޝިފާގައި ހިފާށެވެ. އެއީ: މާމުޔާއި ޤުރުއާނެވެ.” އަދި علي رضي الله عنهގެ އަރިހުން ابن ماجه އެބޭފުޅާގެ سنن ގެ الطب (3533) ގައި ރިވާކުރައްވާފައިވެއެވެ. النبي صلى الله عليه وسلم ހަދީޘްކުރައްވާފައި ވެއެވެ. (( خَيْرُ الدَّوَاءِ الْقُرْآن )) މާނައީ: “އެންމެ ހެޔޮވެގެންވާ ބޭހަކީ ޤުރުއާނެވެ.”
ކަންމިހެން އޮތްއިރު، ކޮންމެ ޙާލަތެއްގައިވެސް އަހަރެމެން އެދި ދަންނަވަން ޖެހެނީ މާތް ﷲ އަށެވެ. ވިހަން ދަތިވާ މީހުނަށް ޤުރުއާނުން ފަރުވާ ކުރެއްވިކަން ސަލަފުއްޞާލިޙުންގެ ޖަމާޢަތެއްގެ ކިބައިން ކިބައިންވަނީ ސާބިތުވެފައެވެ. މިކަމާއި މެދު އައިސްފައިވާ ފަތުވާއެއް ނަޤުލުކޮށްލާނަމެވެ.
ابن عباس رضي الله عنه ގެ އަރިހުން ابن السني ރިވާކުރައްވާފައިވެއެވެ. އިބްނު ޢައްބާސް ވިދާޅުވިއެވެ. “ވިހަން އުނދަގޫވެއްޖެނަމަ ސާފު ތައްޓެއްގައި (ۚ كَأَنَّهُمْ يَوْمَ يَرَوْنَ مَا يُوعَدُونَ لَمْ يَلْبَثُوا إِلَّا سَاعَةً مِّن نَّهَارٍ ۚ بَلَاغٌ ۚ فَهَلْ يُهْلَكُ إِلَّا الْقَوْمُ الْفَاسِقُونَ ﴿٣٥﴾( الأحقاف: ٣٥ ވަނަ އާޔަތާއި އަދި (كَأَنَّهُمْ يَوْمَ يَرَوْنَهَا لَمْ يَلْبَثُوا إِلَّا عَشِيَّةً أَوْ ضُحَاهَا ﴿٤٦﴾) النازعات: ٤٦ އަދި (لَقَدْ كَانَ فِي قَصَصِهِمْ عِبْرَةٌ لِّأُولِي الْأَلْبَابِ ۗ مَا كَانَ حَدِيثًا يُفْتَرَىٰ وَلَـٰكِن تَصْدِيقَ الَّذِي بَيْنَ يَدَيْهِ وَتَفْصِيلَ كُلِّ شَيْءٍ وَهُدًى وَرَحْمَةً لِّقَوْمٍ يُؤْمِنُونَ ﴿١١١﴾( يوسف: ١١١ ލިޔެ، ފެނުން ދޮވެ، އެފެން މާބަނޑު އަނހެނާއަށް ބޯންދީ، އޭނާގެ ބަނޑާއި މޫނަށް ވިއްސާލާށެވެ.”
ހަމައެފަދައިން ابن القيم زاد المعاد (ج3، ص381) ގައި ވިދާޅުވެފައިވެއެވެ. “الخلال ވިދާޅުވިއެވެ. عبد الله بن أحمد ތިމަންނާއަށް ވިދާޅުވިއެވެ. އަންހެނަކު ވިހަން ދަތިވެގެން ތިމަންނާގެ ބައްޕަ (އިމާމް އަހުމަދު) ގެ ގާތަށް އައުމުން ހުދު ބިއްލޫރި ތައްޓެއްގައި ނުވަތަ ސާފު އެއްޗެއްގައި ابن عباس رضي الله عنهގެ އަރިހުން ރިވާވެގެން ވާ ދުއާ: ((لا إله إلا اللهُ الحَلِيْمُ الْكَرِيمُ، سُبْحَان اللهِ رَبِّ الْعَرْشِ الْعَظِيم)) ލިޔުއްވައި އަދި سورة الفاتحة ގެ ދެވަނަ އާޔަތް {الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ} އާއި سورة الأحقاف ގެ 35 {كَأَنَّهُمْ يَوْمَ يَرَوْنَ مَا يُوعَدُونَ لَمْ يَلْبَثُوا إِلَّا سَاعَةً مِنْ نَهَارٍ بَلَاغٌ} އާޔަތާއި سورة النازعات ގެ 46 { كَأَنَّهُمْ يَوْمَ يَرَوْنَهَا لَمْ يَلْبَثُوا إِلَّا عَشِيَّةً أَوْ ضُحَاهَا } އާޔަތް ލިޔުއްވިތަން ދެކުނީމެވެ.
އަދިވެސް الخلال ވިދާޅުވިއެވެ. أبو بكر المروذي ވިދާޅުވިއެވެ. ހަމަކަށަވަރުން أبو عبد الله (އިމާމް އަހުމަދް) ގެ ގާތައް މީހަކު އައިސް ދެންނެވިއެވެ. އޭ އަބޫ ޢަބްދު ﷲ އެވެ. ދެދުވަސް ވަންދެއް ނުވިހި ބަނޑުގައި ރިއްސާ އަންހެނަކަށް ދޭނެ އެއްޗެއް ލިޔެދެއްވިދާނެ ތޯއެވެ؟ ވިދާޅުވިއެވެ. ފަތާތައްޓަކާއި ޒައުފަރާން (ކުކުން) ކޮޅެއް ގެންނާށެވެ. މިގޮތަށް އެތައް މީހަކަށް ލިޔުއްވައިދެއްވިތަން ތިމަންނާ ދެކުނީމެވެ.”
އަދިވެސް ابن القيم ވިދާޅުވެފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. “ވިހަން ދަތިވެގެން އުޅޭ މީހާއަށް ޤުރުއާނުގެ އާޔަތް ލިޔެ، ބޯންދެވޭނެކަމުގައި ސަލަފުންގެ ޖަމާއަތެއްގެ އަރިހުން ރިވާވެގެން ވެއެވެ.” مجاهد ވިދާޅުވިކަމުގައި ވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. “ބަލިމީހާއަށް ޤުރުއާން ލިޔެ، ދޮވެފައި އެފެން ބޯންދިނުމަކީ މައްސަލައެއް ނޫނެވެ. އަދި ހަމަމިފަދައިން أبو قلابة ގެ އަރިހުންވެސް މިފަދައިން ރިވާވެގެންވެއެވެ.”
– فتاوى اللجنة الدائمة للبحوث العلمية والإفتاء –
ފަތުވާ ދެއްވި ބޭފުޅުންނަކީ: ފަތުވާ ކޮމެޓީގެ ނައިބު ރައީސް فضيلة الشيخ عبد الرزاق عفيفي އާއި އިތުރު ދެ މެމްބަރުން فضيلة الشيخ عبد الله بن سليمان بن منيع އަދި މެމްބަރް: فضيلة الشيخ عبد الله بن عبد الرحمن الغديان އެވެ.

އެހެންކަމުން، ސިޒޭރިއަން ހެދުން ކޮންމެހެން މަޖުބޫރު ނުވާނަމަ، ވިހެއުން ލަސްވެ، ނުވަތަ ވިހަން އުނދަގޫވެއްޖެނަމަ، މިގޮތަށް ރުޤްޔާކޮށްލުން ވަރަށްވެސް މަންފާ ބޮޑެވެ. އަދި މިގޮތަށް ތަޖުރިބާކުރި އެތައް ބަޔަކަށް ވަނީ ސިޒޭރިއަން ހަދަން ނުޖެހި ސަލާމަތްވެފައެވެ. އެހެންކަމުން މިފަރުވާ އިސްވެދިޔަ ފަތުވާއަށް ރިޢާޔަތްކޮށް ޖަމްޢުކޮށް ބަޔާންކޮށްދޭނަމެވެ. މާތް ﷲ ގެ އިރާދަފުޅާއިއެކު މިކަމުގެ މަންފާ އެންމެހާ ފަރާތްތަކަށް ލިބުން އެދި ދުޢާކުރަމެވެ.

Close Ad XGet My Ruqya Android App On Google Play

ހުދު (މުށި) ތައްޓެއްގައި، ނުވަތަ ބިއްލޫރި ސާފު ތައްޓެއްގައި، (ހަޑިކަމެއް ނެތް، އެދެވިގެންވަނީ މަންޒަރުތައް ނުކުރަހާ ހުންނަ ތައްޓެވެ) އަންނަނިވި ރުޤްޔާ ލިޔާށެވެ. ލިޔާނީ ކުކުން، ނުވަތަ މާމުއި ފަދަ އެއްޗަކުންނެވެ. ކުކުމުން ލިޔާނަމަ، ކުޑަ ފެންފޮދެއްގެ ތެރެއަށް ކުކުމް (ސެފްރޯން / ޒުޢުފުރާން) ކޮޅެއް އަޅައި އެފެނަށް ކުކުމުގެ އަސަރު ގަދަޔަށް ކޮށް ކުލަ ހިފަންދެން ބަހައްޓާލާށެވެ. އެއަށްފަހު، ސާފު އިލޮށިކޮޅެއް ފަދަ އެއްޗެއް އޭގައި ޖެއްސުމަށްފަހު އޭގެން ތަށީގައި ލިޔާނީއެވެ. މާމުއިން ލިޔާނަމަ ފެނާ އެއްނުކޮށް ލިޔާށެވެ. ލިޔާއިރު، ސިޙުރުވެރިން ފަދައިން، އަކުރުތައް ވަކިކޮށްފައި ނުލިޔާށެވެ. އެހެނީ ތަށިލިޔުން ހުއްދަވާނީ، އަކުރުވަކިނުކޮށް، ޤުރުއާން ލިޔާނަމަ، ސީދާ ހުންނަގޮތަށް ލިޔުމެވެ. އަދި ދުޢާއެއް ލިޔުނަސް އަކުރު ވަކިކޮށްގެން ނުވާނެއެވެ. ފިލި ނުޖަހައި ލިޔުމަކީ މައްސަލައެއް ނޫނެވެ. އެހެނީ ޢަރަބި ބަހަކީ ލިޔުމުގައި ފިލި އެކުލެވޭ ބަހެއް ނޫނެވެ. ދެން ތަށީގައި ލިޔެ ނިމުމުން، ތަށްޓައް ފެންފޮދެއް އަޅައި، ލިޔުނު ލިޔުންތައް ރީއްޗަށް ގިރުވާލާނީއެވެ. އެއަށްފަހު، ފެންބޯން ބޭނުންކުރާ ފަދަ ތައްޓަކަށް އެފެންފޮދު އަޅާލެވިދާނެއެވެ. އެއަށްފަހު ތަށީގައި ލިޔުނު ރުޤްޔާ ކިޔަވާ އެއަށް ފުމެލުމަކީ މޮޅުއިތުރު ގޮތެކެވެ. އެހެނީ ލިޔުމުގެ އިތުރަށް ކިޔަވައި ފުމެލުމުން އޭގެ އަސަރުގަދަވާނެތީއެވެ. ދެން އެއަށްފަހު، ވިހަންވެފައި އޮތް، މާބަނޑުމީހާއަށް އޭގެން ފެންފޮދެއް ބޯންދިނުމަށްފަހު މޫނަށާއި ބަނޑަށް އެފެން ވިއްސާލާށެވެ. މާތްﷲގެ ރަޙްމަތާއިއެކު ވިހަން ފަސޭހަވެ ވިހާފާނެއެވެ. މިއީ ވަރަށް ގިނަފަހަރު ތަޖްރިބާކުރެވިފައިވާ ރުޤްޔާއެކެވެ.

ރުޤްޔާ ތިރީގައިވާ ޕީ.ޑީ.އެފް ފައިލްގައި.

ޑައުންލޯޑްކުރައްވާ (PDF, 345KB)

right click and (save link as…) to download  this file

އާރޓިކަލް ގެ ޕީ.ޑީ.އެފް (ޕްރިންޓްކޮށް ބެހުމަށް)

ޑައުންލޯޑްކުރައްވާ (PDF, 574KB)

right click and (save link as…) to download this file

ޙިޔާލުފާޅުކުރައްވާ

3 ކޮމެންޓު

  1. Maree

    HAMA EKANI FENNAH KIYAVAAFA BUIMUn ?MIKAMUGE ASARU KURAANETHO

    1. އެދެވިގެންވަނީ ދެވިފައިވާ އިރުޝާދާއި އެއްގޮތަށް ޢަމަލުކުރުމެވެ. ވިހަން ވެފައިވާ މީހާއަށް ފެން ގިނައިން ބޯންދިނުމަކީ އެކަމުން ގެއްލުމެއް ވެދާނެ ކަމެކެވެ. އެހެންކަމުން ފެން ބޯންދިނުމުގެ މިންގަނޑާއިމެދު ޑޮކްޓަރާއި ސުވާލުކުރެއްވުމަށްފަހު މެނުވީ ހަމައެކަނި ފެން ބޯންދީގެން ފުއްދައިލުން ބުއްދިވެރިއެއްނޫނެވެ.